ޝަރީފް ގދ. ހޯނޑެއްދޫގައި އޭނާ އާންމުކޮށް ދާ ކެފޭގެ ކުރިމަތީގައި

ގދ. ހޯނޑެއްދޫ

ކޮންމެ ދުވަހަކު މަޑަވެލިން ހޯނޑެއްދުއަށް: އާދަޔާހިލާފު ލޯތްބެއް

ސިކުނޑީގެ އުނިކަން ހުންނަ ޝަރީފަށް، ހޯނޑެއްދޫން ލިބެނީ އާދަޔާހިލާފު ލޯތްބެއް. އެ ރަށުގެ މީހުން އޭނާއަށް އަޅާލައި، ކާންދީ ބަލަހައްޓާ

"އަޅުގަނޑު އެކަންޏެއް ނޫން، އޭނާ މި ރަށަށް ނާންނަ ދުވަހެއްގައި ރަށު މީހުން ވެސް ވަަރަށް ފޫހިވާނެ،" މިއީ މުހައްމަދު ޝަރީފްގެ ވާހަކަ އަހާލުމުން، ގދ. ހޯނޑެއްދޫ ވިޔަފާރިވެރިޔާ އަހުމަދު އުޖައިލް ބުނެލި ޖުމްލަ އެވެ.

ޝަރީފަކީ، ހޯނޑެއްދުއާ މިހާރު ކޯޒްވޭއަކުން ގުޅާލާފައި އޮންނަ އެ އަތޮޅު މަޑަވެލީ މީހެކެވެ. ސިކުނޑީގެ އުނިކަން ހުންނަ، މަދުން ވާހަކަ ދައްކާ އުޅޭ މީހެކެވެ. އެކަމަކު ޝަރީފްގެ ދުވަސް ފެށެނީ ވެސް އަދި ނިމެނީ ވެސް ހޯނޑެއްދޫންނެވެ. އެންމެ ދުވަހެއް ވެސް ވައްޓާނުލައި، ހަމަ ކޮންމެ ދުވަހަކު 51 އަހަރުގެ ޝަރީފް މަޑަވެލިން ހޯނޑެއްދުއަށް ދަތުރުކުރެ އެވެ. އެހެން ދެވަނަ ކަމަކު ނޫނެވެ؛ އެ ރަށުން ލިބޭ ލޯތްބަށްޓަކަ އެވެ.

އުމުރުގެ މާ ބޮޑު ތަފާތެއް ނެތަސް، 56 އަހަރުގެ އުޖައިލަށް ޝަރީފަކީ ދަރިއެއް ފަދަ މީހެކެވެ. އޭނާ ހިންގާ ކެފޭގެ ހާއްސަ މެހެމާނަކީ އެއީ އެވެ. އެތަނަށް އަންނަ މީހުން ހެއްވައިދީ، މުނިފޫހިފިލުވައި ދެނީ ޝަރީފެވެ. އެ މީހުން އޭނާއަށް އިހުތިރާމްކުރެ އެވެ. އަޅާލަ އެވެ. އެހެންވެ، މުޅި ދުވަސް އޭނާ ހޭދަކުރަނީ އުޖައިލުގެ ކެފޭގައި ނުވަތަ އެތަނުގެ ކައިރީގަ އެވެ.

"އަޅުގަނޑު ކެފޭ ހުޅުވީ 2018ގައި. އޭގެ ކުރިން ވެސް އޭނާ މި ރަށަށް އަންނާނެ. ﷲގެ އިރާދަފުޅުން އޭނާ އޮށޯވެ އޮންނަ ކަހަލަ ބައްޔެއް އަދި ނުވޭ. އެހެންވެ، ކެފޭ ހުޅުވި ފަހުން، އެންމެ ދުވަހެއް ވެސް ވައްޓާނުލާ އޭނާ މިތަނަށް އާދޭ،" އުޖައިލް ބުންޏެވެ.

"ކޮވިޑުގެ ތެރޭގައި ވެސް އޭނާ އައި. ރޯދަ މަހު ވެސް އަންނާނެ. ކިތަންމެ ވިއްސާރަޔަސް އޭނާ އެންމެ ދުވަހެއް ވެސް ނައިސް ނުހުންނާނެ."

އުޖައިލްގެ ކެފޭގައި ޝަރީފް

ޝަރީފަށް ހޯނޑެއްދޫން ލިބޭ ލޯބި، ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާއިން ޖާގަ ހޯދަ އެވެ. މީގެ އަހަރެއް ނުވަތަ ދެ އަހަރު ކުރިން ވެސް، ނޭޕާލް އަންހެނަކު ކެފޭއެއްގައި ޝަރީފަށް ސަމުސަލަކުން ކާންދޭން އިންނަ ވީޑިއޯއެއް އާއްމުވި އެވެ. އޭނާ އެކަން ކުރާތަން ފެނުނީ، ވަރަށް ފަރުވާތެރިކަމާ އެކު ލޯބިންނެވެ. ދޭތެރެއަކުން ހީލައި ކޮންމެވެސް ވާހަކައެއް ބުނެލަ އެވެ.

އިއްޔެ ވެސް ހަމަ އެ ކަހަލަ ވީޑިއޯއެއް ވަރަށް ބޮޑަށް ދައުރުވި އެވެ. އެ ވީޑިއޯއިން ފެންނަނީ ހަމަ ނޭޕާލް އަންހެނަކު، ޝަރީފްގެ އަތުގައި ހިފައިގެން ހިނގާފައި ދާ ތަނެވެ. ވަރަށް ބޮޑަށް ހެވިފައި، އަތް ހޫރަމުން، ލަވަ ކިޔަމުން ހިނގާފައި ދާއިރު ހީވަނީ ބޭބެއަކާއި ކޮއްކޮއެއް ދާހެންނެވެ.

އެ ދެ އަންހެނުންނަކީ ވެސް އޭނާ އާއްމުކޮށް ގޮސް އިންނަ ކެފޭގެ މުވައްޒަފުންނެވެ.

އެ ވީޑިއޯތައް ގިނަ ބަޔަކު ޝެއާކުރީ، އަންހެން މީހާގެ އޯގާތެރިކަމަށް ތައުރީފް ކުރަމުންނެވެ. އެކަމަކު އެ ރަށުގެ ކައުންސިލާއި ރަށުގެ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން، އެއީ ހޯނޑެއްދޫގެ އެންމެންހެން ވެސް އޭނާއާ މެދު އަމަލުކުރާ ގޮތް ކަން އެނގުނެވެ.

ޝަރީފް، މީހަކާ އެކުގައި އުޖައިލްގެ ކެފޭގައި މަޑުކޮށްލައިގެން

"ޝަރީފަކީ ވަރަށް އާދަޔާހިލާފު މީހެއް. މީހުންނަށް އުނދަގުލެއް ނުކުރާނެ. ހަޑިއެއްޗެއްސެއް ނުކިޔާނެ. ބަރާބަރަށް ނަމާދަށް އަރާނެ. މީހުންނާ ގުޅޭ، އަބަދުވެސް ހީސަމާސާކޮށް އުޅޭ މީހެއް އެއީ،" ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެން ވާރިޝް ވިދާޅުވި އެވެ.

"އެހެންވެ ކަންނޭނގެ އެންމެން ވެސް އޭނާ ދެކެ އެހާ ލޯބިވަނީ."

މިދިޔަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި، ހަމަ އެންމެ ދުވަހެއް ވެސް ވައްޓާ ނުލައި، މަޑަވެލިން ހޯނޑެއްދުއަށް ދަތުރުކުރެ އެވެ. އެކަމުގައި ވެސް އޭނާއަށް މީހުންގެ އެހީތެރިކަން ލިބެ އެވެ. މަޑަވެލީގައި ހުންނަ ޝަރީފްގެ ގެއިން ހޯނޑެއްދޫގައި އޭނާ އާއްމުކޮށް އުޅޭ ހިސާބަށް ދާން ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ހޭދަވާނެ އެވެ. އެކަމަކު ބައެއް ދުވަސް ދުވަހު ހިނގާފައި ދާން ޖެހުނު ކަމުގައި ވިޔަސް، އާއްމުކޮށް އޭނާ ދަތުރުކުރަނީ، މަގުމަތިން ދިމާވާ ކޮންމެވެސް މީހެއްގެ ސައިކަލު ފަހަތުގަ އެވެ. ކޮންމެ މީހެއް ކައިރީ ބުނި ކަމުގައި ވިޔަސް، އޭނާއަށް ސައިކަލުން ޖާގަ ދެ އެވެ.

ހެނދުނު ހޭލައިގެން އެ އަންނަ މީހާ އެނބުރި ދާނީ، ރޭގަނޑު ދިހައެއް ޖެހީމާ، ކެފޭ ކުރިމަތީގައި ހުންނަ ޕެޓްރޯލް ފިހާރައިގެ ހޮޅިގަނޑު ނިވާލުމުންނެވެ. ބޮކި ނިވާލުމުން، އޭނާއަށް އެއީ ދާންވީ ވަގުތުކަމަށް އަމިއްލައަށް އޮންނަނީ ނިންމާފަ އެވެ. އެ ހިސާބުން، އެތަނުގައި އުޅޭ ކޮންމެވެސް މީހަކު ޝަރީފް ގެއަށް ގެންގޮސްލަ ދޭނެ އެވެ. މީހަކު ނެތިއްޖެ ނަމަ، ކެފޭގެ ވޭނުގައި އޭނާ ގެންގޮސް ގެއާ ހަމައަށް ބާލަދޭނެ އެވެ.

އުޖައިލާއި ޝަރީފާ ދެމެދު ވެސް އޮންނަނީ އާދަޔާހިލާފު ލޯތްބެކެވެ. ހޯނޑެއްދޫގައި އޭނާ އަބަދުވެސް ގޮސް އިންނާނީ އުޖައިލްގެ ކެފޭގަ އެވެ. އެތަނުގައި އޭނާއަށް ހާއްސަ މޭޒެއް ހުރެ އެވެ. އެހެން ހުރިހާ ކަސްޓަމަރުންނަށްް ވުރެ އޭނާ ހާއްސަ އެވެ.

އުޖައިލްގެ ކެފޭގައި ޝަރީފް ކަނީ. ހުރިހާ ވަގުތެއްގެ ކެއުން އޭނާއަށް އެތަނުން ހިލޭ ލިބޭ

"އަޅުގަނޑު އޮންނާނީ މުވައްޒަފުންނަށް ވެސް އަންގާފައި، އޯޑަރެއް އަޔަސް ފުރަތަމަ ޝަރީފަށޭ އިސްކަން ދޭން ޖެހޭނީ. އޭނާއަށް ކާންދީފައި ނޫނީ އެހެން ކަމެއް ކޮށްގެން ނުވާނެ ކަމަށް،" ފޯނުން ވާހަކަ ދައްކަމުން އުޖައިލް ބުންޏެވެ.

"އޭނާ ބަނޑުހައި ވެއްޖެއްޔާ ރުޅި އަންނާނެ. އޭނާއަކަށް ނޭނގޭނެތާ މިއީ ވިޔަފާރިއެއް ކަމެއް ނުވަތަ ރުޅި އަންނަން ނުވާނެ ކަމެއް. ބައެއް ފަހަރަށް ސައިކަލުގައި ދަތުރު ދޭ މީހެއްގެ ގޮތުން ވެސް ރުޅިއައިސްފައި ހުރެދާނެ."

ޝަރީފް ރުޅި އަތުވެއްޖެ ނަމަ، ހުރިހާ ކަމެއް ހުއްޓާލާފައި ކެފޭގެ މީހުން އެކަމަށް ސަމާލުކަން ދެ އެވެ. ކުޑަކުއްޖެއްހެން ލޮއްސަ އެވެ. ކައިރީގައި އިނދެގެން ކާންދެ އެވެ. އެއީ އުޖައިލާއި އޭނާގެ ދަރިން އަދި ކެފޭގެ މުވައްޒަފުން ވެސް އަމަލުކުރާ ގޮތެވެ.

ރޯދަ މަހު ވެސް، ކެފޭގައި އުޅޭ މުސްލިމް ނޫން މީހުން ބަދިގޭގައި ކާއިރު، ޝަރީފަށް ވެސް ކާންދިނުމަށް އޭނާ އޮންނަނީ އަންގާފަ އެވެ.

އެހާ ބޮޑު ފަރުވާތެރި ކަމެއް ޝަރީފާ މެދު ބަހައްޓަނީ ކީއްވެގެންތޯ ސުވާލުކުރުމުން އުޖައިލު ބުނީ އެއީ 'ދުނިޔެ އާއި އާހިރަތަށްޓަކައި ކުރާ ކަމެއް' ކަމަށެވެ.

"އޭނާގެ ސަބަބުން މިތަން އުޖާލާވޭ. މިތަނަށް އަންނަ މީހުން އޭނާއާ ސަކަރާތް ޖަހާ، ސަމާސާކޮށް ހަދާ. އެއީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް. ދެން އެކަހަލަ މީހަކަށް ލޯބިދީ، އަޅާލައިގެން ކިހާ ސަވާބެއް ލިބޭނެތާ ދޯ،" އުޖައިލް ބުންޏެވެ.

އޭނާ ބުނިގޮތުގައި ގިނައިރު ވާންދެން ނުފެނި ހުރެފައި ފެނުނަސް، 'ބައްޕައަކު ރަށުން ބޭރުގައި ހުރެފައި ރަށަށް އައުމުން ދަރިއަކު ކައިރިއަށް އަންނަހެން' ޝަރީފް އޭނާ ގާތަށް ދެ އެވެ. ރަށުން ބޭރުގައި ހުއްޓަސް، ދޭތެރެއަކުން އޭނާ މުވައްޒަފުންނަށް ގުޅައި ޝަރީފް އުޅޭ ނޫޅޭ ގޮތް ބަލަ އެވެ.

"އެއީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދެވެނީ. މި ރަށުގެ މީހުން އޭނާ ދެކެ ލޯބިވާތީ އަބަދު މިތަނުގައި އެ އުޅެނީ،" އުޖައިލް ބުންޏެވެ.

މިއީ ނަމޫނާ މަންޒަރެކެވެ. ޔަގީނުން ވެސް އާދަޔާހިލާފު ލޯތްބެކެވެ.

ކޮމެންޓް (2)

އަފްރޯޒް

20 އޯގަސްޓު 2025
ވަރަށް އުފާވެއްޖެ ހޯނޑެއްދޫއިން ޝަރީފަށް ތިބަހައްތާ އޯގާތެރިކަން ކިޔާފައި. މާތް ﷲ ތިޔަ އެންމެންނަށް ހެޔޮ ޖަޒާ ދެއްވާށި. އެންމެންވެސް ތިހެން ވާނެ ނަމަ ކިހާ ރަނގަޅު.
12 0

އަހްމަދު

20 އޯގަސްޓު 2025
އުޖައިލްގެ ތިޔަ ޢަމަލަށް މާތްﷲ ހެޔޮޖަޒާ ދެއްވާށި.އާމީން
15 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް