އެންސިސްގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީ 9 ޑިސެމްބަރު 2021 ގައި ހުޅުއްވައިދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެތަން ބައްލަވާލައްވަނީ: އެތަން ސަރުކާރަށް ގަންނަން ވަނީ މަޝްވަރާ ފަށާފައި

މިފްކޯ

މިފްކޯއިން ކާރުހާނާއެއް ގަތުން: ކުރަން ހެޔޮވާވަރު ކަމެއް ނޫން

ތަޖުރިބާކާރުން ވިދާޅުވަނީ މިފްކޯއަށް އިތުރު މަސްކާރުހާނާއެއް ބޭނުން ނުވާ ކަމަށް؛ އިތުރު މަސްކާރުހާނާއެއް ގަތުމަކީ އަނެއްކާ ވެސް މިފްކޯއަށް އިތުރު ބުރައެއްގެ ގޮތުގައި އެބޭފުޅުން ގަބޫލުކުރައްވާ
11 އޯގަސްޓު 2025
3

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މިދިޔަ އަހަރު ވެސް ކުރިމަތިވީ 166 މިލިއަން ރުފިޔާގެ ގެއްލުމަކާ އެވެ. މިހާތަނަށް މިފްކޯއަށް ވެފައިވާ ގެއްލުން 2 ބިލިއަން ރުފިޔާއާ ކައިރި ކުރެ އެވެ. އަދި އެ ކުންފުނީގެ ދަރަނި 1.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. ނަތީޖާއަކީ އެ ކުންފުނި ހިންގަން ސަރުކާރުން މިދިޔަ އަހަރު އެކަނި ވެސް 389 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުމެވެ.

މި ހުރިހާ ނަމްބަރުތަކުން ޔަގީންވަނީ މިފްކޯއަކީ ދެކޮޅު ޖެހޭ ގޮތެއްގައި ހިންގޭ ކުންފުންޏެއް ނޫން ކަމެވެ. އަދި އެ ކުންފުނީގެ މާލީ ހާލަތު ހުރީ އިންވެސްޓްމަންޓުތަކެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ހިސާބެއްގައެއް ވެސް ނޫނެވެ. މިފްކޯގެ ހާލަތު ގޯހެވެ. އެއީ ދައުލަތަށް ބުރައެކެވެ. ކަންކަން ހުރި ގޮތުން މިއިން ދުވަހަކު މިފްކޯއަށް ހިންދެމިލެވޭނޭ ތަނެއް ފެންނަން ވެސް ނެތީ އެވެ. 

މިފްކޯއަށް އާ ކާރުހާނާއެއްގެ ބޭނުމެއް ނެތް

ހާލަތު އެހެން ހުރި ނަމަވެސް، އެ ކުންފުނިން މި ފަހުން ބަޔާނެއް ނެރެ ބުނެފައި ވަނީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ހަދާފައިވާ މަސް ކާރުހާނާ ގަންނަން ޕްރޮޕޯސަލެއް ހޯދާފައިވާ ކަމަށެވެ. އެ ބަޔާނުގައި މިފްކޯއިން ކިޔައިދިނީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރަން އެކަން ކުރަން މުހިންމުވާ ސަބަބުތަކެވެ. އެކަން ކުރަން ޖެހޭ ކަމެވެ. 

"މިދިޔަ އަހަރު ވެސް 100 އެތައް މިލިއަން ރުފިޔާ ގެއްލުންވި ކުންފުންޏަކުން އެތައް މިލިއަން ރުފިޔާއަކަށް ކާރުހާނާއެއް ގަންނަން އުޅުމަކީ މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. ކުރަން ޖެހޭ ކަމެއް ނޫން،" ކާރުހާނާ ގަންނަ ހަބަރު އިވުމާ އެކު، މީގެ ކުރިން މިފްކޯގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު މެސެޖެއް ފޮނުއްވާ ވިދާޅުވި އެވެ. 

މިފްކޯ އިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ޕީއެސްއެމް)

މިފްކޯއިން ބުނާ ގޮތުގައި މާލެ ސަރަހައްދުގައި ކާރުހާނާއެއް ހުރުން މުހިންމެވެ. ސަބަބަކީ  ބައިނަލްއުގުވާމީ ބަނދަރުތަކާ ކައިރީގައި ކާރުހާނާއެއް ހުރެއްޖެ ނަމަ މިފްކޯއަށް ހޯދޭނެ ފައިދާ ބޮޑުވާނެތީ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ވިސްނުން އެކަމުގައި ތަފާތެވެ. 

މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައި މަސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އާދިލް ސަލީމް ވިދާޅުވި ގޮތުގައި މިފްކޯއަށް ކާރުހާނާއެއް ގަތުމަކީ ވިޔަފާރީގެ ވިސްނުމަކުން ބަލާއިރު އެއްވެސް ބޭނުންތެރިކަމެއް ނޫނެވެ. އަދި ފެލިވަރު ވެސް ފައިދާގައި ރަނގަޅަށް ނުހިންގިގެން އުޅޭއިރު އިތުރު ކާރުހާނާއެއް ނަގައިގެން މިފްކޯއަށް ހިންގޭނެ ގޮތަކާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

މިހާރު އަނެއްކާ އަނެއް މީހަކު ހެދި ފެކްޓަރީއެއް ގަނެގެން ކިހިނެއްތޯ ހިންގާނީ. ކޮން އަގެއްގައި މަސް ގަނެގެން ހިންގަންތޯ؟ ކިހިނެއްތޯ ފައިދާ އެތަނުން ނެރޭނީ. އެކަން ކުރެވޭނެ ކެޕޭސިޓީއެއް އަދި ގޮތެއް ވެސް ފެންނާކަށް ނެތް މިފްކޯއަކަށް

އާދިލް ސަލީމް، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް

އާދިލްގެ ނަޒަރުގައި މިފްކޯ ވާންވީ މަސް ގަނެ، ކާރުހާނާ ހިންގާ ބަޔަކަށެއް ނޫނެވެ. 

"ގަނެ ވިއްކާ ކުންފުންޏަކަށް މިފްކޯ ވެގެން އޮންނާނެ ކަމެއް ނެތް. އޭރު އެކަން މިފްކޯއިން ކުރީ ހިކި މަސް ލަންކާއިން އެކްސްޕޯޓް ކުރުން ހުއްޓާލީމާ އާދައިގެކޮށް އެހެން އުޅުނު ދިވެހިންނަށް އެ އެކްސްޕޯޓް ކުރެވޭނެ ގޮތެއް ހަދައިދޭން. އެ ސައިޒުގައި ހެދި އެއްޗެއް ހިފައިގެން ނުކުމެ މިހާރު އަނެއްކާ އަނެއް މީހަކު ހެދި ފެކްޓަރީއެއް ގަނެގެން  ކިހިނެއްތޯ ހިންގާނީ؟ ކޮން އަގެއްގައި މަސް ގަނެގެން ހިންގަންތޯ؟،" އާދިލް ވިދާޅުވި އެވެ.

"އެ ކުންފުނީގައި ނެތް ގާބިލްކަމެއް ވެސް އެކަން ކުރެވޭނެ. އަދި އެކަމަކުން [ފެކްޓަރީއެއް ގަނެގެން] ކުންފުންޏަކަށް ނެތް ވަކި ލިބޭނެ ކުރިއެރުމެއް ވެސް." 

އޭނާ ވިދާޅުވަނީ މިއީ އަނެއްކާވެސް މިފްކޯއިން ހަވާލުވާ ބުރައެއް ކަމަށެވެ.  

އެންސިސްގެ މަސްކާރުހާނާ ބަންދުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިފްކޯގެ ތާރީހުން ވެސް އެކަން ފެންނަން އޮތީ އެގޮތަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި  ވަނީ އަމިއްލަ ފަރާތަކުން މަސް ގަނެ ޕްރޮސެސްކުރާ ކާރުހާނާއެއް ހިންގި ތ. ފުނައްޑޫ ވެސް މިފްކޯއަށް ގަނެފަ އެވެ. އެކަމަކު އެތަން ހިންގަން އިންވެސްޓްކުރާނެ ފައިސާ މިފްކޯއަށް ނުހޯދި އެތަން އޮތީ އަދިވެސް އޮތް ގޮތަށެވެ. މިފްކޯއަށް ބުރައަކަށް ވެފަ އެވެ. އެކަމަށް ވެސް 22.8 މިލިއަން ރުފިޔާ ސަރުކާރުން އޭރު ހަރަދުކުރި އެވެ. 

އާދިލް ވިދާޅުވީ މިފްކޯ މިހާރުވެފައި ވަނީ، މަސްވެރިކަމުގެ ސިނާއަތުގައި ތިބި ވިޔަފާރިތައް މަރާލާ، "މަރުތޭލަކަށް" ކަމަށެވެ. އެކަމަކު އެކަން ވާން ޖެހޭނީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދެން ހަމަ އެއްކޮށް ޕްރައިވެޓް ސެކްޓާ މަރާލުމާ ދިމާލަށް ދާތަން މި ފެންނަނީ. މިއީކީއެއް ނޫން މިކަން ކުރަން ޖެހޭ ގޮތަކީ. ޕްރައިވެޓް ސެކްޓާއަށް ސަރުކާރުން ފުރުސަތު ދީގެން މިކަން ކުރަން ޖެހޭނީ. މިހާރު ކަންކަން މިހިރަ ގޮތުން ކާރުހާނާއެއް ގަނެގެން ފައިދާގައި ހިންގޭނެ އެއްވެސް ގޮތެއް ނެތް،" އާދިލް ވިދާޅުވި އެވެ. 

މިފްކޯގެ ބޯޓަކުން މަސްކިރަނީ -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

އޭނާގެ ނަޒަރުގައި މިފްކޯއިން މަސް ގަނެ ބޭރަށް ވިއްކުމުގެ މަސައްކަތުން ވީއްލި އެ ކުންފުނި ވާންވީ މަސްވެރިކަމަށް އާ ޒަމާނީ ގޮތްތައް ތައާރަފްކޮށް އާ ކަންކަން ތަޖުރިބާ ކުރާ ކުންފުންޏަކަށެެވެ. 

"މަސްވެރިކަމުގެ މެނޭޖްމަންޓާ މިކަންކަމަށް ނެތް މީހުންނަށް ވެސް ތަމްރީންކުރެވިފައެއް. މިފްކޯގައި ވެސް ނެތް ތަޖުރިބާ ހުރި މީހުންނެއް ވެސް މަސްވެރިކަމުގެ މެނޭޖްމަންޓު ދާއިރާގައި ވެސް. މިފްކޯ ވާންވީ މިހެން މިހިރަ ކަންކަމަށް އިންވެސްޓްކުރާ ބަޔަކަށް. ޕްރައިވެޓް ސެކްޓާ މަރާލައި މުޅި އިންޑަސްޓްރީގެ ވާދަވެރިކަން ނައްތާލާ ބަޔަކަށް ނޫން ވާންވީކީ،" އާދިލް ސަލީމް ވިދާޅުވި އެވެ. 

'ގަންނަން އުޅޭ އަގު މާ ބޮޑު'

އެންސިސްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކާރުހާނާއަކީ ޖަރުމަންގެ ޑިވެލޮޕްމަންޓް ބޭންކުން 25-30 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހެދި ތަނެކެވެ. ޔަގީންވެފައިވާ ގޮތުގައި މިފްކޯއަށް އެތަން ގަންނަން މަޝްވަރާކޮށް ނިމުމަކާ ހަމައަށް ގޮސްފައި ވަނީ 32 މިލިއަން ޑޮލަރު (މިހާރުގެ ޑޮލަރު ރޭޓުން 640 މިލިއަން ރުފިޔާ) އަށް ގަތުމަށެވެ.

މި ކިޔާ ނަމްބަރުތަކަށް ބަލާއިރު ވެސް އެއީ މިފްކޯއަށް ނޫނީ ދައުލަތަށް ފައިދާވާ ގޮތުގައި ކުރަން އުޅޭ ކަމެއް ނޫން

މަސްވެރިކަމުގެ ތަޖުރިބާކާރެއް

މަސްވެރިކަމުގެ ދާއިރާގައި މީގެ ކުރިން ހަރަކާތްތެރިވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި އޮޕަރޭޝަން ހުއްޓާލިތާ އަހަރުތަކެއް ވެފައިވާ ކާރުހާނާއެއް އެތަން ހެދި އަގުގައި ގަންނަން އުޅުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެކެވެ.

މަސްވެރިން މަސައްކަތުގައި -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

އެ ކާރުހާނާ 2019ގެ ޑިސެމްބަރުގައި ހުޅުވުމަށް ފަހު 2023ގެ ފަހުކޮޅުން ފެށިގެން ހުންނަނީ ބަންދުކޮށްފަ އެވެ. އެތަން ބަންދުކުރަން ޖެހުނީ އޭރު ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް މަހުގެ އަގު ސަރުކާރުން ކުއްލިއަކަށް ބޮޑުކުރުމުން އެ އަގުގައި މަސް ގަނެ ފައިދާގައި ކާރުހާނާ ނުހިންގޭނެތީ އެވެ. 

"މިފަހުން އަލިފާން ރޯވެ ގެއްލުން ވެސް ވެފައިހުރި ތަނެއް އެއީ. މިވީ ދުވަސްތަކުގައި ޔަގީނަށް ވެސް އެ އެސެޓްގެ ވެލިއު ވެސް ހުންނާނީ ޑެޕްރިޝިއޭޓް [ދަށް] ވެފައި. އެހެން ވީމާ، އިންވެސްޓްކުރި އަގުގައެއް ނުހިންގާ ހުރިތަނެއް ނުއެއް ގަންނާނެ ބަޔަކު. އެހެން ވީމާ، މީތި ދެކޮޅެއް ނުޖެހޭ،" އެބޭފުޅާ ވިދާޅުވި އެވެ. 

އޭނާ ލަފާކުރައްވާ ގޮތުގައި އާ ކާރުހާނާއެއް ހަދަން ވެސް ދާނީ، 7 ވަރަކަށް މިލިއަން ޑޮލަރެވެ. 

"މި ކިޔާ ނަމްބަރުތަކަށް ބަލާއިރު ވެސް އެއީ މިފްކޯއަށް ނޫނީ ދައުލަތަށް ފައިދާވާ ގޮތުގައި ކުރަން އުޅޭ ކަމެއް ނޫން. އާ ކާރުހާނާއެއް އެޅިއަސް މިއަށް ވުރެ ރަނގަޅު ވާނެ،" އެބޭފުޅާ ވިދާޅުވި އެވެ. 

ދެކުނަށް މަސްވެރިކަން ރަނގަޅުވި ދުވަސްވަރެއްގައި ގއ. ކޫއްޑޫއާ ދިމާލުން މަސް ދޯނިތައް މަސްކިރަން ކިއު ހަދާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި މަސްކާރުހާނާ ހިންގަން ސަރުކާރަށް އެންސިސްއަށް ގޮތްތަކެއް ނުވަތަ ލުއިތަކެއް ހޯދައިދެވިދާނެ އެވެ. އެއީ ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުން ކުރެވިދާނެ ކަމެކެވެ. އެކަމަކު، އަމިއްލަ ބައެއްގެ މަސް ފެކްޓްރީއެއް ގަތުމަކީ ހައްލު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފްކޯގައި ނެތް އެ ކެޕޭސިޓީއެއް އިތުރު ކާރުހާނާއެއް ހިންގާކަށް. މިއީ އިތުރަށް އެ ކުންފުންޏަށް ގެއްލުން އިތުރުވާނެ ކަމެއް." އެބޭފުޅާ ވިދާޅުވި އެވެ. 

މިފްކޯގެ މިހާރުގެ ކޭނަރީ ފެލިވަރު، ބޮޑު ކުރަން އެމްޑީޕީގެ ސަރުކާރުގައި އޮތީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން މަޝްރޫއެއް ފަށައިފަ އެވެ. އެއީ، އެ ކާރުހާނާގެ ކެޕޭސިޓީ ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރާ ތަނަކަށް ބަދަލުކުރާ މަޝްރޫއެކެވެ. އެހެން އޮތްއިރު، އިތުރު ކާރުހާނާއެއްގެ ބޭނުމެއް މިފްކޯއަށް މިވަގުތަކު ނެތެވެ. މިފްކޯއަށް މަސްވެރިން ބާނާ މަސް ވެލިއު އެޑްކޮށް ބޭރަށް ފޮނުވައި ފައިދާ ނުނެރެވިގެން އުޅެނީ މަސްކާރުހާނާއެއް ނެތިގެނެއް ނޫނެވެ. 

މިފްކޯއިން އިތުރު މަސް ކާރުހާނާއެއް ގަތުމަކީ އަނެއްކާ ވެސް ގޯހުގެ މައްޗަށް ހަދާ ގޯހެކެވެ. މާލީ ގޮތުން ދަށުގައި އޮތް ކުންފުންޏަކަށް އިތުރު ބުރައެކެވެ. ސަރުކާރުން އިތުރަށް މަސްވެރި ސިނާއަތުގެ ތެރެއަށް ވަދެ، ގެއްލުން ދިނުމެކެވެ. އަދި މިއީ މާލީ ދަތި ހާލަތުގައި އޮތް ވަގުތެއްގައި ކުރަން ޖެހޭ ހަރަދެއް ވެސް ނޫނެވެ. 

ކޮމެންޓް (3)

ނުރަބޯ

13 އޯގަސްޓު 2025
އާދިލްސަލީމް ކޮންވާހަކައެއް ދައްކާކަށްތަ. ފެލިވަރަކީ 2006، 2007 ، 2008ގަ 60-80ޓަނު މަސް ދުވާލަކު ބަންދުކުރި ކާރުޚާނާއެއް. ކަލޭ މިފްކޯގެ އެމް،ޑީ އަކަށް އައިސް ތަން ފުނޑާލީ. އޭގެ ފަހުން 15ޓަނުވެސް މަސް ބަންދުކުރަން ބޮޑުވެގެން މިއުޅެނީ. 2006ން ފެށިގެން ފެލިވަރުގަ މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން ލޮލަށްފެނިފަހުރި ކަންކަންވީމަ މިބުނަނީ.
1 0

ސާރު

11 އޯގަސްޓު 2025
ސަރުކާރުން ކުރަންހެޔޮވާވަރުކަމެއް ނުކުރާނެ ތިޔަބޭފުޅުންނަކަށް އަދި އިދިކޮޅު މީހުންނަކަށް. އޯކޭ. ވަެަށް ސަލާމް.
2 2

ދޮންތުއްކަލާ

11 އޯގަސްޓު 2025
މިފްކޯ ބަނގުރޫޓޫވީތާ ކިތަންމެ ދުވަހެކެވެ.ޔާމީންގެ ސަރުކާރުން އެސްޓީއޯގެ ދަށަށް ބަދަލުކުރީ އެތަން ބަގުރޫޓުވެގެންނެވެ.ބައިވަރު ސަބަބުތައް ހުއްޓެވެ.އެންމެ ބޮޑުކަމަކީ ފަސާދައާއި ކޮރަޕްޝަނެވެ.މިއަށް އިންޓަވިއުދިންމީހުން ތިބި އިރުވެސް ކަންކުރީ މިބުނިގޮތަށެވެ.ދެން ދައްކާނެ އިތުރުވާހަކައެއް ނުއޮންނާނެއެވެ.ތ.ފުނައްޑޫ ގަނެފިއެވެ.ސަޢުދީ ފަންޑުން ލޯނު ނަގައިފިއެވެ.އިންޑިއާގެ އެގްޒިމްބޭންކުންވެސް ލޯނު ނަގައިފިއެވެ.އަދިއަދަށްވެސް މިއިން އެއްވެސް ލޯނަކުން އުފެއްދުންތެރިކަމެއް ނުދައްކައެވެ.މަސްވެރިންވެސް ރިއަލިސްޓިކްކޮށް ވިސްނަންޖެހެއެވެ.ދުނިޔާގެ ބާޒާރުގައި މަހަށް ނުލިބޭއަގު މިފްކޯއިން ޑިމާންޑުކޮށްގެންނުވާނެއެވެ.ކަމެއްވާއިރަށް ރަށުއޮފީހަށް މަސްކިރައިގެން ނުވާނެއެވެ.މަސްއޮޑިއަށް ސަރުކާރުން ހެސްކިޔާފަ ސަބުސިޓީ ދީފަ އަދި ކިރާމަހަށް ނުވިއްކޭ އަގެއް ނުދެވޭނެއެވެ.ނޫސްވެރިންވެސް ނުލިޔަނީ މިވާހަކައެވެ.
12 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް