ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޗައިނާގެ އާ އަހަރާ އެކު ޓޫރިޒަމަށް އާ ދިރުމެއް
ޗައިނާގެ އާ އަހަރާ ދިމާކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް މި ވަނީ ދިރުމެއް އައިސްފަ އެވެ. ޗައިނާގެ އާ އަހަރުގެ ޗުއްޓީއާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ. އާ އަހަރު މި ފެށީ ފަތުރުވެރިކަމުގެ ސިނާއަތަށް އީދެއް ގެނައުމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ބުނީ އެ އެއާލައިންގެ ފްލައިޓްތައް ދުއްވުމުގައި އިއްޔެއަކީ އާ ރެކޯޑެއް ކަމަށެވެ.
ޗައިނާ މާކެޓު އަނެއްކާ ވެސް އެއްވަނައިގައި
ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވަނީ ބާރުބޮޑުވެފަ އެވެ. އެގޮތުން، އިއްޔެ އަކީ ޓީއެމްއޭގެ ދިގު ތާރީހުގައި ވެސް އެންމެ ގިނަ އޮޕަރޭޝަންތައް ހިންގި ދުވަހެވެ.
ޓީއެމްއޭއިން ބުނީ އިއްޔެ އެކަނިވެސް އެ އެއާލައިނުން ވަނީ:
-
7,000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދީފައި
-
800 އަށްވުރެ ގިނަ ދަތުރު (ޓޭކް-އޮފް އަދި ލޭންޑިންގް) ހަދާފައިވޭ
އެ ރެކޯޑާ އެކު ޓީއެމްއޭން ބުނީ ގިނަ އަދަދެއްގެ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދިނުމުގެ ގާބިލުކަން އެ އެއާލައިންގައި އެބަހުރި ކަމަށެވެ. އަދި މިއީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތާއި ޓީމުތަކުގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ ނަތީޖާ ކަމަށް ވެސް ބުންޏެވެ.
ޗައިނާ މާކެޓު އަނެއްކާ ވެސް އެއްވަނައިގައި
މި އަހަރުގެ މިހާތަނަށް، 16 ފެބްރުއަރީއާ ހަމައަށް، ތަފާސްހިސާބުތަކުން ދައްކަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އޮތީ ޗައިނާ ކަމަށެވެ. އެެގޮތުން:
-
ޗައިނާ: 54,172 ފަތުރުވެރިން (ޖުމްލަ ޓޫރިސްޓުންގެ %14.7)
-
ރަޝިއާ: 41,708 ފަތުރުވެރިން (ޖުމްލަ ޓޫރިސްޓުންގެ %11.3)
-
އިޓަލީ: 36,418 ފަތުރުވެރިން (ޖުމްލަ ޓޫރިސްޓުންގެ %9.9)
މިއީ ޗައިނާގެ އާ އަހަރާ ދިމާކޮށް ޗައިނާ މާކެޓުން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ފަތުރުވެރިކަމުގެ އާންމު ހާލަތު ކިހިނެއް؟
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފެބްރުއަރީ މަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 144,619 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.8ގެ ކުރިއެރުމެކެވެ.
މި މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަސްތަކަށް ބަލާލާއިރު:
-
ފެބްރުއަރީ 14 (ހޮނިހިރު): 11,136 ފަތުރުވެރިން
-
ފެބްރުއަރީ 15 (އާދީއްތަ): 10,922 ފަތުރުވެރިން
މި އަދަދުތަކުން އެނގިގެންދަނީ، ޗައިނާގެ އާ އަހަރުގެ ޗުއްޓީއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބި، ސިނާއަތް އާ އުސްމިންތަކަކަށް ވާސިލުވަމުންދާ ކަމެވެ.