އިހުސާން: ތާރީހަށް ދޫކޮށް އެ ދިޔައީ ނުފޮހެވޭނެ ހަނދާންތަކެއް

ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑެލް ކަރުގައި އަޅާލި އިހުސާން އަބްދުލް ގަނީގެ ހިތުގައި އޮތް ފުޓްބޯޅަ ލޯތްބާއި ދިވެހި ފުޓްބޯޅައިގެ ތަރައްގީއަށް އޭނާ ކޮށްދިން ހިދުމަތް ލިއެވިފައި ވަނީ ރަން އަކުރުން
23 މާރިޗު 2025

މުހިންމު ނުކުތާތައް

މަޖީދިއްޔާ ސްކޫލުން އުފެދުނު ފުޓްބޯޅަ ކުޅުންތެރިޔާ އެއްވަނަ ޑިވިޒަންގައި ފާހަގަކުރެވުނީ މޮޅު މިޑްފީލްޑަރެއްގެ ގޮތުގައި

ކުޅުމުގެ ކެރިއަރަށް ވުރެ ބޮޑަށް އޭނާ ބޭނުންވީ ކޯޗިންގެ ދާއިރާގައި ކުރިއަށް ދާން. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ވީ އިރު 30 އަހަރު ނުފުރޭ

ކެންސަރު ބަލީގެ ވޭން ތަހައްމަލްކުރި އިރު ވެސް އޭނާގެ އުއްމީދަކަށް ވެފައި އޮތީ ކުޅިވަރުގެ ހިދުމަތުގައި ދެމިހުރުން

މި މަހު 16 ވަނަ ދުވަހު އަޅުގަނޑަށް ވަޓްސްއެޕުން މެސެޖެއް ލިބުނެވެ. އިނގިރޭސި ބަހުން އޮތް އެ މެސެޖްގެ ދިވެހި ހުލާސާއަކީ މި އެވެ:

"އަހަރެން މި ލިއަނީ އަހަރެންގެ ބަލި ރަހުމަތްތެރިޔަކާ ބެހޭ ގޮތުންނެވެ. އަހަންނަށް އެނގެ އެވެ. އޭނާ ނެތް ދުވަހެއްގައި ތިބާ އާއި އެހެން ނޫސްވެރިން އޭނާއާ ބެހޭ ގޮތުން ލިއާނެ އެވެ. އެކަމަކު އޭރު އޭނާގެ ރަނގަޅު އެ ވާހަކަތައް ކިޔާކަށް، އަޑުއަހާކަށް އޭނާ ދުނިޔެއަކު ނުހުންނާނެ އެވެ. އެހެންކަމުން އޭނާ ދުނިޔޭގައި އޮއްވާ ނުލިޔަންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އޭރުން އޭނާއަށް ކިޔައިލެވޭނެ އެވެ. ހިނިތުންވެލާނެ އެވެ. ބައްޔާ ދެކޮޅަށް ހަނގުރާމަކުރަން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ވެސް ލިބޭނެ އެވެ.

އަހަރެން މި ދައްކަނީ އިހުސާން (ސާންތީ) ކޯޗުގެ ވާހަކަ އެވެ."

އެ މެސެޖް ފޮނުވީ އިހުސާންގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި އިހުސާން ފަދަ ހިދުމަތްތެރި އެއް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

އަޅުގަނޑު ލިއަން ބޭނުންވި އެވެ. އެކަމަކު އިހުސާންގެ އެއްބަނޑު އެއްބަފާ އެއް ކޮއްކޮ މިހުސާން އަބްދުލް ގަނީ (މޮހޯ) އަކީ އަޅުގަނޑާ އެކު 'ހަވީރު' އާއި އޭގެ ފަހުން 'މިހާރު'ގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރި ވަރަށް ގާތް މުވައްޒަފެކެވެ. ޝިޔާޒުގެ މެސެޖް ލިބުނު އިރު އިހުސާން އޮތީ، ހާލު ދެރަވެގެން، ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އޭނާގެ ހާލު އަޅުގަނޑަށް އެނގެ އެވެ. އެހެންކަމުން މުޅި އާއިލާ ހިތާމައެއްގައި ތިބި އެކަހަލަ ދަނޑިވަޅެއްގައި އާއިލާގެ ބަހެއް ނެތި އެއްވެސް އެއްޗެއް ލިޔާކަށް ހިތްވަރެއް ނުލިބުނެވެ.

އަބަދުވެސް ދިނީ އުއްމީދު

މިއީ 6 ނޮވެމްބަރު 2024ގައި އިހުސާން އިންޑިއާގައި ހުރެ ނެގި ފޮޓޯއެއް. ފޭސްބުކްގައި މި ފޮޓޯއާ އެކު ލިއުނީ ވަރަށް އުއްމީދީ ވާހަކަކޮޅެއް

ޝިޔާޒްގެ އެ އެދުމާއި އަޅުގަނޑު ބޭނުންވާ ގޮތް މިހުސާން ކައިރީ ބުނީމެވެ. މި ވަގުތު އާއިލާގެ ފަރާތުން ބޭނުންވާ ގޮތެއް އަންގާލަދިނުމުން، ބޭބެއާ ބެހޭ ކަވަރޭޖެއް ހަދަން ތައްޔާރަށް ހުރި ކަމެވެ. ނަމަވެސް އިހުސާންގެ ހާލަތު ބަދަލުވަމުން ދިޔައީ އެފަދަ އެދުމަކަށް އާއިލާއަށް ގޮތެއް ނިންމޭހާ ފަސޭހަ މަގަކުން ނޫނެވެ. އައިސީޔޫން ނެރެ ކޮޓަރީގައި ބޭއްވި އެވެ. ގެއަށް ބަދަލުކުރެވޭ ވަރަށް ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ވެސް ވި އެވެ. ނަމަވެސް އިހުސާން ތަހައްމަލްކުރަމުން ގެންދިޔަ ކެންސަރުގެ ބާވަތުން ނުރައްކާތެރިކަން ބޮޑުކަމާ އެކު އަނެއްކާވެސް އައިސީޔޫއަށް ބަދަލުކުރީ އެވެ.

މާތްވެގެންވާ ރޯދަމަހުގެ ފަހު ދިހައިގެ ރެއެއްގައި އިހުސާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ކެންސަރާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ކޮށްފަ އެވެ.

އުމުރުން 51 އަހަރުގެ އިހުސާންގެ ހިދުމަތުގެ ވާހަކަ ދެން ލިޔަން މި ޖެހުނީ، ޝިޔާޒްގެ މެސެޖްގައި އޮތް ގޮތަށް، އެ ކިޔަން، އެ ބަލަން ނުވަތަ އެ އަޑުއަހަން، އަޅުގަނޑުމެންނާ އެކު، އޭނާ މި ދުނިޔޭގައި ނެތް ހުސްކަމެއްގެ ތެރޭގަ އެވެ.

އެކަމަކު މީހެއްގެ ހިދުމަތް ވާނީ ހިދުމަތަށެވެ. އެއީ އޭނާގެ މާޒީން ފޮހެލެވޭނެ އެއްޗެއް ވެސް ނޫންމެ އެވެ.

ފުޓްބޯޅައިގެ ލޯބި ހަޔާތުގެ ވެސް ލޯބި

އިހުސާނަކީ ކުޑައިރުއްސުރެ ފުޓްބޯޅައިގެ ހުނަރުވެރިއެކެވެ. ރީތި ކުޅުމެއް ކުޅުނު މިޑްފީލްޑަރެކެވެ. މަޖީދިއްޔާ ސްކޫލުގަ އެވެ. އޭގެ ފަހުން އެއްވަނަ ޑިވިޒަންގައި ޔޫތު ސްޕޯޓްސްގެ ކްލަބްގަ އެވެ.

"އޭނާ ކުޅުނު ދުވަސްވަރު އެއީ އަހަންނަށް ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑް ކުޅުންތެރިޔާ،" ލިއުންތެރިޔާ އަދި ޓީވީ ކޮމެންޓޭޓަރު އިމާދު ލަތީފު، އިހުސާންގެ މަރާ ގުޅިގެން ފޭސްބުކްގައި ލިއުނެވެ.

"އަހަރެން ޓީވީ ކޮމެންޓްރީ ދިން އިރު އެ ތައުރީފް އޭނާއަށް ކުރެވުމަކީ އަހަންނަށް ލިބުނު ޝަރަފެއް."

އެކަމަކު އިހުސާންގެ ހުނަރު ދަނޑުން ގެއްލުނީ އޭނާގެ އުމުރަށް ވުރެ މާ އަވަހަށެވެ. އޭނާ ބޭނުންވީ ކޯޗެއްގެ ހަޔާތެކެވެ. ފުޓްބޯޅައިގެ ހުނަރު އުނގަންނައިދީ، ކުޅުންތެރިން ބިނާކޮށް، ޓީމުތައް އުފައްދާށެވެ. އުމުރުން 30 އަހަރު ވުމުގެ ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮނޑިން 2001ގައި ޖާގަ ހޯދުމަކީ އެ މަސައްކަތުގެ މުހިންމު ބައެކެވެ. އޭގެ ފަހުން ގައުމީ ޓީމު ކުޅުނު ބޮޑެތި ހުރިހާ މުބާރާތެއްގައިހެން އިހުސާން ހުރީ އެ ޒިންމާގައި ސާބިތުވެ އެވެ.

މިއީ އިހުސާންގެ ވެސް އެންމެ ބޮޑު ކާމިޔާބު

ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް 2008ގައި ކާމިޔާބުކުރުމަކީ ކޯޗެއްގެ ގޮތުން އިހުސާނަށް ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ

ދިވެހި ފުޓްބޯޅައިގެ ތާރީހީ އެންމެ ބޮޑު އަހަރަކީ 2008 އެވެ. ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ އިހުސާންގެ ފުޓްބޯޅައިގެ ހަޔާތުގެ ވެސް އެންމެ އަސަރު ހުރި މުބާރާތެވެ. އެ މުބާރާތަށް ތައްޔާރުވި އިރު އުފެދުނު މައްސަލަތަކާއި ބައެއް މީހުންގެ ފާޑުކިއުންތަކަށް ކެތްކޮށްލައިގެން ހުރީ ނަތީޖާ ނެރެވޭނެކަމުގެ އުއްމީދާ ވެސް އެކުގަ އެވެ.

އިހުސާންގެ އިތުރުން އެ ފަަހަރު ޝިޔާޒު ވެސް ހުރީ އެސިސްޓެންޓް ކޯޗަކަށެވެ. ގައުމީ ކޯޗަކީ ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ. މި ތިން ކޯޗުންގެ ގުޅުމާއި މަސައްކަތަކީ ފައިނަލްގައި އިންޑިއާ ބަލިކޮށް ފުރަތަމަ ފަހަރަަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ މައިގަނޑު އެއް ރޫހެވެ.

އެއީ އިހުސާންގެ ވެސް އެންމެ ބޮޑު ޝަރަފެވެ. މި ތިން ކޯޗު، އޭގެ އަށް އަަހަރު ފަހުން 2016ގައި، ބައްދަލުވި އިރު އެ ފެނުނު ހިނިތުންވުމާއި ގާތްކަމުގެ ފަހަތުގައި އޮތީ އެ މުބާރާތުގެ ހަނދާންތަކެވެ.

ތިން ކޯޗުންގެ އެ ހިނިތުންވުން

މިއީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ހާއްސަ މެޗަށް ކޯޗު ޖޯސެފް ޔަންކޭޒް ރާއްޖެ އައުމުން އެއާޕޯޓްގައި އިހުސާން އާއި ޝިޔާޒު އޭނާއަށް ކީ މަރުހަބާ

އިހުސާން ދެން އެނބުރުނީ ކްލަބް ފުޓްބޯޅައަށެވެ. ހާއްސަކޮށް ކްލަބް އީގަލްސް ނަގާ ކޮޅަށް ޖަހަން ފަސް އަހަރެއްހާ ދުވަހު ކުރި މަސައްކަތެވެ. ނަތީޖާ ފެނުނީ އެ ކްލަބްގެ ތާރީހުގައި ވެސް މިހާތަނަށް ހޯދި އެންމެ ޝަރަފުވެރި ތަށި އުފުލާލައިގެންނެވެ. ކުރީގެ ގައުމީ މުބާރާތް، މިހާރުގެ ނަމުން ނަމަ ޕްރެޒިޑެންސް ކަޕް، 2016ގައި ނިއު ރޭޑިއަންޓް ބަލިކޮށް ކާމިޔާބުކުރުމަކީ، އީގަލްސްގެ ތާރީހު ވެސް ބަދަލުކޮށްލުމެވެ.

އަބަދުވެސް އިހުސާން ބުނާ ވާހަކައަކީ އުމުރު ފުރާތަކުގައި ރަނގަޅު ތަމްރީން ނެތި މޮޅު ކުޅުންތެރިން ނުއުފެއްދޭނެ ކަމެވެ. އެހެންކަމުން އީގަލްސްގައި ވެސް އޭނާގެ އެންމެ ބޮޑު ސަމާލުކަމެއް ދިނީ ޒުވާން ކުޅުންތެރިންގެ ތަރައްގީއަށެވެ. އޭނާ އެންމެ ބޮޑަށް އުފާވަނީ ވެސް އުމުރު ފުރައިގެ ކުދިންނަށް އެއްޗެއް ބުނެދެވޭ އިރު އެވެ. އެކި ރަށްރަށުގައި ބޭއްވި އެކި ކޭމްޕްތަކުގައި ބައިވެރިވެ ނަގައިދިން ފިލާވަޅުތައް އެތައް ކުއްޖެއްގެ ހުނަރާ ގުޅިފައި ހުންނާނެ އެވެ.

އީގަލްސްގެ ތާރީހީ ތަށި

ގައުމީ ޓީމާ ދުރަށް ޖެހިލުމަށް ފަހު އިހުސާން ފެނުނީ ކްލަބް ފުޓްބޯޅައިން. އެގޮތުން އީގަލްސްގެ ކޯޗުކަމުގައި ފަސް ވަރަކަށް އަހަރު ހޭދަކުރި. އެ މުއްދަތުގައި ކާމިޔާބުކުރި ޕްރެޒިޑެންސް ކަޕަކީ މިހާތަނަށް ވެސް އީގަލްސްގެ އެންމެ ފަހުރުވެރި ތަށި (ފޮޓޯ/މިހާރު)

އެއީ ދިވެހި ފުޓްބޯޅައަށް އިހުސާން ދޫކޮށްލި ހިދުމަތުގެ ބައެކެވެ. އޭނާގެ ހިތުގައި ފުޓްބޯޅައަށް އޮތް ލޯތްބާ މެދު އެއްވެސް މީހަކަށް ސުވާލެއް ނުއުފެއްދޭ ވަރަށް، ފުޓްބޯޅައިގެ ކަންކަމުގައި އޮތީ ބައިވެރިވެފަ އެވެ.

"ދިގު މުއްދަތެއްގައި އޭނާ ފުޓްބޯޅައަށް ކޮށްދިން ހިދުމަތުގެ އަގު އެހާމެ ބޮޑެވެ. އެހާމެ ސާފެވެ،" ކުރީގެ ކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ފޭސްބުކްގައި ލިއުނެވެ.

"އޭނާގެ އެ ނަން އަބަދުމެ ހަނދާން ހުންނާނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީގައި ބައިވެރިވި އެންމެ ވަރުގަދަ ހިދުމަތްތެރިންގެ ތެރޭގަ އެވެ."

އެއްވެސް ޝައްކެއް ނެތެވެ. ދިވެހި ފުޓްބޯޅަ ދެކެ އިހުސާންގެ ހިތުގައި އޮތް ފަދަ ލޯތްބެއް ވަރަށް މަދު މީހެއްގެ ނޫނީ ނޯންނާނެ އެވެ.

ބަލީގައި ހިޔާރުކުރީ 'ހިމޭންކަން'

އިހުސާނަކީ ތަފާތު މިޒާޖެއްގެ ޝަހުސިއްޔަތެކެވެ. ޒާތީ ކަންކަމުގެ ވާހަކަ ވަރަށް މަދު، ވަރަށް ގާތް މީހެއް ކައިރީގައި ނޫނީ ނުދައްކަ އެވެ. އޭނާގެ މަޝްހޫރުކަމާ އަޅާބަލާއިރު ބަލީގެ ހަބަރު މީޑިއާތަކުގައި ނެތީ އެހެންވެ އެވެ. އޭނާއާ އެންމެ ކައިރި ކުޅިވަރުގެ ރިޕޯޓަރުން ވެސް ބުނީ ބައްޔާ މެދު ވާހަކަ ދައްކަން ބޭނުންނުވި ކަމަށެވެ.

ރަސްމީ މީޑިއާއާ ހަމައަށް ތިލަނުވިޔަސް އިހުސާން ގެންދިޔައީ އޭނާގެ ފޭސްބުކްގައި ކޮންމެވެސް ވަރަކަށް ހާލަތު ހިއްސާކުރަމުންނެވެ. އިންޑިއާގައި ވަރަށް ބޮޑު އޮޕަރޭޝަންތަކެއް ކުރުމަށް ފަހު އެނބުރި މާލެ އައިސް، ގާތް ރައްޓެހިންނާ ބައްދަލުކޮށް އުޅުނެވެ. ބަލީގެ އުނދަގޫތައް ތަހައްމަލް ކުރި ނަމަވެސް އާދައިގެ ދިރިއުޅުމެއްގެ ތެރެއަށް ވަނެވެ. ދުނިޔޭގައި ހުރި މަންމަ އާއި އެއްބަނޑު އެއްބަފާ ހަތް ބެއިންނަކީ އޭނާގެ ހިތްވަރެވެ.

އިހުސާންގެ ހިތުގައި ގައުމީ ޓީމުތަކާ ދޭތެރޭ ވެސް ވަރަށް ހާއްސަ ލޯތްބެއް އުފެދިފައި އޮތް

އޮޕަރޭޝަނަށް ފަހު ވެސް ދޭތެރެ ދޭތެރެއިން އިންޑިއާގެ ކޮޗިންއަށް އިތުރު ޓެސްޓްތަކާއި ފަރުވާއަށް ގޮސް އުޅުނެވެ. އޭގެ ތެރެއިން އެންމެ ފަހު ހަނދާނެއްގެ ގޮތުން 6 ނޮވެމްބަރު 2024ގައި ފޭސްބުކަށް ފޮޓޯއެއް، ހިތްވަރުގެ ބަސްކޮޅަކާ އެކު ދޫކޮށްލި އެވެ.

ހޮސްޕިޓަލްގެ ކުޑަ ދޮރެއް ކައިރީގައި ފުރަގަހަށް ހުރެ ނެގި ފޮޓޯއާ އެކު އިހުސާން އިނގިރޭސި ބަހުން ލިއުނެވެ:

"ދަތުރުގެ ވޭން ކިތައްމެ ގަދަޔަސް އަދި އުނދަގޫވިޔަސް، ތިބާގެ ހުވަފެންތައް ދޫކޮށްނުލައްޗެވެ."

އޭރު ވެސް ފުޓްބޯޅައިގެ ހިދުމަތުގެ އާ ހަރުފަތަކަށް އަރަން އިހުސާން ހުރީ ތައްޔާރުވެގެންނެވެ:  ދިވެހި ޔޫތު ލީގެވެ. އުމުރުން 12 ،14 އަދި 16 އަހަރުން ދަށުގެ ކުދިންގެ މެދުގައި، އަށް ޓީމު ބައިވެރިކޮށްގެން، ބޭއްވި މުބާރާތުގެ ޓެކްނިކަލް ޑައިރެކްޓަރަކީ އޭނާ އެވެ.

"އުންމީދަކީ ރާއްޖޭގެ ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓަށް ބަލާއިރު ބޮޑު ފިޔަވަޅެއް ކުރިއަށް އެޅޭނެ މުބާރާތަކަށް ދިވެހި ޔޫތު ލީގު ވެގެންދިއުން،" އެ މުބާރާތާ ބެހޭ ގޮތުން އޭނާ އޭރު ބުންޏެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް ހުރި އިރު އުމުރު ފުރައިގެ ކުޅުންތެރިންގެ ތަރައްގީއަށް ބޮޑެތި ޕްލޭންތަކެއް އިހުސާން ވަނީ ތައްޔާރުކޮށްފައި

އިހުސާންގެ ފުޓްބޯޅައިގެ ކޯޗިންގައި އެންމެ ގިނަ ވަގުތު ހޭދަކޮށްފައި ހުންނާނީ ޒުވާން ކުޅުންތެރިން ނެރުމަށެވެ. ރަށްރަށުގައި އެތައް ޕްރޮގްރާމެއް ހިންގި އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް، 2017-2019އަށް، ހުރި އިރު ވެސް ޔޫތު ލީގެއް ފެށި އެވެ.

މިހާރު މި އޮތީ ޔޫތު ލީގު އިހުސާންގެ ހަނދާނަށް ހާއްސަކުރުމުގެ ވަގުތު އައިސް ޖެހިފަ އެވެ.

މުޅި ހަޔާތް ފުޓްބޯޅައިގެ ހިދުމަތަށް ހުސްކުރި ޝަހުސިއްޔަތެއްގެ މަސައްކަތާއި އެ ގުރުބާނީގެ އަގު ދެމިގެންދާނެ ގޮތަށް އެފަދަ ކަމެއް އިންތިޒާމްކުރުމަކީ ދުނިޔޭގައި މިހާރު ތިބި މީހުންގެ ޒިންމާއެއްކަން ޔަގީނެވެ.

އިހުސާންގެ ހަނދާންތައް އާވެއާވެ

ރާއްޖެ އާއި ސްރީ ލަންކާގައި 2008ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ކުރިން ޓީމުގެ އިސް އޮފިޝަލުން ގައުމީ ސަލާމުގައި: (ކަނާތުން ވާތަށް) މެނޭޖަރު މުހައްމަދު ހާނިމް، ކޯޗު ޖޯސެފް ޔަންކޭޒް، އެސިސްޓެންޓް ކޯޗު އިހުސާން އަދި އެސިސްޓެންޓް ކޯޗު ޝިޔާޒު (ފޮޓޯ/މިހާރު)

އެކަމަކު އިހުސާން ބަލިވެ އުޅުނު އިރު އެ ޒިންމާ ނެގިފައެއް ނެތެވެ. ހަނދާނުން ކައްސާލައިގެން ކަމަށް ވިޔަސް ނުވަތަ އޭނާ ހުރި ހާލަތު ނޭނގިގެން ނަމަވެސް މެ އެވެ.

މިދިއަ އޮކްޓޯބަރު މަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެތައް ބައެއްގެ ކުޅިވަރުގެ ހިދުމަތުގެ އަގުވަޒަންކުރި އެވެ. އޭގެ ތެރޭގައި އޭނާ ނެތުމުގެ މާޔޫސްކަން ފޭސްބުކްގައި ލިއުނެވެ.

"އަހަރެމެންނަށް ކުޅިވަރަށް ހިދުމަތެއް ނުކޮށްދެވޭ ކަމުގެ އިހުސާސް މިރޭ ވަރަށް ބޮޑަށް ކުރުވައިފި،" އެވޯޑް ހަފުލާ އޮތް 18 އޮކްޓޯބަރު 2024 ދުވަހުގެ ރޭ ދަންވަރު ލިއުނު ޕޯސްޓްގައި އޮތެވެ.

"އިންޝާ ﷲ، އަދިވެސް ސިއްހަތު ތަންދިން ވަރަކުން ކުޅިވަރަށް ހިދުމަތްކުރުމުގައި ދެމިހުންނާނަން."

އިހުސާންގެ ހިތްވަރާއި އުއްމީދަށް ބަދަލެއް ނާދެ އެވެ. އެކަމަކު ޖެހުނު ކެންސަރުގެ ބާވަތުން ހަށިގަނޑަށް އިތުރު ފުރުސަތެއް ނުލިބުނީ އެވެ.

ދެން އޮތީ ހަނދާންތަކެވެ. ހެޔޮ ދުއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް