ވިލާގެ ބާނީ ގާސިމް އިބްރާހިމް 1990ގެ އަހަރުތަކުގައި: ވިޔަފާރި ފުޅާކުރެއްވީ ބޮޑެތި ހުރަސްތަކެއްގެ ތެރެއިން
ގާސިމްގެ ހަޔާތުގެ ތަފްސީިލުތައް: އަބަދުވެސް ވިސްނުން ގެންގުޅުއްވީ ފައިދާ ބޮޑު އާ ކަންކަމަށް
މުހިންމު ނުކުތާތައް
ްސްރީ ލަންކާގެ ގައުމީ ތެޔޮ ކުންފުނިން ގާސިމްއާ އެކު ހަދަން އޮތް ޑީލާޝިޕް އެއްބަސްވުން ސަރުކާރުން ހުއްޓުވި
ގޭގެއަށް ބޭނުންވާ ގޭސް ފުޅި އެންމެ ފުރަތަމަ ރާއްޖެއަށް އެތެރެކުރެއްވީ ވެސް ވިލާއިން
ޓޫރިޒަމް ދާއިރާއަށް ވެންނެވީ އެހެން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހޯއްދަވަން. އެ ދާއިރާގައި ވެސް ދެއްކެވީ ނަމޫނާ
އިންޖީނުގެ އަޑީތެޔޮ ރޮޓެއްލާ މާލެއިން ހުސްވާކަމުގެ އަޑެއް ގާސިމް އިބްރާހިމަށް އިވިވަޑައިގަތެވެ.
ތ. އަތޮޅު ފިހާރައިގެ ހުޅަނގު ބައިގައި ގާސިމް އޭރު ގެންދެވީ ތެޔޮ ވިއްކަމުންނެވެ. އޭނާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ހިންގަވާ އަމިއްލަ ވިޔަފާރިވެރިޔާ އެވެ.
އަރައިގެން އުޅޭ އަޑުގެ ތެދުދޮގު ބައްލަވަން އޭނާ ވަޑައިގަތީ އެސްޓީއޯގެ ތެޔޮ ސްޓޮކް ހުންނަ ތަނަށެވެ. އޭނާ ލަފާކުރެއްވީ ސްޓޮކްގައި އޮތީ އެންމެ 150 ފީފާ ކަމެވެ.
ވާރޭވިލާ އަލީ ހުސެއިން އާއި ގާސިމާ ދެމެދު އޭރު އޮތީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ފެށިފަ އެވެ. އަލީ ހުސެއިން ބޭނުންވާ ޑޮލަރު އެކި މީހުންގެ އަތުން ހޯދައިދެއްވަނީ ގާސިމެވެ. އޭނާއަށް އޮތް ފުރުސަތަކީ އެސްޓީއޯއިން ތެޔޮ ގަންނަން ބޭނުންވާ ޑޮލަރު، އޭރު ބާޒާރުގައި ހުންނަ އެންމެ ކުޑަ އަގުގައި، އަލީ ހުސެއިންގެ ފަރާތްޕުޅުން ލިބިވަޑައިގަތުމެވެ.
އަލީ ހުސެއިންއަކީ ޗާޕްކުރުމުގެ ދާއިރާގެ އެންމެ އިސް ވިޔަފާރިވެރިޔާ އެވެ. ގާސިމްގެ ވިސްނުން އޭނާއަށް އެނގިވަޑައިގަނެ އެވެ. އެހެންކަމުން ފައިދާއެއް ލިބޭނެ ކަމެއް އެބަ އޮތޭ ގާސިމް ވިދާޅުވެއްޖެ ނަމަ އަލީ ހުސެއިން އެ ވާހަކަ ގަބޫލުކުރައްވަ އެވެ.
ގާސިމް އިބްރާހިމްގެ ތަފާތު އެނގޭތަ؟
އިތުރަށް އެންމެ ތެޔޮ ހަމެއް ވިއްކާލުމަކީ ވެސް އޭނާގެ އާދައެކެވެ. ބާޒާރުމަތީ ފިހާރަތައް ބަންދުކުރާތާ ދެ ގަޑިއިރު ވާއިރު ވެސް ގާސިމްގެ ފިހާރަ ހުޅުވައިގެން އިންނަވަ އެވެ.
އެ ގަޑީގައި ގިނަ ރޭރޭ މީހުން ތެޔޮ ގަނެ އެވެ. މާނައަކީ އެހެން ވިޔަފާރިވެރިން ގޭގައި އަރާމުކުރާ އިރު ގާސިމް އެ ހުންނަވަނީ ފިހާރަ ހުޅުވައިގެން އެއްޗެއް އިތުރުކުރެއްވުމުގެ އުއްމީދުގަ އެވެ.
އެސްޓީއޯގައި ރޮޓެއްލާގެ ސްޓޮކް 150 ފީފާއަށް ވެއްޓިއްޖެކަން އެނގިވަޑައިގަތުމުން އެ ހުރިހާ ތެލެއް ގަނެގެން ބޮޑު ފައިދާއެއް ލިބިދާނެ ކަމަށް، އަލީ ހުސެއިން އަރިހު ގާސިމް ވިދާޅުވި އެވެ. އެ ހުރިހާ ތެލެއް ގަންނަން އަލީ ހުސެއިން ބައި މިލިއަނެއްހާ ރުފިޔާ ދެއްވި އެވެ. އެއަށް ޑޮލަރު ހޯއްދަވައިގެން އެސްޓީއޯއަށް ބިލް ދައްކަވާފައި، ހުރިހާ ތެލެއް ބައްލަވައިގަތެވެ. (އެސްޓީއޯއިން ތެޔޮ ދޫކުރަނީ ޑޮލަރުން ފައިސާ ދެއްކުމުންނެވެ.)
ރޮޓެއްލާގެ އެ މުއާމަލާތުން ދެ ގުނަ ފައިދާ ލިބުނު ކަމަށް، ގާސިމްގެ ބައޮގްރަފީގައި އޮތެވެ.
"އޭގެ ބޮޑު ބައެއް ވިއްކަވާލެއްވީ ބޮޑު އިންޖީނުގެއަށެވެ...ދެ މީހުންނަށް ހަމަޔަށް ފައިދާ ބައްސަވައިލެއްވި އެވެ."
ތެލުގެ ވިޔަފާރިއަށް ގާސިމް ވެންނެވީ ވެސް އާންމު މުދާ ވިއްކައިގެން ލިބޭ ފައިދާ ކުޑަވުމުންނެވެ. ތ. އަތޮޅު ފިހާރައިގެ ހުޅަނގު ބައި ކުއްޔަށް ހިއްޕަވާފައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން 15،000ރ.ގެ ލޯނެއް ނަންގަވައިގެން އާންމު މުދާ ވިއްކަން ފެއްޓެވުމުން އެއީ ކުރެއްވޭނެ ވިޔަފާރިއެއް ނޫންކަން އެނގިވަޑައިގަތެވެ.
"މިއީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެވެސް އެހެން ގޮތެއް ފެނޭތޯ ބަލާން ޖެހެ އެވެ،" ރަހުނަކަށް މާފަންނު ވިލާ ބޭނުންކުރައްވައިގެން ނެންގެވި ލޯނު ނުދެއްކެވިދާނެކަމުގެ ބިރާ އެކު ގާސިމްގެ ހިތްޕުޅަށް އެރި އެވެ.
ޕެޓްެރޯލް ފީފާއަކުން 300ރ. ގެ ފައިދާއެއް
އާންމު މުދާ ދޫކޮށްލައްވާފައި އެސްޓީއޯއިން ބައްލަވައިގަތީ ފަސް ފީފާ ޕެޓްރޯލެވެ. އެއިން ފީފާއެއް ވިއްކާލުމުން ފައިދާއަށް 300ރ. ލިބެ އެވެ. ހަފުތާއެއްގެ ތެރޭގައި ފަސް ފީފާ ތެޔޮ ވިކުނެވެ.
އާންމު މުދަލުން ފިހާރަ ހުސްކޮށް އެތަނަށް ވެއްދީ ޕެޓްރޯލެވެ. އޭރު އަތުގައި ހުރި ފައިސާއިން ބައްލަވައިގަނެވުނީ އެންމެ ފަސް ފީފާ ތެލެވެ. އެކަމަކު ހަފުތާއެއް ނުވެ އެ ހުސްކޮށް ޕެޓްރޯލްގެ އިތުރުން ޑީސަލް ވެސް ވިއްކަވަން ފެއްޓެވި އެވެ. އޭގެ ފަހުން އަޑީތެޔޮ، ރޮޓެއްލާ އެވެ.
އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި 1976ގައި އެކަން ފެއްޓެވުމާ އެކު ގާސިމްގެ ނަސީބު ވެސް އަތުގައި ހިފީ އެވެ. އޭނާގެ އުފެއްދުންތެރިކަމުގެ ހިޔާލު ހުރި މިންވަރަކީ، ފިހާރައަށް ތެޔޮ ވެއްދުމަށް ފަހު އާންމުންނަށް އެކަން އަންގަވަން ހިޔާރުކުރެއްވި ގޮތެވެ.
އޭރު ރޭޑިއޯ މޯލްޑިވްސްގެ ނަމުގައި ހިންގަމުން އައި ދިވެހިރާއްޖޭގެ އަޑުގައި އަމިއްލަ ވިޔަފާރިވެރިއެއްގެ ފުރަތަމަ އިސްތިހާރަކީ 'ތ. އަތޮޅު ފިހާރައިގެ ހުޅަނގު ބައިން އަގުހެޔޮކޮށް ޕެޓްރޯލް ލިބެން ހުންނާނެ' ކަމަށް ގޮވި އިސްތިހާރެވެ. އޭރު ވިޔަފާރީގެ އިސްތިހާރުތައް ހަމައެކަނި ފޮނުވަނީ އެސްޓީއޯގެ ފިހާރަތަކާ ގުޅޭ ގޮތުންނެވެ.
މަސްދޯނި ފަހަރުގައި އިންޖީނު އަޅައިގެން މަސްވެރިކަން ތަރައްގީކުރުމުގެ މަރުހަލާ އޭރު އޮތީ ފެށިފަ އެވެ. ހުޅުވާ ރިސޯޓްތަކުގެ އަދަދު އައީ ގިނަވަމުންނެވެ. އެހެންކަމުން ގާސިމްގެ ތެޔޮ ވިޔަފާރީގެ އެ އިސްތިހާރުން އޭނާގެ ފިހާރަ އާންމުންގެ ތެރޭގައި މަޝްހޫރުވި އެވެ.
ފިހާރަ ހުޅުވުމުގެ ކުރިން މީހަކު އަޔަސް ހުސްއަތަކާ ނުދޭ
ފިހާރައިގެ އެހެން މުވައްޒަފުން އަންނަދެން ބަނދަރުމަތީ ތޮށިގަނޑު މަތީގައި، ސިނގިރޭޓެއް ބައްލަވަން ގާސިމް ހުންނެވި އެވެ. ގާސިމް ފެނިގެން ދޯންޏެއްގެ ބަޔަކު ގޮސް ބުނީ ޑީސަލް ގަންނަން ބޭނުންވާ ވާހަކަ އެވެ. އޭނާ ފިހާރަ ހުޅުއްވައިގެން ތެޔޮ ފީފާއެއް ނެރެ ދޯނި އޮތް ހިސާބަށް ގެންގޮސް އެކަން ކޮށްދެއްވި އެވެ. ދޯނީގެ މީހުން ތިބީ ހައިރާންވެފަ އެވެ.
ތެލުގެ ވިޔަފާރީގެ ކާމިޔާބީއާ އެކު ދެން އޭނާ ވެންނެވީ ސިމެންތި އާއި ޓިނުގެ ވިޔަފާރިއަށެވެ. އެކަން އޭނާ ފެއްޓެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދަރިކަލުން އަލީ ނަސީރުގެ ނާޒް އެޖެންސީ މެދުވެރިކޮށް ބޭރުން އެ މުދާތައް ރާއްޖެއަށް އެތެރެކޮށްގެންނެވެ.
އޭރު ރަށްރަށުގައި ގެދޮރު ބިނާކުރަނީ އުވަ ބޭނުންކޮށްގެންނެވެ. އެކަމަކު ދޯނިފަހަރަށް އަރުއްވައިގެން ސިމެންތި އާއި ސިމެންތި ޓިނާއި ދަގަނޑު ޓިނުގެ މުހިންމުކަމުގެ ވާހަކަ މީހުންނާ ދައްކަވަން ފެއްޓެވުމުން 'ސިމެންތި އާއި ޓިނު މީހުންގެ ތެރޭގައި މަގުބޫލު އެއްޗަކަށްވި' ކަމަށް، ގާސިމް ވިދާޅުވި އެވެ.
އެކަމަކު ގާސިމްގެ ވިސްނުން މައިގަނޑު ގޮތެއްގައި އޮންނަނީ ތެޔޮ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތަކާ މެދުގަ އެވެ. ތެޔޮ ވިޔަފާރި ބިނާވެފައި އޮތީ އެސްޓީއޯއިން އެތެރެކުރާ ތެލަށެވެ. އޭނާގެ އަމިއްލަ ބޯޓުފަހަރެއް ނުހުރެ އެވެ. އޭރު އެސްޓީއޯއިން ތެޔޮ ގަންނަނީ ސްރީ ލަންކާގެ ގައުމީ ތެޔޮ ކުންފުނި ސިލޯނު ޕެޓްރޯލިއަމް ކޯޕަރޭޝަނުންނެވެ.
ގާސިމްއަށް އެނގިވަޑައިގަތީ އެ ކުންފުނިން ސީދާ ތެޔޮ ގަންނަ ނަމަ %100ގެ ފައިދާއެއް ލައިގެން ވިއްކޭނެ ކަމެވެ.
އަމިއްލައަށް ތެޔޮ އެތެރެކުރައްވަން ފުރަތަމަ ފެއްޓެވީ އޭރުގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް ކޮއާ މުހައްމަދު މަނިކުގެ ބޯޓުގަ އެވެ.
ފުރަތަމަ ބޯޓު 38،000 ޑޮލަރަށް
ބޭރުން ތެޔޮ ގެންނަން އަމިއްލަ ފުރަތަމަ ބޯޓު ގާސިމް ބައްލަވައިގަތީ 38،000 ޑޮލަރަށެވެ. ޖަޕާނުގެ ހޯކޯ ކުންފުނިން ރާއްޖޭގައި މަސް ގަންނަން ބޭނުންކުރި އެ ބޯޓު، އެހެން ދިވެއްސެއްގެ އަތުން ބައްލަވައިގަނެ، ހުސް ތެޔޮ އުފުލާ ގޮތަށް ބަދަލުކުރީ އެވެ. އެ މަރާމާތަށް ފަހު 400 ޓަނުގެ ތެޔޮ ބަރުކުރެވެ އެވެ. ބޯޓުގެ ނަމަކީ 'ވިލާ' އެވެ.
އެ ވިސްނުން ގެންގުޅުއްވީ، ގާސިމްގެ ފޮތުގައި އޭނާ ވިދާޅުވެފައި އޮތް ގޮތުން ނަމަ، 'ސަރުކާރުން އަޅުއްވާ ފިޔަވަޅަކުން ހުރިހާ ކަމެއް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު"ގަ އެވެ.
ސްރީ ލަންކާއަށް 'ވިލާ'ގެ ދަތުރުތައް ފެށީ އަމަލީ ގޮތުން އެކަމުގައި ގާސިމް އުޅުއްވައިގެންނެވެ. ސްރީ ލަންކާއަށް ބޯޓު ދާއިރު ގާސިމް ވައިގެ މަގުން ވަޑައިގަނެ އެވެ. ތެޔޮ ބަރުކޮށް ހުރިހާ ކަމެއް ނިމެންދެން މަޑުކުރައްވަ އެވެ.
ސްރީ ލަންކާއަށް ކުރެއްވި އެ ދަތުރުތަކުގައި ދެން އޭނާގެ ހިޔާލަށް ވެރިވެގަތީ ރާއްޖެއަށް ކައްކާ ގޭސް އެތެރެކުރުމުގެ ވިޔަފާރި އެވެ. އެއީ މާލޭގައި ވެސް އާންމުކޮށް ދަރު އުނދުން ބޭނުންކުރި ދުވަސްވަރެވެ. ބާޒާރުމަތީގައި 'ދަރު މާރުކޭޓެއް' ވެސް ހިންގަ އެވެ. ކޮލަމްބޯގެ ގޭސް އެންޑް ވޯޓާ ކޮމްޕެނީއާ އެކު އެއްބަސްވެ، ގޭސް ސިލިންޑަރުތައް މާލެ ގެންނަން ފެއްޓެވި އެވެ. ގޭސް ހުސްވީމާ އަނެއްކާ ސްރީ ލަންކާއަށް ގެންގޮސް ގޭސް އަޅަނީ އެވެ.
މަހަކު 400 ގޭސްފުޅި
މާލެއަށް ކައްކާ ގޭސް އެތެރެކުރަން ފެށުމާ އެކު ވެރިރަށުގެ ފޯރާ މީހުންނަށް އެކަން ވީ ވަރަށް ބޮޑު ފަސޭހައަކަށެވެ. ގާސިމް ވިދާޅުވި ގޮތުގައި މަހަކު 400-500އާ ދެމެދުގެ އަދަދަކަށް ލަންކާއިން ގޭސްފުޅި ގެންނަން ޖެހުނެވެ.
ސަރުކާރުގެ ފިޔަވަޅެއްގެ ސަބަބުން ހަމަ ކުއްލިއަކަށް ވެސް ކަންކަން ހުއްޓިދާނެކަމުގެ ބިރު ގާސިމްގެ ހިތްޕުޅުގައި އޮތީ ހަގީގަތުގައި ވެސް އެއީ ވުން ކައިރި ކަމަކަށް ވާތީ އެވެ. ތެލުމުގެ ވިޔަފާރީގައި، ރައީސް މައުމޫންގެ ފުރަތަމަ ދައުރުގައި ދިމާވީ އެގޮތެވެ.
ސިލޯނު ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ބޭނުންވީ ގާސިމް ނޫން ދިވެހި އަމިއްލަ ވިޔަފާރިވެރިޔަކަށް އެ ކުންފުނިން ތެޔޮ ނުވިއްކާށެވެ. އެ ޑީލާޝިޕް އެއްބަސްވުން ހަދަން އުޅުނީ، ފޮތުގައި ގާސިމް ވިދާޅުވި ގޮތުގައި، އޭނާ 'ކުރައްވަމުން ގެންދެވި އިންވެސްޓްމަންޓްތަކާ މެދު ހިތްހަމަޖެހިގެންނެވެ."
ލަންކާ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުނު ބައެއް ސިޔާސަތުތަކާ ކުރީގެ ރައީސް އިބްރާހިމް ނާސިރު ހިތްހަމަޖެހިވަޑައެއްނުގަނެ އެވެ. އެހެންވެ އެމަނިކުފާނުގެ ފަހު ދައުރުގައި ރާއްޖޭގެ އެމްބަސީ ބަންދުކުރެއްވި އެވެ. ކޮލަމްބޯގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވީ ރައީސް މައުމޫންގެ ވެރިކަމަށް އަހަރެއް ވީ ދުވަހު، 11 ނޮވެމްބަރު 1979ގަ އެވެ. އެމްބަސީގެ ކޮންސުލް ޖެނެރަލްއަކަށް ހުންނެވީ، ފަހުން ހައި ކޮމިޝަނަރުގެ މަގާމު ލިބިވަޑައިގެންނެވި އަހުމަދު އަބްދުﷲ އެވެ.
އެއްބަސްވުމުގައި ސޮއިކުރައްވަން ގާސިމް ލަންކާއަށް ވަޑައިގެން އަހުމަދު އަބްދުﷲއާ ބައްދަލުކުރެއްވި އެވެ. އެ ދަތުރުގެ ބޭނުން އެއްސެވުމުން، ސީޕީސީގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުން ކަމަށް ގާސިމް ވިދާޅުވި އެވެ.
އެ އެއްބަސްވުން ހަދަން އުޅޭކަން ސީޕީސީއިން ވަނީ ދިވެހި ސަރުކާރަށް ވެސް އަންގައިފަ އެވެ. ގާސިމްގެ ފޮތުގައި އޮތީ، އޭގެ ބޭނުމަކީ، 'ދިވެހި ސަރުކާރުން އެކަމުގައި ދެކޭ ގޮތް ބެލުމެ'ވެ.
ސީޕީސީގެ ސިޓީއަށް "މާލެއިން ވަކި ޖަވާބެއް ނުލިބި ދިގުލައިގެން ދިއުމުން، ވަކި ޖަވާބެއް ނުދިނުމަކީ ވެސް ޖަވާބެއް ކަމަށް ބަލައިގެން އެގްރިމެންޓައިގެން ކުރިއަށް ދާން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ނިންމިި އެވެ،" ފޮތުގައި ލިއުނެވެ.
އެއްބަސްވުމުގައި ސޮއިކުރަން އޮތީ ސީޕީސީ އޮފީހުގައި އެދުވަހުގެ ހެނދު 11 ޖަހާއިރު އެވެ. އަހުމަދު އަބްދުﷲއާ ބައްދަލުކުރެއްވީ އެތަނަށް ވަޑައިގަތުމުގެ ކުރިންނެވެ. އެކަމަކު ސީޕީސީ އޮފީހަށް ވަޑައިގަތުމާ އެކު ގާސިމަށް ލިބިވަޑައިގަތީ، އެއްބަސްވުމުގައި ސޮއިނުކުރަން ދިވެހި ސަރުކާރުން އެންގިކަމުގެ ހަބަރެވެ.
ސީޕީސީގެ ކޮމާޝަލް މެނޭޖަރު ގާސިމަށް ދެއްކެވީ އެމްބަސީން ފޮނުވި ސިޓީ އެވެ. އެއީ އަސްލު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސިޓީއެކެވެ. ސިޓީގައި އޮތް ކަމަށް ގާސިމް ވިދާޅުވީ، 'އެސްޓީއޯއިން ފެޓްރޯލް ވިއްކަމުން ދާތީ ޕެޓްރޯލިއަމް ކޯޕަރޭޝަނުން ގާސިމާ އެކު އެއްބަސްވުން ނުހަދަން އެެދިފަ" އެވެ.
ޑޮލަރު ލިބޭނެ ގޮތެއް ނެތިގެން ރިސޯޓް ވިޔަފާރިއަށް
ތެލާއި ގޭހާއި ލަކުޑި އާއި ސިކެންތި ފަދަ މުދާ އެތެރެކުރުމުގެ ވިޔަފާރި ފުޅާކުރައްވަމުން ގެންދެވި އިރު ޑޮލަރު ލިބުމުގެ ތާށިކަން ވަރަށް ބޮޑެވެ. ޑޮލަރު ލިބޭނެކަމުގެ އުއްމީދުގައި ލޮނުއެޅި މަސް ބޭރުކުރަން ވެސް ގާސިމް ފެއްޓެވި އެވެ. ނަމަވެސް ސަރުކާރުން އެކަން އަމިއްލަ ވިޔަފާރިވެރިންނަށް ކުއްލިއަކަށް މަނާ ކުރީ އެވެ.
އޭގެ އިތުރުން ގާސިމަށް "ތިޔަ ކަން ކުރެވޭނެ ކަމަށް ނުފެންނަ" ކަމަށް ވެސް އެ ސިޓީގައި ލިއެފައި އޮތް ކަމަށް، ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސިޓީ ހިއްޕަވައިގެން އެމްބަސީއަށް ވަޑައިގެން އަހުމަދު އަބްދުﷲއަށް ދެއްކެވި އެވެ.
"އެންމެ ފަހު ވަގުތު ތިޔަ ގޮތަށް ސިޓީ ފޮނުއްވައި، ތިޔަ ކަަހަލަ ކަންތައް ކުރައްވާކަށް ނުވާނެ ނޫންތޯ އެވެ. އަޅުގަނޑަށް ތިޔަ ދެއްވީ ކިހާ ބޮޑު ނިކަމެތިކަމެއްތޯ އެވެ،" ފޮތުގައި ލިއުނެވެ.
"ގޯހަކަށް މިވީ އަޅުގަނޑަށް އަހުމަދު އަރިހުގައި އެ ވާހަކަ ދެއްކުނުކަން ނޫންތޯ އެވެ."
ގާސިމްގެ އެ ޝަކުވާތަކަށް އަހުމަދު އަބްދުﷲގެ ޖަވާބަކަށް ވީ އެއީ ފޮރިން މިނިސްޓްރީން އެންގި ގޮތް ކަމަށެވެ.
ގާސިމްގެ ޝަކުވާއަކީ ޑީލާޝިޕް އެގްރިމެންޓް ހަދައިގެން އެކި ވިޔަފާރިވެރިން އޭރު ވެސް ރާއްޖެއަށް އެކި މުދާ އެތެރެކުރަމުން އަންނަ އިރު އޭނާއަށް ސަރުކާރުން ހުރަސް އެޅުމެވެ. އެފަދަ އެއްބަސްވުންތައް ހެދުމަކީ ގާނޫނަކުން މަނާކޮށްފައި އޮތް އަދި ސަރުކާރުން ވެސް މަނާކުރި ކަމެއް ނޫނެވެ.
"ޕެޓްރޯލިއަމް ކޯޕަރޭޝަނުން ދޭން އުޅުނީއަކީ، އެކްސްކްލޫސިވް އެއްބަސްވުމެއް ވެސް ނޫނެވެ. ސަރުކާރަށް، އެސްޓީއޯއަށް ދޫކުރާ މިންވަރަށް އެއްވެސް ބަދަލެއް ނުގެނެސް އެކަމަކު ޕްރައިވެޓް ސެކްޓަރުން ހަމައެކަނި ގާސިމަށް ވިއްކުމެވެ،" ފޮތުގައި ބުންޏެވެ.
އެނބުރި މާލެ ވަޑައިގެން އެކަން ހިނގި ގޮތް ސިޓީއަކުން ރައީސް މައުމޫނަށް ދެންނެވި އެވެ. ގާސިމް ބޭނުންފުޅުވީ މައުމޫންގެ އެޕޮއިޓްމެންޓެކެވެ. އެކަމަކު ސިޓީއަށް ޖަވާބެއް ނުލިބި ގާތްގަނޑަކަށް ދެ އަހަރު ދިޔަ އެވެ. ގާސިމަށް އެޕޮއިންޓްމެންޓް ލިބިވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސްގެ އެޕޮއިންޓްމަންޓަށް އެދުނު އެންމެންނަށް، އެފަހަރު ހައްޖަށް ވަޑައިގަތުމުގެ ކުރިން ބައްދަލުކުރައްވަން މައުމޫން ނިންމެވި ނިންމުގެ ތެރެއިންނެވެ.
ތީމުގޭގައި މައުމޫނާ ބައްދަލުކުރައްވާފައި ވެސް ގާސިމް އެރުވީ އެ ސިޓީ އެވެ. މައުމޫން ސިޓީ ވިދާޅުވި އެވެ. އޭގައި އެމަނިކުފާނަށް ވެސް ގަބޫލުފުޅުނުކުރެއްވޭ ބައެއް ތަންތަނުގައި، ރަން ކުލައިގެ ގަލަމަކުން ރޮނގު ދެންމެވި ކަމަށް، ގާސިމް ވިދާޅުވި އެވެ.
ރައީސްގެ ޖަވާބަކަށް ވީ ކަން އޮތް ގޮތް ބައްލަވާފައި ގާސިމަށް އަންގާލައްވާނެ ކަމަށެވެ. މައުމޫން ހައްޖަށް ވަޑައިގެން ފަހުން ރައީސް އޮފީހުން ބޭފުޅަކު ގާސިމަށް ގުޅުއްވި އެވެ. ވިދާޅުވި ކަމަށް ވަނީ 'އެކަންތައް އޮތީ ކުރެވޭ ކަހަލަ ގޮތަކަށް ނޫން" ކަމަށެވެ.
"އާދޭހެވެ! ކުރިން ވެސް އޮތީ ކުރެވޭ ކަހަލަ ގޮތަކަށް ނޫންތޯ އެވެ،" ރައްދު ޖަވާބަކަށް ގާސިމް ވިދާޅުވި އެވެ.
ޓޫރިޒަމްއާ އެކު ރާއްޖޭގެ އިގުތިސާދަށް 1970ގެ އަަހަރުތަކުގައި އަންނަން ފެށި ދިރުމުގެ ތެރެއިން އެއް ބަޔަކު ހަމައެކަނި ވިޔަފާރިއަށް ހުސްވެ، އެ ވިޔަފާރިތައް ތަރައްގީކުރުމުގައި މުޅި ދުވަސް ދުއްވާލި އެވެ. ގާސިމް އިބްރާހިމް ތަފާތެވެ.
ގާސިމްގެ އޮތީ އެންމެ ކަމެއް ދެ ކަމެއް ނޫނެވެ. ވިޔަފާރީގެ ބޭރުން އޭނާގެ ހިޔާލުތައް ސިޔާސީ ކަންކަމުގެ ތެރޭގައި ވެސް އެނބުރެނީ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ތަފާތު ފިކުރަށް ޖާގަ އޮންނަން ޖެހޭނެ އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން 1985ގައި ލިބިވަޑައިގަތުމަކީ ސަރުކާރު ހިންގުމުގެ ތެރޭގައި ހުރި ވިޔަފާރިއަށް އުނދަގޫ ހުރަސްތައް ސަރުކާރުގެ ވެރިންނާ ހަމައަށް ގެންދަން ހުޅުވުނު ދޮރެކެވެ. ބައެއް ވިޔަފާރިތަކަށް ހުއްދަ ދީފައި ހަމަ ކުއްލިއަކަށް މަނާކުރުން ފަދަ ސިޔާސަތުތަކުގެ ގެއްލުން ގާސިމަށް ބޮޑުކަން، އޭނާގެ ބައިގްރޮފީގައި ލިއެފައިވެ އެވެ.
އެސްބީއައިއިން 1 މިލިއަން ޑޮލަރު
ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިވެއްސަކަށް އެންމެ ފުރަތަމަ 100،000 ޑޮލަރުގެ އެލްސީ ލިމިޓެއް ދިނީ ގާސިމަށް ކަމަށް، އޭނާގެ ފޮތުގައި އޮތެވެ. ބައޮގްރަފީ ބުނާ ގޮތުން އޭނާއަކީ އެ ބޭންކުން އެންމެ ފުރަތަމަ 1 މިލިއަން ޑޮލަރުގެ ލޯނެއް ލިބިވަޑައިގެންނެވި ދިވެހި ފުރަތަމަ ވިޔަފާރިވެރިޔާ ވެސް މެ އެވެ.
އޭގެ އެއް މިސާލަކީ ކަންނެލީގެ މަސްވެރިކަން ކުރަން ގާސިމްގެ ހިއްސާ އޮންނަ ކުންފުންޏަކުން ފެށި މަސައްކަތަށް އައި ހުއްޓުމެވެ. މިޔަރުގެ ލޮނުމަސް ބޭރުކޮށްގެން، ޑޮލަރުން ލިބުނު އާމްދަނީ ހުއްޓުނީ، ފޮތުގައި އޮތް ގޮތުން ނަމަ، މިޔަރު މަހާއި މިޔަރު އުރަހަ އެސްޓީއޯ ނޫން ބަޔަކަށް ބޭރުކުރުން މަނާކުރުމުންނެވެ.
"ލޮނުމަހުގެ ވިޔަފާރިކުރާ ފަރާތްތަކަށް ސަރުކާރުން ދެއްވީ އެންމެ 10 ދުވަހުގެ ނޯޓިހެކެވެ. އެ އިއުލާނާ އެކު ލޮނުމަހުގެ މަސައްކަތުގައި އިންވެސްޓްކޮށްގެން ތިބި އެންމެންގެ ކަރުއެލުނެވެ،" އެ ފޮތުގައި ވެ އެވެ.
ލޮނުމަހުގެ އެކްސްޕޯޓަށް އޭނާ ވެންނެވީ ތެލާއި އެހެން މުދާ ރާއްޖެ އެތެރެކުރަން ބޭނުންވާ ޑޮލަރު ލިބޭނެ ފަސޭހަ މަަގެއް ނެތުމުންނެވެ. އޭރު އޭނާ އަދި ރިސޯޓް ވިޔަފާރިއަކަށް ނުވަންނަވަ އެވެ. އެކަމަކު 1986ގައި، އެންމެ ފަހުން ފަން އައިލެންޑް ރިސޯޓް ހޯއްދަވައިގެން ޓޫރިޒަމް ދާއިރާގައި ވެސް ގާސިމްގެ ވިސްނުމާއި ކުރިއެރުން ސާބިތުކޮށްދެއްވަން ފެއްޓެވީ އެވެ.
އެއީ އެންމެ ފުރަތަމަ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރި ޕީއެލްއޯއަށް ފައިސާ ހޯދަން އެ ޖަމާއަތުން ހިންގި ރިސޯޓެކެވެ. ނަމަވެސް ޕީއެލްއޯގެ ދައުރެއް ރިސޯޓްގައި އޮތުމުން ޔޫރަޕުން ޓޫރިސްޓުން ފޮނުވުން، ޓްއާ އޮޕަރޭޓަރުން ހުއްޓާލީ އެވެ. އެ ވަގުތު ގާސިމް އެ ރަށް ނެންގެވި އެވެ. އޭރު ރަށުގައި ވަރަށް ހާލުގައި 32 ކޮޓަރި ހުއްޓެވެ.
ފުރަތަމަ އަހަރު ހިންގެވިތަނާ ސަރުކާރުން ރަށް ޗެކްކޮށް، ރަނގަޅުކުރަން ޖެހޭ އެތައް ކަމެއް ފާހަގަކުރި އެވެ. އެހެންވެ ގާސިމް ނިންމެވީ ރަށް ބަންދުކޮށްފައި އަލުން ހަދާށެވެ. އެކަމަށް ބޭނުންވާ 250،000 ޑޮލަރުގެ ލޯނެއް، އޭނާގެ ޓޫރިޒަމްގެ ތަޖުރިބާ ނެތުމުން، އެއްވެސް ބޭންކަކުން ނުލިބުނެވެ. އެހެންވެ ހޭދަކުރެއްވީ އަތުގައި ރައްކާކޮށްފައި ހުރި ފައިސާއިންނެވެ.
އެ މަސައްކަތުގައި ވެސް ގާސިމް ދެއްކެވީ ނަމޫނާ އެވެ. ރާއްޖޭގެ ރިސޯޓެއްގައި ފުރަތަމަ ފަހަރަށް މުވައްޒަފުންގެ ބައިގައި އޭސީ ހަރުކުރި އެވެ. ސާފު ފެން ލިބޭ ގޮތަށް ފާހާނާތައް ހެދި އެވެ. އޭރު ރިސޯޓްތަކުގައި މުވައްޒަފުންނަށް ފާހާނާއެއް ނުހުރެ އެވެ. ބޭނުންކުރަން ޖެހެނީ، ޓޫރިސްޓުންނާ ވަކިން އޮންނަ އަތިރިމައްޗެވެ.
"އެ ހުރިހާ ކަމަކީ ވެސް މުޅިން އަލަށް ކުރެވުނު ކަންކަމަށް ވާތީ ރިސޯޓްތައް ހިންގަމުން ދިޔަ އެހެން މީހުންގެ ދިމާކުރުންތަކާއި ޖެއްސުމުގެ ބަސްތައް ރައްދުވި އެވެ. ބައެއް މީހުން ޓޫރިޒަމް ޑިޕާޓްމަންޓްގެ ވެރިންނާ ހަމައަށް ޝަކުވާ އައިގެން ދިޔަ އެވެ. އެއީ މުވައްޒަފުންގެ އެކޮމެޑޭޝަންތައް އެއާކޯންކޮށް، ޑީސެލިނޭޝަން ޕްލާންޓުން އުފައްދާ ސާފު ފެނުން ފެންވަރައި އެހެން ކަންކަން ކުރެވޭނެ ގޮތް ހަދައި، އެޓޭޗްޑް ޓޮއިލެޓް ބެހެއްޓުމުން އެހެން ރިސޯޓްތަކުގެ މުވައްޒަފުން އެކަމަށް ޑިމާންޑްކުރަން ފަށައިފާނެތީ އާއި ރިސޯޓްތައް ހިންގާ ފަރާތްތަކުގެ ހަރަަދުތައް ބޮޑުވެ، މައްސަލަ އުފެދޭ ގޮތް ދިމާވެދާނެތީ އެވެ،" ގާސިމްއާ ހަވާލާ ދީ، ފޮތުގައި ލިއުނެވެ.
މި ހުރިހާ ކަމަކުން ވެސް އެނގެނީ ގާސިމްގެ ވިސްނުން ތަފާތުކަމާއި އެ ޒަމާނުގައި އޭނާ ވަރުގެ އުފެއްދުންތެރި ވިޔަފާރިވެރިޔަކު ނެތް ކަމެވެ. ރިސްކް ނެންގެވުމުގައި އޭނާ ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމެވެ.
މިހާ ހިސާބަށް ގާސިމް ވަޑައިގަތުމުގެ ހުރިހާ ވެސް ސިއްރަކީ ކެރުމާއި ކުރިމަގު ވަޒަންކުރައްވަން އެނގިވަޑައިގަތުމާއި ގޮތްދޫނުކުރެއްވުމެވެ.
ކޮމެންޓް (1)
އެޑްމުންޑޯ