ދިވެހި ބަހާ ބެހޭ ހަފުލާއެއްގައި މަޑުލު މުހައްމަދު ވަހީދު ވާހަކަފުޅު ދައްކަވަނީ

ދިވެހި ބަސް

މަޑުލު މުހައްމަދު ވަހީދު: އެފަދަ އެހެން ލިއުންތެރިއެއް އަދި ނެތް

މިނިވަން ހިޔާލަށް ލޯބިކުރެއްވި، ކުރު ވާހަކަތަކާއި އެހެން ލިއުންތަކުން އެތައް ފިލާވަޅެއް ކިއުންތެރިންނަށް ގެނެސްދެއްވި ލިއުންތެރިޔާއަކީ މުޅިން ތަފާތު ފެންވަރެއްގެ ބޭފުޅެއް
14 އޭޕްރީލު 2025
1

މަޝްހޫރު އަދީބު އަދި ދީނީ އިލްމުވެރިޔާ މުހައްމަދު ޖަމީލަށް ފަހު، ދިވެހި ބަހުން އެހާ ފަސޭހަކޮށް ލިއުއްވި، އެހާ ތަފާތު ސްޓައިލެއް ގެންގުޅުއްވި އެހެން ލިއުންތެރިޔަކު، މަޑުލު މުހައްމަދު ވަހީދު ނޫނީ، ނެތެވެ.

މިއީ ޅެންވެރިޔާ އަދި ވަހީދުގެ އަރިސް އެކުވެރިއެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރުގެ ހިޔާލެވެ. ވަހީދުގެ ލިއުންތެރިކަމުގެ ތަފާތުކަން ވިދާޅުވާން ބޭނުންކުރެއްވި ބަސްކޮޅެކެވެ.

މިއަދަކީ ދިވެހި ބަހުގެ ދުވަހެވެ. އެކަމަކު މިއަދު ދިވެހި ބަހަށާއި ދިވެހި ބަހުގެ ލިއުންތެރިކަމަށް ގެނެސްދިނީ އަނދިރިކަމެކެވެ. މަޑުލު ވަހީދު ވަނީ، ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، އުމުރުފުޅުން 77 އަހަރުގައި، މިއަދު އަވަހާރަވެފަ އެވެ.

ހއ. ހޯރަފުއްޓަށް އުފަން ވަހީދުގެ ލިއުންތެރިކަމާއި ދިވެހި ބަހުގެ އިލްމާއި ބަސް ބޭނުންކުރުމާ މެދު، އެންމެންގެ ވެސް އޮތީ ތައުރީފެވެ. އޭނާގެ ޒުވާން އިރުގެ ރީތި، ހިތްގައިމު އަދި އަސަރުން ފުރިފައި ހުރި ކުރު ވާހަކަތައް ލިއުއްވި ލިއުއްވުމާ ދުރުގައި މި ފަހުގެ އަހަރުތަކުގައި އުޅުއްވި ނަމަވެސް، އާންމުންނާ ހަމައަށް ފޯރުކޮށްދެއްވި ލިއުންތަކުގެ މަތިން ހަނދާނެއް ނުނެތޭނެ އެވެ.

"ވަހީދު ލިއާނީ މައުލޫއު އާއި މަގުސަދާ އެއްގޮތަށް ސްޓައިލް ވެސް ބަދަލުކޮށްގެން،" އާމިރު ވިދާޅުވި އެވެ.

އެއީ ލިއުންތެރިކަމުގެ މުޅިން ތަފާތު ހުނަރެކެވެ. އެފަދަ ހުނަރު ހުރި ލިއުންތެރިންގެ ލިއުންތައް އެހެން މީހުންނަށް ކޮޕީކުރަން ވެސް އުނދަގޫވެ އެވެ. މާނައަކީ އެ ސްޓައިލަށް ލިއަން ނޭނގުމެވެ.

އާމިރު ވަނީ އެ ތަޖުރިބާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަހީދުގެ ލިއުންތެރިކަން ކޮޕީނުކުރެވެނީ ކޮންމެ ވާހަކައެއްގައި ވެސް ގެންގުޅުއްވި ސްޓައިލް ތަފާތުވީމަ އެވެ.

"ބަލާބެލުމަށް އިބާރާތްތައް ސާފުކޮށް، ސާދާކޮށް ހުންނާނީ. އެތުރުންތަކާއި ގުޅުންތައް ވަރަށް ބޮޑުވާނެ،" އާމިރު ވިދާޅުވި އެވެ.

"އެއީ ހިތާ ވާހަކަ ދައްކާ ލިއުންތެރިއެއް."

"ހިތަކު ކުލަ ބޮތްކެއް ނުލެވޭނެ"

ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލް 1990ގައި ފާހަގަކުރި އިރު ރާއްޖެ އޮތީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގަ އެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އެކު ނެރުނު 'ސަންގު' އާއި 'ހުކުރު' ކަހަަލަ މަޖައްލާތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުވި އެވެ.

އެ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން މުޅި މާލެ އޮތީ ކުލަ ބޮކިތަކުން ދިއްލައިފަ އެވެ. އެއީ ރާއްޖޭގެ ތާރީހު ވެސް ކުލަ ބޮކިތަކުން އެހާ ބޮޑު ދިއްލުމެއް ދިވެހިންނަށް ފެނުނު ފުރަތަމަ ފަހަރެވެ. ހާއްސަކޮށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދެވެ. 

މަޑުލު ވަހީދާ ބައްދަލުވާ ކޮންމެ ފަހަރަކުހެން އަޅުގަނޑުގެ ހަނދާނަށް ފުރަތަމަ ވެސް އަންނަނީ އެ ހަލަބޮލި ދުވަސްވަރު 'ސަންގު'ގައި އޭނާ ލިއުއްވި ލިއުމެއްގައި ބޭނުންކުރެއްވި ޖުމްލަ އެވެ. މުޅި މާލެ ކުލަބޮކިތަކުން ފުރާލިޔަސް "ހިތަކު ކުލަ ބޮތްކެއް ނުލެވޭނެ" ކަމަށް ސިފަކުރެއްވި ސިފަކުރެއްވުމެވެ.

މަޑުލު ވަހީދު (ކ) އަކީ ސަރުކާރުން އުފެއްދި މޯލްޑިވްސް ފިލްމު ކޮމްޕެނީގެ އިސް ވެރިޔާ. ޔޫސުފް އެންޑް ޒައިނަބްގެ ތަރި މަރިޔަމް ރަޝީދާ (ވ. ދެވަނައަށް) އާއި ފިލްމު ޑައިރެކްޓަރު މިސްރުގެ މުހައްމަދު ހާންއާ އެކު މަރަދޫގައި

ވަހީދަކީ މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމަށް ލޯބިކުރެއްވި، އެކަމަށް އޭރު އިއްވޭނެ ގޮތަށް އަޑު ވެސް އިއްވެވި ބޭފުޅެކެވެ. އޭނާގެ ލިއުންތަކާއި ފާޅުކުރެއްވި ހިޔާލުތަކަށް ސަރުކާރު ހިތްހަމައެއްނުޖެހެ އެވެ. އެހެންކަމުން ސަރުކާރުގައި ވަޒީފާ އަދާކުރައްވަން ވެސް ހުރަސްތައް ކުރިމަތިވެވަޑައިގަތެވެ. އޭގެ ނަތީޖާއަކީ ދިރިއުޅުން 'ގުރުބާންކުރުމަށް ވުރެ' އޭރެއްގެ ހާލަތަށް ދޫދެއްވުމެވެ. އޭނާގެ މިނިވަން ހިޔާލުތައް އެއްފަރާތްކޮށް ރަސްމީ ޒިންމާއަށް އިސްކަން ދެއްވުމެވެ.

މައުމޫން ސަރުކާރުގައި ވަހީދަކީ އުއްމީދީ ޒުވާން އަދި ކުރިއަށް ވަޑައިގަތުމުގެ ފުރުސަތުތައް ވެސް ހުޅުވުނު ވެރިއެކެވެ. އޭރު ސަރުކާރުން އުފެއްދި އެކަމަކު ބަނގުރޫޓްވި މޯލްޑިވްސް ފިލްމު ކޮމްޕެނީގެ ޑިރެކްޓަރުގެ މަގާމު ހަވާލުކުރީ ވަހީދުއާ އެވެ. އެ ކުންފުނިން އުފެއްދި ހަމައެކަނި ބޮޑުސްކްރީން ފިލްމު، ޔޫސުފް އެންޑް ޒައިނައިބްގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އެވެ. އެއީ ދިވެހި ބަތަލާ މަރިޔަމް ރަޝީދާ އާއި މިސްރުގެ ބަތަލެއް ހިމެނޭ އަދި މިސްރުގެ ޑައިރެކްޓަރެއް ކަަމަށްވާ މުހައްމަދު ހާން ޑައިރެކްޓްކުރި ފިލްމެކެވެ.

ފިލްމު ކޮމްޕެނީގެ އިސް މަގާމު ވަހީދުއާ ހަވާލުކުރީ އޭރުގެ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑައިރެކްޓަރަކަށް ވެސް ހުންނެވުމުންނެވެ. އޭގެ ފަހުން ވަހީދަކީ ރާއްޖޭގެ ފުރަތަމަ ޑިރެކްޓަ ޖެނެރަލްގެ މަގާމު ލިބިވަޑައިގެންނެވި އެއް ބޭފުޅެވެ.

ލިއުންތެރިކަމުގެ ހިޔާލުތައް ވަހީދުގެ ސިކުނޑީގައި އޮތްލެއް ބޮޑުކަމުން ސަރުކާރުގެ އެ ޒިންމާތަކާ އެކު ވެސް އެކި މައްސަލަތަކާ މެދު އޭނާގެ ލިއުންތައް ދޭތެރެ ދޭތެރެއިން އާންމުކުރެ އެވެ. ހާއްސަކޮށް ކުރު ވާހަކަތަކެވެ. އެއީ އޭރުގެ އިޖުތިމާއީ އެތައް މައްސަލަތަކެއްގެ ސިފަކުރުންތަކެވެ. މާނަ ހުރި އުފެއްދުންތަކެވެ.

ސިކުނޑީގައި އުފެދޭ ހިޔާލުތައް، އޭރަކު އޮންނަ އިޖުތިމާއީ މިންގަނޑު ތެރޭގައި، މޮޅަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިނިވަންކަން ނެތް އިރެއްގައި، އެގޮތުން ލިއާ ލިއުންތަކުގައި ފޮރުވާފައި ހުންނަ މާނަތައް ވަރަށް ގިނަވާނެ އެވެ. ވަހީދުގެ ތަފާތަކީ އޭނާގެ ސާދާ ހުށައެޅުންތަކުން އެހާމެ ފަސޭހަކޮށް ވެސް ކިއުންތެރިންނަށް އެ މާނަ ތިލަކުރެވުމެވެ.

ހިތުގެ އާލާސްކަންފުޅު

'ސަންގު' އާއި 'ހުކުރު'ގެ ޒަމާން، މަދު މަސްކޮޅެއްގެ ތެރޭގައި، ހިނގައްޖެ އެވެ. އޭގެ ފަހުން ރާއްޖެ އަނެއްކާވެސް އެނބުރުނީ 'ހިމޭން' މުސްތަގުބަލަކަށެވެ. ވަހީދުމެން ކަހަލަ ލިއުންތެރިން އެ ބޭފުޅުންގެ މަތީ ހުނަރު ވަންހަނާކުރައްވައި، ދިރިއުޅުމައިގެން ކުރިއަށް ވަޑައިގަތީ އެވެ. ސަރުކާރުގެ ވަޒީފާގައި، އެ ވަޒީފާގެ ޒިންމާ ނަންގަވަން ހުސްވެވަޑައިގަތީ އެވެ.

ސަރުކާރުގެ ރަސްމީ ދަތުރެއްގައި އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ހާޓްއެޓޭކެއް ޖެހުނެވެ. އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ. ރާއްޖޭގައި ހުންނެވި ނަމަ އެއީ މަރުގެ އެތިފަހަރަކަށް ވުން ކައިރި އެވެ. ނަމަވެސް ސިއްހީ ގޮތުން ދުނިޔޭގެ އެންމެ ތަރައްގީ އެއް ގައުމުގައި އެ ވަގުތު ހުންނެވުމަކީ ނަސީބެވެ. ބައިޕާސް އޮޕަރޭޝަނަކަށް ފަހު އާންމު ހާލަތަކަށް ދިރިއުޅުން ގެނެވުނެވެ.

ކުރީގެ ސަރުކާރުން ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަން ދެއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި އެހެން މުޝީރުންނާ އެކު މަޑުލު ވަހީދު (ވ)

އޭގެ ފަހުން ދިގު މުއްދަތެއް ހޭދަކުރެއްވީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ މަރުކަޒުގަ އެވެ.

ވަހީދުގެ މައުލޫމާތުގެ މުއްސަނދިކަމާއި ދުނިޔޭގެ ކަންކަން އެނގިވަޑައިގަންނަވާލެއް ފުރިހަމަކަމުގެ ފައިދާ ޒުވާން ނޫސްވެރިންނަށް ވެސް ބޮޑެވެ. އަޅުގަނޑަކީ އޭގެ ތެރެއިން އެކެވެ. ވަހީދުގެ ހެޔޮ ބަސްފުޅުތަކާއި މަގުދެއްކެވުމުގެ އެހީތެރިކަން ލިބުނެވެ. 'ހަވީރު'ން ހިންގި ނޫސްވެރިކަމުގެ ތަފާތު ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވަން އަބަދުވެސް ދައުވަތު ދޭ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އޭނާގެ ކޮންމެ ބައްދަލުވުމަކީ ވެސް ނަސޭހަތުގެ ވަގުތުކޮޅެކެވެ. އިތުރަށް ލޯ ހުޅުވާލަދެ އެވެ. ހިތްވަރު ދެއްވަ އެވެ.

ދުނިޔެއިން ވަކިވިޔަސް ބައެއް މީހުންގެ ހަނދާންތަކަށް ނިމުމެއް ނާންނާނެ އެވެ. ވަހީދުގެ ހަނދާންތައް އެހުރީ އެވެ. އޭނާގެ ކުރު ވާހަކަތައް ހިމެނޭ ދެ ފޮތެއް ޗާޕްކޮށްގެން ނެރުނެވެ. އެއިން ކޮންމެ ވާހަކައަކީ ވެސް ދިވެހި ބަހަށް މުތެކެވެ. ދިވެހިން ތަޖުރިބާކުުރި އެތައް ކަމެއްގެ އަސަރުތަކެވެ. މިހާރު މި ދެކޭ ޒަމާނީ ރާއްޖެއެއް ނޫނެވެ. އެހެން ރާއްޖެއެއްގެ  ސިފަކުރުންތަކަކާއި އެހެން ދިވެހިންތަކެއްގެ ދިރިއުޅުމެވެ.

ކިޔާ މީހަކަށް އެއީ އިބްރަތްތަކެވެ. ދިވެހި ބަހުގެ ރީތިކަމާއި އެ ރީތިކަން ބޭނުންކުރަން އެނގޭ ހުނަރުވެރިންގެ ކުޅަދަނާކަން ވިސްނާލެވޭނެ އެވެ.

މަޑުލު ވަހީދަކީ، އާމިރު ނޫނަސް، އެތައް ބައެއްގެ ނަޒަރުގައި، ދިވެހި ބަހުގެ ލިއުންތެރިކަމުގައި އެއްވަނަ އެވެ. އެފަދަ ދެވަނައެއް އަދި ފެންނާކަށް ވެސް ނެތެވެ.

ކޮމެންޓް (1)

ޝަފީގު މުހަންމަދު Avatar

ޝަފީގު މުހަންމަދު

15 އޭޕްރީލު 2025
ވަރަށް ފުރިހަމަ ކުރު ބަޔާނެއް : ވަހީދު ފެނިގެން ދަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް