އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓު ގުނަނީ: މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ނަގާ ވޯޓު އޮންނާނީ އަންނަ ހޮނިހިރުދުވަހު (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

މި އިސްލާހަށް ރައްޔިތުން ބުނަން ޖެހޭނީ ސީދާ 'ނޫނެކޭ'

ރޭ އަޅުގަނޑަށް ގުޅި ޒުވާން އަންހެން ކުއްޖާ އެދުނީ ހިޔާލު ހޯދުމުގެ ވޯޓާ މެދު އަޅުގަނޑުގެ ވިސްނުން ކިޔައިދޭން. އެ ވިސްނުމާ އެކު އޭނާއަށް ބުނެދިނީ މުޅި އިސްލާހު ގެނައި ގޮތާއި އޭގެ ފޮރުވިފައި ހުރި މަގުސަދުތައް
2 އޭޕްރީލު 2026
20

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓަށް އާންމުން ހޭލުންތެރިއެއް ނޫނެވެ.

ސަރުކާރެވެ! އިލެކްޝަންސް ކޮމިޝަނެވެ! ރައްޔިތުންގެ މަޖިލިހެވެ! މިހެން ގޮސް އަޅުގަނޑު އެހެން ބޭފުޅަކަށް ވެސް އެބަ ގޮވާލަމެވެ: އޭ، ބަންޑާރަނައިބު އަހުމަދު އުޝާމެވެ!

ގިނަ ދިވެހިން އެ ތިބީ ވާނުވާގަ އެވެ. އޭގެ މާނައަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި ޕީއެންސީ އާއި އެ ގޮފިތަކާ ގުޅިފައި އޮތް އިލެކްޝަންސް ކޮމިޝަނާއި، މުޅި ދައުލަތުގެ ހައްގުގައި ވަކާލާތުކުރެއްވުމުގެ ޒިންމާއާ ހަވާލުވެ ހުންނެވި ބަންޑާރަނައިބުއަށް ހަމަ ވަރިހަމަ އެވެ. އެ ވަރިހަމައިގެ ފަހަތުގައި އެ އޮތީ، އަޅުގަނޑު އިއްޔެ ވެސް ބުނި ގޮތަށް، ނުބައިވެގެންވާ މަގުސަދުތަކަކާއި އަމިއްލަ އެދުމުގެ މަސްހުނިގަނޑެކެވެ.

ރޭ އަޅުގަނޑަށް ފޯނުކުރީ ޒުވާން އަންހެނެކެވެ. އަޅުގަނޑުގެ ފޭސްބުކް ޕޯސްޓްގައި އިއްޔެ ލިއުނު ލިއުމަކާ ގުޅިގެންނެވެ. އޭނާ ބުނީ 'މޫސާއޭ، އަސްލު މި ވޯޓުގައި ވާނުވާއެއް އަހަންނަކަށް ނޭނގެއޭ، މޫސަ ކިޔައިދީ ބަލާށޭ،" އެވެ.

ކައުންސިލް އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓް ލިޔަސް އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް ނެތެވެ. އެ ކެމްޕޭނުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. އެކަމަކު ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ކުއްލިއަކަށް ގެނައި އިސްލާހާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބައްޓަންކޮށްފައި އޮތް އޮތުމަށް ބަލާއިރު އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިގެން ނުވާނެތީ، އެ ވޯޓަށް އަޅުގަނޑުގެ ނިންމުމެއް އެބަ އޮތެވެ: ދިވެހި ރައްޔިތުން އެއަށް 'ނޫނެކޭ' ބުނުމެވެ. ވޯޓުގައި 'ނޫނެކޭ' އޮތް ދިމާލުގައި ހިމެނޭ ގޮޅީގައި ހެޔޮ ފާހަގައެއް ޖަހާލަދޭށެވެ.

ކެމްޕޭން އިވެއްޓެއްގެ ގޮތުން މިި ފަހުން ހުޅުމާލޭގައި ބޭއްވި 13 ބުރީގެ ޕާކިން ބިލްޑިންގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ދައުލަތުގެ ހުރިހާ ކުންފުންޏެއް ބައިވެރިވޭ (ފޮޓޯ/ރައީސް އޮފީސް)

ތައުލީމީ، ވިސްނުންތެރި، އިޖުތިމާއީ ހަރަކާތްތަކުގައި ވެސް އެހާމެ ބޮޑަށް ބައިވެރިވެގެން އުޅޭ އެ ޒުވާން އަންހެނާއަށް އަޅުގަނޑުގެ ވިސްނުން ކިޔައިދިނީމެވެ. އޭނާއަށް ފުރަތަމަ ވެސް ދިން ޖަވާބަކީ، ސަރުކާރުގެ މަގުސަދަކީ ވެސް ވީހާ ވެސް ގިނަ ބަޔަކަށް އެ ވޯޓުގެ ހަގީގަތް ނޭނގި، ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ގޮނޑިކޮއްކޮތައް (ބަންޑާރަނައިބު އުޝާމް ވެސް ހިމެނޭ ގޮތަށް) ބުނާ ބަސް ގަބޫލުކޮށް އަވަހަށް އޭގައި 'އާނއެކޭ' ޖަހާލުމެވެ.

އެ މަގުސަދު އޮތިއްޔާ ހިޔާލު ހޯދުމުގެ މި ވޯޓުގެ ހަގީގަތް އެނގޭ ދިވެހިން މަދުވާނެތާ އެވެ. ވީހާވެސް ގިނަ ދިވެހިން ބައިވެރިކޮށްގެން ނަގާ ވޯޓަކަށް ނުހަދައި، ވީހާވެސް މަދު ބަޔަކު ނެރެ، ސަރުކާރުގެ ފަޅި ކާމިޔާބުކުރަން ފަސޭހަވާނެތާ އެވެ.

އޭނާ ގާތު ބުނީ އެ ވާހަކަ އެވެ. ދެން އަޅުގަނޑު ބައެއް ސުވާލުތައް ކުރީމެވެ:

  • ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް އެންމެ 24 ގަޑިއިރުގެ ތެރޭގައި ފާސްކުރުން ރަނގަޅު ހެއްޔެވެ؟ އޭނާ ބުނީ ނޫނެކޭ އެވެ.

  • ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނިންމާ އިރު އެ ނިންމުމުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިކުރަން މަސައްކަތްކުރަން ޖެހޭނެ ހެއްޔެވެ؟ އޭނާ ބުނީ އާއެނކޭ އެވެ. 

  • އެކަމަކު އެ ހޭލުންތެރިކަން އުފެއްދި ހެއްޔެވެ؟ އޭނާ ބުނީ ނޫނެކޭ އެވެ.

  • މިކަހަލަ ބޮޑު ކަމެއްގެ ވޯޓު ބޭއްވުން ރަނގަޅީ ވަކިން ހެއްޔެވެ؟ އޭނާ ބުނީ އާނއެކޭ އެވެ.

  • ދައުލަތުގެ ހަރަދާ މެދު ދިވެހިން ވިސްނާ ހެއްޔެވެ؟ އޭނާ ބުނީ "ކޮން ތާކު؟ އެއްގޮތަކަށް ވެސް ނުވިސްނާ" ކަމަށެވެ.

ހަރަދުގެ ވާހަކަ މި ގެންނަނީ ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ޓީމުން ތަކުރާރުކޮށް ދައްކަނީ އިންތިހާބުތައް ގިނައިން ބޭއްވުމުން ހަރަދު ބޮޑުވުމުގެ ސަބަބު ކަމަށް ވާތީ އެވެ. ހަގީގަތުގައި ދައުލަތުގެ ހަރަދާ މެދު ރައީސް މުއިއްޒު އާއި ސަރުކާރުން ވެސް ނުވިސްނަ އެވެ. އެހެންކަމުން ހަރަދުގެ ބައި އަންނަންވާނީ ރައްޔިތުންނަށް ވޯޓު ލާން ލިބޭ އެންމެ ބޮޑު ދެ އިންތިހާބު މަސްހުނިކުރަންވީމައެއް ނޫނެވެ.

އެކަމަކު މިހާރު ރައީސް މުއިއްޒު ދައްކަވަނީ ހަރަދުގެ ވާހަކައެއް ނޫނެވެ. ރޭ ވިދާޅުވީ ރިޔާސީ އިންތިހާބާ އެކު މަޖިލިހުގެ އިންތިހާބު ބާއްވާ ނަމަ ސަރުކާރުގެ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށެވެ.

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވީމާ މިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް މި ހޮވެނީ ކާކު ކަމެއް ނޭނގޭ. ނޭނގޭ ހާލުގައި މަޖިލީހަށް ވެސް މެމްބަރުން ހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ގަޑިއެއްގައި،" ރައީސް ވިދާޅުވި އެވެ.

"ޑިމޮކްރަސީއެއްގައި ވިއްޔާ ފްރީ އެންޑް ފެއާ އިލެކްޝަނެއް އޮންނަން ޖެހޭނެ. އެހެނެއް ނުވާނެ ނޫންތޯ. އެއް ފަރާތެއްގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުން، އަނެއް ފަރާތުގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުންނެއް ނޫން. އެ ހިސާބުން އެ ދިޔައީއެއް ނޫންތޯ އެކަން."

ހަމަ އެހެން ހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ 'ސުބްހާނަﷲ' އެވެ.

ރައީސްގެ އެ ވާހަކަފުޅު ރަނގަޅު ނަމަ، މިދިއަ އާންމު އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުމުން ވެސް އެވަރުން ނުފުދި، އެހެން މެމްބަރުން ވެސް ޕީއެންސީގެ ހިޔަނީގެ ތެރެއަށް ވެއްދެވީ ކީއްކުރަން ހެއްޔެވެ؟

ޕީއެންސީއަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބުން ފާހަގަކުރަން 2024ގައި ބޭއްވި ހަރަކާތުގެ ތެރޭގައި ހަވާ އަރުވަނީ

ރައްޔިތުން ގަބޫލުކުރާށެވެ! ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދާއިރު ސަރުކާރަކީ ރައީސް މުއިއްޒެވެ. ޕީއެންސީން ނުކުންނާނީ ސަރުކާރުގެ ކެންޑިޑޭޓުންނެވެ. ބާރު އޮންނާނީ ސަރުކާރުގަ އެވެ. ދެން ރައްޔިތުން ވިސްނަމާ ހިނގާށެވެ! ކައުންސިލް އިންތިހާބަށް ސަރުކާރުން މިހާރު އެ ފޯރުވާ ވަރުގަދަ ނުފޫޒެވެ. އެ ކުރާ ހޭދަ އެވެ. ރާއްޖޭގައި އޮތް ސަރުކާރުގެ ކުންފުންޏެއް ވިއްޔާ އެބަ ބައިވެރިކުރެ އެވެ. ކެމްޕޭންގެ ތެރޭގައި ކޮންމެވެސް ނަމެއްގައި، ކޮންމެވެސް އިވެންޓެއް، ކޮންމެ ދުވަހަކު، ކޮންމެ ރެއަކު، އެ އޮއް ބާއްވާ ނަގަނީ އެވެ.

އިއްޔެ އަޅުގަނޑު ލިއުނު ރިޕޯޓްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ސިފަކުރެއްވި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ ކުރިއަށް އޮތް ދެ އިންތިހާބަށް 'ސަރުކާރު ބަންޑުން ޖަހާލާނެ' އެވެ. މާނައަކީ ވޯޓު ހޯދަން ދައުލަތުގެ ހުރިހާ ބާރަކާއި މުދަލަކާއި މުއްސަނދިކަމެއް 'ބަންޑުންކޮށްލާނެ' ވާހަކަ އެވެ.

ތެދެކެވެ. އިންތިހާބު ކާމިޔާބުކުރާނީ ކޮން ބައެއްކަމެއް، ނަތީޖާ އިއުލާންކުރުމުގެ ކުރިއަކުން، ނޭނގޭނެ އެވެ. އެކަމަކު އެ ބާއްވަނީ ޔަގީނުން ވެސް އިންސާފުވެރި އިންތިހާބެއް ނޫނެވެ. ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ލަސްކަރުގެ ވިސްނުމުގައި އޮންނާނީ ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ދެ އިންތިހާބު ކާމިޔާބުކުރެވޭ ކަމުގެ މަންޒަރެވެ. މާތްﷲގެ ރަހުމަތްފުޅުން އެހެން ނަތީޖާއެއް ނުކުތުމަކީ، ފޮރުވިފައި އޮތް ރޭވުންގަނޑު ރަނގަޅު ވުމެއް ނޫނެވެ.

މިހާރުގެ ގާނޫނުއަސާސީ 7 އޮގަސްޓް 2008 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ތަސްދީގުކުރައްވަނީ: މިއީ ވަރަށް ފުޅާ ދާއިރާއެއްގައި އެހާމެ ބޮޑު މަޝްވަރާތަކާއި ދިވެހިންގެ ހިތްވަރުން ހޯދި ގާނޫނުއަސާސީއެއް

ރޭ ފޯނުކުރި ޒުވާން އަންހެން ކުއްޖާއަށް މިހާރު ވިސްނެން ޖެހޭނެ އެވެ.

ހިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސްގެ ބަސްމަގު ވެސް އެކި ފަހަރު އެކި ގޮތަށް އެދަނީ ބަދަލުވަމުންނެވެ. ނަމަވެސް ބަދަލުނުވާނެ ހަގީގަތަކީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައި ގޮތާއި ރައްޔިތުންގެ ބޮލުގައި އެކަން އަޅުވަން ކުރާ މަސައްކަތެވެ. އެންމެ މަދުން ވޯޓު ލާ އިންތިހާބުގެ ތެރެއަށް ހިޔާލު ހޯދުމުގެ ވޯޓު ލުމަކީ އެ މަސައްކަތް ނިންމާ ބަ އެވެ. ފުރަތަމަ ބަޔަކީ ޕީއެންސީއަށް ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ ނެރެ، އިސްލާހު ފާސްކޮށްލުމެވެ. އެއީ ބިލް ހުށައެޅުމާއި ކިޔުމާއި މަޝްވަރާކުރުމާއި ކޮމިޓީއަށް ހުށައެޅީ އެންމެ ދުވަހެއްގެ ތެރޭގަ އެވެ. ދުވަސްކޮޅަކު ކޮމިޓީގައި ނަމަކަށް ކަމެއް ކޮށްލާފައި ތަޅުމަށް ހުށައަޅައި، ހަމަ އެ ދުވަހު ފާސްކޮށްލީ އެވެ.

ރައްޔިތުންނަށް ކިހާ ތެދުވެރި ހެއްޔެވެ؟ ކިހާ އަމާނާތްތެރި ހެއްޔެވެ؟ ކިހާ ޑިމޮކްރެޓިކް ހެއްޔެވެ؟

ދިވެހި ރައްޔިތުންނަށް ބުނެލަން ބޭނުމެވެ. ކައުންސިލް އިންތިހާބުގައި މިވެނި ކެންޑިޑޭޓަކަށް ވޯޓުލާށެކޭ އަޅުގަނޑު، ހަމަ އެއްވެސް މީހެއް ކައިރީގައި، ނުބުނާ ނަމެވެ.

ނަމަވެސް ހިޔާލު ހޯދުމުގެ މި ވޯޓުގެ ކަރުދާސްކޮޅުގައި 'ނޫނެކޭ' ޖަހާފައި އޮތް ތަނުގައި ހިމެނޭ ކުޑަކުޑަ ގޮޅީގައި ހެޔޮ ފާހަގައެއް ޖަހައިދޭން، ދިވެހި ރައްޔިތުންގެ ކިބައިން އެދެމެވެ.

މި ގޮތަށް މި އެދުނީ، ރާއްޖޭގައި އިސްލާހީ މަސައްކަތް ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ނޫސްވެރިކަމުގައި އުޅެ ލިބުނު އަދި ލިބެމުން އަންނަ ތަޖުރިބާތަކަށް ބިނާކޮށެވެ. އެއްވެސް އަމިއްލަ އެދުމެއް އޮވެގެންނެއް ނޫނެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހިގެންނެއް ވެސް ނޫނެވެ.

މި ހިތުގައި އޮތީ ގައުމަށް ހެޔޮ ގޮތްވުމުގެ އެދުމެވެ. ހެޔޮ މަގަށް ކަންކަން ގެންދިއުމުގެ ނިޔަތެވެ.

ކޮމެންޓް (20)

ކޮމޮޑަސް

2 އޭޕްރީލު 2026
ބުއްދީގެ ހަމައިން ވިސްނާނަމަ، ނޭނގޭކަމެއްގައި ވަކި ގޮތެއް ނިންމަން ވަގުތު އައިސް ޖެހޭއިރުވެސް ނޭނގި ހުންނަނީނަމަ - ބޮޑަށް ރަނގަޅުވާނީ އެކަމެއް “ޑިސްކްލެއިމް” ކޮށްލުމެވެ. މާނައީ، އެކަމަކާއި މެދު ވަކިގޮތެއް ނުނިންމުމެވެ. ހުރިހާކަމަކަށް، ހުރިހާ އެންމެން ގޮތް ނިންމުން ލާޒިމެއްނޫނެވެ. ނޭނގުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ތިމާއަަށް ނޭނގޭކަމެއްގައި ވަކިގޮތެއް ނިންމުމަކީ އޭގެ ނޭދެވޭ އަސަރުތައް އާންމުވެގެން އެންމެނަށް ކޮށްފާނެ ކަންކަމެވެ. އާންމުކޮށް، އެގޮތަށް ކަންތައް ކުރަނީ ނޭނގޭކަންވެސް ނޭނގޭ މީހުނެވެ.
1 0

ޖޭމުގޭ އަހައްމާދީ

2 އޭޕްރީލު 2026
ވެރިކަމާ ހެދި މުޅި ގައުމު ލޫޓުވާ ސުންނާފަތި ކޮށްލަނީ. ދުނިޔެ ބޮޑު ހަނގުރާމައެއްގެ ތެރޭ އޮވެ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޙަރަދު ކުޑަކުރަން ކުރެވުނު ހުރިހާ ކަމެއް ކުރާއިރު ވެރިކަމުގެ ދެވަނަ ދައުރެއް ދަމައިގަންނަން ސުމާރެއް ނެތި މުޅި ދައުލަތް ލޫޓުމާރު އަރުވާލަނީ މުއިއްޒާ އޭނާގެ އައުވާނުން. މި ވޯޓު ކާމިޔާބު ވެެއްޖިއްޔާ ފުރަތަމަ ބުރުން އެއްމެ ގިނަ ވޯޓު ލިބޭ މީހާ ވެރިކަމަށް އަންނަ ގޮތަށް ގާނޫނު ފާސްކުރާނެ. މާނައަކީ ނަޝީދާ ޔާމީނާ އުމަރާ މުއިއްޒު ކުރިމަތިލައި މުއިއްޒަށް ސާޅީސް ހާސް ވޯޓު ލިބި ދެން ތިބި ތިން މީހުންނަށ އެއްކޮށް އެއްލަައްކަ ލިބުނަސް (މީހަކަށް އެވްރެޖެ ފަންސަވީސްހާސް) މުއިއްޒަށް ވެރިކަން ލިބުނީއޭ. މި ފެންނަ ނުފެންނަ ވޯޓަކީ އެކަމަށް ވަކަރަށް ޖަހާލުމެއް. ރައްޔިތުންނޭ ކަލޭމެން ވިސްނައި މިގައުމު ސަލާމަތް ކުރޭ. ހެޔޮނުވާނެ.
2 0

ހިމާރުލްގައުމު

2 އޭޕްރީލު 2026
މި ރާއްޖޭގަ ވެރިކަމަށް ބޭރުން މިހާ ރީތި ސޫރައެއް ދައްކައިގެން އެތެރޭން ހިޔަޅު ހެދުނު މީހެއް މިހާ ތަނަށް ނާދޭ މި މުއިއްޒު ނުނީ. ރޯމާދުވާލު އެހެރަ ހަދާލާ ބޮޑެތި ދޮގު ބަލާބަލަ. ހެޔޮނުވާނެ ދިވެހިންނޭ ވިސްނާ މިގައުމު ސަލާމަތް ކުރޭ. މުއިްޒުގެ ހިޔަޅު ވިސްނުމަށް ނޫނެކޭ ބުނޭ،
2 0

ކުރިކީލަ

2 އޭޕްރީލު 2026
މިއީ ރައީސް މުއިއްޒަށް 2028 ގެއްލޭނެކަން ކަށަވަރުވާތީ "އެހެން ގޮތަކުން " ވެރިކަން ޖަހައިގަތުމަށް ކުރާކަމެއް. ރައީސް ޔާމީނަށް ލަނޑުދިނީ މޭޔަރަކަށްވެގެން ހުރެ އަޑިއަޑިން ޕާޓީތެރޭގައި ހިންގި ބަޤާވާތަކުން.. މިފަހަކު ވަށަފަރު މުޙައްމަދު އުނބަށްޖަހާތަން ބަލަން ތިބޭ...!!
2 0

ރަބީއު

2 އޭޕްރީލު 2026
މޫސާލަތީފު އެކިރަހަލައްވާގެން އެކިގޮތަށް ވާހަކަ ދައްކައިގެން ރައްޔިތުންގެ ބޯކާން އުޅުނަސް އެމްޑީޕީއާ އެމީހުންގެ އައުވާނުންނޫންބަޔަކު ނޫނެކޭ ނުބުނާނެ. ގިނަ ރައްޔިތުން މިވޯޓްގައި ބުނާނީ އާނއެކޭ. ކަލެއަށް ގޯސްނުވާ އެއްވެސްކަމެއް މިސަރުކާރަކުން ނުކުރާނެ. ކަލެއަށް ގޮސްވާ ކަނަތއްތަކަކީ ހުރިހާ ރައްޔިތުން ގޮސްކުރަންޖެހޭކަމެއްވެސްނޫން. މޫސަގެ ލިޔުމާ ދެކޮޅަށް ލިޔާ އެއްވެސް ކޮމެންޓެއްޖަހަންނުކެރެނީ އެހެންވީމާ.
0 13

ހަތަރެސްކަން

2 އޭޕްރީލު 2026
@ރަބީއު ރައްދެއް ދެންޏާ އޮއްޓަރުހުރި ފެންހިފޭ ރައްދެއް ދޭންވާނީ. މޫސާ ލަތީފޭ ރަނގަޅު އެއްކަމެއް ނެތޭ އެމްޑީޕީބޮޓޭ ކިޔަކަސް އެއީ އަދި އޮއްޓަރެއް ހުރި ރައްދަކަށް ނުވާނެ.
4 0

އެއްމެނަކީ ރަބީއެއް ނޫން

2 އޭޕްރީލު 2026
@ރަބީއު ފަހަރެއްގަ ސަރުކާރުގެ ޕޭރޯލްގަ ތިބި މަސައްކަތެއް ނުކޮށް ކޮންމެ މަހަކު މުސާރަ ލިބޭ މީހުންނަށް އޯކޭވިޔަސް އަހަރުމެން ކަހަލަ އަތުންފައިން މަސައްކަތް ކޮށްގެން ކައިބޮއެ އުޅޭ މީހުންނަށް މި ސަރުކާރު ބޮޑުތަނުން ގޯސް.
5 0

އިބްރާހީމް

2 އޭޕްރީލު 2026
@ރަބީއު ޙައްޤާއި ބާޠިލް ވަކިކުރަން ނޭނގޭމީހުން ދައްކައި ކަހަލަ ވާހަކަ ތިއީ. ނޫނީ ވަކި ސިޔާސީ ޕާޓީއަކަށް ހުސްވެފައި ތިބޭ މީހުން ދައްކައި ކަހަލަ ވާހަކަ ތިއީ. ކަންކަން ވަމުންދާގޮތް މެންދުރުގެ އިރު ފަދައިން ފެންނަން އެހުރީ މިހާރު.
0 0

ގޮހޮޑާ

2 އޭޕްރީލު 2026
2008 އިން ފެށިގެން ދިވެހިރާއްޖެ ދެއްކި ޙަގީގަތަކީ ރައީސްކަމުގައި ހުރެ މުޅި ދައުލަތް ބަނޑުން ޖަހައިލައިގެންވެސް ރިޔާސީ އިންތިޚާބު އެ ވަގުތު އޮތް ސަރުކާރަށް ކާމިޔާބުވެފައި ނެތުމެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާ އެއްކޮށް މަޖިލިސް އިންތިޚާބު ބާއްވައިގެން ދައުލަތް ބަންޑުން ޖަހައިލައިގެން ދެ އިންތިޚާބު ކާމިޔާބު ވާނެގޮތް މޫސާ ވިދާޅުވެދެއްވަ ބަލާށެވެ.
1 3

ހުވަދޫ އަހައްމަދޭ

2 އޭޕްރީލު 2026
@ގޮހޮޑާ ބްރޯ މިއީ ވަކަރަށް ޖަހާލުމެއް. މާނައަކީ މިއަށް އާނއެކޭ ބުނެފިއްޔާ ފުރަތަމަ ބުރުން އެއްމެ ގިނަ ވޯޓު ލިބޭ މިހާ ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ނުކުރާނެ ގޮތަކީ ނެތް ގޮތެއް. ދިވެހިން ވިސްނާ
2 0

ސިކުނޑިން ވިސްނާ

2 އޭޕްރީލު 2026
@ގޮހޮޑާ މި އިންތިހާބު ކާމިޔާބު ވެއްޖިއްޔާ ފުރަތަމަ ބުރުން އެއްމެ ގިނަ ވޯޓު ލިބޭ މީހާ ވެރިކަމަށް އަންނަ ގޮތް ހަދާނެ. އެއީ ތިޔަ ސުވާލުގެ ޖަވާބަކީ. އިތުރަށް އެނގެން ބޭނުމިއްޔާ ތާރީހު ބަލާ ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުތައް ގޮއްސަ ހުރީ ކިހިނެއްތޯ.
1 0

ފިކުރީ

2 އޭޕްރީލު 2026
ރައްޔިތުން އަނދިރީގަ ބައިތިއްބައިގެން މިކަން ވެސް އެ ނިންމާލީ. ރައީސް މައުމޫންގެ ރަން ތިރީސް އަހަރުވެސް ބަހުސްކުރަން ފުޅާ ފުރުސަތެއް ފަހިކޮށްދިން. މުއިއްޒު އަކަށް ނުކެރުނު
10 1

ޖުހާޖުހާ

2 އޭޕްރީލު 2026
ސަރުކާރުން ކަންތައްކުރި ގޮތަކީ މި ވޯޓުން ނުކުންނާނޭ ނަތީޖާއެއް ނޫނެވެ. ނަތީޖާ ކިޔައިދޭށެވެ. މީހުންގެ ބޮލަށް ޗިޕު ޖެހުމުގެ ބަދަލުގައި އާނއެކޭ ޖަހައިފިނަމަ ވާނެ ގޮތް ރީތިކޮށް ކިޔައިދޭށެވެ. މިހައިތަނަށް މީހުން ކިޔައިދީފައި ހުއްޓާ ފެނުނީ އެ ކިޔައިދިން މީހެއްގެ ޚިޔާލެވެ. އެއްވެސް މީހެއްގެ ޚިޔާލަކީ ސީދާ ހަގީގަތެއް ނޫނެވެ.
2 4

ޙުސައިން

2 އޭޕްރީލު 2026
@ޖުހާޖުހާ ވާނެގޮތް ނުވާނެގޮތް ވާހަކަ އަށް ވުރެން މުޙިއްމު ކަމެއްގެ ވާހަކަ މިކިޔަނީ. އިސްލާހަކީ ރަނގަޅު އިސްލާހަކަށް ވެސް ވެދާނެ. އަދި ގޯސް އިސްލާހަކަށް ވެސް ވެދާނެ. އެކަމަކު އެނގޭ އެއްޗަކީ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭނީ ރައްޔިތުންނަށް މި ލިވެނީ ކޮން ވޯޓެއްކަން އެންމެ ކުޑަމިނުން އެނގެންޖެހޭނެއެވެ. އެވަރަށް ހޭލުންތެރި ކުރެވެން ޖެހޭނެއެވެ. އެހެންނޫނީ ވޯޓުލިޔަސް ވޯޓުގެ އަސްލު މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ.
1 0

ޖައިސާމް

2 އޭޕްރީލު 2026
މީ އިސްލާހެއް ނޫން. މީ ބަދަލެއް. މީ ގޯސް ބަދަލެއް.
9 1

ތެފައާސާ.

2 އޭޕްރީލު 2026
2 އިންތިޚާބު އެއްކޮށްލަން ހުތްޖަތް ފެއްޓީ ޚަރަދު ކުޑަކުރުމުގެ ބަހަނާގައި. އޭތި ވައިގައި ނުހިފީމާ މިހާރު ކިޔަނީ "ފްރީ އެންޑް ފެއާރ" އިންތިޚާބަކަށް ދެވޭނީ 2 އިންތިޚާބު އެކީ ބާއްވައިގެންނޭ. އޭރުން ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލިސް އިންތިޚާބަށް ފޯރުވާނޭ ނުފޫޒެއް ނޯންނާނެޔޭ. އޭރުން ފެއާރ ވާނެޔޭ. މި ލޮޖިކް ހަމައެއް ނުޖެހޭ. ކީއްވެ؟ ސަރުކާރެއް އޮވެފައި 6 މަސްފަހުން އަންނަ މަޖިލިސް އިންތިޚާބުގައި އެ ސަރުކާރަކުން ދައުލަތުގެ ވަސީލަތް ބޭނުންކުރާނީ ހަމަ އެކަނި މަޖިލިސް އިންތިޚާބު ނަގަން. އެއާއި ޚިލާފަށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް އޮތީމާ، އޭރަކު އެ އޮންނަ ސަރުކާރަކުން ދައުލަތުގެ ވަސީލަތްތަށް ބޭނުންކުރުން ޑަބަލް ކުރަން އެބަޖެހޭ، ސަބަބަކީ ސަރުކާރު އަލުން އިންތިޚާބުވެ، މަޖިލިސްވެސް ނެގުމަށް، އެހެންވީމާ 2 އިންތިޚާބު އެއްކޮށްލައިގެން އިތުރަށް ފްރީ އެންޑް ފެއާރ ވަނީ ކިހިނެތް ކޮންގޮތަކުން ކަމެއް ނޭގެ. އަސްލު ކަން ވާނެކަމަށް ފެންނަނީ އޭގެ އިދިކޮޅަށް. ސަރުކާރުގެ ސަވައިވަލް އާއި މަޖިލިސް އިންތިޚާބު އެކުވެގެން އައީމާ ދައުލަތުގެ ވަސީލަތާއި ނުފޫޒު ކުރާނީ އިތުރު.
6 1

އާސާފަތެ.

2 އޭޕްރީލު 2026
@ތެފައާސާ. ރަގަޅު. މުޢިއްޒު އޭނާގެ 93 އައުވާނުންނާ އެކު ނިކުންނަ ރިޔާސީ އިންތިޚާބެއް މީ. މުޢިއްޒު ޢަމަލުތަކުން މިހާ ހިސާބަށް ފެންނަނީ 93 އައުވާނުން ގޮވައިގެން 2 ލައްކަ ވޯޓު ގަނެ ބައި އެނީ މީންސް ނެސެސަރީ އުސޫލުން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެކަން. ކުރިން ވާގޮތަކީ ޔާނުގެ ދައުރުގަވެސް، އައުވާނުން ލައްވާ ބަހަން ފޮނުވާ ފައިސާ އަމިއްލަ ޖީބަށް ލައި ވޯޓު ގަންނަން ޚަރަދު ނުކުރޭ، ދެން އެފައިސާ މިބޭނުން ކުރަނީ މަޖްލިސް އިންތިޚާބަށް ވަކިން ނުވަތަ އަމިއްލަ ބޭނުމަށް. މިހާރު އައުވާނުންގެ އަމިއްލަ އެދުމެއް އޮތަތީ ބަހަން ފޮނުވާ ފައިސާ ޔަޤީނުންވެސް ބަހާނެ އެއްނު. އެއީ މުޢިއްޒު ބޭނުންވާ ގޮތަކީ. މިހެން ހެދުމުން ރައްޔިތުންނަށް ލިބޭ ފައިސާކޮޅު ގިނަވާނެ. އަދި ދައުލަތުގެ ޚަޒާނާއިން ގެއްލޭ ފައިސާވެސް ގިނަވާނެ
3 0

ތެފައާސާ.

2 އޭޕްރީލު 2026
@އާސާފަތެ. ތެދުފުޅެއް. ތޭންކްޔޫ ސާރ!
1 0

ސޯދު ކޮއެ

2 އޭޕްރީލު 2026
އިސްލާހެއް ނަމަ ތާއީދު ކުރަންވާނެ. ޢެހެން ނޫން ނަމަ އިސްލާހޭ ނުކިޔާ!
2 0

ހަތަރެސްކަން

2 އޭޕްރީލު 2026
@ސޯދު ކޮއެ އިސްލާހެއްގެ ސޫރައިގައި އޮތް ހީލަތްތެރި ރޭވުމެއް. ނޫނެކޭ ބުނޭ!!
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް