15 ސެޕްޓެމްބަރު 2024: މާލެ މަތިން. (ދައުރު ފޮޓޯ)

ރާއްޖެ: ދުނިޔޭގެ ސްޓްރެސްއަށް ފަރުވާއެއް، ދިވެހިންނަށް ބޮލުގެ ރިހުމެއް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވާ ގޮތުގައި ދުނިޔެ ސްޓްރެސްއަށް ދިއުމުން އެކަމަށް އޮތް ފަރުވާއަކީ ރާއްޖެ. ނަމަވެސް އެއީ ބްރޭންޑުކޮށްގެން ޓޫރިސްޓުންނަށް އެކްސްޕޯޓު ކުރާ ރާއްޖެއެއްގެ ވާހަކަ. މިތަނުގައި ގިނަ ދިވެހިންނަށް ދިރިއުޅެން ޖެހެނީ ވަރަށް ސްޓްރެސް ބޮޑު ދިރިއުޅުމެއް

އާ ދުވަހަކަށް މާލެ ހޭލަނީ 'ކައްކަކާކޯ' އަކުން ނޫނެވެ. އަރައިގެން އަންނަ އިރާ އެކު އިވެން ފަށަނީ 'ޕިއްޕިޕީޕީ'ގެ އަޑެވެ. ބަރުގޮނުތަކުގެ ބޮލަށް އުނދަގޫ ލަވައިގެ އަޑު މުޅި ރަށު ތެރޭގައި ހިއްޕާލަ އެވެ.

އެލާމަށް ވުރެ ކުރިން ބައެއް ދުވަސްދުވަހު ހޭލެވޭނީ އެކަހަލަ ކޮންމެވެސް އަޑުފައްގަނޑަކަށެވެ. ނޫނީ ޖެހިގެން ހުންނަ ގޭގައި ދެ މީހަކު ޒުވާބު ކުރާ އަޑަށެވެ. ނީވޭނެ ގޮތެއް ނޯވެ އެވެ. އިމާރާތްތައް މި ހުންނަނީ ޖެހި ފިތިފަ އެވެ. ވަށައިގެން ހުންނަނީ ހުސް ކުޑަދޮރުތަކެވެ. ދުނިޔޭގެ ވައެއް މި ތަނަކުން ނުލިބޭނެ އެވެ. 'ސަންރައިސް' ވިއު އާއި 'ސަންސެޓް ވިއު'އަކީ ބިލާހެކެވެ. މިތަނުގައި ލިބޭނީ ހަމައެކަނި 'ވިންޑޯ ވިއު' އެކެވެ.

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ)

ފެންވަރައިގެން ނަލަހެދިގެން އޮފީހަށް ދާން ގެއިން ނުކުންނަ ތަނުން ނިއްކުރި މައްޗަށް އެ ޖެހީ ފެން ތިއްކެކެވެ. އުނހު، ފެން ކަމެއް ވެސް ޔަގީނެއް ނޫނެވެ. އެކަމަކު އެ ތަހުލީލު ހަދަން މަޑުކޮށްފި ނަމަ އޮފީހަށް ގަޑި ޖެހޭނެ އެވެ. ކުރިމަތިލާން ޖެހޭނީ ވެރިމީހާގެ ސުވާލުތަކާއި ރުޅިވެރިކަމާ އެވެ. ވަޒީފާ ވެސް ގެއްލިދާނެ އެވެ. ކޮންމެ އެއްޗަކަށް ވިޔަސް ނިއްކުރިން އެ ތިކި ފުހެލާފައި ދެން ޖެހޭނީ ދާށެވެ. މާލެ ވެސް އޭނާގެ ފަރާތުން އެދޭ ކަމަކީ އެއީ އެވެ. ސުވާލަކާ ނުލައި، ނިމުމެއް ނެތް ހިދުމަތެވެ. ބަސް މަދުކޮށްފައި ގިނަކުރަންވީ އަމަލެވެ.

މާލޭގެ މަގުތަކުން ހިނގާފައި ތަނަކަށް ދާ ނަމަ ބޮލުގެ ފަހަތުގައި ވެސް ލޮލެއް ހުންނަން ޖެހެ އެވެ. އަތުގައި އޮންނަ ފޯނާއި ކޮނޑުގައި އޮންނަ ދަބަހުގެ 'ވެރިމީހާ' އައިސް އެ ޖަހައިގަންނާނީ ކޮން ގަޑިއަކު ކަމެއް ނޭނގެ އެވެ.

އެކަމަކު ފޯނާއި ދަބަހަށްވުރެ ވެސް ބާރަށް ބައްދައިގަންނަން ޖެހެނީ ފުރާނައިގައި އެވެ. މިއީ އެއްގޮތަކަށް ވެސް ހިނގާ މީހުންނަށް ރައްކާތެރި ތަނެއް ނޫނެވެ. ދުވާރުގައި ގަލެއް އޮތިއްޔާ ދެން އޮންނާނީ ވަޅުގަނޑެކެވެ. ދެން ކުނި ނޫނީ ގާ ފުންޏެކެވެ. ނޫނީ ބިންގަނޑު ފަޅާލާފައި ނުކުމެ، މަގަށް ފެތުރިފައި އޮންނަ ހޮޅިއެކެވެ. މި ހުރިހާ އެއްޗަކުން ރެކިގަނެގެން ގޮސް ވަދެވޭނީ ސިނގިރޭޓު ދުންގަނޑެއްގެ ތެރެއަށެވެ. ކުޑަކުދިން ގޮވައިގެން އުޅޭ ނަމަ ކަންފަތުގައި ވެސް އަތް އަޅަންޖެހެ އެވެ. އަވަގުރާނަ ފޮތް މެދުން ހުޅުވާލާފައި ކިޔާނީ ކޮން ބަހެއް ކަމެއް ނޭނގޭނެ އެވެ.

  • އުމުރުން ދުވަސްވީ މީހަކު ފުރޮޅުލީ ގޮނޑިއެއްގައި މަގުމަތިން ދުއްވާފައިދާތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ރަނގަޅަށް ގާ ނާޅައި އޮތް މާލޭގެ މަގެއް. މަސައްކަތެއް ކުރަން ގާ ނެގުމަށްފަހު އަލުން އަޅާއިރު ފަރުވާކުޑަ ކުރުމަކީ އާންމު ކަމެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ގާނެގުމަށްފަހު ދުވާރު މަތީގައި ބަހައްޓާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަގެއް ހުރަސްކޮށްލެވެނީ މޭގަނޑު އަތަށް ލައިގެންނެވެ. ކަފިހި ހުރަހުގެ ކޮންޓްރޯލް އޮންނަނީ ހިނގާ މީހުންގެ އަތުގައެއް ނޫނެވެ. ހުރިހާ ގަވާއިދުތަކަށް ބޯލަނބައިގެން އުޅޭ މީހާ ވެސް ދުވަސް ނިމޭއިރު ހޮސްޕިޓަލެއްގެ އައިސީޔޫއެއްގައި އެނދުމަތިވެފައި އޮންނަން ޖެހިދާނެ އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

މާލެ ބާއްވާފައި މުޅި ރާއްޖެއަށް، ޖުމްލަކޮށް ބަލައިލާނަމެވެ. ދިރިއުޅުމުގެ ހަރަދުތައް އަރައިގެންދަނީ މީހާގެ ބްލަޑް ޕްރެޝަރަށްވުރެ ބާރަށެވެ. މަސްދުވަހުގެ ދާ އޮހޮރުވައިގެން ލިބޭ ކުޑަ މުސާރަކޮޅަށް ފާރަލައިގެން އެ އޮންނަނީ، އެއްވެސް ގޮތެއް ނެތިގެން މީގެ އަހަރުތަކެއް ކުރިން ނެގި ބޭންކު ލޯނެވެ. ފެނާއި ކަރަންޓާއި އިންޓަނެޓު ބިލުތަކެވެ. އެ ބިލުތަކުގެ ހަގީގަތެއް، މީޓަރު ހިނގާ ގޮތެއް ދުވަހަކު ވެސް ނޭނގޭނެ އެވެ. މީޓަރާއި ފޯނާއި ދެން ހުރި އެއްޗެހި ވެސް ސްމާޓުވެ، އަހަރެމެން ގަމާރުންނަށް ހަދައިފި އެވެ.

މާލޭގައި މަގެއްގައި ހިނގާފައިދާ މީހެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދަރިންގެ ޓިއުޝަނާއި ސްކޫލް ފީތަކާއި އަމިއްލަ ހަރަދުތައް ކޮބާ ހެއްޔެވެ؟ މަހުގެ ކޮއްތު ހަރަދު ކޮބާ ހެއްޔެވެ؟ ދުނިޔޭގައި ދިރި ވެސް ހުރެވޭނީ ކައިބޮއިގެންނެވެ. މި ހުރިހާ އެއްޗެއްގެ ހިސާބު ޖަހާލާއިރު 1+1 އަކީ 2އަށް ނުވެ އެވެ. އެއްގޮތަކަށް ވެސް ހިސާބު ދިމާނުވެ އެވެ. އެންމެ ބަލައިގެން، ތިންއިރު ހަމައަށް ނުކައި އުޅޭ މީހާ ވެސް ހަމަ ހަރަދު ބޮޑީ އެވެ.

މި ހުރިހާ ކަމަކާ ފިކުރުކޮށް، ބޮލުގައި ރިއްސައިގަތުމުން ތިންއިރު އިރަކު ކާން ޕެނެޑޯލު ހުންނާނެ އެވެ. މިތަނުގައި ގިނަ ބަލިތަކުގެ ފަރުވާއަކީ ވެސް އެއީ އެވެ. މުޅި ސިއްހީ ނިޒާމު އެކުލަވާލާފައި އޮތީ ޕެނެޑޯލު ގުޅައަކުން ނިންމާލެވޭ ގޮތަށެވެ. ކުއްލި ހާލަތްތަކުގައި ފަރުވާ ދޭނެ މެޝިން ހުރިއްޔާ ޑޮކްޓަރެއް ނުހުރެ އެވެ.

ރަށެއްގައި ނަމަ ބަލިމީހާ އެ އޮތް ހާލުގައި އުފުލައިގެން މާލެއަށެވެ. މާލެއިން ފަރުވާ ނުލިބިއްޖެ ނަމަ ކޮންމެވެސް ގައުމަކަށެވެ. ސްޕެޝަލިސްޓަކަށް ދައްކާ ނަމަ އަރަން ޖެހޭނީ ދެ ތިން މަހުގެ ކިޔޫއަކަށެވެ. ނަންބަރަށް ގޮވާލާއިރު ބަލިމީހާ އެ ބައްޔެއްގައި އަވަދިވެފަ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ފަރުވާ އެކަންޏެއް ނޫނެވެ. ކިޔަވަން ވެސް މާލެއަށެވެ. ކިޔަވާ ނިންމައިގެން އެނބުރި ރަށަށް ގޮސް ވަންނާނެ ވަޒީފާއެއް ނޯވެ އެވެ. އަނެއްކާ އާމްދަނީއެއް ވެސް ހޯދަން މާލެއަށެވެ. ރަށްރަށުގެ ހާލަތު ބަދަލުވާ ދުވަހެއް ނާދެ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ އާއިލާތަކަށް މަޖުބޫރުވަނީ މާލެއަށް ހިޖުރަ ކުރުމަށެވެ. އެއީ ސަރުކާރުތަކުގެ ގަސްތު އިހުމާލެކެވެ. އެހެންވީމަ ރަށަކަށް ފޫޅުކެނޑުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ރަށެއްގެ އަތިރިމަތީގައި އާއިލާއެއް ހިތްހަމަ ޖައްސާލަން މަޑުކޮށްލައިގެން: ރަށްފުށުގެ ހިތްފަސޭހަ ދިރިއުޅުން ދޫކޮށް، މާލެއަށް އަންނަން މަޖުބޫރުވާ އެއް ސަބަބަކީ އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތުން. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބައިވަރު މީހުންގެ ވާހަކަ އެއްކޮށްލައިގެން މި ކިޔައިދިނީ ރާއްޖެ އެވެ. އާދައިގެ ގިނަ ދިވެހިން ކޮންމެ ދުވަހަކުހެން ތަޖުރިބާކުރާ ކަންކަމެވެ. އަނެއް ދިވެހިރާއްޖެ، ޖަޒީރާ ރާއްޖެ، ދިވެހީންގެ ރާއްޖެ، މިހެން ގޮސް ކޮންމެ ނަމެއް ކިޔަސް ހަގީގަތަކީ މިއެވެ. އަދި މި ކިޔައިދެވުނީ ކުޑަ މިންވަރެކެވެ.

އެކަމަކު އިހަކަށް ދުވަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މުޅި ދުނިޔެ ވެސް ސްޓްރެސްއަށް ދިއުމުން ފަރުވާއަކަށް އޮތީ ރާއްޖެ ކަމަށެވެ.

"އިރުގެ އަވި، ހުދު ދޮންވެލި ގޮނޑުދޮށްތައް، ހިތްގައިމު ފަޅުތައް. މިހާރު މި ތިބީ ޑާވޯސްގައި. މިތަނުގެ ފަރުބަދަތަކާއި ސްނޯ އާއި ފިނި އެބަ އިހުސާސް ކުރެވޭ. ޔޫރަޕުގެ މެދުގައި މި ތިބީ،" ސުވިޓްޒަލެންޑްގެ ޑާވޯސްގައި މިއަދުގެ ނިޔަލަށް ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ބޭރު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ސައީދު ވިދާޅުވި އެވެ.

"ރާއްޖެއަކީ ހައްލެއް. މުޅި ދުނިޔެ ސްޓްރެސްއަށް ދިޔައިމަ، މިތަނުގައި ހުރެފައި ފިނިވީމަ އެކަމަށް އޮތް ފަރުވާއެއް."

ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު.

އެކަމަކު ރާއްޖެއަކީ ސްޓްރެސްއަށް އޮތް ހައްލެއް ކަމަށް ސައީދު ވިދާޅުވި ވާހަކައަށް ގިނަ ދިވެހިންނަށް އެއްބަހެއް ނުވެވެ އެވެ.

އެކަމާ ގުޅޭގޮތުން 'ދައުރު'އިން ޖެހި ހަބަރަށް 'އެކްސް'ގައި ކޮމެންޓުކުރި މީހަކު ބުންޏެވެ - ރާއްޖެއޭ ބުންޏަސް ދިވެހިން ވަނީ ސްޓްރެސް އެވެ.

ކުއޯޓް ޕޯސްޓެއް ކުރި މީހަކު ބުނީ ސައީދު އެ ވިދާޅުވާ ރާއްޖެއަށް އޭނާ ވެސް ދާން ބޭނުންވާ ކަމަށެވެ. އަދި އިތުރު މީހަކު ބުނީ މުޅި ރާއްޖެ އޮތީ ސްޓްރެސްގައި ކަމަށެވެ. އަދި އަހަރެމެންނަށް އޮތް ފަރުވާއަކީ ޅެން ބައިތެއް ކަމަށެވެ.

އެ ވާހަކަތަކާ ދެކޮޅުހެދި އެހެން މީހަކު ބުނީ މިކަހަލަ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ވެސް މިވެރިން ގޮސް ދިވެހިންނަށް ކުރަނީ މަލާމާތް ކަމަށެވެ. އަދި ސައީދު އެ ވިއްކަވަނީ ނުފޫޒުގަދަ ދިވެހިންކޮޅަކާއި މުއްސަނދި ބޭރު މީހުން ގުޅިގެން، އެ މީހުންނަށްޓަކައި ފައްކާކޮށްފައި އޮތް 'މޯލްޑިވްސް' ބްރޭންޑު ކަމަށެވެ. އޭނާ ބުނީ އަސްލު ރާއްޖެއަކީ ކުލީ ދިރިއުޅުމެއްގައި އުޅޭ ނިކަމެތި ފަގީރުންގެ ތަނެއް ކަމަށެވެ.

އެ ހަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރި މީހަކު ބުނި ގޮތުގައި ރާއްޖޭގައި އުޅޭ އެންމެން ތިބެނީ ސްޓްރެސްވެފަ އެވެ. ގިނަ ދިވެހިންނަށް މަރުވެގެންދާއިރު ވެސް މަދު ރިސޯޓަކަށް ނޫނީ ނުދެވެ އެވެ،

ތެދެކެވެ. ސައީދު ވިދާޅުވި މޯލްޑިވްސް ވުޖޫދުވަނީ ފޮޓޯގްރާފަރުން ސޯޝަލް މީޑިއާއަށް ދޫކޮށްލާ ޕޯސްޓުތަކުގަ އެވެ. ނޫނީ ބޭރުގައި ޖައްސާ ބޮޑެތި މާކެޓިން ކެމްޕޭންތަކާއި އިސްތިހާރު ބޯޑުތަކުގެ އެވެ. މޯލްޑިވްސްގައި މީހުން އުޅެނީ ބީޗާއި ގާޑަން ކޮޓަރިތަކާއި ވޯޓަ ވިލާތަކުގަ އެވެ. ރާއްޖޭގައި އުޅޭހެން ޖެހި ފިތިގެން އުޅޭކަށް ނުޖެހޭނެ އެވެ.

ރާއްޖޭގައި ގަހެއް ހުރިއްޔާ ކަނޑާ ތިރިކުރިޔަސް، މޯލްޑިވްސްގައި ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނާނީ ފެހިކަމެވެ. އެއަށްވުރެ ބޭރުން ވިލުނޫ ފަޅުތަކާއި ހުދު ދޮންވެލީގެ ގޮނޑުދޮށްތަކަށް މަޑުމަޑުން ބީއްސާލާ ރާޅުތަކެވެ. ޕެކޭޖުކޮށް، ބްރޭންޑުކޮށް، ގަނޑުކޮށް ދުނިޔެއަށް އެކްސްޕޯޓު ކުރާ މޯލްޑިވްސްއަކީ އެއީ އެވެ. އެ ތަނަކުން 'ޕިއްޕިޕީޕީ'އެއް ވެސް ނީވޭނެ އެވެ.

އެކަމަކު އެ ސްޓްރެސް-ފްރީ ރާއްޖެއަކީ އާދައިގެ ދިވެހިންނަށް އޮތް ތަނެއް ނޫނެވެ. އަހަރެމެންނަށް އޮތީ ހަޔާތުގެ ގަދަ ކަނޑުގައި އޮޔާވަޔާ ދެކޮޅަށް ބޮއްކުރައެއްގައި ފަލިޖެހުމެވެ.

ކޮމެންޓް (4)

ކޮސް

30 ޖެނުއަރީ 2026
މިއީ މިހާތަނަށް ވެރިރަށް މާލޭގެ ހާލަތު ބަޔާންކުރަން ލިޔެވުނު އެންމެ މޮޅު ލިޔުން. މިލިއުން މާލެ ސަރަހައްދުގެ ހުރިހާ ގެެއަކަށް ބެހޭނެ ނަމައޭ ހިތަށް އަރާ. ނޫނީ މާލޭގެ ޙަޤީޤަތުގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ނުވަތަ މައުރަޒެއް ބޭއްވުމަކީވެސް ޚިޔާލެއް.
1 0

ކެނާ

23 ޖެނުއަރީ 2026
ވ ފުރިހަމަ ލިޔުމެއް!
2 0

އަނީސް

23 ޖެނުއަރީ 2026
އެބަޔަކު ލިބިގަތްއެއްޗެއް އެބަޔަކަށްލިބޭނީ! ދިވެހިން ދަސްކުރީ މަޖާ ޑްރާމާއެއްކުޅެ ޓީވީއަކުން ފެނިފަރިތަ ވެއްޖިއްޔާ އެމީހުންގެ ވެރިއަކަށްވެސް ހޮވާފާނެ. ވެރިއަކުހޮވުމުގައި އެއްވެސްވަރަކަށް ތިމަންނަމެންގެ ދިރިއުޅުން ރަނގަޅުކުރެވޭނެ ފެންވަރުގެ މީހެއްތޯބަލާ ސުވާލެއްނުކުރާނެ. ވެރިންތައް މޮޅުގޮތްތައްހޯދައިގެން އަރާފައިބައިގެންދާނެ. ޢާއްމުމީހާ ހުރިޙާލުގަ ނުވަތަ އެއަށްވުރެވެސް ޙާލަތު ގޯސްވީ
9 0

ޔަހުޔާ

23 ޖެނުއަރީ 2026
ސައީދު އެބުނާ ސްޓްރެސް ފްރީ މޯލްޑިވްސް އަށް ނުދެވި ކައްވަޅަށް ދިޔަ ދިވެހިންގެ އަދަދު ގުނާ ހުސް ނުވާނެ
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް