އިޒްރޭލުގެ ތާރީހީ އިލްމުވެރިއެއް ކަމަށްވާ، އިލާން ޕާޕޭ ލިޔުއްވި އެތްނިކް ކްލީންސިން އޮފް ޕަލަސްތައިން ފޮތް

ފޮތް ރިވިއު

ފޮތެއްގެ ހިޔަލުން | ޕާޕޭގެ ގަލަމުން: އިޒްރޭލް އުފެއްދީ ފަލަސްތީނުގެ ލެޔާއި ފުރާނައިން

އިޒްރޭލުގެ މަޝްހޫރު ތާރީހު އިލްމުވެރިޔާ އިލާން ޕާޕޭގެ ފޮތުން، 1948 ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާ ރޭވިގެންދިޔަ ގޮތާއި އދ. އިން ހެދި ގޯހާއި އަރަބި ގައުމުތަކުގެ ބޭވަފާ ވަރަށް ސާފުކޮށް ކިޔައިދޭ

އިޒްރޭލް-ގާޒާ ހަނގުރާމަ އެންމެ ހޫނުވި ދުވަސްވަރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންމެ ބޮޑަށް އެނގެން ބޭނުންވީ ފަލަސްތީނުގެ ކަންތައްގަނޑުގެ ތާރީހާއި ފެށުމެވެ. އެ ތާރީހު ދަސްކުރަން ކީ އެއް ފޮއްތަކީ އިޒްރޭލުގެ ތާރީހީ އިލްމުވެރިއެއް ކަމަށްވާ އިލާން ޕާޕޭ ލިޔުއްވާފައިވާ "ދަ އެތްނިކް ކްލީންސިން އޮފް ޕަލަސްތައިން" ނުވަތަ ފަލަސްތީނުގެ ނަސްލު ނައްތާލުން މިފޮތެވެ.

މިއީ ހިތްފަޅައިގެންދާ ފަދަ، އެކަމަކު ކޮންމެހެން ވެސް ކިޔަންޖެހޭ މުހިންމު ފޮތެކެވެ. ޕާޕޭ ވަނީ އިޒްރޭލުގެ ތާރީހު ދިރާސާކުރާ މީހެއްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ނުފޮރުވާ ވަރަށް އަމާނާތްތެރިކަމާ އެކު ސާފު ސީދަލަށް ހުރިހާ ކަމެއް ވެސް މިފޮތުގައި ލިޔުއްވާފަ އެވެ. އެގޮތުން 1940 ގެ އަހަރުތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރެލުމަށް ޒަޔަނިސްޓު ލީޑަރުން ގަސްތުގައި ރާވައިގެން ހިންގި އަނިޔާވެރި އަމަލުތަކާއި ބޭނުންކުރި އުކުޅުތައް އޭނާ ވަރަށް ތަފްސީލުކޮށް މި ފޮތުގައި ބަޔާންކޮށްދީފައިވެ އެވެ.

ފޮތުގެ ފެށުމުގައި ޕާޕޭ ލިޔުއްވާފައިވެ އެވެ: "ފަލަސްތީނުގެ މައްސަލައަކީ ފެށިގެން މިއަދާ ހަމައަށް ވެސް އިސްތިއުމާރާއި ބިން ފޭރުމުގެ އަނިޔާވެރި ކަންތައްގަނޑެއްގެ ލާމަސީލު ޖަރީމާއެކެވެ." ޕާޕާގެ މި އިބާރާތުން މުޅި މައްސަލައިގެ އަސްލު ސާފުވެ އެވެ.

އިޒްރޭލުގެ ނަމުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ހިންގި ކަންތައްތަކަކީ ދައުލަތެއް އުފެއްދުމަށް ހިންގި ސުލްހަވެރި ހަރަކާތެއް ނޫންކަމާއި އޭގެ އަސްލު ބިނާވެފައިވަނީ ފަލަސްތީނުގެ ރައްޔިތުން މަރައި، އެމީހުންގެ ގެދޮރުން ބޭރުކުރުމުގެ މައްޗަށްކަން މި ފޮތުން ސާފުވެ އެވެ.

ޒަޔަނިސްޓު ލީޑަރުންނާއި 'ހަގަނާ' ގެ އަނިޔާވެރިކަން

މި ފޮތުގައި ޕާޕޭ އެންމެ ބޮޑަށް ފަޅާއަރުވާލާފައިވާ އެއް ކަމަކީ، ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ފަހަތުގައި ތިބި އިސް ސިކުނޑިތަކެވެ. ހާއްސަކޮށް ގޮތެއްގައި އިޒްރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެން-ގޫރިއަން އާއި އޭނާގެ އަރިސް އަސްކަރީ ކޮމާންޑަރުންގެ މައްޗަށް އެކުލެވޭ 'ދަ ކޮންސަލްޓަންސީ'ގެ ނަން ދީފައިވާ މަޖިލީހުން ތެލް އަވީވްގެ 'ރެޑް ހައުސް' ގައި ބޭއްވި ސިއްރު ބައްދަލުވުންތަކުގެ ވާހަކަ އޭނާ ގެނެސްދީފައިވެ އެވެ.

ޕާޕޭ ލިޔުއްވާފައިވާ ގޮތުގައި އެ ބައްދަލުވުންތަކުގައި ރޭވި އަނިޔާވެރި ރޭވުންތައް ތަންފީޒުކުރީ ޔަހޫދީންގެ މިނިވަން ދައުލަތެއް ފަލަސްތީނުގެ ބިމުގައި ގާއިމްކުރުމަށް ހަނގުރާމަކުރަމުން ދިޔަ ޒަޔަނިސްޓު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަގަނާ އެވެ. ފަހުން އެ ޖަމާއަތް ބަދަލުވީ އިޒްރޭލުގެ މިހާރުގެ ރަސްމީ އަސްކަރިއްޔާ، އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް)އަށެވެ.

ޕާޕޭ ސިފަކުރައްވާ ގޮތުގައި، ހަގަނާގެ ފައުޖުތަކުން ފަލަސްތީނުގެ އަވަށްތަކަށް އަރައި ބިރުދައްކައި ގެދޮރު ސުންނާފަތިކޮށް އާންމުން މަރައި އަދި ގަސްތުގައި މީހުން ފައްސާލީ އެއްވެސް ރަހުމެއް ކުލުނެއް ނެތި އެވެ. އެއީ ލާއިންސާނިއްޔަތުކަމާއި އަނިޔާވެރި ކަމުގެ އިންތިހާ ދަރަޖަ ހަރަކާތްތަކެކެވެ.

ޕްލޭން ޑީ: ނަސްލު ނައްތާލުމުގެ ބްލޫޕްރިންޓް

ބެން-ގޫރިއަންގެ އިރުޝާދުގެ ދަށުން ހަގަނާއިން އެކުލަވާލި އަދި ތަންފީޒުކުރި އެންމެ ނުރައްކާތެރި ރޭވުމަކީ 1948 ވަނަ އަހަރުގެ 'ޕްލޭން ޑާލެޓް' ނުވަތަ 'ޕްލޭން-ޑީ' އެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަގަނާއިން އިސްވެ ތިބެ ހިންގި ޖަރީމާތަކުގެ ރަސްމީ ބްލޫޕްރިންޓެވެ. ނުވަތަ މާސްޓަޕްލޭނެވެ. މިއީ ނަސްލު ނައްތާލުމަށް އަސްކަރީ ވިސްނުމެއްގައި ރާވާފައިވާ ޕްލޭނެކެވެ. ފަލަސްތީނު މީހުން ގިނައިން ތިބި އަވަށްތައް ދެނެގަތުމާއި އެ މީހުންގެ މައްޗަށް ފާރަލުމާއި އަދި އެތަންތަނުގައި ޔަހޫދީ އާބާދީތައް ގިނަކޮށް އަދި ބާރުގެ ބޭނުންކޮށްގެން އެ އަވަށްތަކުން ފަސްތީނުގެ މީހުން ފައްސާލުން އެ ޕްލޭންގައި ހިމެނެ އެވެ.

ދައިރު ޔާސީން އަވަށުގައި ހަގަނާއިން ހިންގި ގަތުލުއާންމެއްގައި ފަލަސްތީނުުގެ އެތައް ބަޔަކު މަރާލާފައި

ޕާޕޭ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްލޭންޑީގެ ދަށުން ތަންފީޒުކުރި މައިގަނޑު އަނިޔާވެރި ޖަރީމާތަކުގެ ތެރޭގައި ހިމެނެނީ:

  • އަވަށްތައް ވަށާލުމާއި ބޮންއެޅުން: ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ބިރުދައްކައި ހިފުން.

  • ގެދޮރު އަންދާލުމާއި ތަންތަން ގޮއްވުން: ފަލަސްތީނު މީހުންގެ ގެދޮރާއި މުދާ އެއްކޮށް ހަލާކުކޮށްލުން.

  • ގަދަކަމުން މީހުން ބޭރުކުރުން: ފަލަސްތީނުގެ އަވަށްތަކުގެ އަހުލުވެރިން އެމީހުންގެ ބިމުން ނެރެ، ސަރަހައްދީ ރޮގުން ބޭރަށް ފައްސާލުން.

  • އެނބުރި އައުމަށް ހުރަސްއެޅުން: ބޭރުކޮށްލާ މީހުންނަށް ދެވަނަ ފަހަރަށް އެމީހުންގެ ގެދޮރަށް ނާދެވޭނެހެން، ހަލާކުކޮށްފައިވާ އިމާރާތްތަކުގެ ތެރޭގައި މައިން ވަޅުލުން.

މި އަމަލުތައް މިގޮތަށް ރޭވިގެން ހިންގުމުގެ ސަބަބުން ފަލަސްތީނު މީހުން ގައުމު ދޫކޮށް ދިޔައީ އަމިއްލައަށް ކަމަށް ބުނެ ޒަޔަނިސްޓުން ދައްކަމުންދާ ވާހަކައަކީ ބޮޑު ދޮގެއް ކަމަށް ޕާޕޭ ފޮތުގައި ލިޔުއްވާފައިވެ އެވެ. ޕްލޭން ޑީގެ ރަސްމީ ލިޔެކިޔުންތަކުން ސާބިތުވަނީ ފަލަސްތީނުގެ މީހުން އެ މީހުންގެ ވަޒަންދޫކޮށް ދާން ޖެހުނީ ހަނގުރާމައެއްގެ އާންމު ހާލަތުގައި ނޫންކަމާއި މިއީ ވަރަށް ފުރިހަމައަށް ރާވައި އިންތިޒާމުކޮށްގެން ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމެވެ.

'ދައިރު ޔާސީން' ފަދަ ފަލަަސްތީނުގެ ރައްޔިތުންގެ އަވަށްތަކުގައި ހަގަނާއިން ހިންގި ގަތުލުއާންމުތަކަކީ މި ޕްލޭންގެ ދަށުން ގަސްތުގައި ރާވައިގެން ހިންގި ޖަރީމާތަކެއްކަން ފޮތުން ސާބިތުކޮށްދެ އެވެ.

އދ.ގެ ގޯހާއި ބޮޑު ބޭއިންސާފު

މި ފޮތް ކިޔަމުން ދިޔައިރު ފާހަގަކޮށްލެވުނު އަނެއް ކަމަކީ އދ. އިން މި މައްސަލައިގައި ހެދި ބޮޑެތި ގޯސްތަކެވެ. ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ޒަޔަނިސްޓުން ހިންގަން ފެށި އަނިޔާވެރި އަމަލުތަކުގެ ފެށުން ގުޅެނީ 1947 ވަނަ އަހަރު އދ. އިން ފާސްކުރި ގަރާރު 181 ނުވަތަ ފަލަސްތީނު ދެ ދައުލަތަކަށް ބައިކުރުމުގެ ޕްލޭންއާ އެވެ.

އެ ގަރާރުގެ ދަށުން ފަލަސްތީނުގެ އާބާދީގެ ތިންބައިކުޅަ އެއްބައިގެ ގޮތުގައި ތިބި ޔަހޫދީންނަށް މުޅި ފަލަސްތީނުގެ ބިމުގެ %56 ދިނެވެ. އެކަމަކު، އޭރު ޔަހޫދީންގެ މިލްކިއްޔާތުގައި އޮތީ ފަލަސްތީނުގެ ބިމުގެ އެންމެ %6 އެވެ. 

މި ފޮތުގައި އދ. އިން ހެދި ގޯސްތައް ވަރަށް ބޮޑަށް ބުނެދީފައިވޭ: ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް ގާއިމްކުރަން އދ. އިން ފާސްކުރި 181 ގަރާރަކީ ބޭއިންސާފެއް ކަމަށް ޕާޕޭގެ ގޮތުގައި ލިޔުއްވާފައިވޭ

މިއީ އިންތިހާއަށް ބޭއިންސާފު ނިންމުމެއްކަން ޕާޕޭ ފާހަގަކުރައްވާފައިވެ އެވެ. އެއަށްވުރެ ހިތާމަވެރި ކަމަކީ، އިނގިރޭސިން ފަލަސްތީނުން ފޭބުމުގެ މާ ކުރިން ޒަޔަނިސްޓުން ނަސްލު ނައްތާލުމުގެ ޖަރީމާތައް ފެށިއިރުވެސް، އދ. އިން އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނާޅައި ބަލަން ތިބުމެވެ.

އަރަބި ގައުމުތަކުގެ ބޭވަފާ އާއި އަމިއްލަ އެދުން

ދެން މި ފޮތުން ފާހަގަވަނީ އަވަށްޓެރި އަރަބި ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ވެފައިވާ ބޮޑު ބޭވަފާތެރިކަމުގެ ވާހަކަ އެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ 1948 ގައި އަރަބި ގައުމުތަކުން ފަލަސްތީނު ސަލާމަތްކުރަން ވަރުގަދަ ހަނގުރާމައެއް ކުރި ކަމަށެވެ. ނަމަވެސް ޕާޕޭ ހާމަކުރައްވާ ގޮތުގައި އެއީ އޮޅުމެކެވެ.

ފުރަތަމަ ކަމަކަށް، އުރުދުންގެ ރަސްގެފާނު އަބްދުﷲ އާއި ޒަޔަނިސްޓުންގެ ވެރިންނާ ދެމެދު ސިއްރު އެއްބަސްވުމެއް ވެފައިވާކަން ފޮތުގައި ތަފްސީލުކޮށްދީފައިވެ އެވެ. އެ އެއްބަސްވުމުގެ ދަށުން، އޭރު މެދުއިރުމަތީގައި އޮތް އަސްކަރީ ގޮތުން އެންމެ ވަރުގަދަ އުރުދުންގެ ފައުޖުތަކުން ޔަހޫދީ ދައުލަތް އުފެއްދުމަށް ހުރަސްނާޅަން ނިންމި އެވެ. އޭގެ ބަދަލުގައި އުރުދުންއިން ހުޅަނގު އައްސޭރި ހިފުމުގެ ފުރުސަތު ހޯދި ކަމަށް ޕާޕޭ ލިޔުއްވާފައިވެ އެވެ.

ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހަގަނާއިން ހިންގި އެކި ޖަރީމާތަކުގެ ފޮޓޯ ފޮތުން

މީގެ އިތުރުން، އެހެން އަރަބި ގައުމުތަކުގެ އަސްކަރިއްޔާތަކުން ވެސް ހަރަކާތްތެރިވީ ފަލަސްތީނު މީހުން ސަލާމަތްކުރުމަށްވުރެ ބޮޑަށް އަމިއްލަ ސިޔާސީ މަގުސަދާއި މަންފާ ނެގުމަށް ކަމަށް ޕާޕޭ ސިފަކުރައްވާއިފެ އެވެ. އެގޮތުން އޭނާ ލިޔުއްވާފައިވާ ގޮތުގައި:

  • މިސްރުގެ ބޭނުން: މިސްރުން ހަނގުރާމައިގެ ތެރެއަށް ވަނީ ފަލަސްތީނު މީހުންނަށް ހަމްދަރުދީވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި މިސްރުގެ މައިގަނޑު ބޭނުމަކަށްވީ، އުރުދުންއިން ފަލަސްތީނުގެ ބޮޑު ބައެއް ހިފައިފިނަމަ އަރަބި ދުނިޔޭގައި އުރުދުންގެ ބާރު ގަދަވެދާނެތީ އެކަން ހުއްޓުވުމަށެވެ. އެހެންކަމުން މިސްރުން ބެލީ ގައްޒާ ސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެނެވޭތޯ އެވެ.

  • ސޫރިޔާ އާއި ލުބުނާނުގެ ދައުރު: ސޫރިޔާ އާއި ލުބުނާނުން ވެސް ފޮނުވީ ނިސްބަތުން ވަރަށް ކުޑަ ލަޝްކަރެކެވެ. ޕާޕޭ ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ގައުމުތަކުން ހަރަކާތްތެރިވީ ހަމައެކަނި އެ ގައުމުތަކުގެ އާންމު ރައްޔިތުންނަށް، އެމީހުން ކަމެއް ކުރާކަން ދެއްކުމަށްޓަކައި "މަންޒަރު ދެއްކުމުގެ" ގޮތުންނެވެ.

އަރަބި ލަޝްކަރުތަކުގެ މެދުގައި އެއްވެސް އެއްބައިވަންތަކަމެއް ނުވަތަ ގުޅިގެން މަސައްކަތްކުރުމުގެ ރޭވުންތެރިކަމެއް ނެތެވެ. ކޮންމެ ގައުމަކުން ވެސް ބެލީ އަނެއް ގައުމަށް ވުރެ ކުރިއަރައި އަމިއްލަ ފައިދާއެއް ހޯދޭތޯ އެވެ. މީގެ ނަތީޖާއަކަށްވީ ޒަޔަނިސްޓުންނަށް ފަލަސްތީނު މީހުން ނެރެލުމުގެ މަސައްކަތް އެއްވެސް ހުރަހަކާ ނުލައި ފަސޭހައިން ކުރިއަށް ގެންދެވުމެވެ.

އަދުގެ ހާލަތާއި މި ފޮތް

މި ފޮތް ކިޔާ ނިންމާލިއިރު އެއްކަމެއް ސާފުވި އެވެ. އިޒްރޭލް އުފައްދާފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ލެޔާއި ފުރާނަ އާއި މުދަލުގެ މަތީގަ އެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންގެ ލެއިން ތައްތެޅިފައި އޮތް ދައުލަތެކެވެ. މިހާރު ވެސް އެ ދައުލަތް ދެމެހެއްޓުމުގެ އަގަކީ ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއްގެ ފުރާނަ އެވެ. ޕާޕޭ ލިޔުއްވާފައިވާ ފަދައިން، "އިޒްރޭލުން ހިންގީ ހަނގުރާމައެއް ނޫނެވެ. އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެކެވެ." މިހާރު ވެސް އެކަން ހިނގަނީ އެގޮތަށެވެ.

ބެން ގޫރިއަން ފަދަ ލީޑަރުންގެ އިރުޝާދުގެ ދަށުން ޒަޔަނިސްޓު އިދާރާތަކުން މަސައްކަތްކުރީ "މީހުން މަރާ މެޝިނެއް" ގެ ގޮތުގަ އެވެ.

މިއަދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ބަލާއިރު ވެސް މިއީ ހައްދުފަހަނަޅާފައިވާ ދީނީ އަދި ސިޔާސީ ފިކުރުތައް ކޮންޓްރޯލެއް ނެތި ދޫކޮށްލުމުން ނުކުންނަ ހިތާމަވެރި ނަތީޖާކަން ޕާޕޭގެ މި ފޮތުގައި ލިޔުއްވާފައިވާ ވާހަކަތަކުން ކަށަވަރުކޮށްދެ އެވެ. މިއީ ފަލަސްތީނާއި-އިޒްރޭލުގެ މައްސަލައިގެ ތާރީހާއި ހަގީގަތްތައް އޮޅުންފިލުވަން ބޭނުންވާ ކޮންމެ މީހަކު ވެސް ކިޔާލުން މުހިންމު ފޮތެކެވެ.

އިލާން ޕާޕޭއަކީ ކާކު؟

އިލާން ޕާޕޭ

އިލާން ޕާޕޭ އަކީ އިޒްރޭލަށް އުފަން، އެހެން ނަމަވެސް އިޒްރޭލުން ގެންގުޅޭ ރަސްމީ ތާރީހީ ރިވާޔަތްތަކާ ފާޅުގައި ދެކޮޅުހައްދަވާ މަޝްހޫރު ތާރީހު ދިރާސާކުރައްވާ ބޭފުޅެކެވެ. އިޒްރޭލުގެ ހައިފާ ޔުނިވަސިޓީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު، އޭނާގެ ހިޔާލުތަކާއި ލިޔުއްވުންތަކާ ގުޅިގެން ކުރިމަތިވި ފިއްތުންތަކާހެދި ގައުމު ދޫކުރައްވައި، މިހާރު އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެކްސެޓާ ގެ ޕްރޮފެސަރެކެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރައްވާ، އަދި "އާ ތާރީހުވެރިންގެ" ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅާ އެވެ.


ކޮމެންޓް (2)

އަހްމަދު

7 މާރިޗު 2026
1948ގައި އުރުދުންގެ ރަސްގެފާނަކަށްހުރީ އަބްދުﷲ އެއްނޫން. އަބްދުﷲގެ ބައްޕަ ކިންގ ހުސައިން.
0 0

އިސްމާއީލް

5 މާރިޗު 2026
ވަރަށް ނުހިންމު ތާރީޚީ ދިރާސާއެއް. ކޮންމެ މުސްލިމަކު ދެނެގަންނަން ކޮންމެހެން ބޭނުން ތެދުމައުލޫމާތުރަކެއް. މިހާރުގެ ކިޔަވާކުދިންނަށް އެގެންގެހޭ ތެދު މައުލޫމާތް. ޢިލްމީފޮތެއް. ޝުކުރިއްޔާ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް