އާޓިފިޝަލް ބީޗުގައި ބަހައްޓާފައި ހުރި ޑަސްބިން ކައިރި ކުނިން ފުރިފައި (ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުނީގެ މައްސަލަ

ކުނި ވާހަކަ: އެނގޭ އެކަމަކު ފަރުވާލެއް ނެތް

މަގުމައްޗަށް އުކާލާ ކުނި ގޮސް ގުޅެނީ، އެ މީހަކު އުޅެން ޖެހިފައިވާ މާހައުލާ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ގަބޫލުކުރޭ

ރަށުތެރޭގެ އެކި ތަންތަނަށް، ހަމައެއްލަމައެއް ނެތި ކުނި އެޅުމާއި ކުނި ނައްތާލުމާ ގުޅޭ ގޮތުން މީހުން ހޭލުންތެރިވެފައިވަނީ ކިހާ ވަރަކަށްތޯ ދެތިން މީހެއް ކައިރީ އެހީމެވެ. އެކަކީ ކުންޏާ ގުޅޭ ކަންކަމުގެ ތަޖުރިބާކާރެކެވެ. އަނެކަކީ ކުނީގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ފަދަ ގެސްޓްހައުސްތަކެއް ހިންގާ މީހެކެވެ. ދެން، ޑައިވިން ދާއިރާގެ ތަޖުރިބާކާރެކެވެ.

އެ ސުވާލަށް ތިން މީހުން ވެސް ދިނީ އެއް ޖަވާބެކެވެ؛ ކުނި އެޅުމާ ގުޅޭ ގޮތުން މީހުން މިހާރު ވަރަށް ހޭލުންތެރިވާނެ އެވެ. ކުންޏަކީ ކޮބައިކަމާއި އެއަށް ހަދަން ޖެހެނީ ކިހިނެއްކަން އެންމެންނަށް ވެސް އެނގޭނެ އެވެ. އެކަމަކު މިހާ ހޭލުންތެރި އިރު ވެސް މަގުމައްޗާއި ގޮނޑުދޮށާއި މޫދަށް ކުނި އަޅާ ސަބަބާ މެދު، އެ ތަޖުރިބާކާރުންގެ މެދުގައި ހިޔާލުތަފާތުވި އެވެ.

ގެސްޓްހައުސް އޯނަރު ހަސަން ނަޝީދުގެ ނަޒަރުގައި އެއީ ހަމަ ވަރަށް ވިޔާނުދާވެގެން، ގޮތެއް ނެތް ބަޔަކު ކުރާ ކަމެކެވެ. އޭގެ ގެއްލުމާއި ހަލާކު ހަމަ އެނގިގެން، އެކަމަކު ވެސް ގޮތް ދޫކުރަން ބޭނުން ނުވެގެން ކުނި އަޅަނީ އެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދުގައި ޑަސްބިން ބަހައްޓާފައި ހުރި އިރު ވެސް ހުސްފުޅިތައް މޭޒުމައްޗަށް ދޫކޮށްލާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ދެން އެހެން ކޮން ކަމެއްތޯ؟ ކިހާ ދުވަހެއް ވެއްޖެތޯ ކުނީގެ ވާހަކަ މިހާރު ދައްކާތާ؟ އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެ އޭނާ އެއްލައިލާ ނެޕީ އާއި ޕްލާސްޓިކް ވަކިކުރަން،" އަރިއަތޮޅުގައި ގެސްޓްހައުސް ހިންގާ، ޒުވާން ވިޔަފާރި ވެރިޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ރަށުގެ ވަށައިގެން، ކަރުދާހާއި ޕްލާސްޓިކާއި ނުބައިވާ ޒާތުގެ ކުނި އަޅާ ޑަސްބިން ބަހައްޓާފައި އެބަ ހުއްޓެވެ. ކޮންމެ އެއްޗެއްގައި ވެސް ހުންނަނީ ލޭބަލް ހަރުކޮށްފަ އެވެ. އެކަމަކު ކުނި އުކާލަން ދާ މީހުންނަށް ޖެހެނީ ރީސައިކަލް ޑަސްބިނުގެ ތެރެއިން ދޮންކެޔޮތޮށި ނަގައި ކާތަކެތި ޑަސްބިނުން ޕްލާސްޓިކް ފުޅި ނަގާށެވެ.

މީހުންނަށް ނޭނގުމަށް ވުރެ އޭނާގެ ނަޒަރުގައި ހަމަ ކަންނެތީ އެވެ. 

މި މައްސަލައިގައި ހަސަން ހުރީ ވަރަށް ރުޅި ގަދަވެފަ އެވެ. އެކަމަކު ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު، ހުސެން ރަޝީދު (ސެންޑީ) ހުރީ ހަމަޖެހިފަ އެވެ. އޭނާއަށް މީގެ ދެ ފަރާތް ހުރީ ތަޖުރިބާކުރެވިފަ އެވެ.

ޑައިވިންގެ މަސައްކަތާއި އުޅެބޮޑުވި މާލެ ދޫކޮށް، މީގެ ހަތް އަހަރު ކުރިން ބ. ފުޅަދުއަށް ހިޖުރަކޮށްގެން އުޅޭ ސެންޑީ ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ އެ ރަށަށް ދިޔައިރާއި މިހާރު ވަރަށް ބޮޑަށް ތަފާތެވެ. ކުރިން އޭނާއަށް ފެނުނީ ގޮނޑުދޮށަށް ކުނި އަޅާތަނެވެ. އެކަމަކު މިހާރު، ކުނި އަޅައި އަދި ނައްތާލަން ވަކި ތަނެއް ހާއްސަކޮށްފައި ހުންނައިރު، ހުރިހާ އެންމެން ވެސް އެކަމަށް ސަމާލުކަން ދޭކަމަށް ބުންޏެވެ.

ހުޅުމާލެ ބީޗު ސަރަހައްދަށް ކުނިއަލާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު އޭނާގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރީ ފުޅަދު އާއި ބައެއް ރަށްރަށުގައި ކުނި ނައްތާލާ ގޮތެވެ. އޭނާއަށް ފެންނަނީ ޕްލާސްޓިކް ވެސް އަންދާތަނެވެ.

ސެންޑީ ބުނިގޮތުގައި ފުޅަދު އާއި ކައިރި ބައެއް ރަށްރަށުގައި ވެސް ކުނި ނައްތާލަނީ އަންދައިގެންނެވެ. ޕްލާސްޓިކެއް އެހެން އެއްޗެއް ނުބަލަ އެވެ. އެކަމަކު އެއީ ސިއްހަތަށް ކިހާ ނުރައްކާތެރި ކަމެއްކަން މީހުންނަށް އިހުސާސްނުވާ ކަމަށް އޭނާ ބުންޏެވެ.

"ޕްލާސްޓިކް އެންދުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އެއީ މިފަދަ ޒަމާނެއްގައި މީހުން ކުރަންވާވަރުގެ ކަމެއް ވެސް ނޫން،" އެކި ރަށްރަށަށް ދަތުރުކޮށް، ތިމާވެއްޓާއި ކުނި ނައްތާލުމާ ގުޅޭ ގޮތުން މައުލޫމާތު ވެސް ފަތުރަމުން އަންނަ ޑައިވަރު ބުންޏެވެ.

އޭނާ ދެކޭގޮތުގައި އޭގެ ބޮޑު މަންޒަރު ގޮސް ގުޅެނީ ކަމާ ގުޅޭ ދައުލަތުގެ ސިޔާސަތުތަކާ އެވެ. ރާއްޖެ ފުރެންދެން ޓޫރިސްޓުން އައިސް، އެއިން ކޮންމެ މީހެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ނެގި ނަމަވެސް އޭގެ ފައިދާ ރައްޔިތު މީހާއާ ހަމައަކަށް ނާދެ އެވެ. އެންމެ ކުޑަމިނުން މަގުމަތި ސާފުކުރަން ތިބޭ މީހުންނަށް އޭގެ މަންފާ ކުރަން ޖެހޭނެ ކަމަށް ހުސެން ރަޝީދު ގަބޫލުކުރެ އެވެ. ނޫނީ، ޕްލާސްޓިކް ނައްތާލާ މެޝިނެއްގެ އަގު 2،000 ޑޮލަރަށް ވުރެ ބޮޑު ނޫން އިރު، ޓެކްސް ފައިސާއިން އެ ވަރު ރައްޔިތުންނަށް ދެެވެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް ސަރުކާރަށް ނިންމިދާނެ ނޫންތޯ، ގްރީންޓެކްސްގެ %10، ކަމާ ގުޅޭ މަސައްކަތްތަކާއި ކަންކަން ހިންގަން ރަށްރަށަށް ދިނުމަށް. މިއީ ވެސް މީގެ ފައިދާ ކުރާނެ ކަމެއް ނޫންތޯ،" ހުސެން ރަޝީދު ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ލޯކަލް ޓޫރިޒަމް ތައާރަފްވުމާ އެކު ގޮނޑުދޮށަށް ކުނި އެޅުމާއި ޖެހުނު ތާކަށް ކުނި އުކުން ގިނަ ރަށްރަށުގައި ހުއްޓިއްޖެ އެވެ. އޭގެ ބަދަލުގައި ގިނަ ބަޔަކު މަސައްކަތް ކުރަނީ، ބޯގަންވިލާ އާއި އެކި ކަހަލަ މާ އަޅާރީތި ގަސްތަކުން މަގުމަތި ފަޅުފިލުވާލަން ކަމަށް ބުންޏެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދަށް ކުނިތައް ދޫކޮށްލާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މި މައްސަލައިގައި އެންމެ އާދަޔާހިލާފު ނަޒަރިއްޔާތެއް ގެންގުޅެނީ، ލޯކަލް ޓޫރިޒަމްގެ ތަޖުރިބާކާރު އަދި އެ ދާއިރާއިން ފަންނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަބްދުﷲ ރަޝީދު (އައިސީ) އެވެ.

އޭނާ ވެސް ބުނީ ކުންޏާ ބެހޭ ގޮތުން ހުރިހާ މައުލޫމާތެއް، އެންމެންނަށް ވެސް މިހާރު އެނގޭނެ ކަމަށެވެ. އެކަމަކު ދެ ހާލަތެއް އުފައްދައި، ދެން އެދުނީ އެ ދެ ހާލަތުގައި މީހުން އަމަލު ކުރާނެ ގޮތް ކިޔައިދިނުމަށެވެ. އެއް ހާލަތަކީ ނ. ކުޑަފަރި ނުވަތަ އެ އަތޮޅު މާފަރުގެ ޒުވާނުން ކުންޏާ ބެހޭ ގޮތުން ދެކޭ ގޮތެވެ. ދެން، މާލޭގައި އުޅޭ މީހުން ކުންޏާ ބެހޭ ގޮތުން އަމަލު ކުރާނެ ގޮތެއް ކިޔައިދިނުމަށް އެދުނެވެ.

"ޝައްކެއް ވެސް ނެތް ކުޑަފަރީ މީހުން ގޮސް އެ ކުނިތައް އެންމެ ރައްކާތެރި ގޮތުގައި ނައްތާލަން އެނގޭނެ. އެކަމަކު މާލޭގައި އުޅޭ މީހުން ހަމަ ޖެހުނު ތާކަށް އެއްލާލާނީ،" ސުވާލުގެ ޖަވާބު އަމިއްލައަށް ކިޔައިދެމުން އަބްދުﷲ ރަޝީދު ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުންޏާ ބެހޭ ގޮތުން މީހުން ދެކޭ ގޮތް ގުޅެނީ، އެ މީހަކު ދިރިއުޅޭ މާހައުލާ އެވެ. އެ ތަނެއްގައި އޭނާ ތަހައްމަލު ކުރަން ޖެހޭ ކަންކަމާއި އުޅެން ޖެހޭ ގޮތާ އެވެ. ކުރުކޮށް ބުނާ ނަމަ، އެމީހެއްގެ މެންޓާލިޓީ ނުވަތަ ފިކުރު ގެންގުޅޭ ގޮތާ އެވެ.

މާލޭގެ މަގެއްގެ މައްޗަށް އުކާލާފައި ހުރި ކުނިތަކެއް

މިސާލެއް ކިޔައިދިނެވެ؛ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ހަވީރު ވަންދެން ފައިސާ ހޯދަން އުޅޭ މީހަކު އަދި އިރުއޮއްސުމުން ނިދާފައި، އަނެއްކާވެސް ހޭލައިގެން މަހުގެ ބިލްތައް ނުދެއްކިގެން އުޅޭ މީހަކު ރަނގަޅު ކަމަކަށް ވިސްނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އިންސާނަކު އުޅެން ނުފެތޭ މާހައުލެއްގައި އުޅެން ޖެހޭ ނަމަ، އޭނާ ވަށައިގެން ހިނގާ ކަންކަމާ މެދު ވިސްނައި ފިކުރުކުރަން، އޭނާގެ ނަޒަރުގައި ވަގުތެއް ނުވާނެ އެވެ.

"މީހުން ދިރިއުޅޭނެ މާހައުލެއް ކްރިއޭޓްކޮށްދީ، ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތް ހަދައިދީ. އެހާ ހިސާބުން އެ މީހާއަށް އޭނާގެ ކުނި ވަކިކުރަން އެނގޭނެ،" އަބްދުﷲ ރަޝީދު ބުންޏެވެ.

ހިސާބަށް ވުރެ ތަން ތޮއްޖެހި، ދިރިއުޅުމުގެ އަގުބޮޑުވެ ބިޒީވެ ގަނަތެޅެން ޖެހުނީމަ އޭނާގެ ނަޒަރުގައި ގައިން ތާހިރުވުން ވެސް މާ މުހިއްމު ކަމަކަށް ނުވެ އެވެ. މީހުން ގިނަވާ ވަރަކަށް ކުނި ގިނަ ވިޔަސް، އެ 'ބޭކާރު' ކުނި އަންނާނީ އެންމެ ފަހަތަށެވެ. އެއާ އެކު މުޅިތަން ދާނީ ތަގައްޔަރު ވަމުން ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

އޭނާގެ ނަޒަރުގައި ރާއްޖެ އަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލައި، އެއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދިދާނެ އެވެ. އެކަމަކު އެންމެ ފުރަތަމަ ޖެހޭނީ، އިންސާނުން ދިރިއުޅުން އެންމެ އެކަށޭނެ މާހައުލެއް ހޯދައިދޭން ކަމުގައި ބުންޏެވެ. އޭނާގެ ބަހުން ނަމަ، 'އިންސާނާއަށް ނޭވާލެވޭނެ ގޮތް ހަދައިދީފައި، ކުނި ލާނެ އެއްޗެއް ދައްކާ'ށެވެ.

"މާލޭގައި ނޫނީ އަޅުގަނޑުމެން މިކިޔާ ތަރައްގީވެފައިވާ ރަށެއްގައި ކުނި ކޮތަޅުތައް ހިފައިގެން ދާއިރު އެއިން އެއްޗެއް މަގުމައްޗަށް ވެއްޓުނަސް އެ ނަގާނެ މީހަކު ވޭތޯ؟ ނުވާނެ. އެއީ އެއަށް ވުރެ އޭނާ މާ ބިޒީ. އެހެން ކަމަކާ މެދު އޭނާ ވިސްނާކަށް ވެސް ބޭނުމެއް ނޫން. މިފަދަ މާހައުލެއްގައި އުޅޭ މީހަކު، އަނެއް މީހާއާ މެދު ވިސްނާލައި، އޯގާތެރިކަން ބަހައްޓާނީ ވަރަށް މަދުން،" އަބްދުﷲ ރަޝީދު ބުންޏެވެ.

އޮމަދޫގައި ބަޔަކު ކުނި އަންދަނީ: ކުނި ނައްތާލާނެ ރަނގަޅު ވަސީލާތްތަކެއް އެ ރަށުގައި ނެތް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އެކަމަކު ރާއްޖޭގެ ބައެއް ރަށްރަށް ހުންނާނެ މަގުމަތިން އެންމެ ޕްލާސްޓިކް ފުޅިއެއް ވެސް ފެންނަން ނޯންނަ. އެ މީހެއްގެ ކުނި އޭނާ އުކާލާނެ ނޫނީ ނައްތާލާނެ."

އޭނާ ބުނިގޮތުގައި މާލެ ފަދަ ބައެއް ރަށްރަށް ތަގައްޔަރުވަމުން ދަނީ، ކުނި އުކާލުމަކީ ވަކި ބައެއްގެ ވަޒީފާއެއްގެ ގޮތުގައި މީހުން ދެކޭތީ އެވެ. މަގުމަތީގައި ކައިފައި ވެސް ހުރި ތަނަކަށް، ތައްޓާއި ފުޅި އެއްލާލަފާނެ އެވެ. އެ ނެގުމަކީ އޭނާގެ ޒިންމާއެއް ކަމަށް ނުދެކެ އެވެ. އެ ވިސްނުން އަންނަނީ ވެސް، އޭނާ ދިރިއުޅޭ މާހައުލުގެ ތެރެއިން ކަމަށް ބުންޏެވެ. އެއީ، އަނެކާއާ މެދު ކުލުނު ނެތް، އަމިއްލަ ކަންކަމުގައި ހޭބޯނާރާ އުޅޭ، ތޮއްޖެހިފައިވާ މާހައުލަކުން އުފަންވާ ވިސްނުމެއް ކަމަށް ރަޝީދު ބުންޏެވެ.

ގޮނޑުދޮށާއި މަގުމައްޗަށް ކުނި އެޅުމަކީ ކިހާވަރެއްގެ ކަމެއްކަން މީހުންނަށް އެނގޭކަން، މި ތިން ތަޖުރިބާކާރުން ވެސް ގަބޫލުކުރެ އެވެ. މިކަމުގައި އެ މީހުން ދެކޭ ގޮތް ތަފާތެވެ. އެކަމަކު ކަމުގެ އަސްލު އިސްލާހު ގޮސް ގުޅެނީ ޕޮލިސީ ލެވެލްއާކަމާއި ފިޔަވަޅު އަޅަންވީ އެހާ ހަމައިން ކަމަށް ތިން މީހުން ވެސް ބުންޏެވެ.

ކޮމެންޓް (2)

މުހިންމު

8 އޭޕްރީލު 2025
މުހިންމު ވާހަަކަތަކެއް. އިހަކަށް ދުވަހަކު މީމު އަތޮޅަށް ގޮސް އެ އަތޮޅު ފަޅު ރަށްރަށަށް ދަތުރު ހަދައިގެން ދިޔައިން. ލާހިކު ކުޅަދާނަ ނުވާ ވަރަށް ކުނި އުކާފައި ހުރި. ކޮންމެ މީހަކުވެސް ދަތުރު ހަދާފައި ގޮސް ޖެހުނުތާކަށް ކުނި އުކާފައި ދަނީ. ދެން އަންނަން ހުރި މީހާއަށް އެންމެ ހިނދުކޮޅަކުވެސް ވިސްނާ ނުލާ. މިއީ ރާއްޖޭގެ ހުރިހާ ތަނަކު މިހާރު ހިނގާ ކަންކަން. އަހަރެންގެ ވިސްނުމުގައި މިއީ ހޭލުންތެރި ނުވާތީ ނުވަތަ އަހުލާގީ ގޮތުން ކަންކަން ކުރަން ޖެހޭ ގޮތް ކިޔައި ނުދޭތީވާ ގޮތެއް. އަހަންނަށް ފެންނަނީ ޖަޕާނުގެ ތައުލީމީ މަރުކަޒުތަކުން ހަދާހެން، ސްކޫލު ދައުރުން ފެށިގެން ކިޔެވުން ނިމުމާ ހަމަޔަށް ކިޔަވާ ކުދިންނަށް މިއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދަސްކޮށްދީ އެ ކަން ޕްރެކްޓިކަލީ ކުރުވުން. އެއިރަށް ބަދަލުތައް އަންނަން ފަށާނެ.
2 0

ވަނޫދު

8 އޭޕްރީލު 2025
@މުހިންމު އައިސީ ބުނެބަލަ މީމު އަތޮޅާއި ކުޑަފަރީއާ އޮތް ތަފާތު. މީހުންގެ މެންޓާލިޓީ ބަދަލުވާނެ އުޅޭ މާހައުލުގެ ގޮތުންވެސް. ތެދު ވާހަކައެއް. އެކަމަކު މީހާ ހިސާބަށްވުރެ ގޮތެއް ފޮތެއް ނެތުމަކީ އަދި އެހެން ކަމެއްނު. ރަށުގަ އަރާމުގައި އުޅެވެން އޮއްވާ ހިޔާ ފްލެޓުން ފްލެޓް ހޯދައިގެން އައީ ކިތަށް މީހުން. ރަށު ސްކޫލްގަ ރަނގަޅު ނަތީޖާ ނެރެވޭ އިރު ދަރިން ކޮޅު ގޮވައިގެން އަންހެނުން މާލެ ބަދަލުވީ ފިރިމީނާ ހުރީ ރިސޯޓުގައި، ކޮން މޮޅެއް ހޯދަންތޯ މާލެ ބަދަލުވީ. ހަމަ ސުވާލެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް