ތ. ކިނބިދޫގައި ބޮޑު ކުނބުސް ފިހަން އަލިފާން އަންދާ އިރު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން: މިއީ ކޮންމެ އަހަރެއްގެ ވެސް އީދުގައި އެ ރަށުގައި ފިހާ ބިޔަ ބޯކިބަލެއް/ ވަންޝޮޓް ޕްރޮޑަކްޝަން)

އީދު

މި ބޯކިބަލުގެ ރެސިޕީ: ގަބުޅި އާއި ދިޔާހަކުރާއި ލޯބި

ކޮންމެ އަހަރެއްގެ އީދަށް ހާއްސަކޮށްގެން، ކިނބިދޫގައި އަޅާ ބޮޑު ކުނބުސް މިހާރު ވެފައި އޮންނަނީ އެ ރަށުގެ ރަމްޒަކަށް

ބޮޑު އީދުގައި ރާވާފައި އޮތީ ތ. ކިނބިދުއަށް އަރަން ހެއްޔެވެ؟

އެހެންވެއްޖެ ނަމަ، އެންމެ ފުރަތަމަ ބަލާލަން ޖެހޭނީ، އެ ރަށުގައި އީދަށް އަޅާ ބޯކިބާ، ނޫނީ 'ބޮޑު ކުނބުސް'ގެ ހަރަކާތް އޮތީ ކޮން ދުވަހަކުތޯ އެވެ. އެ ރަށުގެ މީހުން ބުނާ ގޮތުން އެއީ ބީވެގެން ދިޔަދީގެން ނުވާނެހާ ފޯރިގަދަ، މަޖާކަން ބޮޑު ހަރަކާތެކެވެ. މި ފަހަކުން ކޮންމެ އަހަރަކުހެން ފެންނަ 'އީދު ބޮޑު ކުނބުސް' އަކީ ކިނބިދޫ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ނަމޫނާ ހަރަކާތެއް ވެސ މެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް، ސަމާ ރަޝީދު ވިދާޅުވި ގޮތަށް، އެއީ ހަމައެކަނި ތަތްކޮށްލާ ހުނިހަކުރުގަނޑެއް ނޫނެވެ. އޭގެ ބަދަލުގައި އެ ހުނިހަކުރުގަނޑު، މުޅި ރައްޔިތުން އެއްބައިވަންތަކޮށްލާ، އެއްކޮށްލާ، ތަތްކޮށްލަނީ އެވެ.

ތ. ކިނބިދޫގައި ބޮޑު ކުނބުސް އެޅުމަށް ރަށުގެ ބަޔަކު ގަބުޅި ސާފުކުރަނީ (ފޮޓޯ/ ވަންޝޮޓް ޕްރޮޑަކްޝަން)

"އެންމެން ވެގެން ފޮނި އެއްޗެއް މި ހަދަނީ. އެކަމަކު އެތަނުން ފެންނާނީ ރައްޔިތުންގެ ގުޅުން. އެކުވެރިކަމާއި ލޯބި،" އޭނާ ވިދާޅުވި އެވެ.

ކުނބުސް މިއީ ކޮން އެއްޗެއް؟

ހަނދާން ހުންނަން ފެށީއްސުރެ، އީދަށް ހާއްސަ ބޯކިބަލެއް ފިހާތަން ސަމާމެންނަށް ފެނިވަޑައިގެންނެވި އެވެ. ބައެއް ފަހަރު އެއީ ގޭގައި ހަދާ، އަތްތިލައެއްގެ ބޮޑުމިން ހުންނަ ކުޑަ ބޯކިބަލެކެވެ. އަނެއް ބައި ފަހަރު އެއީ ރަށު ރައްޔިތުން އެއްވެގެން އަޅާ ބޮޑު ބޯކިބަލެކެވެ؛ އެ ރަށު މީހުންގެ ބަހުން ނަމަ ކުނބުސް އެވެ. ކޮންމެ ސައިޒަކަށް ހެދިޔަސް، އެއީ އީދު ނަމާދަށް ދިޔުމުގެ ކުރިން ހެނދުނު ސަޔަށް ކޮންމެހެން ވެސް އަނގަޔަށް ލާން ޖެހޭ ފޮނިއެއްޗަކަށް އޮންނަނީ ވެފަ އެވެ.

ބޮޑު ކުނބުސް އެޅުމަށް ރަށުގެ ބަޔަކު ގަބުޅި ސާފުކުރަނީ (ފޮޓޯ/ ވަންޝޮޓް ޕްރޮޑަކްޝަން)

އެކަމަކު އެންމެން އެއްވެގެން، ބޮޑު ކުނބުހެއް އެޅުމުގެ ޒަމާންވީ އާދަ ދިޔައީ ނެތެމުންނެވެ. އެހެންވެ، އެ ރަށު ކައުންސިލުން އިސް ނަގައިގެން 2021އިން ފެށިގެން ކޮންމެ އީދަކަށް ހާއްސަކޮށްގެން ކިނބިދޫގައި އަންނަނީ ބޮޑު ކުނބުސް އެޅުމުގެ ހަރަކާތެއް ހިންގަމުންނެވެ. މިކަން ފުޅާވަމުން އައިސް، މިހާރު އެ ހަރަކާތް ވެފައި އޮންނަނީ ކޮންމެހެން ވެސް އަތުން ބީވެގެން ދިޔަދީގެން ނުވާނެ ފަދަ ކަމެއްގެ ގޮތަށް ބަދަލުވެފަ އެވެ.

މި އީދުގައި ވެސް ކިނބިދޫގެ ނަން ގުގުމާލީ، ގަބުޅި އާއި ދިޔާހަކުރާއި ދޯބުރާލި ހަކުރާއި ފުށް އަޅައިގެން ހިލާ މި މި ކުނބުހަކާ ގުޅުވާލައިގެންނެވެ.

ބޮޑު ކުނބުސް އެޅުމުގެ ތައްޔާރީގެ ތެރެއިން: މިއީ ރައްޔިތުންގެ މަސައްކަތް (ފޮޓޯ/ވަންޝޮޓް ޕްރޮޑަކްޝަން)

"އެންމެ ފުރަތަމަ ރަށުގެ ފިރިހެނުން ދާނީ ގަބުޅި ހޯދަން. މި ފަހަރު ރަށުގައި ހުރި ގަބުޅިން ނުވެގެން ކައިރީގައި އޮންނަ ދެ ފަޅުރަށަކަށް ވެސް ރުއް އަރަން ދާން ޖެހުނު. އޭރު އަންހެނުން އުޅޭނެ ރަށުގެ އެކި ތަންތަނުން ބޮނބި ހޯދަން ނުކުމެ،" ހަރަކާތް ފެށިގެން ދާ ގޮތް ސަމާ ކިޔައިދެއްވި އެވެ.

"ދެން ކައިރި ރަށްރަށަށް ވެސް ދާނެ ދިޔާހަކުރު ހޯދަން."

އާއްމު ގޮތެއްގައި މި ހަރަކާތް ފެށޭނީ، އީދު އައުމުގެ ތިން ދުވަސް ކުރިންނެވެ. އެއީ އީދު ވިލޭރޭ ރަށުގެ ހުރިހާ ގެއަކަށް މި ފޮނި ބޯކިބާ ބެހޭ ވަރަށެވެ.

ފިރިހެންވެރިން ބޮޑު ކުނބުސްއަށް ގަބުޅި ގާނަނީ (ފޮޓޯ/ ވަންޝޮޓް ޕްރޮޑަކްޝަން)

ސަމާ ވިދާޅުވި ގޮތުގައި މިކަމުގައި އިސްކޮށް އުޅެނީ އީދަށް ހާއްސަކޮށް އެކުލަވާލާ ކޮމިޓީއަކުންނެވެ. ވެރިންނާއި ރައްޔިތުންގެ ޓީމެކެވެ. ހޯދަން ޖެހޭ ތަކެތި ހޯދައި، އެއްކޮށް ނިމުމުން ދެން އެވީ މަސައްކަތް ފަށައިގަންނާށެވެ. މި ފަހަރުގެ ކުނބުސް އެޅީ، ކިނބިދޫގެ ބާ ޕާކުގަ އެވެ.

ކުނބުސް ހަރަކާތުގައި ދެން ފިރިހެނުންގެ އެންމެ ބޮޑު ޒިންމާއަކަށް އޮންނާނީ އެއްކުރި ގަބުޅިތައް ހެހުމާއި ފެޅުމެވެ. އެ ވަގުތު ހުރިހާ އަންހެނުން ސަފުސަފަށް އިށީނދެ ތިބެ، ގަބުޅިތައް ގާނާނެ އެވެ. އޭރު މުޅިތަނުގައި އެއް އަޑަކަށް އޮންނާނީ، މަޖާ ވާހަކަތަކާއި ހުނުމެވެ. އެހެން ތިބެ، މި ފަހަރު ވެސް 130 ކިލޯގެ ހުނި ގޭނި އެވެ.

ގަބުޅިތައް ގާނާ ނިމުމުން، އެ ކިރައި އެއަށް ވާވަރަށް ދިޔާ ހަކުރާއި ދޯބުރާލި ހަކުރު އަދި ފުށް އަޅައި އެއްކުރާނެ އެވެ. ރަހަމީރުކުރުމަށް ފޮނިތޮށި ކާފޫރުތޮޅި ފަދަ އެއްޗެހި ވެސް އަޅާނެ އެވެ. ކައިރި ކައިރީގައި އުނދުން ޖަހައިގެން އެ ހިލަން ތިބުމަކީ ވެސް ބޮޑު ސަކަރާތްގަނޑެކެވެ.

ބޮޑު ކުނބުސް އެޅުމަށް ކިނބިދޫގައި ހުނިހަކުރުގަނޑު ހިލަނީ (ފޮޓޯ/ކިނބިދޫ އީދު އުފާ)
ރަށުގެ އަންހެންވެރިން މަސައްކަތުގައި: ފެންނަނީ އެކުވެރިކަމާއި އެއްބައިވަންތަކަން (ފޮޓޯ/ކިނބިދޫ އީދު އުފާ)

ހުނިހަކުރުގަނޑު ހިލާ ނިމުމުން، ދެން އެ އަޅާނީ ކުނބުހަށް ހާއްސަކޮށްގެން ހަދާފައި އޮންނަ ތިން ފޫޓު ނުވަ ފޫޓުގެ ޓްރޭއަކަށެވެ. އޭގެ ކުރިން ޓްރޭމަތީގައި ފޮއިލް އަޅާނެ އެވެ. ދެން ޓްރޭ ފޮރުވާލާނީ ނިރުފަތުންނެވެ. ހުނިހަކުރުގަނޑު ނުވަތަ ފުއްގަނޑު އަޅާނީ އޭގެ މައްޗަށެވެ. އަނެއްކާވެސް އޭގެ މައްޗަށް ނިރުފަތެވެ.

އޭރު ވަކި ބަޔަކު އަލިފާންގަނޑު ތައްޔާރުކުރާނެ އެވެ. ދިގުކޮށް ކޮނެފައިވާ ވަޅުގަނޑެއްގައި ބޮނބި އަންދައި، އަނގުރަށް ހެދުމަށް ފަހު އޭގެ މަތީގައި ޓްރޭ ބާއްވާނީ އެވެ. މި ފަހަރުގެ ކުނބުސްގައި 320 ކިލޯ ހުއްޓެވެ. އެހެންވެ، ދަގަނޑުގަނޑެއްގެ އެހީގައި އެ އުފުއްލާ ލެވުނީ ވެސް ވިއްސަކަށް ފިރިހެނުންނަށެވެ.

'ކުނބުސް' ފިހަނީ: މިއީ އެތައް ބައެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަސައްކަތެއް (ފޮޓޯ/ސޯޝަލް މީޑިއާ)

ދެން އެގޮތުގައި ދުވަހެއް ނުވަތަ ދެ ދުވަހެއްވަރު ބާއްވައިގެން ފިހާނީ އެވެ. އަލިފާނާއި ކުނބުހަށް ވާގޮތް ބަލަން އުނދުން ދޮށުގައި އުޅޭނީ އެކަމަށް އެންމެ ތަޖުރިބާކާރު، ރަށުގެ ހަރުފުރައިގެ އަންހެނުންނެވެ.

ކުނބުސް ފިހެ ނިމުމުން، ދެން އޮންނާނީ ރައްޔިތުންނަށް އެ ބެހުމެވެ. އެކަން ކުރަން ވެސް ވަކި ޓީމެއް އޮވެ އެވެ. ރަށުގައި ހުންނަ 200އެއްހާ ގެއަށް، އެއް ކިލޯ ނޫނީ ދޮޅުކިލޯގެ ކުނބުސް ބުރިއެއް ދޭނެ އެވެ. ލަސްވެގެން އީދުވިލޭރޭ އެކަންކޮށް ނިންމާނެ އެވެ.

އުނދުނުން ކުނބުސް ނަގައިގެން ގެންދަނީ: މިފަހަރުގެ ކުނބުސްގެ ބަރުދަނުގައި 300 ކިލޯ ހުރި (ފޮޓޯ/ސޯޝަލް މީޑިއާ)

އެކުވެރިކަމުގެ މިސާލެއް

ތިން ދުވަހުގެ މަސައްކަތުން 300 ކިލޯގެ ބޮޑު ބޯކިބަލެއް ހިލައި ފިހުމަކީ ފަސޭހަ ކަމެއް ނޫނެވެ. މަސައްކަތުގެ ބުރަކަމުން، އެ ކުޑަކޮށްލުމަށް ނުވަތަ ބައިބައިކޮށްލުމަށް ވެސް ދުރުގައި ތިބޭ ބައެއް މީހުން ހިޔާލު ދެ އެވެ. އެކަމަކު ސަމާ ވިދާޅުވި ގޮތުގައި ކިނބިދޫ ބޮޑު ކުނބުހުގެ ހައިބަތު ބޮޑުވަނީ އޭގެ ބޮޑުމިނާއި މަސައްކަތުގެ ސަބަބުންނެވެ. އެކަމަކު އެ ބޮޑު ކުނބުހުން ރަމްޒުކޮށްދެނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ އެކުވެރިކަމާއި ލޯތްބެވެ. މުޅި މި ހަރަކާތް ނިމިގެން ދަނީ ހުނުމާއި ސަކަރާތުގެ ތެރެއިންނެވެ. މަަސައްކަތް ހިނގަމުންދާ ވަގުތު އެންމެން ކައިބޮއި ހަދަނީ ވެސް އެތަނުންނެވެ.

ކިނބިދޫގައި ތައްޔާރުކުރި ބޮޑު ކުނބުސް ރައްޔިތުންނަށް ބަހަން ތައްޔާރުކޮށްފައި (ފޮޓޯ/ކިނބިދޫ އީދު އުފާ)

"މި ފަހަރު ކުނބުސް ހަރަކާތް ކުރިއަށް ދިޔައީ ރަސްމީ ދުވަސްތަކުގައި. އެހެންވެ، މުއައްސަސާތަކުގެ މުވައްޒަފުން ވެސް ޑިއުޓީ ބަހައިގެން އަންނާނެ އެންމެ ގަބުޅިއެއް ނަމަވެސް ގާނާލަން. ރަށުގެ އެކި އުމުރުފުރައިގެ ކުދިން އަންނާނެ ކޮންމެވެސް ކަމެއް ކޮށްލަން،" ސަމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިނބިދޫ ބޮޑު ކުނބުސް މިހާރުވެފައި އޮންނަނީ، ރަށުން ބޭރުގައި އުޅޭ ރަށުގެ މީހުންނާއި ބީރައްޓެހިން ވެސް ބައިވެރިވާން އެންމެ ބޭނުންވާ ހަރަކާތަށް ވެފަ އެވެ. އީދަށް ރަށަށް ނުދެވުނަސް، ކުނބުސް ފިހާ ދުވަހު ރަށުގައި ހުރުމަކީ އެ މީހުންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ. 

ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ކުނބުސް ފިހެ ކައި އުޅުނަސް، އީދު ބޮޑު ކުނބުސް މިހާރު ވެފައި އޮންނަނީ ކިނބިދޫގެ ރަމްޒަކަށެވެ. އޭގެ ބޮޑުމިނާއި ހައިބަތުންނެވެ. އަދި ރައްޔިތުންގެ ލޯތްބާއި އެއްބައިވަންތަކަމާއި ސަކަރާތުންނެވެ. މިއީ އާދަޔާހިލާފު ރެސިޕީއެކެވެ.

ކޮމެންޓް (1)

ކޮސް

8 ޖޫން 2025
އޫރިދޫ ވެސް ތިއޮތީ ތިޔަ ބޯކިބަލާ ކުޅެފަތާ. މަރުހަބާ .
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް