ރާއްޖޭގެ ފުރަތަމަ ނިއޮނޭޓޮލޮޖިސްޓު ޑރ. މުހައްމަދު ފައިސަލް

ސިއްހަތު

ފައިސަލް: މަހެއް ނުވާ ތުއްތު ކުދިންގެ ފުރަތަމަ ދިވެހި ޑޮކްޓަރު

މިއީ ދުނިޔޭގައި ވެސް ވަރަށް އާއްމު ނޫން އޭރިއާއެއް. ޑރ. މުހައްމަދު ފައިސަލްގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ ދުވަސްނުފުރާ ވިހާ ކުދިންނާއި އެއް މަސް ނުވާ ތުއްތު ކުދިންނަށް ހާއްސަ ފަރުވާ ދެއްވުން
16 ޑިސެމްބަރު 2025

ނިއޮނޭޓަލްގެ މާނަ އޮޅުންފިލުވައިދެއްވަމުން، ޑރ. މުހައްމަދު ފައިސަލް ވިދާޅުވި އެވެ؛ ކުޑަކުދިންނަކީ، ސައިޒުން ބޮޑެތި މީހުންނެއް ނޫނެވެ. އެ ކުދިންގެ ގުނަވަންތައް މަސައްކަތްކުރާ ގޮތާއި ވިސްނާ ގޮތާއި ޖަޒުބާތުތައް ތަފާތެވެ. ހަމައެގޮތަށް ނިއޮނޭޓަލްއަކީ އެއަށް ވުރެ ސައިޒުގެ ގޮތުން ކުދި ކުޑަކުދިންނެއް ނޫނެވެ. އެކުދިންގެ ހުރިހާ ކަމެއްހެން ވެސް ދެން ތިބޭ ކުދިންނަށް ވުރެ ތަފާތެވެ.

ސިއްހީ ފަރުވާ ދިނުމުގައި އެ ކުދިންނަށް ހާއްސަ ޑޮކްޓަރުން ނުވަތަ ނިއޮނޭޓޮލޮޖިސްޓުން މުހިއްމު ވަނީ އެހެންވެ އެވެ. ދުވަސްނުފުރާ ވިހާ ކުދިންނާއި އުމުރުން އެންމެ މަސް ދުވަސް ނުވާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ޑރ. ފައިސަލް ހިދުމަތް ކުރައްވަން ފެއްޓެވީ އިހަކަށް ދުވަހު އެވެ.

ނިއޮނޭޓޮލޮޖީއަކީ ދުނިޔޭގައި ވެސް އެހާ އާއްމު އޭރިއާއެއް ނޫނެވެ. ހާއްސަކޮށް ރާއްޖެ ހިމެނޭ ސަރަހައްދުގައި މި ފަދަ ޑޮކްޓަރުން ހިދުމަތް ވަރަށް އަލެވެ. ނޭޕާލްގެ ފުރަތަމަ ނިއުނޮޓޮލޮޖިސްޓު ފަރުވާ ދޭން ފެށީ މިދިޔަ އަހަރެވެ. އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގައި ވެސް މި ފަދަ ފަރުވާ ދޭން ފެށިތާ އަދި މާގިނަ އަހަރުތަކެއް ނުވެ އެވެ. އެހެންވެ، މަސް ދުވަސް ނުވާ އެންމެ ތުއްތު ކުދިން އަދި ދުވަސްނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމަށް، ދިވެހި ކުޑަކުދިންގެ ޑޮކްޓަރެއް ހާއްސަވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ފައިސަލްގެ ތައާރަފެއް

  • ފ. ނިލަންދުއަށް އުފަން ބޭފުޅެއް

  • މެޑިކަލް ކައުންސިލްގެ މެމްބަރެއް

  • އޭޑީކޭ އާއި ނިލަންދޫ އަދި ޅ. ނައިފަރާއި ލ. ގަމުގައި މަސައްކަތް ކުރެއްވި. މިހާރު ހިދުމަތް ދެއްވަނީ ހދ. ކުޅުދުއްފުށީގަައި

  • ޑޮކްޓަރުކަން ކިޔަވާ ވިދާޅުވީ މިސްރުގެ އަޒްހަރު ޔުނިވަސިޓީއިން. ކުޑަކުދިންގެ ޑޮކްޓަރެއްގެ ގޮތުގައި ހާއްސަ ވެވަޑައިގެންނެވީ ނޭޕާލުން، އަދި ޕީޑިއަޓްރިކް ނިއޮނަޓޮލޮޖިސްޓެއްގެ ގޮތުގައި ހާއްސަ ވެވަޑައިގެންނެވީ ކޮލޮމްބޯ ޔުނިވަސިޓީއިން

ދުވަސްނުފުރާ ވިހާ ކުދިން ގިނަ، އެ ކުދިންނަށް ބޭނުންވަނީ ހާއްސަ ފަރުވާ

ކުރިން ރާއްޖޭގައި އެންމެ އާއްމުކޮށް ޅަފަތުގައި ކުދިން މަރުވަނީ ކޮންމެވެސް ކަހަލަ އިންފެކްޝަނެއް ނުވަތަ ޖަރާސީމެއްގެ ސަބަބުންނެވެ. އެކަމަކު، މިހާރު އޭގެ އެންމެ ބޮޑު ސަބަބަކަށް ވެފައި އޮންނަނީ ދުވަސް ނުފުރާ ވިހެއުމާއި ވިހާއިރު ކުއްޖާގެ ގުނަވަންތައް ފުރިހަމަނުވެ ހުރުމެވެ.

ރާއްޖޭގައި އަލަށް މީހުން ވިހާ ނިސްބަތަށް ބަލާއިރު، ދުވަސް ނުފުރާ ވިހާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން:

  • 90 އަހަރުގެ އަހަރުތަކާއި މިހާރާ އަޅާބަލާއިރު އެ ނިސްބަތް ވަރަށް ތަފާތު

  • 2009 ވަނަ އަހަރާ ހަމައަށް، ދުވަސް ނުފުރާ ވިހެއީ %10 މީހުން

  • 2013 އާ ހަމައަށް %13 މީހުން

  • މިހާރު އެ ނިސްބަތް އުޅެނީ %14-%15އާ ދެމެދު

  • ކުރިއަށް އޮތްތަނުގައި އެ ނިސްބަތް ދާނީ އިތުރުވަމުން

ދުވަސްނުފުރާ ވިހެއުން ގިނަވުމުގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ޑޮކްޓަރު ފާހަގަ ކުރެއްވީ އައިވީއެފްގެ ފަރުވާއިން ބަލިވެ އިނުމެވެ. ދެން އަލަތު ދަރިފުޅު ހޯދާ އުމުރުފުރާ ދޮށީވުމާއި ސިއްހަތަށް ފައިދާ ހުރި ކެއުމުގެ ވައްޓަފާޅި އާއި އެކި ކަހަލަ ކެމިކަލްއަށް ހުށަހެޅޭ މިންވަރު އިތުރުވުމެވެ.

ދުވަސްނުފުރާ ވިހާއިރު، ގިނަ ފަހަރަށް ހުރިހާ ގުނަވަންތަކެއް އެންމެ ރަނގަޅަށް ފުރިހަމަވެފައެއް ނުހުރެ އެވެ. އެހެންވެ، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ދެން ޖެހެނީ އެކަމަށް ހާއްސަ އައިސީޔޫއެއްގައި ބާއްވައިގެން ވަކި ކަހަލަ، ވަކި ހާއްސަ ފަރުވާތަކެއް ދޭށެވެ. އެ ކުދިންގެ ހުރިހާ ކަމެއް ވެސް ގުޅިފައި ހުންނަނީ، ޑޮކްޓަރުގެ ބަހުން ނަމަ، 'މައިކްރޯ ލެވެލް' އާ އެވެ.

"އެ ކުދިން، ދުވަސް ފުރިގެން ވިހާ ކުދިންނާ ތަފާތު. ހަމަ އެގޮތަށް، ދުވަސް ފުރިގެން ވިހެޔަސް، އެއް މަސް ނުވާ ކުދިންނާ އެހެން ކުދިންނާ ވެސް ތަފާތު،" ފައިސަލް ވިދާޅުވި އެވެ.

"ނިއޮނޭޓަލް ކެއާ މުހިއްމުވަނީ އެހެންވެ."

ރާއްޖޭގައި ފަރުވާ ދިނުމުގައި ގޮންޖެހުން ބޮޑު

ވަކި ދާއިރާއަކުން ހާއްސަވެ، ސީދާ ރަށެއްގައި ފަރުވާ ދެއްވުމަށް ވަޑައިގެން ފުރަތަމަ ބޭފުޅަކަށް ޑޮކްޓަރު ފައިސަލް ވެދާނެ އެވެ. މީގެ ފަސް އަހަރު ކުރިން ފެށިގެން އޭނާ ފަރުވާ ދެއްވަމުން އަންނަނީ، އަނބިކަނބަލުން ޑރ. ލީނާ އަބްދުލްވާހިދާއެކު ހދ. ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

ޑޮކްޓަރަކު ހޯދާ އިލްމު ޕްރެކްޓިސް ކުރުމަށް، ނުވަތަ ހުނަރު ދެމެހެއްޓުމަށް ވަކި އަދަދަކަށް ބަލި މީހުން ބަލަން ޖެހެ އެވެ. ހާއްސަ ދާއިރާއަކުން ކިޔަވައިގެން އައިސް، ރަށަކުން އެ އަދަދަށް ކުދިންނަށް ފަރުވާ ދޭން ނުލިބުން، ނުވަތަ އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ފައިސަލް ވިދާޅުވި ގޮތުގައި އޭނާއަށް ކުރިމަތިވެ ވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމެކެވެ.

"ދެން ޖެހޭނީ އެ އަދަދަށް ފަރުވާ ދެވޭ ތަނަކަށް ދުވަސްކޮޅަކުން ދާން،" ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް އަލަށް އުފަންވާ ކުދިންގެ ނިސްބަތް 6،000-6،500ގައި އުޅޭއިރު އޭގެތެރެއިން ދެބައިކުޅަ އެއްބައި ކުދިން އުފަންވަނީ މާލޭ ސަރަހައްދުގަ އެވެ.

އޭގެތެރެއިން ކޮންމެ 1،000 ކުދިންގެ ތެރެއިން ދެ ކުދިންނަށް، ކުޑަކުދިންގެ އައިސީޔޫ ނުވަތަ އެންއައިސީޔޫގެ 5-6 އެނދު ބޭނުންވާނެ އެވެ. އެއީ ރަނގަޅު ފެންވަރު ނުވަތަ ލެވެލް ދެޔަކާއި ތިނެއްގެ އެންއައިސީޔޫތަކެވެ.

އެކަމަކު އުތުރުގެ ތިން އަތޮޅުގައި އަހަރަކު އުފަންވާ 1،000 ކުދިންގެ ތެރެއިން ބޭނުން ޖެހޭ ކުދިންނަށް، އެ މިންވަރަކަށް އެނދެއް ނެތެވެ. އެއީ، ހިދުމަތް ދިނުމުގައި ފައިސަލްއަށް ކުރިމަތިވެވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމެކެވެ.

"އަޅުގަނޑުމެން ޖެހޭނެ އެކަށީގެންވާ މިންވަރަކަށް ޕްރެކްޓިސް ކުރަން. ނިއުނޮޓޮލިޖިސްޓެއް މަސައްކަތް ކުރާތަނެއްގައި އަށް އެނދު ފުލްކޮށް ހުންނަން ޖެހޭނެ،" މާލޭގެ ދިރިއުޅުން ދޫކުރައްވައި، އެކި ރަށްރަށުގައި ހިދުމަތް ދެއްވަމުން އަންނަ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް އޮތް ހައްލެއްގެ ގޮތުން، ފަރުވާ ދޭ ހާއްސަ ސެންޓަރުތަކެއްގެ ގޮތުގައި އެތަންތަން ގާއިމުކޮށް، ކައިރި އަތޮޅުތަކުން ވެސް ކުދިން އެ ސެންޓަރަކަށް ގެނެވިދާނެ ކަމަށެވެ. އެކަމަކު ކުދިން އުފުލަން ޖެހޭނީ އެކަމަށް ހާއްސަ އިންކިއުބޭޓަރެއްގަ އެވެ. އޭގެ ފިނިހޫނުމިން ހިފެހެއްޓުމަކީ ލާޒިމްކަމެކެވެ. އެހެންވެ، އެކަމަށް ކުރަން ޖެހޭ މަސައްކަތަކީ ވެސް ގޮންޖެހުމަކަށް ވާނެ އެވެ.

ގިނަ އުނދަގޫތަކާއި ތަކްލީފުތަކެއް ހުރި ނަމަވެސް، ފައިސަލް ހުންނެވީ ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށެވެ. ދިވެހި ފުރަތަމަ ނިއޮނޮލޮޖިސްޓެއްގެ ގޮތުގައި ކުރެއްވެން ހުރި މަސައްކަތެއް ކުރެއްވުމަށް އަޒުމުކަނޑަ އަޅުއްވައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް