ސިވިލް ކޯޓު ކައުންޓަރު ކައިރީގައި މީހަކު ހިދުމަތް ހފައިލް ފޮޓޯ/ސޯޝަލް މީޑިއާ)

ސިވިލް ކޯޓު

ސިވިލް ކޯޓުގެ ހިދުމަތްތަކަށް ނަގާ ފީ ބޮޑުކޮށް ބަދަލުތަކެއް؛ އެއްބަސްވުމެއް ދެން ރަޖިސްޓްރީކޮށްދޭނީ 2500ރ.އަށް

މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން؛ އޭގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކަށް މި އުސޫލުގެ ދަށުން ފީއެއް ނުނަގާނެ

އެއްބަސްވުންތައް ރަޖިސްޓްރީކޮށްދިނުމާއި ތަސްދީގުކޮށްދިނުމުގެ ފީ ބޮޑުކޮށް، ސިވިލް ކޯޓުން ދޭ ހިދުމަތްތަކުން ނަގާ ފީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ހިދުމަތުގެ ފީއަށް މި ބަދަލުތައް ގެންނަން ފާސްކޮށްފައިވަނީ، ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މިދިޔަ ބުދަ ދުވަހު އެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ތަފްސީލް - މިހާރު އަމަލުކުރަމުންދާ ސިވިލް ކޯޓުގެ ހިދުމަތްތަކަށް ފީ ނެގުމުގެ އިދާރީ އުސޫލުގައި އޮންނަގޮތުން، އެއްބަސްވުމާއި ލިޔުން ރަޖިސްޓްރީކުރުން އަދި ތަސްދީގުކުރުމަށް ނަގަނީ 100ރ.ގެ ފީ އެކެވެ.

އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާ އުސޫލުގައި ވާގޮތުން:

  • އެއްބަސްވުމެއް ނުވަތަ ލިޔުމެއް ރަޖިސްޓްރީކޮށްދިނުމަށް - 2500ރ. ފީއެއް

  • އެއްބަސްވުމެއް ނުވަތަ ލިޔުމެއް ތަސްދީގުުކުރުމަށް - 1500ރ.ފީއެއް

  • ޑިއު ޑިލިޖެންސްގެ ބޭނުމަށް މައުލޫމާތު ސާފުކޮށްދިނުމަށް - 500ރ ފީއެއް

  • ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ އިދާރީ ފީ އަށް - 100ރ؛ މި ރިޕޯޓުގެ ޕްރިންޓު ކޮޕީ ނަގާނަމަ ސަފުހާއަކަށް 5ރ

ކޯޓަށް ހުށަހަޅާ ދައުވާ ފޯމާއި ކޯޓު އަމުރާއި ވަގުތީ އަމުރަށް އެދޭ ފޯމު ރަޖިސްޓްރީކުރުމާގުޅޭ ހިދުމަތްތަކުން ނަގާ ފީ އުޅެނީ، 100ރ. އާއި 1000 ދެެމެދުގަ އެވެ.

އެގޮތުން:

  • ތަރިކައިގެ މައްސަލަތަކާއި ވާރިސުން ސާބިތުކުރުމުގެ މައްސަލަތައް ރަޖިސްޓްރީކުރަން - 100ރ

  • އެ ނޫން ދައުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު ރަޖިސްޓްރީކުރަން - 300 ރުފިޔާ

  • ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލުކުރަން ނުވަތަ ބަދަލުކުރަން ހުށަހަޅާނަމަ - 400 ރުފިޔާ

  • ދައުވާކުރާ ފަރާތް ހާޒިރުނުވެގެން ބާތިލުކުރާ މައްސަލަތައް ހުކުމްކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އަލުން ހުށަހަޅަން - ފޯމު ރަޖިސްޓްރީ ކުރުމަށް ނަގާ 400ރ.ގެ އިތުރަށް 1000ރ؛ މިހާރު ނަގަނީ 500ރ، އިތުރު ފީ އެއް ނުނަގާ

  • ވަގުތީ އަމުރެއް ނުވަތަ ކޯޓު އަމުރަކާއެކު މައްސަލައެއް ހުށަހަޅަން - 500 ރުފިޔާ

  • ދައުވާ ހުށަހެޅުމުގެ ކުރިއަށް ހުށަހަޅާ ވަގުތީ އަމުރާއި ކޯޓު އަމުރު ރަޖިސްޓްރީކުރަން - 500 ރުފިޔާ

  • ތަރިކަ އާއި ވާރިސުންގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ރަޖިސްޓްރީ ފީގެ އިތުރުން މައްސަލަ ރައްދުވާ މީހުންގެ ނިސްބަތުން ފޯމާއި ފޯމާއެކުގައިވާ ލިޔެކިއުންތަކުގެ ކޮންމެ ސަފުހާއަކަށް 2 ރުފިޔާ

މީގެ އިތުރުން، މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު ހުށަހަޅާ ރައްދު ދައުވާ އަދި އިތުރު ދައުވާތައް ރަޖިސްޓްރީކުރުމަށް 300ރ.ގެ ފީ އެއް ނަގަން އުސޫލުގައިވެ އެވެ. ހިނގަމުންދާ މައްސަލައިގެ ތެރެއިން ވަގުތީ އަމުރާއި ކޯޓު އަމުރެއް ރަޖިސްޓްރީކުރާނަމަ 200ރ.ގެ ފީއެއް ނަގާނެ އެވެ.

މި އުސޫލުގައި ވާގޮތަށް ހޯދާ ހިދުމަތަކަށް ފީ އެއް ދެއްކުމަށް ފަހު، އެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކޯޓުން ކަނޑައަޅާ އުސޫލުގެ ތެރެއިން ހިދުމަތް ލިބިނުގަތް ކަމުގައިވީނަމަވެސް، ފީ ގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ނުލިބޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

މި އުސޫލުގެ ދަށުން ކޯޓަށް ދައްކަންޖެހޭ އެއްވެސް ފީއެއް ނުދައްކައިފިނަމަ، އެ ފައިސާ ރެކޯޑުކުރަނީ އެ މީހަކު ކޯޓަށް ދައްކަންޖެހޭ ދަރަންޏެއްގެ ގޮތުގަ އެވެ. އަދި، އެއްބަސްވުމާއި ލިޔުން ރަޖިސްޓްރީކޮށްދީ، ތަސްދީގުކޮށްދޭނީ އެކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.

ނަމަވެސް، މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް ރަޖިސްޓްރީކުރުމުގައި މި އުސޫލުގެ ދަށުން ނަގާ އެއްވެސް ފީ އެއް ނުނަގާނެ ކަމަށް އުސޫލުގައިވެ އެވެ.  

ކޮމެންޓް (1)

ސިކުނޑި

16 ޑިސެމްބަރު 2025
ދައުލަތުން ސިވިލް ކޯޓަށް ފައިސާ ނުދެނީތޯ؟ ޓެކްސް ފައިސާއިން ހުރިހާކަމެއް ކުރާ ބަޔަކު ޚިދުމަތްތަކަށް ފީއެއް ނަގައިގެން ނުވާނެ! އެހެންޏާދެން ޝަރީޢަތައްވެސް ފީއެއް ނަގަންވީ ނޫންތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް