ވިލިމާލޭގެ ގޮނޑުދޮށުގައި ބަޔަކު މަޑުކޮށްލައިގެން: އީރާނުގެ ހަނގުރާމައިގެ އިގްތިސާދީ ނުރައްކާ ރާއްޖެއަށް ބޮޑު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ސަރުކާރުން ބުނެ ނުދޭ ހަނގުރާމައިގެ އިގްތިސާދީ ނުރައްކަލާއި ޖީބަށް ކުރާ އަސަރު
އިއްޔެ މެންދުރު ވަގުތު މުލިއާގޭ ވަށައިގެން ކުރަމުން ދިޔަ މަސައްކަތަކީ އީދަށް އެގެ ޒީނަތްތެރިކުރަން ބޮކިފަތި ހަރުކުރުމުގެ މަސައްކަތެވެ. މާލޭގެ މަގުތަކުގައި ވެސް އެ މަސައްކަތް ފަށަން ހޮޅި ޖަހައި އެ ދަނީ ތައްޔާރުކުރަމުންނެވެ.
ހިތަށް އެރި އެވެ. އީރާނުގެ ހަނގުރާމައާ އެކު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކާ އެކު އިގްތިސާދަށް މި އަންނަ ބޮޑެތި ބަދަލުތަކާ މެދު ސަރުކާރުގެ ހާސްކަމެއް ހަމަ ނެތީ ހެއްޔެވެ؟ ނޫނީ ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށް ނުވަތަ ހުރިހާ ކަމެއް ހަމަ ބަރާބަރު ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭން ބޭނުން ވަނީ ހެއްޔެވެ؟
އެކަމަކު އެހެނެއް ނުވާނެ އެވެ.
އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ގުޑުން އަރައިފަ އެވެ. އެއީ ސަރުކާރުގެ ބާރުގައި އޮތް ކަމެއް ނޫނެވެ.
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރިއިރު، މިއީ ރާއްޖެ ފަދަ ހުރިހާ މުދަލެއް އެތެރެކުރާ ގައުމަކަށް އޮތް ބޮޑު ބިރެކެވެ. ސަރުކާރުން މި ނުރައްކާތަކުގެ ވާހަކަ ސާފުކޮށް ބުނެނުދިން ނަމަވެސް، ހިސާބުތަކުން ފެންނަން އޮތީ ބިރުވެރި މަންޒަރެކެވެ. މިއީ ރާއްޖެއަށް ކުރިމަތިވެދާނޭ އިގްތިސާދީ ނުރައްކާތަކާއި އެކަމުން އާންމު ރައްޔިތު މީހާއަށް ކުރާނޭ އަސަރުތަކުގެ ހުލާސާއެކެވެ.
ތެލުގެ ބާޒާރު: ލީޓަރެއް 20ރ. އަށް އަރާފާނެ
ރާއްޖެއަށް ތެޔޮ އެތެރެކުރާ އަމިއްލަ ކުންފުނިތަކުން ބުނާ ގޮތުގައި، ބޭރުގެ ބާޒާރުން މިހާރު ޑީސަލާއި ޕެޓްރޯލް ލީޓަރެއް ގަންނަން ލިބެނީ 17ރ. އަށެވެ. ނަމަވެސް، ރާއްޖެއާ ހަމައަށް ތެޔޮ ގެނައުމަށް ހިނގާ ޝިޕިން އަދި އެހެނިހެން ހަރަދުތަކާ އެކު، ރާއްޖެއަށް ތެޔޮ އެތެރެކުރެވޭ އަގު މިހާރު ހުރީ ލީޓަރެއް 19ރ. ގައެވެ. މީގެ މާނައަކީ، ކުންފުނިތަކުން ކުޑަ ނަމަވެސް ފައިދާއެއް ބާއްވާ ނަމަ، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ލީޓަރެއް 20ރ. އަށް ވުރެ މައްޗަށް އެރުން މިއީ ގައިންކަމެއް ކަމެވެ.
ތެލަށް މި އަންނަ ބަދަލާ އެކު ސަރުކާރުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ އެވެ. ޕެޓްރޯލް ޝެޑްތަކުން ސައިކަލަށް ތެޔޮ އެޅޭ އަގު ދަށްކޮށް ހިފެހެއްޓުމަކީ ހިލޭ ކުރެވޭ ކަމެއް ނޫނެވެ. އިގްތިސާދީ މަފްހޫމުގައި ހިލޭ ކެއުން އެއީ އޮންނަ އެއްޗެއް ނޫނެވެ. ކޮންމެވެސް މީހަކު އަގު ދައްކާނެ އެވެ. ތެލުގެ އަގު އާންމުންނަށް ބޮޑުނުވެ ހިފެހެއްޓުމަށް ސަރުކާރުން އަހަރުމެންގެ ޓެކްސް ފައިސާއިން އަގު ދައްކަން ޖެހެ އެވެ. އެއީ ތެލުގެ ސަބްސިޑީ މެދުވެރިކޮށެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމައާ އެކު އޭރުގެ ތެލުގެ ސަބްސިޑީ ހަރަދަށް 400 މިލިއަން ޑޮލަރު އަންދާޒާ ކުރި ނަމަވެސް، އެ އަދަދު 800 މިލިއަން ޑޮލަރަށް އަރައިގެން ދިޔަ އެވެ. މިއަހަރުގެ ބަޖެޓުގައި ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރި ގޮތުން މި އަދަދު 3.5 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ޓޫރިޒަމްގެ ހީނަރުކަން: އާމްދަނީން %30 ގެއްލިދާނެ
ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ، ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅާ އަޅާބަލާއިރު %41 ދަށަށް ގޮސްފަ އެވެ. މިއީ ސީދާ ސަރުކާރުގެ ޑޮލަރު އާމްދަނީއަށް އަންނާނެ ވަރަށް ބޮޑު ހީނަރުކަމެކެވެ. އަދި ގްރީން ޓެކުހާއި ޓީޖީއެސްޓީ އަދި އެހެނިހެން ވެސް ދައުލަތުގެ ޓޫރިޒަމް އާމްދަނީން %41 ދަށަށް ދިއުމަކީ، ޓެކްސް އާމްދަނީން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 450 - 550 މިލިއަން ރުފިޔާ މަދުވާނެ ކަމެކެވެ. މިއީ ބަޖެޓަށް ލިބޭނެ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.
ޓޫރިޒަމް ދަށްވުމުން ރިސޯޓްތަކުން ޑޮލަރު މާރުކުރާ އަދަދު މަދުވެ، ބާޒާރުގައި ޑޮލަރު އިތުރަށް ތަދުވާނެ އެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް އަރާފައިވާއިރު، އިގްތިސާދުގައި ޑޮލަރު އެނބުރޭ މިންވަރު މަދުވުމުން މި އަދަދު އިތުރަށް އުފުލޭނެ އެވެ. އަދި ބޭރު ފައިސާގެ އަނގަށް ކުރާ ބާރު ހިފަހައްޓަން އެމްއެމްއޭގައި އެވަރުގެ ބޭރު ފައިސާގެ ރިޒާވެއް ނެތެވެ.
މިއަހަރު ބަޖެޓް ޑެފިސިޓް ފޫބައްދަން ސަރުކާރުން 1 ބިލިއަން ޑޮލަރު ހޯދަން ބަޖެޓުގައި ރާވާފައި އޮތްއިރު ޖެހޭއިރު އާމްދަނީއަށް އަންނަ ބަދަލާއި ތެލަށް ކުރަން ޖެހޭ ހަރަދު އިތުރުވުމާ އެކު ބަޖެޓް އަންދާޒާތަކަށް ބޮޑެތި ބަދަލުތައް އަންނާނެ އެވެ.
ބަޖެޓް ދަރަނި ބޮޑުވާނެ އެވެ. އަދި އެ ދަރަނި ފޫބައްދަން ދަރަންޏަށް ހޯދަން ޖެހޭ ފައިސާ ނުވަތަ ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭ ފައިސާ އިތުރުވާނެ އެވެ. އަދި އެ ފައިސާ ހޯދަން ދަތިވާނެ އެވެ. އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާ އެކު ދަރަންޏަށް ފައިސާ ހޯދުން ތާށިވެ އެކަމުގެ އަގު ބޮޑުވާނެ އެވެ.
ރިޒާވް އަދި 500 މިލިއަންގެ ސްކޫކް
އަންނަ އެޕްރީލް 8 ވަނަ ދުވަހު ރާއްޖެއިން އެއްފަހަރާ 500 މިލިއަން ޑޮލަރުގެ ސްކޫކެއް ދައްކަން ޖެހެ އެވެ. ސަރުކާރުން ބުނަނީ ރިޒާވް އަދި ސޮވަރިން ފަންޑުން މި ފައިސާ ދެއްކޭނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ދެއްކުމަށް ފަހު ރިޒާވްގައި ބާކީ ހުންނާނީ އެންމެ 150 މިލިއަން ޑޮލަރެވެ.
ތެލުގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މަހެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރަން ގާތްގަނޑަކަށް 60-70 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން، ސްކޫކް ދައްކާފައި ރިޒާވްގައި ހުންނަ ބާކީ 150 މިލިއަން ޑޮލަރަކީ ހަމައެކަނި އެންމެ 2 މަސް ނުވަތަ 2.5 މަސް ދުވަހުގެ ތެޔޮ އިމްޕޯޓަށް ފުދޭނެ މިންވަރެކެވެ. އަދި އެހެން އަސާސީ ކާބޯތަކެތި ރާއްޖެ ގެންނަން ހިނގާ ހަރަދު ކޮބާ ހެއްޔެވެ؟
މިއީ ސޮވަރިން ޑިފޯލްޓެއްގެ، ދަރަނި ނުދެއްކޭ ހާލަތަކަށް ދިއުމުގެ ބިރުވެރިކަން އިންތިހާއަށް ރާއްޖެއަށް ބޮޑުވެފައިވާ ކަމުގެ ނިޝާނެކެވެ. ދަރަނި ދައްކާފައި އަސާސީ މުދާ އެތެރެނުކޮށް ރާއްޖެއިން ތިބޭނީތޯ އެއީ ވެސް ސަރުކާރުގެ ވެރިންގެ ކުރިމަތީގައި މިވަގުތު އޮންނާނޭ ސުވާލެކެވެ.
އިގްތިސާދީ އަންދާޒާ އާއި ސްޓޭގްފްލޭޝަން
މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން، ނުވަތަ ޖީޑީޕީ ހުންނާނެ ކަމަށް ސަރުކާރުން ކުރިން ލަފާކުރީ %5.3 ގައެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ބަލައި މި އަންދާޒާ ދަށަށް ރިވައިޒްކުރަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ.
ދުނިޔެއަށް އަދި ރާއްޖެއަށް މިހާރު އޮތް ބިރަކީ ސްޓޭގްފްލޭޝަން އެވެ. ތެލުގެ އަގު ބޮޑުވުމުން ޓެކްސީ ކުރުމުގެ ހަރަދާއި ލޮރީ، ޕިކަޕްގައި މުދާ އުފުލާ ދިނުމާއި ބޯޓްތަކުން ނަގާ ނާލުތައް ބޮޑުވާނެ އެެވެ. އަދި ލޯންޗް ފެރީގެ އަގުތައް ވެސް ބޮޑުކުރަން މަޖުބޫރުވާނެ އެވެ. އެއާ އެކު ބާޒާރުގައި ރާސްލާފައި ތަކެތީގެ އަގު ބޮޑުވާނެ އެވެ. ތަކެތީގެ އަގު ބޮޑުވުން ނުވަތަ އިންފްލޭޝަނަކީ އަތުގައި ހުންނަ ފައިސާކާ ބޮޑުމަހެކެވެ. މީގެ އަސަރުތަކަކީ:
• އިގްތިސާދީ ކުރިއެރުން މަޑުޖެހި، ޓޫރިޒަމް ފަދަ ދާއިރާތަކުން ލިބޭ އާމްދަނީ މަދުވުން
• ތަކެއްޗާއި ހިދުމަތުގެ އަގު އިންތިހާއަށް އުފުލި، އާންމުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ދިއުން އަދި ވަޒީފާ ނެތް މީހުން ގިނަވުން
• ޑޮލަރުގެ އަގު ބޮޑުވެ، އިމްޕޯޓް މުދަލުގެ އަގު އަތްނުފޯރާ ފަށަށް ދިއުން
އެޅޭނީ ކޮން ފިޔަވަޅުތަކެއް
އޭޝިޔާގެ އެހެން ގައުމުތަކުން ވެސް މި ހާލަތުގައި ހަރަދުކުޑަކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖޭގެ ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
-
ސަރުކާރުގެ ހަރަދު ކުޑަކުރުން: ސަރުކާރުގެ ބޭކާރު އިދާރީ ހަރަދުތައް ވަގުތުން ހުއްޓާލައި، އިސްރާފު ކުޑަކުރުން އަދި މަތީ ފަނޑީގައި ތިބި ފަރާތްތަކުގެ މުސާރަ އުނިކުރުނ
-
ސަބްސިޑީ ރީފޯމް: ތެލާއި އެހެނިހެން ސަބްސިޑީތައް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދެވޭނެ އުސޫލެއް ގާއިމްކުރުން އަދި މި ދަނޑިވަޅުގައި ބޮޑަށް އަސަރުކުރާ ފަރާތްތަކަށް ސަރުކާރުގެ އެހީ އިތުރުކުރެވޭނޭ ގޮތްތައް ހޯދުން
-
ރިޒާވް ވަރުގަދަކުރުން: ބޭރުގެ މާލީ އިދާރާތަކާ ގުޅިގެން "ކަރަންސީ ސްވޮޕް" ފަދަ ވަސީލަތްތައް މެދުވެރިކޮށް ޑޮލަރުގެ ރިޒާވް ހިފެހެއްޓުން
-
ބައެއް ތަކެތި އިމްޕޯޓް ކުރުން ހުއްޓުވުން: އަސާސީ މުދާ ފިޔަވާ އެހެން ތަކެތި އިމްޕޯޓް ކުރުން މިވަގުތަށް ހުއްޓުވޭނޭ ގޮތްތަކަށް ސިޔާސަތު ބައްޓަން ކުރަން ޖެހޭ
މެދުއިރުމަތިން މި އަންނަ ހަނގުރާމައިގެ ވިލާގަނޑާ އެކު ރާއްޖޭގެ އިގްތިސާދު މިވަނީ ނުރައްކާތެރި ފައްތަރެއްގަ އެވެ. މި ހާލަތް ރައްޔިތުންނަށް ބުނެދޭން ޖެހެ އެވެ. އެއްވެސް ކަމެއް ނުފޮރުވާ ސާފުކޮށެވެ. މިއީ ސަރުކާރުގެ އިހުމާލެއް ނޫނެވެ. ބާރެއް ވެސް އޮތް ކަމެއް ނޫނެވެ. ސަރުކާރަށް އޮތީ ހަގީގަތް ހާމަކޮށް، ހަރުދަނާ ފިޔަވަޅުތައް އަވަހަށް އެޅުމެވެ. އެކަމަކު، ސަރުކާރު އެކަމުގައި ފަހަތު ފަޔަށް ވަނީ ބުރަވެފަ އެވެ.
ކޮމެންޓް (5)
ޖުހާަ
އަޖައިބު
އިސަމާލު2.0
ކުރިކީލަ
ކޮމޮޑަސް