މަސްވެރިންތަކެއް މަސްބާނާއިރު އައިންމަތީ ދޫނިތަކެއް އުދުހެނީ: މިފަދަ ދޫނިތައް މިހާރު ފެންނަލެއް މަދު (ފޮޓޯ/ޝާ ހާޝިމް)

މަސްވެރިކަން

ދޫނިތައް މަދުވެ ކަނޑުމައްޗަށް ހިމޭންކަން

ރާއްޖޭގައި އައިންމަތީ ދޫނިތައް މިހާރު ފެންނަލެއް މަދު. އެ ފަދަ ދޫނިތައް ރާއްޖޭގައި އާލާވާ މިންވަރު ވެސް މަދު. މިއީ މަސްވެރިން ކަންބޮޑުވާ ކަމެއް

އަލީ ހުސެއިން މަސްވެރިކަން ކުރާތާ 40 އަހަރުވީ އެވެ. މަސް އައިން ހޯދާކަށް އޭނާ ރާޑަރެއް ބޭނުމެއް ނުކުރެ އެވެ. އޭނާ ބެލީ އޮޔާއި ވަޔަށެވެ. ދެން މާދުރުން ހޯރަ އަޅަމުން، ކަނޑުގެ ސަތަހައަށް ތުން ހަރަމުން އަންނަ އައިންމަތީ ދޫނިތަކަށެވެ.

"އެ ދޫނިތައް އެއީ އަހަރުމެންގެ ރާޑަރު. އެ އެއްޗެހި ބުނެދޭނެ މަސް އުޅޭތަން،" އުދަރެހާ ދިމާލަށް އިޝާރާތްކޮށްލައި، ލޯ ހަނިކޮށްލަމުން އަލީ ބުނެލި އެވެ.

"ވައްލަ އާއި ކިރުދޫންޏާއި ގާދޫނި އުޅޭނެ ކުދި މަސްތައް ކާން އެނބުރިއެނބުރި. އެ ދޫނިތައް ފެނުނީމަ އަހަރުމެންނަށް އެނގޭނެ މަސް އައިން ދެން މި އަތުޖެހުނީކަން"

އެކަމަކު މިހާރު އަލީއަށް އުޑުމަތިން ފެންނަނީ ހުސްކަމެވެ. އިރެއްގައި އެންމެ ރަނގަޅު މަސްވެރިކަމަކަށް އެހީތެރިވި އައިންމަތީ ދޫނިތައް މިހާރު އޭނާއަށް ފެންނަނީ މަދުންނެވެ. އެ މަސްވެރިޔާގެ ބަހުން ނަމަ ދޫނިތައް މަދުވެ، ގެއްލި ކަނޑުމައްޗަށް ހިމޭންކަން ވެރިވެއްޖެ އެވެ.

މިއީ ހަމައެކަނި އަލީ ހުސެއިންގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ އެތަކެއް މަސްވެރިންގެ އުދާހެކެވެ. ރާއްޖޭގައި އާލާވާ ދޫންޏާއި ހިޖުރަކުރާ ދޫނީގެ ހާލަތާ ގުޅޭގޮތުން ސަރުކާރުން ފުރަތަމަ ފަހަރަށް ނެރުނު ރިޕޯޓުގައި ވެސް އޮތީ ހަމަ މި ވާހަކަ އެވެ.

އިރުއޮއްސުނު ވަގުތު ގއ. ދެއްވަލާބަދޫ. މިއީ ދޫނި ނިދަން އަރަން ހާއްސަ ރަށެއް (ފޮޓޯ/ މުހައްމަދު ޝަހާދު)

މަސްވެރިންނާއި ކަމާ ގުޅޭ މާހިރުން ހިމެނޭ ގޮތަށް 37 މީހެއްގެ އަތުން މައުލޫމާތު ހޯދައިގެން ތައްޔާރު ކުރި އެ އެ ދިރާސާ ރިޕޯޓުގައި ބުނިގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުން އައިންމަތީ ދޫނި ފެންނަ މިންވަރު މިހާރު ވަރަށް މަދުވެއްޖެ އެވެ. އެ ދޫނިތަކުގެ އާބާދީ ވެސް ދަށްވެއްޖެ އެވެ. ކުރިން ރާއްޖޭގައި ބިސް އަޅާ އާލާވާ ދޫނިތައް، ވަކި މޫސުމަކަށް ހިޖުރަކުރާ ދޫނިތަކަކަށް ވެއްޖެ އެވެ.

ރާއްޖެއަކީ އޮންނަ މާހައުލުގެ ގޮތުންނާއި މޫސުމުގެ ގޮތުން، ގިނަ ބާވަތްތަކެއްގެ ދޫނި ދިރިއުޅެން އެންމެ ކަމުދާ ތަނެވެ. އެގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ރާއްޖެ އުފެދިފައި އޮންނަ ތަނުގެ ގޮތުން މާކަނޑުގައި ދައުރުވާ ބޮޑެތި އޮއެވަރުތައް ފޯރާ

  • އަދި ރާއްޖޭގެ ދެ މޫސުމުގެ ސަބަބުން، ކަނޑުގެ ފުން ހިސާބުތަކުގައި 'އަޕްވެލިން' އުފެދޭ؛ އަޕްވެލިން އަކީ ކަނޑުގެ އަޑީގައި ހުންނަ، ފައިދާ ހުރި ކާނާ ހިމެނޭ ފެން މައްޗަށް އެރުން

  • އަޕްވެލިންގެ ސަބަބުން ކަނޑުގެ ދިރުންތައް އާދަޔާހިލާފަށް އިތުރުވެ، އެކި ވައްތަރުގެ ބޮޑެތި މަސްމަހާ މެހި ރާއްޖޭގެ ކަނޑުތަކުން ފެނޭ

  • އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި އުޅޭ އައިންމަތީ ދޫނިތައް ކާނާ ހޯދުމަށް މުހިއްމު ސަރަހައްދުތައް އޭގެ ސަބަބުން އުފެދޭ. މި އައިންމަތީ ދޫނިތަކަކީ މަސްވެރިކަމަށް ލިބޭ ބޮޑު އެހީތެރިކަމެއް

ދޫނިތައް މަދުވީ ކީއްވެ؟

ރާއްޖޭން މިހާރު މަދުވެފައިވާ ބައެއް ދޫނި (ފޮޓޯ/އީޕީއޭ)
ރާއްޖޭން މިހާރު މަދުވެފައިވާ ބައެއް ދޫނި (ފޮޓޯ/އީޕީއޭ)

އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތައްޔާރު ކުރި މި ރިޕޯޓުގައި، އައިންމަތީ 29 ދޫންޏެއްގެ މައުލޫމާތު ހިމަނާފައި ވެ އެވެ. އޭގެތެރެއިން ގިނަ ދޫންޏަކީ ކުރިން ރާއްޖޭގައި އާލާވާ، އަދި މާކަނޑުން ގިނަ އަދަދަކަށް ފެންނަ ދޫންޏެވެ. އެކަމަކު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިހާރު ރާއްޖޭގައި އާލާ ވަނީ ވަރަށް މަދު ދޫންޏެކެވެ. ކުރިން 'ދިވެހި' ދޫންޏެއްގެ ގޮތުގައި ބެލެވުނަސް، މިހާރު އެ ދޫނިވެފައި އޮންނަނީ ބޭރުން އަންނަ މޫސުމީ މެހެމާނެއްގެ ގޮތުގަ އެވެ.

އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މިވީ ދުވަސްތަކުގައި ރާއްޖެއަށް އައި 'ތަރައްގީ' އެވެ. ފަޅުކޮނުމާއި ބިން ހިއްކުމެވެ. ގަސްކެނޑުމާއި ދޫނި ނިދަން އަރާ ފަޅުރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމެވެ. ހުހަށް އޮންނަ ފިނޮޅުތައް ވެސް ޓޫރިސްޓުން ހިތްރުއްސުމަށް ބޭނުން ކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އުމުރުން މިހާރު 60 އަހަރާ ގާތްކުރާ، ނައީމާ އިބްރާހިމް ބުނިގޮތުގައި އޭނާ ނިސްބަތްވާ އަރި އަތޮޅުގެ ރަށާ ކައިރީގައި ފަޅުރަށަކީ ދޫނި ނިދަން އަރާ، އެސޮރުމެންގެ ހިޔާވައްސެވެ. އިރުއޮއްސެން ކައިރިވެ، ދިޔަވަރު ފޫދެން ޖެހުމާއެކު، އެއް އަޑަކަށް ގޮވަމުން އައިސް، އެތައް ހާސް ދޫނިތަކެއް ރަށަށް ތިރިކޮށްލަ އެވެ. ރަށުގެ އެއްގަމުގައި ހުންނަ މިދިލި ގަހާއި ހޭޅިފަށުގައި ހުންނަ މަގޫ ގަހާއި ކުރެދި ގަސް ކަޅުކޮށްލާފައި އޮންނަނީ ދޫނިތަކުންނެވެ. އެކަމަކު މުއްސަނދި އިންވެސްޓަރެއްގެ ލޮލުގައި އެ ރަށް އަޅައިގަނެ، ރިސޯޓަކަށް ބަދަލުވީ އެވެ.

ފިނޮޅަކަށް ކިރު ދޫނިތަކެއް ޖައްސަނީ. ފިނޮޅުތައް އެކި ކަންކަމަށް ބޭނުން ކުރާތީ މި ސޮރުމެން މިހާރު ވަނީ މަދުވެފައި (ފޮޓޯ/ޝާން)

އެހާ ހަމައިން ނިމުނީއެއް ނޫނެވެ. އެ ރަށާ ކައިރީގައި އޮންނަ ފިނޮޅު ވެސް ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ހިތްހަމަ ޖެހުމަށް ބޭނުންކޮށްލީ އެވެ. އެއީ، ގިނަ އަދަދެއްގެ އައިންމަތީ ދޫނި ބިސް އަޅާ، ދޫނިތައް ބޮޑެތި ވަމުން އައި މަންޒިލެކެވެ.

"ހަމަ ސަހާދެއް މި ބުނީ އެއީ ހާދަހާ ހިތްގައިމު މަންޒަރެކޭ. ފިނޮޅުގެ ފަސްގަނޑު މަތީގައި، ފައިވެސް ނޭޅޭ ވަރަށް އޮންނާނެ ހާލި ހަދާފައި. ކުދި ދޫނިތައް ހިނގައިދާނެތީ، މައިދޫނި ހުންނާނެ ހާލިގެ ވަށައިގެން ފަސްގަނޑަށް ތުން ހަރައި ފާހަގަ ޖަހާފައި. މާދުރަށް އިވޭނެ ކުދި ދޫނިތައް ގޮވާ އަޑު." ނައީމާ ބުންޏެވެ.

އެކަމަކު މިހާރު އެއީ މާޒީ އެވެ. ރިސޯޓު ގެއްލުނު ގޮތަށް ފިނޮޅުގެ އެ ގުދުރަތީ ހިތްގައިމުކަން ވެސް އެ މީހުންނަށް ގެއްލުނީ އެވެ. މިހާރު ރަށާ ކައިރިން ވެސް ދުރުން ވެސް އެ ދޫނިތަކުގެ ހިލަމެއް ނުވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ 29 ދޫނި މަދުވެ ނޫނީ ގެއްލުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި، ތަރައްގީގެ ކޮންމެވެސް މަޝްރޫއެއް ހިމެނެ އެވެ. ދެން އެންމެ ގިނައީ ވިޔަފާރީގެ ބޭނުމަށް ދޫނި ހިފައި، ބިސް ނަގައިގެން ވިއްކުމެވެ.

ދެން މި ލިސްޓުކޮށްލަނީ، ރިޕޯޓުގައި ހިމަނާފައިވާ ކުރިން ރާއްޖެއިން ގިނަ އަދަދަކަށް ފެންނަ އަދި ރާއްޖޭގައި އާލާވާ، އެކަމަކު މިހާރު ބީރައްޓެއްސަކަށް ވެފައިވާ ބައެއް ދޫނީގެ މައުލޫމާތެވެ.

ކިރު ދޫނިތަކެއް މަސް ހިފަނީ (ފޮޓޯ/ ޒައިދާންފޮޓޯގްރަފީ)

ކިރުދޫނި

  • ރާއްޖެއިން އެންމެ ގިނައިން ފެންނަ، ކުރިން ރާއްޖޭގައި އާލާވި ދޫންޏެއް

  • ކިރުދޫނީގެ ބިސް ނެގުމަކީ އާއްމުކަމެއް

  • ދޫނީގެ އާބާދީ މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. އަދި ބައެއް އަތޮޅުތަކުން މިހާރު އެއްވެސް ގޮތަކަށް ނުފެނޭ

  • މައިގަނޑު ސަބަބުތަކުގެ ގޮތުގައި ބެލެވެނީ، ރިސޯޓުގެ ގޮތުގައި ރަށްރަށް ތަރައްގީކުރުމާއި ވާ ސަރަހައްދު ނެތިދިޔުމާއި ރިސޯޓުތަކުން ދަތުރުދިޔުމަށް ފިނޮޅުތައް ބޭނުން ކުރުމާއި އެތަންތަނުން ވެލި ނެގުން

  • މާހައުލު ރައްކާތެރިކުރެވިއްޖެ ނަމަ އާލާ ކުރެވިދާނެ

ވައްލަ

މަތީގައި އުދުހެމުންދާ ވައްލައެއް
  • ވަރަށް ގިނައިން ފެންނަ، ރާއްޖޭގައި ބިސް އަޅާ އާލާވާ ދޫންޏެއް

  • ފިނޮޅުތަކުން މީގެ ބިސް ނަގައިގެން ވިއްކި. ބައެއް އާއިލާތައް، ހަމައެކަނި ބިސް ނަގައިގެން ވިއްކައިގެން ވެސް ހަމަޖެއްސި

  • މިދިޔަ 10 އަހަރުގެ ތެރޭގައި މި، ދޫނި ބައެެއް އަތޮޅުތަކުން ނުފެނޭ

  • ގެއްލުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ހިމެނެނީ ފިނޮޅުތަކަށް މީހުން އެރުމާއި ތަރައްގީގެ އެކި މަޝްރޫއުތަކަށް ވެލިނެގުން

ބޮޑުގާދޫނި

  • ރާއްޖޭގައި އެންމެ އާއްމު އެއް ދޫނި

  • އައިންމަތީ މި ދޫނި ހިފައި، ކުރިން ގޭގޭގައި ވަރަށް ގިނައިން ގެންގުޅުނު

  • ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މިހާރު މި ދޫނި ފެންނަ މިންވަރު މަދުވެއްޖެ

  • އޭގެ އެންމެ ބޮޑު ސަބަބަކީ ރިސޯޓުތައް ތަރައްގީކުރުން

ދަނޑިފުޅު ދޫނި

  • ރާއްޖެއިން ގިނަ އަދަދަކަށް ފެންނަ ދޫންޏެއް. އެކަމަކު މެދު ރާއްޖެތެރޭގައި ވަރަށް ނޫޅޭ

  • އާއްމުކޮށް ނިދަން އަރަނީ، ނިކަގަހާއި ބަނބުކެޔޮގަހާއި ކާނި ގަސް ފަދަ ބިޔަ ގަސްތަކަށް

  • މަސްއައިން ހޯދުމުގައި މި ދޫންޏަށް ވަރަށް ބޮޑަށް ބަރޯސާވޭ

  • ކޮންސްޓްރަކްޝަން މަސައްކަތާއި ރަށްތަރައްގީ ކުރުމަށް ވަލުން ގަސްކެނޑުމުގެ ސަބަބުން ބައެއް ރަށްރަށުން މި ދޫނި ވަނީ ގެއްލިފައި

ތޭރަވާ

  • ކުރިން ރާއްޖޭގައި ވަރަށް އާންމު އަދި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ފެނުން ދޫންޏެއް

  • އެކަމަކު މިހާރު ރާއްޖޭން އެއްކޮށްެހެން މިދޫނި ވަނީ ގެއްލިފައި

  • މައިގަނޑު ސަބަބަކީ ފަޅުކޮނުމާއި ބިން ހިއްކުން

  • އަދި ރިސޯޓު ތަރައްގީކުރުމުގެ ސަބަބުން ފިނޮޅުތަކަށް ގެއްލުން ލިބުމާއި ފިނޮޅުތައް ހަލާކުވުން

  • ތޭރަވާ އަކީ އައްޔާ ދުރުން އުޅުނު ދޫންޏެއް. އެހެންވެ، މިހާރު ރާއްޖޭގެ 'ލައިޓް ޕޮލިއުޝަން' ވެސް މި ދޫނި ގެއްލުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ

މަސްވެރިކަމަށް ޒަމާނީ ވަސީލަތްތައް ތައާރަފްވެ، ގިނަ މަސްވެރިން، މަސްއައިން ހޯދުމުގައި މިހާރު ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ. އެކަމަކު އަލީ ހުސެއިން ފަދަ ބައެއް މަސްވެރިންނަށް، އައިންމަތީ ދޫންޏަކީ އަދިވެސް ހަމަ އެއްވަނަ އެވެ. ގުދުރަތީ އެ ރާޑަރަށް، އެ މީހުންނަށް މާ އިތުބާރު ކުރެވެ އެވެ. އެހެންވެ، ކަނޑުމަތީގެ ހަމަހިމޭންކަން ކަނޑުވާލައި، ބޯމަތީގައި ހޯރަ އަޅަމުންދާ ދޫނިތަކުގެ އަޑު އިވޭނެ ދުވަހަކަށް އެ މީހުން ތިބީ ކެތްމަދުވެފަ އެވެ. ރާއްޖޭގައި އާލާވާ، އައިންމަތީ ދޫނިތަކަށް ގެއްލުން ނުވާނޭހެން ރަށްތައް ތަރައްގީކުރެވޭނެ ގޮތްތައް ހޯދުމަށް ރިސޯޓުތަކާއި ބިންވެރިން އަދި ޑިވެލޮޕަރުންނާ މަޝްވަރާކުރުން އެއީ އެ މީހުންނަށް ފެނުނު އެންމެ ބޮޑު ހައްލެވެ.

ކޮމެންޓް (3)

ހުސައިން

25 މޭ 2025
ތަރައްގީގެ ނަމުގައި ގައުމުގެ ތިމާވެށި ފުނޑާލަނީ ކުރިޔަށް ހުރިޖީލުތަކަށް ލިބޭނެ އިއާދަނުކުރެވޭނެ ގެއްލުމަށް އެއްވެސް ވަރަކަށް ބެލުމެއްނެތި. މިހާރުން މިހާރަށް ފަޅުތަކާއި، ފިނޮޅުތަކާއި، ފަރުތައް ވެރިކަމުގެ ތިބޭފަރާތްތަކުގެ ރަހްމައްތެރިންނަށް ބަހާ ހުސްކުރުން ހުއްޓުވަންޖެހޭ.
0 0

ހަސަން މުބާހް

24 މޭ 2025
ނޮން ނޭޓިވް އިންވޭސިވް "ކާޅު' ތަށް ވެސް މީގަ ހިމަނަން ޖެހޭ. ނޭޗާ އެންޑް ރިސޯސް ޕޮލިސް އުފައްދާ ބާރުތަކެއް ދީ ގަވާއިދުން ޕެޓްރޯލް ކުރަން ވެއްގެ، މިހާރު ބަޑީ ޖަހައިގެން މަސްނެގުމާ، ވެލާ ފެޅުމާ، ފެހުރިހި ތިލަކުރަން ދިއްލުން ހައްދެތް ނެތް.. ފަހުން ދެރަވާނެ ތަމެން
2 0

ސިކުނޑި

24 މޭ 2025
އިންސާނުން ވަކިވަރަކަށް ދަހިވީމާ ގުދުރަތީ ވަސީލަތްތަކަށް އަސަރުކުރާނާ! ދުނިޔަވީ އެދުންތަކަށް ހެއްލި، މުދަލާއި ފައިސާއަކީ ﷲ މިންވަރު ކުރައްވާ އެއްޗެއްކަންވެސް ގިނަ މީހުން ހަނދާނެއް ނުހުރޭ! ވައްކަމާއި ރިބާގެ އަސްލަކީ މިވަންވަރަށް އީމާންވާން ބޭނުންނުވާ މީހުން ގިނަވުން! މާތްﷲ ދެއްވި ޢިލްމު ނަހަމަގޮތުގައި ބޭނުންކުރާ ޝޭޚުން މިކަމުގައި ޒިންމާވާންޖެހޭނެ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް