އޭއައި ބޭނުންކޮށްގެން ހެދި 'ސުލްތާނާ ރެހެންދި ހަދީޖާ' އުފެއްދީ ފިލްމާއި ވީޑިއޯ ތައްޔާރުކުރުމުގެ ފަންނުގެ ދިވެހި ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު މުހައްމަދު ދީދީ (އަހަންމާ): އޭނާ ދިރިއުޅެނީ އެމެރިކާގައި (ފޮޓޯ/ސުލްތާނާ ރެހެންދި ޚަދީޖާ(

ދިވެހި ތާރީހު

ރެހެންދި ހަދީޖާއަކީ ރަނގަޅު ނަމޫނާއެއްތަ؟

ރާއްޖޭގައި ވެރިކަން ކުރެއްވި މަޝްހޫރު ރާނީއާ ބެހޭ އާ ޑޮކިއުމެންޓްރީގައި ބުނާ ގޮތުން ނަމޫނާއެއްގެ ގޮތުގައި ބެލުމުގެ ކުރިން އެކަމަނާގެ އަނިޔާވެރިކަމާ މެދު ވެސް ވިސްނާލަން ޖެހޭނެ
16 ޑިސެމްބަރު 2025
2

ގަނޑުވަރު ތެރެ އެވެ. ރޭގަނޑުގެ އަނދިރިކަމެވެ. ހުޅުކޮޅަކުން އަލިވަމުން ދިޔަ އިރު، ތަޅުންގަނޑަށް ވެއްޓިފައި އޮތް ބާލީހަކާއި، ގަނޑުވަރުގައި ބޭނުންކުރާ ކަހަލަ ދިޔާ އެއްޗެހި ބޯން ގެންގުޅޭ ދަގަނޑު ތައްޓަކާއި ފަނުން ވިއެފައި އޮތް ފައިވާން ކިބައެއް ފެނެ އެވެ.

"ގަނޑުވަރު މިހާރު ވަނީ ހަމަހިމޭންކަމުގައި، އާރާއި ބާރުގެ އޮއިވަރު އެނބުރޭ މި ބިނާގައި މިވަގުތު އެއްވެސް އަޑެއް ބަޑެއް ނެތް،" ފިރިހެނެއްގެ ބަރު އަޑުން ވާހަކަ ކިޔައިދޭން ފަށަ އެވެ.

"މީގެ ކުޑައިރުކޮޅެއް ކުރިން، ތަހުތުގައި އިންނެވި ރަސްގެފާނު ވަނީ އެންމެ ފަހު ނޭވާލައްވާފައި."

އެއީ ރެހެންދި ހަދީޖާގެ އަތްޕުޅުން ދިވެހި ތަހުތު އަތުލެއްވި ފިރިކަލެއްގެ އަވަހާރަވުން ސިފަކޮށްދިނުމެވެ. ފިލްމުގެ ފެށުމެވެ.

"އެދުވަސްވަރު ދިވެހިރާއްޖޭގައި ރަސްކަން ބަދަލުވަމުން ދިޔައީ ހަނގުރާމައަކުން ނޫން. ދަންވަރުގެ ވަގުތުގައި ގަނޑުވަރުގެ އެކިއެކި ކަންކަނުގައި ކުރެވޭ ސިއްރު ސައްލާތަކާއި ރޭވުންތަކުން. ބައެއް ފަހަރު ތައްޓެއްގައި ހުންނަ ބުއިމަކުން. އަނެއް ބައި ފަހަރު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ބާލީހެއްގެ ސަބަބުން. ރަނިކަމުގެ ތާޖުކޮޅު ހޯއްދެވުމަށް އެކަމަނާ ކަނޑިއެއް ބޭނުންފުޅެއްނުކުރައްވާ."

އެއީ ރެހެންދި ހަދީޖާގެ ވާހަކަ އެވެ. ދިވެހި ތާރީހުގެ ފޮޅުވަތްތަކުގެ ތެރެއިން މިހާރު ވެސް އެންމެ ގިނަ ދިވެހިން ދަންނަ ރާނީ އެވެ. ނަމަވެސް ފިލްމީ އުފެއްދުންތެރިޔަކު މިހާރު މިވަނީ ރެހެންދި ހަދީޖާގެ ހަޔާތްޕުޅު ކިޔައިދިނުމަށް ފަހު އެއީ ނަމޫނާ ކަނބަލެއްތޯ ސުވާލު އުފައްދައިފަ އެވެ. 

އާއެނކެވެ. ރެހެންދި ހަދީޖާއަކީ ދިވެހިން ނުހަނު ލޯބިވާ ރާނީއެކެވެ. އެކަމަނާ އަވަހާރަވިތާ 645 އަހަރު ވީއިރު ވެސް ދިވެހިންގެ މެދުގައި އެ ނަންފުޅު ހުރީ ދިރިދިރި އެވެ. ސަރުކާރުގެ އިމާރާތެއްގެ ނަމެވެ. ސްކޫލެއްގެ ނަމެވެ. ނުވަތަ އަންހެނުން ބާރުވެރިކުރުވަން ދޭ އެވޯޑްތައް ވެސް، އެ ނަންފުޅަށް ނިސްބަތްކުރެ އެވެ.

އެކަމަކު އިއްޔެ އާންމުކުރި ޑޮކިއުމެންޓްރީ ނިންމާލަމުން ސުވާލު އުފައްދަނީ އެއީ އެފަދަ ދަރަޖައެއް ދިނުން ރަނގަޅު ބޭފުޅެއްތޯ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދި ރީތި މި ޑޮކިއުމެންޓްރީ ބިނާކޮށްފައި ވަނީ، އެ ސުވާލު ދިރިގެން އަންނާނެ ގޮތަށް، ރެހެންދި ހަދީޖާގެ އަނިޔާވެރިކަމުގެ މައްޗަށެވެ.

އެކަމަނާގެ ދެ ފިރިކަލުން ކަމަށްވާ އައްސުލްތާން މުހައްމަދުލް ޖަމީލް އާއި އައްސުލްތާން އަބްދުﷲ އެއްވަނަ، އަވަހާރަކޮށްލިކަން ތާރީހުން އެނގެ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ނިމުން އައީ ގަދަކަމުން ރެހެންދި ހަދީޖާ ތަހުތުން ބާލުއްވައިގެން ވެރިކަން ހޯއްދެވި ފަހުންނެވެ. ރަސްގެފާނު މުހައްމަދު ޖަމީލަށް ވެރިކަމުގައި ހުންނެވީ އެންމެ އަހަރެއްހާ ދުވަހު އެވެ. އަބްދުﷲއަށް ތިން އަހަރު ހޭދަކުރެއްވުނެވެ.

ފުރަތަމަ ފިރިކަލުން އަވަހާރަކޮށްލަން ބުއިމެެއްގެ ތެރެއަށް އެއްޗެއް އަޅަނީ

ގަދަކަމުން ރަސްކަން ފޭރިގަތީމާ އޭރު، އެހެން ގައުމުތަކުގައި ވެސް، ގިނަ ފަހަރަށް ފެންނަނީ، ގަދަކަމުން ތަހުތު އަލުން އަތުލާތަނެވެ. ބައެއް ފަހަރަށް ބޮޑު ލޭއޮހޮރުވުމެއްގަ އެވެ. އަނެއް ބަައި ފަހަރަށް އެމީހަކު މަރާނުލައި، ބޭރުކުރެ އެވެ. ރެހެންދި ހަދީޖާގެ ދެ ފިރިކަލުން ވެސް އަވަހާރަކޮށްލަނީ އެވެ. ތާރީހީ ލިއުންތަކުގައި އޭގެ މާ ބޮޑު ތަފުސީލުތަކެއް ނުހުރެ އެވެ.

'ސުލްތާނާ ރެހެންދި ޚަދީޖާ' ޑޮކިއުމެންޓްރީ ފަށާއިރު ކިޔައިދެނީ ދެވަނަ ފިރިކަލުން އަބްދުﷲ އެއްވަނަ އަވަހާރަވީ ރޭގެ ތަންކޮޅެކެވެ. އެ ރަދުން އަވަހާރަކޮށްލަނީ އަވަހާރަފުޅު ލައްޕަވާފައި އޮއްވާ ކަމަށް، ތާރީހީ ބައެއް ލިއުންތަކުން އެނގެ އެވެ. ފިލްމުގައި ކޮޓަރިކޮޅުން ބޭރަށް ނުކުނަ އަޑުތަކަށް ވިސްނާލާ ނަމަ، ދޭހަވަނީ މޫނުކޮޅުގައި ބާލީސް ފަދަ އެއްޗެއް އަޅުއްވައިގެން، ނޭވާހާސްކޮށްލައްވަނީ ކަމެވެ. އެކަން ކުރައްވަނީ ދެވަނަ އެހެން ބޭފުޅެއް ނޫނެވެ: ރެހެންދި ހަދީޖާ އެވެ.

އެކަމަނާގެ އަތްޕުޅުން ތަހުތު އަތުލެއްވި ދެ ފިރިކަލުން ވެސް ވެރިކަން ހިންގެވީ، ތާރީހީ ބައެއް ލިއުންތަކުން އެނގޭ ގޮތުގައި، ރެެހެންދި ހަދީޖާގެ ނަންފުޅުގަ އެވެ. ރާނީގެ ފުރާނަފުޅަށް ގެއްލުމެއް ލިބުނު ކަމެއް ކުރެއްވި ކަން އެނގޭކަށް ނެތެވެ.

ޑޮކިއުމެންޓްރީގައި ބުނެދޭ އަނެއް ވާހަކައަކީ ރެހެންދި ހަދީޖާ ތަހުތު ހޯއްދެވި އަނިޔާވެރި އަމަލެވެ. ރާއްޖޭގެ ވެރިކަމުގައި 35 އަހަރު ހޭދަކުރައްވައި 1341ގައި އަވަހާރަވި އައްސުލްތާން އަބުލް ފަތްހު ޖަލާލުއްދީން އުމަރުގެ ތިއްބެވީ ތިން ބޭފުޅުންނެވެ. އެންމެ ދޮށީ ހަދީޖާ އެވެ. އޭގެ ފަހުން އެހެން އަންހެން ބޭފުޅެއް ކަމަށްވާ ރާދަފަތި އެވެ. އެންމެ ހަގީ ފިރިހެން ކޮއްކޮ އަހުމަދު ޝިހާބުއްދީނެވެ.

ރެހެންދި ހަދީޖާގެ ކޮއްކޯފުޅު ޝިހާބުއްދީން ފަޅުރަށަކަށް ލާފައި ދޯނި ދަނީ

އުމަރު އަވަހާރަވުމުން 1341ގައި ރަސްކަން ލިބިވަޑައިގަތީ އަހުމަދު ޝިހާބުއްދީނަށެވެ. ނަމަވެސް އެއީ އޭރު ކުޑަކުއްޖެކެވެ. އެހެންކަމުން ރަސްކަން ހިންގެވީ ވަޒީރެކެވެ. ތާރީހު ބުނާ ގޮތުން ހައެއްކަ އަހަރު ފަހުން ތަހުތު ހޯއްދަވަން އަމިއްލަ ކޮއްކޯފުޅު ރަސްކަމުން ދުރުކޮށް، ހައްދުންމައްޗަށް އަރުވާލެއްވީ އެވެ. އެހާ ހިސާބަކުން އަދި ނިމުނީއެއް ނޫނެވެ. ހައްދުންމަތީގައި ހުންނަވަނިކޮށް އަވަހާރަ ވެސް ކޮށްލީ އެވެ.

އާ ޑޮކިއުމެންޓްރީގައި އެ އަނިޔާވެރިކަން ދައްކައިދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހިތްގައިމު މަންޒަރަކުންނެވެ. ޝިހާބުއްދީން ގެންގޮސް ދޮންވެލި ތުނޑިއެއްގައި ބަހައްޓާފައި، ދޯނި ދަނީ އެވެ. މަތިން ދައްކާއިރު އެ ތުނޑިއަކީ ގަހެއް ވެސް ނެތް ކުޑަ ފިނޮޅެކެވެ. މާނައަކީ ޝިހާބުއްދީން އެކަނިމާއެކަނި އަވަހާރަވާން ދޫކޮށްލެއްވީ ކަމެވެ.

ފިލްމުގައި ބުނަނީ ރެހެންދި ހަދީޖާ ވެރިކަން އަތުލައްވަނީ ޝިހާބުއްދީން ގެއްލުވާލައިގެން ކަމަށް

ރެހެންދި ހަދީޖާއާ މެދު ވިސްނާލަން ޖެހެނީ އެކަމަނާގެ އަތްޕުޅުން ތަހުތު އަތުލެއްވި ދެ ފިރިން ނިމިދިޔަ ގޮތާ މެދު އެކަނި ނޫން ކަމަށް، ޑޮކިއުމެންޓްރީގެ އުފެއްދުންތެރިޔާ ދެކެ އެވެ. އެކަމަނާގެ ކޮއްކޯފުޅަށް ވީ ގޮތާ މެދު ވެސް ދިވެހިން ވިސްނަން ވާނެ ކަމަށް އޭގައި ބުނަނީ އެހެންވެ އެވެ.

"މިއަދު އަޅުގަނޑުމެން މިތިބީ ރެހެންދި ހަދީޖާގެ ނަންފުޅު ދޮވެ، އޭގައި ހުރި ލޭ ސާފުކޮށްގެން. މިހާރު އެކަމަނާގެ ނަންފުޅުގައި އިމާރާތްތައް އަޅައި، އެކިއެކި އިނާމުތައް ދީ ރެހެންދިއަކީ އަންހެނުން ބާރުވެރިކުރުވުމުގެ ރަމްޒެއްގެ ގޮތުގައި އެބަ ބެލެވޭ،" ޑޮކިއުމެންޓްރީ ނިމޭ ހިސާބުގައި ކިޔައިދެ އެވެ.

"ތެދެންމެ އެކަމަނާ ތަހުތުން ބޭރުކުރުވި ބޭފުޅުން ކަންކުރެއްވީ ހަމަޔާއި އުސޫލުތަކާ ހިލާފަށް. ނަމަވެސް ހަދީޖާ ފުރަތަމަަ ތަހުތަށް ވަޑައިގަތީ ވެސް ލޭގެ ގޮތުން ގުޅިފައިވާ އެކަަމަނާގެ ކޮއްކޯފުޅު ގެއްލުވާލުމަށް ފަހު."

ރެހެންދި ހަދީޖާގެ ފުރަތަމަ ފިރިކަލުން މުހައްމަދު ޖަމީލަކީ ވަރަށް ރީތި ބޭފުޅެއް ކަމަށް  ލިއުންތަކުން އެނގޭ

ރެހެންދި ހަދީޖާގެ ހިތްވަރުފުޅާއި ޖެހިލުންކުޑަކަމާ މެދު ޑޮކިއުމެންޓްރީގައި ދެބަސްވުމެއް ނެތެވެ. އާންމުކޮށް ދިވެހިން ނުކުރާ ސުވާލަކީ ރެހެންދި ހަދީޖާއަކީ ހަގީގަތުގަައި ވެސް ނަމޫނާ ބޭފުޅެއް ހެއްޔެވެ؟ މި ސުވާލު އޭގައި އުފައްދަނީ، ޝިހާބުއްދީނަށާއި ފިރިންނަށް ހެއްދެވި ގޮތާ ގުޅުވައިގެންނެވެ.

"އަޅުގަނޑުމެންގެ އެވޯޑްތަކާއި އިމާރާތްތަކާއި އަންހެން ދަރިންނަށް ރެހެންދި ކިއުމުގެ ކުރިން އެކަމަނާ ތަހުތު ހިފެހެއްޓުމަށް ކުރެއްވި ނުރަނގަޅު ކަންތައްތައް ވެސް ހަަނދާން ކޮށްލަން ޖެހޭ،" ޑޮކިއުމެންޓްރީ ނިންމާލަމުން ބުނެ އެވެ.

"ހަދީޖާ އެއީ ފެމިނިސްޓް ނުވަތަ ނިސާއީ އެންމެ ރީތި ނަމޫނާ ކަމަށް ބަލަން ވާނެބާ؟"

ތާރީހީ ޝަހުސިއްޔަތުތަކާ މެދު އެކި ޒަމާނުގައި އެ ގައުމެއްގެ ރައްޔިތުން ދެކެނީ އެކި ގޮތަށެވެ. އެ ޝަަހުސިއްޔަތަކީ ކިތައްމެ އަނިޔާވެރި މީހަކަށް ވިޔަސް، ފަހުން އަންނަ ބަޔަކަށް އޭނާގެ ބައެއް ސިފަތައް ކަމުގޮސް ނަމޫނާއަަކަށް ވެ އެވެ. އޭނާ ކޮށްފައި ހުރި ނުރަނގަޅު ކަންކަމާ މެދު ބަހުސެއް ނުހިނގަ އެވެ.

ރެހެންދި ހަދީޖާއާ މެދު ވެސް ގިނަ ދިވެހިން ދެކެނީ އެކަހަލަ ގޮތަކަށެވެ. އެއީ ރާއްޖޭގެ މަދު ރާނީންގެ ތެރެއިން އެއް ބޭފުޅެވެ. ތަހުތުގައި ގާތްގަނޑަކަށް 30 އަހަރު ހޭދަކުރެއްވި އެވެ. އެކަމަނާގެ މައްޗަށް ގަދަވެ ގަނެވުނު ބަޔަކު ނެތެވެ. އެ ގަދަކަން ނިމެނީ ވެސް އެހާ އަވަހަށެވެ. 

ބިދޭސީންނާއި ދިވެހިން ހިމެނޭ ގޮތަށް އެތައް ހާސް ހަނގުރާމަވެރިން ތިބި ލަސްކަރު ކޮންމެ ދުވަހަކު އެކަމަނާއަށް ކުރުނީސްކުރެ އެވެ. އެ އެންމެންނާ އެކު ރަނިކަން، އެކި ފަހަރު މަތިން ނަމަވެސް، ދެމެހެއްޓެވީ، ޝަހުސިއްޔަތު ވަރުގަކަމުން ކަމަށް، ބެލެން އެބަ އޮތެވެ. އެހާ ހިސާބުން ދެން ވާ ގޮތަކީ ރެހެންދި ހަދީޖާ ދިވެހި ތަހުތު ހޯއްދެވި އަނިޔާވެރިކަމާ މެދު ވިސްނުން ދޫކޮށްލަން ބޭނުންނުވަނީ އެވެ.

އާ ޑޮކިއުމެންޓްރީގައި ބުނެދެނީ އެހެން ނުހެދުމަށެވެ. އެ އަނިޔާވެރިކަމާ މެދު ވެސް ކޮންމެވެސް ވަރަކަށް ވިސްނާލުމަށެވެ.

'ސުލްތާނާ ރެހެންދި ޚަދީޖާ'ގެ އުފެއްދުންތެރިޔަކީ އަސްލު ކާކު؟

ފޭސް ބުކްގައި އޭނާއަކީ 'ޑީޑީ އަހުމަދު' އެވެ. އެއީ މި ހުނަރުވެރި އުފެއްދުންތެރިޔާގެ އަސްލު ނަމެއް ނޫނެވެ. މިއީ އަހުމަދު މުހައްމަދު ދީދީ، ދިވެހި ޓީވީ އާއި ފިލްމީ ދާއިރާގައި މަޝްހޫރު ނަމުން ނަމަ، އަހަންމާ އެވެ. 

މިހާރު ދިރިއުޅެނީ އަންހެނުންނާ އެކު އެމެރިކާގަ އެވެ. އެކަމަކު އަހުމަދު މުހައްމަދު ދީދީގެ ހުނަރުވެރިކަމާއި މަަސައްކަތް ދިވެހި ޓީވީ އާއި ފިލްމީ ދާއިރާގެ ތާރީހުން ފޮހެވިގެން ނުދާނެ އެވެ.

ޓީވީއެމްގައި 1980 އަހަރުތަކާއި 1990ގެ ކުރީކޮޅާ ހަމައަށް އޭނާއަކީ އޭގެ ދެވަނައެއް ނެތް އެޑިޓަރެކެވެ. ވިޝުއަލް އިފެކްސްޓްގެ ތަޖުރިބާކާރެކެވެ. އެ ޒަމާނުގައި އެފަދަ އުފެއްދުންތަކަށް ބޭނުންވާ ޒަމާނީ ސާމާނު ނެތް އިރު ވެސް ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން އާންމުންނާ ހަމައަށް އުފެއްދުންތައް ގެނެސްދިން އެކަމަކު އާންމުންނަށް ފޮރުވިގެން ހުރި ހުނަރުވެރިއެކެވެ.

އޭރުގެ 'ބަހަބަރު'، 'ދިރިއުޅުމަކީ މިއީ'، 'ސަޅި ބައިސާ' ފަދަ ސީރީސްތަކުގައި އަހުމަދުގެ މަސައްކަތެއް ނުހިމެނި ނުދެ އެވެ.

ޓީވީއެމްގެ ވަޒީފާއިން ވަކިވެ އޭނާ ގުޅުނީ އޭރުގެ އެންމެ ވަރުގަދަ އަމިއްލަ ސްޓޫޑިއޯ 'ސްލޭމް ސްޓޫޑިއޯ"އާ އެވެ. ރާއްޖޭގައި އުފެއްދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ފަތިސް ހަނދުވަރު'ގައި އޭނާގެ ޓެކްނިކަލް ދައުރު ވަރަށް ބޮޑެވެ. މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ 'ދެރިޔާ އާއި 'އަމާނާތް' ފަދަ ފިލްމުތަކުގައި ވެސް އަހުމަދުގެ ހިއްސާ ނުހަނު ބޮޑެވެ.

ގާތް ރައްޓެހިން ސިފަކުރާ ގޮތުން ނަމަ އެއީ "ހުނަރުން ފުރިފައި ހުރި، އޭގެ ދެވަނައެއް ނެތް ފަދަ މީހެކެ"ވެ.

ރާއްޖޭގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މައިޝާ ޑީޑީއަކީ އަހުމަދު މުހައްމަދު ދީދީގެ ހަމައެކަނި ދަރިފުޅެވެ.

ކޮމެންޓް (2)

ސިކުނޑި

18 ޑިސެމްބަރު 2025
ރެހެންދި އާއި ރެހެންދި ޚަދީޖާއަކީ ތަފާތު! ރަދީފުގެ މާނައައަށް ބަލާއިރު ރެހެންދިއަކީ ޚަދީޖާގެ ލަގަބު! ސްކޫލްގެ ނަމާއި އެވޯޑަކާއި މިކަމަކާ ގުޅުވައިލުމުގެ މާނައެއްނެތް! ވެރިކަމުގެ ދަހިވެތިކަމުގައި އެ ޒަމާނެއްގައި އޮންނަ ގޮތަކަށް ކަން ކުރުމަކީ އިންސާނީ ތޮބީއަތް! އިންސާނީ ކަރާމާތް ބަލައި ނުގަންނަ މަދަނިއްޔާތު ތަކުގައި މީހުން މެރުމަކީ އާންމުކަމެކެވެ. މިޒަމާނުގައި ގައިދު ކުރަނީ ނުވަތަ އަމިއްލައަށް އަރުވާލެވުމަށް މަޖުބޫރު ކުރަނީ! ފިލްމު އުފެއްދި މީހާ ރިސާޗެއް ނަހަދައި ފޯކްލޯއަކަށް ބަލައިގެން ވާހަކައެއް ހަދައި އަމިއްލަ ނިންމުމެއް ދޫކޮށްލެއްވީ!
2 0

އަލީރާޖާ

20 ޑިސެމްބަރު 2025
@ސިކުނޑި ރަދީފުގައި މިހާރު އޮންނަ ރެހެންދިގެ މާނައަކީ އަލަތު އަންހެން ދަރި. މި ނަންކިޔާފައި މީހުންނަށް އެވޯޑު ދިނީމަ އެބަ ހަމަޖެހޭ؟ ރެހެންދި އަކީ ތީމުގޭ ދަރިކޮޅުން ވަޑައިގެން ވަކި އާއިލާއެއް ރަނި ކަބަލުންނަށް ކީ ނަމެއް. ވަކިން ޚާއްސަކޮށް ޚަދީޖާއަށް. އެވޯޑު ތައާރު ކުރަމުންވެސް އެއީ ރެހެންދި ޚަދީޖާއަށް ނިސްބަތްވާ އެއްޗެއް އޮތީ އިއުލާނުކޮށްފަ. ހަމަ ކޮމެންޓެއް ކޮށްލިއަކަސް ކަމަކު ނުދާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް