ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި އިރު ރަސްމީ ޖަލްސާއަކަށް ފަހު މީހަކާ ސަލާންކުރައްވަނީ (ފައިލް ފޮޓޯ/އަވަސް)

މިއީ ޔާމީންގެ ވާހަކަ: ނަޝީދަށް ބިރުދެއްކި ގޮތަށް އަޅުގަނޑަކަށް ބިރެއްނުދެއްކޭނެ

ކުރީގެ ރައީސް އިއްޔެ ރޭ ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ވަދެ ފުލުހުން ހިންގި އޮޕަރޭޝަނަށް ފަހު ސިފައިންގެ އިސް އޮފިސަރުންތަކެއް ބަގާވާތެއް ގެންނަން މަސައްކަތްކުރި ކަމަށް. ނަމަވެސް އެ ފުރުސަތު އެމަނިކުފާނު ނުދެއްވި
9 ޑިސެމްބަރު 2025
4

އިއްޔެ ރޭ އޮތް ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭގެ ކުރިން އެމަނިކުފާނު ނުދެއްވާ ތަފުސީލެއް ފުރަތަމަ ފަހަރަށް ކިޔައިދެއްވި އެވެ: ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނަށް ފަހު ސިފައިންގެ އިސް އޮފިސަރުން ކުރަން އުޅުނު 'ބަގާވާތެ'ވެ.

ޔާމީން ސަރުކާރުގެ ވެސް ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް ދިރިއުޅުއްވި ގެޔަށް 18 ޖެނުއަރީ 2015ގެ ފަތިހު ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން ވަދެ، ފިސްތޯލައަކާއި ވަޒަންތަކެއް ހޯދި އެވެ. އެ މައްސަލާގައި ނާޒިމް ފަހުން ހައްޔަރުކޮށް، ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ހުކުމްކުރި އެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ޔާމީންގެ ޕާޓީ ޖަލްސާގައި އެ ހާދިސާގެ މައްޗަށް ވާހަކަފުޅު ދެއްކެވީ، އެމަނިކުފާނު ވެރިކަމުން ވައްޓާލަން 17 ފަހަރު އެކި ގޮތްގޮތަށް މަސައްކަތްކުރި ކަމަށް، ޔާމީން ވެރިކަމުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވުމުންނެވެ. ޔާމީނަށް ތައުރީފްގެ ބަސްތައް އަމުނަމުން ގޮސް ހުސެއިން އެހެން ވިދާޅުވީ، ފިޔަވަޅު އެޅުއްވުމުގައި އެއްވެސް މީހެއްގެ މޫނަކަށް ޔާމީން ނުބައްލަވާ ކަމަށް ދެއްކެވި ވާހަކައިގެ ތެރޭގަ އެވެ.

ޕީއެންއެފްގެ ޖަލްސާއްގައި ޔާމީން ބައިވެެރިވެވަޑައިގަންނަވަނީ (ދައުރު ފޮޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭގެ ފަހުން ޔާމީން ބައެއް ކަންކަމުގެ ތަފުސީލު ދެއްވި އެވެ. ނާޒިމްގެ ނަން ނުގެންނެވި ނަމަވެސް ނިސްބަތްކުރެއްވި ހާދިސާއަށް ވިސްނާލުމުން އެއީ ކުރީގެ ޑިފެންސް މިނިސްޓަރުކަން ޔަގީންވެ އެވެ.

"އަޅުގަނޑަށް އެނގޭ މި ވާހަކަ ދައްކާއިރު ވާހަކަ ރައްދުވާ ކަންފަތަށް އެނގޭނެ ކާކުގެ ވާހަކައެއްކަން މި ދައްކަނީ،" ތަފުސީލު ފައްޓަވަމުން ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ދެއްކެވި ވާހަކައިގެ ކުރު ހުލާސާއަކީ މި އެވެ: ނާޒިމްގެ ގެއަށް ފުލުހުން ވަނުމާ އެކު އޭގެ އަނެއް ދުވަހު ހެނދުނު ޔާމީން ފުލުހުންނާ ބައްދަލުކުރެއްވި އެވެ. އެއީ އެކަން ހިނގި ގޮތް އަމިއްލަފުޅަށް ތަހުގީގުކުރެއްވުމުގެ ގޮތުންނެވެ. އެ ބައްދަލުވުމަށް ފަހު އެނބުރި ރައީސް އޮފީހަށް ވަޑައިގަތުމުން ޔާމީނަށް ގުޅުއްވީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

"އެމްއެންޑީއެފްގެ ޗީފް ބުނަނީ ރައީސޭ މި ތަނުގެ އިސް އޮފިސަރުން ވަރަށް ބޮޑަށް ރައީސާ ބައްދަލުކުރަން ބޭނުންވެއޭ،" ޔާމީން ވިދާޅުވި އެވެ.

އެކަމަކު ޔާމީން އެދުވަހު ސިފައިންގެ އެއްވެސް މަރުކަޒަކަށް ވަޑައެއްނުގަންނަވަ އެވެ. އެމަނިކުފާނު ޝިޔާމަށް ހަނދާންކޮށްދެއްވީ ސިފައިންނާ ބެހޭ ގޮތުން އަބަދުވެސް ދައްކަވާ ވާހަކަ އެވެ.

ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަަދު ޝިޔާމް

"އަޅުގަނޑު އެމްއެންޑީއެފް ޗީފް ކައިރީގައި ބުނެފިން، ބުނަންހޭ ވާހަކައެއް. ޖަލްސާތަކުގައި އަބަދުވެސް ހިތްވަރުދެމުން ވާހަކަދައްކަމުން ބުނަންދޯއޭ، ކަލޭމެންގެ ޓްެރޫ ޓެސްޓް އޮފް ކަރެކްޓާ ނޫނީ ކަލޭމެންގެ ސްޓްރެންތު އެނގޭނީ ކަމެއް ދިމާވީމައޭ. މިއަދު މިއުޅެނީ ކަމެއް ދިމާވެގެންދޯއޭ،" ޔާމީން ކިޔައިދެއްވި އެވެ.

"މިއަދު ކަމެއް ދިމާވެގެން އުޅެންޏާ އަމިއްލައަށް ހައްލުކުރާށޭ. ރައީސް ނުޖެހޭ ދޯއޭ ތި ތަނަށް ދާކަށް. ރައީސެއް ނުޖެހެއޭ ދާކަށް."

އެހާ ހިސާބުން އެ ފޯނު ކޯލު ނިންމަވައެއް ނުލައްވަ އެވެ. ޝިޔާމަށް ޔާމީން ކުރައްވަނީ ދެ ސުވާލެކެވެ. ސިފައިންގެ އޮފިސަރުންގެ ތެރޭގައި ދިމާވެގެން އެ އުޅޭ މައްސަލަ ހައްލުކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ އެވެ.

"ނުކުރެވެންޏާ ބުނާށޭ. [އެހެން ބުނީމާ ޝިޔާމް ބުނީ] ސާ، ސާއޭ އަޅުގަނޑު ހައްލުކުރާނަމޭ،" ޔާމީން ވިދާޅުވި އެވެ.

"އެ ހިސާބުން އެ ނިމުނި އެކަަން."

އެކަމަކު ޔާމީން ވިދާޅުވީ އެއީ ބަގާވާތެއް ކަމަށެވެ.

"އެމީހުން އުޅުނީ ރައީސް ނަޝީދަށް ބިރު ދެއްކިހެން އަޅުގަނޑަށް ބިރުދައްކައިގެން މިކަން ކުރެވޭނެތޯ. ގަން ޕޮއިންޓްގައި އަޅުގަނޑު ބަހައްޓައިގެން ކަމެއް ކުރަން އުޅުނީ."

ޔާމީންގެ އެވާހަކައާ ގުޅިގެން 'ދައުރު'ން ބައެއް ކަންކަން ސާފުކުރަން މަސައްކަތްކުރީމެވެ. އެގޮތުން ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އަދި އޭރުގެ ބައެއް ސިއްރުތައް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކު ވިދާޅުވީ ސިފައިންގެ އިސް އޮފިސަރުންތަކެއް ޔާމީންއާ ބައްދަލުކުރަން އުޅުނު ކަަމަށެވެ.

ފުލުހުންގެ ރެއިޑަށް ފަހު އެ ދުވަހު ހެނދުނު ނާޒިމް ސިފައިންގެއަށް ވަޑައިގަތެވެ. އޮފިސަރުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވީ އޭނާއާ ދެކޮޅަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ރައީސަށް ވިސްނައިދޭން ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ޑިސެމްބަރު 2014ގައި މުޅި މާލެއިން ފެން ކެނޑުމުން ރައީސް ޔާމީން އެކުލަވާލި ޓާސްކްފޯސްގެ އިސް ވެރިޔާގެ ގޮތުން ޑިފެންސް މިނިސްޓަރު ނާޒިމް (މެދުގައި) ވާހަކަ ދައްކަވަނީ. އޭނާ ހައްޔަރުކުރީ އޭގެ ދުވަސްކޮޅެއް ފަހުން (ފޮޓޯ/އެމްޑަބްލިޔުއެސްސީ)

ޔާމީނަށް ޝިޔާމް ފޯނުކުރެއްވި އިރު، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ނާޒިމް ބޭއްވެވި ބައްދަލުވުމުގައި ހުރި އެއް އޮފިސަރަކު އޮތީ ޔާމީނަށް އެ މައުލޫމާތު ދީފަ އެވެ. އެހެންކަމުން އޮފިސަރުން ޔާމީން ކައިރީގައި ދައްކާނެ ވާހަކަ އެމަނިކުފާނަށް އެނގިވަޑައިގަނެ އެވެ.

"އެ އޮފިސަރު ޔާމީނަށް އެ މައުލޫމާތު ނުދިން ނަމަ ޔާމީން އެ ދުވަހު ސިފައިންނާ ބައްދަލުކުރީސް ކަންނޭނގެ،" މި ނޫހާ ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އެ ދުވަހު ސިފައިންގެ އިސް އޮފިސަރުންނާ ޔާމީން ބައްދަލުނުކުރެއްވި ނަމަވެސް ދެ ދުވަސް ފަހުން ސިފައިންގެ ވެރިންނާ އެކު ބައްދަލުވުމެއް ބޭއްވެވި އެވެ. 

"ހުރިހާ ވެރިން އެއްކޮށްފައި ބުނެފިން ކަލޭމެން އަހަންނަށް ދައުވަތުދިނީ ނޫންތޯއޭ، ބުނެބަލާށޭ ކީއްތޯކުރަން އުޅުނީ. އެ ހިސާބުން ޗީފް ވާހަކައެއް ނުދައްކާ. ޑިޕިއުޓީ ޗީފް ވާހަކައެއް ނުދައްކާ،" ޔާމީން ވިދާޅުވި އެވެ.

"ކޮންމެވެސް އެއް ޖެނެރަލަކު ބުނެފި ރައީސޭ އެ ދުވަހު ނައިކަން ރަނގަޅޭ. [އަޅުގަނޑު] ބުނެފިން ކިޔައިދީބަލާށޭ ތި ވާހަކަ، ނައީ ކީއްވެގެންތޯ. ދެން ކަންތައް ކިޔައިދީފި. މިއީ ޖަހަން އުޅުނު ސަކަރާތަކީ."

ސިފައިން ނަޝީދަށް ބިރުދެއްކި ގޮތަށް އެމަނިކުފާނަށް ބިރުނުދެއްކޭނެ ކަމަށް ޔާމީން ވިދާޅުވީ 7 ފެބްރުއަރީ 2012ގެ ހާދިސާއަށް ނިސްބަތްކުރައްވަ އެވެ. ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވި އެ ދުވަހުގެ ހަމަނުޖެހުމުގެ ތެރެއަށް ސިފައިންނާއި ފުލުހުންގެ އެތައް ބަޔަކު ވަނެވެ. 

ޔާމީން ވިދާޅުވީ ސިފައިން ހީކުރަނީ މަގާމު ގެއްލިދާނެތީ ކޮންމެ ރައީސަކު ވެސް ބިރުން އުޅޭނެ ކަމަށެވެ.

އެކަމަކު "އަޅުގަނޑަކީ މަގާމު ގެއްލިދާނެތީ ބިރުން އުޅޭ މީހެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ފިސްތޯލަ މައްސަލާގައި ނާޒިމް ހައްޔަރުކުރަނީ އޭގެ ހަތަރު ދުވަސް ފަހުން 22 ޖެނުއަރީ 2015ގަ އެވެ. އެ ފިސްތޯލައިން އޭނާ އާއި އޭނާގެ އާއިލާގެ އެހެން މީހެއްގެ ވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އެކަމަކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ބުންޏެވެ.

ނާޒިމް ހައްޔަރުކުރީ ވަރަށް ގިނަ ބަޔަކު އޭނާގެ ގާބިލްކަމުގެ ވާހަކަ ދައްކަމުން ދިޔަ ދުވަސްކޮޅެއްގަ އެވެ. އެއް ސަބަބަކީ ޑިސެމްބަރު 2014ގައި އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެ ފެނަން ޖެހުނު ކާރިސާގައި އޭނާ ކުޅުއްވި ރޯލެވެ. މައްސަލަ ހައްލުކުރަން ޔާމީން އެކުލަވާލެއްވި ޓާސްކްފޯސްގެ އިސް ވެރިޔަކަށް ލެއްވީ ނާޒިމެވެ.

އެކަމަކު އަނެއްކޮޅުން އޭރުގެ އެންމެ ބާރުގަދަ މިނިސްޓަރު އަދީބާއި ނާޒިމާ ދެމެދު ބޮޑެތި  ހަމަނުޖެހުންތަކެއް، އާންމުންނަށް ނޭނގޭ ހިސާބުގައި، ހިނގަމުން ދިޔަ އެވެ. އޭރު ޔާމީން އެންމެ އިތުބާރުކުރައްވަނީ ވެސް އަދީބަށެވެ.

ނާޒިމް ހައްޔަަރުކުރުމާ އެކު އޭނާގެ ފަރާތުން ބުނަމުން އައީ ކޮޓަރިން ފެނުނީ ފުލުހުން ރާވައިގެން އެތަނަށް ވެއްދި ފިސްތޯލައެއް ކަމަށެވެ.

ނާޒިމް މިނިވަންވީ 2018ގެ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެ، އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އޭނާގެ ކުށެއް ނެތް ކަމަށް ފަހުން ސުޕްރީމް ކޯޓުން ވެސް ނިންމި އެވެ.

ޑިފެންސް މިނިސްޓަރަށް ވުމާ އެކު ސިފައިންގެ ތެރޭގައި ވެސް ނާޒިމްގެ ބާރުގަދަ އެވެ. އެހެންކަމުން އޭނާގެ ދިފާއުގައި އިސް އޮފިސަރުން ޔާމީން އަރިހުގައި ވާހަކަ ދައްކަން ބޭނުންވެދާނެ އެވެ. އެކަމަކު ޔާމީން އެ ވިދާޅުވަނީ އެ ދުވަހު އެ "ގެނައީ ބަގާވާތެއް' ކަމަށެވެ.

"އެކަން ކުރަން އުޅުނު މީހާއަށް އެނގޭނެ، މިރޭ އަޑުއަހަން އިނިއްޔާ އެނގޭނެ، އެމީހުން ކުރަން އުޅުނީ ކޮން ކަމެއްތޯ،" ނާޒިމްގެ ނަން ނުގެންނަވައި ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (4)

އާބިދާ

9 ޑިސެމްބަރު 2025
އެހެންވިމާ ނާޒިމު ފުރޭމުކުރީ، އަދީބު ބުރޯލައްވާ ބޮޑާބޭގެ އޯޑަރަށް ތާ ދީ!
3 5

ދޮންރަހާ

9 ޑިސެމްބަރު 2025
ރައީސް ޔާމީން ރޮއްޓެމަތީގަ ޖަލްސާ ބޭއްވިޔަސް ރާއްޖޭގެ އެންމެގިނަބަޔަކު ބަލާ އަޑުއަހަނީ ރައީސް ޔާމީންގެ ޖަލްސާ
14 2

ބޮޑާބޭ

9 ޑިސެމްބަރު 2025
ފެންޑާ ގައި މިހާރު ދެން މިކިޔަނީ ފާނަދަލޭކާ އަންބާ.
5 4

ޖުވޭ

9 ޑިސެމްބަރު 2025
@ބޮޑާބޭ އެދުވަސް ކޮޅު ގްރައުންޑް ގަ ކަންކަން ހިނގާދިޔައިރު އެދޭތެރޭ މަސައްކަތްތަކުގަ ހުރި މީހެއްގެ ހައިސިއްޔަތުން؛ ޔާމިން އެދެއްކެވީ ތެދު ވާހަކަފުޅުތަކެއް. ޖާނަލިސްޓުންނަށް ހަގީގީ މައުލޫމާތު ހޯދަން އަދިވެސް ނޭނގޭތީ އެއިރު މިވާހަކަ އަމިއްލައަށް ނުހޯދުނީ.
6 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް