ވަކީލު ސިމަންއާ އެކު އެފްއޭއެމްގެ އެތެރެއަށް
މުހިންމު ނުކުތާތައް
އެފްއޭއެމްގެ ދަރަނި 160 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީއަށް ނިންމުނު
ކޯޓަށް ކަނޑާ ވަރުން އެފްއޭއެމްގެ އެކައުންޓްތަކަށް ފައިސާ ވެސް ޖަމާނުކުރެވޭ
އެފްއޭއެމްގެ މައްސަލައަކީ ސަރުކާރާއި އެހެން ފަރާތްތަކަށް ވެސް ލިބުނު ބޮޑު ފިލާވަޅެއް
އެފްއޭއެމްއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަކީ ގިނަ ވަގުތުތަކެއް ގުރުބާންކުރައްވަން ޖެހިދާނެ ކަމެއްކަން، ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެއްވެސް ބޭފުޅެއްގެ ވިސްނުމަކު ނެތެވެ. އެކަމަކު މަސްއޫލިއްޔަތު އުފުއްލުމުގެ ފުރަތަމަ ފިޔަވަޅާ އެކު ފެނިވަޑައިގަތީ، މުވައްޒަފުން ވަންނާނެ އޮފީހެއް، ގޮނޑިއެއް މޭޒެއް، ދޭނެ މުސާރައެއް ވެސް ނެތް، ހުސްކަމެކެވެ.
މިދިއަ އަހަރުގެ އޮގަސްޓް މަހު އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީގެ ދަށަށް ގެންދިއުމުން، އެހެން ގައުމުތަކުގައި އެ މައްސަލަ ދިމާވުމުން ކުރިމަތިވާ އުނދަގޫތަކާ ހިލާފަށް، ކޮމިޓީއަށް ޖެހުނީ އެފްއޭއެމްގެ ހަރަކާތްތައް ސުމަކުން ފަށާށެވެ.
އެހެން ގައުމުތަކުގައި ފުޓްބޯޅައިގެ މައި އޮފީސް ހުރެ އެވެ. ލިއެކިއުންތަކެއް ނުގެއްލެ އެވެ. މުވައްޒަފުން ކޮންމެވެސް ގޮތަކުން އޮފީހަށް ނުކުމެ އެވެ. ނަމަވެސް އެފްއޭއެމްގެ އޮތީ ހަމައެކަނި ނަން އެކަންޏެވެ. އެ ނަމާ އެކު ދަރަންޏެވެ. އެތެރޭގައި ޖިނާއީ ބޮޑެތި ކުށްތަކެއް ހިންގިކަމުގެ ތުހުމަތެވެ. ފީފާ އާއި އޭއެފްސީ ފަދަ އިދާރާތަކަށް ވެސް ކަންކަން އޮޅުވާލުމުގެ އަމަލްތަކެވެ.
އެ ގޮންޖެހުންތަކުގެ ވާހަކަ އަޑުއަހަން އިންއިރު އަޅުގަނޑުގެ ހިތަށްއެރީ 'މިއީ ވެސް ގައުމީ އިދާރާއެއްގެ ހާލަތުތާއޭ' އެވެ. އަޅުގަނޑުގެ ކުރިމަތީގައި އިންނެވީ މިދިއަ ފެބްރުއަރީ މަހުން ފެށިގެން ތިން މެމްބަރުން ތިއްބެވި ނޯމަލައިޒޭޝަން ކޮމިޓީގެ ޒުވާން ގާނޫނީ ވަކީލު އިސްމާއިލް ސިމަން އެވެ.
"މުސާރަ ވެސް ނުދެވި ވަޒީފާއަށް ނުކުންނަން ރިކުއެސްޓް ފޮނުވަން ވަރަށް ދަތި ކަމަކަށްތާ ވާނީ. އަޅުގަނޑުމެންނަށް ޖެހުނީ އެގްޒެކްޓިވް ލެވެލްގައި މަސައްކަތްކުރާ ބަޔަކަށް ވެގެން ފަށަން. އެހެންވެ ވަރަށް ބޮޑު ޗެލެންޖެއް،" ސިމަން ވިދާޅުވި އެވެ.
އެފްއޭއެމް އޭރު އޮތް ހާލަތު ނޯމަލައިޒޭޝަން ކޮމިޓީގެ ބޭފުޅުންނަށް ގަބޫލުކުރައްވަން ވެސް ދައްޗެވެ. ކުރިމަތިވި ބައެއް ކަންކަމުގެ ކުރު ހުލާސާއެއް، އޮސްޓްރޭލިޔާ އާއި އިނގިރޭސި ވިލާތުގައި ކިޔަވާވިދާޅުވި ސިމަންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ލިއެލާނަމެވެ.
-
ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ފައިސާ ޖަމާކޮށްފި ނަމަ، ސިވިލް ކޯޓުގެ ހުކުމްތަކަކާ ގުޅިގެން، އެ ފައިސާ ވަގުތުން ކަނޑާލުން
-
މުވައްޒަފުންގެ މުސާރައަށް ފީފާއިން ދިން ފައިސާގެ ތެރެއިން އެނޫން ކަމަކަށް ހޭދަކޮށްފައި އޮތުން
-
ގިނަ ލިއެކިއުންތަކެއް ފެންނަން ނެތުން
-
އެފްއޭއެމަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް އެކައުންޓަށް ވަދެފައި ނުވުން
-
ރަސްމީ އޮޑިޓް ރިޕޯޓެއްގެ ނިންމުން އެފްއޭއެމްގެ ތެރެއިން ބަދަލުކޮށް، ނުބައި ރިޕޯޓެއް ފީފާއަށް ހުށައެޅުން
-
ލަފާކުރެވޭ ދަރަނީގެ މިންވަރު ގާތްގަނޑަކަށް 150-160 މިލިއަން ރުފިޔާއަށް އެރުން
އެސޯސިއޭޝަން މުޅިން ފުނޑިފަ އެވެ. ދަރަނި ބޮޑުވެގެން ނޯމަލައިޒޭޝަން ކޮމިޓީން ފީފާއާ، ނުރަސްމީކޮށް ނަމަވެސ،ް ވާހަކަ ދެއްކި އެއް ކަމަކީ ލިކިއުޑޭޓްކުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެފްއޭއެމްގައި ހުރި އެއްޗެއް ވިއްކައިގެން ދެއްކެން އޮތް ދަރަންޏެއް ފުރަތަމަ ދެއްކުމެވެ. (އެފްއޭއެމްގައި ވިއްކާނެ އެއްޗެއް ވެސް ނެތެވެ.)
"އޭރު ދެން އަޅުގަނޑުމެންނަށް ފެނުނު ކަންތައްތަކަށް ބަލާއިރު އެއްގޮތަކުން ދަންނަވާ ނަމަ މިސް މެނޭޖްމަންޓް ވަމުން ގޮސް ބަނގުރޫވެފައި އޮތް ހާލަތެއް،" ސިމަން ވިދާޅުވި އެވެ.
"ތެދަށް ދަންނަވަންޏާ ކޮންސިޑާ ވެސް ކުރަން ނޫނީ އެކަމާ މެދު ވިސްނަން ވެސް ޖެހުނު ކަމެއް އެއީ ޑިސޯލްވްކޮށްލަން ނޫނީ ލިކިއުޑޭޝަންއާ ހަމައަށް ދިއުން ވެސް. ދެން އަޅުގަނޑުމެން ނުރަސްމީ ގޮތުން ނަމަވެސް ފީފާގެ ބޭފުޅުންނާ އެކު ވެސް އެ ވާހަކަ ދައްކަން ވެސް ޖެހުނު."
އެކަމަކު އެ މާޔޫސްކަމުން އަރައިގަތެވެ. އެފްއޭއެމް ދަރާފައި ހުރި ކުންފުނިތަކާ ބައްދަލުކޮށް ދަަރަނީގެ ކަންކަން ހަމަޔަކަށް އަޅުވާނެ ގޮތްތަކެއް ހޯދުނެވެ. ކޯޓުތަކާ ބައްދަލުކޮށް ހާލަތު ކިޔައިދިނެވެ. މުވައްޒަފުން ނެރުނެވެ. ނުދެވި ހުރި މުސާރައިގެ މައްސަލަ ހައްލުކޮށްދިނެވެ.
ނޯމަލައިޒޭޝަންގެ މުއްދަތުގައި އެފްއޭއެމް ހިންގުމުގެ ހަރަދަށް މަހަކު 100،000 ޑޮލަރު (1.5 މިލިއަން) ރުފިިޔާ ދޭން ފީފާއިން އެއްބަސްވި އެވެ. އޭގެ އިތުރުން ސާބިތުވެ ދައްކަން ޖެހިފައި ހުރި ބައެއް ދަރަނިތައް ހަލާސް ވެސް ކޮށްދިނެވެ.
ސިމަން ވިދާޅުވީ މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަމިއްލަ އެތައް ވަގުތެއް އެފްއޭއެމަށް ހޭދަކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް އެއްވެސް ބޭފުޅަކު ހީނުކުރައްވާ ކަމަށެވެ. އެ ބޭފުޅުން ގެންދެވީ ހަފުތާގައި އޮންނަ ބައްދަލުވުންތަކުގެ އިތުރުން އެފްއޭއެމްގެ ދުވަހީ ކަންކަމުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
"އަޅުގަނޑުމެން ހިއެއްނުކުރަން މިހާ ވަރަށް ވަގުތު ދޭން ޖެހިދާނެއޭ،" ސިމަން ވިދާޅުވި އެވެ.
އެފްއޭއެމް އޮތް އަސްލު ހާލަތު ފީފާއަކަށް ވެސް ނޭނގޭ
އެފްއޭއެމް ހަލާކުވެދިޔައީ ކުރީގެެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާއާ އެކު އޭރު އޮތް އެގްޒެކްޓިވް ކޮމިޓީގެ ސަބަބުންނެވެ. ބައްސާމް މިހާރު އެ ހުންނެވީ މަނީ ލޯންޑަރިން އާއި ހިނާޔާތުގެ ބައެއް ތުހުމަތުތަކުގައި ޝަރީއަތުގެ ތެރޭގަ އެވެ. އެފްއޭއެމްގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި އެވަނީ ބައްސާމްގެ އިތުރުން އޭރު އެފްއޭއެމް ހިންގުމުގެ ޒިންމާ ނަގަން ޖެހޭ އެކްސްކޯގެ ބައެއް މެމްބަރުންގެ އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން މިއީ އަމިއްލަ މަންފާއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއް ފުނޑުކޮށްލުމުގެ ނަމޫނާއެކެވެ.
އެފްއޭއެމް އަސްލު އޮތް ހާލަތު ފީފާއަށް ވެސް ރަނގަޅަށް ނޭނގޭ ކަން، ސިމަން ގަބޫލުކުރައްވަ އެވެ. އެފްއޭއެމްގެ ތެރޭގައި މަނީ ލޯންޑަރިންގެ އަމަލްތަކެއް ހިންގާކަމުގެ ތުހުމަތުގައި އޭރުގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަށް ފުލުހުން އެފްއޭއެމްގެ އޮފީހަށް ވަނެވެ. ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތަކާއި ލިއެކިއުންތައް ގެންދިޔަ އެވެ. އޭގެ ފަހުން ފީފާއިން ބައިނަލްއަގުވާމީ އޮޑިޓިން ފާމެއް ކަަމަށްވާ އަންކޫރާގެ ޓީމެއް ރާއްޖެ ފޮނުވި އެވެ. ފީފާއިން ބެލީ ފީފާއިން ދިން ފައިސާއަށް ހެދި ގޮތެކެވެ. އެހެންކަމުން އެފްއޭއެމްގެ ތެރޭގައި ހިންގާފައި އޮތް ހިނާޔާތުގެ އަސްލު މިންވަރު ފީފާއަކަށް ވެސް ނޭނގޭނެ އެވެ.
"އެންމެ ފަހު މަރުހަލާގައި ބޭއްވި ބައްދަލުވުންތަކުން ވެސް ހަގީގަތުގައި ކިޔައިދިން ވާހަކަތަކުން އެ ބޭފުޅުންނަށް [ފީފާއަށް] މީގެ މެގްނިޓިއުޑް [ކިހާ ބޮޑުކަން] ވިސްނިގެން ދިޔައީ. އެފްއޭއެމް މެދުވެރިކޮށް މަނީ ލޯންޑަރިން ހަރަކާތްތައް ހިންގާ އެ ބޭފުޅުން [އެފްއޭއެމްގެ އޭރުގެ ވެރިން]ގެ އަމިއްލަ ފައިދާއަށްޓަކައި ފައިސާ ބޭނުންކޮށްގެން އެކަންތައް ހިންގާފައި އޮތީ،" ސިމަން ވިދާޅުވި އެވެ.
ފީފާ އާއި އޭއެފްސީއަށް ނޭނގި އެފްއޭއެމްގެ ތެރޭގައި މަކަރާއި ހީލަތާއި މަނީ ލޯންޑަރިންގެ އެތައް ކަމެއް ހިންގުމުގެ ފުރުސަތު އޮތެވެ. މިސާލަކަށް ކަޅު ބާޒާރުގައި ޑޮލަރު މާރުކޮށް، އެއިން ލިބޭ ފައިދާ އެފްއޭއެމްގެ ވެރިންގެ ޖީބަށް ލުމެވެ. އެއީ ކުރިންސުރެ ކުރަމުން އައި ހިޔާނާތެކެވެ.
ދަރަނި ބޮޑުވުން ވެސް ގުޅިފައި އޮތީ، ސިމަން ވިދާޅުވި ގޮތުގައި، ޑޮލަރު މާރުކުރުމުގެ މުއާމަލާތެވެ. އޭގެ މިސާލު އޭނާ ދެއްކެވި އެވެ. ބޮޑު އަގުގައި ޑޮލަރު މާރުކުރަނީ އެވެ. އެކަމަކު އެ މާރުކޮށްގެން ލިބޭ އެއްވެސް ފައިސާއެއް އެފްއޭއެމްގެ އެކައުންޓަކަށް ނުވައްދަ އެވެ. ދެން އެފްއޭއެމް ހިންގަން ފައިސާ މި ހޯދަނީ އަނެއްކާ ލޯނެއް ނަގައިގެންނެވެ. އެކަމަކު ކޮވިޑް-19 ކުރިމަތިވުމާ އެކު އެފްއޭއެމް އޭގެ އަސްލު ވަޅުގަނޑަށް ވެއްޓުނެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ކޮވިޑް ތެރޭގައި ކަންތައް ހިނގާދިޔަ ގޮތުންނާ އެކު އަދި ފީފާއަށް ވެސް ބައެއް ކަންކަން ސަމާލުކަމަށް އައުމާ އެކީގައި މިގޮތަށް އޮތް ފުުރުސަތު ކޮންމެވެސް ވަރަކަށް ހަނިވެން ދިޔައީ،" ސިމަން ވިދާޅުވި އެވެ.
"އެހާ ހިސާބުން މި ހުންނަނީ ސްޓާފުންނަށް ވެސް އެހާ ދިގު މުއްދަތަކަށް ސެލެރީ ނުދެވި."
އޮޑިޓް ފާމަކުން ހަދާފައި އޮތް އޮޑިޓް ރިޕޯޓެއްގެ ނިންމުން އެފްއޭއެމުން ބަދަލުކޮށް ފީފާއަށް ހުށައެޅި މައްސަލައެއް ވެސް، ނޯމަލައިޒޭޝަން ކޮމިޓީގެ ސަމާލުކަމަށް އަ އެވެ. އެއީ އާދައިގެ ކުށެއް ނޫނެވެ. އެ ރިޕޯޓް އޮތް ގޮތަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅި އެވެ. ނަމަވެސް ފީފާއަށް ދިން ރިޕޯޓްގައި އޮތީ އޭގެ ނިންމުން ބަދަލުކޮށްފަ އެވެ.
އެއީ "ފޯޖަރީއެއްތާ. އެ ފެންވަރަށް ވެސް ބައެއް ކަންތައްތައް ހިންގާފައި އެބަ ހުރި،" ސިމަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލިބެލުމުގައި ސަމާލުކަމަށް [އެކަން] އައިސް [މިހާރު] އޮންނާނީ ފުލުހުންނަށް ވެސް ހުށައަޅާފައި. އަދި ފީފާގެ އެތިކްސްއާ ބެހޭ ފަރާތްތަކަށް ވެސް ހުށައަޅާފައި."
ޓެކްނިކަލް ޑައިރެކްޓަރަށް މަހަކު 20،000 ޑޮލަރު: ފީފާއަށް ވެސް ގަބޫލުނުކުރެވޭ
ބައްސާމްގެ ފަހު ދުވަސްވަރު ޖުލައި 2023ގައި، އިނގިރޭސި ވިލާތުގެ ވަރަށް އާދައިގެ ކޯޗެއް ކަމަށްވާ ތޯމަސް ސްމޯލީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ގެނަ އެވެ. އޭނާ އެ މަގާމާ ހަވާލުވީ ބަންގްލަދޭޝްގެ ފުޓްބޯލް ފެޑެރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާގައި މަހަކު 15،000 ޑޮލަރު (231،300 ރުފިޔާ) ލިބިލިބި ހުއްޓަ އެވެ.
އެފްއޭއެމުން އޭނާއަށް ދޭ މުސާރައިގެ ތަފުސީލެއް ބައްސާމު ވިދާޅެއްނުވެ އެވެ. އޭނާ ވިދާޅުވެފައި އޮތީ ކުރިން ލިބުނު މުސާރަ މާ ކުޑަކޮށްގެން އެއްވެސް މީހަކު ނާންނާނެ ކަމަށާއި އެހެންވެ %10ގެ އުނިވުމެއް ނުވަތަ އިތުރުވުމެއް، ސްމޯލީގެ މުސާރައިގައި ހުރެދާނެ ކަމަށެވެ.
ސްމޯލީގެ މުސާރައާ ހަވާލުވީ ގަތަރުގެ ފުޓްބޯލް ފެޑެރޭޝަނުން ކަމަށް ބައްސާމު ވިދާޅުވި އެވެ. އޭރު އޭނާގެ ޖަވާބަކީ އެ މުސާރައިގެ އަދަދު ހާމަނުކުރަން ގަތަރު ފުޓްބޯލް ފެޑެރޭޝަނުން ވެސް އެއްބަސްވެފައި އޮތުމެވެ.
މައްސަލައަކީ ގަތަރުން ސްމޯލީއަށް މުސާރަ ދިނުމާއި ނުދިނުމެއް ނޫނެވެ. މައްސަލައަކީ އޭނާއާ އެކު އެފްއޭއެމުން ހަދާފައި އޮތް އެއްބަސްވުމުގެ ދަށުން އެފްއޭއެމްގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުމެވެ.
ސްމޯލީގެ ނަމެއް ސިމަން ވިދާޅެއް ނުވެ އެވެ. އޭނާ މުހާތަބުކުރެއްވީ ޓެކްނިކަލް ޑައިރެކްޓަރުގެ ނަމުންނެވެ. މުސާރައަކީ މަހަކު 20،000 ޑޮލަރު (308،400ރ.) އެވެ. އެހެންކަމުން އެއީ ބައްސާމު އޭރު ދެއްކެވި ވާހަކަތަކުގައި ހިމެނުނު %10 ކުޑަވުން ނުވަތަ ބޮޑުވި މިންވަރެއް ނޫނެވެ. ބަންގްލަދޭޝްގެ ފުޓްބޯލް ފެޑެރޭޝަނުން ސްމޯލީއަށް ދިން މުސާރައަށް ވުރެ %33 ބޮޑު އަދަދެއް، ފަސް އަހަރުގެ މުއްދަތަށް ދޭން އޭނާއާ އެއްބަސްވީ އެވެ.
ސިމަން ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި އޮތް ގޮތުން އެއްވެސް ސަބަބަކާ ހުރެ އެ އެއްބަސްވުން އުވާލައިފި ނަމަ ބާކީ އޮތް މުއްދަތުގެ މުސާރަ އެއްކޮށް ދޭން ޖެހޭނެ އެވެ. ސްމޯލީ ރާއްޖޭގައި ހުރީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހު އެވެ. ސިމަން ވިދާޅުވީ އަހަރެއްހާ ދުވަހު އެ މަގާމުގައި އޭނާ ހުރި ކަމަށެވެ. އެހެންކަމުން ބާކީ އޮތް ހަތަރު އަހަރަށް ޖެހޭ 960،000 ޑޮލަރު (14.8 މިލިއަން ރުފިޔާ)އަކީ އެފްއޭއެމްގެ ބޮލުގައި އެޅޭނެ ދަރަންޏެކެވެ.
"ދެން ފީފާއިން ވެސް ފާހަގަކުރައްވަނީ މިސާލަކަށް މިވަރުގެ ބޮޑު މުސާރައަކާ އެކު ޓެކްނިކަލް ޑިރެކްޓަރެއް ރާއްޖެއަށް އަައްޔަންކުރަން ޖެހޭ ސަބަބެއް ނެތޭ. މިއީ އާންކޮށް އަމަލްކުރާ އުސޫލެއް ނޫނޭ،" ސިމަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވެނީ ރަނގަޅު ނޫން، ސީދާ ކިހިނެއް ހިނގާފައި އޮތް ކަން ނޭނގޭ ކަންތައްތަކެއް ހުރިކަން."
ނޯމަލައިޒޭޝަން ކޮމިޓީ އާއި ސްމޯލީއާ ދެމެދު ލިއެކިއުން ބަދަލުކޮށް، ކަންކަން އޮތީ އޮޅުންފިލުވައިފަ އެވެ. އެކަމަކު އަދި ހައްލެއް ނުލިބެ އެވެ.
އިންތިހާބު ބޭއްވުމަކީ ބޮޑު ކާމިޔާބީއެއް
ނޯމަލައިޒޭޝަން ކޮމިޓީއަށް ފީފާއިން ދިން އަހަރެއްހާ ދުވަހުގެ މުއްދަތުގައި އެފްއޭއެމްގެ އާ އިންތިހާބު ބޭއްވި އާ ހިންގާ ކޮމިޓީއާ ތަން ހަވާލުކުރެވިދާނެ ކަމަކަށް ފުރަތަމަކޮޅު ހިއެއްނުކުރެވެ އެވެ. އެކަމަކު ސިމަން ވިދާޅުވީ ސަރުކާރާއި އެފްއޭއެމްގެ މުވައްޒަފުންނާއި ކްލަބްތައް އެކުވެގެން އެކަން ވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ނޯމަލައިޒޭޝަން ހާލަތުގައި އެފްއޭއެމް ބާއްވައިގެން ގިނަ ދުވަސް ކުރުމަކީ ވެސް ހައްލެއް ނޫން ކަމެވެ. އެހެން ވެއްޖެ ނަމަ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަން ރަނގަޅަކަށް ހިނގައެއް ނުގަންނާނެ އެވެ.
މިދިއަ 26 ޖުލާގައި އޮތް އިންތިހާބަށް ފަހު ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވަނީ އެފްއޭއެމްގެ އާ ރައީސްގެ މަގާމަށް އިންތިހާބުވެފަ އެވެ.
ސިމަން ގަބޫލުކުރައްވަނީ އެފްއޭއެމްގެ އާ މެނޭޖްމަންޓަށް އޮތް ގޮންޖެހުންތައް ކުޑަ ނޫން ކަމަށެވެ. އޭގެ ތެރެއިން ވެސް ދަަރަންޏެވެ. މިހާރު އެނގޭ ދަރަނީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ބައެއް އެހެން ފަރާތްތަކުން ވެސް އެފްއޭއެމަށް އެފަދަ އާ މައްސަލަތައް ހުށައެޅުމުގެ ފުރުސަތު ވެސް ބޮޑެވެ.
"އާ މެނޭޖްމަންޓަށް އެންމެ ޗެލެންޖިން އެއް ކަމަކަށް ވާނެ ދަރަނިތައް މެެނޭޖްކުރުމާ އެކީ އަލުން ކުޅިވަރު ކޮޅަށް ޖެހުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުން. އަދި ކުޅިވަރަށް އޮތް އިތުބާރު އަޅުގަނޑަށް ހީވަނީ ބިނާކުރުން ވަރަށް ބޮޑު ޗެލެންޖަކަށް ވާނެހެން،" ސިމަން ވިދާޅުވި އެވެ.
އޭނާގެ ތަޖުރިބާއަކީ ދަރަނި އަދާކުރަން ފީފާއިން އެހީތެރިވެދޭނެ ކަމެވެ.
ހިންގުން ބޮއްސުންލައިގެން ގޮސް އެފްއޭއެމަށް ދިމާވި ހާލަތަކީ، ސިމަން ވިދާޅުވި ގޮތުގައި، ސަރުކާރަށް ވެސް ލިބޭ ފިލާވަޅެކެވެ. ސަރުކާރުން ވެސް މާލީ އެހީތެރިކަން ދޭ އިދާރާއަކަށް ވާތީ އެ މާލީ އެހީ ބޭނުންކުރާ ގޮތް ސަރުކާރުން ދެނެގަންނަން ޖެހޭނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.
މިސާލަކަށް ސަރުކާރުގެ ކުންފުނިތަކަށް އެފްއޭއެމުން ދައްކަން ހުރި ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ އެވެ. ސިމަން ވިދާޅުވި ގޮތުގައި އެ ދަަރަނި އެގޮތަށް ބޮޑުވެެގެން ދިޔަ ދީގެން ނުވާނެ އެވެ. އެހެންކަމުން އެކަން އެގޮތަށް ވެފައި އެ އޮތީ ސަރުކާރުން ބަލަން ޖެހޭ ވަރަށް ނުބެލިގެންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީއަށް ފާޑުކިއުންތައް އަމާޒުވި އެވެ. ނަމަވެސް އެ ކޮމިޓީގެ ބޭފުޅުން މަސައްކަތް ނުކުރައްވާ ތިއްބެވީކީ ނޫނެވެ. އަހަރެއްގެ ތެރޭގައި އާ އިންތިހާބަކާ ހަމައަށް ގެންގޮސް، އެފްއޭއެމް އަލުން ދިރޭނެ ހިސާބަކަށް ވާސިލްވެވުނީ ސިމަންގެ އިތުރުން ޗެއާމަން އަހުމަދު މުއިއްޒު އާއި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ފަރީހާ ޝަރީފްގެ ބެއްލެވުމުގެ ދަށުންނެވެ. އެ ބޭފުޅުންގެ ވަރަށް ބޮޑު އިސްނެންގެވުންތަކަކާއި ވަގުތުތަކެއް ހޭދަކުރައްވައިގެންނެވެ.
އެފްއޭއެމްގެ މާޒީއަކީ ވަރަށް ހިތި އަދި އެހާމެ ބޮޑު ފިލާވަޅެކެވެ. ސަރުކާރާއި އެހެން އެސޯސިއޭޝަންތަކަށެވެ. ކްލަބްތަކަށެވެ. ރާއްޖޭގެ މުޅި ކުޅިވަރާއި ކުޅިވަރުގެ ހިންގުންތެރިންނަށް ވެސް މެ އެވެ.
ކޮމެންޓް (6)
ފީލިންގ
މުހައްމަދު
އަހައްމަދު
އަހުމަދޭ
މުހައްމަދު
އަހައްމަދު