ބ. އަތޮޅުގައި އެއް ފައްޗަކަށް އޮންނަ ހަ ރަށް ހިމެނޭ ފަސްދޭތެރެ: މިއީ އާދަޔާ ހިލާފު ރީތި މަންޒަރެއް

ބ. އަތޮޅު

މި ރީތިކަމުގައި ވެސް އެންމެ ފަހުން ނީލަން ބޯޑު

ބ. އަތޮޅުގެ ރީތި ހަތް ރަށް ފެންނަން އޮންނަ ފަސްދޭތެރެއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އެއް އަޖައިބު. އެކަމަކު އޭގެ ތެރެއިން އެއް ރަށް ވިއްކާލަން މިހާރު ދަނީ އިސްތިހާރުކުރަމުން
28 ޑިސެމްބަރު 2025
5

ޖަރުމަނު ފޮޓޯގްރާފަރު މައިކަލް ފްރީޑެލް މި ފޮޓޯގަނޑު ނެގީ ވަރަށް ހާލުންނެވެ. އެންމެ ފުރަތަމަ ގެނައީ، ސްރީ ލަންކާގެ އެއާފޯސްއިން ކުއްޔަށް ނަގައިގެން، ހަތަރު ސީޓުލީ، ސެސްނާ މަތިންދާބޯޓެކެވެ. އޭގެ ފަހުން، ސީޕްލޭނާއި ހެލިކޮޕްޓަރުގައި ދުއްވި އެވެ. ވައިކުޑައިގައި އުދުހެން ޖެހުނު ފަހަރު ވެސް އައެވެ. މަސައްކަތުގެ ތެރޭގައި އޭނާގެ ތިން ކެމެރާ ކަނޑަށް ވެއްޓި ގެއްލުނެވެ.

އެކަމަކު އެހާ ހާލުން ވެސް އޭނާ މި ފޮޓޯގަނޑު ނަގަން ބޭނުންވީ، އޭނާ ގަބޫލުކުރި ގޮތުގައި، ރާއްޖޭގެ ހަގީގީ ރީތިކަން ފެންނާނީ މަތިން ކަމަށް ވާތީ އެވެ.

70ގެ އަހަރުތަކުގެ ކުރީކޮޅު، މައިކަލް ފްރީޑެލް ނެގި ފޮޓޯގަނޑު އޭނާގެ ފޮތުގެ ބޭރުގަނޑުގައި

ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި ފުރާނައަތަށް ލައިގެން، ފްރީޑެލް މި ނެގީ، ބ. އަތޮޅުގައި އެއް ފައްޗަކަށް އޮންނަ 'ފަސްދޭތެރެ' ސަރަހައްދުގެ ފޮޓޯގަނޑެކެވެ. އޭނާ ލިޔުނު، ރާއްޖޭގެ ރީތިކަން ފެންނަ ފޮތުގެ ބޭރުގަނޑަށް ވެސް ލީ، އެއް ފައްޗަކަށް އޮންނަ މި ހަ ރަށް ފެންނަ ފޮޓޯ އެވެ. ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި އޭރު ގިނަ ބަޔަކަށް ނޭނގި އޮތް ރާއްޖެއަށް އިސާހިތަކު މި ފޮޓޯގަނޑުގެ ސަބަބުން ބޮޑު ސަމާލުކަމެއް ލިބުނެވެ. އަދިވެސް ރާއްޖޭގެ ތަސްވީރެއްގެ ގޮތުގައި ޓޫރިސްޓުންނަށް ސިފަވަނީ މި މަންޒަރެވެ.

އެކަމަކު ދެން އުފެދެނީ، މާދަމާގެ ޖީލަށް ވެސް މި ރީތިކަން ދައްކާލަން އެ މަންޒަރު ހަމަ އެ ގޮތުގައި އޮވެދާނެކަމުގެ ސުވާލެވެ. އެ ސުވާލު އުފެދުނީ އޭގެ އެއް ރަށް ވިއްކާލަން ބޭރު މީހަކު ސޯޝަލް މީޑިއާގައި ޖެހި އިސްތިހާރާ އެކުގަ އެވެ.

"މި ރަށްތައް މި ދޭން ފެށީ ކުއްޔަށް. އެތަންތަނުގައި ރިސޯޓުތައް ހަދައި، ގުދުރަތީ ރީތިކަން ހަލާކުކޮށްލަމުން އެދަނީ،" ބ. އަތޮޅަށް އުފަން، އަދި މި މައްސަލައިގައި ގިނައިން ވާހަކަ ދައްކާ ޝައްމޫން ޖަލީލް (ލޫކަސް) ބުންޏެވެ.

އޭނާ ހިއްސާކުރީ، މި ފަތީގައި ހިމެނޭ ރަށްތަކުގެ ތެރެއިން ބޮޑު ރަށެއް ކަމަށްވާ، ފުނަދޫ ވިއްކާލަން ބިދޭސީއަކު ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓެވެ. ދިވެހި ކުންފުންޏެއްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މި މީހާގެ މަސައްކަތަކީ، އެ ރަށް ގަނެ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެ ބަޔަކު ހޯދުމެވެ.

ބ. ފުނަދުއަކީ ޖެހިގެން އޮތް ރ. އަތޮޅުގެ އިފުރު އެއާޕޯޓު ތަރައްގީކުރިއިރު، އެ ކުންފުންޏަށް ދީފައި އޮތް ރަށެކެވެ. އެ ކުންފުނިން މިހާރު ނިންމީ، ރަށް ވިއްކާލުމަށެވެ.

އެޖެންޓުގެ އިސްތިހާރު ޖަހާފައި އޮތީ އަދި އަތްނުލައި އޮތް ގުދުރަތީ ރީތިކަމުގެ މަންފާ ހޯދުމަށް، މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަގަކީ 'ހަމަ އެންމެ 4 މިލިޔަން ޑޮލަރެވެ.'

ޝައްމޫންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ވެސް ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ބ. އަތޮޅުގައި ފަޅަށް އެންމެ ރަށެއް ވެސް ނުބޭއްވުމެވެ. ބ. އަތޮޅުގައި މިހާރު ގުދުރަތީ ރީތިކަން އޭގެ ގޮތުގައި ފެންނަން އޮތީ ހަމައެކަނި މި ހަ ރަށް ހިމެނޭ ރަށް ފަތިންނެވެ.

ފަސްދޭތެރެ ސަރަހައްދުގައި މީހުން ދިރިއުޅެނީ ހަމައެކަނި ކެންދޫގަ އެވެ. އެ ފަތީގައި އޮންނަ، އުނޑޫދޫ ބަޔަކަށް ދީފައި އޮންނަތާ އެތައް އަހަރެއް ވެފައިވާއިރު ބޮޑެތި ގެއްލުންތަކެއް އެ ރަށަށް ވަނީ ލިބިފަ އެވެ. ދެން ފުނަދޫ އަތުން ބީވެއްޖެ ނަމަ، އެއީ މަތިން ފެންނަ އެ ރީތިކަމަށް ލިބޭނެ އިތުރު އުނިިކަމެއް ކަމަށް ޝައްމޫން ގަބޫލުކުރެ އެވެ.

"މަތިން ފެންނަ އެ މަންޒަރަށް، އުނޑޫދޫގެ ސަބަބުން މިހާރު ވެސް ބަދަލުތަކެއް އަތުވެއްޖެ. އެހާ ބޮޑަށް އެ ރަށަށް ގެއްލުންދީފައި އޮތީ،" ޝައްމޫން ބުންޏެވެ.

"ދެން ކީއްކުރަންތޯ މި އަތޮޅުގެ އިތުރު ރަށްތައް ކުއްޔަށް ދޭންވީ؟ ގިނަ ފަހަރަށް މިކަން ކުރަނީ ދައުލަތަށް ވެސް ނޭނގި. ދައުލަތުން ކުންފުންޏަކަށް ރަށް ދޭއިރަށް، ކުންފުނިން އެ ރަށް މި ވިއްކާލަނީ."

ބ. އަތޮޅުގައި އެއް ފައްޗަކަށް އޮންނަ ހަ ރަށް. މި ސަރަހައްދު މަޝްހޫރުވެފައި އޮންނަނީ ފަސްދޭތެރެ ނަމުން

ޝައްމޫނެކޭ އެއްގޮތަށް މި މައްސަލައިގައި ހިޔާލުފާޅުކުރާ އެހެން މީހުން ވެސް ގަބޫލުކުރަނީ ފަސްދޭތެރެ ސަރަހައްދަކީ އަތްނުލައި ބާއްވަން ޖެހޭ ތަނެއްގެ ގޮތަށެވެ. ހިމާޔަތްކޮށްފައި އޮންނަ ގުދުރަތީ ތަރިކައެއްގެ ގޮތުގައި އެތަން ބޭއްވުމަށެވެ.

ބ. އަތޮޅު މަތިން ދަތުރުކުރާ ޓޫރިސްޓުން މިހާރު ވެސް އެންމެ ބަލަން ބޭނުންވާ އެއް  މަންޒަރަކީ އެއީ އެވެ. ކޮންމެ ހާލެއްގައި ވެސް އެ މީހުން އެ މަންޒަރު ފޮޓޯ ނަގަން ބޭނުންވެ އެވެ. ހޭޝްޓެގް 'ބިއުޓިފުލް މޯލްޑިވްސް' ޖަހާފައި އެ މީހުން އެ މަންޒަރު، ސޯޝަލް މީޑިއާއަށް ދޫކޮށްލަ އެވެ. ދެން މަންޒަރު ބަލަން ތިބޭ މީހުން އާޝޯހު ވެދެ އެވެ.

އެކަމަކު އެ ރަށްތަކުގައި ރިސޯޓު ހަދަން ފަށައިފި ނަމަ، އެ ރީތިކަން އެ ގެއްލުނީ އެވެ. ގުދުރަތި އެ އަޖައިބު ދެން ނުފެންނާނެ އެވެ. މާދަމާގެ ޖީލުތަކަށް އެ މަންޒަރު ފެންނަން އޮންނާނީ ހަމައެކަނި ފޮޓޯގަނޑަކުންނެވެ.

ކޮމެންޓް (5)

ސުހާނާ

30 ޑިސެމްބަރު 2025
މި އާޓިކަލްގެ ސުރުޚީގެ ތިރީގައިވާ ލިޔުންކޮޅުގައި އޮތީ 7 ރަށް ކަމަށް. ނަމަވެސް އެހެން ހުރިހާ ތަނެއްގައި ލިޔެފައިވަނީ 6 ރަށް ކަމަށް. މިގޮތަށް ލިޔުނީމައި ރަނގަޅު ގޮތަކީ ކޮބައިކަމެއް ކިޔާ މީހުންނަކަށް ނޭނގޭނެ.
0 0

އެވޭލާ

28 ޑިސެމްބަރު 2025
ފަސްދޭތެރެއެއްނޫން ކިޔަނީ . އެތަނަށް ކިޔަނީ ފަސްދޫތެރެ. އެގޮތަށް ކިޔަނީ އެތާ ޖެހިޖެހިގެން އޮންނަ 5ރަށުގެ ކޮންމެރަށެއްގެ ނިމޭ އަކުރަށް ދޫ އޮންނާތީ.
2 0

ސުހާނާ

30 ޑިސެމްބަރު 2025
@އެވޭލާ "ފަސްދޫތެރެ" އެއް ނޫން ކިޔަނީ. "ފަަސްދޭތެރެ" އޭ ކިޔަނީ. އޭގެ އަސްލަކީ "ފަސްދޫ އެތެރެ". އެ ނަން ކުރުކޮށްލާފައި "ފަސްދޭތެރެ" އޭ ކިޔަނީ. "މުލަކުއަތޮޅު" (މ.އަތޮޅު) އަށް "މުލަކަތޮޅު" ކިޔާ ގޮތަށް. ރަސްމީ ލިޔުންތަކުގައި ލިޔެފައި ހުންނާނީވެސް "މުލަކަތޮޅު".
0 0

މަބުނީ

28 ޑިސެމްބަރު 2025
ފަސްދޭތެރޭގައި މީހުންދިރިއުޅޭ ހަމައެކަނިރަށުގެ މީހުން ބަނޑުފުރާނަމުއްތިކޮށްގެން އުޅެނީ ފުނަދޫއިންލިބޭއެއްޗަކުން
3 0

ވަރުނުލާ

28 ޑިސެމްބަރު 2025
@މަބުނީ އެބެއްތަ އެކަމުގަ މައްސަލައެއް. ހަސަދަވެރިކަން ނަގާލަބަލަ ތި ހިތުން. ބަޔަކަށް އެއްޗެއް ލިބޭތީ ނުނިދެނީތަ
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް