މ. ރަތްމަންދޫ ބަނދަރުމަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ މިހާރު 100އަށް ވެސް ނާރާ (ފޮޓޯ/ރަތްމަންދޫބަދަލަކަށްއެދި)

މ. އަތޮޅު

ކޯޓުގައި މުވައްޒަފަކު ނެތް؛ މަގެއް މަތީ ހިލަމެއް ނެތް

ރަތްމަންދޫގެ އާބާދީގެ ގިނަ ބަޔަކު ބޭނުންވަނީ ރަށުން ފައިބަން. އެކަމަކު ދެކޮޅު ހަދާ މަދު ބަޔަކު އުޅޭތީ އެކަން ވަނީ ނުވެފައި
21 އޮކްޓޯބަރު 2025
7

"މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާގައި އެ ތަނުގެ ސެކިއުރިޓީ އޮފިސަރު ފިޔަވައި އެހެން މުވައްޒަފަކު ނެތެވެ."

އާބާދީއާ ގުޅޭގޮތުން ރަށެއްގެ ހާލަތު ބުނެދޭން ހަމައެކަނި މި ޖުމްލަ ވެސް ފުދެ އެވެ. މިއީ ރަށުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ރަށުގައި ދިރިނޫޅެވޭނެ ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރާ ހަރަކާތް، 'ބަދަލަކަށް އެދި ރަތްމަންދޫ'ގައި ލިޔެފައިވާ ޕޯސްޓެކެވެ.

އެ ޕޯސްޓުގައި އޭގެ ތަފްސީލު ވެސް ދީފައިވެ އެވެ؛ އޭގައި ބުނެފައިވާ ގޮތުގައި، ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިމިނަތު ފަރީޝާ، އޭނާގެ އެ ވަޒީފާ ދޫކޮށްލީ ވަޒީފާ ގޯސްވެގެނެއް ނޫނެވެ. ދަރިފުޅަށްޓަކައި ހިޖުރަކުރަން މަޖުބޫރުވީމަ އެވެ. ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަލީ ރައޫފް ވެސް އޭނާގެ މަގާމުން ވަކިވީ މުސާރަ ކުޑަވެގެން ނޫން ކަމަށާއި އަނބިމީހާ އާއި ދަރިންނާއި ދުރުގައި އުޅެންޖެހުމުން ކަމަށެވެ. ކޯޓުގެ ކުރީގެ މުވައްޒަފު މުހައްމަދު މާހިދު ވެސް ރަށް ދޫކޮށް ހިޖުރަކުރީ، އޭގައި ބުނެފައިވާ ގޮތުގައި، އާއިލާއާ ދެފަސްވެގެން އުޅެން ޖެހުމުން، އެއީ ދިރިއުޅުމެއްގެ ގޮތުގައި ސިފަނުކުރެވިގެންނެވެ.

މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓު: ސެކިއުރިޓީ އޮފިސަރުން ފިޔަވައި އިތުރު ބަޔަކު އެ ތަނުގައި މިހާރު ނުތިބޭ (ފޮޓޯ/ރަތްމަންދޫބަދަލަކަށްއެދި)

"ކޯޓުގެ ހަތަރު ފާރު އެބަހުއްޓެވެ. ނެތީ ހަތަރު ފާރުން އެތެރެއަށް ވަންނާނެ މުވައްޒަފެކެވެ. އިދާރީ މުވައްޒަފަކު، މަސައްކަތު މީހަކު، އެންމެ ކުޑަމިނުން ކޯޓަށް އަންނަ ފޯނު ނަގާނެ މީހަކު ވެސް މިއަދު އެ ކޯޓަކު ނެތެވެ. ސެކިއުރިޓީ އޮފިސަރުން ފިޔަވައި، އެއްވެސް މުވައްޒަފަކު އެތަނަކު ނެތެވެ،" ޕޯސްޓުގައި ލިޔެފައިވެ އެވެ.

ރަތްމަންދޫގެ ރަޖިސްޓްރީގައި 240 މީހުން ތިބި އިރު، ރަށުގައި ދިރިއުޅޭ މީހުން އިންތިހާއަށް މަދުވުމުގެ ސަބަބުން، އެހެން ރަށަކުން ޖާގަ ހޯދައިދިނުމަށް އެދި ރަށުގެ ގިނަ މީހުން އާދޭސްކުރާތާ ލައްކަ ދުވަސްވެއްޖެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން، އެ ރަށުގެ ބަޔަކު އެކަމަށް އެދި ރުޔެވެ. މިދިޔަ އަހަރު ވެސް ވަނީ، 114 މީހުން ސޮއިކޮށް، އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. ދާދި އިހަކަށް ދުވަހު ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމުން، އެ މަނިކުފާނަށް އިއްވި އެންމެ ބޮޑު އެދުމަކީ ވެސް އެއީ އެވެ.

ރައީސްގެ ޖަވާބަކަށްވީ، އެއްވެސް ބައެއްގެ ނުރުހުމުގައި އެ ރަށުން މީހުން ބަދަލު ނުކުރާނެ ކަމަށެވެ. މީހުން ބަދަލުކުރުމަށް ބޭނުންވަނީ ރަށުގެ %80 މީހުންގެ އާނބަސް ކަމަށެވެ. އެކަމަކު އެކަމަށް އޮތް ހުރަހަކީ މަދު ބަޔަކު އެކަމަށް ނުރުހުންވާތީ އެ އަދަދު ހަމަނުވުމެވެ. އެކަމަށް ރުހުން ލިބުނީ %68 މީހުންގެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ރަތްމަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެކަމަކު އެ މީހުންގެ ޝަކުވާއަކަށް މިހާރު ވެފައި އޮތީ، ގްރޭޑް 6އާ ހަމައަށް، ކޮންމެ ގްރޭޑެއްގައި ވެސް އެންމެ ކުއްޖެއް ކިޔަވާ އެ ސްކޫލުގައި އުއްމީދެއް ނެތުމެވެ. ފެނަކައިގެ އޮފީހެއް ހިންގި ނަމަވެސް އިދާރީ މުވައްޒަފަކު ނެތުމެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި އެންމެ މެމްބަރަކު އިންނަން ޖެހުމުން، އެ ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައި އޮތުމެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ 70އަށް ތިރިވި އިރު، މަގުތައް މަތީގެ ދިރުން ގެއްލި، ރަށް ހަމަހިމޭންވުމެވެ.

"މ.ރަތްމަންދޫ ހުއްޓި، މުއައްސަސާތައް ހުއްޓި، މަގާމްތަކަށް މީހުން ހަމަވެފައި ނުވަނީ ވަޒީފާއަށް އިއުލާން ނުކުރާތީ އެއް ނޫނެވެ. އާބާދީ މަދުވެ، ކުރިމަތިލާނެ މީހަކު ރަށުގައި ނެތުމުންނެވެ،" އެ ޕޭޖުގައި ލިޔެފައިވެ އެވެ.

"ސުވާލަކީ އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ލިބިގަތުމަށް، %80 ރައްޔިތުންގެ އާނބަސް ބޭނުންވާ، އަސާސަކީ ކޮބައިތޯ އެވެ؟"

ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މިދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން، އެކަމަކު މިހާރު އިސްތިއުފާ ދެއްވާފައިވާ ފާތުމަތު ނަސްރާ ވިދާޅުވި ގޮތުގައި، އޭނާ މަގާމު ދޫކޮށްލެއްވީ އަސާސީ ހިދުމަތްތައް އޮތްލެއް ދަށްކަމުން އެ ރަށުގައި ނޫޅުއްވިގެން، މަޖުބޫރުވެގެންނެވެ. އެކަމަކު އެއީ ހިތްދަތި ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މ. ރަތްމަންދޫގެ މަގެއްގެ މައްޗަށް ހިމޭންކަންވެރިވެފައި (ފޮޓޯ/ރަތްމަންދޫބަދަލަކަށްއެދި)

ނަސްރާ ވިދާޅުވީ ރައީސްކަމުގައި ހުންނަވައިގެން، ރަށުގައި އެކި ޕްރޮގްރާމްތައް ހިންގެވުމަށް އޭނާ ރޭއްވެވި ކަމަށާއި މީހުން ހަމަނުވާތީ އެންމެ ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް ޖެހިވަޑައިގެންނެވީ ކެންސަލް ކުރައްވަން ކަމަށެވެ. އެންމެ ފަހުން އެ ހުރިހާ ކަމަކުން އަތްދޫކުރައްވައި ވަޑައިގެންނެވީ، އެ ނޫން ގޮތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މީހުން އެބަކިޔާ ރަށު ލޯބި، ރަށުވަންތަކަން ނެތީމައޭ ފައިބަން އުޅެނީ. ނޫން، ރަށުވަންތަކަން އިންތިހާއަށް އެބަހުރި. ރަށްދެކެ ވަރަށް ލޯބިވޭ. މިއަދު ވެސް ރަށުން ފައިބައިގެން ދާކަށް ހިތްގަބޫލެއް ނޫން. އެކަމަކު ހާލަތު ހުރިގޮތުން ރަށުން ފައިބަން މަޖުބޫރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ނަސްރާ ވިދާޅުވީ މުސްކުޅި މައިންބަފައިން ރަށުގައި ދިރިއުޅޭއިރު، އެ މީހުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާ ވެސް ރަށުން ލިބެން ނެތުމަކީ ވަރަށް ހިތްދަތިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންވެ، ހާލަތު އެހާ ދަށްއިރު، ރަށުން ފޭބުމަށް %80 މީހުންގެ ރުހުން ހޯދުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ދަތިތަކާ އެކު ވެސް ރަތްމަންދޫގައި ދިރިއުޅެން ބޭނުންވާ ބަޔަކު އުޅެ އެވެ. އެ މީހުންގެ ނަޒަރުގައި ސަރުކާރުން ހިދުމަތްތައް ފުރިހަމަކޮށްދީފި ނަމަ، އެ ރަށް އާއްމު ހާލަތަކަށް ބަދަލުކުރެވިދާނެ އެވެ. ރަށުގައި ބަނދަރެއް ހަދައިދީ، ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި ރަށުގެ ސްކޫލު ހިންގިދާނެ އެވެ. މިހާރު ހުއްޓިފައިވާ މަޝްރޫއުތައް އަލުން ކުރިއަށް ގެންދިޔުމަކީ ވެސް އޭގެ ފެށުމެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އެކަންކަން ކޮށްދިނުމަށް އެދި ރައީސަށް މި ފަހަރު ހުށަހެޅި ވެސް މެ އެވެ.

އެކަމަކު ރަށުގެ އާބާދީގެ ބޮޑުބަޔަށް އެކަމަކަށް އެއްބަހެއް ނުވެ އެވެ. އެ މީހުން ބޭނުންވަނީ އެންމެ ކުޑަމިނުން އަސާސީ ހިދުމަތްތައް ހަމައަށް ފުރިހަމައަށް ހުރި، ދިރިއުޅުން ފަސޭހަތަނަކަށް ބަދަލުވާށެވެ. އާއިލާ އެންމެން އެކުގައި ދިރިއުޅެވޭނެ ގޮތް ފަހިވާށެވެ.

މިހާރު އޮތް އެ ހަމަހިމޭންކަން މާ ބޮޑަށް ވެސް އެ މީހުންނަށް އުނދަގޫކުރަނީ އެވެ.

ކޮމެންޓް (7)

ޒާރިފް

21 އޮކްޓޯބަރު 2025
ދެން މަހުޖަނަކަށް ދީ.
0 1

މީދޫ އައްދު

21 އޮކްޓޯބަރު 2025
މިއީ ސަރުކަރުން 20 އަހަރަށް ޕްލޭން މިހާރު ކުރަންފަށާފައިވާއިރު ވިސްނަން ޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ.މީގެ 20 އަހަރާއި ފަހުން 20255 ގައި މިރާއްޖޭގައި މީހުން ދިރިއުޅޭނީ ކިތައް ރަށުގައިތޯ، މިހާރުވެސް މި އޮތްގޮތަށް ހަމަ ކޮންމެ ރަށަކަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނީ ތޯ؟އަދި އާބާދީއަށް އަންނަ ބަދލަށް ބަލާއިރު މިރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާނީ ކޮންބައެއް ތޯ؟ މިހިރީ ހައްތާވެސް ސުވާލު އުފައްދައި ޖަވާބު ހޯދަން މަޖުބޫރު ސުވާލުތަކެވެ.ކިތަން މެ ބޭނުންނުވިޔަސް "ހިތި" ބޭސް ބޯން ޖެހުމުންވާނީ ބޯށެވެ.މައުމޫނުގެ ސަރުކާރުން ހިންގި އާބާދީއާއި ތަރައްޤީއެއްފަސްކުރި ބައެއް މަޝްރޫޢުތައް ކާމިޔާބެވެ.ސުނާމީގައި ބައެއް ރަށްރަށަށް ހިޖުރަކުރި މީހުންގެ ދިރިއުޅުމުގެ ފެންވަރު މިހާރު މާމަތިއެވެ.މިއީ ބަލައިގަންނަން ޖެހޭ ފިލާވަޅުތަކެވެ.މިކަލަ ކާމިޔާބުވެފައިވާ ތަރައްޤީގެ ވާހަކަތައް ހޯދައި ނޫސްވެރިން ލިޔެދީބަލާށެވެ.މުޅި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައިިއެވެ.ކިޔާލަން ލުއި،އުފާގެނުވާނެ ލިޔުމެއް ކިޔާލުމުގެ ބޭނުން ފުއްދައިދޭށެވެ.އަބަދު ނޫސްކިޔައިގެން ޕްރެޝަރަށް ދާކަހަލަ ލިޔުން މަދުކޮށްލާށެވެ.
3 0

ބާބޫ އަލް އަނގޮޅިތީމީ

21 އޮކްޓޯބަރު 2025
500 އަށް ވުރެ އާބާދީ މަދުރަށްރަށުގެ މީހުން މާލެއާއި ކައިރި ބިންބޮޑު ރަށްރަށަށް ބަދަލުކޮށްގެން ނޫނީ ރާއްޖެ ތަރައްޤީއެއް ނުވާނެ. ސިޔާސީ މީހުންބޭނުންވަނީ އާބާދީ ކުދިކޮށް ރަށްތައް ބާއްވަން. ސަބަބަކީ ވޯޓްގަންނަން ފަސޭހެ ވުން. ކުދި ރަށްރަށުގެ ނުފޫޒުގަދަ ދެތިން މީހަކު ގަނެލީމަ، މުޅިރަށުގެ މެޖޯރިޓީގެ ވޯޓް ލިބޭ....
7 1

ދީދީ

21 އޮކްޓޯބަރު 2025
ހިތް ކިތަންމެ ބޭނުން ނުވިޔަސް ދަރިންގެ މުސްތަގުބަލަށް ޓަކާ ރަށް ދޫކޮއްލާ. ފަހުން ރަނގަޅުވާނެ. ތި ރަށުގަ ވާނީ ހަމައެކަނި ހަދާން ތަކެއް. މުސްތަގުބަލެއް ނޯންނާނެ.
11 2

ރިޒްމާ

21 އޮކްޓޯބަރު 2025
ރަނގަޅު ލިޔުމެއް. އެކަމަކު ލިޔުންތެރިޔާ ކުޑަކޮށް ވިސްނާލައްވަން ރަނގަޅު ކަމަށް ފެންނަ ކަންކަން އެބަހުއްޓެވެ. ބައެއްގެ ވަޒަނުން އެހެން ތަނަކަށް ބަދަލުވާން 68 ޕަސެންޓް ތާއީދުކުރާނަމަ އެ ކަންކުރަން ކޮންމެ ސަރުކާރަކަށްވެސް. އުނދަގޫވާނެއެވެ. އަސާސީ ޚިދުމަތްތައް ނުދެވެނީ ރަށުގައި މީހުން ނެތުމާއި އެކަންކަމަށް ގާބިލް މީހުން ނެތުމެވެ. އަސާސީ ޚިދުމަތަށް މީހުން ކުރިމަތިނުލާނަމަ އެ ޚިދުމަތްދޭން ސަރުކާރުން އެހެން ތަނަކުން މީހުން ގެންނަންވީ ހެއްޔެވެ؟ ކުޑަ ކުޑަ އާބާދީއަކަށް އަނެއްކާ އެހެން ރަށަކުން މީހުން ގޮސް ޚިދުމަތްދޭން ތިބެ ދާނެ ހެއްޔެވެ. ނޫސްވެރިންވެސް ރައްޔިތުންނަށް ކިޔާދޭންވީ މިކަހަަލަ ކަންކަމުގައި ބޮޑާ ނަހާކާ، ގޮތްދޫކޮށް، ވަސީލަތާ ޚިދުމަތް ލިބޭ ތަންތަނަށް ހިޖުރަ ކުރުމުގެ މުހިއްމު ކަމެވެ. ސަރުކާރުގެ ކުށް ދައްކަންވީކީ ނޫނެވެ. ޘުކްރިއްޔާ
8 5

ފަހުމްނުވާ

21 އޮކްޓޯބަރު 2025
@ރިޒްމާ ބަލަ ރައްޔިތުން ބޭނުންވޭ ދޯ އެބަ.
0 3

ރިޒްމާ

21 އޮކްޓޯބަރު 2025
@ފަހުމްނުވާ އަސްލު ފަހުމް ނުވާ މީހަކަށް ލިޔެފަ އޮތް އެއްޗެއް 100 ފަހަރު ކިޔަސް ފަހުމް ނުވާނެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް