އެ ބޮޑު ފޭލިގެ ފުރިފައި އެ އޮތީ ދިވެހިންގެ ހުނަރުން
ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަނީ ބޮޑު އީދެއް އައިސްފަ އެވެ. ފަންނުވެރިންގެ ފަންނުވެރިކަމާއި ހުނަރު ދައްކައިލުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެކްސްޕޯ މޯލްޑިވްސްގެ ބައިވެރިންގެ މޫނުމަތިންނާއި ވާހަކަތަކުން ފެންނަނީ އުފާވެރިކަމާއި އުއްމީދެވެ. އެކްސްޕޯ އަަށް ޒިޔާރަތް ކުރާ މީހުންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އިވެނީ ތައުރީފުގެ ބަސްތަކެވެ.
ދިވެހިންގެ އަމިއްލަ އުފެއްދުންތައް ދައްކަން ބަހައްޓާފައި ހުރީ ސެންޓްރަލް ޕާކްގައި މިހާތަނަށް ހެދި އެންމެ ބޮޑު ފޭލިގޭގަ އެވެ. އެ ފޭލިގެ ފުރިފައި އެ އޮތީ ދިވެހިންގެ ހުނަރުންނެވެ.
ޖުމްލަ 383 ފަރާތުން މައުރަޒުގައި ބައިވެރިވިއިރު، ވާހަކަ ދައްކާލެވުނު ކޮންމެ މީހަކު ވެސް ހުރީ އެމީހެއްގެ ހުނަރު ދައްކާލަން ލިބުނު ފުރުސަތުގެ ބޭނުން ހިފުނު ގޮތާ މެދު ހިތްހަމަޖެހިފަ އެވެ.
ދެ ލާރިއަށް ލިބޭ ތައުރީފުން ހިތް ފުރިފައި
އައިމިނަތު ޝިހާނާ (އަބުޑި) މިފަހަރުގެ އެކްސްޕޯގައި ބައިވެރިކުރި 'ދެ ލާރި'އަށް ވަނީ ރަން ވަނަ ވެސް ލިބިފަ އެވެ. ޝިހާނާގެ ބްރޭންޑް އަބުޑި މޯލްޑިވްސް އަކީ ކްރޮސް ސްޓިޗިން ނުވަތަ ރޮދިން ކުރެހުމުގެ ހުނަރު ދައްކައިލަން އޭނާ ބޭނުންކުރާ ނަމެވެ.
އަބަދުވެސް ދިވެހިންނާ ގުޅޭ، ދިވެހިވަންތަ އެއްޗެހި އުފެއްދުމަށް ލޯބި ކުރާ ޝިހާނާ މިފަހަރު ތައްޔާރުކުރީ 1960ގައި ތައާރަފުކުރި އެކަމަކު އުވިފައިވާ ދެ ލާރި އަސްލަކަށް ބަލައިގެން އުފެއްދި އުނދަގޫ ކުރެހުމެވެ.
މި ފުރިހަމަ އުފެއްދުން ނިންމުމަށް އޭނާ 2،944 ގަޑިއިރު ހޭދަކުރި އެވެ. 145،824 ސްޓިޗު ޖަހައިގެން ފުރިހަމަކުރި މި އުފެއްދުމުގައި ޝިހާނާ އެންމެ ބޮޑަށް މަސައްކަތްކުރީ، ނަމޫނާއަކަށް ބެލި ދެ ލާރީގެ ފޮޓޯގައި ހުރި ދަބަރު ކުލަތައް ވެސް ހަމަ އެގޮތުގައި ދައްކައިދިނުމަށެވެ.
"[މިދިޔަ އަހަރުގެ] އޮގަސްޓުގައި މަސައްކަތް ފަށައިފިން،" ޝިހާނާ ބުންޏެވެ.
މަސައްކަތަށް ބޭނުންވާ ރޮދި ހޯދަން އޭނާ އިންޑިއާއަށް ކުރި ފުރަތަމަ ދަތުރުގައި ބޭނުންވި ހުރިހާ ކުލައެއް ނުލިބުނެވެ. އެކަމަކު ފުރަތަމަ ލިބުނު ކުލަތަކުން މަސައްކަތް ފެށީ އެވެ.
"އަނެއްކާ ދެވަނަ ބުރަކަށް ވެސް ދިޔައީ އިންޑިއާއަށް. އެފަހަރު ދެން ބޭނުންވާ ކުލަތައް ލިބިއްޖެ. އޭރު ހުންނާނީ ކުރިން ލިބުނު ކުލަތަކުން މަސައްކަތް ކޮށްފައި. އެ އެއްޗެހި ވެސް މޮހާލީ އަސްލު ކުލަ ލިބުނީމާ. މީގައި ހުންނާނެ 68 ކުލައިގެ ރޮދި ބޭނުންކޮށްފައި،" ޝިހާނާ ބުންޏެވެ.
"އެއްކުލައިން އިނދެދާނެ އެންމެ ރޮއްޖެއް ވެސް ޖަހާފައި. ވަރަށް ގިނަ ވަގުތު މިއީ."
އަބަދުވެސް ކްރިއޭޓިވް މަސައްކަތް ކުރަން ޝައުގު ހުންނަ ޝިހާނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ އުފެއްދުންތައް ފެނިފައި އާންމުންކުރާ ތައުރީފެވެ.
"މީހުން ދޭ ކޮމެންޓްސްއަކީ ވަރަށް ހިތްހަމަޖެހުން ލިބޭ އެއްޗެއް. އެމީހުން އައިސް ބުނޭ މިއީ ވެލް ޑިޒާވްޑް އިނާމެކޭ. އެހެން ބުނާތީ ވަރަށް އުފާވޭ. ބައެއް މީހުން ބުނޭ ފެނުނީމާ ހީބިހި ނަގަޔޭ. ފެންކަޅިވެޔޭ. އެއީ ވަރަށް އުފާވެރި ވާހަކަތަކެއް."
ޝިހާނާއަށް މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެހާ ލޯބިން ކުރި މަސައްކަތަށް ލިބުނު ރަން ވަނަ އެވެ. އެ އުފެއްދުން މައުރަޒުގައި އަދި ނުވިކުނަސް، އެ ވަނަ ފެނުމުން އެ ލިބޭ ހިތްހަމަޖެހުން މާ ބޮޑު ކަމަށް އޭނާ ބުންޏެވެ.
ރަސްފަރީ ކޭކުން ރާއްޖޭގެ ރީތިކަމާއި ދިވެއްސެއްގެ ހުނަރު
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މަރިޔަމް ރިޝްފާ ތައްޔާރުކުރި ކޭކަށް ވެސް ވަނީ ރަންވަނަ ލިބިފަ އެވެ. ވެލަޔަކާއި މުރަކަތައް ފެންނަ ގޮތަށް ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ފެންނަހެން ތައްޔާރުކުރި މި 'ސްކަލްޕްޗާ' ފުރަތަމަ ފެންނަ އިރު އެއީ ކޭކެއް ކަމަށް ހިތަށް ވެސް ނާރަފާނެ އެވެ.
އެކަމަކު ރިޝްފާ މި އުފެއްދުން ތައްޔާރުކުރީ އޭގެ ހުރިހާ ބައިތަކެއް ވެސް ކެވޭ ގޮތަށެވެ. ރަސްފަރީ ކޭކުން ކިޔައިދެނީ ރާއްޖޭގެ ރީތި ފަރުތަކުގެެ ވާހަކަ އާއި އޭގެ ދިރުންތަކުގެ ވާހަކަ އެވެ.
"މިއީ އޯލް އެޑިބަލް ހަމަ. މަތި ވެސް ތިރި ވެސް،" ރިޝްފާ އޭނާގެ މާސްޓަޕީސް ކޭކު ކައިރީ ހުރެ ކިޔައިދިނެވެ.
މި ކޭކު ތައްޔާރުކުރަން ދެ ހަފްތާ ހޭދަވިއިރު ރިޝްފާ ބޭނުންވީ ރާއްޖެއާ ގުޅޭ، ރާއްޖޭގެ މާހައުލު ދައްކައިދޭ އުފެއްދުމެއް ތައްޔާރު ކުރުމަށެވެ.
"ރަން ވަނައަކަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން. ވަރަށް ސަޕްރައިޒްވި. އެކަމަކު ވަރަށް އުފާވި މިކަހަލަ މަސައްކަތެއް އެންމެންނަށް ފެނި، ރަނގަޅު ވަނައެއް ހާސިލް ކުރެވުނީތީ."
ރަނުން ރަނަށް ހެދި އިސްލާމީ މަރުކަޒުގެ 3 ޑީ މޮޑެލް
މިއީ ގާތްގަނޑަކަށް ދެ މަހުގެ މަސައްކަތެވެ. އިސްލާމީ މަރުކަޒުގެ 3ޑީ މޮޑެލްއެއް އަލީ މާހިރު ތައްޔާރުކުރީ ބްލޫ ޕްރިންޓަކާ ނުލާ، ގިނަ ރިސާޗުތަކެއް ކޮށްގެންނެވެ. މަރުކަޒަށް ގޮސް ތަނުގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އޭނާ ކުރި މަސައްކަތުގައި އިސްލާމީ މަރުކަޒުގެ އެތެރެ އާއި ބޭރުގައި ފެންނަން ހުންނަ ހުރިހާ ޑީޓެއިލްއެއް ފުރިހަމަ ކޮށްފައިވެ އެވެ. 1:30 ސްކޭލްގައި އޭނާ ތައްޔާރު ކުރި 3 ޑީ މޮޑެލްގައި އިމާރާތުގެ 200 އަށް ވުރެ ގިނަ ބައިތައް ޕްރިންޓުކޮށް، އޮމާންކޮށް ކުލަ ޖައްސައި ފުރިހަމަކުރީ ވެސް އެކަންޏެވެ.
"މަރުކަޒަށް 40 އަހަރު ވެގެން މިފަހުން މީޑިއާގައި ވެސް ވަރަށް ބޮޑަށް އެ ވާހަކަ ދެއްކި. ވަރަށް ބޮޑަށް އިންސްޕަޔާވި އެ ރިޕޯޓުތައް އިވިފައި. އެހާ ދުވަސްވީ އިރު ވެސް މަރުކަޒުގެ އަސްލަށް ބަދަލު ނައިސް ހުރި ހުރުމާ. ސިމެޓްރިކަލީ ވެސް ވަރަށް ރީތި [އިސްލާމީ މަރުކަޒު]،" މާހިރު ބުންޏެވެ.
"އެތެރޭގައި ހުރި ޑީޓެއިލްސް ވެސް ހުންނާނެ ކޮންމެ އެއްޗެއް ވެސް ރަނުން ރަނަށޭ ބުނާ ގޮތަށް އޭގެ ޑީޓެއިލް ގެނެވޭތޯ ބަލާފައި. އެހެންވެ. އެތެރޭގެ ފަންކާ އާއި މިހުރާބު ވެސް އެހާ ޑީޓެއިލްކޮށް ގެނެވިފައި އެ ހުރީ، މޮޑެލިން ރަނގަޅަށް ކުރެވިފައި ހުރީމާ."
އިސްލާމީ މަރުކަޒުގެ ހުރިހާ ޑީޓެއިލްއެއް ފެންނާނެހެން 'ރަނުން ރަނަށް' ތައްޔާރުކުރި މޮޑެލްއަށް ރަން ވަނަ ލިބޭނެ ކަމަށް އޭނާ އުއްމީދެއް ވެސް ނުކުރެ އެވެ. އެކަމަކު މި ބުރަ، ފުރިހަމަ މަސައްކަތާ އެކު މާހިރަކީ ހަގީގަތުގައި ވެސް އޭނާގެ ދާއިރާގެ މާހިރެއްކަން ޔަގީނެވެ.
ދިވެހި ރަހަތައް ބޭރު މީހުންގެ ހިތްތަކަށް
އޮތެންޓިކް މޯލްޑިވިއަން ޑިލައިޓަކީ ދިވެހިންގެ މީރު ރަހަތައް ފަތުރުވެރިންނާ ހަމައަށް ގެންދަން އުފެއްދި ބްރޭންޑެކެވެ. މިވަގުތު އެ ބްރޭންޑުގެ ދަށުން ބޮނޑި އާއި ކަނަމަދު މެޓާ އަދި އޮތެންޓިކް ފިޝް ޗިޕްސްގެ އުފައްދަ އެވެ.
އެންމެ އިހުއްސުރެ ރާއްޖޭގައި ތައްޔާރުކުރާ، ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ރަހަތައް ބޭރުމީހުންނާ ހަމައަށް ގެންގޮސްދޭން ފެށި މަސައްކަތް ފުރިހަމަ ވަނީ މި އުފެއްދުންތައް ބައިނަލްއަގުވާމީ މިންގަނޑަށް ބަންދުކޮށް ފަތުރުވެރިން ރާއްޖެއިން ފުރައިގެން ދާއިރު އުނދަގުލަކާ ނުލާ ފަސޭހަކަމާ އެކު ގެންދެވޭނެ ވަރަށް ތަރައްގީކުރީމަ އެވެ.
ފަތުރުވެރިންނާއި ކޯޕަރޭޓު ކަސްޓަމަރުންނަށް ހާއްސަކޮށްގެން އޮތެންޓިކް މޯލްޑިވިއަން ޑިލައިޓުން އުފައްދާ ޕްރިމިއަމް އުފެއްދުންތައް ރާއްޖޭގެ ގިނަ ރިސޯޓުތަކުންނާއި ދިވެހި އުފެއްދުންތަކަށް ހާއްސަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ވެސް ލިބެން ހުންނާނެ އެވެ.
ގޭގައި ފެށި ވިޔަފާރި ފުޅާވެ މިހާރު އޮތެންޓިކް މޯލްޑިވިއަން ޑިލައިޓުގެ އުފެއްދުންތައް އުފައްދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނަ ބަދިގެއެއްގަ އެވެ. އޮތެންޓިކް މޯލްޑިވިއަން ޑިލައިޓުން މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ ޓޫރިޒަމް ސީޒަނަށް އާ ރަހަތަކާ އެކު އާ އުފެއްދުންތައް ބާޒާރަށް ނެރުމަށެވެ.
މިހާރު އުމުރުން 71 އަހަރުގެ ނަޝީދާ އަހުމަދު ކަސަބު ވިޔެ، ކަސަބުން އެއްޗެހި އުފައްދަން ފެށީ ގޭގައި އިންނައިރު ފޫހިފިލުވާލުމަށެވެ. އޭގެ އިތުރުން ކޯޑާއި ވޫލު ބޭނުންކޮށްގެން ދަބަސް އުފެއްދުމަކީ ވެސް ނަޝީދާގެ ހުނަރެކެވެ.
އެކްސްޕޯ މޯލްޑިވްސްގައި ނަޝީދާ އާއި އޭނާގެ ދަރިންގެ 'ކަސަބު އާޓްސް'ގެ ހުނަރު ދައްކާލި އެވެ. ނަޝީދާ ކަސަބުގެ މަސައްކަތް ފެށީ ވެސް އޭނާގެ ދަރިޔަކު އެ މަސައްކަތް ކުރާތަން ފެނިގެން އުފެދުނު ޝައުގުވެރިކަމުގަ އެވެ. އެކަމަކު ފަހުން ދަރިފުޅު އެ މަސައްކަތް ހުއްޓާލީ އެވެ.
"ކުދިން އަތުން ވީޑިއޯ އެއްޗެހި ހޯދައިގެން ދަސްކުރީ. މީހެއްގެ ކައިރިއަށް ގޮސްގެނެއް ނޫން. ދަބަސް ހަދަނީ ޔޫޓިއުބް ބަލައިގެން،" ނަޝީދާ ކިޔައިދިނެވެ.
އެކްސްޕޯގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ކަސަބުން ހެދި ރިހި ކުލައިގެ ދަބަހެވެ. ކަސަބުން އެއްޗެހި ތައްޔާރުކުރުމަކީ ކަވި، އުނދަގޫ މަސައްކަތެކެވެ. ކަސަބު ދަބަހެއް ފުރިހަމަކޮށް ނިންމާލަން އާންމުކޮށް 20-15 ދުވަސް ނަގަ އެވެ.
ދަބަހާއި ކަސަބު ވިޔުމުގެ އިތުރުން ދިވެހި ލިބާސް ފެހުމަކީ ވެސް ނަޝީދާގެ މަސައްކަތެކެވެ. އޯޑަރަށް ވެސް ދިވެހި ލިބާސް ފަހައިދެ އެވެ. ކަސަބު ވިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.
ކޮވިޑުގައި ފޫހިވެގެން ފެށި މަސައްކަތް މިހާރު ވިޔަފާރިއަކަށް
ކޮވިޑު19ގެ ދުވަސްވަރު ލޮކްޑައުންގެ ހާސްކަމުން ލުޔެއް ހޯދަން އުޝާ އާދަމް ،51، ދަސްކުރަން ފެށީ އަތްތެރި މަސައްކަތެވެ. ވިޔެގެންނާއި ބީޑްސް އާއި ނަނު ބޭނުންކޮށްގެން ދަބަސް ފަދަ އެއްޗެހި ތައްޔާރުކުރަން ދަސްކުރީ އެވެ. މިހާރު އެއީ ވިޔަފާރިއެކެވެ.
"މަސައްކަތް ކުރަމުން ގޮސް ހިތްހަމަޖެހޭ ވަރު ވީމާ ވިޔަފާރިއެއްގެ ގޮތުގައި މަސައްކަތް ފެށީ. އަނެއްހެން ކުރަމުން ދިޔައީ ކުރާހިތްވާ ކަމެއް ވީމާ،" އުޝާ ބުންޏެވެ.
ޔޫ ބައި ޔޫ.އޭގެ ނަމުގައި ވިޔަފާރި ރެޖިސްޓްރީކޮށް އިންސްޓަގްރާމުން އޯޑަރު ނަގަމުން އުޝާގެ ހުނަރު އަންނަނީ ފުޅާކުރަމުންނެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާންމުންގެ ފަރާތުން ލިބޭ ތައުރީފެވެ. ދަބަސް ގަންނަ ކަސްޓަމަރުން، އޭގެ ޑިޔުރެބިލިޓީއާ މެދު ހިތްހަމަޖެހުމަކީ ވެސް އޭނާއަށް އުފަލެކެވެ.
"ބީޑްސް ބޭނުންކޮށްގެން ވިއްޔާ މި ހަދަނީ އެކަތި. ކްރޮޝޭ ކޮށްގެން ހަދާ ދަބަހެއްގައި އެބަ ހަދަން ދެ އެތި. އެކަމަކު ތަފާތު ދެ ކުލަޔަކުން މި ހަދަނީ. އޭރަށް ގަންނަ މީހުންނަށް ވެސް ޔުނީކް ގޮތަކަށް ފީލް ވާނެތާ،" އުޝާ ބުންޏެވެ
އެކްސްޕޯގައި އުޝާ ބައިވެރިކުރި މަސައްކަތަށް ވަނީ ދަބަސް އުފެއްދުމުގެ ކެޓަގަރީން ތިން ވަނަ ލިބިފަ އެވެ.
މި އެކްސްޕޯގައި ވަކި ޖިންސެއް، އުމުރެއް ނެތި ފެންނަން އޮތީ އުފެއްދުންތެރިކަމާއި ހުނަރެވެ. އިވެނީ ތައުރީފާއި ތަރުހީބުގެ އަޑުތަކެވެ.
ކޮމެންޓް (1)
މޮޔަދަރި