ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ފާހަގަކުރަން ބޭއްވި އެއްވުމެއްގައި އިޖުތިމާއީ އަދާލަތު ކަށަވަރުކޮށްދިނުމަށް ގޮވާލާ ޝުއޫރެއް ލިޔެފައިވާ ބޯޑެއް މީހަކު ހިފަހައްޓައިގެން - (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

ތަރުޖަމާނަކު އަމިއްލައަށް ހޯދާ، އެހެންނޫނީ މައްސަލައެއް ނުބެލޭނެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މިހާރުގެ އުސޫލުތައް އޮންނަ ގޮތުން ބިދޭސީންނާއި ވާހަކަ ދެއްކުމުން މަހުރޫމް މީހުންނަށް ހައްގު ހޯދައިދެވޭނީ އަމިއްލައަށް ތަރުޖަމާނަކު ގެންގޮސްގެން

ކުރި މަސައްކަތުގެ އުޖޫރައަކީ ހައްގެކެވެ. ހައްގު ނުލިބެންޏާ ދާން އޮތް ތަނަކީ ޝަރީއަތެވެ. ރާއްޖޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލެއް އޮވެ އެވެ. މުސާރަ ނުދީގެން، އުސޫލެއް ނެތި ވަޒީފާއިން ވަކިކޮށްގެން ދާން އޮތް ތަނެވެ.

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް 'މުސާރަ ނުދޭ' ކަމަށް ބުނާ މައްސަލަ އެ ތަނަށް ހުށަހެޅުއްވި އެވެ. އެކަަމަކު ނިއޮލްއަށް ތަރުޖަމާނަކު ހަމަނުޖެއްސުމުން ޓްރައިބިއުނަލުން ކުރި ކަމަކީ މައްސަލަ ބާތިލް ކުރުމެވެ. އިންސާފު ހިދުމަތަށް އެދުނު ނަމަވެސް ދެން އެ ހިދުމަތް ޝަރީއަތުން ފޯރުކޮށްދޭނީ ވެސް 500 ރުފިޔާގެ ފީއެއް ދައްކައިގެނެވެ.

އެއް ބަޔަކަށް މި ކަން ސިފަވީ 'ވަރަށް ހަމަނުޖެހޭ' ކަމެއް ގޮތަށެވެ. ޓްރައިބިއުނަލްގެ އެ ނިންމުމަކީ އިންސާފަށް ވާސިލްވުމަށް ހުރަސްއެޅުން ގޮތުގައި ވެސް ސިފަކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައި އެބަ ހުއްޓެވެ. މިއީ ކިހާ އާންމު ކަމެއްތޯ ވެސް މީހުން ސުވާލު އުފަައްދާފައި އެބަވެ އެވެ.

"ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ ނޫނީ މެނޭޖިން ޑިރެކްޓަރަކު ކަން ކުރެއްވި އެ ބޭފުޅަކަށް އިނގިރޭސި އެނގިވަޑައިގަންނަވާނެ ކަމަށް އަހަރެންނަށް ގަބޫލުކުރެވެނީ. މި ވާ ގޮތަކީ ޓްރައިބިއުނަލްގައި ތިބޭ މުވައްޒަފުންނަށް، ހަމަ އެންމެ މުވައްޒަފަކަށް ވެސް އިނގިރޭސި ނޭނގެނީބާ؟" ރައުހާން މުހައްމަދު ނަމަކަށް ކިޔާ ޒުވާނަކު ޕޯސްޓެއްގައި ލިޔުނެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ފަދަ އިސް މަގާމެއް ފުރުއްވި ބޭރުގެ ތަޖުރިބާކާރަކު ޝަރީއަތަށް ވަޑައިގަތް ހަބަރާ އެކު އާންމުންގެ ސަމާލުކަމަށް އެކަން އައި ނަމަވެސް މިއީ އެ ޓްރައިބިއުނަލްގައި ވަަރަށް ފަސޭހައިން ދިމާވެދާނެ މައްސަލައެކެވެ. ހަމައެކަނި އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. އެކަމަކު ޓްރައިބިއުނަލް ހިންގާ ގަވާއިދުގައި ކަން ކުރެވިދާނެ ކަމަށް ލިޔެ، ބަޔާންކޮށްފައި އޮންނަ އުސޫލެވެ. އެއީ 2022 އިން ފެށިގެން ވެސް އަމަލުކުރަމުން އަންނަ އުސޫލެވެ.

ނިއޮލް ހުށަހެޅުއްވި މައްސަލަ ބާތިލްކުރިކަން އަންގަން ދިވެހި ބަހުން ނެރުނު ލިޔުމުގައި ވެސް ގަވާއިދުގެ ހަތްވަނަ މާއްދާއާ ހަވާލާދީފައިވެ އެވެ. އެ މާއްދާގެ ސުރުހީއެއް ގޮތުގައި، ގަވާއިދުގައި އޮންނަނީ ވެސް 'ޓްރައިބިއުނަލްގައި މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް' މި ގޮތަށެވެ. އަދި ޝަރީއަތް ހިންގާނީ ދިވެހި ބަހުން ކަމަށް ލިޔެފައިވެ އެވެ.

އޭގެ ފަހުގައި، ދިވެހި ބަސް ނޭނގޭ 'ބިދޭސީ' މީހުންގެ އިތުރުން އަޑުއިވުމުން މަހުރޫމުވެފައިވާ ފަރާތްތަކުން މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަންވީ ގޮތް ބަޔާންކޮށްފައިވެ އެވެ؛

  • ދިވެހި ބަސް ނޭނގޭ މީހަކު ނަމަ ނުވަތަ އަޑުއިވުމުން މަހުރޫމުވެފައިވާ ފަރާތަކު ނަމަ ޓްރައިބިއުނަލްގެ އެންގުމުގެ މަތިން ތަރުޖަމާނަކު ހޯދާނީ މައްސަލަ ހުށަހެޅި ފަރާތުން

  • ތަރުޖަމާނަކަށް ހަމަޖައްސާ ފަރާތަކީ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށް ވާން ވާނެ

  • މައްސަލަ ހުށަހަޅާ ފަރާތުން މި ބުނާ ފަދައިން ތަރުޖަމަނާކު ބޭނުންވާ ނަަމަ، ތަރުޖަމާނަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދޭން އޮވޭ

  • އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފި ނަމަ މައްސަލަ ބާތިލްކުރުމުގެ އިހުތިޔާރު އަދި މައްސަލަ ހުށަހެޅި ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ވެސް ޓްރައިބިއުނަލަށް ލިބޭ

ރާއްޖޭގައި ޝަރީއަތް ހިންގާނީ ދިވެހި ބަހުންނެވެ. އެހެން ބަހަކުން ޝަރީއަތް ނުހިނގޭ ގޮތަށް އޮތުމަކީ އަދި މައްސަލައެއް ވެސް ނޫނެވެ. އެކަމަކު މައްސަލަ ހުށަހަޅާ ފަރާތުން އަމިއްލަ ތަރުޖަމާނަކު ހޯދަން ޖެހޭ ކަމަށް ވަންޏާ، އެއީ ކަންބޮޑުވުމެކެވެ. ތަރުޖަމާނަކު ލިބޭނީ އަގެއް ދޭން ޖެހޭ ގޮތަށެވެ. އެއީ އިންސާފު ހޯދަން ދާން ޖެހޭ މީހާ އުފުލަން ޖެހޭ އިތުރު ބުރައެކެވެ.

ނިއޮލްގެ ވާހަކަ ބާއްވާނަމެވެ. މަތީ މުސާރަ ލިބޭ ފަދަ ކޮލިފިކޭޝަން ހުރި ބޭފުޅަކަށް ފަހަރުގައި މި ކަންކަން ހަމަޖައްސައިލެވޭނެ ކޮންމެ ވެސް ގޮތެއް އޮވެދާނެ އެވެ. އެކަމަކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އާމްދަނީ ދަށް މީހުން ކުރާނީ ކީއް ހެއްޔެވެ؟

ވަޒީފާގެ މައްސަލަތަކުގައި ވަކާލާތުގެ ހިދުމަތް ފޯރުކޮށްދެއްވާ ވަކީލެއް ކަމަށްވާ، އައިޝަތު އީމާން ލަތީފްގެ ބައެއް ތަޖުރިބާތައް 'ދައުރު'އަށް ހިއްސާކޮށްދެއްވި އެވެ.

މައްސަލައެއް ހުށަހަޅަން ޖެހޭ ބިދޭސީއަކަށް ނޭނގިގެން އުޅުނަސް، ތަރުޖަމާނުން ލިބޭނެ ތަންތަނާއި ހަމަޖައްސާނެ ގޮތް ސާފުކުރަން އަހައިލިއަސް ޓްރައިބިއުނަލުން ކުރާހާ ވެސް ކަމަކީ ކޮންމެވެސް ލޯފާމަކަށް ދާން ބުނުމެވެ. ވަކި ލޯފާމެއް ނޫނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއްގެ ނަންބަރު ދީފާނެ އެވެ.

"ވަރަށް ގިނައިން އެހީތެރިކަމަށް އަންނަ ބިދޭސީ މަސައްކަތްތެރިން އެބަ ފާހަގަކުރޭ، ޓްރައިބިއުނަލްގެ ރިސެޕްޝަނުން ބުނަނީއޭ ތިމަންނަމެން ކައިރީގައި މިވެނި ތަނަކުންނޭ އެހީވާނީ. އެތައް ބިދޭސީންނެއް އެހެންވެގެން އެބަ އާދޭ. ތަރުޖަމާނުން ހޯދަން ކީއްކުރަން، މައްސަލަ ހުށަހަޅަންވީ ގޮތް ސާފުކުރަން ވެސް،" އީމާން ތަފްސީލްކޮށްދެއްވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތަރުޖަމާނެއްގެ ހައްގަކީ ވަރަށް އަސާސީ ހައްގެކެވެ. އަދުލު އިންސާފާއި އިންސާނީ ހައްގުތަކުގެ ނަޒަރުން ބެލިއަސް، އެއީ ލިބެން ޖެހޭނެ ހައްގެކެވެ.

ބިދޭސީން މަސައްކަތްތެރިންނަކީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީގެ ބޮޑު ބަޔެކެވެ. ގާތްގަނޑަކަށް އާބާދީގެ ތިންބައިކުޅަ އެއްބަ އެވެ. ހާއްސަކޮށް އަވައްޓެރި ގައުމުތަކުން އައިސް ރާއްޖޭގެ އިގުތިސޯދަށް މަސައްކަތްތެރިކަމުން ހިއްސާއެއް ފޯރުކޮށްދޭ ބިދޭސީންގެ ބޮޑު މުޖުތަމައެއް މި ތާނގައި އެބަ އޮތެވެ.

އީމާން ގަބޫލުކުރައްވާ ގޮތުގައި، އިނގިރޭސި ބަހުގެ އިތުރަށް ރާއްޖޭގައި މި ވަގުތު މަސައްކަތްކުރާ ގިނަ ބިދޭސީން ބޭނުންކުރާ މައިގަނޑު ބަސްތަކުގެ ތަރުޖަމާނުން އިންސާފުގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކުގައި ލިބެން ހުންނަން ވާނެ އެވެ.

"ބިދޭސީ މަސައްކަތްތެރިން އަޅުގަނޑުމެންގެ އާބާދީގެ ވަރަށް ބޮޑު ބައެއް އެކުލެވިގެންވޭ. އާންމު ޝަކުވާތަކާއި މައްސަލަތައް ބަލާ ކޮންމެ މުއައްސަސާއެއްގައި ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައިގަނޑު ބިދޭސީ ބަސްތަކަށް، ބަންގާޅި، ހިންދީ، ތަމަޅަ ފަދަ ބަސްތަކަށް ތަރުޖަމާނުން ލިބެން ހުންނަން ވާނެ،" އީމާން ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ވެސް އިންހައުސްކޮށް މުވައްޒަފުން ނަގައިގެން މި ކަން ކުރަން ދަތިވާ ކަމަށް ވަންޏާ، އޭގެ ހައްލުތައް ހޯދަން ވާނީ ގާނޫނު މެދުވެރިކޮށް ކަމަށް އީމާން ގަބޫލުކުރައްވަ އެވެ. ނުރަސްމީ ގޮތެއްގައި ވަކި ލޯފާމުތަކެއްގެ ބޮލަށް ޖަހައިގެން މިހާރު ހިންގާ ގޮތް ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ގާނޫނީ ހިދުމަތް ފޯރުކޮށްދޭ އެކިއެކި ޖަމިއްޔާތަކާއި ލޯފާމުތަކަކީ އަމިއްލަ ވަކިވަކި ފަރުދުން ހިންގާ ތަންތަނަށް ވެފައި އެ ތަންތަނުގެ ވަސީލަތްތައް ހުރިވަރުން، ރާއްޖޭގައި މި އޮތް ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަށް އެ ކަންކަން ހަމަޖައްސައިދެމުން ދިއުމަކީ ބޮޑު ބުރައެކެވެ.

"ގާނޫނީ ގޮތުން މެންޑޭޓު ކުރަން ޖެހޭ މުއައްސަސާތަކަށް މި ކަން. އޭރަށް ދައުލަތަށް ވެސް ލާޒިމުވާނެ މުއައްސަސާތަކަށް އެ ކަމަށް ބޭނުންވާ އިންސާނީ ވަސީލަތާއި އެހެނިހެން ވަސީލަތް ވެސް ފޯރުކޮށްދޭން،" އީމާން ވިދާޅުވި އެވެ.

މި ވަގުތު މިފަދަ ކަންކަމުގައި ޓްރައިބިއުނަލުން އަމަލުކުރާ ގޮތާއި، އެ ތަނުގެ ގަވާއިދު އިމާން ވެސް ސިފަކުރެއްވީ ބޭއިންސާފެއް ގޮތުގަ އެވެ.

ބިދޭސީ މަސައްކަތްތެރިންގެ އިތުރުން އަޑުއިވުމުން މަހުރޫމުވެފައި ތިބި މީހުން ވެސް ޖެހެނީ އިޝާރާތުގެ ބަހުރުވަ ދަންނަ ތަރުޖަމާނެއް އަމިއްލައަށް ހޯދާށެވެ. މިއީ އިޖުތިމާއީ އަދާލަތުގެ ވިސްނުމާ ދުރު ފަލްސަފާއެއް ނޫން ހެއްޔެވެ؟ ތަރުޖަމާނަކު އަމިއްލައަށް ނުހޯދެންޏާ، އިންސާފުގެ ހިދުމަތް ލިބުމުގެ ހައްގުން މި ހުންނަން ޖެހެނީ މަހުރޫމުވެގެނެވެ.

ކޮމެންޓް (4)

ކުޑަ ވަކީލު

19 މޭ 2025
ލޭބަރ ރިލޭޝަން އޮތޯރިޓީ ތެރެއިން މިކަމަށް ހައްލެއް ދިނުން ރަނގަޅުވާނެ. ރާއްޖޭގެ ޤާނޫނީ ޝަރުއީ އޮނިގަނޑު އޮތްގޮތުން ދިވެހިބަހުން ޝަރީއަތްކުރާނީ. ދެން ދިވެހި ނޭންގޭ މީހުންނަށް ޖެހޭނީ ހައްލެއް ދޭން. އެހައްލަކީ ކޮންމެ ކޯޓަކާއި ޓްރައިބިއުނަލަކަށް އިންހައުސް ބަޔަކު ލައިގެން ހަރަދުކުރުންތޯ ނޫނީ އެކަން ކުރާނެ ޕަބްލިކް ޕޫލެއް އެކުލަވާލުންތޯ ވިސްނާނީ ސިޔާސަތު ކަނޑައަޅާ މީހުން.
3 0

އިއްލި

19 މޭ 2025
ހައްލު ހައްލު ހައްލު ކިޔަން ފަސޭހަވާނެ. ހައްލު ގެންނަން އުނދަގޫވާނީ. ފާޑުކިޔަން އަދި މާ ފަސޭހަވާނެ. މަސައްކަތް ކުރަންޖެހުނީމަ އެކަންކުރަން ނުކުޅެދޭނީ. ތިކަމަށްވެސް ހައްލު ދޭން ބޭނުންވާނަމަ ގާނޫނު ހަދާ މަޖިލީހާއި ބަންޑާރަ ނައިބަށް ހައްލުދެވޭނެ. އެކަމަކު ކުރާނީ ކުރަން ބޭނުންވާ އެމީހުންގެ މަސްލަހަތު ހިމާޔަތްވާ ކަންތައްތައް އެކަނިކަން އެންމެންނަށް އެނގޭ
3 0

އުޝާމް

19 މޭ 2025
ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަސް. ދައުލަތުގެ ރަސްމީ ޒިންމާތައް ހަމަޖެހިފައިވަނީ ދިވެހިބަހުން.
1 5

ބޯގަމާރޭ

19 މޭ 2025
@އުޝާމް އެހެން ވެއްޖެޔާ އެމްޑީބީގެ ސީއީއޯއާއި ހެދި ވަޒީފާގެ ކޮންޓްރެކްޓް ހެދީ ދިވެހި ބަހުންތަ!؟
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް