އއ. މަތިވެރީގެ ފުރަތަމަ ހާފިޒު، އިބްރާހިމް މުތީއު މުހައްމަދު ރަށަށް ދިއުމުން މަރުހަބާ ކިޔަނީ (ފޮޓޯ/މަތިވެރީ ކައުންސިލް)

ގުރުއާން

ރަށަށް އެ އެރީ ލިބޭނެ އެންމެ ބޮޑު ޝަރަފާ އެކު

އުމުރުން 13 އަހަރުގެ އިބްރާހިމް މުތީއު މުހައްމަދަކީ އއ. މަތިވެރީގެ ފުރަތަމަ ހާފިޒު. އެ ޝަރަފާ އެކު އޭނާއަށް މަރުހަބާކީ ރަށުގެ މުޅި ރައްޔިތުން ނުކުމެ

މިދިޔަ ހޯމަ ދުވަހަކީ އއ. މަތިވެރިއަށް ބޮޑު ދުވަހެކެވެ. ބަނދަރުމަތިން ފެށިގެން ރަށުތެރެއާ ޖެހެންދެން ދަމާލާފައި އޮތް ސަފުގައި، ކޮންމެ މީހަކު ވެސް ހުއްޓިގެން ހުރީ އުފާވެރިކަމާއި ފަހުރުވެރިކަމާ އެކު އެވެ. މަތިވެރީގެ ފުރަތަމަ ހާފިޒު، އުމުރުން 13 އަހަރުގެ، އިބްރާހިމް މުތީއު މުހައްމަދު އެކަމުގެ ސަނަދު ނަގައިގެން، ރަށަށް އައީ އެވެ: މީގެ ކުރިން ރަށަށް މީހަކު ނުގެންނަހާ މަތިވެރި ޝަރަފަކާ އެކު އެވެ.

"ކޮން ފަދަ ހެޔޮ ނަސީބުވެރި ކުއްޖެއް. ކޮން ފަދަ މަތިވެރި ޝަރަފެއް،" ސަފުގައި ހުއްޓިގެން ހުރި، އުމުރުން ދުވަސްވީ މީހަކު ބުނެލި އެވެ. އޭނާގެ ދެ ލޮލުން ހުރީ ކަރުނަ ހިލިފަ އެވެ.

އެކަމަކު އެ އިއްޒަތާއި ޝަރަފްގެ ފަހަތުގައި ވަނީ ލައްކަ ހިންމަތާއި ހިތްވަރެވެ. ކެތްތެރިކަމާއި ޝައުގުވެރިކަމެވެ. އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން މުތީއު އައީ އެކަމަށް މަސައްކަތް ކުރަމުންނެވެ. ފަތިހު ހޭލަ އެވެ. އިރުގެ އަލިކަންވެ، ރަށުތެރެ ހޭލަމޭލަވުމުގެ ކުރިން ގުރުއާނުން އާޔަތްތަކެއް ދަސްކުރެ އެވެ. ކޮންމެ ނަމާދަކަށް ފަހު ގަޑިއިރެއްހާއިރު ގުރުއާން ދަސްކުރުމުގައި އުޅެ އެވެ. ބައެއް ދުވަސް ދުވަހު އުނދަގޫވި ނަމަވެސް، ހިތްވަރު ދުލެއް ނުކުރެ އެވެ. އެ ޝަރަފަށްޓަކައި ދިރިއުޅުމުގެ ކިތަންމެ ކަމެއް، މުތީއު އާއި އޭނާގެ މައިންބަފައިން ގުރުބާން ކުރި އެވެ.

މުތީއު މުހައްމަދު ރަށަށް އައުމުން އޭނާގެ މަންމަގެ އަތުން ތާޖެއް އަޅުވައިދެނީ (ފޮޓޯ/މަތިވެރީ ކައުންސިލް)

މުތީއުގެ މަންމަ ނަދީމާ މޫސާ ކިޔައިދިން ގޮތުގައި އުމުރުން ހަތަރު އަހަރުގައި އޭނާ ދަރިފުޅަށް ގުރުއާނުގެ ކުދި ސޫރަތްތައް ދަސްކޮށްދޭން ފެށި އެވެ. އޭރު ވެސް ދުވާލަކު ސޫރަތެއް ދަރިފުޅު ހިތުދަސްކޮށްލަ އެވެ. ދެން އޭނާ ބެލީ ދަރިފުޅަށް ބަލައިގެން ރީތިކޮށް ކިޔުއްވަން ދަސްކޮށްދޭށެވެ. އޭރުން އަމިއްލައަށް ކިޔައިގެން ވެސް ހިތުދަސްކުރަން ފަސޭހަވާނެތީ އެވެ.

"މުތީއު ޔޫކޭޖީއަށް ދިޔައިރު ރީތިކޮށް ބަލައިގެން ކިޔަވާނެ. ދެން އެ ހިސާބުން އަޅުގަނޑު އަޒުމުކަނޑައެޅީ ދަރިފުޅު ހާފިޒަކަށް ހެދުމަށް،" ނަދީމާ ބުންޏެވެ.

އއ. މަތިވެރީ ކައުންސިލުން އިންތިޒާމް ކުރި ހަރަކާތެއްގައި މުތީއު ގުރުއާން ކިޔަވަނީ (ފޮޓޯ/މަތިވެރީ ކައުންސިލް) 

އޭނާއަކީ މަތިވެރީ ސްކޫލުގެ ޕްރީ ސްކޫލު ޓީޗަރަކެވެ. ވަޒީފާއަށް ދަމުން، ދަރިފުޅާ އެކު އެހާ ބުރަ މަސައްކަތެއް ކުރުމަކީ އުނދަގޫ ކަމެއްކަން އޭނާއަށް އެނގެ އެވެ. އެކަމަކު އަމިއްލަ އުނގުން ހާފިޒަކު ނެރުމުގެ ނިޔަތުގައި އޭނާ މަސައްކަތް ފެށީ، އެންމެންނަށް ވެސް މިސާލު ދައްކަމުންނެވެ. ފަތިހު ފަތިހާ ހޭލާ، ދަރިފުޅާ އެކު ނަމާދުކޮށް، ހިތުދަސްކުރުމަށް އިށީންނަނީ ދެމައިން އެކުގަ އެވެ. ހެނދުނު ވަޒީފާއަށް ނުކުންނަނީ، ދަރިފުޅުގެ ކަންކަން ނިންމާލައި، ސްކޫލަށް ފޮނުވާފަ އެވެ. ވަޒީފާއިން ނިމިގެން ގެއަށް ގޮސް ވެސް ގިނަ ވަގުތު ދަރިފުޅާ އެކު ހޭދަކުރެ އެވެ.

ނަތީޖާއެއްގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ފޮތް އޭނާ މުތީއު ލައްވާ ހިތުދަސްކުރުވި އެވެ. އެއަށް ފަހު ދެން ވެއްދީ، 2017ގައި ރަށުގައި އަލަށް ހުޅުވި ހިފްޒު ކްލާސް، ބަޝާރަތުލްގުރުއާން ކްލާހަށެވެ.

"ދެ އަހަރު ފަހުން އެތަނަށް ގެނައީ ޕާކިސްތާނުގެ ހާފިޒެއް. އޭނާއަށް މުތީއު ހިތުދަސްކުރާލެއް އަވަސްކަމުން ބުނެފި ތިމަންނައަށް އެ ދަރިފުޅު ދޫކޮށްލާށޭ. އޭނާ ވަރަށް ކުރިއަށް ދާނެެހެން ހީވެއޭ،" ނަދީމާ ބުންޏެވެ.

މުތީއު މުހައްމަދު އޭނާގެ އާއިލާއާ އެކު: އާއިލާގެ އުއްމީދު ހާސިލްކޮށްދިން (ފޮޓޯ/މަތިވެރީ ކައުންސިލް)

އެ ޓީޗަރުގެ ކައިރިން މުތީއު ދުވާލަކު ސަފްހާއެއް ދަސްކޮށްލައި، ދުވާލަކު އާ ސަފްހާއެއް ނަގަ އެވެ. ދެ އިރު އޭނާ ހިފްޒު ކްލާހަށް ދެ އެވެ. ގޭގައި ވެސް ގިނަ ވަގުތު ކިޔެވުމަށް ހުސް ކުރެ އެވެ. އެ ގޮތުގެ މަތިން ތިން އަހަރުގެ ތެރޭގައި އޭނާ މުޅި ގުރުއާން ހިތުދަސްކޮށް ނިންމި އެވެ.

އެކަމަކު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ، ގުރުއާން މުރާޖައާ ކުރުމުގެ މަރުހަލާއާ ހަމައިންނެވެ. އެއީ، ގިނަ ކުދިންނަށް އެންމެ އުނދަގޫ ވެސް މަރުހަލާ އެވެ. ރަށުގައި ހުރެގެން އޭނާ ދެ އަހަރުގެ ތެރޭގައި މުރާޖައާ ނިންމި އެވެ. ނަމަވެސް މުތީއު ގުރުއާން ދަސްކުރީ، ބޭރުގެ ހާފިޒެއް ކައިރިން ކަމަށް ވުމުން، ގުރުއާނާ ބެހޭ މަރުކަޒުން ލަފާ ދިނީ މުރާޖައާ ކްލާހަކަށް ގޮސްގެން ދަސްކޮށްގެން ސަނަދު ނެގުމަށެވެ. އެކަމަށް އޭނާ ދާން ޖެހެނީ މާލެ އެވެ.

"އެކަން ވީ އަޅުގަނޑުމެންނަށް ކުރަން ވަރަށް އުނދަގޫ ކަމަކަށް. އެއީ އެކަމަށް މާލޭގައި ތިން ހަތަރު މަސް މަޑުކުރަން ޖެހޭ. އަޅުގަނޑުމެން ދެމަފިރިންނަކީ ވެސް ވަޒީފާގައި އުޅޭ ބައެއް. މުތީއު އަކީ ސްކޫލަށް ދާ ކުއްޖެއް،" ނަދީމާ ބުންޏެވެ.

މުތީއުއަކީ މަތިވެރީ ރައްޔިތުންނަށް ވެސް ފަހުރެއް (ފޮޓޯ/މަތިވެރީ ކައުންސިލް)
ކޮންމެ މީހަކު ވެސް މަތީއުއަށް ދިނީ ލޯތްބާއި އިހުތިރާމް (ފޮޓޯ/މަތިވެރީ ކައުންސިލް)

އިތުރު ގޮތެއް ނުފެނުމުން، އޭނާ ނިންމީ ދަރިފުޅު އެކަނި މާލެ ފޮނުވާށެވެ. ފުރަތަމަ ފަހަރަށް ދަރިފުޅު ހަށިގަނޑާ ވަކިކޮށްލާށެވެ. އެކަން ވީ އެ ދެމައިންނަށް ވެސް ބޮޑު އިމްތިހާނަކަށެވެ. ނަމަވެސް ހާފިޒަކަށް ވުމުގެ އެދުން ބޮޑުކަމުން މުތީއު ވެސް ފުރަތަމަ ފަހަރަށް މަންމައާ ވަކިވި އެވެ.

އާއިލާއާ ދުރުގައި ހުއްޓަސް، ހިލޭ މީހެއްގެ ގޭގައި ހުއްޓަސް، މުތީއު އޭނާގެ ޒިންމާގެ މަތިން ހަނދާން ނައްތައެއް ނުލަ އެވެ. ނަދީމާ އޭނާގެ ދަރިފުޅަށް އިތުބާރު ކުރެ އެވެ. އަދި މުތީއު އޭނާގެ މަންމައަށް އޮޅުވައެއް ނުލަ އެވެ. މަންމަގެ އުއްމީދު ހާސިލްކޮށްދިނުމަށް އޭނާ ބުރަކޮށް މަސައްކަތްކުރި އެވެ. މުރާޖައާ ކްލާހަށް ދިޔުމުގެ ކުރިން ދުވާލަކު 15 ފަހަރު އެއް ފޮތް ކިޔަވަ އެވެ. ކްލާހުގައި 10 ފަހަރު ކިޔަވަ އެވެ. އެހެންވެ، އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ އެ ކްލާސް ނިންމައި އިމްތިހާން ހަދަން ފަށައިފި އެވެ.

އއ. މަތިވެރީ ރައްޔިތުން މުތީއުއަށް މަރުހަބާ ކިޔަން ނުކުމެ (ފޮޓޯ/މަތިވެރީ ކައުންސިލް)

ގުރުއާނާ ބެހޭ މަރުކަޒުގެ ކޮމިޓީއަށް ކޮންމެ ދުވަހަކު މުތީއު ފޮތެއް ކިޔައިދިނެވެ. އެއްވެސް ކުށެއް ނުޖެހެ އެވެ. ޓެސްޓު އޮތް އެންމެ ފަހު ދުވަހު، ދަރިފުޅު މަރުކަޒުން ނުކުތުމުގެ ކުރިން މާލޭގައި ތިބި އޭނާގެ ދެ ފަރާތުގެ އާއިލާގެ މެމްބަރުން އެތަނަށް ޖަމާވި އެވެ. މުތީއުއަށް އެ މަންޒަރު ފެނުމުން ރޮވުނެވެ. ދަރިފުޅުގެ އެ ކާމިޔާބީ ފެނުމުން، ނަދީމާއަށް ވެސް ރޮވުނީ އެވެ.

އެއް ވަނަ ދަރަޖައިގައި ފާސްވެ، ހާފިޒު ކަމުގެ ސަނަދާ އެކު، މަތިވެރީގެ ބިމުގައި މުތީއު ފައި ޖައްސާލީ އެ ބުރަ މަސައްކަތުގެ ފޮނިމީރުކަން އިހުސާސް ކުރަމުންނެވެ. ގާތުގައި، އޭނާގެ އެ މަސައްކަތުގައި އެތައް ގުރުބާނީއެއްވި މަންމައާ ބައްޕަ ތިއްބެވެ. އޭނާ ފަދައިން ހާފިޒަކަށް ވުމުގެ އުއްމީދުގައި މަސައްކަތް ކުރާ، އަދި މިހާރު ގުރުއާނުގެ 11 ފޮތް ދަސްކޮށްފައިވާ އަށް އަހަރުގެ ކޮއްކޮ ވެސް ހުއްޓެވެ.

މުތީއު މުހައްމަދާ އެކު އޭނާ ކިޔެވި ގުރުއާން ކްލާހުގެ ދަރިވަރުން ފޮޓޯއަކަށް ހުއްޓިގެން (ފޮޓޯ/މަތިވެރީ ކައުންސިލް)

ރަތް ދޫލަމަތިން އެ މީހުން ހިނގާފައި ދިޔައިރު މުޅި ރަށަށާއި މުޅި ރާއްޖެއަށް ވެސް ބުނެދިނީ އެންމެ ވާހަކައެކެވެ: ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ، ކާމިޔާބު ހޯދޭނެކަމެވެ.

އެ ދުވަހު އެކަމަށް ހެކިވީ މަތިވެރީ ރައްޔިތުންނެވެ.

ކޮމެންޓް (2)

ކިހާބޮޑު

31 މޭ 2025
އެސޮރު ގައިގަ ފައިސާ އެލުވައިގެން ދެން ކޮންކަމެއް! އެކުއްޖާގެ އެޗީވްމެންޓް ޗީޕް ތިޔަ ކުރަނީ!
13 6

ހެޔޮއެދޭމީހެއް

31 މޭ 2025
ސާބަހޭ ދަރިފުޅާ..
14 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް