ގަހެއްގެ އޮފިގަނޑުގައި އިން ދޮންދީންޏެއް. (ދައުރު ފޮޓޯ/އަލީ ނާސިރު)

ދޮންދީނީގެ ހިމާޔަތުގައި ކާޅާއި ވާ ނުމެރޭނެ؛ އެކީ އުޅެން ދަސްކުރޭ: މާރިޔާ

މާރިޔާ ވިދާޅުވީ މައްސަލައެއް ހައްލުކުރަން އެއްވެސް ބާވަތެއް ދޫންޏެއް މެރުމުގެ ވިސްނުމެއް ނެތް ކަމަށް. އޭގެ ބަދަލުގައި ގަސްތުކުރައްވަނީ އޭނާ ވިދާޅުވި ގޮތުގައި ދޫނިތަކަށް ވެސް އުޅެން ދަސްކޮށްދިނުމަށް

ދޮންދީނީގެ ހިމާޔަތުގައި ކާޅު ނުމެރޭނެ ކަމަށާއި މިނިސްޓްރީގެ ސިޔާސަތަކީ މެރުމުގެ ބަދަލުގައި އުޅެން ދަސްކޮށްދިނުން ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު މާރިޔާއާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމުން މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ އޭނާއާ ސުވާލުކުރެއްވީ ކާޅު، ދޮންދީނި މަރާތީ އެކަމާ ބެހޭގޮތުންނެވެ.

އެނގުން މުހިންމު - އައްޑޫ އަތޮޅަކީ ރާއްޖޭގައި ގުދުރަތީ ގޮތުން ދޮންދީނި އާލާވެފައިވާ ހަމައެކަނި އަތޮޅެވެ. އަދި އެއީ ގުދުރަތީ ގޮތުން ކާޅު އާލާވެ، ދިރިއުޅޭ ރަށެއް ވެސް ނޫނެވެ. ނަމަވެސް ކައިރި އެހެން އަތޮޅުތަކުން އައްޑޫއަށް ދޭތެރެދޭތެރެއިން ކާޅު އަރައި، ދޮންދީނިތަކަށް ހަމަލާދެ އެވެ.

އެ މައްސަލަ ބޮޑުވެގެން މީގެ ކުރިން ކާޅު މެރުމުގެ ހުއްދަ ވެސް ސަރުކާރުތަކުން އައްޑޫ ސިޓީ ކައުންސިލަށް ދީފައިވެ އެވެ.

ގަހެއްގެ އޮފިގަނޑުގައި ދޮންދީންޏެއް ޖައްސާލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

މެމްބަރުގެ ސުވާލު:

  • "ވަޒީރު އިހަކަށް ދުވަހަކު ވިދާޅުވި ކާޅާއި ވާލާ އެއްކޮށް އުޅެން ދަސްކުރާށޭ. އެހެން ނަމަވެސް އައްޑު އަތޮޅުގައި ވަރަށް ޔުނީކު ދޫންޏެއް އުޅޭ. އަޅުގަނޑުމެން ކިޔާ އުޅެނީ ދޮންދީނި. މި ދޫނި ރެޑީއެއް ނޫން ކާޅާ އެއްކޮށް ދިރިއުޅޭކަށް. ކާޅުތައް މި ދޫނި ކައި ހުސްކުރަނީ. އެހެންވީމަ މި ދޫންޏަށް އޮތް ގޮންޖެހުން ނައްތާލަން މުހިންމު ކަމެއް، ކާޅު ނައްތާލުމަކީ. ކަމަނާ މިކަމާ ދޭތެރޭ ދެކެނީ ކިހިނެއްތޯ؟"

މިނިސްޓަރު މާރިޔާގެ ޖަވާބު:

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މާރިޔާ ތަކުރާރުކުރެއްވީ އަހާ ފޯރަމްގައި ވެސް ވިދާޅުވި ގޮތަށް، ކާޅާއި ވާލާ އެކީގައި އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

މާރިޔާ ވިދާޅުވީ "އައްޑޫގައި އުޅޭ ވަރަށް ހާއްސަ ދޫންޏެއް ހިމާޔަތްކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ" ކަމަށެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭއާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ވަރަށް އަވަހަށް އެ މައްސަލައަށް ހައްލެެއް ހޯއްދަވައިދެއްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ މިއަދު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

"އަޅުގަނޑުމެން ގަސްތުކުރަނީ ދޫނީސޫފާސޫފި މަރައިގެން ކަންތައްތައް ހައްލުކުރާކަށް ނޫން، ނައްތާލައިގެން ހައްލުކުރާކަށް ނޫން. އެއާ އެކީ އުޅެ، އެއަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރުން،" މާރިޔާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑު މިހެން ދެންނެވީމަ ތިޔަބޭފުޅުން ވިދާޅުވާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ ދޫނިސޫފާސޫތްޕަށް އުޅެން. އޭގައި ވެސް ވަރަށް ގިނަ އުކުޅުތަކެއް ހުރޭ. އެންމެ ފުރަތަމަ ކަމަކަށް ގަސް އިންދުން އިތުރުކުރުން."

މާރިޔާއަށް އެ އުކުޅުތައް ކިޔައިނުދެވުނީ އެ ސުވާލަށް ޖަވާބުދެއްވަން ލިބިވަޑައިގަތް ވަގުތު ހަމަވެ، ރަނގަބީލު ޖެހުމުންނެވެ.

މާރިޔާ ހުންނެވީ ކާޅާއި ވާލުގެ ހިމާޔަތުގައި

މާރިޔާ ވިދާޅުވާ ގޮތުގައި ކާޅާއި ވާލުގެ އުނދަގޫ އާންމުންނަށް ކުރިމަތިވަނީ، އެތަކެތި ދިރިއުޅޭ މާހައުލު ނައްތާލުމުގެ ސަބަބުންނެވެ.

"މީގެ ސަބަބުން ކާޅާއި ވާ ގޮސް، އަޅުގަނޑުމެންގެ ގޭގެ ކާ އެއްޗެހި ކަނީ. މީގެން އަޅުގަނޑުމެންނަށް ދޭހަވާ އެއްޗަކީ އަޅުގަނޑުމެން ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ އެ އެއްޗެހި ވެސް ދާނެ ތަނެއް ހޯދަން ޖެހޭ. މިކަހަލަ ކަންކަމާ ހުރެ އަޅުގަނޑުމެން މި ދަންނަވަނީ ކާޅާއި ވާޅުގެ ހެބިޓެޓްތައް ޕްރޮޓެކްޓް ކުރަން ޖެހޭ."

މާރިޔާ ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭ އާއި ދުނިޔޭގެ އެކިއެކި ތިމާވެށި ޖަމިއްޔާތަކުން ވެސް "އަޅުގަނޑުމެންނަށް ލަފާދެއްވަނީ ދޫނިސޫފާސޫތްޕާ އެކު އުޅެން ދަސްކުރަން" ކަމަށެވެ.

މިނިސްޓަރު މާރިޔާ މިއަދުގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ކޮމެންޓް (4)

ޢައްދާރު

14 މޭ 2025
މި ޖެންޒީ ކުދިންނާއެކުވެސް އުޅެން ޖެހިފަ މިއޮތީ.. މިނިސްޓަރު ތިހުރީ ރަނގަޅަށް ޖެންޒީ އަކަށް ވެފަ..
3 1

ރޯނު އެދުރު

14 މޭ 2025
އަޅުގަނޑަކީ ޙައިވާނުންނަށް އެހެން ޙައިވާނުންނާއި އެކު އެކީ އުފަލުގައި އުޅޭނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގާ ފަރާތަކީމެވެ. ވީމާ ބައިވެރިވާން ބޭނުންފުޅުވާ ހުރިހާ ކާޅުން އަންނަ ހޮނިހިރު ދުވަހު، އަދި ވާލުން އާދީއްތަ ދުވަހު އަޅުގަނޑާ ބައްދަލު ކުރެއްވުން އެދެމެވެ.
2 0

ާއަބޫ

14 މޭ 2025
މާރިޔާ އަށް އެނގެން ޖެހޭ ކާޅަކީ ބަޔަކު މިތަނަށް ގެނެސް ގެން އުޅޭ އެއްޗެއް ކަމާއި ދޮންދީނި އެއީ އެވޭލާ ޒާމާނުއްސުރެ މިތާނގަ އުޅޭ މިތަނުގެ މުހިއްމު އެއްބައިކަން!
7 0

ތެފައާސާ.

14 މޭ 2025
މަ ހިތަށްއެރީ އަހަރެމެންގެ ރައީސްވެސް ގޮނޑިކޮއްކޮ ނޫން، މިނިވަން ސުޕްރީމް ކޯޓަކާއިއެކީ އުޅެން ދަސްކުރިނަމަ ހާދަ ރަނގަޅުވީހޭ!!!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް