ޖަސްޓިސް ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސިވިލް ކޯޓު

ކޯޓު ފީތައް އަތްނުފޯރާ ފަށަށް؛ އިންސާފުގެ ހައްގަށް ހުރަހެއް

ސިވިލް ކޯޓުން މި ފަހުން ކަނޑައެޅި ފީތައް ހުރީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ކޯޓު ފީއަށް ވުރެ ވެސް އަގުބޮޑުކޮށް؛ އެންމެ ބޮޑު ދަތިކަމެއް އުޅެނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދުމުގައި

ކޯޓަށް ދިއުމަކީ އާއްމު ހައްގެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ހައްގުތަކުގެ ބާބުގައި އިންސާފާ ގުޅުން ހުރި މީގެ ކިތަންމެ ހައްގެއް ބަޔާންކޮށްފައިވެ އެވެ. މަދަނީ މައްސަލައެއްގައި ކޯޓަށް ދިއުމާއި، އެފަދަ މައްސަލައެއްގައި މީހަކު ބަންދުނުކުރުމާއި އިސްތިއުނާފްކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އޭގެ އަސާސީ ބައެއް ހައްގުތަކެވެ.

ނަމަވެސް ރާއްޖޭގައި ސިވިލް ކޯޓުގެ ހިދުމަތްތަކުގެ އަގު މިހާރު ހުރީ މާ މަތީގަ އެވެ. އަދުލު އިންސާފަކީ ހަމައެކަނި މުއްސަނދިންނަށް އެކަނި ފޯރުކޮށްދެވޭނެ އެއްޗަކަށް ބަދަލުވަމުން މިދަނީތޯ ސުވާލު އުފެދޭ ހިސާބުގެ އެވެ. 

ސިވިލް ކޯޓަކީ އާންމު ދިރިއުޅުމުގައި ދިމާވާ އެންމެ ބޮޑެތި ހިލާފުތަކަށް ނިޔާ ކަނޑައަޅަން އޮތް ޝަރުއީ ކޯޓެވެ. މަދަނީ އެއްބަސްވުންތަކާއި، ކޮންޓްރެކްޓްތަކާއި ތަރިކަ އާއި އެހެނިހެން މަދަނީ މައްސަލަތައް ބަލަހައްޓާ މައި ކޯޓެވެ. ފީ ބޮޑުވުމުގެ ސަބަބުން އާންމުންނަށް އިންސާފު ލިބުން ދަތިވާން ފެށުމާ ގުޅިގެން ގިނަ ވަކީލުންގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. 

ޔޫރަޕް ބައެއް ގައުމުތަކަށް ވުރެ ބޮޑު

ސިވިލް ކޯޓުން އެންމެ ފަހުން އާންމުކުރި، އަދި މި މަހުން ފެށިގެން އަމަލުކުރަމުންދާ ފީތަކުގެ އަދަދަށް ބަލާއިރު ޑިއު ޑިލިޖެންސްގެ ބޭނުމަށް މައުލޫމާތު ސާފުކޮށްދެނީ ވެސް 500ރ ގެ ފީއަކަށެވެ. 

ޔޫރަޕްގެ ފާހަގަކޮށްލެވޭ ބައެއް ގައުމުތަކުގައި އެއީ:

  • އިނގިރޭސިވިލާތުގައި އެންމެ މަތީ އަގަކީ 11 ޕައުންޑް (ގާތްގަނޑަކަށް 230ރ)

  • އެސްޓޯނިއާގައި އެއީ 13 ޔޫރޯ (ގާތްގަނޑަކަށް 400ރ)

  • ޖަރުމަނުގައި އެއީ 20 ޔޫރޯ (ގާތްގަނޑަކަށް 650ރ)

  • ސްޕެއިންގައި އެއީ އެންމެ 2.5 ޔޫރޯ (ގާތްގަނޑަކަށް 70ރ)

ސިވިލް ކޯޓުގައި މިހާރު އެއްބަސްވުމެއް ރަޖިސްޓްރީކޮށްދެނީ 2,500ރ ގެ ފީއެއް ދެއްކީމަ އެވެ. ޔޫރަޕްގައި އެންމެ އާމްދަނީ ބޮޑު ބައެއް ގައުމުތަކުގައި މިކަމަށް ފީއެއް ނުނަގަ އެވެ.

އެ ގައުމުތަކުގައި ފީ ނަގަނީ އާންމުކޮށް މައްސަލައެއް ރަޖިސްޓްރީކުރުމަށެވެ. އަދި ފީ ކަނޑައެޅުމުގައި ބަލަނީ އެ މައްސަލައެއްގައި ދައުވާ ކުރާ އަދަދަށެވެ. ސިވިލް ކޯޓުން އެ ކަމަށް ވެސް ވަކި ބޮޑު އަދަދުތަކެއް ހުރީ ކަނޑައަޅައިފަ އެވެ. 

އަޅާބެލި ބައެއް ގައުމުތަކުގެ ފަރުދެއްގެ އެވްރެޖް އާމްދަނީ އުޅޭ މިންވަރަކީ:

  • އިނގިރޭސިވިލާތުގައި މަހަކު 3,000 ޕައުންޑް؛ ގާތްގަނޑަކަށް 64,000ރ

  • އެސްޓޯނިއާގައި މަހަކު 1,700 ޔޫރޯ؛ ގާތްގަނޑަކަށް 31,000ރ

  • ޖަރުމަނުގައި މަހަކު 4,250 ޔޫރޯ: ގާތްގަނޑަކަށް 60,000ރ

  • ސްޕެއިންގައި މަހަކު 2,000 ޔޫރޯ؛ ގާތްގަނޑަކަށް 37,000ރ

  • ރާއްޖޭގައި އެވެރެޖް މުސާރައަކީ ގާތްގަނޑަކަށް 10,000ރ

އެންމެ ބޮޑު ތަކުލީފެއް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދަން 

މި މައްސަލާގައި 'ދައުރު'އާ ވާހަކަ ދެއްކެވި ވަކީލުން ފާހަގަކުރެއްވި ގޮތުގައި އަލަށް ކަނޑައެޅި ފީތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ހޯދަން ހިނގާ ހަރަދެވެ. 

މިހާރު ކޯޓުން ކަނޑައަޅާފައިވަނީ ކޮންމެ ސަފްހާއަކަށް 5ރ އެވެ. އޭގެ ސަބަބުން ސަފްހާ ގިނަ ރިޕޯޓްތަކަށް އެތައް ހާސް ރުފިޔާ ހަރަދުކޮށްގެން ނޫނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބޭކަަށް ނެތެވެ. 

ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފްކުރުމަކީ ލިބިދޭ ހައްގެކެވެ. އިސްތިއުނާފް ކުރެވޭނީ މި ރިޕޯޓް ވެސް ލިބިގެނެވެ. ނަމަވެސް ރިޕޯޓް ހޯދަން ހިނގާ ހަރަދު ބޮޑުވެގެން ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރެވި ވެސް އެބަވެ އެވެ. 

"އަޅުގަނޑުގެ ކްލައިންޓެއްގެ ރިޕޯޓް ހޯދަން އެރި 20,000ރ. އެހާ ބޮޑު އަދަދެއް ކިހިނެއް ދައްކާނީ ވެސް އެއް ފަހަރާ?" ވަކީލަކު ވިދާޅުވި އެވެ. 

ވެލާނާގެއަށް ސިވިލް ސާވެންޓުން މަސައްކަތަށް ހާޒިރުވާތަން.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން އަމިއްލަ ބާރު ނުފޯރުވޭ ކަމެއް މެދުވެރިވެގެން ވެސް އިސްތިއުނާފް ކުރުމަށް މި ލިބެނީ 6 މަސް ދުވަހެވެ. ކުރިން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވީ އެ މުއްދަތުގައި އަދަދު ހަމަކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި ހުރިހާ އަޑުއެހުމެއްގެ ޔައުމިއްޔާ އާއި، ހެކިންގެ ހެކި ބަސްތަކާއި އެހެނިހެން ހެކިތަކުގެ ލިސްޓް ވެސް ހިމެނޭނެ އެވެ. އޭގެ ހަރަދު ބޮޑުވެގެން އުޅެނީ އެހެން ވެގެނެވެ.

ވަޒީފާގެ މައްސަލަތަކުގައި ވަކާލާތުގެ ހިދުމަތް ފޯރުކޮށްދެއްވާ ވަކީލެއް ކަމަށްވާ، އައިޝަތު އީމާން ލަތީފް ވިދާޅުވި ގޮތުގައި މައްސަލައެއް އިސްތިއުނާފް ކުރަން ބޭނުންވާ ނަމަ ސިވިލް ކޯޓުން ޕްރިންޓް ކޮޕީ ނަގަން އެބަ ޖެހެ އެވެ. ގިނަ ސަފްހާތައް ވުމުން ހަރަދު ވަރަށް ބޮޑެވެ.

"ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ މައްސަލައެއް މިސާލަކަށް. ހެކީގެ ގޮތުގައި ހުންނާނެ ދާއިމީ ލިސްޓް އާއި ވަގުތީ ލިސްޓް ވެސް. މިއީ ވަރަށް ގިނަ ސަފްހާތައް. އެއިން ރިޕޯޓެއް ނަގަން ބަލާއިރު ވަރަށް ގިނަ ފައިސާ،" އީމާން ވިދާޅުވި އެވެ. 

ޕްރޯބޯނޯ ނުވަތަ އެއްވެސް އަގެއް ނުނަގާ އާންމު މީހަކަށް ވަކާލާތުގެ ހިދުމަތް ފޯރުކޮށްދޭން ބަލާއިރު މިއީ ވަރަށް ބޮޑެތި ހަރަދުތަކެއްގެ ގޮތުގައި އީމާން ވެސް ފާހަގަކުރެއްވި އެވެ. 

ޕްރިންޓް ކޮޕީއެއް ދޫކުރާ ނަމަ ކޯޓުން ވެސް ހަރަދުތަކެއް ހިނގާނެ ކަން އީމާން ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ބަދަލުގައި މުޅި މައްސަލައިގެ ތާރީހު ޑިޖިޓަލްކޮށް ލިބޭނެ ގޮތެއް އޮންނަން ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. 

"ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި އޮވޭ އީ-ކޯޓު ސިސްޓަމް. މުޅި ކޭސް، ފުރިހަމަކުރި އިޖުރާއަތްތައް، އަޑުއެހުންތައް، އަމުރުތައް ހިމެނޭހެން މުޅި ކޭސްގެ ހިސްޓްރީ ޑިޖިޓަލީ ހުންނާނެ އެކްސެސްކުރެވެން،" އީމާން ވިދާޅުވި އެވެ.

ކޯޓު ފީގެ ހަމައެކަނި ބޭނުމަކީ އިދާރީ ކަމަކަށް ކުރަން ޖެހޭ ހަރަދެއް ފޫބެއްދުން އެކަންޏެވެ. އެއީ ދައުލަތަށް އާމްދަނީ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ އެވެ. އެއީ އިންސާފަކީ ކޮންމެ މީހެއްގެ ވެސް ހައްގަކަށް ވާތީ އެވެ. އަދި ރިޕޯޓެއް ދޫކުރުން ފަދަ ވަރަށް އަސާސީ ހިދުމަތްތަކަށް ހަރަދު ކުޑަ ގޮތްތަކެއް ވެސް މި ޑިޖިޓަލް ޒަމާނުގައި ހޯދެން ވާނެ އެވެ.

ކޮމެންޓް (6)

ތެފައާސާ.

28 ޖެނުއަރީ 2026
އަދިވެސް ފީތައް އިތުރުކުރަންވީ. ކޯޓު ފީ، އެޑްމިން ފީ، ޝަރީއަތް އެކްސްޕްރެސް ފީ، ވާނުވާ ނުޖަހާ ފީ، ކުޑަ ހުކުމް ފީ، ގާޒީ ސުޕާރީ ފީ، މިހިރީ ހައްތާވެސް އިތުރަށް ނެގިދާނެ ފީތައް. ޔޫރަޕުގެ ގައުމުތަކުގައި މިކަހަލަ ފީތައް ނުނެގުމަކީ އަހަރެމެންގެ ގައުމުގައި ނުނަގަންވީ ސަބަބެއް ނޫން.
6 1

ހަބީބް

27 ޖެނުއަރީ 2026
ސިވިލް ކޯޓު އެކަންޏެއް ނޫން އިނގޭތޯ. ކްރިމިނަލް ކޯޓުން މަހުލަރު ބަޔާން ދޫކުރަނީ ސަފުހާއަކަށް 5 ރުފިޔާގެ މަގުން. އެ ވަރިހަމަ އީމެއިލް ކުރިޔަސް. މި މީހުނަށް ހީވާކަހަލަ ޝަރީއަތް ހިންގުމަކީ ފައިސާ ހޯދަން ކުރާ ކަމެކޭ.
8 1

ޕްލެޓް

27 ޖެނުއަރީ 2026
މީކީ ނޫސްވެރިކަމެއް ނޫން. ސިޔާސީ މަސައްކަތެއް. ގޯހެކޭ ބުނަނީކީ ނޫން.
1 10

ލޯލި

27 ޖެނުއަރީ 2026
@ޕްލެޓް އަޖައިބެއް. މިއީ ނުު ނޫސްވެރިކަމަކީ. މިކަމަކީ އާންމު އަދުލުވެރިކަމަށް ކިޔާބޮޑު ހުރަހެއް؟ އިސްލާމް ދީނުގައި ވެސް ވެރިކަމަށް އަދި ސަރުކާރުގެ އެކިއެކި ކަންކަމަށް ފާޑު ކިޔުން އޮވޭ. މިއީ އިންވެސްޓިގޭޓިވް އަރޓީކަލްއެއް. ވަރަށް ރަނގަޅު.
12 1

ސަހަރޯ

28 ޖެނުއަރީ 2026
@ޕްލެޓް މިރިޕޯޓް ސިޔާސީވީ ކިހިނެއްކަން ބުނެދީބަލަ.
5 1

ހުސެން ހިތަދޫ

28 ޖެނުއަރީ 2026
@ސަހަރޯ އެއީ ބޮޓުންނަށް ހީވާނީ އަބަދުވެސް ސަރުކާރު ބަދުނާމުވާ ޒާތުގެ ވާހަކައެއް ދެއްކިއަސް ޕާސަނަލް އެޓޭކެއް ހެން، އެހެން ވެފަ އެއޮތީ، މީކީ ސިޔާސީ ލިޔުމެއް ނޫން، ގޯހީ އެ ކޮމެންޓް ލިޔުނުމީހާ ވިސްނުން
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް