ޕެންޝަން ބޯޑްގެ މެންބަރުން: ސަރުކާރު ބޮންޑު ގަތުމުގެ މުއާމަލާތުގެ މައުލޫމާތު ފޮރުއްވި

ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން ދެއްކީ ހޮޅި ވާހަކަ؛ ފަންޑު ނުރައްކަލެއްގެ ތުންފަތްމަތީ

ހުރިހާ ވެސް މައްސަލައަކީ ޕެންޝަން ފަންޑުގެ މުއާމަލާތުގެ ސަބަބުން 2.4 ބިލިއަން ރުފިޔާ އިތުރަށް އިގްތިސާދުގެ ތެރެއަށް ނުކުމެ އިންފްލޭޝަން އިތުރުވެ ދިވެހި ރުފިޔާގެ އަގު ވެއްޓުން
4 ފެބްރުއަރީ 2026
6

ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރާތީ އިގްތިސާދީ ދާއިރާގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޕެންޝަން ފަންޑުން ބަޔާނެއް ނެރެ ބުނީ ހާސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

އެ އޮފީހުން ދެއްކި ބަހަނާއަކީ، ޕެންޝަން ފަންޑުގައި އޮތް ސަރުކާރުގެ ބޮންޑު ދެވަނަ ފަހަރަށް ވިއްކާލީ ގެއްލުން ނުވާނޭ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އެ މުއާމަލާތުގެ ތަފްސީލެއް ނުދީ ސަބަބެއްގެ ގޮތުގައި ބުނީ ފިނޭންސް މިނިސްޓްރީ ހުށަހަޅާފައި އޮތް ބޮންޑަކީ ޑޮލަރުން ވެސް އާމްދަނީ ލިބޭ ބޮންޑަކަށް ވުމުން ފަންޑަށް ބޭރު ފައިސާއިން އާމްދަނީ ލިބި ވަރުގަދަވާނޭ ކަމަށެވެ.

އެކަމަކު މުޅި މުއާމަލާތަށް ބެލުމުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. 

ގޯހަކީ އެމްއެމްއޭ ވަނުން

އެ މުއާމަލާތުގެ މައްސަލައިގައި ޕެންޝަން ބޯޑުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ޕަބްލިކް ފައިނޭންސިން އާއި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސަރުވަޝް އާދަމް މިއަދު ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ގޮތަށް ސަރުކާރުގެ ބޮންޑެއް އާންމު މާލީ ބާޒާރަށް އަލުން ވިއްކައިގެން ފައިސާ ހޯދުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު، މައްސަލަ ކުރިމަތިވަނީ  އޭނާ ވިދާޅުވީ އެމްއެމްއޭން އެ ބޮންޑް ގަންނާތީ ކަމަށެވެ.

ލިބޭ ފައިދާއަށް ވުރެ ގެއްލުން މުސްތަގުބަލުގައި ބޮޑުކޮށް މި ފެންނަނީ މި މުއާމަލާތުން. ވަރަށް ރިސްކު ބޮޑު މުއާމަލާތެއް މިއީ. އިގްތިސާދީ ބޮޑެތި އިމްބެލެންސްތަކެއް އަންނާނެ ކަމެއް މިއީ.

ސަރުވަޝް އާދަމް / ޕެންޝަން ބޯޑުގެ ކުރީގެ މެންބަރު

އެމްއެމްއޭން ބޮންޑު ގަތުމުގެ މާނައަކީ ސަރުވަޝް ވިދާޅުވި ގޮތުގައި މިހާރު ދައުރުވާ ރުފިޔާގެ ތެރޭގައި ނެތް އާ ރުފިޔާ ދައުރުވާ ފައިސާގެ ތެރެއަށް ނެރުން ކަމަށެވެ. ކުރުކޮށް ބުނާ ނަމަ ފައިސާ ޗާޕް ޖެހުމެވެ. 

ސަރުވަޝް އާދަމް މީގެ ކުރިން ފޯރަމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

"ކަނު ބަދެގެން ތިބެ އެއް އޮފީހުން ކުރި މުއާމަލާތަށް ބަލައިގެން މި މުއާމަލާތް ރަނގަޅު ކަމަށް ބުނެވޭ ވަރަށް ވުރެ ބޮޑު މުއާމަލާތެއް މިއީ. ޕެންޝަން ފަންޑުގެ ބޮންޑު ގަތީ އެމްއެމްއޭ ކަމަށްވުން މީގެ މައްސަލައަކީ. އާންމު ބާޒާރުގައި މާލީ އިދާރާއަކުން އެޖެންސީއަކުން ނޫން މި ބޮންޑު ގަނެގެން މި އުޅެނީ. އެމްއެމްއޭން މި ދެނީ ފައިސާ ޕެންޝަން އޮފީހުގެ ބޮންޑު ގަތުމުގެ ނަމުގައި،" ސަރުވަޝް ވިދާޅުވި އެވެ.

އެ ހިސާބުން ވިސްނަން ޖެހޭނީ ދައުރުވާ ރުފިޔާ އިތުރުވެ ކުރިމަތިވާން ހުރި ނުރައްކާތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އާ ބޮންޑުން ބޭރު ފައިސާގެ އާމްދަނީ ފަންޑަށް ލިބޭނޭ ކަމަށް އެކަނި ބަލައިގެން މުއާމަލާތަށް ބޯޑުން އާ އެކޭ ބުނުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއްކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ ދައުރުވާ ފައިސާގެ ތެރެއަށް ރުފިޔާ އިތުރުވުމުން ތަކެތީގެ އަގު އުފުލޭނޭ މިންވަރާއި ދިވެހި ރުފިޔާގެ އަގު ވެއްޓޭނޭ ވަރަށް ބަލަން ޖެހޭ ކަމަށެވެ.

"ލިބޭ ފައިދާއަށް ވުރެ ގެއްލުން މުސްތަގުބަލުގައި ބޮޑުކޮށް މި ފެންނަނީ މި މުއާމަލާތުން. ވަރަށް ރިސްކު ބޮޑު މުއާމަލާތެއް މިއީ،" ސަރުވަޝް ވިދާޅުވި އެވެ. 

"އިގްތިސާދީ ބޮޑެތި އިމްބެލެންސްތަކެއް އަންނާނެ ކަމެއް މިއީ." 

އޭނާ ވިދާޅުވީ މިހާރު ވެސް އިގްތިސާދުގައި ރުފިޔާ ދައުރުވާ ވަރު އިތުރުވެ ބޭރު ފައިސާގެ ބާޒާރަށް އޮތް ނުރައްކާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ ރޭޓް ހުރީ 20ރ.އަށް އަރައިފަ އެވެ. 

މި މުއާމަލާތާ އެކު އެކަން އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. 

މިއީ މަސައްކަތްތެރިންގެ ފައިސާ ގުރުބާން ކުރުން 

ޕެންޝަން ފަންޑުގެ ބޯޑުން އާ ބޮންޑު ގަތް ރޭޓްތަކާއި އެކަމާ ގުޅޭ ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ. އެ ބޮންޑުގެ މުއާމަލާތުގެ ކަންކަން ދައުލަތަށް ގެއްލުން ނުވާނޭ ގޮތަށް ކުރުމަށް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވި ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވި އެވެ.

ޕެންޝަން ބޯޑްގެ ޗެއާޕާސަންގެ މަގާމުން މިދިޔަ އާްދިއްތަ ދުވަހު އިސްތިއުފާ ދެއްވި، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު އިނާޒަކީ އެކަމަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ. އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ސަރުކާރާ މަޝްވަރާ ކުރައްވައިގެން އާ ބޮންޑަށް އިންވެސްޓްކުރާ ފައިސާއަކީ އުފެއްދުންތެރި ކަމަކަށް ހަރަދުކުރާނޭ ފައިސާ ކަމުގެ ޔަގީންކަން ހޯދުމަށެވެ. އެކަމަކު އެކަން ނުވީ އެވެ.

ޕެންޝަން އޮފީހުގެ ޗެއާމަން އިނާޒު (ފޮޓޯ/ޕެންޝަން އޮފީސް)

ޔަގީންވާ ކަމަކީ ސަރުކާރުން މި ފައިސާ ހަރަދުކުރާނީ ރިކަރަންޓް ހަރަދު ނުވަތަ ސަރުކާރު ހިންގުމުގެ ހަރަދުތައް ފޫބެއްދުމަށެވެ. އިގްތިސާދު ފުޅާވެ ފުދުންތެރިކަން އިތުރުވުމާ ދިމާލަކަށް އެ ފައިސާ ނުދެ އެވެ. 

އެހެންވެ، މިހާރު އޮތް ބިރަކީ ޕެންޝަން ފަންޑުގެ އަގު %30-40 ވެއްޓިދާނެތީ އެވެ. އޭގެ މާނައަކީ އެވްރެޖްކޮށް ކޮންމެ މީހެއްގެ ޕެންޝަން ފަންޑުގައި ހުރި 132،000ރ. އިން 52،000ރ. ގެއްލި، ކޮންެމެ މީހެއްގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު 72،000ރ.އަށް މަދުވުމެވެ.

އެ ހިސާބުތައް އެހެން ފެންނަން އޮތްއިރު ސަރުކާރުން ބުނާގޮތަށް މުއާމަލާތް ހިންގައިގެން ޕެންޝަން ފަންޑަށް ފައިދާ ލިބޭނޭ ކަމަށް ބުނުމަކީ އޮޅުވާލުމެކެވެ.

ކޮމެންޓް (6)

ދޮޅި

5 ފެބްރުއަރީ 2026
ދިވެހިރުިފިޔާގެ އަގު ހިފަހައްޓާ މަނިޓަރީ ސިޔާސަތުތައް އެކަށައަޅާ ތަންފީޒު ކުރުމަކީ ގާނޫނުން އެމްއެމްއޭއާ މަތިކޮށްފައިވާ ކަމެއް. ސުވާލަކީ ދިވެހިފައިސާގެ އަގުވެއްޓި ތަކެތީގެ އަގުއުފުލޭނެ ކަމެއް ކުރުމަށް އެމްއެމްއޭ އިން ބައިވެރިވީ ކީއްވެހޭ. އެމްއެމްއޭ އަކީ މިހާރު ގަވަރނަސްގެ ނިޒާ އެއްކޮށް ނެތިކޮށްލާފައޮތް ތަނަކަށްވެ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާތަނެއް.
1 1

ދަންނާތި

5 ފެބްރުއަރީ 2026
ޕެންޝަން ފަންޑް ގައި ހުރި ފައިސާ އިން މާލެ ސަރަހައްދުން ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެތަނުން ބިން ވިއްކަންވީ ބޭރުގެ އިންވެސްޓަރުންނަށް ޑޮލަރުން އަހަރަށް ބިން އެއިރުން ތިޔާ ފަންޑްގަައި ހުރި ފައިސާ ބޭކާރު ނުވާނެއޭ ރާއްޖެތެރޭ ފަދަ ބޭކާރު އެއްވެސް މުސްތަގްބަލެއް ނެތް ތަނަކަށް ޚަރަދުކޮށްގެން ނުވާނެއޭ މިކަން ދަންނާށޭ...
2 4

ނުދައްކާނެ ވާހަކަ

4 ފެބްރުއަރީ 2026
ޕެންޝަން ފަންޑްގައި އަތް ނުލާ އެމްޑިޕީ އާ ޕީޕީ ނެގި ދަރަނި ދައްކަނި ކިހިނެއް؟ ލަދުންތަ އެވާހަކަ ނުދައްކަން ތިއުޅެނީ؟ ދަރަނިވެރިވީމަ އަތްލަތްވީ މަހު މުސާރައިން ކިރިއާ ކައިގެން އުޅޭ ރައްޔިތުންގެ ފައިސާ ކޮޅުގައި ނޫނީ ރަންބިސް އަޅާ ކުކުޅުގައިތަ؟ ނޯވޭތަންތާގައި އެހާ މުހިއްމު އިންޑަސްޓްރީއެް ވީމާ ތެޔޮ އެއޮންނަނީ ސަރުކާރު އަތުގައި. ސައުދީގަވެސް. އަދި އެނޫން ގައުމުތަކުގައިވެސް. އަމިއްލަ މީހުންނަށް ނުދޭށެކޭ ނޫން. އެކަމަކު މުޅި އިންޑަސްޓްރީ ރައްޔިތުްނގެ ނުވަތަ ސަރުކާރުގެ ހިއްސާ ނެތި މިތަން ވިއްކައިގެން ކާން ދިނީމާ ވާނެ ހެއެތި މިވަނީ. ރާއްޖެ ފަގީރެއްނޫން. ލިބޭ ލާރިއާ އެްއވަރަށް މިއުޅެނީ. މައްސަލައަކި އެލާރި ރާއްޖެއަށް ނުވަނުން. އޭގެ ހިއްސާ ރައްޔިތުންގެ އަތުގައި ނެތުން. ގަޓެއް ހުރިއްޔާ ދައްކަބަލަ
5 7

ހަތަރެސްކަން

4 ފެބްރުއަރީ 2026
@ނުދައްކާނެ ވާހަކަ ދަރަނި ދައްކާނީ ބޭކާރު ޚަރަދު ކުޑަކޮށްގެން، އިސްރާފު ހުއްޓާލައިގެން. ވެރިކަމަށް އައީ ދަރަނި ދައްކަން ހާސްކަމެއް ނެތޭ ފެހިސިގުނަލޭ ކިޔާއިގެން. ފައިސާ ޗާޕުނުކުރާނަމޭ ކިޔާ ވައުދުވެގެން. ވައުދާ އެއްގޮތަށް ވެރިކަން ނުކުރެވެންޏާ އިސްތިއުފާދީފައި ދާންވީ. އެނގިއްޖެ؟
11 1

ހުސެން ސައީދު

4 ފެބްރުއަރީ 2026
@ނުދައްކާނެ ވާހަކަ ޕެންސަން ފަނޑަކީ ސަރުކާރުގެ ލޯން އަދި ހަރަދު ހަމަ ޖައްސަން އޮންނަ އެއްޗެއް ނޫން އެއީ މަސައްކަތްތެރިންގެ ފައިސާ،
13 1

އާމި

4 ފެބްރުއަރީ 2026
ބޮންޑާއި ޓީބިލް އަކީ ދަރަނި. އޭގައި ޙަލާލް އިންވެސްޓެއް ނުކުރެވޭނެ. ސަރުކާރުން ވެސް އަދި ބޮންޑާއި ޓީބިލް ގަންނަ ފަރާތުންވެސް އެކުރަނީ އިސްލާމީ އުސޫލާ ޚިލާފުކަމެއް. އެއީ ރިބާގެ މުޢާމަލާތްތައް. އިންވެސްޓް ކުރަން ޖެހޭނީ ޙަލާލް ވިޔަފާރީގަ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް