ރަސްދޫގައި ޓޫރިސްޓަކު، ކައިރީގައި އޮތް ކުރަމަތި ރިސޯޓުގެ ފޮޓޯއެއް ނަގަން ހުއްޓިލައިގެން: ވައި ނުސާފުވެ، ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައި-- (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ތި ބުނާ 'ކްލިއާ ބްލޫ ސްކައި' ކޮބައިތަ؟
ހަވީރުގެ އެންމެ ހިތްގައިމު ވަގުތެވެ.
އއ. ރަސްދޫގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހުރި ކެފޭއެއްގައި ކޮފީއެއް ބޯލަން މަޑުކޮށްލިތާ މާ ގިނަ އިރެއް ނުވެ، ކައިރީގައި ހުރި އެހެން މޭޒެއް ކައިރީގައި ޖައްސާލީ ޒުވާން ދެ ޓޫރިސްޓުންނެވެ. ކައިރީގައި ކުޑަކުއްޖެއް ވެސް ހުރުމުން ގަބޫލުކުރެވުނީ އެއީ ދެމަފިރިން ކަމަށެވެ.
އުފާވެރިކަމާ އެކު އެ މީހުން ދައްކަމުން ދިޔައީ އެ ކެފޭގެ ހިތްގައިމުކަމުގެ ވާހަކަ އެވެ. މޫދުގެ ރީތި ވާހަކައެކެވެ. އެކަމަކު ކުއްލިއަކަށް މައުލޫ ބަދަލުވި އެވެ. ދުރުން ފެންނަ އުދަރެހަށް ނަޒަރު ހިންގާލައި، މާޔޫސްކަން ފާޅުކުރި އެވެ. ހިތުގައި އުފެދުނު ސުވާލު އިއްވާލީ، އެ ވަގުތު އެތަނަށް އޯޑަރު ނަގަން ކައިރިވި ވެއިޓަރަށެވެ.
"ވެއާ އިޒް ޔުއާ ކްލިއާ ބްލޫ ސްކައި؟" އެ އަންހެން މީހާ އެހި އެވެ.
އޭނާ ހައިރާންވީ، ކުރިން ނޫ ކުލައިން ފެންނަން އޮތް ސާފު އުޑުމަތި އެއްކޮށްހެން ކުލަ މަރުވެފައި އޮތުމުންނެވެ. ވެއިޓަރު ގާތު އެހީ، އެ ސާފު، ރީތި ނޫ ކުލައިގެ އުޑު ކޮބައިތޯ އެވެ. ވެއިޓަރުގެ ފަރާތުން ޖަވާބެއް ނުލިބުނު ނަމަވެސް، އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނުހެނެއް ހިޔެއް ނުވެ އެވެ.
"އޭރުން ހާދަ ފުރިހަމަވީހޭ،" އޭނާ ބުނެލި އަޑުއިވުނެވެ.
ވަށައިގެންވާ މާހައުލަށް ބަލާލުމުން އެއީ ތެދެއްކަން އެނގުނެވެ. ކުރިން ސާފު ނޫ ކުލައިގައި އޮންނަ ރީތި އެ އުޑުމަތި މިހާރު އޮތީ އެއްކޮށްހެން ފުސްވެފަ އެވެ. އާއްމު ދުވަހެއްގައި، އަތިރިމަތީގެ އެ ސަރަހައްދުގައި ހުއްޓިގެން ހުންނައިރު، ކައިރީގައި އޮންނަ ކުރަމަތި ރިސޯޓު ވަރަށް ސާފުކޮށް ފެނުނު ނަމަވެސް މިހާރު ރަށުގެ މަލަމަތި އޮތީ ފަނޑުވެފަ އެވެ. ހީވަނީ މުޅި ސަރަހައްދުގައި، ދުމުން ފުސްބުރާލާފައި އޮތްހެންނެވެ.
މިއީ މި ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބެއްގައިހެން ހާލަތެވެ. ރާއްޖޭގެ ވައިގެ ކޮލިޓީ އެހާ ވެސް މިހާރު ވަނީ ދަށްވެފަ އެވެ. މިއީ އާއްމުކޮށް، ހުޅަނގު މޫސުން ނިމި އިރުވަޔަށް އެޅޭއިރު ފެންނަ މަންޒަރެއް ނަމަވެސް، ކަންބޮޑުވާ ދަރަޖައަށް މިހާރު މިކަން ދަނީ ގޯސްވަމުންނެވެ. އެހެން ގައުމުތަކުން ދޫކުރާ ވިހަ ގޭހާއި ދުމުގެ އަސަރު، ސިއްހީ ގޮތުންނާއި ތިމާވެއްޓަށް އޮތް ނުރައްކަލެއްގެ ގޮތުގަ އާއި އިގްތިސޯދު އެއަށް ބިނާވެފައި އޮތް ޓޫރިޒަމަށް އެޅިދާނެ ހުރަހެއްގެ ގޮތުގަ އެވެ.
މި ކަންބޮޑުވުން، ކުރީގެ އެންވަރަމެންޓް މިނިސްޓަރު އަދި ދާއިރާގެ ތަޖުރިބާކާރު އައިމިނަތު ޝައުނާ ވެސް ފާޅުކުރެއްވި އެވެ.
'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ޝައުނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ވައި ނުސާފުވުން ނުވަތަ އެއާ ކޮލިޓީގެ މައްސަލަ އެންމެ ފުރަތަމަ ފެންނަން ފެށީ 1990ގެ އަހަރުގެ ކުރީކޮޅެވެ. އެކަމަށް އޭރު ކިޔަމުން އައީ 'އޭޝިއަން ބްރައުން ކްލައުޑް'ގެ މައްސަލަ އެވެ. އެއާ ވިދިގެން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ ހުންނަ މިންވަރު މޮނިޓާ ކުރުމަށް އޭރު ހދ. ހަނިމާދޫގައި މޮނީޓާ ސްޓޭޝަނެއް ވެސް ގާއިމުކުރި އެވެ. މިއީ ރާއްޖޭގައި ގާއިމްކުރި މިފަދަ ފުރަތަމަ ސްޓޭޝަނެވެ.
އޭރުން ފެށިގެން ރާއްޖޭގެ ވައިގެ ހާލަތު މޫސުމާ ބެހޭ ގައުމީ އިދާރާއިން މޮނީޓާކުރެ އެވެ. އެކަމަކު ރަސްމީކޮށް، އެ ގޮތަށް މައުލޫމާތު އެއްކުރަން ފެށީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު މިނިސްޓަރަކަށް ހުންނެވީ ޝައުނާ އެވެ. އޭރުން ފެށިގެން މިހާތަނަށް އައިއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަވައިދުން މައުލޫމާތު އެއްކުރާ ހަ ސްޓޭޝަނެއް ހުރެ އެވެ.
މިހާ ހިސާބަށް އައިއިރު ޔަގީންވީ، އަހަރުން އަހަރަށް އެ މައްސަލަ ގޯސްވަމުންދާ މިންވަރެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ޝައުނާ ނެންގެވީ ކުރިން ރާއްޖޭގެ އެންމެ އުތުރުން، ހަނިމާދުއާ ވީ ފަޅިން ފެންނަން ފެށި އެ ފުސްކަން، މިހާރު ރާއްޖޭގެ އެންމެ ދެކުނާ ހަމައަށް ފޯރާފައިވުމެވެ. ހަމައެކަނި ޖައްވުތެރެ ފުސްވުން އެކަންޏެއް ނޫނެވެ. އޭގެ މިންވަރު ވެސް މަތިވެ، ނުރައްކާ މިންވަރަށް ހާލަތު ބަދަލުވެފައި އޮތުމެވެ.
މެޓު އޮފީހުން އާއްމުކޮށްފައިވާ މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރުގައި:
-
މިދިޔަ ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ރާއްޖޭގެ އެއާކޮލިޓީ އިންޑެކްސް ހުރީ 125 އަށް ވުރެ މަތީގައި
-
އެއީ ހައި ރިސްކު މީހުންނަށް ނުރައްކާތެރި މިންވަރެއް
-
ނުސާފުމިން 161 އަށް ވެސް އެރި
-
އެއީ އެންމެންގެ ސިއްހަތަށް ވެސް ނުރައްކާތެރި މިންވަރެއް
-
ވައިގެ ކޮލިޓީ މި ދެ ދުވަހު ވަނީ މޮޑަރޭޓް ލެވެލްއަށް ތިރިވެފައި
ކޮން ކަހަލަ ތަޣައްޔަރުވުމެއް؟
'ޓްރާންސްބައުންޑަރީ އެއާޕޮލިއުޝަން' ނުވަތަ ގައުމުތަކުން ދޫކުރާ ގޭހާއި ދުމުގެ އަސަރު ކައިރީގައި އޮންނަ އެހެން ގައުމުތަކަށް ކުރުމަކީ ބައިނަލްއަގްވާމީ ބޮޑު މައްސަލައެކެވެ. އެކަމަކު ރާއްޖެ އޮންނަ ސައުތު އޭޝިއާ ސަރަހައްދުގައި މިކަން މާ ބޮޑެވެ.
ވޯލްޑް ބޭންކާއި ކަމާ ގުޅޭ ބައިނަލްއަގްވާމީ އެހެން އިދާރާތަކުން ބުނާގޮތުގައި މި ފަހުން އެންމެ ވައި ނުސާފު ސަރަހައްދަކަށް ވެފައި އޮންނަނީ ސައުތު އޭޝިއާ ސަރަހައްދެވެ. ހާއްސަކޮށް، ބަންގްލަދޭޝް އާއި އިންޑިއާގައި މި މައްސަލަ އިންތިހާއަށް ގޯހެވެ. ރާއްޖެއަށް މި ކުރަނީ އެހެން ގައުމަކުން ދޫކުރާ ވިހަ ގޭހާއި ދުމުގެ އަސަރެވެ.
އުތުރު އިންޑިއާގެ އުޅަނދުތަކުން ދޫކުރާ ދުމާއި އިންޖީނުގެތަކުން ދޫކުރާ ދުމާއި ދަނޑުވެރިކަން ކުރުމަށް، ދަނޑުތައް އަންދާއިރު އަރާ މި ދުމުގެ އަސަރު ރާއްޖެއަށް ބޮޑުވަނީ، ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރާއި ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މިއީ އިރުވަޔަށް ވައި ބަދަލުވާ ދުވަސްވަރެވެ. އެކަމަކު މި ދުވަސްވަރު މި ދިމާވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ 'ހައި ސީޒަން'އާ އެވެ.
"ހަގީގަތުގައި މިހާރު ބޮޑެތި ރިސޯޓުތަކުން ވެސް ބަލަން ވެއްޖެ މިހާރު މި އަންނަމުންދާ ބަދަލުތަކާ މެދު ޓޫރިސްޓުން ދެކޭ ގޮތް. އެ މީހުން ހިތްހަމަނުޖެހޭތޯ. ވައިގެ ނުސާފުމިން އެމީހުންނަށް ފާހަގަވަނީ ކިހާ މިންވަރަކަށްތޯ،" ޝައުނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ބަދަލުތައް މިހާ ފަސޭހައިން މި އެނގެނީ މިތަނުގައި ދިރިއުޅޭތީ. އެކަމަކު ޓޫރިސްޓުން ގާތު އަހައި އެ މީހުންނަށް ފާހަގަވާ ނަމަ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ."
ރާއްޖޭގެ އިގްތިސޯދު އެއަށް ބިނާވެފައި އޮންނަ ޓޫރިޒަމްގައި އެންމެ ބޮޑަށް ވިއްކާ އެއްޗަކީ ސާފު ރީތި މޫދާއި ނޫ އުޑާއި ދޮންވެލި އަތިރިމައްޗެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް، ވަށައިގެން ބައްދަމުން، ގަދަކުރަމުން މި އަންނަ މި ކަޅުކަމުގެ އަސަރު މި ހުރިހާ އެއްޗަކަށް ވެސް ކުރުމުގެ ފުރުސަތު ބޮޑެވެ.
ދެން އޮތީ މި ނުސާފުކަމުގެ ސަބަބުން ސިއްހަތަށް ކުރަމުންދާ އަސަރެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ނޭވާލާ ނިޒާމަށް ޖެހޭ އެކި ފާޑުގެ ބަލިތައް މިދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. ކުޑަކުދިންގެ މެދުގައި ނުރައްކާ ބޮޑު، ވައިރަހަކުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް މިދިޔަ އަހަރު ވެސް ފެނި، ވަރަށް ބޮޑަށް ފެތުރުނެވެ.
މި ފަދަ ބަލިތަކާއި ޖައްވު ނުސާފުވުމާ ސީދާކޮށް ގުޅުވާލައި، ރާއްޖޭގައި މިހާތަނަށް ދިރާސާއެއް ހަދާފައި ނެތް ނަމަވެސް، ބައެއް ޑޮކްޓަރުން ބުނާ ގޮތުން ނުސާފު ވައިގެ ސަބަބުން މިފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.
ރާއްޖޭގެ އެއާކޮލިޓީ ހުރި މިންވަރު ދައްކައިދޭ މިދިޔަ އަހަރުގެ ރިޕޯޓުން ފެންނަ ގޮތުގައި ނޮވެމްބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް، ވައިގެ ނުސާފުމިން ހުރީ އާއްމުންނަށް ނުރައްކާތެރި، އަދި ހާއްސަ ބަލިތަކުގެ މީހުންނަށް ވަަރަށް ރިސްކު ބޮޑު ލެވެލްއެއްގަ އެވެ. ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ތެރޭގައި ހިތާއި ފުއްޕާމޭގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މިންވަރަށް ވައިގެ ނުސާފުމިން އަރާފައިވާ ދުވަސްތައް ވެސް ދިޔަ އެވެ.
ރާއްޖޭގެ ގިނަ ބަޔަކު އަދިވެސް ވާރޭ ފެނަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނައިރު، މި ފަދަ ނުސާފުކަމުގެ ތެރެެއިން އޮހޭ ފެނަކީ ވެސް، ރައްކާތެރި އެއްޗެއްތޯ ބެލުން މިހާރު ކޮންމެހެން ވެސް މުހިއްމެވެ. އެހެން ނޫނީ، ފެނުގެ ޒަރީއާއިން ވެސް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ދެން އޮތީ، ތަޣައްޔަރުވެފައިވާ ވައިގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަސަރުކުރޭތޯ އާއި ކުރާ ނަމަ އޭގެ މިންވަރާ މެދު އުފެދޭ ސުވާލެވެ. ދިރުންތަކާއި ދަނޑުވެރިކަމަށް އޭގެ އަސަރު ކުރާނެތޯ މިހާރު ބަލަން، މާ ބޮޑަށް ލަސް ވެސް ވެއްޖެ އެވެ.
"ދިވެހިންގެ ސިއްހަތާއި އިގްތިސޯދާއި ތިމާވެއްޓާ ވެސް ވައިގެ މި ނުސާފުކަން މިވަނީ ގުޅިފައި. އެހެންވެ، މިއީ ސީރިއަސްކޮށް ވިސްނަން ޖެހޭ، އަދި ފިޔަވަޅު އަޅަން ޖެހިފައިވާ ސީރިއަސް މައްސަލައެއް،" ޝައުނާ ވިދާޅުވި އެވެ.
އެޅޭނީ ކޮން ފިޔަވަޅެއް؟
ގައުމުތަކުން ބޭރުކުރާ ވިހަގޭހާއި ދުމުގެ އަސަރު އަވަށްޓެރި ގައުމުތަކަށްކޮށް، ވައި ތަގައްޔަރުވުމަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައި އޮތް މައްސަލައެއް ނޫނެވެ. އެކަމަކު އެ ގައުމުތަކުގެ މެދުގައި، މިކަން ހައްލު ކުރުމުގެ ގޮތުން އެއްބަސްވުންތަކާއި މުއާހަދާތައް ހަދާފައި ހުރެ އެވެ. ބޭނުން ކުރާނީ ކޮން ޒާތެއްގެ އުޅަނދެއްތޯ އާއި އެ ސަރަހައްދުތަކުގައި ހުންނަ އިންޖީނުގެތަކުން ބޭރު ކުރާ ދުންތައް ފިލްޓާ ކުރުމާއި ވަކި ސްޓޭންޑަޑެއްގައި ބެހެއްޓުން ފަދަ ކަންކަން، އެއް އެއްބަސްވުންތަކުގައި ލާޒިމް ކުރެ އެވެ.
އެކަމަކު މި ސަރަހައްދުގައި އެފަދަ އެއްބަސްވުމެއް، މުއާހަދާއެއް ނެތެވެ. އަވަށްޓެރި ގައުމުތަކަށް ރާއްޖޭގެ ވެރިން ކުރައްވާ ޒިޔާރަތްތަކުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި ނަމަވެސް، ގާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ ފަދަ އެއްބަސްވުމެއްގައި ސޮޔެއް ނުކުރައްވަ އެވެ. އެހެންވެ، ކިތަންމެ ގިނައިން ވިހަ ދުންތައް ބޭރުވެ، ރާއްޖޭގެ ސަރަހައްދު ތަގައްޔަރު ވިޔަސް މިވަގުތަށް އެޅޭނެ ފިޔަވަޅެއް ނެތެވެ.
އެކަމަކު ޝައުނާ ގަބޫލުކުރައްވާ ގޮތުގައި މިއީ މިފަދަ އެއްބަސްވުމަކަށް ދާން އެންމެ އެކަށޭނެ ވަގުތެވެ.
"މިއީ ރާއްޖެއިން އިސް ނަގައިގެން ވެސް ކުރުން ރަނގަޅު ކަމެއް. ވީ އެންމެ އަވަހަކަށް ވެސް ކުރަން ޖެހިފައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވި ގޮތުގައި މައްސަލައިގެ ޒާތުން، މިއީ އެހެން ގައުމުތަކުގެ އެހީއާ ނުލައި ނުވަތަ ރާއްޖެއިން އެކަނި ހައްލު ކުރެވޭނެކަމެއް ނޫނެވެ. މި މައްސަލައިގައި އެންމެ ބޮޑަށް ހިއްސާވާ ގައުމުތަކުގެ އެއްބާރުލުން، މި ކަމުގައި ބޭނުންވާނެ އެވެ. ގާނޫނީ ގޮތުން ތަންފީޒު ކުރެވޭ އެއްބަސްވުމެއް އެކުލަވާލުމަކީ އޭގެ ފެށުމަކަށް ވާނެ ކަމަށް ކުރީގެ މިނިސްޓަރު ގަބޫލު ކުރައްވަ އެވެ. އެހެން ނޫނީ، އިއާދަނުކުރެވޭނެ ގެއްލުމެއް ރާއްޖެއަށް ލިބުމަކީ، އޭނާގެ ނަޒަރުގައި ހަމަ އެކަށީގެންވާ ކަމެކެވެ.
ކޮފީ ނިންމާލުމަށް ފަހު ދާން ތެދުވެ، އަދި އެއް ފަހަރު، އަޅި ކުލައިން ފެވިފައިވާ އުދަރެހަށް ބަލާލެވުނެވެ. މީގެ ދުވަސްކޮޅެއް ކުރިން މި މަންޒަރު ހާދަ ހިތްގައިމެވެ. އަހަރުމެން ޓޫރިސްޓުން ރާއްޖެ ގެންނަނީ، އެ 'ކްލިއާ، ބްލޫ ސްކައި' ފެންނާނެކަމުގެ ވައުދާ އެކު އެވެ. އެކަމަކު މި ވަގުތު، ރާއްޖޭގެ އެ ހިތްގައިމުކަން އޮތީ ބަނަފިނީގެ އަނދިރިކަމުގެ ތެރެއަށް ގޮސް ގެއްލިފަ އެވެ.
ކޮމެންޓް (4)
އައިމޯ
ޏާއްކޮ
ަައަޖައިބު
ކޮސް