ޝާއްކޮ: ކެންސަރު އޭނާ ސިފަކުރަނީ ލެއްވި ރަހުމަތެއްގެ ގޮތުގައި
މިއިން ކޮންމެ މީހަކު ވެސް ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް
ސޯޝަލް މީޑިއާއަށް ދޫކޮށްލާ ކޮންމެ ފޮޓޯއެއްހެން އޮންނަނީ އެކޮޅުކޮޅުންނެވެ. ކިޔައިދޭން ބޭނުންވަނީ ކެންސަރު ބަލީގެ ހަބަރާ އެކު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ގޮތެވެ. އެކަމަކު ފޮޓޯއާ އެކުވާ އެ މީހުންގެ ވާހަކަ ކިޔާލުމުން ހިތަށް އަރަނީ އެންމެ އެއްޗެކެވެ؛ ހާދަހާ ހިތްވަރު ގަދަ އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބާގައި ރާއްޖޭގެ ކެންސަރު ސޮސައިޓީ އިން މިހާރު އަންނަނީ އެ ބަލި ތަހައްމަލު ކުރަމުން އަންނަ އެކި މީހުންގެ ވާހަކަތައް ކިޔައިދެމުންނެވެ. ބަލިން ސަލާމަތްވެފައިވާ މީހުންނާއި މިހާރު ވެސް ބައްޔަށް ފަރުވާ ކުރަމުން އަންނަ މީހުންނާއި ބަލީގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ވާހަކަތަކެވެ. މިއަދު އެ ޖަމިއްޔާއިން ދޭން ބޭނުންވާ މެސެޖަކީ ކެންސަރުގެ ބިރުވެރި ހަބަރާއެކު އެ މީހުންގެ ހަޔާތް ބަދަލުވި ނަމަވެސް، ބައްޔަކީ އެ މީހުންނަށް ޖެހުނު ' ބަލާވެރިކަމެއް' ނޫން ކަމެވެ.
ގިނަ މީހުންގެ ވާހަކަތަކުން އެނގުނީ ބައްޔާ މެދު އެ މީހުން ދެކެނީ، އެއީ ލެއްވި ރަހުމަތެއްގެ ގޮތުގަ އެވެ.
އޭގެ ތެރެއިން އެކަކީ ނަސްރާ މުހައްމަދެވެ.
އޭނާ ބުނި ގޮތުގައި، ކެންސަރު ޖެހުމުގެ ކުރިން އޭނާއަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހެކެވެ. ޑިޕްރެޝަނަށް ބޭސްކަ އެވެ. ކެއިން ބުއިން ހަމައިން ނެއްޓި، މީހާ އިންތިހާއަށް ބަރުވި އެވެ. އެ ތަކުލީފާ އެކު އޭނާއަށް ދެން ލިބުނީ ކެންސަރު ބަލީގެ ހަބަރެވެ. ބަލި ހުރީ ސްޓޭޖް ހަތަރެއްގަ އެވެ.
"ސްޓޭޖް ހަތަރެއްގެ ކެންސަރު ޖެހިފައި ހުރުމަކީ އަހަރެންގެ އަޖަލުހަމަވީ ކަމުގައި ބަލަންވީ ހެއްޔެވެ؟،" ނަސްރާ އެހި އެވެ.
"އެއަށް ވުރެ އަހަރެންގެ އަޒުމާއި ކެއްތެރިކަން އިރާދަކުރެއްވީތީ މާ ވަރުގަދަ."
ކެންސަރުގެ ބައްޔާ އެކު އޭނާ ފެށީ ހުރިހާ ކަމެއް ބަދަލުކޮށްލުމުގެ ހަނގުރާމައެކެވެ.
މީގެ ކުރިން އޭނާ އަޑުއިވިފައި ހުރީ، ކެންސަރަކީ މަރު ބައްޔެއް ކަމާއި އުމުރު ހޭދަކުރަން ޖެހެނީ ބަލީގެ ވޭނުގައި ކަމެވެ. ކީމޯތެރަޕީގެ ސަބަބުން ދުވަސްތައް ހޭދަކުރަން ޖެހޭނީ އެޑްމިޓްވެގެން ނޫނީ ހޮޑުލުމުގައި ކަމެވެ. އެހެންވެ، ތަކުރާރުކޮށް އިވުނު އެ ވާހަކަތަކުގެ ސަބަބުން އޭނާ ހުރީ ބިރުގަނެފަ އެވެ.
ނަސްރާ ބުނި ގޮތުގައި، ކެންސަރާ ގުޅޭގޮތުން އޭނާ ދެކޭ ގޮތް ބަދަލުވީ ބައްޔާ ކުރިމަތިލާން ޖެހުމުންނެވެ. ފަރުވާ ފެށުމާ އެކު، އެއާ ބެހޭ މައުލޫމާތު، އިތުބާރު ހިފޭ ފަރާތްތަކުން ހޯދި އެވެ. ކެއުމުގެ އާދަތައް ބަދަލުކޮށް، ދުޅަހެޔޮ ދިރިއުޅުމަށް ބަދަލުކޮށްލި އެވެ. އެއާ އެކު، ހުރިހާ ގޮތަކުން ވެސް އޭނާގެ ވިސްނުން ބަދަލުވެ، ނަފްސާނީ ގޮތުން ވެސް ވަރުގަދަ މީހަކަށް އޭނާވި އެވެ.
"އަހަރެން މިހާރު ގަބޫލުކުރަނީ ކެންސަރަކީ އަހަރެންނަށް ލިބުނު ހަދިޔާއެއް ކަމަށް އަދި އަލިކަމެއް ކަމުގައި،" ކެންސަރުގެ ސަބަބުން، ކެތްތެރި، ހިތްވަރު ގަދަ މީހަކަށް ބަދަލުވިކަން ފާހަގަ ކުރަމުން ނަސްރާ ބުންޏެވެ.
ދަރިފުޅާއި މަންމަ ވެސް އެއް ހަނގުރާމައެއްގައި
ޝަޒީމާ އަލީ އަކީ ނަރުހެކެވެ. އެކަމަކު ކެންސަރުގެ ލަފްޒަކީ ވެސް އޭނާ ދުވަހަކު ވެސް ކުރިމަތިލާން ބޭނުންވި އެއްޗެއް ނޫނެވެ.
ނަމަވެސް ޝަޒީމާގެ ތަގުދީރުގައި ލިޔެވިފައި އޮތީ އެހެން އެއްޗެކެވެ. ކެންސަރާ އޭނާ ކުރިމަތިލާން ޖެހުނީ، ފުރާނަ ފަދަ ލޯބިވާ ދަރިފުޅަށް އެ ބަލި ޖެހިގެންނެވެ. ސާޖަރީތަކާއި ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީގެ އިތުރުން ގިނަ އެމްއާރުއައިތައް ދަރިފުޅު ހަދާތަން ބެލުމަކީ މައިމީހާގެ ހިތަށް ކެތްނުވާވަރުގެ ވޭނެކެވެ.
އެކަމަކު ޝަޒީމާގެ ހަޔާތް އަނެއްކާވެސް ބަދަލުވީ، ދަރިފުޅާއެކު އޭނާ ވެސް އެ ބަލި ތަހައްމަލު ކުރަން ޖެހުމުންނެވެ. ފުރަތަމަ ކަނާތްފަރާތު އުރަމަތީގައި ލީ ގަނޑުކޮޅެކެވެ. އޭރު ވެސް ދަރިފުޅުގެ ފަރުވާގައި އުޅެމުން ދިޔައިރު އޭނާއަށް އެކަންވީ ވަރަށް ބިރުވެރި ކަމަށެވެ. އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ޔަގީންވުމާ އެކު، އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ.
"ބޭރުފުށުން ވަރަށް ހިތްވަރު ގަދަކަމަށް ދެއްކީމެވެ. އެކަމަކު އަމިއްލަ ނަފްސު ދިޔައީ އެކަހެރިކުރެވެމުންނެވެ. މީހާގެ ޔަގީންކަން ކުޑަވެ، ސޯޝަލް ލައިފް ގެއްލުނެވެ،" ޝަޒީމާ ކިޔައިދިނެވެ.
އޮޕަރޭޝަނާ ހަމައިން، އޭނާގެ ފުރިހަމަ ކުރުމަށް ހަ މަސްދުވަސް ހޭދަވި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އޭނާގެ ގައިގާ، ދުވަހަކު ވެސް ނުފިލާނެ ފަދަ ލަކުނުތަކެއް ލާފައިވާ ކަމަށް ބުންޏެވެ.
މިއަދު ޝަޒީމާ، އޭނާގެ ކެންސަރުގެ ދަތުރުގެ ދެކެނީ ނިއުމަތެއްގެ ގޮތުގަ އެވެ. ދަރިފުޅުގެ ބަލި ފަސޭހަވަމުން އަންނައިރު، އެ ބަލީގައި އޭނާއަށް ވެސް އާ ރޫހެއް ލިބިއްޖެ އެވެ. އާއިލާގެ މީހުންގެ ލޯތްބާއި ރަނގަޅު އެކުވެރިން ލިބުނެވެ. މައްޗަށް ތިބި ވެރިންގެ އޯގާތެރިކަން ފެނުނެވެ.
ކެންސަރުގައި ގެއްލުނީ ދިރިއުޅުމުގެ އެއް ބައި
ކެންސަރު ސޮސައިޓީއިން ކިޔައިދިން އިސްމާއީލް ޝަފީއުގެ ވާހަކަ ހިތްދައްޗެވެ.
މި ބަލި އޭނާ ތަޖުރިބާ ކުރީ، އޭނާއަށް ބޮޑުބޭބެ ކިޔާ 14 އަހަރުގެ ފިރިހެން ކޮއްކޮގެ ފަރާތުންނެވެ. އެހާ ޅައުމުރުގައި، ލޯބިވާ ފިރިހެން ކޮއްކޮއަށް ކެންސަރު ޖެހުނުކަން އެނގުމާ އެކު، ޝަފީއު ބުނިގޮތުގައި އޭނާ ކުރިން ދަން ދުނިޔެ، ފުނޑުފުނޑުވި އެވެ.
ކެންސަރު ބަލީގައި ކޮއްކޮ ހޭދަކުރި އަށް މަސްދުވަހުގެ ތެރޭގައި އޭނާ އުޅުނީ ކޮއްކޮގެ މުޅި ދުނިޔެއަށް ވެގެންނެވެ. އެހީތެރިއެއްގެ ގޮތުގަ އެވެ. ވަކާލާތު ކޮށްދިނުމަށެވެ. ސަޕޯޓެއްގެ ގޮތުގަ އެވެ.
ބައްޔަށް ފަރުވާ ހޯދުމަށް، އެ ދެ މީހުން އެކަނިމާ އެކަނި އެތައް ކަނޑެއް ހުރަސްކުރި އެވެ. ގައުމުގެ އެތައް ތަނަކަށް ދިޔަ އެވެ. އަދަދު ނޭނގޭ ވަރަށް ހޮސްޕިޓަލް ދަތުރުތައް ކުރި އެވެ.
އެކަމަކު އަށް މަސް ފަހުން، އޭޕްރީލް 2023ގައި ކޮއްކޮ ދުނިޔެ ދޫކުރީ، ޝަފީއު ބުނި ގޮތުގައި، އޭނާގެ ހިތުގެ އެއް ބައި ހިފައިގެންނެވެ. ދިރިއުޅުމުގައި މިހާރު އޭނާ ކުރިއަށް ދަނީ، ކޮއްކޮ ދެއްކި ހިތްވަރަށް ބަލައިގެންނެވެ. އެންމެ ފަހު ދުވަހު ވެސް އޭނާގެ ކައިރީގައި ކޮއްކޮ ބުނި "އަހަރެން އަދި ރަނގަޅުވާނެ" ބަހުގައި ހިފައިގެން، އެ ހިތްވަރުގައި ސާބިތުވެ ހުރެހެންނެވެ.
"ކޮއްކޮގެ އެ ހިތްވަރު، ދިރިއުޅުމުގައި އަހަރެން ކުރިމަތިލާން ދަސްކޮށްދިނެވެ. ކޮއްކޮގެ ޓީމްމޭޓެއްގެ ގޮތުގައި ހުރެވުނީތީ އަބަދުވެސް ފަހުރުވެރިވެ އެވެ،" ޝަފީއު ބުންޏެވެ.
ކެންސަރުވީ ލެއްވީ ރަހުމަތަކަށް
ކެންސަރު ދުވަހުގެ މުނާސަބާގައި، އެ ބަލި ތަހައްމަލު ކުރަމުންދާ އެހެން މީހުން ވެސް އެ މީހުންގެ ތަޖުރިބާ ހިއްސާކުރި އެވެ. އޭގެ ތެރެއިން، ޝާ ޝާއްކޮގެ ނަމުގައި ފޭސްބުކްގައި ޒުވާނަކު ހިއްސާކުރި ވާހަކަ ގިނަ މީހުންގެ ލޮލުގައި އަޅައިގަތެވެ.
އޭނާ ކިޔައިދިން ގޮތުގައި، ކޮވިޑުގެ ބަލިމަޑުކަމުގައި އެންމެން ބަންދުވެފައި ތިއްބާ ލިބުނީ އެއަށް ވުރެ މާ ބިރުވެރި ހަބަރެކެވެ. އޭރު އުމުރުން 22 އަހަރުގެ އެ ޒުވާނާއަށް ކެންސަރު ޖެހުނީ އެވެ. ބަލީގެ ފަރުވާ ފެށި އެވެ. އެކަމަކު ކީމޯތެރަޕީ އާއި އިންޖެކްޝަންތަކާއި ނުނިމޭނެހެން ހީވާ ފަރުވާތަކާއެކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކަށިކޮށްލި އެވެ. އޭނާއަށް ހީވީ އަމިއްލަ ނަފްސުގެ ބައެއް ގެއްލުނީ ހެންނެވެ.
އެކަމަކު ކެންސަރުގެ މި ދަތުރާއެކު އެހެން ގުޅުންތަކެއް ވެސް ދިޔައީ ފައްކާވަމުންނެވެ. ފިރިމީހާ އާއި ދެ ފަރާތުގެ އާއިލާ އާއި ރަހުމަތްތެރިންނާ އޮންނަ ގުޅުން ބަދަހިވި އެވެ. އެ މީހުންގެ ލޯތްބާއި އެހީތެރިކަން ފެނި، ބައްޔާ ކުރިމަތިލާން ހިތްވަރު ލިބުނެވެ. ބަލީގައި ޖިސްމާނީ ގޮތުން މީހާ ބަލިކަށިވަމުން ދިޔަ ނަމަވެސް، ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން އޭނާއަށް ދިޔައީ ހަމަޖެހުން ލިބެމުންނެވެ. ބައްޔާއެކު، ވެރިރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، މީހާގެ އީމާންތެރިކަން އިތުރުވި އެވެ.
"އަހަރެންގެ ހިޔާވަހިކަމަށްވީ ނަމާދާއި ދުއާ އެވެ. ގުރުއާން އަހަރެންނާ ވާހަކަ ދެއްކި އެވެ. ކުރިން ނުދައްކާ ފަދަ ގޮތަކަށެވެ. އަހަރެންނަށް އިހުސާސްވީ، ބަލި ޖެހުމަކީ އަދަބެއް ނޫން ކަމާއި އެއީ އަހަރެންނާއި ﷲއާ ގާތްވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ،" ކެންސަރުގެ ތަޖުރިބާ ކިޔައިދެމުން އޭނާ ލިޔުނެވެ.
"މިއީ އަހަރެންނަށް ކުރެއްވި އިމްތިހާނެކެވެ. އެހެންވެ، ކެތްތެރިކަމުން އަހަރެން ވާގި ހޯދީމެވެ."
އެ ޒުވާނާ ބުނި ގޮތުގައި، ވަށައިގެން ތިބި މީހުން ވެސް އޭނާއަށް އެކަމުގައި އެހީތެރިވެދިނެވެ. ހަމައެކަނި ދިރިހުރުމަށް އެހީތެރިވުމުގެ ބަދަލުގައި އީމާންތެރިކަން ވަރުގަދަކުރުމަށް ވެސް އެއްބާރުލުން ދިނެވެ.
އޭނާ އަދިވެސް ދަނީ ކެންސަރާ ހަނގުރާމަކުރަމުންނެވެ. އެކަމަކު އެ ޒުވާނާ ބުނި ގޮތުގައި، މިއީ ހަމައެކަނި ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމައެއް ނޫނެވެ. މިއީ، މާތް ﷲއާ އަދި އޭނާގެ އާއިލާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ދަތުރެއް ކަމަށެވެ. އެކަމުގައި އޭނާ ހުރީ އަޒުމު ދޫކޮށްލާ ގޮތަށް ނޫނެވެ.
ރާއްޖޭގެ ކެންސަރު ދަފްތަރުގައި މިހާރު 1،600އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. އެކި ކަހަލަ ކެންސަރުތަކުގައި ވަރަށް ކުޑަކުދިންނާއި ޒުވާނުންނާއި ދުވަސްވީ މީހުން ދަނީ ހަނގުރާމަކުރަމުންނެވެ. އެކަމަކު އެއިން ކޮންމެ މީހަކު ވެސް، ދިރިއުޅުމާ މެދު ދައްކަނީ އާދަޔާހިލާފު ހިތްވަރެކެވެ.