ތައުލީމު

ޑރ. އަބްދުﷲ ފިރާގު: ސާބިތުކޮށްދިނީ ތައުލީމު ހޯދުމުގެ ހުވަފެން ކޮންމެ ހާލެއްގައި ވެސް ހަގީގަތަކަށް ހެދޭނެކަން

1994ގައި އޯ ލެވެލްއިން 10 އޭ ހޯދުމަކީ ރާއްޖެއަށް އޭރު މުޅިން އާ ކަމެއް. ހއ. ތަކަންދުއަށް އުފަން ފިރާގު އެ ނަތީޖާ ނެރުނީ އެންމެން ހައިރާންކޮށްލާފައި
3 ފެބްރުއަރީ 2025
4

މުހިންމު ނުކުތާތައް

އޭނާ ވިދާޅުވީ ހަޔާތުގައި މަގުސަދެއް އުފެދެނީ ކޮންމެވެސް ތަޖުރިބާތަކެއްގެ ތެރެއިން ކަމަށް

ކުރިއާ އަޅާބަލާއިރު މިހާރުގެ ދަރިވަރުންނަށް ވިސްނައިދޭން އުނދަގޫވަނީ ގޮންޖެހުންތައް މަދުކަމުން

ނިއު ޒީލެންޑްގައި ދިރިއުޅެވެން އޮއްވާ އާއިލާއާ އެކު ރާއްޖެ ވަޑައިގަތީ ދަރިން ތަރުބިއްޔަތުކުރަން އަމިއްލަ ގައުމު ރަނގަޅުވާނެތީ

މީގެ 30 އަހަރު ކުރިން، އެއް ދުވަހަކު، އޭރުގެ 'ހަވީރު' ނޫހުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބުނީ ސިހުމެކެވެ. 'ހަވީރު'ގެ ޗާޕް ބައިގައި މަސައްކަތްކުރަމުން އައި ކުއްޖަކު ޖީސީއީ އޯ ލެވެލްގެ 10 މާއްދާއިން އޭ ހޯދީ އެވެ.

ޗާޕް ބައިގައި އުޅުނު މުވައްޒަފުން ފިޔަވައި، ނޫހުގެ އެހެން އެއްވެސް މީހަކަށް އެއީ ކޮން ކުއްޖެއް ކަމެއް ވެސް ނޭނގެ އެވެ. އޯ ލެވެލް ނިންމުމަށް ފަހު ހުސްކޮށް ގޭގައި ނުހުންނަންވެގެން ޗާޕް ބަޔާ ގުޅުނު ކުއްޖާ ކިޔެވުމަށް އެހާ މޮޅުކަން ދެނެހުރި މީހަކު ވެސް އެތަނުގައި ނެތެވެ.

ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ ކުރިން އޯ ލެވެލްއިން 10 އޭ ލިބިފައިނުވާތީ އެ ނަތީޖާއަކީ ތައުލީމީ ގޮތުން ރާއްޖެއަށް އާ ރެކޯޑެކެވެ. 

އެއީ ޑރ. އަބްދުﷲ ފިރާގެވެ. އުފަން ރަށަކީ ހއ.ގައި އޮތް އާބާދީ އެންމެ ކުޑަ އެއް ރަށް ކަމަށްވާ ތަކަންދު އެވެ. ކިޔެވުމުގެ ލޯބި ބޮޑު ދަރިވަރު، ރަށް ދޫކޮށް، 1986ގައި މާލެ އައީ ވެސް އެންމެ އުއްމީދެއްގަ އެވެ: ތައުލީމެވެ.

ފިރާގު އަބަދުވެސް އުއްމީދުކުރެއްވީ ތައުލީމީ ގޮތުން އެންމެ މައްޗަށް ވަޑައިގަތުމަށް 

އެ ދުވަހުގެ ހައިރާންކަމާ އެކު 'ހަވީރު'ގައި އަޅުގަނޑު ރިޕޯޓެއް ވެސް، 4 އެޕްރީލް 1994ގައި، ލިއުނީމެވެ. 'ފުރަތަމަ ފަހަރަށް ޖީސީން ދިހަ އޭ'ގެ ސުރުހީގެ ދަށުން ލިއުނު ރިޕޯޓަށް ދިން އިންޓަވިއުގައި ފިރާގު ވިދާޅުވި އެވެ:

"އަޅުގަނޑު ހީކުރިން އަށް އޭ ލިބޭނެ ކަމަށް. އެކަމަކު 10 އޭ ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރަން."

މިއަދު ފިރާގަކީ އޮސްޓްރޭލިޔާ އާއި ނިއު ޒީލެންޑްގައި އިލެކްޓްރިކް އާއި އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީން ފެށިގެން ޕީއެޗު.ޑީއަށް ކިޔަވާ ވިދާޅުވެގެން ހުންނެވި، އެ ދާއިރާގެ އިލްމުވެރިއެކެވެ. އަޅުގަނޑުގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'އަށް ދައުވަތު އެރުވީ ތައުލީމީ ގޮތުން އޭނާގެ ތަޖުރިބާތަކާއި މިއަދު ރާއްޖޭގެ ތައުލީމީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކާލުމަށެވެ.

އަބަދުވެސް އޭނާއަށް ވިދާޅުވެވެން އޮތީ މަގުސަދެއް އުފަންވަނީ ތަޖުރިބާތަކެއްގެ ތެރެއިން ކަމެވެ. އެ ބަހުގެ މާނަ އޭނާގެ އަމިއްލަ ހަޔާތުން ނަގާ ނަމަ ދާން ޖެހެނީ ކިޔަވަން މާލޭގައި އުޅުއްވިއިރު ކުރެއްވުނު އުނދަގޫ ތަޖުރިބާތަކުގެ ތެރެއަށެވެ. ތަފުސީލުތަކެއް ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ދުވަސްވަރު ރަށްރަށުން މާލެއަށް ކިޔަވަން އަންނަ ގިނަ ކުދިންނަށް އުޅެން ޖެހިފައި އޮންނަނީ ވަރަށް ދަތި ހާލުގަ އެވެ. މައިންބަފައިން ތިބެނީ ރަށުގަ އެވެ. އުމުރުން ހަގު ދަރިވަރާ ހަވާލުވަނީ މާލޭގެ ކޮންމެވެސް ގެއެއްގެ ނުދަންނަ ބަޔަކު ނުވަތަ އާއިލާގެ ނުވަތަ ދުރުތާތިމާގެ ކޮންމެވެސް އެހެން ބައެކެވެ.

"ހަގީގަތުގައި [އެ] ނަތީޖާއަށް ބަލާއިރު އަޅުގަނޑަށް ވިސްނޭ އުޅެން ޖެހުނު ގޮތަކީ އޭގެ މޯޓިވޭޝަނެއް ކިޔެވުމަށް ލިބުނު،" ޑރ. ފިރާގު ވިދާޅުވި އެވެ.

"އެއީ ބައެއް ފަހަރު އުޅެން ޖެހުނު ގޮތުން [ސްކޫލްގެ] އެހެން އެކްޓިވިޓީސްތަކުގައި އުޅުމުގެ ފުރުސަތު [ވެސް] ހަގީގަތުގައި ނުލިބޭ."

ފިރާގު 'ދައުރު'ގެ އިންޓަވިއުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު އޭނާގެ ތައުލީމީ ހަޔާތުން އުނިވި އެކަހަލަ ކޮންމެ ކަމެއް ބަދަލުވީ ހިތްވަރަކަށެވެ. ކިތައްމެ ބޮޑު ދައްޗެއް ކުރިމަތިވިޔަސް ކިޔެވުމުގެ އަޒުމްއާ ވަކިވުމެއް ނެތެވެ. މައިންބަފައިން ދޫކުރައްވައި މާލެ ވަޑައިގަތީ އެ ސަބަބަށެވެ. އެހެންކަމުން ފޮތްތަކާއި ފިލާވަޅުތަކުން އޭނާގެ ވިސްނުން ބޭރުކުރެވޭނެ އެއްވެސް ހާލަތެއްގެ މާޔޫސްކަމުގެ ތެރެއަކަށް ނުވަންނަވަ އެވެ. 

ރަށުގައި އެންމެ މޮޅު، އެކަމަކު އަސްލު ހާލަތު އެނގުނީ މާލެ އައުމުން

ތަކަންދުއަކީ އާބާދީ ވަރަށް ކުޑަ ރަށެކެވެ. ފިރާގުގެ ބައްޕަ މަސައްކަތްކުރީ ރަށުގައި އޮތް މާލެ ދަތުރުކުރާ ބޯޓުގަ އެވެ. އެއް ދުވަހަކު ބައްޕަ އެހީ ކިޔަވަން މާލެ ދާން ބޭނުންތޯ އެވެ. އެކަމަށް އަވަހަށް އެއްބަސްވި އެވެ. އޭރު އުމުރުން އެންމެ 10 އަހަރެވެ.

މާލެ ވަޑައިގެންނެވި އިރު ފިރާގަކީ ރަށުގައި ވެސް ހުރި އެންމެ މޮޅު އެއް ދަރިވަރެވެ. އެކަމަކު އޭރު މާލޭގެ އަމިއްލަ އެންމެ ބޮޑު އެއް ސްކޫލް އެމްއީއެސްގެ ގްރޭޑް 1އަށް ވަންނަވައި ކިޔަވަން ފެއްޓެވުމުން އެނގިވަޑައިގަތީ ރަށުން ލިބޭ ތައުލީމާއި މާލޭގެ ތައުލީމުގެ ހުރި ފަރަގެވެ.

"އޭރު ހަގީގަތުގައި، އެމްއީއެސްގައި، ކިޔެވުން ފެށީމާ މި އެނގުނީ ރަނގަޅަށް އޭބީސީޑީ ވެސް ނޭނގޭކަން،" ފިރާގު ވިދާޅުވި އެވެ.

"އުމުރުން 10 އަހަރު ވާއިރު އެ ބައި އަދި ކަވަރު ވެސް ނުކުރެވޭ [ރަށުގައި]."

ހއ. ތަކަންދޫގެ ބަޔަކު އަތިރިމަތީގައި އަރާމުކޮށްލަނީ: ފިރާގު ނިސްބަތްވަނީ މި ކުޑަކުޑަ ރަށަށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކަމަކު ކްލާހުގެ ގިނަ ކުދިންނަށް ވުރެ އޭނާގެ ވިސްނުން ތަފާތެވެ. އެހެންވެ ދެ ބުރަކަށް ޑަބަލް ޕްރޮމޯޝަން ހޯއްދަވައިގެން ގްރޭޑް މައްޗަށް ދިޔަ އެވެ. އޭގެ މާނައަކީ ސަރުކާރުގެ ސްކޫލް މަޖީދިއްޔާއަށް ވެންނެވޭ ވަރަށް އުމުރާއި ގްރޭޑް އެއްހަމައަކަށް ގެންނެވުމެވެ. ގްރޭޑް ހަތެއް ނިންމަވައި ސެކަންޑަރީ ތައުލީމަށް މަޖީދިއްޔާއިން ޖާގަ ހޯއްދެވުނީ އެހެންވެ އެވެ. 

ފިރާގު ވިދާޅުވި ގޮތުގައި މަޖީދިއްޔާއަށް ވެންނެވުމުގެ އެންމެ ބޮޑު ސަބަބަކީ އެމްއީއެސްއަށް ފީ ދައްކަން ޖެހޭތީ އެ ބުރައިން ސަލާމަތްވުމެވެ.

"ބައެއް ފަހަރަށް ވާ ގޮތަކީ އާއިލާގެ ކަަންތައް ހުންނަ ގޮތުން [ފީ ދެއްކުން ވެސް] ބާޑަންއަކަށް [ބުރައަކަށް] ވޭ. އެ ވެސް ލިބޭ އެޑްވާންޓޭޖެއް ސަރުކާރު ސްކޫލަކަށް ބަދަލުވީމާ،" އޭނާ ވިދާޅުވި އެވެ.

މިހާރު މި އޮތީ އޭރުގެ ހާލަތެއް ނޫން، ވިސްނައިދޭން އުނދަގޫ

އަޅުގަނޑުގެ ސުވާލުތައް ގިނައިން އަމާޒުކުރީ ފިރާގުގެ ކިޔެވުމަށެވެ. 

މޮބައިލް ފޯނާއި އިންޓަނެޓްގެ ޒަމާން އަދި ނާދެ އެވެ. އޮތީ އަމާން އަދި އެހާމެ ސާދާ ދިރިއުޅުމެކެވެ. 

ފިރާގު ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް އެ ދުވަހަކު ދޭ ފިލާވަޅެއް ހަދައި، މުރާޖާކުރައްވަ އެވެ. އެހެންވެ ޓެސްޓް އައުމުން އޭނާ ހުންނަވަނީ ރަނގަޅަށް ތައްޔާރުވެގެންނެވެ. ބުރައެއް ކަމަށް ހީވުމުގެ އިހުސާސްތަކާ ދުރުގަ އެވެ.

"ރޫޓިންއަކީ އެ ދުވަހު ދޭ ފިލާވަޅެއް ރިވައިސްކުރުން. ކޮށްފައި އެނގޭތޯ ބަލާފައި ދެން ރޫޓިންކޮށް ރިވިއުކުރަން ސަބްޖެކްޓްތައް ބަހާލައިގެން ހަފުތާއަކަށް. އެ އަހަރު ތެރޭގައި ދީފައި ހުރި ހުރިހާ އެއްޗެއް ހަމަ އެއް ދުވަހުން ރިވިއުކުރަމުން، ވަރަށް ގަވާއިދުން އެކަން ކުރަމުން އައީ،" ފިރާގު ވިދާޅުވި އެވެ.

"އެހެންވީމާ އަދި ޓެސްޓާ ހަމައަށް އަންނައިރު އަބަދުވެސް ފީލްވޭ އެހާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހެއޭ ޓެސްޓްގެ ދެ ވީކްގެ ކުރިިން. އެއީ ގިނަ އެއްޗެހި ހުންނަނީ ކަވާކުރެވިފައި، އެނގިފައި."

އެކަމަކު އެއީ މިހާރާ އަޅާބަލާއިރު ވަރަށް ތަފާތު ޒަމާނެކެވެ. އޭރު ރަށްރަށުގެ ގިނަ ކުދިންނަށް ކިޔަވަން އިށީނދެވޭނީ ގޭގައި ކުރަން ޖެހޭ މަސައްކަތްތައް ކޮށްފަ އެވެ. ބައެއް ކުދިން ގޭގެ ހުރިހާ ބާޒާރެއްކުރުމާއި ގެ ސާފުކުރުމާއި ކުނި އުކުން ފަދަ ކަންކަމެވެ. އަންހެން ކުދިން ނަމަ ގޭތެރޭގެ ކަންކަމާއި ބަނދިގޭގެ މަސައްކަތްތަކެވެ.

ރަށުން ފުރުމުގެ ކުރިން ދުށް ހުވަފެންތައް އެކުދިންނަށް ހަގީގަތަކަށް ހެދޭނީ އެ ހުރަސްތައް ގިރާކޮށްގެންނެވެ. ފިރާގުގެ ނަތީޖާ 1994ގައި ރަން އަކުރުން ފަވާލެވުނީ އެ ހިތްވަރު ނެރުމުންނެވެ.

ފިރާގު އޭނާގެ އާއިލާއާ އެކު ރަށެއްގައި: މިހާރުގެ ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ ގޮތް ތަފާތު

ނަމަވެސް މިހާރު އެފަދަ ބުރަތަކެއް ރަށްރަށުގެ ދަރިވަރުންނަށް ވެސް ދިމައެއްނުވެ އެވެ. ކުދިންނަށް ކިޔަވައިދޭން މުޅި އާއިލާ މާލެއަށް ބަދަލުވެ އެވެ. އެހެންކަމުން މިހާރުގެ ދަރިވަރުންނަށް ކިޔެވުމުގެ މަގުސަދު ވިސްނައިދޭން އުނދަގޫވެ އެވެ. ބައްޕައެއްގެ ހައިސިއްޔަތުން ފިރާގަށް ވެސް އެކަން އޮތީ ގޮންޖެހުމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑަށް ވެސް ބައެއް ފަހަރަށް ޗެލެންޖަކަށް އެބަވޭ މޯޓިވޭޝަން ކުދިންނަށް [ދަރިންނަށް] ދޭން. ކިހިނެއްތޯ މޯޓިވޭޓްކުރާނީ. ހަގީގަތުގައި ފާހަގަކުރަން ޖެހޭ ކަމަކީ މޯޓިވޭޝަނެއް ކުރިމަތިވާނީ ހަޔާތުގައި ކޮންމެވެސް ހާލަތެއް ދިމާވެގެންނޭ،" ދެ ކުދިންގެ ބައްޕަ ވިދާޅުވި އެވެ.

"މިހާރު ހަގީގަތުގައި މި ލައިފް ސްޓައިލްއަށް ބަލާއިރު ދެން ޖެހޭނީ ފިޔުޗާގެ ކަންތައްތައް ކިޔައިދީ ފިއުޗާގައި މި [ފުރުސަތުތައް] އޮންނާނީ [މިހެންނޭ، ނުވަތަ އެހެންނޭ] މި މޭރުމުން ކަންނޭނގެ ވާހަކަ ދައްކަން."

ސްކޫލް ކަންކަމުގެ ތެރެއަށް ބެލެނިވެރިން ވަންނަނީ މާ ބޮޑަށް

ފިރާގު ފުރަތަމަ ޑިގްރީ ހެއްދެވީ އޮސްޓްރޭލިޔާގަ އެވެ. މާސްޓާސް އާއި ޕީއެޗު.ޑީ ނިއު ޒީލެންޑްގަ އެވެ. ގާތްގަނޑަކަށް ބޭރުގައި 15 ވަރަކަށް އަހަރު ހޭދަކުރެއްވި އެވެ. ޔުނިވަސިޓީއެއްގައި ވަޒީފާ ވެސް އަދާކުރެއްވި އެވެ. ފިރާގުގެ އަނބިކަނބަލުން ވެސް ވަނީ ޕީއެޗު.ޑީ ނަންގަވައިފަ އެވެ. އެކަމަކު 2011ގައި ރާއްޖެ ވަޑައިގެން އާއިލާއާ އެކު ދިރިއުޅުން ބިނާކުރެއްވީ އަމިއްލަ މި ފަސްގަނޑުގަ އެވެ.

ތަރައްގީވެފައިވާ ދެ ގައުމެއްގެ ތައުލީމީ ނިޒާމުގެ ތަޖުރިބާތަކާ އެކު ފިރާގު ގަބޫލުކުރައްވަނީ ކުދިންނަށް އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭން ރާއްޖެ ރަނގަޅު ކަމެވެ. އޭނާއަކީ އޭގެ ހެއްކެކެވެ. އޭގެ އިތުރުން ދިވެހި އެތައް ދަރިވަރުންނެއް ރާއްޖެއިން އޯ ލެވެލް އާއި އޭ ލެވެލް ހަދައިގެން ބޭރުގެ ބޮޑެތި ޔުނިވަސިޓީތަކުގައި ވެސް ރަނގަޅު ނަތީޖާ އެބަ ނެރެ އެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި ހަގީގަތުގައި ގްރޭޑް 10-12އަށް ދާއިރު ފުދޭވަރަކަށް ރަނގަޅަށް [ރާއްޖޭގައި] އެޑިޔުކޭޝަން ކުރިއަށް ދަނީ. ރަނގަޅު ނަތީޖާ ވެސް ހޯދާ. އެހެންވެ އެ ގްރޭޑްތަކަށް [ރާއްޖޭގައި] ކިޔަވައިގެން ނުފެނޭ އެއްވެސް ޗެލެންޖެއް ކުދިންނަށް ބޭރުގައި ފާމޯފްކުރާކަށް،" ފިރާގު ވިދާޅުވި އެވެ.

ބޭރުގައި އޮތް ބައްދަލުވުމެއްގައި ފިރާގާ އެކު ބައިވެރިވި މީހުން: ބޭރުން ވަޒީފާ ލިބެން އޮއްވާ އޭނާ ހިޔާރުކުރެއްވީ ރާއްޖެ

އެކަމަކު ރާއްޖޭގައި އޭނާއަށް ކަމުނުދާ އެއް ކަމެއް މިހާރު އެބަ އޮތެވެ: ސްކޫލްގެ ކަންކަމުގައި ބެލެނިވެރިން މާ ބޮޑަށް އުޅުމެވެ. އެހެންވުމުން ކުދިންނަށް ލިބެން ޖެހޭ ފުރުސަތުތައް ގެއްލެނީ އެވެ. އޭނާގެ ބަހުން ނަމަ 'ޖަހައިގަންނަނީ' އެވެ.

"މިސާލަކަށް ސައިންސް ފެއާގައި ވެސް އަދި އެހެން ކަންކަމުގައި ވެސް ޕޭރެންޓުން މާ ޕްރޮއެކްޓިވް އެބަވޭ ކުދިންނަށް ވުރެ. ކުދިންނަށް ސައިންސް ފެއާ [އޮތަސް] އެއްޗެއް ފެންނަ އިރު ވިސްނާލައިފިއްޔާ އެނގޭނެ އެއީ ކުދިންގެ މަސައްކަތުން އައިސް ހުރި އެއްޗެއް ނޫންކަން. ކޮންމެވެސް ޕޭރަންޓުންތަކެއް މަސައްކަތްކޮށްގެން އައިސް ހުރި އެއްޗެހިތަކެއްކަން،" ފިރާގު ވިދާޅުވި އެވެ.

"އެހެންވެ އަސްލު ހަގީގަތުގައި އަޅުގަނޑުމެންނަށް ކިތައްމެ ވަރަކަށް ކުދިންނަށް މޯޓިވޭޓްކޮށްގެން ކަންކަން ކުރުވަން އުޅުނަސް މި ދެވެނީ ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް ކުދިންނަށް. އެއީ ކުދިންނަށް އެކްސްޕީރިއަންސް ކޮށްލާނެ ފުރުސަތު އަޅުގަނޑުމެންނަށް މި [ޖަހައިގަނެވެނީ]."

އޭނާ ވިދާޅުވި ގޮތުގައި ބެލެނިވެރިން ތިބެން ޖެހޭނީ ބެލެނިވެރިންގެ ގޮތުގަ އެވެ. އޭގެ ބޭރުން މާ ބޮޑަށް ސްކޫލްގެ ކަންކަމުގެ ތެރެއަށް ބެލެނިވެރިން ވަންނަނީ އެވެ. އެއީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވަ އެވެ.

ކުދިންގެ ތަރުބިއްޔަތަށް ރަނގަޅީ އަމިއްލަ ގައުމު

ފިރާގުގެ ތައުލީމީ ފެންވަރަށް ބަލާ ނަމަ އުފެދޭ އެންމެ ބޮޑު ސުވާލަކީ ނިއު ޒީލެންޑް ދޫކުރައްވާ ރާއްޖެ ވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް އޮތް ޖަވާބަކީ ދަރިންގެ ތަރުބިއްޔަތަށް ވެސް ރަނގަޅީ އަމިއްލަ ގައުމުގައި އުޅުން ކަމެވެ. އާއިލާގެ އެހެން މީހުންނާ އޮންނަ ގުޅުމާއި ދީނީ ތަރުބިއްޔަތަކީ، އެހެން ގައުމެއްގައި ދަރިންނަށް ހޯދައިދެވޭނެ ފުރުސަތެއް ނޫންކަމަށް، ފިރާގުގެ ދެމަފިރިން ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މި ކޮޅުގައި ތިބެގެން ފެމިލީއާ އެކު އުޅުމާއި ކުދިންނަށް ލިބޭ އެކަހަލަ [ގުޅުންތަކާއި] ދީނީ ގޮތުން ލިބޭ ފުރުސަތުތައް ރަނގަޅޭ،" ފިރާގު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ [ކުދިންނަށް] ރަނގަޅު [ބިންގަލެއް އެޅޭހެން] މިކޮޅުގައި."

ރާއްޖެ ވަޑައިގެން ފިރާގު ވެންނެވީ ދިރާގަށެވެ. އޭނާގެ ތައުލީމުގެ މައިގަނޑު އެއް ބަޔަކީ ވަޔަލެސް ކޮމިޔުނިކޭޝަން އެވެ. ދިރާގުގެ މަތީ މަގާމުތަކުގައި 11 ވަރަކަށް އަހަރު އުޅުއްވި އެވެ. މިހާރު އޭނާއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ރާއްޖޭގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުގެ ކޮންސަލްޓެންޓެވެ.

އިއާދަކުރަނިވި ހަކަތަކާ ބެހޭ ގޮތުން ފިރާގު ހުށައެޅުމެއް ހުށައަޅުއްވަނީ

އޮސްޓްރޭލިޔާ އާއި ނިއު ޒީލެންޑް ފަދަ ގައުމުތަކަށް މަތީ ތައުލީމު ހާސިލްކުރަން ދާ ވަރަށް ގިނަ ދިވެހިން އެނބުރި ރާއްޖެ ނާދެ އެވެ. އެއީ ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންކަމުން ފިރާގު އެ ދައްކަވަނީ ގައުމަށް ހިދުމަތްކުރެއްވުމުގެ ނަމޫނާ އެވެ. އަމިއްލަ ގައުމުގެ ސަގާފަތާއި އުޅުމާއި ދީނީ ކަންކަމުން ދަރިން މަހުރޫމްނުކުރާނެކަމުގެ ނަމޫނާ އެވެ.

އެކަމަކު މިހާ ހިސާބުން ސިޔާސަތެއްގެ ތެރެއަށް ވަންނަން ޖެހެ އެވެ. ސިޔާސީ ވާހަކައެއް ދެއްކުމުގެ މަގުސަދަކު ނޫނެވެ. ތައުލީމީ، ގާބިލް ދިވެހިންނަށް ރާއްޖެއިން ފުރުސަތު ހޯދައިދެވެން އޮތް މަގުގެ ވާހަކަ އެވެ. އެކަމަށް ކަނޑައަޅަން ޖެހޭ ސިޔާސަތެވެ.

ފިރާގު ވިދާޅުވި ގޮތުގައި މިހާރު ވެސް ގާބިލް އެތައް ހުނަރެއް ރާއްޖެ ދޫކޮށް ހިނގައްޖެ އެވެ. އޭގެ ސަބަބަކީ ސިޔާސީ މަގާމުތަކާއި ސިޔާސީ ކަންކަމާ ގުޅިފައި ހުރި އެހެން ވަޒީފާތަކަށް ބޮޑު މުސާރަ ލިބޭ އިރު، އިލްމީ، ގާބިލް މީހުން ހާއްސަވާ ދާއިރާތަކުން އެ ފުރުސަތު ނެތުމެވެ. އޭނާ ގަބޫލުކުރައްވަނީ ސިޔާސީ ކަންކަން ވެސް ކުރިއަރުވަން ޖެހޭނެ ކަމަށެވެ. ހަމަ އެގޮތަށް އެހެން ދާއިރާތަކުން ވެސް ވާދަވެރި މުސާރައެއް ނުލިބި ގައުމު ކުރިއަށް ނުގެންދެވޭނެ ކަމެވެ.

ސިޔާސީ ދާއިރާއާ "އެއް ލެވެލްގައި އެހެން ދާއިރާތައް ވެސް އެބަ ޖެހޭ ޑިވެލޮޕްވާން. ނޫނިއްޔާ ގިނަ ފަހަރަށް ވާނެ ގޮތަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ޓެލެންޓްތައް މޫވްކުރާނެ [ގައުމު ދޫކޮށް ދާނެ]،" ޑރ. ފިރާގު ވިދާޅުވި އެވެ.

"ސަރުކާރުން ނަގާ ޑެސިޝަނަކުން ނޫނީ ދޭ ފުރުސަތުތަކުން މިތާ އުޅޭނީ. އެހެންވެ އެއީ ވިސްނާލަން ޖެހޭ ކަމެކޭ، ރަނގަޅު ފުރުސަތު ހޯދައިދިނުން. ހަމައެކަނި ސިޔާސީ ދައިރާއެއް ނޫން."

ގައުމުގެ ހެވަށް އެދޭ މީހުން އޭނާގެ އެ ވާހަކަ ރަނގަޅު މާނާގައި ނަަގާށެވެ.

ކޮމެންޓް (4)

ހަސަން ޢަބްދުﷲ

4 ފެބްރުއަރީ 2025
އެމް.އީ.އެސް.ގައި މަގޭ ކިލާސް މޭޓެކެވެ.މަވެސް އެބުނާ ޑަބަލް ޕްރޮމޯޝަންތައް ހޯދީމެވެ.އެކަމަކު މަޖީދިއްޔާ ސްކޫލަކަށް ނުދަމެވެ.ގިނަ ދުވަހު ކިޔެވީ އެމް.އީ.އެސް.ގައިއެވެ.މަޖީދިއްޔާގައި އުޅުނީ 3 އަހަރުތާއެވެ.ފިރާޤުއާއި އެކީ ދެންކިޔަވަން އުޅުނީ މޭޖަރ މުހުސިންއެވެ.އޭރު ބެލެވުނީ އެއީ އެއްބަނޑުއެއްބަފާ ދެބެއިންކަމަށެވެ.
0 0

ފައްލަ

3 ފެބްރުއަރީ 2025
ވަރަށް ޚުލްޤު ހެޔޮ މަޑުމައިތިރި ހިތްތިރި ބޭފުޅެއް. މާތްﷲ ތި ބޭފުޅާގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާ ކާމިޔާބީ މިންވަރު ކުރައްވާށި. އަދި ފިރާގަކީ ނަމޫނާ ޝަޚްޞިއްޔަތެއް
8 1

ދަނައްޓޭ

3 ފެބްރުއަރީ 2025
ހަނަހުވާ ބިއް الله . މަވަރަށް އުފާވެއްޖެ ތިހާ މޮޅަށް ކިޔަވައިގެން ބޭރުގަ އެހާ ގިނަދުވަހު އުޅުނު އިރުވެސް ކުދިންނަށް އެންމެ ރަނގަޅީ އަމިއްލަ ގައުމޭ ބުނީތީ. ދީނީ ގޮތުންވެސް ކުދިންނަށް ރަނގަޅީ މިތަނޭ ބުނީތީ. އެހެންމީހުން ބޭރަށް ދެވުނީމަ ގައުމާ ދީނާ ސަގާފަތް މަތިން ހަނދާންނެތޭ.
12 2

ދިރާގު ކޮލީގް

3 ފެބްރުއަރީ 2025
އަޅުގަނޑަށް ފިރާގުގެ އެންމެ ރީތި ސިފައެއްކަމަށް ފެނުނީ ހިތްތިރިކަން. އެހެން ޑިޕާޓެމެންޓެއްގެ ކުއްޖެއް ފެނުނަސް ހިނިތުންވެލާނެ. ނަން އެނގޭނަމަ ގޮވާލާނެ. ހާލު ކިހިނެއްތޯ ބަލާލާނެ. ޕީއެޗްޑީ އޮތް ނަމަވެސް، ޑރ. ގެ ލަގަބު އޮފީހުގެ އެއްވެސް ރަސްމީ ލިޔެކިޔުމެއްގައި ބޭނުންކުރަނިކޮށް ނުފެނޭ. މަދުން ނޫނީ ނުފެންނަފަދަ ޝަޚްޞިއްޔަތެއް.
18 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް