މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން މައްސަލައެއްގައި ވާހަކަ ދައްކަވަނީ: މީޑިއާ ކޮންޓްރޯލް ބިލް ދިރާސާކުރާ ކޮމިޓީގައި އެބޭފުޅުން ތިއްބެވީ ހަނު (ފޮޓޯ މަޖިލިސް)

މިތިބީ މެންބަރުންނޯ؛ ސުވާލެއް، ހިޔާލެއް ވެސް ނެތް

މީޑިއާ ކޮންޓްރޯލްކުރާ ބިލާ މެދު ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ބްެރޯޑްކޮމްގެ މެމްބަރުން ވިދާޅުވުމުން ވެސް ކޮމިޓީގެ މެމްބަރުން އެންމެ ކުޑަވެގެން ސުވާލެއް ވެސް އަހާނުލައްވައި. ތިއްބެވީ ހަނު.
3 ސެޕްޓެމްބަރު 2025
4

އަހަރުތަކަކަށް ފަހު ރައްޔިތުން މަޖިލީހުގެ ކޮމިޓީއެއްގެ އަޑުއަހަން ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނަ، 'ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރާ' ބިލަށް ހިޔާލު ހޯދަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު އެ ދުވަހު ކޮމިޓީއަށް ހާޒިރުކުރި އެވެ. ބްރޯޑްކޮމްގެ ބޭފުޅުން އެ ބިލް ގޯސްވާ ސަބަބުތައް ވިދާޅުވަމުން ގެންދެވި އެވެ. އަދި އެ ކޮމިޝަން މަސައްކަތް ކުރުމުގައި ހުރި ދަތިތައް ވެސް ކިޔައިދެއްވަމުން ގެންދެވި އެވެ. 

ބްރޯޑްކޮމްގެ މެންބަރުން ގަޑިއިރެއްހާއިރު އެ ވާހަކަތައް ދައްކަވާ ނިންމެވުމުން، ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް މެންބަރުންގެ ސުވާލެއް އޮތްތޯ އެއްސެވި އެވެ. އެކަމަކު ހުރިހާ މެންބަރުން ވެސް، 'ނޫނެކޭ' ވިދާޅުވާ ކަހަލަ ގޮތަކަށް ބޯ ހޫރާލެއްވި އެވެ. ކޮމިޓީގައި އެ ވަގުތު ތިއްބެވީ، މުގައްރިރު ހިމެނޭހެން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހަތް މެންބަރެކެވެ. އެބޭފުޅުންގެ ސުވާލެއް އަދި ހިޔާލެއް ވެސް ނެތެވެ. 

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްގިރު ރިޒާ އާއި ނައިބު މުގައްރިރު ޝަރީފް (ފޮޓޯ/މަޖިލިސް)

އެބޭފުޅުންގެ ވޯޓާ އެކު މަޖިލީހަށް ބަލައިގެން ބޮޑު ބިލެއް، 'އެއީ އަމަލުނުކުރެވޭނެ' ގޯސް ބިލެއް ކަމަށް އިދާރާއަކުން ބުނުމުން ވެސް އެބޭފުޅުން އެކަމުގައި އަހާލާނޭ ސުވާލެއް ވެސް ނެތީ އެވެ. އެބޭފުޅުންގެ ދިފާއެއް ނުވަތަ ކޮމިޝަނުން ދެއްކި ވާހަކައަކާ ގުޅިގެން އެއްޗެއް ސާފު ވެސް ކޮށްލައްވަން ނެތީ އެވެ. ބްރޯޑްކޮމް މެންބަރުން އެބޭފުޅުންގެ ނުކުތާ އޮޅުމެއް ނާރާވަރަށް ސާފުކޮށް ބުނެދިނީކަމަށް ވެސް ވެދާނެ އެވެ. 

އެކަމަކު މިއީ އަހަރެން މަޖިލިސް ކަވަރުކުރަން ހޭދަކުރި އަހަރުތަކުގައި ފެނުނު މަންޒަރެއް ނޫނެވެ. މީގެ ކުރީގެ ދައުރުތަކުގައި ކޮމިޓީތަކަށް އެކި ފަރާތްތައް ވަޑައިގަތުމުން އެބޭފުޅުން ދައްކަވާ ވާހަކަތަކާ ވިދިގެން މެންބަރުން ސުވާލުކުރައްވަ އެވެ. ބަހުސްތައް ވެސް ހިނގަ އެވެ. އެކަމަކު ނޫސްވެރިކަމުގެ ބިލް ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ދައްކަވާނޭ އެއްވެސް ވާހަކައެއް ނެތެވެ. އެބޭފުޅުން ހިމޭނުން ތިއްބެވީ އެވެ.

"އެބޭފުޅުންނަކީ އަމިއްލަ ބާރެއް އޮތް ބައެއް ނޫން. މަތިން ބޭފުޅަކު އަންގާ ގޮތަކަށް ވޯޓްލީމާ ނިމުނީ،" އެކަން ފާހަގަކޮށް އެކްސްގައި އަހަރެން ކުރި ޕޯސްޓަކަށް މީހަކު ހިޔާލުފާޅުކުރަމުން ބުންޏެވެ. 

ރައްޔިތުންގެ މަޖިލީހުގު ޖަލްސާއެއް: ބިލްތަކާ މެދު ފުންކޮށް ވާހަކަ ދައްކައި، ބަހުސްކޮށެއް ނުހަދާ (ފޮޓޯ/މަޖިލިސް)

އެހެން މީހަކު ހިޔާލުފާޅުކުރި ގޮތުގައި މެންބަރުންނަށް ވެސް ބިލުގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވަނީ އެވެ. އެއީ މަޖިލީހުގައި އިންނަވާ 'މިނިވަން' މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެއް ނަމަވެސް، އެ ބިލް ބަލައިގަނެގެން ކުރިއަށްދާން ތިއްބެވީ ނިންމަވައިގެންނެވެ. ހަގީގަތުގައި މަޖިލީހުގެ މެންބަރުން އެކަން ކުރައްވަން ޖެހޭނީ ބިލުގައި އޮތް އެއްޗެއް އެނގިވަޑައިގެން ތިއްބަވަ އެވެ. އެއީ މީހަކު ބުނީމާ ކުރަން ޖެހޭނޭ ކަމެއް ނޫނެވެ. 

ކޮމިޓީގެ މުގައްރިރު ރިޒާއާ ބްރޯޑްކޮމްގެ ރައީސް ވަނީ ސުވާލެއް ވެސް ކުރިމަތިކުރައްވައިފަ އެވެ. އެ ބިލް ޑްރާފްޓް ކުރުމުގައި ހިޔާލު ހޯދީ ކޮން ފަރާތްތަކަކުންތޯ އެވެ. ރިޒާ އެ ސުވާލަށް ވިދާޅުވީ އެބޭފުޅުން ބަލަނީ ލިބިފައި އޮތް ބިލަށް ކަމަށާއި އޭގެ ކުރިން ހިނގި ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން (ފޮޓޯ/މަޖިލީސް)

މީޑިއާތަކާ ބައްދަލުކޮށް ކޮމިޓީން ހިޔާލު ހޯދިއިރު ވެސް ބައެއް ނޫސްވެރިން ވަނީ ކޮމިޓީގެ މުގައްރިރާއި މެންބަރުންގެ ވިސްނުން ބިލާ މެދު ހުރި ގޮތާ މެދު ސުވާލުކޮށްފަ އެވެ. އެކަމަކު ރިޒާ ވިދާޅުވީ ކޮމިޓީން ކުރާ މަސައްކަތަކީ ބިލަށް އެހެން ފަރާތްތަކުގެ ހިޔާލު ހޯދުން ކަމަށެވެ. އެއީ މެންބަރުންގެ ހިޔާލު ހޯދާ ތަނެއް ނޫން ކަމަށް ވިދާޅުވެ އެބޭފުޅުން ބިލާ މެދު އެއްޗެއް ވިދާޅެއްނުވި އެވެ. ނޫސްވެރިންގެ ޝުއޫރުތަކާ އެކު އެ ބައްދަލުވުން ހަތަރު ގަޑިއިރަށް ދިގު ދެމިގެން ދިޔަ ނަމަވެސް، މެމްބަރުން އަނގަ ނުހުޅުއްވާ ތިއްބެވީ އެވެ. 

ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ބާބުގައިވާ ބޮޑު މިނިވަންކަމެއް ހަނިކުރަން މަޖިލީހުގެ މެންބަރުންނާ ހަމައަށް ބިލެއް ގޮސް އެ ބިލް ބަލައިގަންނަން ވޯޓަށް އަހާ ދިރާސާ ފެށިއިރު އެބޭފުޅުން ލެއްވި ވޯޓާއި ކުރައްވަމުން ގެންދަވާ ކަންތައް ދިފާއުކުރައްވަން ދައްކަވާނެ އެއްވެސް ބަހަނާއެއް އަތަކު ނެތެވެ. އެކަން ކުރައްވަން އަވަސް އަރުވާލައިގެން، އެހާ މުހިންމުވެގެން އުޅުއްވަން ޖެހޭ ސަބަބެއް ވެސް ވިދާޅެއް ނުވެވެ އެވެ. 

"އެއްފަހަރު ވެސް އަމިއްލަ ސިނކުޑިން ތިބޭފުޅުން ވިސްނާލަ ބައްލަވާ. އަމިއްލަ އިހުތިޔާރުގައި ކަމެއް ކުރައްވަ ބައްލަވާ،" ނޫސްވެރިއެއް ކަމަށްވާ، ނަހުދާ ފާއިޒް މީޑިއާތަކުގެ ހިޔާލު ހޯދަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބުންޏެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ވެސް މިހާރު ހަމަ ހިނގަނީ ނަމަކަށެވެ. އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުން ނަމަ، މަޖިލީހުގެ ޖަލްސާތަކުގައި މިހާރު ކުރާހާ ކަމަކީ އިރުޝާދު އަންނަ ގޮތަށް ވޯޓް ދިނުމެވެ. މަޖިލިސް ވަނީ ރަބާ ސްޓޭމްޕް ޖަހާ ތަނަކަށް ވެފަ އެވެ. ކަންކަމުގައި މެންބަރުންގެ ހިޔާލެއް، ޝުއޫރެއް މަޖިލީހުން މިހާރު އަޑެއް ނީވެ އެވެ. 

"ރައީސްގެ މަޖިލީހަކަށް ވެ ނިމިއްޖެ. ރައީސް ބޭނުންވާހާ ގޮތަށް ފާސްކުރަނީ ކަންކަން. ރައީސް އޮފީހުގެ ކުޑަކުޑަ ކޮޓަރިއަކަށް މިތަން ބަދަލުވީމާ ވޭން އަޅާ ހިތުގައި،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މި ފަހުން މަޖިލީހުގައި ވިދާޅުވި އެވެ. 

މީޑިއާ ކޮންޓްރޯލް ކުރާ ބިލް ދިރާސާކުރާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން އެތިއްބެވި ހިމޭންކަމާއި ބަސް ހުއްޓުމުން އެ ފެނުނީ މިއަދު މަޖިލީހަށް ވެފައި އޮތް ގޮތެވެ. ސަރުކާރުން ހިންގާ ޕާޓީއެއްގެ ފަޅިއަށް މަޖިލިސް އެކީ ބަރުވުމުން ފެންނާނޭ ހިތި މިފެންނަނީ އެވެ. 

ކޮމެންޓް (4)

ައަންނި

3 ސެޕްޓެމްބަރު 2025
ދަފުތަރުގައި ތިބި އެތަށް ހާސް ރައްޔިތުންގެ ހައްގެއް ގެއްލުވާލައި މޑޕ ން ބިލިޔަން ރުފިޔާގެ ބިންތަށް ބަހާލި އިރު ތިބުނާ ނޫސްވެރިންނަން ސުވާލެއްވެސް ކޮށްލަން ނުކެރުނީ ކީއްވެ .
5 15

ޙަހަހަހަހަ

3 ސެޕްޓެމްބަރު 2025
@ައަންނި އިއްޔެ މެންދުރު ދަފުތަރުގަ ޖެހުން މީހުނަށް މާލޭން ގޯތި ދޭކަށް ނުޖެހޭނެ
7 1

މަށަކީ ނޫސްވެރިޔެއް ދިވެހިބަސް ނޭނގުނަސް

4 ސެޕްޓެމްބަރު 2025
@ައަންނި އެއީ މިނިވަންވީމަ. މިނިވަން ވަނީ ވަކި ސަރުކާރާކާ ޖެހުނީމަ
1 0

ތެފައާސާ.

3 ސެޕްޓެމްބަރު 2025
ސުވާލެއް ކޮށްލެވޭނީ ނުވަތަ ޚިޔާލެއް ފާޅުކޮށްލެވޭނީވެސް އެ މައުޒޫއަކަށް އެމިންވަރަށް ވިސްނުމާއި ފިކުރު ހިންގުމުގެ އެކަށޭނެކަމާއި ގާބިލްކަމެއް ހުރެގެންތާ؟ މިސާލަކަށް އަހަރެންގެ 2 އަހަރުގެ ދަރިފުޅު ކުރިމަތީގައި ކުއަންޓަމް ފިޒިކްސްއާއި ގުޅޭގޮތުން 4 ގަޑިއިރު ވާހަކަ ދައްކާފައި ސުވާލެއް ނުވަތަ ޚިޔާލެއް އެބައޮތްހޭ އެހީމާ އިންނާނީ، ތިޔަ ކޮމިޓީގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންވެސް ހަމަ އެތިއްބެވި ގޮތަށް ދޯ؟
16 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް