ފާމަސީއެއްގައި ބޭސްތަކެއް ބަހައްޓާފައި (ފޮޓޯ/ދައުރު)
އެންސްޕާއިން އުސޫލު ހަރުކަށި ކުރުމުން ބޭހަށް 'ސަލާން ޖަހަން' ޖެހިފައި
"ޖުލައި މަހުން ފެށިގެން ބޭހަށް އެދިގެން މި އުޅެނީ. އެންސްޕާއިން އަދިވެސް އެޕްރޫވަލްއެއް ނުލިބޭ. ވާ އެއްޗެއް ނޭނގޭ. މީގެ ކުރިން ވަރަށް ފަސޭހައިން ލިބޭ،" ހަކުރު ބަލި ހުންނަ މީހަކު ދާއިމީކޮށް ކާ ބޭހެއް ކަމަށްވާ 'ވެގޮވީ' ހޯދަން އެސްޓީއޯގައި އެދިގެން އުޅޭތާ މިހާރު ހަތަރު މަސް ފާއިތުވެފައި ވާތީ އެކަމުގެ ޝަކުވާ ކުރި އެވެ.
"މިހާރު ގާތްގަނޑަކަށް އެ ހުސްވީ. ދެން ގޮތެއް ނެތިއްޔާ ޖެހޭނީ އަތުން ގަންނަން ޖެހޭނީ."
އެކަމަކު އެއީ އަތުން ގަނެވޭ ވަރަށް ވުރެ އަގު ބޮޑު ބޭހެކެވެ. އަދި ދާއިމީކޮށް އެ ބޭސް ކާތީ އެއް ފަހަރާ ގިނަ ބޭސް ގަންނަން ޖެހުމުން އަގު ބޮޑުވެ އެވެ.
އެހެން މީހެކެވެ. ހަކުރު ބަލި ހުންނަ މީހުންނަށް ދޭ ބޭހެއް ކަމަށްވާ، "މޮންޖާރޯ"އަށް އެސްޓީއޯ ފާމަސީ މެދުވެރިކޮށް އެދިގެން އުޅޭތާ މިހާރު ހަ މަސް ވެއްޖެ އެވެ. މީގެ ކުރިން އެ ބޭސް ލިބެ އެވެ. މިހާރު ކަމުންދާ ބޭސްތައް ހުސްވުމުން ދެން ހަދާނޭ ގޮތަކާ މެދު އޭނާ އެ ހުރީ ފިކުރު ބޮޑުވެފަ އެވެ.
"ވަރަށް އަގު ބޮޑު ބޭހެއް އެއީ. އަތުން ގަންނަންޏާ ތިން މަހުގެ ބޭހަށް އެކަނި ހާހަކަށް ވުރެ ގިނަ ޑޮލަރު އަރާ. އެންސްޕާއިން އެއްވެސް ޖަވާބެއް ނުދޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
އެފަދަ ބޭސްތަކަކީ އަސާސީ ބޭސްތަކުގެ ލިސްޓުގައި ނުހިމެނޭ އަދި ވަރަށް މަދު މީހުން ބޭނުންވާ ބޭސްތަކެވެ. އެހެންވެ، އާސަންދައިގެ ދަށުން އެ ބޭސްތައް ލިބެން ނުހުރެ އެވެ.
އެއީ ވަރަށް މަދުން މީހުން ގަންނާނޭ ބޭހަށް ވާތީ އެސްޓީއޯއިން އެފަދަ ބޭސްތައް ގެންނަނީ އާންމުން ބޭސް ސިޓީ ހިފައިގެން އައުމުން އެފަދަ ބޭސް ގެންނަން ހިނގާ ހަރަދު އެންސްޕާއިން ދޭނޭ ކަމުގެ ޔަގީންކަން ނުވަތަ އެޕްރޫވަލް ދިނުމުންނެވެ. މިހާރު މައްސަލައަކަށް ވަނީ އެފަދަ ރިކުއެސްޓްތައް އެޕްރޫވް ކުރަން ހިނގާ ވަގުތު ގިނަވުމެވެ. އަދި އުސޫލު ހަރުކަށިކޮށް، ޑޮކްޓަރުގެ ސިޓީ އޮތަސް ބައެއް ރިކުއެސްޓްތައް އެންސްޕާއިން މިހާރު އެޕްރޫވް ނުކުރުމެވެ.
"ސެލެކްޓިވްކޮށް މިސާލަކަށް ސަރުކާރާ ގުޅުން އޮންނަ މީހުންނަށް މިފަދަ ރިކުއެސްޓްތައް އަވަހަށް އެޕްރޫވްކޮށްދޭ، މާ ކުރިން މިފަދަ ރިކުއެސްޓްތައް ހުރިތާ ހުއްޓާ،" ބޭސް ނުލިބި ޝަކުވާ ކުރި މީހަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.
މި ނޫނަސް ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުންގެ އެތައް ބޭސްތަކަށް އެންސްޕާގެ އެޕްރޫވަލް ނުލިބި އެސްޓީއޯއަށް ނުގަނެވިފައި ހުރިކަން ކަށަވަރުވެ އެވެ. އެކަމާ ގުޅޭ ގޮތުން ދުވާލަކު އަންނަ ފޯން ކޯލްތަކުގެ އަދަދު ވަރަށް ވެސް ގިނަކަން ކަށަވަރުވެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން، އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިވަގުތު ވަކި ކޮމެންޓެއް ނެތް ކަމަށެވެ. އަދި އާންމުންނަށް ބޭނުންވާ އަސާސީ ބޭސްތައް ގެނެސްދޭން އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންސްޕާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ އެޖެންސީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވި އެވެ.
ކޮމެންޓް (5)
ހަގީގަތް
ހަސަން
ހަސަން
ޅިޔަނު
ޅިޔަނު