ޖީއެމްސީއީ ނުވަތަ ޖެމްކިއު ސްކީމްގެ އެޕްލިކޭޝަން މީހަކު ބޭނުން ކުރަނީ
ޖީއެމްސީއީގެ އެތެރެ: 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި؛ 4 އެކައުންޓަކަށް
ދިވެހިންގެ އެތައް ބަޔަކު މިފަހުން ޖެހުނު އިންވެސްޓްމަންޓު ސްކީމެއް ކަމަށްވާ ޖީއެމްސީއީ ނުވަތަ ޖެމްކިއުއާ ގުޅުންހުރި އޮންލައިން ވޮލެޓެއްގައި މިދިޔަ މަހުގެ 31ގައި 1 މިލިއަން ޔޫއެސްޑީޓީ (20.8 މިިލިއަން ރުފިޔާ) ހުއްޓެވެ. ޖެހިގެން އައި ދުވަހު އޭގެ ތެރެއިން 800،000 ޔޫއެސްޑީޓީ ވޮލެޓަކަށް ފޮނުވައި ނެގި އެވެ.
ވޮލެޓުގައި ބާކީ ހުރި 200،000އެއްހާ ޔޫއެސްޑީޓީ އެކި ވޮލެޓްތަކަށް ބެހިގެން ދަނީ އެވެ. ބެލެވޭ ގޮތުގައި، އެއީ ބައިވެރިވާ މީހުންނަށް އިންވެސްޓްމަންޓުގެ ފައިދާގެ ނަމުގައި ދޭ ފައިސާ އެވެ.
ޔޫއެސްޑީޓީއަކީ އޮންލައިން ފައިސާ ނުވަތަ ކުރިޕްޓޯ ކަރަންސީގެ ވައްތަރެކެވެ.
ފައިސާ ދައުރުވި ގޮތް: ގިނަ ފައިސާތައް ހަތަރު ވޮލެޓަކަށް
އެ ސްކީމަށް ފައިސާލީ 20 އަކަށް މީހުންގެ ފައިސާ ޖަމާވި ވޮލެޓްތައް ނުވަތަ އެކައުންޓުތަކުގެ މުއާމަލާތްތައް ބެލިއިރު ޖީއެމްސީއީއަށް މީހުން ޖަމާކުރަމުން އައި ފައިސާ ވަންނަނީ 9 ވަރަކަށް އޮންލައިން ވޮލަޓަކަށްކަން ފާހަގަވެ އެވެ. އަދި އެ ވޮލެޓްތަކުން ދެން ފައިސާ ގޮސް ވަންނަނީ މައިގަނޑު ގޮތެއްގައި ހަތަރު ވަރަކަށް ވޮލެޓަކަށެވެ. ދެން އެއަށް ފަހު އެ ވޮލެޓްތަކުން އެ ފައިސާ ނަގަ އެވެ.
ފައިސާ ދައުރުކުރި ގޮތުގައި ބޮޑު މަންޒަރަށް ބަލާއިރު ސްކީމްގައި ބައިވެރިވާ މީހުންނަށް 'ފައިދާ ދެނ'ީ އެ ސްކީމަށް މީހުން ގިނަ އަދަދަކަށް އިންވެސްޓްކޮށް ވޮލެޓްތަކަށް ފައިސާ ޖަމާވުމުން އެ ފައިސާއިންނެވެ. އަދި އެ ވޮލެޓުތަކަށް ފައިސާ ޖަމާވެ، އިތުރުވަމުން ދަނީ ކުދިކުދި އަދަދުތަކުންނެވެ.
އެ ފައިސާ ދައުރުވި ގޮތް ބެލުމުން، އާންމުން ޖަމާކުރަމުން ދިޔަ ފައިސާއަށް މި ސްކީމުގެ އަޑީގައި ތިބި ބަޔަކު ހަދަމުން ދިޔަ ގޮތް ވަރަށް ސާފެވެ.
ސްކީމުގައި ބައިވެރިވާ މީހުންނަށް ފައިދާގެ ގޮތުގައި މަދު އެތިކޮޅެއް ދިނުމަށް ފަހު ފައިސާގެ ބޮޑު ބައި އެ މީހުންގެ އަމިއްލަ ވޮލެޓުތަކަށް ލާ އެ ފައިސާ އެކި ގޮތް ގޮތުން ބޭރުކުރަނީ އެވެ. ދެން އަނެއްކާ ވެސް ބަޔަކު ފައިސާ ޖަމާކުރުމުން އޭގެ ބޮޑު ބައެއް ނެގުމަށް ފަހު، ބާކީވާ މަދު ފައިސާ ކޮޅު އެކި ވޮލެޓްތަކަށް ކުދި އަދަދުތަކުން ބަހާލަނީ އެވެ.
އާންމުކޮށް މިގޮތަށް އެންމެ ގިނައިން ފައިސާ ނެގި ކަމަށް ބެލެވޭ ވޮލެޓުގައި މިދިޔަ ހައެއްކަ މަސް ދުވަސް ތެރޭ 11 މިލިއަން ޔޫއެސްޑީޓީ (228 މިލިއަން ރުފިޔާ) ދައުރުކޮށްފައިވެ އެވެ.
ވޮލެޓުތަކުގައި އަދިވެސް ގިނަ ފައިސާ
ޓްރޮން ސްކޭނުން މި ނުވަ ވަރަކަށް ވޮލެޓުގެ މުއާމަލާތްތަކަށް ބަލާއިރު މިއަދާ ހަމައަށް އެ ވޮލެޓުތަކުގައި އަދިވެސް 10.2 މިލިއަން ޔޫއެސްޑީޓީ (203.6 މިލިއަން ރުފިޔާއާ އެއްވަރުގެ އަދަދެއް) އެބަ ހުއްޓެވެ.
އާންމުކޮށް ރާއްޖޭގައި ޔޫއެސްޑީޓީ ވިއްކަނީ ޔޫއެސްޑީޓީއެއް 20ރ.އަށް ވުރެ މަތީގެ އަގުތަކެއްގަ އެވެ.
ފުލުހުންގެ އެކި މަސްދަރުތަކުން ހޯދުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ވޮލެޓްތަކުން އެ ފައިސާ ހުސްނުކުރެވިފައި ހުރީ ފުލުހުން ބަލަމުން އަންނަ މައްސަލައިގެ ތެރެއިން ބޭރުގެ އެކި އެޖެންސީތަކަށް ފޮނުވި ރިޕޯޓްތަކާ ގުޅިގެން އެ ވޮލެޓްތަކުން މުއާމަލާތް ނުކުރެވޭ ގޮތަށް އެ ފައިސާތައް ހިފަހައްޓާފައި ހުރުމުން ކަމަށް ވުން ގާތެވެ.
މީގެ އިތުރަށް ފްލެގްވީ ވޮލެޓްތައް ނޫންނަސް އެ މީހުން ބޭނުންކުރާ އިތުރު ވޮލެޓްތައް ވެސް ހުރެދާނެ އެވެ.
ފަހު ވަގުތާ ޖެހެންދެން ވެސް ފައިސާ ޖަމާކުރި
ސްކީމް ހުއްޓާލިއިރު ވެސް އެ ސްކީމާ ގުޅުން ހުރި ވޮލެޓްތަކުގައި އަދިވެސް ބޮޑެތި އަދަދުތަކުން ފައިސާ އެބަހުއްޓެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ހުރީ އެންމެ ފަހު ވަގުތު ވެސް އެ ސްކީމްގެ ދަޅައިގައި ޖެހި، މީހުން އިންވެސްޓްކުރަމުން ދިޔުމުން ކަމަށް އެ ވޮލެޓުތަކުގެ ހަރަކާތްތަކަށް ބެލުމުން އެނގެ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ޔޫއެސްޑީޓީ އާއި ކްރިޕްޓޯ ކަރަންސީ ވިއްކާ ޔޫއެސްޑީޓީ.އެމްވީއިން ބުނި ގޮތުގައި މި މަހުގެ 20 އާއި 21ގައި، އެ ދެ ދުވަހު އާދަޔާ ހިލާފަށް ގިނައިން އެ ވެބްސައިޓުން މީހުން ޔޫއެސްޑީޓީ ގަތެވެ.
"އެންމެ ފަހު ދެ ދުވަހު ވެސް މީހުން ދިޔައީ އިންވެސްޓްކުރަމުން. އެހެން މި ބުނީ ގާތްގަނޑަކަށް އާންމު ދުވަސްތަކާ ހިލާފަށް %1،400 އިތުރަށް މީހުން ޔޫއެސްޑީޓީ ގަތް އަޅުގަނޑުމެން އަތުން ވެސް. އަދި އެހެން މީހުން އަތުން ވެސް ގަންނާނެ،" ޔޫއެސްޓީޑީ.އެމްވީގެ އިސް ފަރާތަކުން ބުންޏެވެ.
ފުލުހުންނާއި ސީއެމްޑީއޭއިން އެއީ ޕިރައިމިޑް ސްކީމެއްކަމަށް ބުނެ ޖެމްކިއުއަށް އިންވެސްޓް ނުކުރަން އިލްތިމާސް ކުރުމުން އެ ސްކީމުން އިއުލާންކުރީ 117 ޔޫއެސްޑީޓީ އިންވެސްޓްކުރުމުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބުނެ ޕްރޮމޯޝަނެކެވެ. އެ ވާހަކައަށް ވެސް ގިނަ ބަޔަކު ހެއްލުނީ އެވެ.
ޖީއެމްސީއީގެ ފައިސާ ދައުރުކުރި ވޮލެޓްތަކަށް 21 ވަނަ ދުވަހުގެ ރޭގެ އިރާކޮޅާ ހަމައަށް ކޮންމެ ޓްރާންސެކްޝަނެއްގައި 117 ޔޫއެސްޑީޓީ ޖަމާވަމުން ގޮސް އެ ވޮލެޓްތަކުގައި ހުރި ފައިސާ އަދަދު ނުވަތަ ބެލެންސް މިލިއަނަކަށް އެރި އެވެ. އެ ދެ ދުވަހު ޖަމާކުރި ޔޫއެސްޑީޓީގެ އަގު ވެސް 20 މިލިއަން ރުފިޔާއާ ގާތްކުރި އެވެ.
"މިކޮޅުން ވެސް އެ އަދަދުތައް، 117 ޔޫއެސްޑީޓީ މީހުން އޮންލައިންކޮށް ގަންނަމުން ދިޔަ. [ސްކީމްގެ] ފަހު ނޭވާއާ ޖެހެންދެން ވެސް މީހުން އިތުބާރުކޮށްފައި ފައިސާ ލަމުންދިޔައީ. ސިސްޓަމް ޑައުން ކޮށްލަންދެން އެ މީހުން،" ޔޫއެސްޓީޑީ.އެމްވީގެ އިސް ފަރާތުން ބުންޏެވެ.
"އަސްލު އެ މީހުން އެ ކުރި ކަމަކީ އިދާރާތަކުން އެލާޓްކުރީމާ ދެން މީހުން އިންވެސްޓްކުރަން ފަސްޖެހި ސްކީމް ކޮލެޕްސްވާނެތީ ބޮޑު ޕްރޮމޯޝަނެއް ޖައްސާފައި ގިނަ ލާރި އެއްފަހަރާ ނަގާފައި ސްކީމް ހުއްޓާލީ."
ޕިރަމިޑް ސްކީމެއްގެ ހުރިހާ ސިފައެއް އެބަހުރި
ޖީއެމްސީއީ ސްކީމުން ވައުދުވީ އިންވެސްޓްކުރާ ފައިސާއިން ދުވާލަކު %2 ފައިދާ ނެރެދޭނެ ކަމަށެވެ. ބައިވެރިކުރާ މީހުން ގިނަވާ ވަރަކަށް އެ މީހަކަށް ލިބޭ ފައިދާ އިތުރުވަމުން ދެ އެވެ. މީހުން ގިނަވަމުން ދިޔައީ އެހެންވެ އެވެ.
ކްރިޕްޓޯ ފައިސާގެ މުއާމަލާތް ރަނގަޅަށް އެނގި ހުރި އަދި އެ ދާއިރާގައި ހަރަކާތްތެރިވާ މީހަކު ކިޔައިދިން ގޮތުގައި، ޔޫއެސްޑީޓީއަކީ 1 ޑޮލަރަށް ވުރެ އަގު މައްޗަށް ނުދާ ގޮތަށް ހިފަހައްޓާފައިވާ ސްޓޭބަލް ކޮއިންއެކެވެ. އޭނާ ބުނީ ޔޫއެސްޑީޓީ އޭގެ ޒާތުގައި އެކަނި ދުނިޔޭގެ ބާޒާރުގައި ވިއްކައިގެން ފައިދާ ހޯދުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. ސަބަބަކީ އެއީ އަގު ހިފަހައްޓާފައިވާ ކްރިޕްޓޯ ފައިސާއަކަށް ވާތީ އެވެ.
"މި ކިޔަނީ ވަކި ވަރަކަށް އަގު ހިފަހައްޓާފައި ހުންނަ ފައިސާއެއްގެ ވާހަކަ. އަނެއްކާ ގްރިޑް އޭއައި ޓްރޭޑިންއޭ ބުނާއިރު ގްރިޑް ޓްރޭޑިން ހަދައިގެންނޭ އެ ބުނަނީ އޮޅުވާލުމެއް. ޔޫއެސްޑީޓީ އެކަނި ޓްރޭޑްކޮށްގެން އެއެއް އެހެން އިތުރެއް ނުވާނެ. އެ މިންވަރުގައި އެ ގޮތަކަށް ފައިދާއެއް ނުނެރެވޭނެ،" އޭނާ ކިޔައިދިނެވެ.
"އަނެއްކާ ވޮލެޓްތަކުގައި އެ ފައިސާ ދައުރުވި ގޮތަށް ބަލާއިރު ގްރިޑް ޓްރޭޑިން ހަދާފައި ހުންނަކަމެއް ފާހަގައެއް ނުވޭ."
އޭނާ އަދި ބުނީ ކޮންމެ ދުވަހަކު ވަކި ވަރަކަށް ފައިދާ ދޭނެ ކަމަށް ބުނާ ނަމަ އެއީ އޮޅުވާލުމެއް ކަމަށާއި އޮންލައިން ޓްރޭޑްކުރާއިރު ވެސް ގެއްލުމާ ކުރިމަތިވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެއްވަރެއްގައި ފައިދާ ދޭނޭ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ ސްކީމަށް މީހުން އިތުރުކުރަން މި އޮންނަނީ ހިތްވަރު ދީފައި. އޭގެ މާނައަކީ އަލަށް މީހުން ގުޅޭ ވަރަކުންނޭ ސްކީމް ދެމި އޮންނާނީ. އެހެން ނޫނީ ކޮލެޕްސްއޭ ވާނީ. އަލަށް މީހުން ވައްދައިގެން، ފަހުން ގުޅޭ މީހުންގެ ލާރިން ކުރިން ވަތް މީހުންނަށް މި ފައިދާ ދެނީ،" އޭނާ ބުންޏެވެ.
މީގެ އިތުރަށް އެ ސްކީމްގެ ވެބް އެޕްލިކޭޝަނާއި ވެބްސައިޓު ފަދަ ތަކެތި ވެސް ހޮސްޓްކޮށްފައި ހުރީ ސައްހަ ވެރިފައިޑް ޑޮމެއިންތަކެއްގައި ނޫން ކަމަށް އޭނާ ބުންޏެވެ. އެ އެޕްލިކޭޝަނަކީ ހަމައެކަނި ލޮލަށް ދައްކާލާފައިވާ ދަޅައެއް ކަމަށް ވެސް ބުންޏެވެ.
"އެއްވެސް ސައްހަ ތަނެއްގައި ވެސް ހޮސްޓްކޮށްފައެއް ނޫން ހުރީކީ. ބޮޑަށް ބެލެވެނީ ޗައިނާ ހިސާބުން ކޯޑްކޮށްފައި މިގޮތަށް ސްކޭމްކޮށް ހަދަން އެކި ގައުމުތަކުގައި އެކި ނަންނަމުގައި ރޮޓޭޓްކުރާ އެޕްލިކޭޝަނެއްހެން،" އޭނާ ބުންޏެވެ.
ގޮސް ގުޅެނީ ނ. މިލަދޫ ބަޔަކާ
ފުލުހުން ބުނެފައިވާ ގޮތުގައި މި ސްކީމް ހިންގާފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބެނީ ރާއްޖޭގަ އެވެ.
މިހާތަނަށް ފެންނަން ހުރި ކަންކަމާއި ލިބިފައިވާ ހުރި މައުލޫމާތުތަކަށް ބަލާއިރު އެ ސްކީމް ޕްރޮމޯޓްކުރުމުގައި ރާއްޖޭގެ ލީޑަރުންގެ ގޮތުގައި އިސްކޮށް އުޅުނު ގިނަ މީހުން ނިސްބަތްވަނީ ނ. މިލަދުއަށެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވެސް އެކަން ކަށަވަރުކޮށްދިނެވެ.
މި އީދުގައި ވަރަށް ގިނަ ހަރަކާތްތައް ވެސް އެ ރަށުގައި ބޭއްވި އެވެ. އަދި އޭގެ ކުރިން މިދިޔަ ރޯދަ މަހަށް ރޯދަ ހަދިޔާ ބެހުމާއި ބޮޑު އީދުގައި އެކި މުބާރާތްތައް ސުޕޮންސަކުރުން ފަދަ ކަންތައްތައް ޖީއެމްސީއީން ކުރި އެވެ. ބޭނުމަކީ އެ ސްކީމަށް ގިނަ މީހުން ވެއްދުމަށް ހިތްވަރު ދިނުމެވެ.
"މި ރަށުގައި ވަރަށް ބޮޑަށް ތި ސްކީމް ޕްރޮމޯޓްކުރަމުން ދިޔައީ. ވަރަށް ގިނަ ޒުވާނުން ވެސް ތިކަމުގައި އުޅުނު،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ސްކީމް ހިންގާތާ މިހާރު އަހަރެއް ވެދާނޭ ކަމަށް މައުލޫމާތުތަކުން އެނގެ އެވެ.
އިންވެސްޓްމަންޓް ސްކީމްތައް ރާއްޖޭގައި ހިންގަން ޖެހެނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެންނެވެ. އެކަމަކު އެފަދަ ކަމެއް ޖީއެމްސީއީން ނުކުރެ އެވެ. އެ ސްކީމް ޕްރޮމޯޓްކުރަން އުޅުނު މީހުންނަކީ ވެސް އެ ސްކީމް ސީދާ ހިންގި މީހުން ކަމެއް ވެސް ކަށަވަރެއް ނޫނެވެ.
އޭގެ ބައެއް މީހުންނާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް ގުޅޭ ގޮތެއް ނުވި އެވެ. ފުލުހުން ބުނެފައި ވަނީ އެ ސްކީމް ހިންގުމުގައި އިސްކޮށް އުޅުނު ހަތް ވަރަކަށް މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
ކޮމެންޓް (3)
އިބްރާހިމް
މަބުނީ
ތެފައާސާ.