ކުރީގެ ރައީސް އަބްދުﷲ ޔާމީން: ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނީ ވަރަށް ސީދަލަށް

ޔާމީން މިހާރު އެ ގަބޫލުކުރައްވަނީ ޑިމޮކްރަސީގެ ހަމަ

ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ޔަގީނުން ވެސް މިވަގުތު ހުންނެވި އެންމެ ވަރުގަދަ އިދިކޮޅު ލީޑަރު. އެކަމަކު ވެރިކަން ކުރެއްވި އިރުގެ ހަމަތަކާއި މިހާރުގެ ވާހަކަފުޅުތައް މުޅިން ތަފާތު
19 ނޮވެމްބަރު 2025
7

މިހާރު ރާއްޖޭގައި ހުންނެވި އިދިކޮޅު އެންމެ ބޮޑު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމާ މެދު ދެބަސްވުމެއް ނެތެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ލީޑަރުންނަށް ޔާމީން މިހާރު އެ ކުރައްވާ މަސައްކަތް، ސަރުކާރާ ދެކޮޅަކަށް، ނުކުރެއްވެ އެވެ. ޔާމީން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް އެމަނިކުފާނުގެ ގެކޮޅުގައި ޕީއެންއެފްގެ 'ހަރުގެ ޖަލްސާ' ބާއްވައި، ސަރުކާރު 'ބަރަހަނާކޮށްލަ' އެވެ.

މިހާރު ޔާމީން އެ ހުންނަވީ، އަޅުގަނޑު ބަލާ މިންގަނޑުން ނަމަ، ޑިމޮކްރަސީގެ ހަމައިގަ އެވެ. އެކަމަކު އެ ހަމަ ފެންނަނީ އިދިކޮޅުގައި ތިއްބަވާ އިރު އެވެ. އޭރު ޑިމޮކްރަސީގެ ހުރިހާ ސިފަތަކެއް ގަބޫލުކުރައްވަ އެވެ. މިނިވަންކަމާ އެކު ހިޔާލު ފާޅުކުރެވެން ޖެހޭނެ ކަމާއި އެއްވުންތައް ބޭއްވޭނެ ކަމަށް، ވިދާޅުވެ އެވެ. ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމާއި މިނިވަން އެހެން މުއައްސަސާތައް ވެސް، އޭގެ ގޮތުގައި، ހިނގަން ވާނެ ކަމަށް ވަކާލާތުކުރައްވަ އެވެ.

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް އިދިކޮޅުގައި ހުންނެވި އިރު ދެއްކެވީ އެ މޫނެވެ. ރައްޔިތުންނަށް ލިބިފައި އޮތް މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމެވެ. ހިޔާނާތަށް ފުރުސަތު ނުދެއްވާނެ ކަމެވެ. ޝަރުއީ ނިޒާމާ ނުބެހޭނެ ކަމެވެ. ރައްޔިތުންގެ މަޖިލިސް ވެސް އޭގެ މަތީ ފެންވަރުގައި ކުރިއަށް ދާންވީ އެވެ. މިނިވަން މުއައްސަސާތަކަށް ވެސް ފުރިހަމަ މިނިވަންކަން އޮންނާނެ އެވެ.

ވަރަށް ދެރަ އެވެ. ޔާމީންގެ ވެރިކަމުގައި ފެނުނު މަންޒަރު އެމަނިކުފާނު މިހާރު ދައްކަވާ ވާހަކަފުޅުތަކާ ތަފާތެވެ. ރައީސް މުއިއްޒުގެ އަމަލްތައް ވެސް، ރައްޔިތުންނަށް ކުރިން ދެއްވި ޔަގީންކަމާ ދުރެވެ. ބައެއް މީހުންގެ ނަޒަރުގައި ކުރީގެ ސަރުކާރުތަކަށް ވުރެ ވެސް، ކޮރަޕްޝަނާއި ދައުލަތް ހިންގުމުގެ ތެރެއަށް އަތް ބޭނުން މާ ބޮޑީ އެވެ.

ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ މެޖޯރިޓި އޮތް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭރު ވެސް މަޖިލިހުގައި ބޮޑަށް އޮންނަނީ ސަރުކާރު ދިފާއުކުރުން

ކުރީ ރޭ ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު ކުރިއަށް ދާ ގޮތަށް ދާ ނަމަ އެ މަޖިލިސް މިހާރު ބާއްވަން ޖެހޭތޯ ސުވާލު އުފެދޭ ކަމަށެވެ. އޭގެ މިސާލު ދެއްކެވީ ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ބެހޭ ގޮތުން ފުވައްމުލަކުގެ ތިން މެމްބަރުން ސަރުކާރު ޖަވާބުދާރީކުރުވަން އެއްވެސް މަސައްކަތެއް ނުކުރައްވާތީ އެކަމުންނެވެ.

"ތެދެއްމެ، އެމީހުންނަކީ [ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން] ގާނޫނު ހަދާ ބައެއް. އެހެންނަމަވެސް އެއަށް ވުރެ ބޮޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުވުން. ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ އެންމެ މަތީ ޒިންމާ މި އޮތީ ރައްޔިތުންގެ މަޖިލިހަށް،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އެ ޒިންމާއިން ރެކެން މިހާރު އުޅޭނެ ކަމެއް ނެތް ލާރިކޮޅެއް ދިމްޔާތުން ލިބޭތީ."

ދިމްޔާތަކީ ރައީސް މުއިއްޒުގެ ގެކޮޅެވެ. ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ދިމްޔާތުން ކޮންމެ މަހަކު ވެސް ފައިސާ ދޭ ކަމުގެ އަޑުތައް ކުރިންސުރެ އޮތީ އަރައިފަ އެވެ.

ޔާމީންގެ ވެރިކަމުގައި ވެސް ރައްޔިތުންގެ މަޖިލިސް ބޭނުންކުރެއްވީ ހަމައެކަނި ސަރުކާރު ދިފާއުކުރާށެވެ. ދިވެހި ތާރީހުގައި މިހާތަނަށް ސިފައިންނާއި ފުލުހުން ފޮނުވައިގެން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރީ ވެސް ޔާމީންގެ ވެރިކަމުގަ އެވެ. އެ ދުވަހު އިދިކޮޅު މެމްބަރުންނަށް މަޖިލިހަށް ވަންނަވަން ޖާގަ ނުދީ ސިފައިންނާއި ފުލުހުން ތިބީ، ދިވެހި ދައުލަތުގެ އެންމެ ބާރުގަދަ އެއް އިދާރާ ހިފައިގެންނެވެ.

ޔާމީންގެ ވެރިކަމުގައި ސަރުކާރަށް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު، އިދިކޮޅު މެމްބަރުންގެ ނުރުހުމުގައި މަޖިލިސް ހުއްޓިޔަނުދީ ކުރިއަށް ގެންދަން ސިފައިން އެތުރިލައިގެން

އޭރުގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ހިމާޔަތްކުރެއްވުމަކީ ޔާމީންގެ އެންމެ ބޮޑު ޒިންމާއަށް ހެއްދެވި އެވެ. މަސީހު މަޖިލިސް ކުރިއަށް ގެންދެވީ ވެސް، ޔާމީން ފަދަ ހުދުމުހުތާރު ގޮތަށެވެ.

އެކަމަކު މިއަދު އެއިން އެއްވެސް ކަމެއްގެ މަތިން ހަނދުމަފުޅެއް ނެތެވެ. މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުން ޔާމީންގެ ވާހަކަފުޅުތައް ހުރީ ޑިމޮކްރަސީގެ ހިމާޔަތުގަ އެވެ. 

މިދިއަ އާދިއްތަދުވަހުގެ ރޭ އޮތް ޕީއެންއެފްގެ ޖަލްސާއަށް ބަލައިިޔަސް ފެންނަނީ އެ މަންޒަރެވެ. ދެއްކެވި އެއް ވާހަކަފުޅަކީ މި އެވެ:

މިހާރު "ޖަސްޓިފައިވޭހޭ ރައްޔިތުންގެ މަޖލިހެއް އޮންނަން. ގާނޫނުއަސާސީން ރައްޔިތުންގެ މަޖލިސް އުފަންކޮށްފައި އޮތް ސަބަބު، އަދި ދެމިގެންދާން ދީފައި އޮތް މެންޑޭޓް އެމީހުން އަދައެއް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.

ދެން ރައީސް މުއިއްޒުގެ ބާރުގެ ދަށުގައި ރައްޔިތުންގެ މަޖިލިސް އޮތް އޮތުމާއި މިހާރު ވެރިކަން ކުރާ ގޮތާ މެދު ވިދާޅުވީ "މިހާރު [ރާއްޖޭގައި] މިއޮތީ ރަސްކަމެއް، ހުދުމުހުތާރު ވެރިކަމެއް،" ކަމަށެވެ.

ޔާމީންގެ އަމިއްލަ ގެކޮޅު ކައިރީގައި މިދިއަ ހުކުރު ދުވަހުގެ ރޭ އޮތް ޕީއެންސީގެ ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ޔާމީން އަޑުއެއްސެވި އެވެ. އޭގެ ތެރެއިން އެމަނިކުފާނަށް އެންމެ ރަނގަޅަށް ގަބޫލުފުޅުކުރެއްވުނީ ރައްޔިތުންނަށް އޮތް މިނިވަންކަމާ މެދު ރައީސް މުއިއްޒު ދެއްވި މެސެޖްތަކެވެ.

ޕީއެންސީގެ ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރައީސް އެރޭ ވިދާޅުވީ މިނިވަންކަމާ އެކު ވާހަކަ ދައްކައި، ހިޔާލު ފާޅުކުރަންވީ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގަ އެވެ.

ޔާމީންގެ ރައްދަކީ ވެރިޔަކަށް ހުންނަ މީހަކު ކުރާ ކަންކަމަށް ބަސް ބުނެވޭނެ ގޮތް އިސްލާމް ދީނުގައި ވެސް އޮންނާނެ ކަމެވެ. އިސްލާމީ ގައުމަކަށް ރާއްޖެ ވާ ފަދައިން މިއީ ޑިމޮކްރަސީއެއް ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ޑިމޮކްރަސީގައި ހިނގާ ކަންކަން ރާއްޖޭގައި ވެސް ހިނގާނެ އެވެ.

"ރައްޔިތުންނަށް ފެންނަ ވާހަކައެއް ރައްޔިތުން ދައްކާނެ. އިސްލާމް ދީނުގައި ވެސް ހުންނާނެ ވަލިއްޔުލްއަމުރަކަށް ހުންނަ މީހަކު މިހާ ވަރަށް ރައްޔިތުންނަށް އޮޅުވާލައި، ކަންތައް ދިޔައިމާ އެއާ މެދު ދައްކާނެ ވާހަކަ،" ޔާމީން ވިދާޅުވި އެވެ.

"އަނެއްކާ މިހާރު ހަމައެކަނި އިސްލާމް ދީނުގެ ވާހަކައެއް ނޫން ދައްކަންވީ. މިއީ އިސްލާމީ ގައުމެއް މެ، ހަމައެއާ އެކު މިއީ ޑިމޮކްރެޓިކް ގައުމެއް. އެހެންވީމާ ޑިމޮރަސީއެއްގައި މިކުރާ ކަންތައް މިތާނގައި ވެސް ކުރާނެ. އެއަށް ޖާގަ ލިބެންވާނެ."

ޔާމީނަކީ ހުޅަނގުގެ ޑިމޮކްރަސީއާ އެހާ ގާތް ބޭފުޅެއް ނޫނެވެ. ބައެއް ފަހަރަށް ޑިމޮކްރަސީގެ ބައެއް ކަންކަމަށް މަލާމާތުގެ ބަސް ވެސް ވިދާޅުވެ އެވެ. އެކަމަކު މިއަދު އެމަނިކުފާނު މިސާލު ނަންގަވަނީ އެމެރިކާ ފަދަ ގައުމުތަކުންނެވެ. އެގޮތުން މިދިއަ ޖަލްސާގައި ދެއްކެވި މިސާލަކީ ނިއު ޔޯކްގެ އެންމެ ބައިބޯ ހިސާބުތަކުގައި ހުރި ލެޑް ސްކްރީންތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާނޫނާ ހިލާފު އަމަލްތަކުގެ ވާހަކަ ގެނެސްދޭތީ އެކަމުންނެވެ.

"މިއީ ޑިމޮކްރަސީ އޮންނަ ތަންތަނުގައި ޑިމޮކްރަސީ އޮންނަ މިންވަރު. މި ތަނުގައި އެކަން ކޮށްލަން ހުއްދަ ދޭނެތޯ،" ޔާމީން ސުވާލުކުރެއްވި އެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުން ޔާމީންގެ ވާހަކަ މުޅިން ރަނގަޅެވެ. ނަމަވެސް ޔާމީންގެ ވެރިކަން ވެސް ފެނުނު ދިވެހި ރައްޔިތުން، ނުވަތަ ހަމަ ގަބޫލުކުރާ ދިވެހިންގެ ހަނދާނަށް އަންނާނީ އޭރު މިނިވަންކަން ހިފަހައްޓަން ކުރި ކަންކަމެވެ. މުޒާހަރާތައް ހުއްޓުވީ ގަދަ ބާރުންނެވެ. އެތައް ބައެއްގެ މައްޗަށް ދައުވާކުރި އެވެ. ސިޔާސީ ނުފޫޒު އޮތް އެތައް ހުކުމެއް އިއްވި އެވެ.

ޕީއެންއެފްއިން ބޭއްވި 'ވޭކްއަޕް' ޖަލްސާގައި ޔާމީން ވާހަަކަފުޅު ދައްކަވަނީ: ސަރުކާރަށް ފާޑުކިއުން ކުރިއަށް ގެންދަވާ އިދިކޮޅު ހަމައެކަނި ލީޑަރަކީ ޔާމީން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަމަވެސް އަބަދުވެސް ކަންކަން ރަނގަޅުކުރުމުގެ ބާރު އޮންނަނީ ސަރުކާރަށް ކަމަށް ވެފައި، އެކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ގޯސްތައް ހަދާ ނަމަ، ކުރީގެ ވެރިންނަށް ވެސް އެ ވާހަކަ ދެއްކެވޭނެ އެވެ. އެހެންކަމުން ޔާމީންގެ ވާހަކަފުޅުތައް ނަގަން ޖެހޭނީ އޭގެ އަސްލު މާނައިގަ އެވެ. މިސާލަކަށް، އާއެނކެވެ. ރައްޔިތުންގެ މަޖިލިސް މަސައްކަތްކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ގޮތަކަށެއް ނޫނެވެ. ފުވައްމުލަކުގެ ފެނުގެ މައްސަލާގައި އެ ރަށުގެ ތިން މެމްބަރުން ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭނެ އެވެ. އެހެން ނޫނީ އެ ތިން މެމްބަރުން ފުވައްމުލައް ތަމްސީލުކުރައްވަން މަޖިލިހުގައި ތިއްބެވުމުގެ ބޭނުމެއް ނެތެވެ.

ހަގީގަތަކީމި އެވެ: ޔާމީނަށް ވެސް ހަމަ ވިސްނުން ލިބިވަޑައިގަންނަވަނީ އިދިކޮޅުގައި ހުންނަވާއިރު އެވެ. ވެރިކަން ލިބިވަޑައިގަތުމާ އެކު، އެ ވިސްނުން ބަދަލުވަނީ ހުދުމުހުތާރު ކަމަށެވެ. ރައީސް މުއިއްޒުގެ ފަރާތްޕުޅުން ވެސް ފެންނަނީ އެ މަންޒަރެވެ.

އަނެއް ހަގީގަތަކީ މި އެވެ: ޔާމީނަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އިދިކޮޅު ލީޑަރެވެ. ޕީއެންއެފް ކުޑަ އެވެ. ނަމަވެސް ޔާމީންގެ އަޑު ގަދަ އެވެ.

ކޮންމެ ހަފުތާއަކު ވެސް ރައީސް މުއިއްޒު އާއި ސަރުކާރަށް އެމަނިކުފާނުގެ ފާޑުކިއުންތަކާ ކުރިމަތި އެބަ ވެ އެވެ. އެތައް ބަޔަކު އެ ވާހަކަފުޅުތައް ގަބޫލު ވެސް ކުރޭމެ އެވެ. މިއީ އޭގެ އެއް ވާހަކަ އެވެ.

ޕީއެންސީގެ ބޮޑު އެއްވުމަށް ރަށްރަށުން ވަރަށް ގިނަ ބަޔަކު ގެނަ އެވެ. އޭގެ ތެރެއިން އެތައް ސަތޭކަ ބަޔަކު އުފުލަން މޯލްޑިވިއަންގެ ފްލައިޓްތައް ޗާޓަރުކުރި އެވެ. އެކަމަށް 25 މިލިއަނަށް ވުރެ ބޮޑު ހޭދައެއް އެ ޕާޓީން ކުރި ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން، ބުނެ އެވެ.

"ހުޅުމާލެ އާއި މާލޭގެ އާބާދީ ދެ ލައްކައަށް ވުރެ ގިނަވާނެ. މިތަންތަނުން [ޖަލްސާއަށް] މީހުން ނުގެންދެވޭތީ ރަށްރަށުން ގެނައީ. އެއީ ނޫންތޯ ހަގީގަތަކީ؟" ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަފުޅު ގަބޫލުކުރަން އެއްވެސް މީހަކަށް ދައްޗެއް ނުުވާނެ އެވެ.

ކޮމެންޓް (7)

ޱރ ތަރައްޤީ ބ

20 ނޮވެމްބަރު 2025
ބުނަންތަ ވާހަކައެއް ޔާމީން އަށް ވެރިކަން ލިބުނުދުވަހަކުން މާސައަށް ދޭނީ ރައީސް އޮފީހުގެ ސްޕޯކުސް ޕާސަންގެ ވަޒީފާ އެއިރުން ކުރިން ބުނިއެތި އޮންނާނީ އުވިފަ. އަދި ބުނަންތަ މޫސާ ނިލަން ދިރާސާކޮށްފަ ލިއެދީބަލަ ރ ޔާމީނުގެ ފަސްއަހަރު ހިންގި ބޮޱެތި ޕްރޮޖެކުޓްގެ މައުލޫމާތު އަދި އެކަމުން މިހާރު ކުރާ ފައިދާ ދައުލަތަ ށާއި ރައްޔިތުންނައް.
3 0

ޔާމީން ގޯހެއް ނޫން އަހަންނަކަށް

19 ނޮވެމްބަރު 2025
ކަލޭމެންގެ ދާއިރާއިން ކަލޭމެންނަށް އޭނަ ކަމު ނުދާތީ ދުވާލަކު ދެ ރިޕޯޓް ތިޔަ ނެރެނީ. އުމުރުން 57 އަހަރު ވީ.، ދުވަހަކުވެސް އެއްވެސް ވެރިއަކާ އެއްކޮޅަށް އަދި ދެކޮޅަށްވެސް ނުނުކުންނަން. އެކަމަކު މަގޭ ކުރާ ސަޕްލައި ދޯނި ދުއްވުމުގެ ވިޔަފާރީގަ ގެންގުޅޭ މީހުންނަށް މުސާރަ ދީފަ އެއްޗެއް ރައްކާ ކޮށްފަ އަބަދު ހޭބޯނާރާ މަސައްކަތުގަ އުޅެވުނު ފަސް އަަހަރެއް ނާދޭ ޔާމީނުގެ ފަސް އަހަރު ނޫނީ. 2018ގެ ފަހުން ތިން ދޯނި ވިއްކާލައިފިން ނުއަގުގަ ގެންގުޅުނު ތަނުން. މަ ގާތު އުޅުނު ހަތް ދިވެހިން ދޫކޮށްލަން ޖެހުނު.
2 2

މިސްރުބޮޑޭ

19 ނޮވެމްބަރު 2025
މޫސާ އަހަރެން އުމުރުން 78އަހަރުވީ އަހަރެންވެސް ނިސްބަތްވަނީ މޫސަ ނިސްބަތްވާ ދިއްދޫއަ އަހަރެން މިއީ އެއްވެސް އިރެއްގާ ޔާމީންގެ ސަޕޯޓަރެއްވެސް ނޫން އެކަމް ބުނެލަން ބޭނުންވަނީ ޔާމީން ވެރިކަން ކުރީހަމަ ރަނގަޅަށޭ ތިޔަ ބުނާ ހައްގުތައް ހިފައްޓާގެން ޔާމީން ވެރިކަމުގައި އިޤތިސާދު ދަށަދިޔަތައް؟ސްޕްރިމް ކޯޓުގެ އަމުރަކީ އެކޯޓަށް ނެރެވޭނެ އަމުރެއްކަމަށް މޫސަ ގަބޫލްކުރަންތައް؟
5 1

މަޖިލިސް22

19 ނޮވެމްބަރު 2025
ޔާމީނުގެ ކަންކަން އެންމެރަގަޅަށް އެނގޭނީ މޫސައަށް. ޔާމީނުގެ ހުރިހާކަމެއް އަކުރުން އަކުރަށް މޫސަދިރާސާކުރައްވާކަން އެނގޭ. ދެރަކަމަކީ އެކަންވެސް ކުރައްވަން ކެރުނީ ވެރިކަމުން ފޭބީމަ. ތިބީދައިން މިހާރު ހުރި މީހަގެ ކަންކަން ދިރާސާ ކުރައްވާ އާޓިކަލެއް މިވެރިކަން ނުނިމެނީސް ޖަހާލަށް ކެރިއްޖެއްޔާ މޫސައކީ ގަދަމީހެކޭ ބުނާނަން.
3 1

އަޙައްމަދު

19 ނޮވެމްބަރު 2025
މޫސަޔަށް އިޙްތިރާމާއިއެކު ސާބަސް. މޫސަ ތިކުރަނީ އަޅުގަނޑުމެން ހޮވާފަތިބި “ޢިއްޒަތްތެރި” މެމްބަރުން ކުރާ މަސައްކަތަށްވުރެ މާ އަގުހުރި އެހާމެ ނުރައްކާތެރި މަސައްކަތެއް. ޝުކުރިއްޔާ މޫސާ ލަޠީފް.
6 1

ދޮންދިއެގެ އަހައްމާދީ

19 ނޮވެމްބަރު 2025
ދެން ވެރިކަން ލިބުނަސް ހިއެއް ނުވޭ ރަނގަޅު ވެދާނެ ހެން. މިސާލަކީ ޓްރަމްޕް. އިދިކޮޅުގަ އޭނަ ހުރެގެން ދެއްކި ވާހަކަ ހަމަ އަނެއް ކޮޅަށް އެ ދަނީ ދެވަނަ ދައުރަށް ހޮވުނީމަވެސް.
5 0

މީހާ

19 ނޮވެމްބަރު 2025
@ދޮންދިއެގެ އަހައްމާދީ ޔާމީނާއި ބެހޭ ގޮތުން ތިޔަ ބުނި ވާހަކައާއި އެއްބަސް ވަމެވެ. ނަމަވެސް ޓުރަމްޕު ދުވަހަކުވެސް އިދިކޮޅުގައި ހުރެގެން ރަނގަޅަށް ކަންތައްކުރާނެ ކަމަކަށް ނުބުނެއެވެ. އޭނާ ކަންތައް ކުރަނީ އޭނާ ކުރާނަމޭ ބުނި ގޮތަށެވެ. ޓުރުމްޕަކީ ވަރަށް ގިނަ (ނުބައި ނުލަފާ) ސިފަކުރުންތަކަށް ފެތޭ މީހެކެވެ. ނަމަވެސް "މުނާފިގު" މިބަހަކީ ޓުރަމްޕަށް ނިސްބަތް ކުރެވޭނެ ބަހެއް ކަމަށް ނުދެކެމެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް