ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ހަދަން ނިންމި އައިހޭވަން މަޝްރޫއުގެ ކުރެހުމެއް: އެ މަޝްރޫއުއަށް އިންޑިއާއިން ސީދާ ހުރަސްއެޅި ކަމަށް، 22 ޑިސެމްބަރު 2021 ގައި 'ދިޔަރެސް'އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވި.

ޔާމީން ހަމަ ސީދަލަށް، އައިހޭވަންއަށް ހުރަސްއެޅީ އިންޑިއާ

ކުރީ ސަރުކާރުން ކުރިއަށް ގެންދަން އުޅުނު މި ބިޔަ މަޝްރޫއު ހުއްޓުވަން އިންޑިއާއިން އުޅުނުކަން މީގެ ކުރިން އެގޮތަށް ޔާމީން ވިދާޅުވެފައެއް ނުވޭ
26 ޑިސެމްބަރު 2021

ށ. ފުނަދޫ އެއާޕޯޓް އަޅަން ބިން ހިއްކާ ނިމުން ފާހަގަކުރަން 3 ޖުލައި 2018 ގައި ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން، ވަކި ގައުމެއްގެ ނަން ނުގެންނަވައި އެކަމަކު އައިހޭވަން މަޝްރޫއު ކުރިއަށް ނުގޮސް އޮތް ސަބަބު ކިޔައިދެއްވި އެވެ.

"އަޅުގަނޑުމެންނަކީ ބިޔަ، ބޮޑު ކަނޑެއްގެ ތެރޭގައި އޮންނަ ޖަޒީރާ ގައުމަކަށް ވާއިރު، ގޮނޑުދޮށްތަކަށް ބިޔަ ރާޅުތައް ބީއްސާކަން ހިތަށް [ގެންނަންވާނެ]،" ބަލިވެވަޑައިގެންނެވި ރިޔާސީ އިންތިހާބުގެ ދެ މަސް ކުރިން ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވާހަކަފުޅު ދެއްކެވީ އައިހޭވަން އާއި ފ. އަތޮޅުގައި، ސައުދީ ޝާހީ އާއިލާގެ މަސްލަހަތު ހިމެނޭ ގޮތަށް ހިންގަން ރޭވި ބިޔަ ދެ މަޝްރޫއު ކުރިއަށް ނުގެންދެވި އޮތް ސަބަބުތަކާ ބެހޭ ގޮތުންނެވެ. އޭގެ ތެރެއިން އެކި ސަރުކާރުތަކުން އެންމެ ގިނަ ދުވަހު ހުވަފެން ދެއްކި މަޝްރޫއުއަކީ ރާއްޖޭގެ އެންމެ އުތުރުގައި ހެދުމުގެ ނިޔަތް އޮތް އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރެވެ. އެ މަޝްރޫއުއަށް ޔާމީން ސަރުކާރުން ދިން ނަމަކީ 'އައިހޭވަން' އެވެ.

އޭރު ވެސް އައިހޭވަންގެ މަޝްރޫއުއަށް އިންޑިއާގެ 'ނުރުހުން' އޮންނަ ކަމަށް ވާހަކަދެކެވެ އެވެ. އިންޑިއާއާ އެންމެ ކައިރި ސަރަހައްދުގައި ދުނިޔޭގެ އެހެން ބޮޑު ގައުމެއްގެ ނުފޫޒު އޮންނަ ގޮތަށް ބައިނަލްއަގުވާމީ ބަނދަރެއް ހަދަން ހުރަސްއެޅުން ކައިރި ނަމަވެސް ޔަމީންގެ ވާހަކަފުޅު އެދުވަހު އެހާ ތިލައެއް ނުކުރައްވަ އެވެ.

އެކަމަކު ވެރިކަން ގެއްލުނުތާ ތިން އަހަރު ފަހުން، މި މަހު 22 ގައި، އެ މަނިކުފާނު ހަމަ ސީދަލަށް އިންޑިއާގެ ނަން މިވަނީ ގެންނަވައިފަ އެވެ. 'ދިޔަރެސް' އަށް ދެއްވި އިންޓަވިއުއެއްގައި އައިހޭވަން މަޝްރޫއުއަށް ހުރަސްއެޅީ އަވަށްޓެރި ގައުމަކުންނޭ ސުވާލުކުރުމުން، އެއްވެސް އެއްޗެއް ހިފެހެއްޓެވުމެއް ނެތި، ހަމަ ސީދަލަށް، ޔާމީން ވިދާޅުވީ އެއީ އިންޑިއާ ކަމަށެވެ.

އެއްބަޔަކަށް [މުޅި މަޝްރޫއު] ދޭން ނިންމާފައެއް ނޫން [އޮތީ].

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިހޭވަން މަޝްރޫއުއާ ބެހޭ ގޮތުން

ރާއްޖޭގެ ބައެއް ކަންކަމަށް އިންޑިއާއިން ހުރަސްއަޅާކަމުގެ ވާހަކަތައް ޔާމީންގެ ދޫފުޅުން އަންނަން މި ފެށީ މަނީ ލޯންޑަރިންގެ ކުށުން ސަލާމަތްވެވަޑައިގެން، އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އެ މަނިކުފާނު އިސްކޮށް ހުންނަވައި ޕީޕީއެމް ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕޭންގެ ހޫނުގަނޑުގެ ތެރޭގަ އެވެ. އަސްކަރީ ޑޯނިޔާ މަތިންދާބޯޓާއި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ އެވެ. ޔާމީންގެ ސަރުކާރުގައި ވެސް ތިއްބެވެ. އެކަމަކު އިންޑިއާ ދުރުކޮށް ޗައިނާއާ ކައިރިވުމުގެ ސިޔާސަތާ އެކު، ވެރިކަމުގެ ފަހު އަހަރުތަކުގައި، އިންޑިއާ ސިފައިންނަށް ވިސާ ނުދީ ހިފެހެއްޓި އެވެ. މި ފިޔަވަޅާ އެކު ވެސް އިންޑިއާގެ އެތިބި ބަޔަކު ރާއްޖޭގައި ގޮތްދޫނުކޮށް ތިބީ އެވެ.

އިންޑިއާ ސިފައިން ފައިބަން ގޮވާލައި، ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ގައުމީ ކެމްޕެއިންގައި ޔާމީން ހުންނަވަނީ ބޮޑު އަކުރުން 'އިންޑިއާ އައުޓް' ޖަހާފައިވާ ޓީޝާޓް ލައްވައިގެންނެވެ.

ފުރަތަމަ އިންޑިއާ، ނަމަވެސް ކަމެއް ނުވި

ޔާމީން"އިންޑިއާ އައުޓް' ޓީޝާޓްގައި: އައިހަވަން މަޝްރޫއުއަށް އިންޑިއާ ހުރަސްއެޅި ކަމަށް ވިދާޅުވި (ފޮޓޯ/ޕީޕީއެމް)

ކްރިމިނަލް ކޯޓާއި ހައި ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއިން މިނިވަންވެވަޑައިގަތުމަށް ފަހު މީޑިއާއަކަށް ވަކިން ދެއްވި ފުރަތަމަ އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އައިހޭވަންގެ ފީޒިބިލިޓީ ސްޓަޑީޒް ހަދަން ވެސް ފުރަތަމަ ދޭން އުޅުނީ އިންޑިއާއަށް ކަމަށެވެ. އަދި އެ މަޝްރޫއުގައި ހިމެނޭ އެކި ދާއިރާތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު އިންޑިއާގެ ވިޔަފާރިވެރިންނަށް އޮތްކަން ވެސް، އިންޑިއާއަށް އެ މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދެއްވި އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ނުވީ ކަމަށް، ވިދާޅުވި އެވެ.

"އެއްބަޔަކަށް [މުޅި މަޝްރޫއު] ދޭން ނިންމާފައެއް ނޫން [އޮތީ،]" އައިހޭވަން މަޝްރޫއު ޗައިނާއަށް ދީފާނެތީ އިންޑިއާއިން ގަންނަ ބިރަށް އިޝާރަތްކުރައްވާ ޔާމީން ވިދާޅުވި އެވެ.

"ތަފާތު އެކި ކުންފުނިތަކަށް، މަލްޓިނެޝަނަލް ކުންފުނިތަކަށް ދޭން [އުޅުނީ]."

އެ މަނިކުފާނު ވިދާޅުވީ އެއީ "އިންގިލާބީ ބަދަލުތަކެއް ގެންނާނެ" މަޝްރޫއުއެއް ކަމަށެވެ. މަޝްރޫއު ރޭވީ ވެސް އެގޮތަށް ވިސްނައިގެން ކަން ފާހަގަކުރެއްވި އެވެ. އެގޮތުން އިހަވަންދިއްޕޮޅުން ހުރަސްކުރާ ބޮޑެތި އާގުބޯޓުފަހަރަށް ހިދުމަތް ދޭން ޓްރާންޝިޕްމަންޓް ބަނދަރެއްގެ އިތުރުން ތެޔޮ ސާފުކުރާ ކާރުހާނާ އާއި ގެދޮރު ބިނާކުރުމާއި ޓޫރިޒަމްގެ ބައިތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

އައިހޭވަންގެ ފީޒިބިލިޓީ ސްޓަޑީޒް އެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ)އާ ހަވާލުކޮށްގެން ހެދި އެވެ. ޔާމީން ވިދާޅުވީ އެއީ ކާމިޔާބުވާނެ މަޝްރޫއެއްކަން އެ ދިރާސާއިން އެނގުނު ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ އަމިއްލައަށް ބިން ހިއްކުމަށް ފަހު އިންވެސްޓަރުންނަށް ތަން ބިނާކުރަން ހަވާލުކުރަން ކަމަށް، ވިދާޅުވި އެވެ. މިހާރު އެމްޓީސީސީގައި ބޭނުންކުރާ 'މަހާ ޖައްރާފް' އަކީ އެ މަޝްރޫއުއަށް ވިސްނައިގެން ބަން އެއްޗެއްކަން، އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ޔާމީން ސަރުކާރުން އައިހޭވަންގެ މާސްޓާ ޕްލޭން ވެސް، ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ލައްވާ ހެދި އެވެ. އަދި އައިހޭވަންއަށް ބިން ހިއްކަން ޑިސެމްބަރުގައި ފަށާނެ ކަމަށް ނޮވެމްބަރު 2016ގައި ސަރުކާރުން އިއުލާން ވެސް ކުރި އެވެ. ނަމަވެސް ޔާމީންނަށް 2018ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގެންނެވި އިރު ވެސް، އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށެ އެވެ.

ޔާމީން މިހާރު ސީދަލަށް ވިދާޅުވަނީ އޭގެ ސަބަބަކީ އިންޑިއާ ކަމަށެވެ.

އެކަމަކު އަދިވެސް އެ މަޝްރޫއުގެ ހުވަފެންތައް އެ މަނިކުފާނު ދޫނުކުރައްވާކަން އެނގެ އެވެ. 'ދިޔަރެސް' އިންޓަވިއުގައި ވިދާޅުވި އެވެ:

"އެކަން ކުރުމުގައި ދަތިތަކެއް [ހުއްޓަސް، މަޝްރޫއު] ޕާކްކުރީކީ ވެސް ނޫން." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް