ކުރީގެ އެކި މިނިސްޓަރުކަން ކުރެއްވި އުމަރު ޒާހިރު
އުމަރު ޒާހިރު: ޚިދުމަތްތެރިއެއް އެކަންޏެއް ނޫން، ޝަހުސިއްޔަތު ވެސް އެހާމެ ވަރުގަދަ
ދަރިވަރުން ހިމޭންވެ އެވެ. ކުޅުންތެރިން ބިރުގަނެ އެވެ. މުވައްޒަފުން ސަމާލުވެ އެވެ. އާންމުން ޖެހިލުންވެ އެވެ.
އެ މަނިކުފާނު ފެނުމުން ވެސް އެއީ އާދައިގެ ޝަހުސިއްޔަތެއް ނޫންކަން އެނގި ސާބިތުވެ އެވެ. ހިންގަވާފައި ވަޑައިގަންނަވާ ގޮތުން ވެސް، ބެލުމުގައި އެ ހުންނަ ތޫނުފިލިކަމުން ވެސް، ބަސް މަދުވެފައި އަމަލު ގިނަވުމުގެ ރީތި ސިފައިން ވެސް، އެއީ މި ގައުމުގައި ދެން ފެންނަން ތިބި 'އޭރުގެ ވަރުގަދަ، ހީވާގި، ކަމަށްކަމޭ ހިތުމާއި، ބުރަވިޔަސް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ގަބޫލުކުރި ދިވެހި ޖީލު'ގެ މަދު ބޭފުޅުންގެ ތެރެއިން އެކެއް ކަމާ މެދު ޝައްކެއް ނެތެވެ.
އުމުރުފުޅުން 85 އަހަރުގައި، ކޮވިޑް-19ގެ އާލާސްކަންފުޅުގައި މިއަދު އަވަހާރަވީ ކުރުކޮށް މި ސިފަކޮށްލި ދިވެހި ދަރި އެވެ: އުމަރު ޒާހިރެވެ. ކުރުކޮށް ވެސް އަދި ދިގުކޮށް ވެސް އަހަރެމެން އެންމެން އެ ބޭފުޅަކަށް މުހާތަބުކުރާ އުމަރު ޒާހިރެވެ.
އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި ވެސް ދެއްކެވީ ގައުމަށް ހިދުމަތްކުރުމަކީ އަދި މަސައްކަތެއް ހަމަކުރުން ނޫންކަމެވެ. މަސައްކަތެއް ކުރުވަންޏާ، އެކަމެއްގައި އެ މީހަކު ވެސް ޝާމިލްވެ ހުންނަން ޖެހޭ ކަމެވެ. އެއީ މި ޒަމާނުގެ ޓެކްނޮލޮޖީ އާއި އިލްމާއި ހޭލުންތެރިކަމާއި ތަމްރީންގެ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން އުމަޒު ޒާހިރުގެ ހިދުމަތްތައް، އެ މަނިކުފާނުގެ އަމަލްފުޅުތައް، ނިންމެވުންތައް، ބަލަން ޖެހޭނީ އޭރުގެ ހާލަތުންނެވެ.
ގައުމީ ޚިދުމަތަށް ނުކުންނެވީ ފުރާއުމުރުގަ އެވެ. މިހާރުގެ ގާނޫނު ބުނާ ގޮތުން ނަމަ އެއީ އޭރު އަދި ކުޑަކުއްޖެކެވެ. އުމުރުފުޅުން ގާތްގަނޑަކަށް 15 އަހަރެވެ. ހަރުވި ވަރަކަށް، ޒުވާންވި ވަރަކަށް، އަމިއްލަފުޅު ސިފަތައް އާންމުންނަށް ފެނުނީ ޝަހުސެއްގެ ގޮތުގަ އެވެ. މަޖީދިއްޔާގެ ހެޑްމާސްޓަރުކަން 1970ގެ އަހަރުތަކުގައި ކުރެއްވުނީ، އޭރުގެ ދަރިވަރުންގެ ކަންކަމުގައި އުޅުއްވާނެ އެވަރުގެ އެހެން ބޭފުޅަކު ސަރުކާރަށް ވެސް ނުފެނިގެންނެވެ. އެހެންކަމުން ތަރުބިއްޔަތާއި ތައުލީމުގެ ތެރެއަށް ދަރިވަރުން ވެއްދުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރި މަޖީދިއްޔާގެ ދަރިވަރުންނަށް، އެ ހެޑްމާސްޓަރަކީ 'ކުޅޭކުޅޭ މީހަކަށް' ނުވި އެވެ. މުވައްޒަފުންނަށް އެއީ ސަމާލުކަން ނުދީ، ޖެހިލުންނުވެ، ދޫކޮށްލެވޭނެ ވެރިޔަކަށް ވެސް ނުވި އެވެ. މުވައްޒަފުންނަށް ދަސްވީ ވަޒީފާ އަދާކުރަންޏާ ރަނގަޅަށް އެކަން ކުރާށެވެ. ދަރިވަރުންނަށް ވިސްނުނީ ތަރުބިއްޔަތާއި ތައުލީމު ލިބޭނީ ވަކި އުސޫލުތަކަކަށް ތަބާއަވެގެން ކަމެވެ.
ހަވާލުކުރި ކޮންމެ ކަމެއް ފަރުވާތެރިކަމާ އެކު
މި ޖީލުގެ މީހުންނަށް އުމަރު ޒާހިރުގެ ހަނދާންތައް އަންނާނީ ބޮޑު ވޯކިޓޯކީއެއް ކަހަލަ މުވާސަލާތީ އާލާތެއް ހިއްޕަވައިގެން އަބަދުވެސް ހުންނަވަނިކޮށެވެ. އެކަމަކު އެއީ މިހާރުގެ ބައެއް ޒުވާނުން ދެއްކުންތެރިކަމުގެ ގޮތުން ގެންގުޅޭ ޒަމާނީ މޮބައިލް ފޯނުތައް އަތުގައި އޮންނަ ގޮތަށް، ދައްކާލަން ގެންގުޅުއްވި އެއްޗެއް ނޫނެވެ: އެއީ މާލޭގެ އެކި ހިސާބުތަކުގައި ހޯމް މިނިސްޓްރީން، މާލޭ މުނިސިޕަލްޓީން، އަދި ފަހުން ކޮންސްޓްރަކްޝަން އާއި ޕަބްލިކް ވާކްސް މިނިސްޓްރީން ކުރިއަށް ގެންދާ ތަފާތު މަސައްކަތްތަކުގައި އުޅޭ މީހުންނަށް ކޮންމެ ވަގުތަކު ވެސް ގުޅޭނެ ވަސީލަތެވެ.
މާލޭގެ ކުނި، މާލޭގެ ކުނިގޮނޑަށް އުކައިގެން ހައްލުނުވާނެ ކަން އެނގިވަޑައިގަތުމުން، ތިލަފަޅަށް ވަޑައިގެން، ކުނިން ހިއްކަން ފެށީ ތިލަފުއްޓެވެ. އެ މަނިކުފާނު ހުންނެވީ އިސްކޮށެވެ. އެ މަނިކުފާނު އެތަނަށް ފުރަތަމަ ދުވަހެކޭ އެއްގޮތަށް، ދާދި ފަހަކާ ޖެހެންދެން ވެސް ވަޑައިގަތެވެ.
މި ރިޕޯޓް ލިއަން މިއިނީ ހުޅުމާލޭގަ އެވެ. އެކަމަކު 1990ގެ އަހަރުތަކުގެ ފަހުކޮޅު މިއީ މަޝްހޫރު ފަރުކޮޅުފުށި ރިސޯޓްގެ ފަޅެވެ. މިތަން މިވަރުގެ ބޮޑު ސިޓީއަކަށް، ޒަމާނީ އުމުރާނީ ތަރައްގީގެ ބޮޑު ރަށަކަށް ވާނެއެކޭ، އޭރު އާންމު ދިވެހިންގެ ހިތަކަށް ވެސް ނާރާނެ އެވެ: އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ކެބިނެޓްގައި ތިއްބެވި ޒަމާނީ ޒުވާން މިނިސްޓަރުންނާއި އުމަރު ޒާހިރު ކަހަލަ ތަޖުރިބާކާރު، ދުރު ވިސްނޭ ބޭފުޅުންގެ ތަސައްވުރުމުގައި މިހާރުގެ ހުޅުމާލޭގެ ސިފަތަކެއް ވާނެ އެވެ. ކުޑަކުޑަ ކޮންނަ ބޯޓެއްގައި، ނިސްބަތުން ކުޑަ ހޮޅިތަކެއް ބޭނުންކޮށްގެން މިތަން ހިއްކުމުގެ މަގުސަދަކީ، ފުރިފައި އޮތް މާލޭގެ ހާސްކަން ކަނޑުވާލައި، މާލެ ކަހަލަ އެހެން ސިޓީއެއް އުފަންކުރުމެވެ.
އެ ހުޅުމާލެ އުފަންވީ އުމަރު ޒާހިރުގެ އަމަލީ މަސައްކަތާއި ވަގުތާއި ބެއްލެވުމުގެ ތެރެއިންނެވެ.
އަޅުގަނޑަށް އުމަރު ޒާހިރު އެންމެ ބޮޑަށް އެނގެނީ ކުޅިވަރު މިނިސްޓަރެއްގެ ހައިސިއްޔަތުންނެވެ. ކުޅިވަރު ނޫސްވެރިއެއްގެ ގޮތުން 1989ގެ ފަހުކޮޅު ލިއަން ފެށިއިރު، އޭރު ވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އޮތް މިނިވަން ނޫސްވެރިކަމުގެ ބޭނުން ހިފުނެވެ. އަޅުގަނޑުގެ ބައެއް ލިއުންތަކާ ބައެއް ފަހަރަށް ވަރަށް ކޯފާއިސްވެ ހުންނަވައިގެން ވެސް، އަނެއް ބައި ފަހަރަށް އުފާވެރި ހިނިތުންވުމާ އެކު ވެސް، ބައްދަލުކުރައްވަ އެވެ. މަސައްކަތުގެ އަގު ވަޒަންކުރައްވަ އެވެ.
އޭރު، 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު، ކުޅިވަރު މުބާރާތްތަކުގައި އަހުލާގީ ގޮތުން ފާޑުފާޑެއް ނުކުރެވޭނެ އެވެ. ދަނޑަށް އަރަން ޖެހޭނީ އެ އޮންނަ އުސޫލެއްގެ ތެރެއިންނެވެ. މިހާރުގެ ގޮތަށް އިސްތަށިގަނޑު ދިގުކޮށް އުޅުމަކީ، އޭރުގެ މުޖުތަމައުއަށް 'ގަބޫލުކުރެވޭ ވަރަށް ވުރެ އަހުލާގީ ގޮތުން ދަށް ކަންކަމެ'ވެ. އެހެންކަމުން އާންމު ދިވެހިންނަށް ވުރެ ޒަމާނީ ޒުވާނުން ޖެހޭނީ، ދަނޑަށް ނުކުންނަ ކަމަށް ވަންޏާ ބޯކޮށާށެވެ.
އުމަރު ޒާހިރަކީ ރާއްޖޭގެ ކުޅިވަރުގެ ފުރަތަމަ މިނިސްޓަރެވެ. މި ބަދަލު މައުމޫންގެ ކެބިނެޓަށް 1988 ގައި ގެންނެވި އިރު ކުޅިވަރު ހިންގަމުން އައީ ހޯމް މިނިސްޓްރީގެ ދަށުން ވަކި ޑިވިޒަނެއްގެ ގޮތުންނެވެ. ޒުވާން އިރު ކުޅިވަރު ކުޅުއްވި އަދި ކުޅިވަރުގެ އަހުލާގު ވެސް ދަސްކުރެއްވި މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ކުޅިވަރަށް ވަރަށް ބޮޑެތި ބަދަލުތައް އަ އެވެ.
ގަލޮލު ދަނޑުގެ ހުޅަނގު ފަރާތުގައި ގޮނޑި ޖަހަން ހަދާފައި ހުރި މަދު ސިޑިބަރިތަކެއް ފިޔަވައި، ދަނޑުގެ ވަށައިގެން ކުޅިބަލަން މީހުން ތިބެނީ ކޮޅަށެވެ. ދަނޑާއި ކުޅިބަލާ މީހުން ވަކިކުރަން ވަށައިގެން ހުންނަނީ ރޯނު ދަމައިފަ އެވެ. އެކަމަކު ފުޓްބޯޅަ މުބާރާތުގައި ދަނޑު ފުރިބާރުވެ އެވެ. އެހެންކަމުން ޖާގަ ބޮޑުކޮށޤ، ހަމަޖެހިލައިގެން ކުޅިބަލަން ތިބެވޭނެ ގޮތަށް ގަލޮޅު ދަނޑު ތަރައްގީކުރަން ސަރުކާރުން ނިންމި އެވެ. ވަށައިގެން ބޮޑު ސިޑިބަރިތައް ހެދީ އުމަރު ޒާހިރު އިސްކޮށް ހުންނަވަ އެވެ. އެ ސިޑިބަރިތައް ވެސް ކުޅިބަލާ މީހުންތަކުން ފުރާލި އެވެ. ޓިކެޓް ވިއްކައިގެން ލިބޭ ގޭޓް ފައިސާއޭ މި ކިޔާ އާމްދަނީ އެންމެ ބޮޑަށް ވަދެފައި ހުންނާނީ އެ މަނިކުފާނުގެ ދަށުގައި ކުޅިވަރު އޮތް ދުވަސްވަރު އެވެ. މިހާރު ވެސް ގަލޮޅު ދަނޑުގައި އެ ހުރީ 1980ގެ އަހަރުތަކުގެ މެދުތެރެ އާއި ފަހުކޮޅު ހެދި ސިޑިބަރިތަކެވެ.
ފުޓްބޯޅައިގެ ލޯބިން ކަރުނަ އެޅި ދުވަސް
ސްރީ ލަންކާގެ ފުޓްބޯލް އެސޯސިއޭޝަންގެ އޭ ޓީމު، މިހާރު ނަމަ ސްރީ ލަންކާގެ ގައުމީ ޓީމު، 1980ގެ އަހަރުތަކުގެ ކުރީކޮޅު ގަލޮޅު ދަނޑުގައި ރާއްޖެ 7-0 އިން ބަލިކުރި އެވެ. އޭގެ ފަހުން 1984 ގައި ސްރީ ލަންކާގައި 5-0 އިން ބަލިކުރި އެވެ. އެކަމަކު ދެން އައީ ފުޓްބޯޅަ ކުރިއަށް ދެމިގަތް އަހަރުތަކެވެ. ގައުމީ މުބާރާތުގެ އިތުރުން އެފްއޭ ކަޕް، އޭގެ ފަހުން ޕޮމިސް ކަޕް، ތައާރަފުވީ، އުމަރު ޒާހިރުގެ ބެލުމުގެ ދަށުންނެވެ. އެހާ ހިސާބުން ލަންކާގެ މައްޗަށް ރާއްޖޭގެ ފުޓްބޯޅަ ކުރި ހޯދުމުގެ ބަދަލުތައް އަ އެވެ. އަދި އެ ހިސާބުން ސަރަހައްދުގައި ރާއްޖެއަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ވި އެވެ.
ދެން އައީ 1991ގެ ކޮލަމްބޯ ސާފް ގޭމްސް އެވެ. ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ލަންކާ އާއި ނޭޕާލް ބަލިކޮށް ފައިނަލަށް ރާއްޖެ ދިޔަ އެވެ. އުމަރު ޒާހިރުގެ ވެސް އެންމެ ބޮޑު އުއްމީދަކީ ރަން މެޑެލް ހޯދުމެވެ. އެކަމަކު އެ ފަހަރުގެ ފައިނަލްގައި ޕާކިސްތާން އަތުން 2-0 އިން ބަލިވީ އެވެ. އެ ބަލިވުމުން އެ މަނިކުފާނުގެ ހަނދަމަފުޅުން ފޮހެވިގެންނެއް ނުދެ އެވެ.
ދެން އައީ އެއްވެސް މީހަކު ހީނުކޮށް ތިއްބާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ދިޔަ ދުވަހެވެ. ނޭޕާލުގައި 1997 ގައި އޮތް މުބާރާތް ކަވަރުކުރަން ދިޔަ ދިވެހި ހަމައެކަނި ނޫސްވެރިޔަކީ، މި ލިއުންތެރިޔާ އެވެ. ރާއްޖޭގެ ޓީމު ފައިނަލަށް ދިއުމުން، އޭރުގެ ކުޅިވަރު މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އާއި އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރު ވެސް، ކަތަމަންޑޫއަށް ވަޑައިގަތެވެ.
އެއީ ކަރުނައިގެ ދުވަހެކެވެ. ގައުމީ ޓީމު ތިބި ހޮޓަލުގައި ކުޅުންތެރިންނާ ބައްދަލުކުރައްވައި، އުމަރު ޒާހިރު އުއްމީދުގެ ވާހަކަފުޅު ދެއްކެވީ، ފާޑަކަށް ކީރިތިކުރައްވަމުންނެވެ. ލޮލުން ކަރުނަފޮދު ފެނެ އެވެ. ސަރަހައްދުގެ ރަން މެޑެއްޔަކަށް (ފުޓްބޯޅައިން ރަން މެޑެލް ވާހަކަ އައީ ސާފް ގޭމްސްގެ ފައިނަލަށް ދިޔަ ހިސާބުންނެވެ. މެޑެލް ގުނަނީ ސާފް ގޭމްސް ފަދަ ގޭމްސްތަކުގަ އެވެ. ސާފް ޗެމްޕިއަންޝިޕަކީ ހަމައެކަނި ފުޓްބޯޅަ މުބާރާތް ކަމުން، އަސްލު އެއީ ޗެމްޕިއަންކަން ހޯދުމެވެ.) ކުރެއްވި އުއްމީދު 1991 ގައި ވެސް ފުރިހަމަނުވި ކަމަށް ވިދާޅުވި އެވެ. އެކަމަކު 'މާދަމާގެ ފައިނަލުން މޮޅުވާނެ ކަމަށް އުއްމީދުކުރަން' ކަމަށް ވިދާޅުވީ އާދޭހެއްގެ ގޮތުގަ އެވެ.
އެ އުއްމީދު ވެސް ދިޔައީ ހާސިލްނުވެ އެވެ. އެކަމަކު މިނިސްޓަރުކަމުން ވަކިވެވަޑައިގެން ދައުލަތުގެ ހިދުމަތްތެރިއެއްގެ ގޮތުގައި ހުންނެވި އިރު 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިތަން ދެކެވަޑައިގަތެވެ. މެޗުތައް ބެއްލެވި އެވެ. އުއްމީދު ފުރިހަމަވުމުގެ އުފާ ހޯއްދެވި އެވެ.
އެންމެ ފަހުގެ ހަދިޔާ، މިސްކިތެއް
އަވަހާރަވުމުގެ ދެ ހަފުތާ ކުރިން އުމަރު ޒާހިރު ހުންނެވީ ފުވައްމުލަކުގަ އެވެ. ކުރިން ނަމަ ބިޔަ ރާޅުތަކާ ހެދި އަރައިފޭބުން އުނދަގޫ ރަށުގައި ޒަމާނީ ބަނދަރު ހެދިއިރު، ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވީ އެ މަނިކުފާނެވެ. އެ މަޝްރޫއު ކުރިއަށް ދިޔަ އިރު އެ ރަށަށް ވަރަށް ގިނައިން ވަޑައިގަތެވެ. އަދި ރަށުގެ ބައެއް މީހުންނާ ވަރަށް ބޮޑު ގުޅުމެއް ވެސް އުފެދުނެވެ.
ފުނާޑު އަވަށުގެ ބަޔަކު އެ މަނިކުފާނުގެ އަރިހުން އެދުނީ އެ އަވަށުގައި ހުރި 100 މީހުންގެ ޖާގައިގެ 'މަސްޖިދުއް ސިއްދީގު' ބޮޑުކޮށްދިނުމަށެވެ.
"މިސްކިތް ކުޑަވުމުން އެ ބޭފުޅުން އެދިވަޑައިގަތީ ޖާގަ ތަނަވަސް މިސްކިތެއް ހަދައި ދިނުމަށް. ފަސް މަސް ދުވަހުގެ ތެރޭގައި އާ މިސްކިތެއް މި އިމާރާތް ކުރެވުނީ،" އުމަރު ޒާހިރު، 'މިހާރު'އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އެކަން ކޮށްދެއްވީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އާއިލާ އާއި ބައެއް ގާތް މީހުންގެ އެހީތެރިކަމާ ވެސް އެކު އެވެ. މިހާރު އެއީ 300 މީހުންގެ ޖާގައިގެ އާ މިސްކިތެކެވެ. ހުޅުވުން އޮތީ 2 ޑިސެމްބަރުގަ އެވެ.
އެއީ ނިޝާން އިއްޒުއްދީންގެ ޝަރަފު ލިބިވަޑައިގެން ހުންނެވި، ދައުލަތުގެ ޚިދުމަތްތެރިޔާ މީޑިއާއަކަށް ދެއްވި އެންމެ ފަހު އިންޓަވިއު އެވެ.
ފުވައްމުލަކުން ވަޑައިގަތުމާ އެކު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. ހިންގަވަން އުނދަގޫވި އެވެ. ނޭވާ ހާސްވާން ފެށި އެވެ. ޓެސްޓް ހެދުމުން ކޮވިޑް-19 އަށް ޕޮޒިޓވްވި އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ އެ ހިސާބުންނެވެ.
ކޮވީޑް-19ގެ މިދިއަ ދެ އަހަރެއްހާ ދުވަހު އުމަރު ޒާހިރު އުޅުއްވީ ވަރަށް ބޮޑަށް ރައްކާތެރިވެގެންނެވެ. މީގެ ތިން ދުވަސް ކުރިން އާއިލާގެ ބޭފުޅަކު 'ދައުރު'އަށް ވިދާޅުވީ މިސްކިތަށް ވަޑައިގަންނަވަން ފެއްޓެވީ ވެސް މާލޭގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވުމުން ކަމަށެވެ. އެއީ ވެސް ހަމައެކަނި ފަތިސްނަމާދަށެވެ.
އެކަމަކު އެ މަނިކުފާނު އަވަހާރަވާން މި މެދުވެރިވީ ގަރުނެއްގެ ތެރޭގައި ވެސް ދުނިޔެ ދުށް އަދި މިހާރު ވެސް އެއިން ސަލާމަތްނުވެވިގެން އުޅޭ ކޮވިޑް-19 އެވެ.
މިއީ ހިތާމައިގެ ގައުމީ ދުވަހެކެވެ. ގައުމީ ހިދުމަތުގެ ޖީލުގެ އެންމެ ފަހު އެއް ޝަހުސިއްޔަތުގެ ވަދާއީ ދުވަހެވެ. އެކަމަކު ގައުމީ ވަރަށް ގިނަ ސަފުހާތަކެއްގައި އުމަރު ޒާހިރުގެ ނަންފުޅު ވަނީ ލިޔެވިފަ އެވެ.
ހަނދާން ނެތިގެންނުދާނެ، ފޮހެވިގެން ނުދާނެ ފަދަ ދެއްޔަކުންނެވެ.
ކޮމެންޓް (1)
ކިޔުންތެރިޔާ