ގަހެއްގައި ޖައްސާލައިގެން އިން ދޮންދީންޏެއް. (ދައުރު ފޮޓޯ/ އަލީ ނާސިރު)
ދޮންދީނި މަރައި ހުސްކުރުމުގެ ކުރިން ސަރުކާރަށް ކާޅު ތަރުބިއްޔަތު ކުރެވޭނެ ބާ؟
ކަޅާއި ހުދުގެ އެ ހަނގުރާމަ ފެށުނީ މީގެ އަހަރުތަކެއް ކުރިން އައްޑުއަށް ކާޅުތަކެއް އެރުމުންނެވެ. ބުނެވޭ ގޮތުގައި އައްޑޫއާ ބީރައްޓެހި ކާޅުތައް ގެނެސް، އައްޑޫގައި އާލާކުރީ ކޮންމެވެސް ބައެކެވެ.
ބުއްދިވެރި ކާޅުތަކުގެ ވިސްނުން ހުރީ ލޭއޮހޮރުވުމެއްގެ ތެރެއިން އައްޑޫގައި އޮތް ދޮންދީނާމެންގެ ރަސްކަން ވައްޓާލުމެވެ. ފީވުމުގެ ކުރިން ތުނބުން ޖަހައި ބިހުގެ ތޮށިގަނޑު ފަޅާލުމަށް ފަހު ގޮބޮޅި ބޯލަނީ އެވެ. ފީވެއްޖެ ނަމަ، ފިޔޮތަކަށް ހަމާލާދީ، މަރައި، ކަނީ އެވެ.
މި ޖަރީމާ ހުއްޓުވަން ސަރުކާރުން ގެންގުޅޭ ވިސްނުން ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެދެއްވި އެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ ދޫނީސޫފާސޫފި މަރައިގެން ކަންތައްތައް ހައްލުކުރާކަށް ނޫން، ނައްތާލައިގެން ހައްލުކުރާކަށް ނޫން. އެއާ އެކީ އުޅެ، އެއަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރުން،" މާރިޔާ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ ގޮތް ހުސްވެ، ހަދާނެ ގޮތް ނޭނގިފައި ތިބި ދޮންދީނާމެންގެ ޝަކުވާތައް ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ގޮސް މަރަދޫ މެމްބަރު އަހްމަދު ދީދީ އޭނާއާ ސުވާލުކުރެއްވުމުންނެވެ.
ދޮންދީނި ހިމާޔަތް ކުރުމަށް "ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ" ކަމަށާއި އެކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ އެކު މަޝްވަރާ ކުރެއްވި ކަމަށް މާރިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ވަރަށް އަވަހަށް އެ މައްސަލައަށް ހައްލެެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
އެއް ބަޔަކަށް މާރިޔާގެ ވާހަކަވީ ޖޯކަކަށެވެ. އޭނާގެ ޕްލޭން ތަންފީޒުކޮށްދިނުމަށް، ދޮންދީންޏާއި ކާޅުތަކަށް އުފަލުގައި އެކުއެކީގައި އުޅެން ދަސްކޮށްދޭ ޕްރޮގްރާމު ހިންގާ މީހުން ވެސް ވަނީ ފާޅުވެފަ އެވެ.
އަނެއްކޮޅުން ބައެއް މީހުން ކުށްވެރިކުރީ އައްޑޫ އަތޮޅެވެ. މި މައްސަލައިގައި އައްޑޫއިން ދައްކަނީ ހުސް ވާހަކަ އެވެ. ދެމެހެއްޓެނިވި ސިޔާސަތެއް ނެތެވެ. ކައުންސިލުން ގެންގުޅޭ ފަނާކުރަނިވި ތަރައްގީގެ ސިޔާސަތު ހުއްޓުވަން ކަމެއް ނުކުރެ އެވެ. ގަސް ކަނޑައި، ދޮންދީނީގެ މާހައުލު ނައްތާލާއިރު ހަމައެކަނި ކުށްވެރިކުރަންވީ ކާޅު ހެއްޔެވެ؟
Addu city has been just talks of crows destroying Dhondheeni population instead of conservation initiatives and fighting against @AdduCityCouncil unsustainable development projects cutting down trees of their natural habitants continue to blame the crows only for decline.
— Aishath Liusha (@Ahsuil) May 15, 2025
'ކާޅާއި ދޮންދީނި މަޝްވަރާގެ މޭޒަކަށް ނޭރުވޭނެ'
ސުވާލަކީ، މާރިޔާ އެ ވިދާޅުވާ ގޮތަށް އެކަން ކާމިޔާބުކަމާ އެކީ ކުރެވޭނެ ހެއްޔެވެ؟ ޖަވާބުގައި 'ދައުރު'އާ ވާހަކަދައްކަމުން 'ނަލަފެހި މީދޫ' ޖަމިއްޔާގެ އެއް ފައުންޑަރު، މުހައްމަދު ކާމިލް ވަރަށް ސާބިތުކަމާ އެކު ބުނީ "އެކަމެއް ނުކުރެވޭނެ" ކަމަށެވެ.
އެކަމަކު ވެސް މާރިޔާއަށް އިއްޔެ ލިބިވަޑައިގެންނެވި ކުޑަ ވަގުތުކޮޅުގައި އެކަން ކާމިޔާބުކުރަން ކުރެވޭނެ އެއް ކަމެއް ހިއްސާކުރެއްވި އެވެ.
"ދެން އަޅުގަނޑު މިހެން ދެންނެވީމަ ތިޔަބޭފުޅުން ވިދާޅުވާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ ދޫނިސޫފާސޫތްޕަށް އުޅެން. އޭގައި ވެސް ވަރަށް ގިނަ އުކުޅުތަކެއް ހުރޭ. އެންމެ ފުރަތަމަ ކަމަކަށް ގަސް އިންދުން އިތުރުކުރުން،" ވާހަކަ ދެއްކުމުގެ ފުރުސަތު ހަމަވާ ރަނގަބީލު ޖެހުމުގެ ކުރިން މާރިޔާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭ އާއި ދުނިޔޭގެ އެކިއެކި ތިމާވެށި ޖަމިއްޔާތަކުން ވެސް "އަޅުގަނޑުމެންނަށް ލަފާދެއްވަނީ ދޫނިސޫފާސޫތްޕާ އެކު އުޅެން ދަސްކުރަން" ކަމަށެވެ.
ކާމިލް އެހާ ފަސޭހައިން އެކަން ނުވާނޭ ބުނުމުން މާރިޔާގެ ޖަވާބު ތަކުރާރުކޮށްދިނީމެވެ. އެކަމަކު ވެސް އޭނާ އަޑެއް ނޭހި އެވެ.
"ދޮންދީނި އެކަންޏެއް ނޫން، މުނިޔާ އާއި އެހެން ކުދި ދޫނިތައް ވެސް ކަނީ. ނުވާނެ ގަސް އިންދިޔަސް. ކާޅަކީ ފަތް ކައިގެން އުޅޭ އެއްޗެއްތަ؟" އިންސާނުންގެ އަމަލުތަކުން ގަސްތައް މަދުވިކަން ގަބޫލުކުރަމުން ކާމިލް ބުންޏެވެ.
އޭނާ ބުނީ މާރިޔާއަކީ ވަރަށް ތައުލީމީ، ގާބިލު އަދި އޭނާ އިހުތިރާމުކުރައްވާ ވަޒީރެއް ކަމަށެވެ. ނަމަވެސް އެ ވިދާޅުވި ވާހަކަ "ކުޑަކުއްޖަކު ވެސް ގަބޫލެއް ނުކުރާނެ" ކަމަށް އޭނާ ބުންޏެވެ.
'ކާޅަކީ ބަޔަކު ގަސްތުގައި އާލާކުރި، އައްޑުއާ ބީރައްޓެހި ދޫންޏެއް'
އުމުރުން 60އިން މަތީގެ އަހަރުތައް ގުނަމުން އަންނަ ކާމިލް ބުނީ، އޭނާގެ ހަޔާތުގައި އަލަށް ވެސް މީދޫއިން ކާޅެއް ފެނުނީ 2014ގެ ކުރީކޮޅުގައި ކަމަށެވެ. އޭގެ ކުރިން އުޅުނު މީހުން މަރުވެގެން ދިޔައީ ވެސް އެ ރަށުން ކާޅެއް ލޮލަށް ނުފެނި އެވެ.
"ކާޅަކީ އެއްވެސް ޒަމާނެއްގައި އައްޑޫގައި އުޅުނު އެއްޗެއް ނޫން. ތާރީހުން ވެސް ނެތް އެނގޭކަށް. އެކަމަކު ދޮންދީނި އަބަދުވެސް އުޅޭ،" ކާމިލް ބުންޏެވެ.
ދެން މީގެ 11 ވަރަކަށް އަހަރު ކުރިން ކުއްލިއަކަށް ކާޅުތައް މި އައީ ކޮން ތަނަކުން، ކިހިނެއް ހެއްޔެވެ؟
ކާމިލް ބުނީ އެއީ ބަޔަކު ގަސްތުގައި އެ އަތޮޅަށް ގެނެސް އާލާކުރި ކާޅުތަކެއް ކަމަށެވެ. އެހެން ނޫން ނަމަ، އޭގެ ކުރިން ވެސް ކާޅުތައް އަންނަންވީ ނޫން ހެއްޔެވެ؟ ވަޒީފާއެއް ނޫން، ޗުއްޓީ ހޭދަކޮށްލައި، އަރާމުކޮށްލަން ވިޔަސް، މަގު އޮޅިގެން ވެސް އޭގެ ކުރިން އައްޑޫއަށް ކާޅެއް ނާރަ އެވެ.
ހުޅުދޫ އާއި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން، އެއްފަސްކޮށް އޮންނަ ދެ ރަށެވެ. ކާމިލް ބުނީ ބުރަ މަސައްކަތުން އެ ފަޅިން ކާޅެއް ނުފެންނަތާ ހައެއްކަ މަސް ވެދާނެ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ރަށްތަކުގައި އަދިވެސް ކާޅު އެބައުޅެ އެވެ.
"އެކަމަކު ހިތަދޫ ފަޅިން މިކޮޅަކަށް ނާދޭ އެންމެ ކާޅެއް ވެސް،" އޭނާ ބުންޏެވެ.
"ކާޅަކީ ކާއެއްޗެހި ލިބޭ ތަނެއްގައި ތިބެފައި އެހެން ތަނަކަށް ދާ ބައެއް ނޫން. އަދި ދުރު ރާސްތާއަށް އުދުހިގެން ހިޖުރަކުރާ ބައެއް ވެސް ނޫން. އެހެންވީމަ އަމުދުން އެހެން އަތޮޅަކުން އައްޑޫއަށް އައިސްދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ."
'ކާޅު މަދުކުރުން: ފަސޭހަ ކަމެއް ނޫން'
މީދޫއަށް ކާޅު އައި ފުރަތަމަ ފަހަރު ރަށުގެ އަމަން ނަގާލައި، ދޮންދީނިތަކާ ހަނގުރާމަ ކުރަން ފެށުމުން އެކަން ނުހުއްޓުވިގެން އެފަހަރު ވެސް އެދުނީ ސަރުކާރުގެ އެހީއަކަށެވެ. ޖަވާބުގައި ސަރުކާރުން އައްޑޫއަށް ހަތިޔާރު އެޅި ސިފައިންގެ ޓީމެއް ފޮނުވި އެވެ.
އެކަމަކު ވެސް ކާޅަކީ ވަރަށް ބުއްދިވެރި ދޫންޏެއް ކަން އެންމެންނަށް ވެސް އެނގެ އެވެ. ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި ކާޅަކަށް ގޯނާއެއް ކޮށްފި ނަމަ، އެ މީހެއްގެ ސިފަ އެ ސޮރުމެންގެ ހަނދާނުގައި ހުންނާނެ އެވެ. އުމުރު ދުވަހަށް ހަސަދަލާނެ އެވެ.
"އެމްއެންޑީއެފްއިން އައިސް ބަޑިޖަހައި، ދެ ކާޅު މަރާލީމަ ދެން ތިބި ކާޅުތައް އެ ޔުނީފޯމު ފާހަގަކުރީ. ދެން ބަޑިޖެހުން ވެސް ވީ އުނދަގޫ ކަމަކަށް،" އެ ހަނގުރާމަ ތަފްސީލުކޮށްދެމުން ކާމިލް ބުންޏެވެ.
"ދެން ކާޅު މެރުން ވީ އުނދަގޫ ކަމަކަށް. ބަޑި ޖަހާނީ ގަހެއްގައި ޖައްސާލައިގެން މަޑުކުރީމަ. ޔުނީފޯމު ފާހަގަކުރި ފަހުން އެގޮތަށް މަޑުނުކޮށް، އަބަދު އުދުހިއުދުހި ތިބެނީ. ހަތަރުދަމު އުޅެެގެން ވެސް ބަޑިއެއް ނުޖެހޭ އުދުހޭ ވަރުން."
އެފަހަރު ހުޅުދޫ އާއި މީދޫއިން ކާޅުތައް ހުސްކުރެވުނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އަނެއްކޮޅުން ކާޅު އާލާވާ ސްޕީޑު ވެސް ދޮންދީނިއާ އަޅާބަލާއިރު އެހާ ހަލުވި އެވެ. ކާމިލް ބުނީ ކާޅު ބިސް އަޅާއިރު ފަހަރަކު ހައެއްކަ ބިސް އަޅާ ކަމަށެވެ. އެއާ ހިލާފަށް ދޮންދީނި އަޅަނީ އެންމެ ބިހެކެވެ. ކާޅު ގޮސް ބޯލަނީ އެ ބިހުގެ ގޮބޮޅި އެވެ. ނުވަތަ އެއިން ފަޅާ ފިޔޮއް ކާލަނީ އެވެ.
"އެންމެ ހަ ކާޅު އުޅުނަސް، އެ މީހުން އެބަ ބޯލާ ހަ ބިސް. އަދި ކޮންމެ އެއްޗެއް އެ ވަރަށް ބިސް އަޅާ އެބަ. އެހެންވެ، އެންމެ ބޮޑު ބިރުވެރިކަމަކީ، ކާޅު އާލާވުން ކޮންޓްރޯލް ނުވުމާއި ދޮންދީނީގެ އާބާދީ މުޅިން ނެތިހިނގައިދާނެތީ،" ކާމިލް ބުންޏެވެ.
މާ ގިނަވާ ނަމަ މަރަން ހުއްދަ ދޭނެ: އީޕީއޭ
މި މައްސަލައިގައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކާޅަކީ އެއްގޮތަކަށްވެސް އައްޑޫގައި ނޫޅޭ ދޫންޏެއް ކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
"އެހެންތޯ؟ ތިއީ [އައްޑޫގައި ކާޅު ނޫޅޭ ކަމަކީ] އަދި އަޅުގަނޑަށް އެނގިފައި އޮތް ކަމެއް ނޫން،" ނައީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުޑައިރު މާލޭގައި ވެސް ނޫޅޭ ކާޅެއް. މި ވީ ގޮތް ބަލައިލިއިރު، ބަޑިޖަހާ، މަރައި ހުސްކުރީ. ހަމަ އެގޮތަށް ފުވައްމުލަކު މީހުން ބުނޭ، ކުރިން ވާލެއް ނޫޅެއޭ، ބަޔަކު ގެނެސް އާލާކުރީއޭ."
ތާރީހު އެއްފަރާތް ކުރުމަށް ފަހު، މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވޭތޯ ސުވާލުކުރުމުން މިވަގުތުން ވަގުތަށް އަޅާނެ ފިޔަވަޅެއްގެ ބަދަލުގައި އޭނާ ވިދާޅުވީ އާންމު އުސޫލުން ކަންކުރާ ގޮތެވެ.
"ބަޔޯޑައިވާސިޓީގައި އެއްވެސް އެއްޗެއް، މިނަށް ވުރެ ގިނަ ވެއްޖެ ނަމަ މަރަން ހުއްދަ ދެން،" ނައީމް ވިދާޅުވި އެވެ.
އެކަން ކުރަނީ އެ ބާވަތެއްގެ އާބާދީއަށް ބެލުމަށް ފަހު އެވެ. ނައީމް ވިދާޅުވި ގޮތުގައި އެއީ ކައުންސިލުން ކުރަން ޖެހޭ މަސައްކަތެކެވެ. އެއަށް ފަހު އީޕީއޭއިން އެކަން ކުރަން ހުއްދަ ދިނުމުން އީޕީއޭގެ ދައުރު އަދާކުރެވި، ސަތޭކައިން ސަތޭކަ ލިބޭނެ އެވެ.
ކައުންސިލާ ގުޅޭ ގޮތެއް ނުވުމުން މި ރިޕޯޓަށް ކައުންސިލްގެ ބަހެއް ލިބޭ ގޮތް ނުވި އެވެ.
'ދޮންދީނި ހުސްވަންދެން ބަލަން ނުތިބޭނަން'
ދޮންދީނި ހިމާޔަތްކުރާނެ ގޮތުގެ ޕްލޭނެއް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ ސީދާ ކިހާތާކު ކަމެއް ވިދާޅެއްނުވެ އެވެ.
އެ ޕްލޭން ތަންފީޒު ކުރަން ފަށަންދެން ކާމިލްމެން ކަހަލަ، ދޮންދީނީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ތިބީ މަޑުކުރާ ގޮތަކަށް ނޫނެވެ.
ކާޅުގެ މައްސަލައިގައި ކާމިލް އާއި އައްޑޫގެ ގިނަ ރައްޔިތުންގެ ވިސްނުމާއި ނިންމުން، ސޯޝަލް މީޑިއާ ބަލައިލުމުން ވަރަށް ސާފެވެ:
"ސަރުކާރުގެ ހުއްދަ ލިބުނަސް، ނުލިބުނަސް، އައްޑޫގައި ކާޅުތަކަށް ރުހުމެއް ވެސް ޖާގައެއް ވެސް ނެތް."
ކާމިލް ބުނީ އައްޑޫއަށް ކާޅުތައް އައިސް، ސުލްހަވެރިކަމާ އެކު އުޅޭ ނަމަ މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު އައްޑޫއަށް ހާއްސަ، އެ އަތޮޅުގެ ފަހުރެއް އަދި ރަމްޒެއްގެ ގޮތުގައި ބަލާ ދޮންދީނި މަރައި ހުސްކުރާ މަންޒަރަކީ އައްޑޫގެ އެއްވެސް މީހަކަށް ކެތްވާނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރި އެވެ. އެއީ ދޮންދީނާމެންގެ މައި މަރުކަޒެވެ.
ކޮމެންޓް (1)
ސުހައިލު