މާލޭގެ ކާނިވާ ސަރަހައްދު: މިތަނުގައި ފުޑް ކޯޓްތައް ހިންގާ ބިންތަކުން ސިޓީ ކައުންސިލަށް ލިބެނީ ކުޑަ އާމްދަނީއެއް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މާލޭގެ ބިންތައް ދީގެން މި ހިންގާ ބޮޑު ޖަރީމާ އާއި ނާޖާއިޒު މަންފާ

ކުޑަ ކުލީގައި އެތައް ބަޔަކަށް މާލޭގެ މުހިންމު ސަރަހައްދުތަކުން ސިޓީ ކައުންސިލުން ބިން ކުއްޔަށް ދީފައިވާއިރު އެ ތަންތަން ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީގެން މަންފާ ނަގާ
23 ނޮވެމްބަރު 2025
7

ކާނިވާ ސަރަހައްދުގައި ކެފޭއެއް ހަދާފައިވާ 5،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މާލޭ ސިޓީ ކައުންސިލުން އާންމު ފަރުދަކަށް ކުއްޔަށް ދީފައި ވަނީ މަހަކު 32،000ރ. އަށެވެ. އެ މީހާ އެ ތަން ވިޔަފާރި ވެރިއަކަށް ކުއްޔަށް ދީފައި އެ ހުރީ މަހަކު 100،000ރ. އަށެވެ. އެހެންވީމާ ކޮންމެ މަހަކު އޭނާއަށް އެ ބިމުން 68،000ރ.ގެ ސާފު ފައިދާއެއް ލިބޭނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 816،000ރ.ގެ ފައިދާ އެކެވެ. އަދި އެ ބިން ކުއްޔަށް ދީފައިވާ މުއްދަތު ކަމަށްވާ، 10 އަހަރު ތެރޭ 8 މިލިއަން ރުފިޔާ ލިބޭނެ އެވެ. 

މާލޭގެ ބިމަކީ އެންމެ އަގު ބޮޑު މުދަލަށްވާއިރު މިއީ މާލޭގެ ބިންތައް ބޭނުންކުރަން އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މިކަމުން ދައުލަތަށް މި ވަނީ ކޮން ފައިދާއެއް ހެެއްޔެވެ؟ 

"މާލޭގެ ބިންތައް މިހާރު ކުއްޔަށް ދީފައިވާ ގޮތްތަކަށް، އަގުތަކަށް ބަދަލު އަންނަން ޖެހޭ ކަމަށް އަޅުގަނޑު ވެސް ވަރަށް ގަބޫލުކުރަން. ނަމަވެސް އެގްރިމަންޓްތަކެއް ހުރީމާ މި ވަގުތަށް އަމަލު ކުރަން ޖެހޭ. އޮޑިޓް އޮފީހާއި އޭސީސީއާ މި ތަންތަނުން އެއީ މުރާޖައާ ކުރަން ޖެހޭ އަގުތަކެއް ކަމަށް ބުނީމާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ،" މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ. 

އެފަދަ ލަފައެއް ނެތި އެގްރިމަންޓުތަކެއް ބާތިލްކޮށްފި ނަމަ ބަދަލުދޭން ޖެހުމުގެ ބިރު އެބަ އޮތެވެ. 

މާލޭގެ މުހިންމު ސަރަހައްދުތަކުގައި ހުރި ބޮޑެތި ބިންތައް އެކި ފަރާތްތަކަށް ދީފައި ވަނީ އެއްވެސް އިންސާފެއް ނެތި ނާޖާއިޒު އެތައް މަންފާއެއްގެ ތެރެއިންނެވެ. ގިނަ ފަހަރު އެކި ދައުރުތަކުގައި އެކިއިރު ކައުންސިލް މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް ހެޔޮ އަގުގައި ބިންތައް ހުރީ ފާޑަކަށް ބަހާލައިފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި، އެކަން ހައްލު ކުރެވޭނީ މާލޭގެ އެކި ސަރަހައްދުތަކުގެ ބިންތައް ކުއްޔަށް ދެވޭނޭ އެންމެ ކުޑަ އަގެއް ކަނޑައެޅިގެންނެވެ. އެކަން ކުރަން ސިޓީ ކައުންސިލްގެ ބިންތަކާ ބެހޭ ކޮމިޓީގައި މިހާރު އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން މާލޭގެ ބިންތައް ހަމަ އަގުގައި ކުއްޔަށް ދޭން މަގުފަހިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ވަރަށް ކުރިއްސުރެ އެންމެ ފުރަތަމަ ދައުރުން ފެށިގެން މިހެން އެކި ގޮތް ގޮތަށް ދީފައި ހުރި ބިންތައް މިއީ. އެކަން ރަނގަޅު ކުރަން ވަގުތު ނަގާނެ،" އާޒިމް ވިދާޅުވި އެވެ.

"މިސާލަކަށް، ފާހާނާ ބަރިތައް ހަދަންށޭ ބުނެ 2،000-3،000ރ.އަށް އެ ހުރީ ދީފައި. އެކަމަކު އެ ތަންތަން ވީރާނާވެފައި އެ ހުރީ. އެކަމަކު ފައިދާ ނެގި ބަޔަކު ނެގި." 

މާލޭގެ ބިންތައް ކުއްޔަށް ދިނުމުގައި އެތައް އަޑި ނޭނގޭ ކަމެއް ހިންގާ ނާޖާއިޒު މަންފާތައް ނަގާފައިވާކަން މި ހުރިހާ ކަމަކުން ވެސް ޔަގީންވެ އެވެ. ބިންތައް ކުއްޔަށް ދިނުމުގައި ވާދަވެރިކަމެއް އިންސާފެއް ނެތެވެ. އެއް ބިމެއް ދެ ބަޔަކަށް ވެސް ދީފައި އެބަހުއްޓެވެ.

"ދެތިން ފަރާތުން ވެސް އެބަ އާދޭ އެ ބިން އެބަ އޮތޯ ތިމަންނާއަށް ކުއްޔަށް ދީފައި ބުނެވެސް. އަޅުގަނޑުމެން ލިސްޓު ނެރޭ 30 ދުވަސް ޝަކުވާއަށް މިދިނީ ވެސް އެ ކަންކަން ރަނގަޅު ކުރަން. އެހާ ގޯސްކޮށް އޮތް ކަމެއް މިއީ،" އާޒިމް ވިދާޅުވި އެވެ.

މާލޭން ދީފައިވާ ބިންތަކުގެ ކަންކަން މިއޮތީ އެއް ދުވަހަކުން ދެ ދުވަހަކުން ހައްލު ކުރެވޭ ވަރަށް ވުރެ ގޯސްކޮށެވެ. ޔަގީންވާ ކަމަކީ ސިޓީ ކައުންސިލްގެ އެކި ދައުރުތަކުގައި މާލޭގެ ބިންތައް ކުއްޔަށް ދީފައި ވަނީ އިންސާފުން ބޭރުން ވާދަވެރި ބީލަމެއް ނެތި ނާޖާއިޒު މަންފާތަކެއް ބަޔަކަށް ލިބިދޭ ގޮތަށެވެ. އެ ފައިދާ އެދަނީ އެތަންތަން ލިބިފައިވާ ފަރާތްތަކުން ނަގަމުންނެވެ. އަދި އެ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމުގައި ވެސް އުސޫލެއް ހަމައެއްލަމައެއް ނެތެވެ. 

ކޮމެންޓް (7)

ސުން

23 ނޮވެމްބަރު 2025
އެތަންތަން އަތުލާ އެކަން ހިންގި ބަޔަކު ހައްޔަރު ކުރަން ޖެހޭ.އަބަދު ގޯހޭ ގޯހޭ ކިޔަން ތިބެގެން ނުވާނެ.ނުބަލަންޏާ ރައްޔިތުންނަށް ހަރާމްކޯރު ވެވެނީ.ވެރިކަން ލިބުނީމަ ކޮންމެ ބަޔަކު ގައުމު ލޫޓުވައިގެން ދިޔަސް އަންނަ ބަޔަކު އެކަންތައް ނުބަލަންޏާ ނެތެންނުން ސަލާމަތެއް.ވެރިކަމުގަ ހުންނަ މީހެއްގެ އައުވާނުންނަށް އަގުބޮޑެތި ބިންތައް ހިތުހުރި އަގަކަށް ކުއްޔަށް ދެނީ.މައްސަލަ ބެލެންޖެހޭ.ބޭނުންވަނީ ގަޓް ހުރި ރައީސެއް.
6 0

ތަސް

23 ނޮވެމްބަރު 2025
ތިކަންކަން ހަމަޔަކަށް އަޅުވާނެގޮތެއް ދައްކާނެމީހަކަށް މަގޭވޯޓު މިފަހަރު
4 0

ޑެތު

23 ނޮވެމްބަރު 2025
މާލޭ އެއްވެސް ބިމެއް ނުހައްގުން ދޭކައް ނުޖެހޭ ނުހައްގު ގޮތުގާ އެއްވެސް ކަމެއްހިންގަމުންދާނަމަ ނުވަތަ ހިންގާފާ ވާނަމަ އެއީ ފިޔަވަޅުއަޅާން ޖެހޭ ކަމެއް
4 0

ތެފައާސާ.

23 ނޮވެމްބަރު 2025
ތިޔަ ބިންތައް ނުއަގުގައި "ކުށްޔަށް" ދީފައިހުރީ ކާކުގެ މޭޔަރުކަމެއްގައިތޯއާއި، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭ، އޭރު މޭޔަރަކަށް ހުރި ފަރާތް އެއަށްވުރެ މަތީ އެހެން މަގާމަކަށް އިންތިޚާބު ވާނޭކަން ކަށަވަރު ވީމާ، އަވަސް އަރުވާލައިގެން ބަހާލާފައި އޮތީ ކިތައް ބިންތޯއާއި، އެބިންތައް ބަހާލީ އެއްވެސް ބިޑުކުރުމެއް ނެތި، ހަމަ އެކަނި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން، އަޕްފްރޮންޓްކޮށް ފައިސާ ނަގައިގެންތޯއާއި، މި ފައިސާތަކަށް ވީއެއް ނުވީއެއް އެނގެން އެބައޮތްތޯއާއި، މާލޭ ސިޓީ ކައުންސިލްގެ އޮޑިޓެއް އޮޑިޓް އޮފީހުން ނުކޮށް އެތިބެނީ ކާކުދެކެ ބިރުން ކާކުގެ ޚިޔާނާތެއް ފަޅާއަރައިފާނެތީތޯ، މިކަހަލަ މިކަހަލަ ސުވާލުތަކަށް ޖަވާބު ލިބޭތޯ ނޫސްވެރިން ބަލައިދީބަލަ؟؟
9 0

ސިފާ

23 ނޮވެމްބަރު 2025
@ތެފައާސާ. އޭގެކުރިންވެސް މޭޔަރުންތިބި.
1 4

ފެކްޓް

23 ނޮވެމްބަރު 2025
@ސިފާ އޭރު މާލޭ ސިޓީކައުންސިލުން ކުރާހާވެސް ކަމަކީ ވިހާ/މަރުވާ ރެކޯޑު ބެލެހެއްޓުން. އޭރުވެސް ހުރިހާ ބާރެއްއޮތީ ހައުސިންގ މިނިސްޓްރީގެ މުއިއްޒު އަތުގައި. ވެދުން
4 1

ހަސަންފުޅު

23 ނޮވެމްބަރު 2025
އެ ލިސްޓްގައި މާލޭ ހީނާމާގޭގެ ބިމުގެ ވާހަކަ ނެތީ ކީއްވެގެންތޯ؟ އެ ތަން އޮތީ އާރުސީސީއަށްދީފައިވާ ކަމަށް ކިޔާ، ކޮބާތޯ ހަގީގަތަކީ؟
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް