އޭސީސީގެ މެމްބަރުން ވަކިކުރުމާ ގުޅޭ މައްސަލައިގައި ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް: ބަޔާންތައް ބަލަން އިތުރު ވަގުތެއް ބޭނުމެއް ނުވި (ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ރައްޔިތުންގެ މަޖިލިސް ހުދުމުހުތާރު ތަނަކަށް
ރައްޔިތުންގެ މަޖިލިހުން އޭސީސީގެ މެމްބަރުންގެ "ނާގާބިލްކަން" ބަލަން ފެށުމާ އެކު، ފިރިހެން ދެ މެމްބަރުން، މުހައްމަދު ޝަކީލާއި އަލީ އަޝްރަފް ދެއްވީ އިސްތިއުފާ އެވެ. އެކަމަކު އަންހެން ތިން މެމްބަރުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރެއްވިތަން ފެނުނީ، ރަނގަޅަށް ޒިންމާ ނަންގަވަމުން އަންނަކަން ސާބިތުކޮށްދެއްވާށެވެ. ޖަވާބުދާރީވާން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިން ފަސް ދުވަހުގެ މުއްދަތުގެ ފަހު ވަގުތު، ތިން ބޭފުޅުން ވެސް ދިގު ބަޔާންތަކެއް ފޮނުއްވި އެވެ.
މުގައްރިރަކަށް އިންނެވީ ރޮޒައިނާ އާދަމެވެ. އޭނާގެ ކުރިމަތީގައި އޮތީ، މަޖިލިހުގެ ހުރިހާ ކަމެއްގައި ވެސް ސުޕަ މެޖޯރިޓީ ލިބިފައި އޮތް އެމްޑީޕީގެ މެމްބަރުން، މަޖިލިހުގެ މި ޗުއްޓީގައި ކުއްލިއަކަށް ނުކުންނަވައި، ކުއްލިއަކަށް ނިންމަވަން ކުރިއްސުރެ ވެސް ކަނޑައަޅުއްވާފައި އޮތް މައްސަލަ، 'މިއަދުން މިއަދަށް' ނިންމާލެއްވުމެވެ.
އެކަން އިއްޔެ އެވަނީ އެ ކޮމިޓީން ކޮށްފަ އެވެ: މަޖިލިހުން 'ބިރުދެއްކިޔަސް' އެހެން އަދި ހަތިޔާރު ނުބަހައްޓަވާނެކަން ސާބިތުކޮށްދެއްވި މަރިޔަމް ޝިއުނާ އާއި ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ، އޭސީސީގެ މެމްބަރުކަމުން ވަކިކުރަން ފާސްކުރީ އެވެ. މެޖޯރިޓީއަކީ ދެވަނަ ވިސްނުމަކަށް ނުގޮސް ކޮންމެ ކަމެއް ވެސް ނިންމާލުންކަން މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން އަނެއްކާވެސް މި އޮތީ ދައްކަވައިފަ އެވެ.
ސުވާލު އުފެދެނީ އޭސީސީގެ މެމްބަރުން ވަކިކުރަން ފާސްކުރުމުން އެކަމާ މެދަކު ނޫނެވެ. އެއީ މަޖިލިހަށް ލިބިފައި އޮތް ބާރެކެވެ. އެކަމަކު ސުވާލު އުފެދެނީ އެ ބާރު ބޭނުންކުރާ ހުދުމުހުތާރު ގޮތްތަކާ ހެދި އެވެ. މަޖިލިހުން ބަލާ މައްސަލައެއް ރައްދުވާ ފަރާތްތަކަށް ޖަވާބުދާރީވާން ދިން ފުރުސަތުގެ ބޭނުން އެންމެ ފަހު ސިކުންތު ހިފިޔަސް، އެ މައްސަލައަކާ މެދު އެކަށީގެންވާ ވިސްނުންތަކެއް ދޭން ޖެހޭނެ އެވެ. "ރައްޔިތުންގެ މަޖިލިސް"އޭ މިކިޔަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ކުޅޭކުޅޭ ތަނަކަށެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މެޖޯރިޓީގެ ބާރު ދައްކާލި ގޮތް އަދި މި އުޅެނީ ހަނދާނުން ނުފޮހިވެގެންނެވެ. އަނެއްކާ މިހާރު ވެސް މި ފެންނަނީ ހަމަ އެކަހަލަ ބާރު ދައްކާލާ ތަނެވެ.
އޭސީސީ ރަނގަޅަށް ހިންގަން ޖެހެ އެވެ. ރަނގަޅަށް ހިނގައިތޯ ބެލުމުގެ ޒިންމާ މަޖިލިހަށް އެބަ އޮތެވެ. އެކަމަކު މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ތެރެއަށް ވަންނަންވީ ތިމާމެން ބޭނުން ގޮތަކަށް ކަންކަން ނުކުރާ ބަޔަކަށް މަޖިލިހުގެ އާރާއިބާރު ދައްކާލާ ގޮތަކަށެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސް ފުރާފުރިހަމަވާން އެބަ ޖެހެ އެވެ. މުއައްސަސާއެއް "އެކަށީގެންވާ ގޮތަކަށް" މަސައްކަތް ނުކުރާ ކަމަށް މެޖޯރިޓީ ކޮންޓްރޯލްކުރާ މެމްބަރުންނަށް ވިސްނޭ ކޮންމެ ފަހަރަކު، ނުވަތަ މެޖޯރިޓީ ލައްވާ ކަންކަން ކުރުވާ ސިޔާސީ ލީޑަރުންގެ ހިތަށްއަރާ ކޮންމެ ކަމެއް، ހަމަ ވަގުތުން ކޮށްލާ އުސޫލަކީ، ރައްޔިތުންގެ މަޖިލިހަށް ބާރުތައް ދީފައި އޮތް މަގުސަދެއް ވެސް ނޫންމެ އެވެ.
ރޮޒައިނާގެ ބަހަކީ ބަޔާންތަކުގައި "އިތުރު އެއްޗެއް ނެތޭ"
ބަރާބަރަށް ހިނގާ އެއްވެސް ތަނެއް، ރާއްޖެއަކުން ނުފެނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށިގެން، ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާއާ ހަމައިންނެވެ. މިނިވަން މުއައްސަސާތަކުން ފެށިގެން ސަރުކާރުގެ ކުންފުނިތަކާ ހަމައަށެވެ. އެކަމަކު ބަރާބަރަށް ކަމެއް ނުހިނގުމުގެ މާނައަކީ، އެ ތަންތަނުން ކަންކަން ނުކުރުމެއް ވެސް ނޫނެވެ. މަޖިލިހުގެ ޖަލްސާތައް ވެސް ބާއްވަ އެވެ. ކޮމިޓީގެ ބައްދަލުވުންތައް ވެސް އޮވެ އެވެ. ބިލްތައް ވެސް ފާސްކުރެ އެވެ. އަދި އެހެން ކަންކަން ވެސް ނިންމަ އެވެ. އެކަމަކު ރައްޔިތުންގެ ތެރެއިން އެއް ބަޔަކު އެ ބުނަނީ، އެއީ ސައިބޮއިލާ، ދުފާލައި، އަރައިރުންވެލައި، ހުތުރު ބަހުން ވާހަކަ ދައްކާ ތަނެއް ކަމަށެވެ. އެގޮތަށް ބުނާ ރައްޔިތުން ކިތައްމެ ބޭނުންވިޔަސް މެމްބަރުންގެ ގޮނޑިއެއް ވެސް ނުގެއްލެ އެވެ.
މަޖިލިހުގެ މެމްބަރުންް ހިމާޔަތްކޮށްފައި އެ އޮތީ ވެސް ސަބަބުތަކެއް އޮވެގެންނެވެ. ބާރުތައް ދީފައި އޮތީ ޒިންމާތަކެއްގެ ތެރެއިންނެވެ. އެކަމަކު މުއައްސަސާތައް، މިއަދުން މިއަދަށް ބަދަލުކުރަން ހިފައިފި ނަމަ އެއިން ދައްކައިދެނީ ރާއްޖޭގައި ހަމައެކަނި ބާރަކީ ރައްޔިތުންގެ މަޖިލިސްކަމެވެ. އެގޮތަށް ރައްޔިތުން ވިސްނަން ބޭނުން ނޫން ނަމަ، ކޮމިޓީގައި އެމްއެންޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަހުމަދު އުޝާމް ދެއްކެވި ވާހަކައަށް ތާއީދުކުރެވިދާނެ އެވެ. އޭނާ އެދިވަޑައިގަތީ ބަޔާންތައް ދިރާސާކުރަން ވަގުތު ދިނުމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮމިޓީގެ މެންބަރުންނަށް އެ ބަޔާންތައް ކިޔާލަން އެކަށީގެންވާ ވަގުތު ދޭން ޖެހޭ. ތިން ގަޑިއިރަކީ އެ ލިޔުންތައް ދިރާސާކޮށް ކިޔާލެވޭނެ ވަގުތެއް ނޫން،" ތިން މެމްބަރުންގެ 21 ސަފުހާގެ ބަޔާންތައް ކޮމިޓީގެ މެމްބަރުންނަށް ލިބިވަޑައިގަތީ މެންދުރުފަހު ގާތްގަނޑަކަށް 1:30 ހާއިރު ކަމަށް ވެފައި ކޮމިޓީގެ ބައްދަލުވުން ހަވީރު ބޭއްވުމުން، އުޝާމް ވިދާޅުވި އެވެ.
ދެން އައީ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދުގެ ހުށައެޅުއްވުމެކެވެ. އެކަމަކު އެ ބަޔާންތައް ދިރާސާކުރަން ތިން ދުވަހުގެ މުއްދަތެއް ދޭން އޭނާ އެދިވަޑައިގަތީ، އޭގެ ކުރިން، އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ހަސަން އަހުމަދު (ހަސަންޓޭ)ގެ ހުށައެޅުން، ހަމައެކަނި އެމްޑީޕީގެ ފަސް މެމްބަރެއްގެ ވޯޓުން ފާސްވެ، އޭސީސީގެ ތިން މެމްބަރުން ވަކިކުރަން ކޮމިޓީގައި މުގުރު ޖަހާފައި އޮއްވަ އެވެ.
ރައްޔިތުންގެ މަޖިލިހަށް މިހާރު ބުނެވެން އޮންނާނީ ތިމަންނަމެން ނިންމީ، އޭސީސީގެ މެމްބަރުން މަސައްކަތްކުރާ ވަރު ބަލަން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އޭސީސީން އިއްޔެ ނެރުނު ބަޔާނުން އޮޑިޓް އޮފީހުން އެކަން ކުރި ގޮތާ މެދު ސީރިއަސް މައްސަލަތަކެއް އެބަ ހުއްޓެވެ. އެކަމާ މެދު ވެސް ހިޔާލެއް ނުކޮށް، އަދި މެމްބަރުންގެ ބަޔާންތަކުގައި ހުރީ 'އަބަދުވެސް ދައްކާ ވާހަކަތައް' ކަމަށް ބުނެ، މަޖިލިހުގެ ބޮޑު ޒިންމާތަކުން މެމްބަރުންނަށް ރެކެވޭނެ ގޮތެއް ނޯންނާނެ އެވެ. އިންޑިއާއާ އެކު މިހާރުގެ ސަރުކާރުން ކޮށްފައި ހުރި ބައެއް އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ބުރުލެއް ނާރާ ކަމަށް، މަޖިލިހުގެ ސަލާމަތީ ކޮމިޓީން ވެސް ނިންމީ، މި ކަހަލަ ގޮތަކަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް، އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު، ބައެއް ކަންކަމުގައި، ވަރަށް ބޮޑަށް ހުދުމުހުތާރުވެއްޖެކަން އެނގެ އެވެ.
"އަޅުގަނޑުމެން ދިނިން ފަސް ދުވަސް ޖަވާބުދާރީވާން. ވަގުތު ހަމަވި ފަހުން ހުށަހެޅީ. އެ ހިސާބުން ވެސް އެނގޭ އޭސީސީގެ [މެންބަރުންގެ] ކަންކަން ގޮސްފައިވާ ހިސާބު. މިއީ އެހެންވީމަ ވެލިޑް އެއްޗެއްގެ ގޮތުގައި ނުފެނޭ،" ބަޔާންތައް ލިބުމާ އެކު އެއާ މެދު ދެވަނަ ވިސްނުމެއް ދޭން ޖެހޭ ސަބަބެއް ނެތްކަން ސާބިތުކޮށްދެއްވަން، އެމްޑީޕީގެ ބިލެތްދޫ ދާއިރާގެ އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި އެވެ.
މިއީ ހުދުމުހުތާރުވުމެވެ. މިއީ ބާރެއް އޮތުމުން ދެން އެހެން ކަމަކާ މެދު ވިސްނުމުގެ ބޭނުމެއް ނެތްކަން ގަބޫލުކުރުމެވެ. މިއީ އެހެން ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތު އުފުލުމުގައި ދިމާވެދާނެ، ދިމާވެފައި ހުރި، އަދި ދިމާވަމުން ދާ ކަންކަމާ މެދު، ރައްޔިތުންގެ މަޖިލިހުން ވިސްނަން ބޭނުންނުވާކަމުގެ ދަލީލެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ މެމްބަރުންގެ ހުންނަން ޖެހޭނީ ދިރާސާކުރުމުގެ ގާބިލްކަމެވެ. ތަޅުމުގައި އަނގައެއް ތަޅުވާހެން، ކޮމިޓީތަކަށް ހުށައެޅޭ މައްސަލަތަކުގައި، އަނގަތައް ތެޅުވިގެން ނުވާނެ އެވެ. އެއަށް ވުރެ ތަހުލީލީ، ވިސްނުންތެރި އަދި ހަމަޔާއި އިންސާފު އެބަ އިސްކުރަން ޖެހެ އެވެ. ބަޔަކާ ގާނޫނުއަސާސީން މަތިކޮށްފައި ހުރި ޒިންމާތަކެއް ނެގުމުގައި ފެއިލްވީކަން ނިންމަން، ހަމައެކަނި ތަފާސްހިސާބަކުން ވެސް ނުފުދެ އެވެ. އަދި ތަހުގީގީ އިދާރާތަކުގެ ނާގާބިލްކަން ހިސާބުތަކަކުން ކަނޑައެޅުމަކީ ވެސް، އެންމެ ފުރިހަމަ އުސޫލެއް ނޫނެވެ. އޭގައި ދައުލަތުގެ އެހެން އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަމާއި މައްސަލައިގެ ކުޑަބޮޑުމިނުން ދިމާވާ ހުރަސްތައް ފަދަ އެތައް ކަމެއް ހުރުން އެކަށީގެންވެ އެވެ.
އޭސީސީގެ މެމްބަރުން ވެސް ވަކިކުރަންވީ އެވެ. އެހެން މުއައްސަސާތައް ވެސް ބަދަލުކުރަންވީ އެވެ. މިނިސްޓަރުންގެ ގާބިލްކަން ކުޑަވެގެން، ތިން އަހަރުގެ ތެރޭގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ، އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނަގަންވީ އެވެ. މި ހުންނަނީ ސުޕަ މެޖޯރިޓީ ލިބިފައިވާ ޕާޓީގެ މެމްބަރުންނަށް ހަމަ ކުރެވިދާނެ ކަންކަމެވެ. ނަމަވެސް މިއިން ކޮންމެ ކަމެއްގައި ވެސް ހަމަތަކެއް އެބަ ގެންގުޅެން ޖެހެ އެވެ.
އެކަމަކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ހަމަ ގެންގުޅެފައި ނުވާކަން ރޮޒައިނާގެ ބަސްމަގުން އެބަ އެނގެ އެވެ.
"މި ހުރިހާ ވާހަކަތަކަކީ ވެސް، މީގެ ކުރީގައި ކޮމިޓީގައި ވާހަކަ ދެކެވި އަދި މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ހިޔާލުތައް ވެސް ކޮމިޝަނާ ހިއްސާކުރެވިފައިވާ ވާހަކަތަކެއް،" ތިން މެމްބަރުންގެ ބަޔާންތަކަށް ފުން ނަޒަރެއް ދިނުމުގެ ބޭނުމެއް ނެތްކަން ދައްކަވަން ރޮޒައިނާ ވިދާޅުވި އެވެ.
"ޕީޖީއާ ގުޅޭ ގޮތުން ހުރި ވާހަކަތަކަކީ، ކުރިން ވެސް އެ ވާހަކަ ހިއްސާކުރުމުން ޖުޑީޝަރީ ކޮމިޓީއަށް އެކަން ބެލުމަށް ސިޓީ ފޮނުވާނެކަމަށް ވާނީ ދަންނަވާފައި."
އެ ސިޓީ ފޮނުވައިފި ހެއްޔެވެ؟ އެ ސިޓީ ނުފޮނުވާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ އޭގެ ފަހުން މިނިވަން މުއައްސާތަކުގެ ކޮމިޓީގެ މެމްބަރުންގެ މުސާރަ އާއި ކޮފީ އާއި ސައިގެ ކަންކަމަށް ރައްޔިތުންގެ ފައިސާއިން ކިހާ ވަރެއް ހޭދަވެއްޖެ ހެއްޔެވެ؟
ކޮމެންޓް (1)
ޢާދަނު