ޖޭޕީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހިމް (ވ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ވިލާ ފައުންޑޭޝަން 2003ގައި އިފްތިތާހުކުރުމުގެ ހަފުލާގައި
ގާސިމްގެ ބައޮގްރަފީން ފާހަގަކޮށްލެވޭ އަށް ކަމެއް
މުހިންމު ނުކުތާތައް
ގާސިމް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވީ ވެސް ގޮތް ނޭނގޭ ބިރުވެރިކަމަކަށް ފަރުވާ ހޯއްދަވަން
ސަރުކާރުގެ ވަޒީފާގައި އުޅުއްވި އިރު ވެސް ނިކަމެތިންނަށް އެހީތެރިވެދެއްވުމުގައި އޭނާއަކީ ފާހަގަކޮށްލެވޭ ބޭފުޅެއް
ކުރީގެ ރައީސް މައުމޫންގެ ކެބިނެޓަށް ވަޑައިގެންނެވީ ތަކުރާރުކޮށް އެތައް ފަހަރަކު މައުމޫން އެކަމަށް އެދިވަޑައިގަތުމުން
އެކި މީހުން ކަންކަމާ މެދު ބިރު އުފެދޭ ގޮތް ތަފާތެވެ. ބުނަން ނޭނގޭ ސަބަބުތަކަކާ ހެދި ވެސް ބިރުގަނެ އެވެ. އެ ބިރުން އަރައިގަންނަން އުނދަގޫވުމުގެ އުދާސްތަކުގެ ތެރެއަށް ދިރިއުޅުން ގަންބާލަ އެވެ.
ސިޔާސީ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިރޭ ނެރުއްވި އޭނާގެ ބައޮގްރަފީ 'ގާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް'ގައި އޭނާގެ ވަރަށް ގިނަ ތަޖުރިބާތަކެއް ހިމެނެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ނޫސްވެރިކަން ފެއްޓެވި އަދި ދައުލަތުގެ މީޑިއާގައި މިހާތަނަށް 35 އަހަރު ހޭދަކުރައްވާފައިވާ މުހައްމަދު ޖަމީލު ލިއުއްވި މި ފޮތުން ފާހަގަކޮށްލެވޭ ހަތް ކަމެއް، ކުރުކޮށް ހިމަނާލަމެވެ.
ކުއްލި ބިރުވެރިކަމަކާއި ހާސްވުމެއް
ގާސިމްގެ ބައޮގްރަފީގެ ސަފުހާތަކުގެ ތެރެއަށް ވަނުމުން އަޅައިގަންނާނެ އެއް ކަމަކީ ބައެއް ފަހަރަށް އޭނާއަށް ކުރިމަތިވާ ކުއްލި ބިރެވެ. އޭގެ އެންމެ ކުރީގެ އެއް ހާދިސާ ދިމާވަނީ އަމިއްލަ ރަށް މާމިގިލީގެ ގާތް މީހަކު ކުއްލިއަކަށް މަރުވުމުގެ ހިތާމައިގެ ތެރެއިންނެވެ.
އޭރު ގާސިމްގެ ދެ އަނބިން ތިއްބަވަ އެވެ. ފޮތުގައި އޮތް ގޮތުން ނަމަ ވިޔަފާރީގެ ބުރައިން ފުރިފައިވާ ދުވާލުގެ ވަގުތުތަކަށް ފަހު ގެއަށް ވަޑައިގަތުމުން 'ދިމާވާ ބައެއް ކަހަލަ ކަންކަމުން އިތުރަށް ޕްރެޝަރު ބޮޑުވާ ގޮތް'ވެ އެވެ.
ރަށުގެ ގާތް މީހެއްގެ އެޕެންޑިކްސް ފެޅިގެން ސެންޓްރަލް ހޮސްޕިޓަލްގައި މަރުވި ހަބަރު ލިބުނީ އޭގެ ތެރެއިން އެއް ދުވަހެއްގެ ރޭގަނޑު ފިހާރައިގައި އިންނަވަނިކޮށެވެ.
"ނިޒާރު މަރުވި ވާހަކަ އިވިލެއްވުމުން ކުއްލިއަކަށް ގާސިމަށް ހުއްޓުންއަރާ ގޮތްވި އެވެ. ފިހާރައިގައި އިންދައި ހުން އަންނާން ފަށައިފި އެވެ. އަނބުރައި ގަންނަން އުޅޭހެން ވެސް ހީވެލައްވައިފި އެވެ. ދެން ހިތްބިރުގަންނާން ފެށި އެވެ. ގާސިމްގެ ހިތަށްއެރި އެވެ. ޔަގީނެވެ. އަހަރެން ވެސް މި މަރުވަނީ އެވެ،" އެ ފޮތުގައި ލިއެފައިވެ އެވެ.
ހަފުތާއެއް ވީއިރު ވެސް އެ ބިރު ފިލައިގެން ނުދިޔަ އެވެ. އަލްމަރުހޫމް ނޮވެލްޓީ އަލީ ހުސެއިންއަކީ ގާސިމްގެ ވަރަށް ގާތް ބޭފުޅެކެވެ. ދެ ބޭފުޅުންގެ ފިހާރަ ވެސް ހުންނަނީ ދާދި ކައިރިކައިރީގަ އެވެ. އާންމުކޮށް އަލީ ހުސެއިންގެ އަރިހަށް ވަޑައިގެން އުޅުއްވުމަކީ ގާސިމްގެ އާދައެކެވެ. ނަމަވެސް ކަންކަމުގެ މަތިން ފޫހިވުމުގެ އިހުސާސްތަކާއި އެ ބިރުގެ އަނދިރީގައި އޭނާ ހުންނެވީ ތާށިވެފަ އެވެ.
އަލީ ހުސެއިންގެ އޮފީހަށް ގާސިމް ގެންދެވި އެވެ. އޭނާ އެދިވަޑައިގަތީ ބޭސްކުރަން ސްރީ ލަންކާއަށް ވަޑައިގަތުމަށެވެ. އެކަމަކު އޭރު ގާސިމް ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައެއް ނުވެ އެވެ. މަތިންދާބޯޓަކަށް އަރުއްވާފައެއް ވެސް ނުވެ އެވެ. އެ ވާހަކަ ވިދާޅުވުމުން އަލީ ހުސެއިން ދެއްވި ޔަގީންކަމަކީ ސްރީ ލަންކާގައި ހުންނަ އޭނާގެ ރައްޓެއްސަކު ގާސިމްގެ ހުރިހާ ކަމަކާ ހަވާލުވާނެ ކަމެވެ.
ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަަތުރުގައި ގާސިމް ރަނގަޅަށް ބަލައި، ޓެސްޓްތަކަށް ފަހު ޑޮކްޓަރު އެންގީ އެއްވެސް ބައްޔެއް ނެތް ކަމަށެވެ. ގާސިމްގެ ބިރުގަތުމާއި ހާސްވުން ކަނޑަލުވާލަން ދިނީ ނިދާ ބޭހެކެވެ. އެ ބޭހުގެ ބާރު ހަށިގަނޑުން ފިލުމާ އެކު އަނެއްކާވެސް ބިރުވެރިކަން އައިސް ވަށާލަ އެވެ.
ދެ މަސް ވަންދެން އެ ބޭސް ބޭނުންކުރެއްވި އެވެ. 'ބިރުގެ މި ބަލިގަނޑު' ރަނގަޅުނުވުމުން އިނގިރޭސި ވިލާތަށް ވަޑައިގެން ވެސް ޑޮކްޓަރަށް ދައްކާ، ޓެސްޓްތައް ހެދި އެވެ. އެއްވެސް ބައްޔެއް ނުފެނުނެވެ.
އާއިލާގެ މީހުން ކުރިއަށް ގެންދިޔައީ ފަންޑިތަައިގެ ބަ އެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން ގާސިމަށް ލިބިވަޑައިގެންނެވި ފަސޭހައެއް ނެތެވެ.
ދެން ގާސިމް އަމިއްލައަށް، ފުންކޮށް، އެކަންކަމާ މެދު ވިސްނެވި އެވެ. ވިޔަފާރީގައި މީހާ ތާށިވުމުގެ ކުރިން ގަވާއިދުން ނަމާދުކުރައްވަ އެވެ. ނަމަވެސް މަސައްކަތަށް އިސްކަންދެއްވުނުލެއް ބޮޑުކަމުން އެ މުހިންމު އާދައާ ކޮންމެވެސް ވަރަކަށް ދުރަށް ވަޑައިގެންނެވުނެވެ. އެހެންވެ ގަބޫލުކުރެއްވުނީ ނަމާދުކޮށް ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި، ކޮންމެ ދުވަހަކު ވެސް، ވަގުތުކޮޅެއް ހޭދަކުރައްވާށެވެ. އެގޮތަށް އަޅުކަމައިގެން ބޮޑަށް އުޅުއްވަން ފެއްޓެވުމުން ބޭކާރު ހިޔާލުތަކާއި ބިރުގަތުމުން ދުރަށް ވަޑައިގެންނެވުނެވެ.
ދީލަތިކަން: ގާސިމްގެ މުހިންމު ސިފައެއް
ކުޑައިރު އެކުވެރިން ބަނޑުހައިވީމާ ކުރާ އެއް ކަމަކީ ގާސިމް ލައްވާ އެއްޗެހި ގަތުމެވެ. އެކަހަލަ ދުވަހެއްގައި މާމަ ކައިރިއަށް ވަޑައިގެން އާދޭސްކުރައްވައިގެން ނަމަވެސް ލާރި ހޯއްދަވަ އެވެ. ގަންނަ އެއްޗެއް ކަނީ ހުރިހާ ކުދިން އެކުގަ އެވެ.
ސަރުކާރުގެ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރެއްވި އިރު މަހު މުސާރައަށް ލިބިވަޑައިގަތީ 175ރ. އެވެ. އޭގެ ތެރެއިން 'ވިއްސަކަށް، ފަންސަވީހަކަށް ރުފިޔާ ކޮންމެ މަހަކު ވެސް ބަލި މީހުންނަށް ބޭސް ނަގައިދިނުމަށާއި ނިކަމެތީންނަށާއި މަގުމަތީގައި ސަލާން ޖަހައި އުޅޭ މީހުންނަށް ހޭދަކުރެއްވި' އެވެ.
ރާއްޖޭގައި ޖުޒާމުބަލީގެ މީހުން ވަކިން ބައިތިއްބާނެ ދެ ރަށަކަށް މާލެ އަތޮޅު ވިލިވަރާއި ބިޔައިދޫ ހެދި އެވެ. އެއް ރަށުގައި ފިރިހެނުން އަނެއް ރަށުގައި ބަލި އަންހެނުންނެވެ. އެގޮތަށް ކަންތައްކުރީ ޖުޒާމުބަލި މީހުން އާންމުންގެ ތެރޭގައި އުޅުމަކީ ބޮޑު ބިރަކަށް ވުމާއި އެ ބައްޔަށް ރާއްޖެއިން ބޭހެއް ނެތުމެވެ.
އެ މީހުން ރަނގަޅުވުމުން ވެސް ވިލިވަރާއި ބިޔައިދޫގައި ވަރަށް ނިކަމެތި ހާލުގައި އުޅުނެވެ. އޭގެ ތެރެއިން ބައެއް މީހުން ދޭތެރެ ދޭތެރެއިން މާލެއަށް އައިސް ސަލާން ޖަހަ އެވެ.
ވިލިވަރާއި ބިޔައިދޫގައި ރިސޯޓް ހަދަންވެގެން އެ އެންމެން ބަދަލުކުރީ މާލެ އަތޮޅު ގުރައިދުއަށެވެ. އޭރު ޑަބްލިޔުއެޗުއޯއިން ބޭސް ދީގެން އެ މީހުން ތިބީ ރަނގަޅުވެފަ އެވެ. އެކަމަކު އެހީވާނެ ބަޔަކު ނެތުމާއި ނިކަމެތިކަމާ ހެދި ގުރައިދޫގެ ދޯނިފަހަރުގައި މާލެ އައިސް ސަލާން ޖެހުން ނޫން ގޮތެއް ނޯވެ އެވެ.
"ބައެއް މީހުން ހަމައެކަނި އޮރިޔާން ނިވައިވާ ވަރުގެ މުންޑެއް އަނދެގެން ސަލާން ޖަހަން ބަނދަރުމަތީގައި އެއް ފިހާރަ ދޮށުން އަނެއް ފިހާރަ ދޮށަށް ހިނގަހިނގައި ތިބެ އެވެ. އެންމެ ގިނައިން އެމީހުން ދަނީ ތ. އަތޮޅު ފިހާރައިގެ ހުޅަނގު ބަޔަށެވެ،" ފޮތުގައި ލިއުނެވެ.
އެއީ ގާސިމްގެ ފުރަތަމަ ވިޔަފާރި ހިންގެވި ފިހާރަ އެވެ. ގާސިމްގެ އަތްޕުޅުން ކޮންމެވެސް އެހީއެއް ލިބޭތީ އެ މީހުން އެތަނަށް ދަނީ އެވެ.
ފަހުން ގާސިމް ހެއްދެވި ގޮތަކީ ސަލާން ޖަހަން މާލެ ނަޔަސް އެ މީހުންނަށް ފައިސާގެ އެހީ ދެއްވުމެވެ. އެ އެންމެންގެ ނަން ޖަހާފައި ހާއްސާ ފޮތެއް ފިހާރައިގައި ބޭއްވި އެވެ. ކޮންމެ މަހަކު ވެސް އެމީހުންނަށް ފައިސާގެ އެހީ ސީދާ ގުރައިދުއަށް ފޮނުއްވަނީ އެވެ.
ގާސިމްގެ "ތަނަވަސްކަން އިތުރުވަމުން ދިޔަ ވަރަކަށް އެ މީހުންނަށް ފޮނުވައިދެއްވާ އެއްޗެއް އިތުރުކުރައްވަމުން، އެ މީހުން މަރުވެދަންދެން އެ އެހީ ހުއްޓާނުލައްވައި ކުރިއަށް ގެންދެވި އެވެ،" ފޮތުގައި ލިއެފައިވެ އެވެ.
މާ ކުރިން ވެސް ބޭހަށް ދިވެހިން ބޭރަށް ފޮނުއްވި
ގާސިމްގެ ދީލަތިކަމާ މެދު ސުވާލެއް ނެތެވެ. ހާއްސަކޮށް އިންޑިއާގައި ގެތަކެއް ކުއްޔަށް ނަންގަވައިގެން އެތައް ސަތޭކަ ބަޔަކު ބޭހަށް ފޮނުއްވީ 1990 އާއި 2000ގެ އަހަރުތަކުގެ ކުރީކޮޅެވެ. އޭރު ދިވެހިން ބޭހަށް ދާން އެހީ ދެނީ ރައީސްގެ ރަސްމީ ގެކޮޅު ތީމުގެއިން، ރައީސް ދެއްވާ އެއްޗެއްގެ ގޮތުގަ އެވެ. އޭގެ ކުރިން ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ބެލުމުގެ ދަށުން ވެސް ބައެއް މީހުންނަށް ސަރުކާރުން ބޭސްކޮށްދިނެވެ. ނަމަވެސް ސަރުކާރުގެ އެ ބަޖެޓަށް ވުރެ ސިއްހީ އެހީތެރިކަމަށް ގާސިމް ހޭދަކުރެއްވި މިންވަރު މާ ބޮޑެވެ.
އެ އެހީތެރިކަން ފެށުނީ، ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް، 1990ގެ އަހަރުތަކުގައި ވެސް ނޫނެވެ. އޭގެ ވެސް މާ ކުރިން 1980ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.
ފުރަތަމަ އޭނާގެ ގާތް މީހުންނާއި ރައްޓެހިން ގޮވައިގެން ސްރީ ލަންކާއަށް ވަޑައިގަންނަވަނީ ގާސިމް އަމިއްލައަށެވެ. އެކަމަކު އެ އެހީތެރިކަން ބޭނުން މީހުން ގިނަވުމާއި އެއިން ކޮންމެ ދަތުރެއްގައި އޭނާއަށް ވަޑައިނުގެންނެވޭނެތީ ސްރީ ލަންކާގައި އެކަމަށް ހާއްސަ މީހަކު ފަހުން ބެހެއްޓެވި އެވެ. ލަންކާގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ދިވެހި ފިރިހެނެކެވެ.
"އެއްފަހަރާ ދިހަބާރަ މީހުން ބޭސްފަރުވާއަށް ފޮނުއްވާފައި ސްރީ ލަންކާގައި ތިބެ އެވެ. އަދި އެއިން ކޮންމެ މީހަކަށް އެހީތެރިޔަކު ގެންދާން ވެސް އެހީ ދެއްވަ އެވެ،" ފޮތުގައި ލިއުނެވެ.
ޖަލުން ދިމާވި 'ފެހި އުމަރު'ގެ ވާހަކަ
އެއީ މާލޭގައި އެންމެ ދިހަވަރަކަށް ސައިކަލް ދުއްވި ޒަމާނެވެ. އޭގެ ތެރެއިން އެއް ސައިކަލް ހުރީ ގާސިމްގެ އަތުގަ އެވެ. ރޭގަނޑު ބުރު ޖެއްސެވުމަކީ އޭނާގެ އާދައެކެވެ. ފޮތުގައި އޮތް ގޮތުން ނަމަ އެރޭ ސައިކަލް ދުއްވަމުން ދަނިކޮށް ހެންވޭރު ސަހަރާ ކައިރިން މަގެއްގައި 'ދިގު ހެދުމެއް ލައިގެން ވަރަށް ރީތި އަންހެން ކުއްޖަކު ހުއްޓާ' ފެނިވަޑައިގަތެވެ.
އޭނާ ކައިރިއަށް ސައިކަލްގައި މަޑުކޮށްލެއްވި އެވެ. ނަން އެއްސެވުމުން ނަން ބުންޏެވެ. ކައިވެނިކޮށްގެންތޯ އެހުމުން ބުނީ ވަރިކޮށްފައި ހުންނަތާ އަހަރެއް ވެދާނެ ކަމަށެވެ.
ސައިކަލް ބުރެއް ޖަހަން ބޭނުންތޯ އެހުމުން އެއްބަސްވި އެވެ. އެއީ ހެލްމެޓު ނާޅާ މާލޭގައި ސައިކަލް ދުއްވުން މަނާ ދުވަސްވަރެކެވެ. އެހެންކަމުން ގާސިމް ފުރަތަމަ ވަޑައިގަތީ އޭނާގެ އަމިއްލަ ގެކޮޅު މާފަންނުވިލާއަށެވެ. އެ ގޭގައި އޭރު ހުންނަނީ އާދައިގެ ގޮތަކަށް ދެ ކޮޓަރި ހައްދަވައިފަ އެވެ. އެއް ކޮޓަރި އޭނާގެ ބޭނުންތަކަށް، އަނެއް ކޮޓަރި މާމިގިލިން އަންނަ ގާތް މީހުން ތިބޭށެވެ.
ގާސިމް ދިރިއުޅުއްވަމުން ގެންދެވީ އަނބިކަނބަލުން ރާބިއާ ހުސެއިންގެ ގޭގަ އެވެ.
ހެލްމެޓު ހިއްޕަވައިގެން ވަޑައިގެން އެ އަންހެންމީހާއާ އެކު މާލެ ވަށައި ދެ ބުރެއް ޖެއްސެވި އެވެ. ދެން 'ތަނެއްގައި ޖައްސާލަމާ ހިނގާށޭ' ވިދާޅުވެ ވަޑައިގަތީ މާފަންނުވިލާގެ ކޮޓަރިއަށެވެ.
ކަންތައް ގޯސްވީ އެހާ ހިސާބުންނެވެ. އެ އަންހެންމީހާއާ އެކު ކޮޓަރިއަށް ވަދެވަޑައިގެން ތަނާހެން ދެ ފިރިހެނަކު އެތަނުގެ 'ފަން ބިއްގަނޑު ފަޅާފައި ބޭރުގައި ތިބެގެން ހަޅޭއްލަވައިގަތީ' އެވެ.
ގާސިމް އަވަހަށް ދޮރު ހުޅުވާފައި ބޭރަށް ނުކުމެވަޑައިގަތެވެ. އެކަކު ކޮޓަރިއަށް ވަދެ އަންހެންމީހާގެ އަތުގައި ހިފައި ގަދަކަމުން ދަމާ ބޭރަށް ނެރުނެވެ.
"ބޭރަށް ނެރެ، ތަޅައިގެންފައި ބަދުއަހުލާގީ އަމަލު ހިންގީއޭ ބުނެފި އެވެ. އަންހެން ކުއްޖާ ބިރުން ތުރުތުރުއަޅަ އެވެ. ނޫނޭ ނުހިންގަމޭ ބުނާއިރަށް އަނެއްކާވެސް ހަޅޭއްލަވައިގެންފައި، އެއްބަސް ނުވިއްޔާ ސިފައިންގެއަށް ގެންދާނަމޭ، ސަލާމަތެއް ނުވާނެއޭ ކިޔަން ފެށީމައި، ގާސިމް ވެސް އަންހެން ކުއްޖާގެ ދިފާއުގައި އެއްވެސް ނުބައި ކަމެއް ނުހިނގާ ކަމަށް ހުވައިކޮށް، ވަދެ ތިބި ދެ ފިރިހެނުންގެ ރުޅިމަޑުކުރެވޭތޯ އުޅުއްވި އެވެ،" ފޮތުގައި ލިއުނެވެ.
ދެ މީހުންގެ ތެރެއިން އެކަކީ، ފޮތުގައި އޮތް ގޮތުން ނަމަ، އަންހެންމީހާގެ ކުރީގެ ފިރިމީހާ އެވެ. ދެވަނަ ފިރިހެނަކީ، ފޮތުގައި ބުނި ގޮތުން، އަންހެންމީހާއާ ހިތާވެގެން، އޭނާ އުޅޭނޫޅޭ ގޮތް ބަލަމުން ދިޔަ މީހެކެވެ.
އަނެއް ދުވަހު ގާސިމް، އޭރު އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވި އެމްޖީބީއެސްގެ ފިހާރައިގައި އިންނަވަނިކޮށް ސިފައިންގެ މީހުން ގޮސް ފުލުސް އޮފީހަށް ގެންދިޔަ އެވެ. އެރޭ ކަން ވީ ގޮތް ގާސިމް ކިޔައިދެއްވި އެވެ. އެކަމަކު ތަހުގީގުކުރި މީހާ ގަބޫލެއްނުކުރި އެވެ.
"އުނހު، ތިޔަ ހަދަނީ ދޮގެވެ. އަންހެން ކުއްޖާ އޮތީ ތިޔަ ދެ މީހުން ކުރި ހުރިހައި ކަމެއް ކިޔައިދީފަ އެވެ. ކަލޭ ޖެހޭނީ އެކަން ކުރި ކަމަށް އެއްބަސްވާށެވެ،" ފޮތުގައި ލިއެފައިވެ އެވެ.
ގާސިމް އެއްބަހެއް ނުވި އެވެ. އެހެންކަމުން އޭނާ ލީ ޖަލަށެވެ.
ޖަލު ގޮޅީގައި ފެހި އުމަރު މަނިކު (ފެހި އުމަރޭ) ނަމަކަށް ކިޔާ ގައިދީއަކު ހުއްޓެވެ. ގާސިމް ޖަލަށް ލީ ސަބަބު ކިޔައިދިނުމުން އޮށޯވެ އޮވެފައި އޭނާ ބުންޏެވެ: "އަސްތަގުފިރުﷲ އެވެ. ކަލޭގެ ކަންތައް ތިޔަ ނިމުނީ އެވެ."
ދެން އޭނާ ބުނީ ތަހުގީގުގައި އެއްބަސް ނުވެއްޖެ ނަމަ ޖަލުގައި އަހަރު، ދެ އަހަރު ވެސް އޮންނަން ޖެހިދާނެ ކަމަށެވެ.
ފެހި އުމަރު މަނިކު ގާސިމަށް އިރުޝާދު ދޭން ފެށި އެވެ. ޖަލުން ސަލާމަތްވާނެ ގޮތާއި ގާޒީގެ ކުރިމަތީގައި ބުނާނެ ވާހަކަ އާއި އަރުވާލީމާ ދެން ކަން ކުރާނެ ގޮތުގެ ލަފާ ވެސް ދިނެވެ.
"ގާސިމެވެ. ކަލޭ މިތާ ނުއިންނާށެވެ! މި ތަނުގައި އިނދެފިއްޔާ ދާނީ ޒިންދަގީ އެވެ. ކަލޭ ފުލުސް އޮފީހަށް ގޮސް އެމީހުން ކައިރީގައި، އެ މީހުން އެ ބުނާ ކަމެއް ކަލޭ ކުރި ކަމަށް އެއްބަސްވާށެވެ. ބުނެފިއްޔާ އެމީހުން ފޮނުވާނީ ޝަރީއަތަށެވެ. ޝަރީއަތަށް ފޮނުވީމާ ޝަރީއަތުގެ ކުރިމަތީގައި ކަލޭ އެ ބުނި ބަސް އަނބުރައި ރުޖޫއަކުރެވޭނެ އެވެ،" އޭނާ ބުނި ކަމަށް ފޮތުގައި ލިއުނެވެ.
ތަހުގީގުގައި އެއްބަސްވެފައި ޝަރީއަތުގައި އެއީ ދޮގު ބަޔާނެއް ކަމަށް ބުނެފި ނަމަ އަދަބު އަންނާނީ ދޮގު ހެދިކަމުގެ ކުށަށް ކަމަށާއި އޭރުން އަރުވާލާނީ އެއް އަހަރަށް ކަމަށް އޭނާ ބުންޏެވެ.
އުމަރުގެ ވާހަކައަށް ގާސިމް ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު ކޮންމެ ދުވަހަކު އެ ހިޔާލު ދޭން ފެށުމުން ގާސިމުގެ ވިސްނުން ވެސް ބަދަލުވި އެވެ.
"ހުކުމް ކުރީމާ ކަލޭ [ރައީސް އިބްރާހިމް] ނާސިރަށް ސިޓީއެއް ލިޔަނިކޮށް، ދުވާލަކަށް ބައި ރުފިޔާއެއްގެ މަގުން ދައްކަން ޖުރިމަނާއަކަށް ވެސް ބަދަލުކޮށްދީފާނެ އެވެ،" ފެހި އުމަރު މަނިކު އިރުޝާދު ދިނެވެ.
ގާސިމް ކަންތައް ކުރެއްވީ އެގޮތަށެވެ. ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ. ގާޒީ ކުރިމަތީގައި އެ ބަޔާނަށް އިންކާރުކުރެއްވި އެވެ. ހުކުމް އައީ 14 މަހަށް ގޭގައި ބަންދުކުރާށެވެ. ދެން ރައީސަށް ސިޓީ ފޮނުއްވުމުން އެ ހުކުމް 175ރ.ގެ ޖޫރިމަނާއަކަށް ބަދަލުކޮށްދެއްވައި، ގާސިމް މިނިވަންކުރެއްވި އެވެ.
އިލްޔާސްއަށް ވެރިކަން ހޯދައިދޭން؟
އޮގަސްޓް 12-13 ،2004ގައި ޖުމްހޫރީ މައިދާނަށް އެތައް ހާސް ބަޔަކު އެއްވެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އޭރު ގާނޫނުއަސާސީ އިސްލާހުކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ޖަލްސާތައް އޮތީ، އެ މަޖިލިހުގެ ރައީސަކު އިންތިހާބުކުރަން އަމަލްކުރާނެ އުސޫލަކާ އެއްބަސްނުވެވިގެން، ހުއްޓިފަ އެވެ. ގާސިމަކީ އިދިކޮޅު ހިޔާލުގެ މެމްބަރުންގެ ތެރެއިން އެކެކެވެ. ހާއްސަ މަޖިލިހުގެ ރައީސްކަމަށް އެ މެމްބަރުން ބޭނުންވަނީ ގާސިމް އިންތިހާބުކުރާށެވެ.
އަގުލަބިއްޔަތު އޮތް ސަރުކާރު މެމްބަރުންގެ ވިސްނުން ހުރީ އަތް އުފުލައިގެން މަޖިލިހުގެ ރައީސް ހޮވާށެވެ. އެކަމަކު ސިއްރު ވޯޓެއް ބާއްވައިފި ނަމަ، ސަރުކާރު ކޮޅުގައި ތިއްބެވި މެމްބަރުންތަކެއް ވެސް ގާސިމަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.
މި ހުއްޓުމުގެ ތެރޭގައި ވެސް އިދިކޮޅު ހަރަކާތް މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ އެވެ. ސަރުކާރުން އޭގެ ބައެއް މީހުން ހައްޔަރުކުރެ އެވެ. އެގޮތުން ހައްޔަރުކުރި ބަޔަކު ދޫކޮށްލަން އެދި ފުލުހުންގެ މައި އިދާރާ ކައިރިއަށް ދިޔަ މީހުން ގިނަވެ، 12 އޮގަސްޓްގެ ރޭ ސިޔާސީ ބޮޑު އެއްވުމަކަށް ބަދަލުވި އެވެ.
ގާސިމްގެ ފޮތުގައި އޮތް ގޮތުން އޭނާ އެތަނަށް ވަޑައިގަތީ، އަލްމަރުހޫމް ސަމަރުބުލޫ އިބްރާހިމް މަނިކު ދެތިން ފަހަރަކު ގުޅުއްވައި، ރައީސް މައުމޫން އެދިވަޑައިގަންނަވަނީ ގާސިމް ވަޑައިގެން އާންމުން އެތަނުން ފޮނުވާލަން އެހީތެރިވެދެއްވުން ކަމަށް ވިދާޅުވުމުންނެވެ.
އެއްވުމަށް ގާސިމް ވަޑައިގެން އާންމުން އެތަނުން ދުރަށް ދާން އެދިވަޑައިގަތް ވެސް މެ އެވެ. ނަަމަވެސް އެއްވުން ދިޔައީ ބޮޑުވަމުންނެވެ. އަނެއް ދުވަހު މެންދުރުފަހު ސިފައިން ނުކުމެ އެއްވުން ރޫޅާލައި މީހުން ހައްޔަރުކުރި އެވެ. އޭރު ގާސިމް ހުންނެވީ އޭނާގެ ރިސޯޓް ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.
އެކަމަކު ސިފައިން އޭނާ ހޯދާކަން އެނގިވަޑައިގަތުމުން ގާސިމް މާލެ ވަޑައިގަތެވެ. ގެންގޮސް ލީ ދޫނިދޫ ޖަލަށެވެ.
ޖަލުގައި ވަރަށް ބޮޑަށް ބިރުގަނެ، ނިދަން އުނދަގޫވި އެވެ. ޒަހަރެއް ދީގެން މަރާލަފާނެކަމުގެ ބިރުވެރި ޝައްކުތައް ވެސް ގިނަވި އެވެ. ކާން ގެންނަ ރިހަ ތަށި ފާހާނާއަށް އަޅާލައްވާފައި، މަސްކޮޅު ބޭނުންކުރައްވަނީ ފެނުން ރަނގަޅަށް ދޮވެފަ އެވެ.
ގާސިމް ރޭގަނޑު އަވަހާރަފުޅުލައްޕަވަނީ ނިދާ ބޭސް ފަރިއްކުޅުއްވައިގެންނެވެ. އެއް ދުވަހަކު މެންދުރުފަހު އޭނާ ނެރެގެން ތަހުގީގުގެ ސުވާލުތައް ކުރި އެވެ. އެޓާނީ ޖެނެރަލް އޮފީހުން ގާސިމްއާ ސުވާލުކުރައްވަނީ ރޭނީސް އަހުމަދު ސަލީމް ކަމަށް، ފޮތުގައި އޮތެވެ.
އެ ދުވަހުގެ ތަހުގީގު ރޭގަނޑު ހަތެއް ޖަހަންދެން ކުރިއަށް ގެންދިޔަ ކަމަށްވެ އެވެ. އަވަހާރަފުޅު ލައްޕަވަނީ ނިދާ ބޭސް ބޭނުންކުރައްވައިގެން ކަމަށް ވާތީ، ރޭގަނޑު އެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެތޯ ގާސިމް ސުވާލުކުރެއްވި އެވެ. އޭގެ ޖަވާބުގައި، ފޮތުގައި އޮތް ގޮތުން ނަމަ، ސަލީމް ވިދާޅުވަނީ މި 'ރެއަށް ތަހުގީގު ނިންމަވައިލެއްވީ' ކަމަށެވެ.
އެކަމަކު ބޭސް ފަރިއްކުޅުއްވައިގެން ނިދެމުން ދަނިކޮށް ފުލުހަކު ގޮސް ތަހުގީގަށް ވަޑައިގަންނަވަން ދެންނެވި އެވެ. އެނޫން ގޮތެއް މިރޭ ނެތްތޯ އެއްސެވުމުން ވެސް 'ޖެހޭނީ ދާން' ކަމަށް ފުލުސް މީހާ ބުނި ކަމަށްވެ އެވެ.
ތަހުގީގުގައި އެރޭ ސަލީމް ކަންކުރެއްވި ގޮތް ފޮތުގައި ލިއެފައި އޮތީ މިހެންނެވެ:
"މިރޭގެ ތަހުގީގުގައި އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދީ އެއްބަސްނުވެ، ދެ ރޭ ދެ ދުވާ ވިޔަސް ކަލެއަކަށް ދާކަށް ލާހިކެއް ނޫނެވެ."
އެރޭ ތަހުގީގު ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި ވާހަކަ ހަނދާންކޮށްދެއްވުމުން ވެސް ދެއްކެވީ ހަރުކަށިކަން ކަަަމަށް، ފޮތުގައިވެ އެވެ. އެއްފަހަރަކު ފުންމައިގެން ތެދުވެވަޑައިގެން މޭޒު މަތީގައި އަތުން ޖައްސަވާފައި ވިދާޅުވީ، ފޮތުގައި އޮތް ގޮތުން ނަމަ، "ކަލޭ ތިޔަ އުޅެނީ އިލްޔާސް [އިބްރާހިމް]އަށް ވެރިކަން ހޯދައިދޭން ހެއްޔެވެ؟"
ގާސިމް ވިދާޅުވީ ވެރިކަމަށް އިލްޔާސް ގެންނަވަން ނޫޅުއްވާ ކަމަށާއި މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަވަން ކަމަށެވެ.
"ދެން އެހެން ވިއްޔާ ވެރިކަމަށް އަންނަންވެގެން ތިޔަ އުޅެނީ ކަލޭ ހެއްޔެވެ؟' ވިދާޅުވެ ކުރެއްވި ސުވާލަށް ގާސިމްގެ އޮތް ޖަވާބަކީ 'ނޫނެކޭ' އެވެ.
ދެން ސަލީމްގެ ސުވާލު އެނބުރުނީ ބޮޑުވަޒީރަކަށް އިލްޔާސް ގެންނަވަން ގާސިމް ބޭނުންފުޅުވާކަމަށް ތުހުމަތުކުރައްވައި، އެ މިސްރާބަށެވެ.
ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރައްވާތީ އެންމެ ފަހުން ގާސިމްގެ ވާހަކަ ބަދަލުކުރެއްވީ ކަމަށް، ފޮތުގައި ލިއުނެވެ. އެގޮތުން އޭނާ ވިދާޅުވީ "އަޅުގަނޑު މިހާރު މިދައްކާ ވާހަކަތަކަކީ ކޮންމެހެން ހަގީގަތަކަށް ވެގެން ދައްކާ ވާހަކަތަކެއް ނޫން" ކަމަށެވެ.
"އަޅުގަނޑު މިކުރަމުން އައި ކަމެއް އެއްވެސް ވަރަކަށް އިލްޔާސަކަށް އެނގިވަޑައެއްނުގަންނަވާނެ އެވެ. އެކަމަކު އަޅުގަނޑުގެ ހިތުގައި އޮތީ، ގާނޫނުއަސާސީ އިސްލާހުކުރެވޭ އިރު، ރައީސުލްޖުމްހޫރިއްޔާއަކު ހުންނަވާފައި، ޕްރައިމް މިނިސްޓަރު ވެސް ހުންނަވާ ގޮތަށް ފާސްވެއްޖެ ނަމަ އިލްޔާސްއަށް ޕްރައިމް މިނިސްޓަރުކަން ލިބޭތޯ މަސައްކަތްކުރުމަށެވެ،" އެރޭގެ ތަހުގީގުގައި ގާސިމްގެ ވާހަކަ ހުރި ގޮތް ކަމަށް ބުނެ، ފޮތުގައި ލިއުނެވެ.
"އެކަމަކު އެ ވާހަކަ އަދި އިލްޔާސް އަރިހުގައި ވެސް އަދި އެހެން މީހެއްގެ ގާތުގައި ވިޔަސް ނުބުނަމެވެ. [އެހާ ހިސާބުން] ސަލީމް ވިދާޅުވެއްޖެ އެވެ. އާނ، ތިޔަ ނިމުނީ އެވެ. ތަހުގީގު ނިމުނީ އެވެ."
އެރޭގެ ތަހުގީގަށް ފަހު ގާސިމްގެ ހާލުކޮޅު ގޯސްވެގެން އަނެއް ދުވަހު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ދިހަ ދުވަސް ވަންދެން ހޮސްޕިޓަލްގައި އޮންނެވި އެވެ. އޭގެ ފަހުން އަނބުރާ ދޫނިދުއަށް ގެންދިޔަ އެވެ.
އޭނާ ގޭ ބަންދަށް ބަދަލުކުރީ ތިން މަސް ވާން ކައިރިވެފައި ހުއްޓަ އެވެ.
އިލްޔާސް އިބްރާހިމަކީ އޭރު މައުމޫން ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ. ގާސިމް ޒުވާން ދުވަސްވަރު އުޅުއްވީ އިލްޔާސްގެ އާއިލީ ގެކޮޅު އެންދެރިމާ ގޭގަ އެވެ. އިލްޔާސްއަށް ގާސިމް ވިދާޅުވަނީ 'އިލްޔާސްބެ' އެވެ.
ކިމްސް ހޮސްޕިޓަލްގެ ހިއްސާ ގަނެވެން އޮތް
އޮގަސްޓް 12-13ގެ އެއްވުމާ ގުޅިގެން ގާސިމް ޖަލުގައި ބަންދުކުރި އިރު އާންމުންނަށް ނޭނގޭ އެހެން ކަމެއް އިންޑިއާގެ ޓްރިވެންޑްރަމްގައި އޮތީ ހަމަޖެހިފަ އެވެ: އެ ސިޓީގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ކިމްސް ހޮސްޕިޓަލްގެ %50 ހިއްސާ ވިލާއަށް ވިއްކާލުމެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭރު އޭނާގެ އެހީގައި ކިމްސްއަށް ފޮނުވާ ދިވެހިންގެ ބޭހަށް މަހަކު 400،000-500،000 ޑޮލަރު (6.1-7.7 މިލިއަން ރުފިޔާ) ހޭދަކުރެ އެވެ. އެހާ ބޮޑު އަދަދެއް ހޮސްޕިޓަލަށް ލިބޭ އިރު ވިލާއަށް %35ގެ ޑިސްކައުންޓެއް ވެސް އޮންނަނީ ދީފަ އެވެ.
ގާސިމްގެ ފޮތުގައި އޮތް ގޮތުން ކިމްސްގެ %50 ހިއްސާ ވިލާއަށް ވިއްކާލަން އުޅުނީ 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށެވެ. އޭރު އޮތީ އެއްބަސްވުމަކާ ހަމައަށް ވެސް ދެވިފަ އެވެ.
އެކަމަކު "ޖަލުގައި ބަންދުކުރުމުން އެކަން އިތުރަށް ކުރިއަށް ނުގެންދެވި، އަދި ސަރުކާރުން ހުއްދަ ނުލިބިގެން ވިލާއަށް މީހުން ވެސް ބޭހަށް ނުފޮނުވޭތީ ފަހުން އެ ހިއްސާ ވިއްކާލީ އަރަބި ޕާޓީއަކަށެވެ،" ފޮތުގައި އޮތެވެ.
ސްކޮލަޝިޕް ޕްރޮގްރާމް: 'ގާސިމް ތިޔަ ކަން އެއްގޮތަކަށް ވެސް ނުކުރައްވާ!'
ގާސިމަކީ އޭނާ ބޭނުންފުޅުވި ވަރަށް ތައުލީމު ލިބިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އެކަމަކު ތައުލީމަށް ލޯބިކުރައްވަ އެވެ. އޭނާގެ ސަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓް ހުޅުއްވުމާ އެކު އެނގިވަޑައިގަތީ ތައުލީމާއި ތަމްރީންގެ މުހިންމުކަމެވެ. އެހެންވެ ރިސޯޓްގެ މުވައްޒަފުންނަށް ކިޔަވައިދޭށާއި ތަމްރީންތަކަށް ހާއްސަ މެނޭޖަރުން ލައްވައި، ހަފުތާ ބަންދާ ދިމާކޮށް ދާއިރާގެ ތަޖުރިބާކާރުން ގެންގޮސްގެން ވެސް ތަމްރީން ދިނެވެ.
އުމުރުފުޅުން 50 އަހަރަށް އެޅުމާ އެކު އެހެން ކަމަކަށް އަޒުމް ކަނޑައެޅުއްވި އެވެ: ސްކޮލަޝިޕް ޕްރޮގްރާމެއް ފެއްޓެވުމެވެ. ގާސިމްގެ ރަން ޔޫބީލް އަހަރަކީ 2000 އެވެ. ގަސްދުކުރެއްވީ ފުރަތަމަ ވެސް 100 ސްކޮލަޝިޕް ދެއްވާށެވެ. ނަމަވެސް ފަށައިގަންނަ އިރު އެވަރު ބޮޑު ކަމަށް، ބައެއް ބޭފުޅުން ވިދާޅުވުމުން 50އަށް ތިރިކުރެއްވި އެވެ.
އެކަމަކު ގާސިމް އެފަދަ ކަމެއް ކުރައްވައިފި ނަމަ ސަރުކާރުން ހިތްހަމަނުޖެހިދާނެކަމުގެ ބިރު އޮތެވެ. އެހެންވެ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ލަތީފްއާ، ނަސަންދުރާގައި އޮތް ޕާޓީއެއްގެ ތެރެއިން، އެ ވާހަކަ ހިއްސާކުރެއްވި ކަމަށްވެ އެވެ.
"ސުބްހާނަﷲ އެވެ. ތިޔަކަން ގާސިމް އެއްގޮތަކަށް ވެސް ނުކުރައްވާށެވެ. ގާސިމްގެ ދުވަސް ދިޔައީ އެވެ. ގެންގޮސް ހައްޔަރު ވެސް ކޮށްފާނެ އެވެ. ތިޔައީ ގާސިމް ކުރައްވާން ސަރުކާރުން ވަރަށް ނުރުހޭނެ ކަމެކެވެ. ތިޔަކަން ކުރައްވާކަށް ނުވާނެ އެވެ،" ގާސިމް އަރިހު ލަތީފް ވިދާޅުވި ކަމަށް، ފޮތުގައި އޮތެވެ.
އެކަމަކު އޭގެ ދެ މަސް ފަހުން، 50 ވަނަ އުފަން ދުވަސް ކަމަށްވާ 10 ފެބްރުއަރީ 2000ގައި، 'ވިލާ ސްކޮލަޝިޕް'ގެ ނަމުގައި އާންމުކޮށް އެ އެހީތެރިކަން ހުޅުވާލެއްވި އެވެ.
ދެން ވެސް ދަތިތަކެއް ދިމާވި އެވެ. އެކަން ކުރެވޭނީ ސަރުކާރުން ހުއްދަ ހޯދައިގެންކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށް، އޭރުގެ ހަޔާ އެޑިޔުކޭޝަންގެ ޒިންމާ އުފުއްލަވަން ހުންނެވި މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވި ކަމަށް، ފޮތުގައި އޮވެ އެވެ.
"ރައީސް އޮފީހުން ފާޅުކުރެއްވި ކަންބޮޑުވުމަކީ ކުދިންތަކެއް ކިޔަވަން ގޮސް ތިއްބައި ވިލާއަށް ދިމާވާ ގޮތަކުން އެ ކުދިންނަށް އެހީ ލިބުން ހުއްޓިއްޖެއްޔާ ވާނެ ގޮތަކާ މެދުގަ އެވެ. ގާސިމްގެ ޖަވާބަކަށް ވީ އެހެން ވެއްޖެ ނަމަ ސްކޮލަޝިޕް ނިމުނީ އެވެ. އެ ކުދިން ރާއްޖެ ގެންނާނީ އެވެ. އެހާ ތަނަށް އެ ކުދިންނަށް ކުރެވުނު ހަރަދެއް ވެސް އަނބުރައި ދައްކާކަށް ނުޖެހޭނެ އެވެ،" ގާސިމާ ހަވާލާދީފައި ފޮތުގައި ލިއުނެވެ.
ފަހުން ހުއްދަ ލިބުނެވެ. އެހެންވެ ވިލާ ސްކޮލަޝިޕްގެ ފުރަތަމަ ބެޗު ފުރީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޕްރޮގްރާމަށް ހުށައަޅާ ދަރިވަރުންގެ އަދަދު މާ މަތިވުމުން އެކަން އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދަން ވިލާ ފައުންޑޭޝަން، 2 މާޗު 2003ގައި، ރައީސް މައުމޫން އިފްތިތާހުކޮށްދެއްވި އެވެ.
ކެބިނެޓަށް: މައުމޫންގެ އެތައް ފަހަރެއްގެ އެދިވަޑައިގަތުމެއް
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުސަތު 2005ގައި މައުމޫންގެ ސަރުކާރުން ދިން އިރު މައުމޫން ވެސް އެންމެ ބޮޑަށް ބޭނުންފުޅުވި އެއް ބޭފުޅަކީ ގާސިމެވެ. އެކަމަކު އޭނާ ހުންނެވީ އިދިކޮޅު ހަރަކާތުގަ އެވެ.
މައުމޫންގެ ކެބިނެޓަށް ޖުލައި 2005ގައި ގެނައި ބަދަލުތަކުގެ ތެރޭގައި ވެސް ގާސިމްގެ ނަން އޮތް ކަމަށް، އޭނާގެ ފޮތުގެ ބައެއް ސަފުހާތަކުން އެނގެ އެވެ. މައުމޫން އެތައް ފަހަރަކު ބައްދަލުކުރައްވައި، ކެބިނެޓަށް ވަޑައިގަތުމަށް ފުރުސަތު ދެއްވި އެވެ.
ގާސިމް ގެންދެވީ، އޭނާ ވިދާޅުވި ގޮތުގައި، ދެކޮޅު ހައްދަވަމުންނެވެ. އެކަމަކު މައުމޫންގެ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދަވާ ނަމަ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ވެސް ވިދާޅުވަމުންނެވެ.
މައުމޫންގެ ކެބިނެޓްގެ ޒުވާން މިނިސްޓަރުންނާއި ސީނިއަ ބައެއް މިނިސްޓަރުން ވެސް ގާސިމްއަށް ވިސްނަވައިދެވޭތޯ މަސައްކަތްކުރެއްވި ކަމަށް ފޮތުގައި އޮތެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުލައި 2005ގައި ކެބިނެޓަށް ބަދަލު ގެނައި އިރު އޭނާއަށް އެޓޯލްސް މިނިސްޓަރުކަން ދެއްވާނެ ކަމަށް އޮތީ އަންގަވައިފަ އެވެ. އެކަމަކު އެ ހުށައެޅުން އޭރު ގަބޫލުފުޅުނުކުރެއްވުމުން އެ ބުރުގައި އެޓޯލްސް މިނިސްޓަރުކަން ދެއްވީ މުހައްމަދު ވަހީދުއްދީނަަށެވެ.
އެންމެ ފަހުން ގާސިމް އެއްބަސްވެވަޑައިގަތެވެ. އެހެންކަމުން 18 އޮގަސްޓް 2005ގައި ފިނޭންސް މިނިސްޓަރުކަމުގެ ހުވާކުރެއްވި އެވެ.
ގާސިމްގެ ފޮތުގައި އޮތް ގޮތުން ނަމަ މިނިސްޓަރުކަން ގަބޫލުފުޅުކުރެއްވީ ދެ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން މައުމޫން ދެއްވުމުންނެވެ. އެ ދެ ކަންތަކުގެ ވާހަކަ ގާސިމް ދެންނެވީ މައުމޫންގެ ފަސް ވަނަ ބައްދަލުކުރެއްވުމުގަ އެވެ.
ގާސިމް އެދިވަޑައިގަތީ:
-
1-
މައުމޫންގެ އިސްލާހީ މަގު ޗާޓާ ކުރިއަށް ގެންގޮސް 2008ގެ އިންތިހާބުގެ ކުރިން އާ ގާނޫނުއަސާސީ ނިންމުން
-
2-
ފިނޭންސް މިނިސްޓްރީއަށް މީހުން ލުމާއި ވަކިކުރުން ފަދަ ބަދަލުތައް ގެންނަވަން ޖެހޭނީ ގާސިމްގެ ރުހުމާ އެކު، އޭނާ ދަންނަވާ ގޮތަކަަށް
"އެ ކަންކަމަށް އެއްބަސްވެވަޑައިގެން ވައުދުވެވަޑައިގެންފައި، ތިޔަ ނިމުނީއޭ، މާދަމާ އެކެއް ޖަހާއިރު މިނިސްޓަރުކަމުގެ ހުވައިކުރެއްވުން އޮންނާނެ" ކަމަށް މައުމޫން ވިދާޅުވި ކަމަށް، ފޮތުގައި އޮތެވެ.