ވައި ނޭޝަންސް ފެއިލް ފޮތް: ގައުމުތައް ފަގީރުވުމާއި މުއްސަނދިވަނީ ކީއްވެކަން ބުނެދޭ އަދި ރާއްޖޭގެ ހާލަތާ ގުޅުވާލެވޭ

ފޮތް ރިވިއު

ފޮތެއްގެ ހިޔަލުން: ރާއްޖެއަށް މިވާ ގޮތާއި ގައުމުތައް ހަލާކުވަނީ ކީއްވެ؟

މައްސަލައަކީ މި ގައުމު ކުޑަވުންތަ؟ ނުވަތަ ސިޔާސަތުތަ؟
22 ފެބްރުއަރީ 2026
3

އަބަދުވެސް ހިޔާލުގައި އޮވެ އެވެ. ބައެއް ގައުމުތައް މުއްސަނދިވެފައި، އަނެއް ބައި ގައުމުތައް ފަގީރުވަނީ ކީއްވެ ހެއްޔެވެ؟

މަޝްހޫރު އިގްތިސާދީ މާހިރުން ކަމަށްވާ ޖޭމްސް އޭ ރޮބިންސަން އާއި ޑެރޮން އަސެމޮގްލޫ ލިޔުއްވާފައިވާ 'ވައި ނޭޝަންސް ފެއިލް' (ގައުމުތައް ފެއިލް ވަނީ ކީއްވެ؟) މި ފޮތް ކިޔާ ނިމުނުއިރު ބައެއް ގައުމުތަކުގެ އިގްތިސާދީ ނިޒާމުތައް ފެއިލްވެ ފަގީރުކަމާއި ދައްޗާއި ތުރާލުގައި ހޭދަކުރަން ޖެހޭ ސަބަބުތައް ބުނެދެ އެވެ.

މިއީ ތާރީހީ ގޮތުން އެތައް ހާސް އަހަރެއްގެ ވާހަކަ ކިޔައިދޭ، މައުލޫމާތު މުއްސަނދި ފޮތެކެވެ.

މި ފޮތުގައި މުސައްނިފުންގެ މައިގަނޑު ބަހުސަކީ ގައުމެއް މުއްސަނދިވުމާއި ފަގީރުވުމުގައި އެ ގައުމެއް އޮންނަ ސަރަހައްދު ނުވަތަ ޖިއޮގްރަފީ އާއި ސަގާފަތަކީ މުހިންމު އެއްޗެއް ނޫން ކަމަށެވެ. މުއްސަނދިންނާއި ފަގީރުން ވަކިކޮށްދޭ ހަމައެކަނި އެއްޗަކީ އެ ގައުމެއްގެ "އިންސްޓިޓިއުޝަންސް" ނުވަތަ މުއައްސަސާތައް ބައްޓަންވެފައިވާ ގޮތެވެ.

ދެކުނު އެމެރިކާގެ އިސްތިއުމާރީ ތާރީހާއި އިނގިރޭސިވިލާތުގެ އިންގިލާބާއި ބޮޓްސްވާނާގެ ޖަވާހިރު ވިޔަފާރީގެ ވާހަކަތައް ކިޔަމުން ދިޔައިރު، އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ނަމެކެވެ. އެއީ ރާއްޖެ އެވެ. ފޮތުގައި ސީދާ ރާއްޖޭގެ ވާހަކަ ލިޔެފައި ނެތް ކަމުގައި ވިޔަސް، މިއީ ހަމަ އަހަރެމެންގެ ވާހަކަ އެވެ. ރާއްޖޭގެ އިގްތިސާދާއި ތާރީހާއި ފަތުރުވެރިކަމާ އަދި އަހަރެމެންގެ ނާޒުކު ޑިމޮކްރަސީއަށް ބަލާއިރު މި ފޮތުގައިވާ ވާހަކަތައް ހީވަނީ އަހަރެމެންނަށް ހާއްސަ ކޮށްފައިވާ "ފްރޭމްވޯކް"އެއް ހެންނެވެ.

މައިގަނޑު ހިޔާލު: ޝާމިލުވާ ނިޒާމާއި ފެލައިލާ ނިޒާމު

މި ފޮތުގެ މައިގަނޑު ތިއަރީ ވަރަށް ސާދާ އެވެ. ގައުމެއް ކާމިޔާބުވަނީ އެ ގައުމެއްގައި "އިންކްލޫސިވް އިންސްޓިޓިއުޝަންސް" ނުވަތަ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ، އާ ހިޔާލާތާއި އުފެއްދުންތަކަށް ޖާގަދޭ، އަދި އެ މީހަކު ކުރާ މަސައްކަތުން މަންފާ ލިބޭނެ ފަދަ ޤާނޫނުތަކާއި އުސޫލުތައް ހުރެގެންނެވެ. ގައުމުތައް ފެއިލް ވަނީ ނުވަތަ ހަލާކުވެގެން ދަނީ "އެކްސްޓްރެކްޓިވް އިންސްޓިޓިއުޝަންސް" ނުވަތަ މަދު ވެރިންތަކެއްގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ގިނަ ރައްޔިތުންގެ އަތުން މުއްސަނދިކަން "ފެލައިލާ" ނިޒާމެއް އޮތުމުންނެވެ.

މުސައްނިފުން ލިޔުއްވާފައިވެ އެވެ:

"މިއަދު ގައުމުތައް ފެއިލްވަނީ އެ ގައުމުތަކުގެ އިގްތިސާދީ ނިޒާމަކީ މަދު ބަޔަކަށް މަންފާވާ ގޮތަށް (އެކްސްޓްރެކްޓިވްކޮށް) ފަރުމާކޮށްފައިވާ ނިޒާމުތަކަކަށް ވާތީ އެވެ. މިފަދަ ނިޒާމުތަކުގައި ރައްޔިތުންނަށް އުފެއްދުންތެރި މަސައްކަތް ކުރުމަށާއި އިންވެސްޓް ކުރުމަށް ބޭނުންވާ ހިތްވަރެއް ނުލިބެ އެވެ. އަދި ސިޔާސީ ނިޒާމު އޮންނަނީ މި ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކުގެ ބާރު ދެމެހެއްޓުމަށްޓަކައި އެ މީހުން ހިމާޔަތްކޮށްދޭ ގޮތަށެވެ."

ޒަމާނުއްސުރެ ރާއްޖެއާ މެދު ދެކެމުން އައީ އަހަރެމެންނަކީ ވަސީލަތްތައް މަދު ކުދި ރަށްތަކަކަށް ވުމުން އަބަދުވެސް ތިބެން ޖެހޭނީ ފަގީރުކޮށް ކަމަށެވެ. ނުވަތަ މިއީ "ސުވަރުގެއެއް" ފަދަ ތަނަކަށް ވުމުން އަހަރެމެން ތިބެންވާނީ މުއްސަނދިކޮށެވެ. ނަމަވެސް "ވައި ނޭޝަންސް ފެއިލް"ގައި ބުނަނީ، ކަމެއް ހިންގާނޭ ގޮތުގެ "ހަމަތައް" ނުވަތަ "ރޫލްސް އޮފް ދަ ގޭމް" އޮތީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފަރުމާކޮށްފައި ކަމަށްވާ ނަމަ، ގުދުރަތީ ވަސީލަތްތަކުން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

ރިސޯޓް މަހުޖަނު އަދި ގެސްޓްހައުސް ހިންގާ މީހާ

މި ހިސާބުން ދިވެހިންނަށް މި ވާހަކަ މާ ބޮޑަށް އިހުސާސް ވާނެ އެވެ.

އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމަކީ "އެކްސްޓްރެކްޓިވް" ނުވަތަ މަދު ބަޔަކަށް މަންފާވާ ނިޒާމެއްގެ ފުރިހަމަ މިސާލެކެވެ. "ވަން އައިލެންޑް ވަން ރިސޯޓް" ސިޔާސަތު ބޭރު ފުށުން ފެންނަނީ ވަރަށް ރީތިކޮށެވެ. ނަމަވެސް އިގްތިސާދީ ގޮތުން ބަލާއިރު، މިއީ ސިޔާސީ ބާރުވެރިކަން އޮންނަ މަދު މަހުޖަނުންތަކެއް މުޅި އިގްތިސާދު ކޮންޓްރޯލް ކުރުމަށް ދަމަހައްޓާފައިވާ ނިޒާމެކެވެ.

ރަށްރަށުގެ ރީތިކަމާއި ފަޅުތަކާއި ފަރުތަކުގެ ރީތިކަން ބޭނުންކޮށްގެން މިލިއަން ޑޮލަރުން އާމްދަނީ ހޯދި ނަމަވެސް އެ ފައިސާ ދަނީ މަދު ބަޔަކަށެވެ. ރިސޯޓާ ޖެހިގެން އޮންނަ ރަށުގައި ދިރިއުޅޭ ރައްޔިތު މީހާއަށް ލިބޭ މަންފާ ގިނަ ފަހަރު މަދެވެ. ނުވަތަ ނުވެސް ލިބެ އެވެ. އެވަރުން ނުވެގެން ކައިރި ފިނޮޅު ވެސް ޓޫރިސްޓުން ދަތުރު ގެންދަން ރިސޯޓުން ކުއްޔަށް ނަގައި އާންމުން އެރުން މަނާކުރެ އެވެ. އާންމު ދިވެހި މީހާ ވަނީ އަމިއްލަ އިގްތިސާދުގައި ކުޅިބަލަން ތިބޭ ބަޔަކަށެވެ.

ނަމަވެސް 2009 ހިސާބުގައި އައި "ގެސްޓްހައުސް އިންގިލާބު"ވީ، މި ފޮތުގައި ބުނާ ފަދަ "އިންކްލޫސިވް" ނުވަތަ ބައިވެރިވުން އޮތް ބަދަލަކަށެވެ.

ކ. މާފުށި، އއ. ތޮއްޑޫ، ނުވަތަ އދ. ދިގުރަށް ފަދަ ރަށްރަށުގެ އާއިލާތަކަށް ކުއްލިއަކަށް އިގްތިސާދުގެ ތެރެއަށް ވަދެވުނެވެ. ވިޔަފާރިއެއް ފަށަން މިލިއަނުން ޑޮލަރާއި ސަރުކާރުގެ ހާއްސަ ހުއްދައެއް ބޭނުމެއް ނުވި އެވެ. ބޭނުންވީ ހަމައެކަނި ހުސް ކޮޓަރިއަކާއި އަމިއްލަ ހިތްވަރެވެ.

މީގެ ނަތީޖާއަކީ؟ މިއަދު އެ ރަށްރަށުން އިގްތިސާދީ ތިޔާގިކަން ފެންނަމުން ދިޔުމެވެ. މާލެއަށް ބަރޯސާވެ، ނިދާފައި އޮތް ރަށްރަށުގައި ކެފޭތަކާއި ޑައިވް ސެންޓަރުތަކާއި ބުރިބުރިއަށް ނަގާފައިވާ އިމާރާތްތައް ފެންނަން ފަށައިފި އެވެ. މިއީ އިގްތިސާދީ ބައިވެރިވުން ލިބުމުން އަންނަ ތަރައްގީ އެވެ.

ވެރިމީހާ ބަދަލުވިޔަސް އުސޫލުތައް ބަދަލުނުވުން

މި ފޮތުގައި އުސޫލުތަކާ މެދު ނުރައްކާތެރި އިންޒާރެއް ވެސް ދީފައިވެ އެވެ. އެއީ "އަޔަން ލޯ އޮފް އޮލިގާކީ" އެވެ. މީގެ މާނައަކީ، ގިނަ ފަހަރަށް އާ ލީޑަރުން އައިސް ހުދުމުހުތާރު ވެރިކަން ވައްޓާލި ނަމަވެސް، ވެރިކަމަށް އައުމަށް ފަހު އެ މީހުން ވެސް ބޭނުންކުރަނީ ހަމަ ކުރީގެ ހުދުމުހުތާރު ވެރިން ބޭނުންކުރި "ފެލައިލާ" ނިޒާމެވެ. ބަދަލުވަނީ ހަމައެކަނި ވެރިމީހާ އެވެ. ނިޒާމު އޮންނަނީ ހަމަ އެގޮތަށެވެ.

"ތާރީހަކީ ބަދަލު ނުކުރެވޭނެ އެއްޗެއް ނޫނެވެ... ނަމަވެސް އެންމެންގެ ބައިވެރިވުން އޮންނަ މުއައްސަސާތައް އުފެއްދުމަކީ ވަރަށް ނާދިރު ކަމެކެވެ. އާންމުކޮށް ކަން ހިނގާ ގޮތަކީ މަދު ބަޔަކަށް މަންފާވާ ގޮތަށް ނިޒާމު ދެމިއޮތުމެވެ،" ފޮތުގައި މުސައްނިފުން ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް 2008އަށް ފަހު އަންނަން ފެށި ބަދަލުތަކުން މިއީ ވަރަށް ތެދު ވާހަކައެއް ކަމުގެ އިހުސާސް ކުރެވެ އެވެ. އެތައް ރައީސުންނަކާއި ޕާޓީތަކެއްގެ ވެރިކަން އައިސް ގޮސްވި ނަމަވެސް މުއައްސަސާތައް ބަދަލުވި ހެއްޔެވެ؟

  • ޝަރުއީ ނިޒާމު އަދިވެސް ގިނަ ރައްޔިތުންނަށް ފެންނަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި

  • ސަރުކާރު ކުންފުނިތައް، އެސްއޯއީތައް އަދިވެސް ބޭނުންކުރަނީ ސިޔާސީ ވަފާތެރިކަން ހޯދުމަށް ވަޒީފާ ބެހުމަށް

  • މާލެއަށް ބާރުތައް ޖަމާވެފައި އޮތުމުގެ ސަބަބުން، ކަމެއް ކުރަން ބޭނުން ނަމަ އަދިވެސް "ދަންނަ މީހެއް ކައިރީ ބުނެގެން ނޫނީ" ކަމެއް ނުވޭ

ފޮތުގައި ބުނާ ގޮތުން ނަމަ، ވެރިކަމުގައި ތިބޭ ފަރުދުންނަށް ވުރެ މުއައްސަސާތަކުގެ ބާރު ގަދަ ނުކުރެވޭހާ ހިނދަކު، އަހަރެމެން ތިބޭނީ ހަމަ މި ބުރުގެ ތެރޭގައި އެނބުރި އެނބުރި އެވެ. މޫނުތައް ބަދަލުވާނެ އެވެ. އެކަމަކު ފެލައިލާ ނިޒާމު ދެމިއޮންނާނެ އެވެ.

އުފެއްދުންތެރިކަން މަރާލުން

މި ފޮތުން ތައާރަފްކުރި އެންމެ ޝައުގުވެރި އެއް ފަލްސަފާއަކީ "ކްރިއޭޓިވް ޑިސްޓްރަކްޝަން" ނުވަތަ އުފެއްދުންތެރިކަން ހަލާކުކުރުމެވެ. މީގެ މާނައަކީ އިގްތިސާދެއް ކުރިއަރާނީ މުސްކުޅި ގޮތްތައް ނެތިދާން ޖާގަދީ، އާ ކަންކަމަށް ފުރުސަތު ދީގެންނެވެ.

ނަމަވެސް މައްސަލައަކީ، ނުފޫޒުގަދަ ވެރިން ނުވަތަ އެލީޓްސް މިކަމަށް ނަފްރަތު ކުރުމެވެ. ސަބަބަކީ އާ ކަންކަމުގެ ސަބަބުން އެ މީހުންގެ މޮނޮޕޮލީ ނުވަތަ ވިޔަފާރީގެ ކޮންޓްރޯލް ގެއްލޭތީ އެވެ.

ރާއްޖޭގައި މިކަމުގެ މިސާލު ވަރަށް ގިނައިން ފެނެ އެވެ. މީގެ އަހަރުތަކެއް ކުރިން ޓެކްސީ އެޕްލިކޭޝަންތައް ތައާރަފުކުރުމުން ޓެކްސީ ސެންޓަރުތަކުން އެކަމާ ދެކޮޅުހެދި އެވެ. ބޮޑެތި ރިސޯޓް އޯނަރުން ގެސްޓްހައުސްތަކާ ދެކޮޅަށް، އެއީ "ރާއްޖޭގެ ބްރޭންޑް ހަލާކުކޮށްލާ" ކަމެއް ކަމަށް ބުނެ ވާހަކަ ދެއްކި ތަން ފެނުނެވެ. ހަގީގަތުގައި އެ މީހުން ބިރުގަންނަނީ ވާދަވެރިކަމާ އެވެ. ވިޔަފާރީގެ ތެރެއަށް ވާދަވެރިކަން އަންނާތީ އެވެ.

ކާމިޔާބު ގައުމެއް ނަމަ، މުސްކުޅި ގޮތްތައް ދޫކޮށް އާ ގޮތްތަކާއި ހިޔާލުތަކާއި އުފެއްދުންތެރި ވިސްނުންތަކަށް ޖާގަ ދޭނެ އެވެ. ހަލާކުވެފައިވާ ގައުމުތަކުގައި، އާންމު ރައްޔިތުންނަށް ގެއްލުން ވިޔަސް، ސަރުކާރުން މުއްސަނދި ވިޔަފާރިވެރިންގެ "މުސްކުޅި ގޮތްތައް" ހިމާޔަތް ކޮށްދޭނެ އެވެ.

'ވައި ނޭޝަންސް ފެއިލް'އަކީ ބައެއް ފަހަރު ތަކުރާރުކޮށް އެއް ވާހަކައެއް ދައްކާ ފޮތެއް ކަމަށް ހީވެދާނެ އެވެ. އަދި ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަން ފަދަ ބައިނަލްއަގްވާމީ ނުފޫޒުތަކުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރާ އަސަރު މި ފޮތުގައި މާ ބޮޑަށް ބުނެދީފައެއް ނެތެވެ.

ނަމަވެސް، ރާއްޖޭގައި ކަން ހިނގާ މަގާއި މިވާ ގޮތް ދެނެގަތުމަށް މިއީ ކޮންމެހެން ކިޔަން ޖެހޭ ފޮތެކެވެ. މި ފޮތް ކިޔުމުން އެނގެނީ އަހަރެމެންގެ ތަރައްގީއަކީ ހަމައެކަނި ބޮޑު ބްރިޖެއް އެޅުން ނުވަތަ އިތުރު ފަޅެއް ހިއްކުން ނޫން ކަމެވެ. އެއީ ތަރައްގީގެ ނިޝާންތަކެވެ.

ހަގީގީ ތަރައްގީއަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ޒުވާނާއަށް ވެސް މާލޭގެ ބޮޑު ގެދޮރުވެރިއެކޭ އެއްވަރަށް ސިޔާސީ އަޑު އުފުލުމުގެ ހައްގާއި އިގްތިސާދީ ފުރުސަތުތަކާއި ގާނޫނީ ރައްކާތެރިކަން ލިބުމެވެ.

އަހަރެމެން ކާމިޔާބުވާނީ އެ އުސޫލާއި ހައްގުތައް ހިމާޔަތްކޮށް ނަގަހައްޓާނޭ މުއައްސަސާތައް އުފެއްދިގެންނެވެ. ހަމައެކަނި މުއްސަނދިންނާއި ބާރުގަދަ މީހުން ހިމާޔަތްކުރާ ނިޒާމެއް ގާއިމުކޮށްފި ނަމަ ވާނެ ގޮތަކީ މި ފޮތުގެ ސުރުހީގައި އެބުނާ ގޮތަށް، 'ގައުމުތައް ހަލާކުވުމެ'ވެ. ފޭލްވުމެވެ.

ކޮމެންޓް (3)

8742

23 ފެބްރުއަރީ 2026
ބްރޯ މަމީ ކަލޯނަމަ ތިޔަކިޔާ އޮފީސްތައް ރަގަޅަށް އަޅާ ކިޔާލާނަން ބަޔަކު ގެނެސް. އާންމު މީހާއާ އެކްސްޕާޓުން އެއްތަނަކަށް ގެނެސް
1 0

ކޮސް

22 ފެބްރުއަރީ 2026
މަވެސް މިފޮތް ކިއިން. ތެދަށް ބުނާނަމަ ދިވެހިރާއްޖެ ފެއިލްވީ މައުމޫނުގެ 30 ދިގުތިރީސް އަހަރުގެ ވެރިކަން ދިޔަގޮތުން. ވެރިމީހާއަށް ހުރިހާކަމެއް އެނގި އެފަރާތަށް ސަނާކިޔާ ބަޔަކު ތިބީމަ. އަދިވެސް ދިވެހިންގެ ވަރަށް ގިނަ ބައެއްގެ ވިސްނުންހުރީ އެހެން. ތިމާއަށް ކަމެއް ރަނގަޅުވީމަ އޯކޭވުން. ޢެހެންނޫންނަމަ މުއިއްޒަށް ސަނާކިޔާ ބަޔަކު ނުތިބޭނެ. ރައްޔިތުންގެ ބާރުތައް ކަނޑާލީމަ އެންމެން ނިކުމެ އެހެން ނުހެދޭނެކަމަށް ބުނަންވާނެ. އެއީ ވެރިމީހާއާއި ބަޣާވާތް ކުރުމެއްނޫން.ވެރިމީހާއަށް އަތްލެވޭ ހިސާބަކާއި އަތްނުލެވޭ ހިސާބެއް އޮންނަކަންވެސް ޤަބޫލުނުކުރާ އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު ތިބީމަ. ކުރިއަށްއޮތް ވޯޓަކީ މުއިއްޒު ހަމަމަގަށް އަޅުވަން ލިބޭނެ ފަހި ފުރުސަތެއް.
6 4

ހާރީ

23 ފެބްރުއަރީ 2026
@ކޮސް ކޮސް ނުގޮވަ ބަލަ. ރާއްޖޭގެ ހަގީގީ ވެރިންނަކީ މާލޭ ބިންވެރިން. އޭގެ ތެރޭގައި ރާއްޖެތެރޭ މީހުންވެސް ހިމެނޭ. ރިސޯޓް އޯނަރުންވެސް ހިމެނޭ. ވެރިންގެ މާނައަކީ ފުޅާ ފުން އެއްޗެއް. ޒިންމާއެއް ހަވާޅު ކުރެވިފައިވާ ކޮންމެ މީހެއް. މުދާވެރި ކޮންމެ މީހެއް. އެއެްމި މީހެއްގެ ބޮލަށް ކަނޑާ ނުލެވޭނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް