ސުޕްރީމް ކޯޓު

އަލީ ހުސެއިން ދެރަ ވެސް ވޭ، އެކަމަކު ގަބޫލުކުރައްވަނީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނިމުން އައީ އަލީ ހުސެއިން ހުށައެޅުއްވި މައްސަލައިގެ ސަބަބުން ކަން ޔަގީން. އޭނާއަށް ފެނިވަޑައިގަންނަވަނީ ހުރިހާ ސަރުކާރަކުން ވެސް ޝަރުއީ ނިޒާމަށް އަތް ބާނާ ތަން

މުހިންމު ނުކުތާތައް

މިއަށް ވުރެ އިތުބާރު ބޮޑު ސުޕްރީމް ކޯޓެއް މިހާތަނަށް ފެނިފައެއް ނުވޭ

ޝަރުއީ ނިޒާމް މިނިވަންކަމާ އެކު މަސައްކަތްކުރުވުމަކީ އެއްވެސް ސަރުކާރަކުން ބޭނުންވި ކަމެއް ނޫން

ކޮންމެ ފަސް އަހަރަކުން ރައްޔިތުން އިންދަނީ އަލަގަހެއް، އެއީ ކެޔޮ ނިރެއް ފަޅާނެކަމުގެ އުއްމީދުގައި

އެކަން އިއްޔެ ނިމިއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ސުޕަ މެޖޯރިޓީންނެވެ. އޭގެ ކުރިން ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ އެވެ.

ތިން މަސް ދުވަހުގެ "ތެޅުންގަނޑު" މި ވަގުތަށް މި އޮތީ ނިމިފަ އެވެ. ދެން އޮތީ ސަރުކާރުން އަލަށް ސުޕްރީމް ކޯޓަށް ލާނެ ތިން ފަނޑިޔާރުންނަކީ ކޮބައިތޯ ބަލަން ތިބުމެވެ.

ނަމަވެސް މި ބޮޑު މައްސަލަގަނޑުގެ އަސަރުތައް ފިލައިގެން ނުދާނެ އެވެ. އެކަން ފެށުނު ގޮތާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލިސް ނިވާފަތްގަނޑަކަށް ހަދައިގެން ސަރުކާރުން ކަން ކުރި ގޮތް ތާރީހުގައި އެ އޮތީ ލިއެވިފަ އެވެ. އާއެނކެވެ. މި ވަގުތަށް އެއީ ސިޔާސީ ކާމިޔާބީއެކެވެ. ނަމަވެސް އެއީ ދެން އަތުވެދާނެ ލޮޅުންތަކުން ސަރުކާރު ސަލާމަތްވާނެކަމުގެ %100 ޔަގީން ފަރުވާއެއް ނޫނެވެ. އެކަމަށް މާޒީ ހެކިވާނެ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު (ކ) އާއި އަޒްމިރަލްދާ (ފޮޓޯތައް/ސުޕްރީމް ކޯޓު)

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ ހުސެއިންއަކީ ސުޕްރީމް ކޯޓަށް ކުއްލި މި ލޮޅުން އެރުމުގެ ފަހަތުގައި ހުންނެވި ބޭފުޅެވެ. މި ހުރިހާ ކަމެއް ކުރިމަތިވީ ޕީއެންސީގެ ސުޕަ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަޑައިގަތުމުންނެވެ. އޭނާ ހުށައެޅުއްވި ދުސްތޫރީ ބޮޑު މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ހަތް ފަނޑިޔާރުންގެ ބެންޗުން ނިންމުމާ އެކު، ސަރުކާރުން ތެޅިގަތީ، އޮތް ހުރިހާ ބާރެއް ބޭނުންކޮށްގެން އެކަން ހުއްޓުވުމަށެވެ. އަލީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް ބަލަން ތިބުމުގެ ބޭނުމެއް ނުފެނުނެވެ. ފެނުނީ ސުޕްރީމް ކޯޓު ކޮންޓްރޯލްކުރާނެ ގޮތެވެ.

އަލީ ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށައެޅުއްވުނީތީ ވެސް ދެރަވެ އެވެ. ނަމަވެސް އެއީ ކޮންމެވެސް މީހަކު ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރައްވަ އެވެ. 

"ސުއޫދު އިސްތިއުފާ ދެއްވި ފަހުން އަޅުގަނޑު ބައްދަލު ވެސް ކޮށްލިން. ގުޅަން ވެސް ގުޅިން. ހަ އަހަރު ދުވަހަށް ފަހު އަޅުގަނޑު މި ގުޅީ. އެއީ ސުއޫދު މަރު ކޮމިޝަނަށް އެޕޮއިންޓްކުރުމަށް ފަހު އަޅުގަނޑު ދުވަހަކު ވެސް ގުޅާފައި ނޯންނާނެ. ވާހަކަ ދައްކާފައެއް ނޯންނާނެ. އޭގެ ފަހުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ފަހުން ވެސް ނުގުޅަން،" އަލީ ވިދާޅުވި އެވެ.

"އެހެންނަމަވެސް އިސްތިއުފާ ދެއްވި ފަހުން އަޅުގަނޑު ގުޅިން. އަޅުގަނޑު ދެރަވާކަމަށް ވެސް ބުނިން. ކުރަން ޖެހޭ ކަމެއް ވީމާ ކުރީއޭ. ސުއޫދު ވެސް ވިދާޅުވީ އެއްގޮތަށް ވެސް ދެރަވާނެ ކަމެއް ނެތޭ. މައްސަލަ ކުރިއަށް ގެންދާށޭ. ތިއީ ކުރަން ޖެހޭ ކަމެކޭ."

ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ސުއޫދު (ކ)، މަހާޒު (މ)، އަޒްމިރަލްދާ (ވ) ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި: އަލީ ހުސެއިން ހުށައެޅުއްވި މައްސަލައާ ގުޅިގެން ތިން ބޭފުޅުންގެ މަގާމު ގެއްލުނު

އަޅުގަނޑުގެ ޕޮޑްކާސްޓް "މޫސާ ލަތީފް"ގައި އަލީ ހުސެއިން ވާހަކަ ދެއްކެވީ މަހާޒް އާއި އަޒްމިރަލްދާ އިއްޔެ ވަކިކުރުމުގެ ކުރިންނެވެ. އެ އިންޓަވިއުގައި އަލީ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމުން އޭނާ ވާހަކަ ދެއްކެވި ގިނަ ވަކީލުންނާއި ސިޔާސީ މީހުންގެ ވެސް ވިސްނުމަކީ ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލާނެ ކަމެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ރައްޔިތުންގެ މަޖިލިހުގެ ޒިންމާއެކެވެ.

ނަމަވެސް އަލީ ގަބޫލުކުރެއްވީ ގާނޫނުއަސާސީގައި އަސާސީ އޮނިގަނޑެއް އޮންނާނެ ކަމެވެ. އެ ގާނޫނު ބިނާވަނީ އެ އޮނިގަނޑަށެވެ. އެހެންކަމުން ގެންނަ އިސްލާހެއް ވެސް ގެނެވޭނީ އެ އޮނިގަނޑުގެ އަސާސީ ސިފަތައް ބަދަލުނުވާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލިހަކީ ދައުލަތުގެ މުޅިން މިނިވަން ތިން ބާރުގެ ތެރެއިން އެއް ބާރެވެ. އެހެންކަމުން އެ ބާރުގެ މިނިވަންކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ވެސް އެއްވެސް ކަހަލަ އިސްލާހެއް ނުގެނެވޭނެ އެވެ. ގާނޫނުއަސާސީ ހަދާފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގައި ފިތިފައި ތިބޭ ބައެއްގެ ގޮތަކު ނޫނެވެ. ސިޔާސީ ޕާޓީއެއްގެ ވާހަކަ، ރައްޔިތުންގެ މަޖިލިހުގެ ބާބުގައި ނުވެސް ނެތެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހަށް ރައްޔިތުން ހޮވާ ބަޔަކު، ސިޔާސީ ޕާޓީއަކުން ވަކިވާ ހިސާބުން، ނުވަތަ ވަކިކުރާ ހިސާބުން އޭނާގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ، އަލީ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ދުވަސް ދުއްވާލުމެވެ.

"ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހެއް އެއީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އަސާސީ އޮނިގަނޑާ ހިލާފުވާ ކަމަކަށް ވެގެން ނުުވާނެ،" އަލީ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހޭ މިކިޔަނީ ސިޔާސީ ޕާޓީއަކަށް ނޫން. ރައްޔިތުންގެ މަޖިލިހުގައި ތިބޭނީ މެމްބަރުންތަކެއް. މެމްބަރުންތަކެއްގެ މައްޗަށް އެކުލެވޭ ތަނެއް. އޭގެ ޒާތުގައި ރައްޔިތުންގެ މަޖލިހުގެ ކޮންމެ މެމްބަަރަކީ މިނިވަން މުސްތަގިއްލު މީހެއް. އެމީހާ ނިސްބަތްވާ ޕާޓީން ބޭނުންހާ ކަމެއް ކުރެވޭ ގޮތަކަށް ނޫން ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ. ގާނޫނުއަސާސީގައި އެ ވާހަކަ ލިއެފައި އޮތީ."

މިއީ އެންމެ އިތުބާރު ބޮޑު ސުޕްރީމް ކޯޓު

ސިޔާސީ ފިކުރު ހުރި ގޮތުން ދެބަސްވާނެ މީހުން އުޅޭނެ އެވެ. އެކަމަކު ހަގީގަތަށް ބަލާ ނަމަ ބޭރުކުރި ތިން ފަނޑިޔާރުންނާ އެކު އޮތް ސުޕްރީމް ކޯޓަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ މިނިވަން، އެންމެ އިލްމީ ބަހުސްތައް ފެނުނު ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓުގައި ކިރިޔާ ވެސް ލައްގަނޑެއް ޖެހިފައި އޮތް ނަމަ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ފުރަތަމަ ހުކުމް އިއްވެވި އަލީ ރަޝީދު ސުޕްރީމް ކޯޓަށް ކުއްލިއަކަށް ގެނައުމެވެ. އެއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހާއި އެމްޑީޕީ ސަރުކާރުން އެޅި ގޯސް ފިޔަވަޅެއް ކަމަށް، އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި އެވެ.

ނަމަވެސް އަލީ ރަޝީދު އިއްވެވި ހުކުމް އެ ސުޕްރީމް ކޯޓުން ބާތިލްކޮށް ޔާމީން މިނިވަން ވެސް ވި އެވެ.

ސުޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމަކާ މެދު އެންމެން ހިތްހަމަޖެހޭކަށް ނުޖެހެ އެވެ. އަލީ ވެސް ގަބޫލުނުކުރައްވާ ކިތައްމެ ހުކުމެއް އެ ކޯޓުން ކުރި އެވެ. ނަމަވެސް އޭނާއަށް އޮތް ޔަގީންކަމަކީ ފައިސާ އާއި ރިޝްވަތު ދީގެން އެ ކޯޓުގެ ހުކުމްތައް ބަދަލުނުކުރެވޭނެ ކަމެވެ.

"މިހާރު ވެސް [އަޅުގަނޑު] މައްސަލަ ހުށައެޅި ސުޕްރީމް ކޯޓުގައި ނުހުންނާނެ ގަނެވޭނެ ފަނޑިޔާރެއް. ދެން ބިރު ދައްކައިގެން، ނުފޫޒު ފޯރުވީމާ ފޮރުވޭކަން އެބަ އެނގޭ މިހާރު. އެހެންނަމަވެސް ރިޝްވަތު ދީގެން، ފައިސާ ދީގެން އެކަމެއް ނުކުރެވޭނެ،" އަލީ ވިދާޅުވި އެވެ.

"އެ ބޭފުޅުން އަމިއްލައަށް މަސައްކަތްކުރަން ދޫކޮށްލައިފި ކަމަށްވާ ނަމަ މިނިވަންކަމާ އެކު މަސައްކަތްކުރަން ހަމަ ރަނގަޅު ސުޕްރީމް ކޯޓެއް އެއީ... މިއީ މިހާތަނަށް ފެނުނު އެންމެ ރަނގަޅު ސުޕްރީމް ކޯޓް."

ރައްޔިތުން ބޭނުންވަނީ އަލަގަހަކުން ކެޔޮ ނިރެއް ފަޅުވަން

މައްސަލައަކީ އެއްވެސް ސަރުކާރެއްގައި ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ފުރުސަތު ނުދިނުމެވެ. ކޮންމެވެސް ކަހަލަ ހުރަސްތަކެއް، ކޮންްމެވެސް ގޮތަކުން ފޯރުވުމެވެ. ފޯރުވަން އުޅުމެވެ.

އަލީ ވިދާޅުވި ގޮތުގައި 11 ނޮވެމްބަރު 2008ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފުރުތަމަ ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނީ ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތެވެ. ނަމަވެސް އެކަމެއް ނުކުރައްވަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުއަށް ވެސް އެ ފުރުސަތު ލިބިވަޑައިގަތެވެ. ނަމަވެސް އެކަމެއް ނުކުރައްވަ އެވެ.

އިންތިހާބެއްގެ ވޯޓު ފޮއްޓެއް: ކޮންމެ ފަސް އަހަރަކުން ވެރިކަމަށް ބޭފުޅަކު ގެންނަނީ ރައްޔިތުންގެ ވޯޓުން. އެއީ ކެޔޮ ނިރެއް ފަޅުވަން ރައްޔިތުން އިންދާ އަލަގަހެއް ކަމަށް އަލީ ހުސެއިން ގަބޫލުކުރައްވާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ކޮންމެ ވެރިކަމެއްގައި މި ފެންނަނީ ހަމަ ސާފުކޮށް ޖުުޑިޝަރީއަށް، ފަނޑިޔާރުގެއަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ހުކުމެއް ކުރަން އޮންނަ ތަނެއްގެ ގޮތުގައި. ކޮންޓްރޯލްކޮށްގެން މަސައްކަތްކުރަނީ. ވަކިން ހާއްސަކޮށް ސަރުކާރާ ދެކޮޅަށް އެއްވެސް މައްސަލައެއް ނުނިންމާ ތަނެއްގެ ގޮތުގައި ބާއްވަން،" އަލީ ވިދާޅުވި އެވެ.

"އެހެންވީމާ މި ވީ ގޮތުން، އަޅުގަނޑު ހުށައެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް [ބޭރު]ކުރީމާ ދެން ކޮން ފަނޑިޔާރަކަށްތޯ ކެރިވަޑައިގަންނަވާނީ ދައުލަތާ ދެކޮޅަށް އެއްވެސް މައްސަލައެއް ނިންމަން؟ ސަރުކާރާ ދެކޮޅަށް ބަހެއް ވެސް ވިދާޅުވާން ކޮން ފަނޑިޔާރަކަށްތޯ ކެރިވަޑައިގަންނަވާނީ؟"

އޭނާ ސިފަކުރެއްވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން އުއްމީދުކުރަމުން މި އަންނަނީ އަލަގަހަކުން ކެޔޮ ނިރެއް ފަޅާނެ ކަމަށެވެ. ކޮންމެ ފަސް އަހަރަކުން އިންދަނި އަލަގަހެކެވެ. އެއީ ކެޔޮ ނިރެއް ފަޅާނެ ކަމަށެވެ. ނަމަވެސް އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫނެވެ.

"ކިތައް ފަހަރު، ކިތައް އަހަރު ވީމާތޯ އަޅުގަނޑުމެން ގަބޫލުކުރާނީ އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެކަން؟" އަލީ ސުވާލުކުރެއްވި އެވެ.

އޭނާގެ ވާހަކައާ މެދު ވިސްނަން ތިބީ ވެސް ރައްޔިތުންނެވެ. މި ހިނގާ ހުރިހާ ކަމެއް ބަލަމުން އެ އަންނަނީ ވެސް ރައްޔިތުންނެވެ.

ކޮމެންޓް (8)

ރައްޔިތުން ވިސްނާ

15 މޭ 2025
ރައްޔިތުން ނިކުންނަންވީ ފަނޑިޔާރުގެ މިނިވަން ކުރުމަށް. އާދަމް ޝާމިލް އަދި އޭޖީ އަހުމަދު އުޝާމް ސުޕްރީމްކޯޓު ހުއްޓުވި މައްސަލަ ޕޮލިހުން ތަހުގީގުކޮށް އެކަމުގައި ބައިވެރިވި އެންމެންނަށް ފިޔަވަޅު އަޅަންދެން ދޫނުދީ އަޑުއުފުލާ މަސައްކަތްކުރަންޖެހޭ. ސިޔާސި މީހުން ބޭނުންހާގޮތެއް ފަނޑިޔާރުންނަށް ހަދާތަން ބަލަން ރައްޔިތުން ތިބެންޏާ މިކަން ނުހުުުުުުއްޓޭނެ. މީއެންމެ ރަނގަޅު ވަގުތު މިކަން ކުރަން.
0 3

ފަސްދޭތެރެގުއިފެންވަރާމީހާ

15 މޭ 2025
ދެދައުރު ދިނުމުންވެސް ކުރަންޖެހޭކަންތައް ނުކޮށް ބޭކާރު އަނގަތަޅަނީ. ގޮނޑިހޫނުވިކަންފިޔަވާ އިތުރުކަމެއްނުވި.
3 0

ރަދުން

15 މޭ 2025
މޮޅު ވާހަކަ ދައްކަން އެނގޭނީ މީނަޔަށް، މާ ކްލީން މީހަކަށް ވެގެން އޫޅޭއިރު ޕީ.އާރ ޖެއްސުން ނޫން ކަމެއް ކުރާކަށް ނޭނގެ. މަޖިލީހުގަ ކަލޭމެންގެ ސުޕަރ މެޖޯރިޓީގަ ޖޭ.އެސް.ސީ އާ ތަންތަން ވައުދުވިގޮތަށް އިސްލާހު ނުކޮށް މިހާރު ދެން ކީކޭ ކިޔާކަށް.
3 0

09ތޔތރރ

15 މޭ 2025
ތިއުޅޭ ވަކީލުންގެ ކަންތައްވެސް ވަކި ދެރެއެއް ނޫނެއްނު. މީހަކު ވަކިުކރާއިއަރަށް ހޮރުން ނިކުމެ ބުނާނެ އޭ ގޯހޭ. އަސްލުމައްސަލއަށް ޖުޑިސަލް ކަމިސަނުން ސިޔާސި މިނިވަނ ްކުރަން ކުރިކަމެއް ހަރާން. ދެން މީ ނޫސްތަކުން އެމީހުން ކައިރީ މިވާހަކަ ނާހާ އެތިބީ ލަދުން. ހާޑް ނުވާން. ކީއްވެތޯ އެންޑިޕީ ލޯޔަރުން އެބުނާ ރިފޯމިސްޓޫން އަސްލުމ ައްސަލަ ހައްލުުކުރަން ނުހުއްޓި އެކަން ވަންދެން ނޫޅޭނީ. ކޮންމެ މީހަކުވެސް ބޭނުންވަނީ ލާރި. އެނިމުނީ. ހުސްފޭކުން
3 0

ަރައްޔިތު އަހަންމަދު

15 މޭ 2025
އަނެއް ހަކަންތައް. ވާ ގޮތަކި ލޯޔަރުންވެސް ކެރިއަރު ވެފައި ލާރި ނަގަ ނަގާ ތިބެނީ. އެންމެންނަށްވެސް އެނގޭ އަސްލު މައްސަލައަކީ ޖުޑިސަލ ްކަމިސަންގައި ސިޔާސި މީހުން ތިބުންކަން. އެކަން ކުރަން ޕްރެސަރު ނުކޮށް ގާސީއަކު ވަކި ކުރާއިަރަށް އޭ ނުކުރާށެ ކިޔާލަ ކިޔާލަ އަސްލު މައްސަލައަސް ވާހަކަ ނުދައްކާ ކަމެއ ްނުކޮށް ތިބެނީ އެމީހުންނަށްވެސް މިގޮތް ރަގަޅޫ ވީމާ ސިޔާސީ ވެަފއި ތިބި ވަުރން ދުނިޔޭގެ ފައިދާ ބޭނުންވާތީ. ދެން ދޭނެ މިކަހަލަ އިންޓަރވިއު. ނޫސްވެރިއާއަށް ވަރަށް ސަލާން. އެފަދަ އެއްވެސް ސުވާލެއް އަސްލު މައްސަލައަށ ްނުކޮށް ތިއޮތީ ޕީއާރު ދީފަ. ވާޖިބު އަދާކޮށްފަ. ވައްސަލާމް
5 1

ޢަސަރު

16 މޭ 2025
@ަރައްޔިތު އަހަންމަދު ބަލަގަ އެކަންވާނީވެސް ސަރުކާރުން ބޭނުންވީމާ ނޫންތަ،މިގައުމަށް އަލަށް އަދިމިއައީ ދީނީ ސަރުކާރެއް، މިސަރުކާރުން ބޮލުރޮދިކެނޑިގެންއުޅޭތީ މައްސަލަޔަކީ
0 0

ކެންދޫމާހިރު

15 މޭ 2025
މީގެކުރިން ފަނޑިޔާރުންތަކެއް އެއިރުގެ ސަރުކާރުން ހިތިހުރި ގޮތަކަށް ވަކިކުރަމުން ދިޔައިރު ތިޔަ އަލީކަމެއް ނުވަތަ އަލީއާ ވައްތަރު މީހެއްކަމެއް ނޭގެ މަޖިލިސްގައި އިން ކަހާތަން އިރުވާވެސް ނުލާ އެއްމެ ފަހުން އެމްއެމްޕީއާރްސީގެ ލިސްޓެއް ނުކުމެގެން ނަންއޮތީމަ ބުނީ އެއީ އަދީބަށް މައްސަކަތްކޮއްދީނަމަ ދިން އުޒާރައޭ އަލީމެން އުޅުނީ މީގެކުރިން އަލީހަމީދުމެން ލައްވާ ނެރުނުކަހަލަ ހުކުމެއް ނެރެންވެގެން އެކަމް މިފަހަރު އެކަމެއް ނުވި އެކެއް ފެބްރުއަރީ ހުކުމް ތަންފީޒްކުރާށޭ ކިޔާގެން އެއްމެ އަޑުއަހަރުކޮއް ވާހަަކަ ދެއްކީ ތިޔައަލީ އެކަމް އަލީއަކަށް ނޭގުނު އެހުކުމުގައި ޖޭއެސްސީ އަދި މަޖިލިސްގެ ބާރު ކަނޑުވާލާފަ އޮތްކަމެއް ތިޔަ އުޅެނީ ކެންދޫ ދާއިރާގެ ގޮނޑި ނުލިބިގެން އެކަމުގެ ހިތާމައިގައި..
3 2

ސިކުނޑި

15 މޭ 2025
އަލީ ދެރަވާނެކަމެއްނެތް! މިކަމުގައި ލަދު ގަންނަން ޖެހޭނީ ސަރުކާއި މަޖިލިސް! ކުރީ ސަރުކާރުތަކުންވެސް ޖުޑިޝަރީއަށް އަތްބޭނި! އެކަމަކު ގާނޫނީ އިމުގެ ތެރެއިން ސަބަބުވެރި އިންސާނަކަށް ގަބޫލު ކުރެވޭގޮތަށް! މި ސަރުކާރުން މިކަން މިކުރީ ޚުދު ރައީސަށްވެސް ގަބޫލު ނުކުރެވޭގޮތަށް! މަޖިލީހުން ސަރުކާރަށް ކުރާ ޖެއްސުމެއްގެ ގޮތުގައި! ކަންކުރަން ނޭނގޭ ބައެއް ސަރުކާރުގައި އުޅޭވާހަކަ އަބަދުވެސް ސިކުނޑި މިދައްކަނީ! ވަޒީރެއް އެބަހުއްޓޭ ގޮއްވަން ރެޑީކޮށްފަ އޮތް ބޮމެއް މި އާބާދީ ބޮޑު މާލެ ތެރޭ އެއްކޮޅުން އަނެއްކޮޅަށް އާދައިގެ ވިހިކަލެއްގައި އުފުލި ބޭފުޅެއްވެސް!
2 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް