ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުން ޒަހަމްވި މީހުން ލޯންޗަކަށް އަރުވަނީ: މިއީ ރޭވިގެން ދިން ހަމަލާއެއް ކަމަށް އެ ހަމަލާ އަމާޒުވި ކުރީގެ ރައީސް ޔާމީން ވިދާޅުވޭ (ފޮޓޯ/ހަވީރު)

ހުސެއިން ވަހީދު އެވާހަކަ ފައްޓަވައިފި، ކައިރީގައި އިންނެވީ ފަޔާޒު

ކުރީގެ ރައީސް ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާ އެކު ޕޮލިސް ކޮމިޝަނަރުކަމުން ހުސެއިން ވަހީދު ވަކިކުރި. އަދި ސިފައިންގެ މަގާމުން އަހުމަދު ފަޔާޒު (ޕާޕާ) ވަކިކޮށް ދެ އަހަރުގެ ޖަލު ހުކުމެއް ވެސް ފުރިހަމަކުރެއްވި
8 ޑިސެމްބަރު 2025
4

ރައީސްގެ ރަސްމީ ލޯންޗުކޮޅު 'ފިނިފެންމާ'ގައި، 28 ސެޕްޓެމްބަރު 2015ގައި، އެއްޗެއް ގޮއްވާލުމަކީ ދިވެހި ތާރީހުގައި ވެސް ބޮޑު ހާދިސާއެކެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން، ހައްޖުން އެނބުރި ރާއްޖެ ވަޑައިގެން އެވަގުތު އިންނެވީ އެ ލޯންޗުކޮޅުގަ އެވެ. އެހެންކަމުން އެއީ ސީދާ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ނޫން ކަމަށް ހެދޭނެ ގޮތެއް ނުފެނެ އެވެ.

ރޭ ޕީއެންއެފްގެ ހަރުގެ ޖަލްސާގެ އެކި ވާހަކަތައް އެނބުރެމުން ގޮސް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެންނެވީ އެ ހާދިސާގެ ތެރެއަށެވެ. އޭރު އޭނާއާ ޖެހިގެން އިންނެވީ 'ފިނިފެންމާ' ލޯންޗު މައްސަލާގައި ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެއްވި އަދި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އޭރުގެ ކޮމާންޑަރަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އެވެ.

އޭނާ ޖަލުން މިނިވަންވެވަޑައިގެން ފަހުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމްތައް ބާތިލްކޮށްފަ އެވެ. 

އެކަމަކު މީގެ 10 އަހަރު ކުރިން އޭރުގެ ހާލަތަށް ބަލާ ނަމަ ހުސެއިން ވަހީދާއި ފަޔާޒުގެ ބޮލުގައި އެ ގޮއްވާލުމުގެ ކޮންމެވެސް ވަރެއްގެ ޒިންމާތަކެއް އެޅެ އެވެ. އެކަމުގައި ސީދާ ބައިވެރިވެވަޑައިގަތުމެއް ނޫނެވެ. ހަވާލުވެފައި އޮތް ޒިންމާތައް ނުނެންގެވުމެވެ. އޭރު ވާހަކަ ދެކެވުނީ ޔާމީން އަވަހާރަކޮށްލަން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތްކުރެއްވި އިރު، އެ ދެ ބޭފުޅުން ވެސް ތިއްބެވީ އަދީބުގެ ބާރުގެ ދަށުގައި ކަމަށެވެ.

ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި 'ފިނިފެންމާ' ލޯންޗު ގޮއްވާލުމާ ބެހޭ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވާހަކަ ދައްކަވާއިރު، އެ މައްސަލާގައި ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ލެފްޓިނެންޓް އަހުމަދު ފަޔާޒު (ޕާޕާ) އަޑުއައްސަވަނީ

ރޭ އަލުން 'ފިނިފެންމާ'ގެ ހާދިސާގެ ހަނދާންތައް އާކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އާއި ޔާމީނާ ހުރި ތަފާތު ދައްކަވަންވެގެންނެވެ. ރައީސް މުއިއްޒަށް ފިޔަވަޅު އަޅުއްވަން ކެރިވަޑައިނުގަންވާ އިރު ޔާމީންގެ މޮޅު ކަމަކީ މޫނަށް ބެއްލެވުމެއް ނެތި ފިޔަވަޅު އެޅުއްވުން ކަން، ހުސެއިން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު އޭނާއާ ހިސާބަށް އައިސްފައި ނުވުމަކީ ޕޮލިސް ކޮމިޝަނަރެއްގެ ޒިންމާ ރަނގަޅަށް ނުނެންގެވުން ކަމަށް، ޔާމީން ގަބޫލުފުޅުކުރެއްވި ކަމަށެވެ.

"ލޯންޗުކޮޅުގައި މައްސަލައެއް ދިމާވީމާ އަޅުގަނޑާ ދޭތެރޭގައި ފިޔަވަޅު އަޅަން ރައީސް ޔާމީނަށް ކެރުނޭ،" އަޑަށް ބާރުލައްވާފައި ހުސެއިން ވިދާޅުވި އެވެ.

"ކެރުނީ ކިހިނެއް ވެގެންތޯ؟ އެއީ އަޅުގަނޑު އަދާކުރަން ޖެހޭ ޒިންމާ އަދާކުރުުމުގައި އަޅުގަނޑު އިހުމާލުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުކުރެއްވޭތީ."

ޔާމީންގެ އެ ކެރިވަޑައިގަތުމަށް އޭނާ ސެލިއުޓް ވެސް ކުރެއްވި އެވެ.

އިތުރު ތަފުސީލަށް ވަޑައިގަންނަވަމުން ފާހަގަކުރެއްވި އެއް ކަމަކީ 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލަން އުޅޭކަމުގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އޭނާއާ ހިސާބަށް އައިސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ނުލިބުނިއްޔާ އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ހިސާބަށް މައުލޫމާތެއް ނުގެންދެވޭނެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރެއްވީ އެ މައުލޫމާތަކީ ޕޮލިސް ކޮމިޝަނަރަށް ހުރި މީހާއަށް، ދެން ތިބި މީސްމީހުންނަށް އެނގެން ޖެހޭނެ މައުލޫމާތެކޭ،" ހުސެއިން ވިދާޅުވި އެވެ. 

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޕީޕީއެމް ވެރިކަމުގައި އޮތް އިރު އެ ޕާޓީގެ ޖަލްސާއެއްގައި: ފިނިފެންމާ ގޮއްވާލުމުގެ ތުހުމަތު އޮތީ އަދީބަށް (ފޮޓޯ/މިހާރު)

ޔާމީންގެ ޕީއެންއެފްގެ ޖަލްސާތަކުގައި ހުސެއިން އާއި ފަޔާޒުގެ ބައިވެރިވުން ބޮޑެވެ. އެ ދެ ބޭފުޅުން ވަރަށް ފާޅުގައި، އަދި ގިނަ ފަހަރަށް އިހުތިރާމްކުރެއްވުމެއް ވެސް ނެތި، ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިންނަށް ފާޑުވިދާޅުވެ އެވެ. އެހެންކަމުން އެއީ މި ވަގުތު ޔާމީނަށް ވަރަށް މުހިންމު ދެ ބައިވެރިންނެވެ. އެ ބޭފުޅުން ދިފާއުކުރައްވަން ވެސް ޔާމީން ފަސްޖެހިވަޑައެއްނުގަންނަވަ އެވެ.

ހުސެއިންގެ ވާހަކައަށް ފަހު ޔާމީން ވިދާޅުވީ ޕޮލިސް ކޮމިޝަނަރުކަމުން ހުސެއިން ވަކިކުރީ "ލޯންޗު ގޮއްވާލި މައްސަލާގައި ކުށްވެރިވާތީ" ނޫން ކަމަށެވެ.

'ފިނިފެންމާ' ގޮއްވާލީ ރަސްމީ ފާލަމަށް ކައިރިކުރަން އުޅެނިކޮށެވެ. ޔާމީން ގަބޫލުކުރައްވަނީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ގޮއްވާލީ ކަމަށެވެ. އެހެންކަމުން އެކަން ކުރި މީހަކު އެވަގުތު އެ ސަރަހައްދުގައި ހުންނާނެ އެވެ.

ނަމަވެސް ޔާމީން ވިދާޅުވި ގޮތުގައި އެ ސަރަހައްދު ކަވަރުކުރަން ފުލުހުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ މަސައްކަތްނުކުރާތާ އޭރު ހަފުތާއެއް ވެއްޖެ އެވެ.

"އަޅުގަނޑު ކުރި ތަހުގީގުގެ ތެރޭގައި އެނގުނީ ހަތް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖޭ ކެމެރާ ހަލާކުވެފައި ހުންނަތާ. އަނެއްކާ މާލޭގައި މިހާ ކާރޫބާރޫ ބޮޑު މުހިންމު ސަރަހައްދެއްގައި. އެކަން އަޅުގަނޑަށް ގަބޫލުނުކުރެވުނީ. އަޅުގަނޑު ބެލީ އެއީ ގޯހެކޭ،" ޔާމީން ވިދާޅުވި އެވެ.

"މިކަހަލަ ކަންތައްތަކެއް ދިޔައިމާ އަޅުގަނޑަށް ގަބޫލުކުރެވުނީ ޕޮލިސްގެ ޗީފްއަށް އެބަ ޖެހޭ ފިޔަވަޅު އަޅަން. އެއީ ޒިންމާ އަދާކުރުވުމަކީ. އެހެންވީމާ ހުސެއިންއާ ދޭތެރޭ ފިޔައަޅު އެޅީ."

ހުސެއިންއާ ފަޔާޒު ތަފާތެވެ. ފަޔާޒަކީ ރައީސްގެ ސަލާމަތީ ކަންތައްތަކުގެ ވެސް އެންމެ އިސް ކޮމާންޑަރެވެ. އެސްޕީޖީގެ އިސް ވެރިއެއްގެ އިތުރުން ހަތިޔާރާއި ގޮވާތަކެތި ބަހައްޓާ ބަޑި ގުދަނުގެ ވެސް ވެރިޔާ އެވެ. ޔާމީން ވިދާޅުވި ގޮތުގައި 'ޕާޕާއަށް ވަރަށް ބޮޑު އިތުބާރެއް" ވެސް އެމަނިކުފާނު ކުރެއްވި އެވެ.

'ފިނިފެންމާ'ގައި ހަރުކޮށްފައި ހުރީ އެމްއެންޑީއެފްގެ ތެރެއިން ނެރުނު ގޮވާއެއްޗެހި ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ލޯންޗުކޮޅަކީ ރައީސްގެ އިތުރުން ހަމައެކަނި ކުރީގެ ރައީސުން ދަތުރުފުޅުކުރައްވާ އުޅަނދެކެވެ. އެ ދަތުރުގެ ކުރިން އަދީބު އާރަށަށް ވަޑައިގަންނަވަން އެ ލޯންޗު ދޫކުރެވިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަކު ފާހަގަކުރެއްވީ އެކަންކަން ހިނގީ ފަޔާޒަށް އެނގިވަޑައިނުގެން ކަމަށެވެ.

"ޕާޕާއަށް ނޭނގި މި ކަންކަން ހިނގާފައި [އޮތީ]. އެއީ ލޯންޗު ނެރެވިގެން ނުވާނެ އަދީބު ބޭނުންވެގެންނެއް. އެހެންވެ އެ ސަބަބަށްޓަކައި ޕާޕާ ވެސް މަގާމުން ރިމޫވްކުރީ. އެއީ އޭރު ޒިންމާދާރުކުރުވަން ފިޔަވަޅު އެޅުނު ގޮތަކީ."

އަދީބުގެ އެއް ފޯނުގެ މައުލޫމާތުތައް މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި އާންމުވި އެވެ. އޭގައި ހުސެއިން ވަހީދާއި ފަޔާޒު ލިއުއްވާފައި ހުރި މެސެޖްތަކުން އެނގެނީ އެ ދެ ބޭފުޅުން ވެސް ތިއްބެވީ އަދީބުގެ އަތްދަށުގައި ކަމެވެ. ހާއްސަކޮށް ފަޔާޒެވެ. 

ޔާމިންގެ ވެރިކަމުގެ ކުރީކޮޅު ޑިފެންސް މިނިސްޓަރަކަށް މުހައްމަދު ނާޒިމް ހުންނެވި އިރު ފަޔާޒުގެ 'ވައިކަޓައިގެން' އޭނާ ފޮނުވާލީ ލ. އަތޮޅުގައި ހުންނަ މަރުކަޒުގެ އިސް ވެރިޔަކަށެވެ. ސިފައިންގެ ތެރޭގައި ނާޒިމްގެ ބާރުގަދަކުރާތީ އެކަމާ ބެހޭ އެކި މެސެޖްތައް އަދީބަށް ފޮނުއްވަމުން ގެންދެވީ އެތަނުގައި ހުންނަވަ އެވެ. ސިފައިންގެ އެހެން ބައެއް މީހުން ވެސް ހިމެނޭ ގްރޫޕަކުން އަދީބަށް ދިޔައީ އެމްއެންޑީއެފްގެ އެތެރޭގެ އެކި މައުލޫމާތު ހިއްސާކުރަމުންނެވެ.

ޕީއެންއެފްއިން ކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން (ކ) ވާހަކަފުޅު ދައްކަވާއިރު އަރިހުގައި ހުސެއިން: ކޮމިޝަނަަރުކަމުން ވަކިކުރައްވަން ޔާމީން ނިންމެވުމުން އެކަމަށް ހުސެއިން ސެލިއުޓް ކުރެއްވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހުސެއިން ވަހީދުގެ ކޮމިޝަނަރުކަމުގައި ހިންގި ކުއްލި އޮޕަރޭޝަނެއްގައި ނާޒިމްގެ ގެއަށް ފުލުހުން ވަދެ، ފިސްތޯލައެއް ހޯދައި، އޭނާ ހައްޔަރުކުރުމާ އެކު، ފަޔާޒު މާލެއަށް ބަދަލުކޮށް، އެސްޕީޖީގެ އިސް ވެރިޔާގެ މަގާމާއި ބަޑި ގުދަނުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތު ހަވާލުކުރި އެވެ. އެއީ ސީދާ ޔާމީންގެ އިތުބާރު އޮވެގެންކަމެއް ނުވަތަ އަދީބުގެ އެދިވަޑައިގަތުމަށް ޔާމީން އަމަލްކުރެއްވި ގޮތެއް ކަމެއް މިހާރު ނޭނގޭނެ އެވެ.

އަދީބާއި ފަޔާޒުގެ މެސެޖްތަކުން ދޭހަވަނީ ސިފައިންގެ އެތެރޭގައި އަދީބަށް ޖާސޫސްކޮށްދޭށާއި އޭނާ ބޭނުންވާ ކަންކަން ކުރައްވާނެ އެއް ބޭފުޅަކަށް ފަޔާޒު ހެދޭނެކަން ގަބޫލުކުރެއްވި ކަމެވެ.

'ފިނިފެންމާ' ގޮއްވާލުމުގެ ކުރިން ޖާސޫސީ މައުލޫމާތު ނުހޯއްދަވާ ދުވަސްކޮޅެއް ދިޔަކަމަށް ޔާމީން ރޭ އެއްބަސްވެވަޑައިގަތެވެ. ސަމާސާއަކަށް ވިދާޅުވީ "ރައީސަކީ ތާސް ކުޅުމާ އެކު ވަރަށް ބިޒީ މީހެއް" ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ކަންކަން ރަނގަޅުކުރައްވަން ވަގުތު ހޭދަކުރެއްވުމުގެ ބަދަލުގައި ގިނައިން ތާސް ކުޅުއްވި ކަމަށް، މި ފަހުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ވިދާޅުވުމަށް ޖެއްސެވި ބޯޅައެއް ކަމަަށް ފެނެ އެވެ.

"ރައީސަކީ ތާސް ކުޅުމާ އެކު ވަރަށް ބިޒީ މީހެއް. ވަރަށް ބިޒީ މީހެއް. އެހެންވީމާ ވާ ގޮތަކީ ކޮންމެ ފަހަަރަކު [އިންޓެލިޖެންސް ރިޕޯޓް] ނުބެލިދާނެ،" ޔާމީން ވިދާާޅުވި އެވެ.

"އޭރު ޕޮލިސްގެ އިންޓެލް އައުން ފެއިލްވެފައި އޮތްތާ ދުވަސްކޮޅެއް ވެދާނެ. އެކަމަކު އަޅުގަނޑު ހަނދާން ނެތީ އެވަރަށް އަޅާނުލެވި [ދިޔައީ]. ވަރަށް ބުރަކޮށް އުޅުނު ދުވަސްކޮޅެއް އަޅުގަނޑު ހައްޖުގެ އަޅުކަން ވެސް އޮތުމާ އެކު. އެހެންވީމާ އަޅުގަނޑަަށް އެކަމަކާ [އިންޓެލިޖެންސް ރިޕޯޓްތައް ބަލަން] ނޫޅެވޭ."

'ފިނިފެންމާ' ގޮއްވާލި ހާދިސާ އަލުން، އޭގެ ބައެއް ކަންކަމުގެ ތަފުސީލާ އެކު، ޕީއެންއެފްގެ ހަރުގެ ތެރެއިން، ތިލަވުމާ އެކު، ބައެއް މީހުން ހައިރާންވެދާނެ އެވެ. ހާއްސަކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ބަޑި ގުދަނުގެ ވެރިޔާ ފަޔާޒުގެ ވެސް ބައިވެރިވެވަޑައިގަތުމާ އެކު، އެ މައުލޫއު ނެންގެވުމުންނެވެ.

ނަަމަވެސް ސިޔާސީ ބަދަލުވުންތަކުގައި މި ހުންނަނީ ވެސް ފެންނާނެ ކަންކަމެވެ.

ކޮމެންޓް (4)

ސުހާނާ

14 ޑިސެމްބަރު 2025
މި ކޮމެންޓް ކުރާ މީހުންނަށް ކަންތައްތައް ހާދަ ބޮޑަކަށް އެނގެޔޭދޯ؟ ތިމާއަށް ހީވާ ގޮތަކަށް ހިތަށް އެރިހައި އެއްޗެއް ކިޔުމަކީ ކޮންކަހަލަ ކަމެއްކަން މިމީހުންނަށް އެނގޭބާ؟
0 0

ގޭސްގަނޑު

10 ޑިސެމްބަރު 2025
ޑްރާމާގަ އެންމެ އިސްވެރިން ތި ތިބީ ކައިރީގަ، 1 މަސް ވަންދެން ހަސްފަތާލުގަ މެޑަމް ގޭމްކުޅުއްވަން އޮންނެވި. ހާދިސާ އާ ގުޅިގެން އިމްޕެކްޓެއް އައީ ހަމައެކަނި ބާރުކަނޑާލަން ޖެހޭކަމަށް ފެންނަ އަދީބަށް އެކަނި.
2 0

ބޮޑާބޭ

9 ޑިސެމްބަރު 2025
ފެންޑާގައި ދައްކާނެ ވާހަކަހުސްވެގެން މިސްކިތު ހުޅުޖެހިމީހާގެ ވާހަކަ ފެށުނީ. އެންމެފަހުން ހުނިގުރާބުގެ ވާހަކަވެސް ފެންޑާ އިން ދައްކާނެ.
7 1

ތެފައާސާ.

8 ޑިސެމްބަރު 2025
އިތުރު ކޮށްލާނަން.. ރައީސް އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސަށްވެސް ފަސްޓް ލޭޑީއަށްވެސް މާބޮޑު އަނިޔާއެއް ނުވޭ. އަދި އެ ގޮވުން ތަހުގީގު ކުރަން އައި ބޭރުގެ ތަޖުރިބާކާރުންގެ ހޯދުންތަކުންވެސް، ބާރުގަދަ ގޮވާ ޒާތުގެ ކެމިކަލްތަކެއްގެ އަސަރު ފެނިފައެއް ނުވޭ. އަދި އެ ދަތުރުފުޅަށްފަހު ރައީސް ޔާމީން އާދައިގެ މަތިން އެއާރޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރެއްވުމުގެ ބަދަލުގައި މާލޭގެ ރަސްމީ ފާލަން ދޮށުގައި ބައްދަލުކުރައްވާގޮތަށް ހަމަޖެއްސެވި. ލޯންޗުކޮޅު ގޮވީ މާލޭގެ ފަޅުތެރެއަށް ވަނދެ ކެމެރާތަކުގެ ލެންސްތަކުގެ ކުރިމަތީގައި. ލޯންޗުކޮޅުގެ ގޮވުމުގެ ސަބަބުން އަދީބުގެ ބާރު ދުއްވާލެވުނު..... ދެން މި ޚަބަރާއި ގުޅުމެއް ނެތަސް، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އެމެރިކާގެ ޕާރލް ހާބަރަށް ދިން ހަމަލައާއި، އެ ހަމަލާ ދޭކަން އެމެރިކާއަށް އެނގިތިބެ ހަމަލާ ދެންދެން މަޑުކޮށްގެން ތިބިތިބުމާއި، އެ ހަމަލާއަށްފަހު ހަމަލާއިން ހުއްޖަތް ދައްކައި އެމެރިކާއިން ޖަޕާނަށް ނިއުކްލިއާރ ބޮން އަޅައި ދެންވެސް ކުރަން ބޭނުންހައި ކަމެއް ކުރި ގޮތުގެ ތާރީޚަކީވެސް ވަރަށް ޝައުގުވެރި ތާރީޚެއް.
16 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް