ސުނާމީގައި ރާއްޖޭގެ ހާލަތު ދެކެވަޑައިގަންނަވަން ވަޑައިގެންނެވި އދ.ގެ ހާއްސަ މަންދޫބުން ކަމަށްވާ އެމެރިކާގެ ކުރީގެ ދެ ރައީސުން، ބިލް ކްލިންޓަން (ކ) އާއި ޖޯޖް ޑަބްލިޔު ބުޝް (ވ) ރާއްޖޭގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެކު
ސިޔާސީ މީހުން ބަންދުން ދޫކޮށްލެއްވުން، މައުމޫން އެޅުއްވި މުހިންމު ފިޔަވަޅެއް
މުހިންމު ނުކުތާތައް
އޭރުގެ ރައީސް އޮފީހުގެ ތަރުޖަމާން އަހުމަދު ޝަހީދު ވިދާޅުވި ގޮތުގައި މައުމޫންގެ އެ ނިންމެވުމުގެ ނަތީޖާ ވެސް ރަނގަޅު
އެ ދަނޑިވަޅުގައި ގައުމު އެއްބައިވަންތަކުރަން މައުމޫން ދެއްކެވި ނަމޫނާއަށް މުހައްމަދު ނާޒިމް ޝުކުރު އަދާކުރެއްވި
ބަންދުން ދޫކޮށްލުމާ އެކު ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ސީދާ ވަޑައިގަތީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް
"ގައުމީ އެއްބައިވަންތަކަމާއި ގައުމީ އެކުވެރިކަމަކީ މި ދަނޑުވަޅުގައި މި ގައުމުގެ ނިދާ."
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މި ވާހަކަފުޅުގެ ފަހަތުގައި އޮތީ، އޭގެ ހަތަރު މަސް ކުރިން ފެނުނު 'އޮގަސްޓް 13،12'ގެ ސިޔާސީ ބޮޑު އެއްވުމާ ގުޅިގެން ދައުވާ އުފުލައި އަދި ބަންދުގައި ތިބި މީހުން ދޫކޮށްލުމުގެ ނިންމެވުމެވެ.
މައުމޫންގެ ބަޔާން އައީ 2005 ފެށުމާ ގުޅުވައިގެން، 1 ޖެނުއަރީގަ އެވެ. އޭގެ ފަސް ދުވަސް ކުރިން ރާއްޖޭގެ އެތައް ރަށެއް އޮތީ އިރުކޮޅަކަށް ނަމަވެސް، ސުނާމީގެ ބިޔަ ލޮނުގަނޑުގެ އަޑީގަ އެވެ. އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިފަ އެވެ. އިމާރާތްތައް ފުނޑުފުނޑުވެފަ އެވެ.
ގައުމީ ހިތާމައިގެ އެ ދަނޑިވަޅުގައި ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ވެސް އެހާމެ ބޮޑަށް އުތުރިއަރައިގަތެވެ. އެހެންކަމުން ސިޔާސީ ކުށްވެރިންގެ ގޮތުގައި ބެލެވުނު އެތައް ބަޔަކު މިނިވަންކުރުމަކީ، އެ އެއްބައިވަންތަކަމުގެ ހިލިހިލާ އިތުރަށް ވަރުގަދަވުމެވެ.
"ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެއް އެއީ. އޭރު ވަރަށް ގިނަ ބޭފުޅުން ތިބީ ޖަލުގައި. [އެހެންކަމުން] އެއީ ރައީސް މައުމޫން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް،" ސިފައިންގެ އިސް އޮފިސަރެއްގެ ގޮތުން ސުނާމީގެ ކަންކަމުގައި ބޮޑު ޒިންމާއެއް އުފުއްލެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމާ ދެކޮޅަށް އެހާ ތަނަށް ފެނުނު އެންމެ ބޮޑު އެއްވުން އޮތީ ޖުމްހޫރީ މައިދާނުގައި 12-13 އޮގަސްޓްގަ އެވެ. ސިފައިން ނުކުމެ އެއްވުން ރޫޅާލައި، މީހުން ހައްޔަރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ 13 އޮގަސްޓް 2004ގެ މެންދުރު ފަހު އެވެ.
ހައްޔަރުކުރި އިސް ބޭފުޅުންގެ ތެރޭގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހިމެނެ އެވެ.
އޭރު އެ ބޭފުޅުންނާ ދެކޮޅަށް ވެސް ދައުވާތައް ހުރީ އުފުލައިފަ އެވެ. ނަމަވެސް މައުމޫން ނިންމެވީ އެ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސް، އިތުރު ބަޔަކާ ދެކޮޅަށް އޭގެ އެއްވެސް ދައުވާއެއް ވެސް ނުކުރުމަށެވެ.
މައުމޫންގެ އެ ނިންމެވުމާ އެކު ގައުމީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވި ކަމަށް، ނާޒިމްގެ އިތުރުން އޭރު ރައީސް އޮފީހުގެ ތަރުޖަމާން އަދި ފަހުން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޕްރޮފެސަރު އަހުމަދު ޝަހީދު ވެސް ގަބޫލުކުރައްވަ އެވެ.
މިސާލެއް ދައްކަވަމުން ނާޒިމް ގެންނެވީ ގާސިމްގެ ނަމެވެ.
"ދޫކޮށްލި ވަގުތު ގާސިމް އާއި އެބޭފުޅުންގެ ޓީމެއް އެއްކޮށް [ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް] ވަޑައިގަތް. ވަޑައިގެންފައި ވިދާޅުވީ ކޮން އެހީއެއްހޭ ތިމަންނަމެންނަށް ދެވޭނީ؟" ނާޒިމް ވިދާޅުވި އެވެ.
"ސިޔާސީ ކަންކަން އެއްކިބާކުރައްވާފައި ގައުމު އެއްބައިކުރަން ރައީސް މައުމޫން ނިންމެވި އެ ނިންމެވުމަކީ ވަރަށް ހިކުމަތު އަމަލީ އަމަލެއް."
ސުނާމީ އެރީ 9 ޖޫން 2004ގައި މައުމޫން އިއުލާންކުރެއްވި އިސްލާހީ އެޖެންޑާއާ ގުޅިގެން ސިޔާސީ ވަރަށް ބޮޑު ބަހުސްތަކެއް ފެށިފައި އޮއްވަ އެވެ. ސަރުކާރާ ދެކޮޅު މީހުން ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން، ސުނާމީ އެރި ދުވަހު އިސްކަންދަރު ސްކޫލްގައި ގާއިމްކުރި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވެސް ފެނުނެވެ.
އިސްކަންދަރު ސްކޫލަށް އެ ދުވަހު އެއްވެ އުޅުނު މީހުންގެ ތެރެއަށް އިދިކޮޅު ބައެއް އެކްޓިވިސްޓުން ވަދެ ދޮގު ވާހަކަތަކެއް ފެތުރޭތޯ މަސައްކަތްކުރި އެވެ. ސުނާމީ އަންނަކަން ސަރުކާރަށް އެނގި ތިބެ، އިންޒާރު ނުދިއްޔޭ ބުނުން ފަދަ، އެ ވަގުތު އާންމުންގެ ތެރޭގައި 'ހުޅު ފަޅައިގެން ހިނގައިދާނެ' އަޑުތަކެވެ.
ބަޔަކު އެގޮތަށް ވާހަކަ ދައްކަން ފެށުމުން "[ސަރުކާރުގެ] ބައެއް ބޭފުޅުންނަށް ފަސޭހައެއްނުވި އާންމުންގެ ތެރެއަށް ނުކުންނަވާ މަސައްކަތްކުރައްވާކަށް،" ޝަހީދު ވިދާޅުވި އެވެ.
އެކަމަކު އިދިކޮޅު ހަރަކާތުގެ އިސް ދެ ބޭފުޅުން ކަމަށްވާ މުހައްމަދު ޝިހާބާއި ހަސަން އަފީފްމެން ތިއްބެވީ، ޝަހީދު ވިދާޅުވި ގޮތުގައި، 'ގައުމީ މަސްލަހަތުގައި އެއްބާރުލުން ދެއްވައިގެން ކުރިއަށް ގެންދަވާށެ'ވެ.
"ޝިހާބާއި އަފީފު އެދުވަހު އެކުރެއްވި މަސައްކަތް އަސްލު ފާހަގަކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިސްލާމީ އުސޫލުތަކަށް ބައްލަވާފައި ނިންމެވި ނިންމެވުމެއް
ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމުގެ މަޝްވަރާ އެހެން ބަޔަކާ މައުމޫން ކުރެއްވި ކަމަކަށް ޝަހީދު ގަބޫލެއްނުކުރައްވަ އެވެ.
"އެގޮތަށް ކުރެއްވި ނަމަ އަޅުގަނޑަށް އެނގުނީސް. އަޅުގަނޑަށް ގަބޫލުކުރެެވެނީ އެއީ ސީދާ އިސްލާމީ އުސޫލުތަކާ ވެސް އެކު މައުމޫން ހަމަ އަމިއްލަފުޅު ނިންމެވުމެކޭ،" ޝަހީދު ވިދާޅުވި އެވެ.
"ވަަރަށް ރަނގަޅު ކަމެއް އެއީ. ވަރަށް އިހުސާންތެރި ކަމެއް ވެސް. ސިޔާސީ ގޮތުން ވެސް ރަނގަޅު ކަމެއް. އޭގެ ހެޔޮ ނަތީޖާ ފެނުނު."
ސިޔާސީ ގޮތުން އޮތް ނުތަނަވަސްކަމެއް ނަމަ މައުމޫންގެ އެ ނިންމެވުމާ އެކު އެވަގުތަށް ފިލައިގެން ދިޔަ އެވެ. ސުނާމީ އެރިއިރު ރައްޔިތުންގެ މަޖިލިހުގެ އާ އިންތިހާބަށް އޮތީ ގާތްގަނޑަކަށް ހަފުތާއެކެވެ. އެ ދުވަހު މައުމޫންގެ ރަސްމީ ޕްރޮގްރާމްގެ ތެރޭގައި، އިންތިހާބު ކަވަރުކުރަން އައި ބައިނަލްއަގުވާމީ އޮބްޒާވަރުންގެ އިސް ބޭފުޅާއާ ބައްދަލުކުރެއްވުން ވެސް ހިމެނެ އެވެ. އެކަމަކު ރަސްމީ އެކަހަލަ އެއްވެސް ކަމެއް ކުރައްވާކަށް ރައީސަށް ފުރުސަތެއް ލިބިވަޑައެއް ނުގަތެވެ.
ވަޑައިގަތީ މާލޭގައި އެންމެ ބޮޑަށް ރާޅު އެރި ހިސާބުގެ ހާލަތު ބައްލަވާށެވެ. އެ ލޮނުގަނޑު ތެރޭގައި އެމަނިކުފާނުގެ އުޅަނދަށް ކުރިމަތިވި އުނދަގޫތަކުން ވެސް ސުނާމީއަކީ ކިހާ ބިރުވެރި ކާރިސާއެއްކަން އިހުސާސްކުރެއްވުނެވެ.
"ރައީސް މައުމޫނަށް ޝުކުރު ދަންނަވަން އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން. އެ ދުވަހުގެ އެ ނިންމެވުމާ ގުޅިގެން މުޅި ގައުމު އެކަތިގަނޑަކަށް ވި. ސިޔާސީ ކަންކަން އެދުވަހު ނިމިއްޖެ،" ނާޒިމް ވިދާޅުވި އެވެ.
"އެންމެންގެ ފޯކަސް ބަދަލުވެގެން ދިޔައީ މުޅި ގައުމު އާރާސްތުކުރުމުގެ ވިސްނުމަށް."
ޝަހީދު ވިދާޅުވި ގޮތުގައި ސިޔާސީ ކުށްވެރިން މިނިވަންކުރެއްވުމުގެ ނިންމެވުމުގެ ކުރިން ވެސް މައުމޫން ހުންނެވީ ދިވެހިންގެ ފަރާތުން ފެނުނު ގައުމީ ރޫހާ މެދު ހިތްޕުޅުހަމަޖެހިވަޑައިގެންނެވެ.
"ރައްޔިތުން ދެއްކި އެއްބައިވަންތަކަމުން ހިތްޕުޅުހަމަޖެހިވަޑައިގެންނެވި. ގައުމީ ރޫހު ފާޅުވި،" ޝަހީދު ވިދާޅުވި އެވެ.
"އިހުސާންތެރިކަން އިސްކޮށް އެ ރޫހުގައި އާ ފެށުމެއް ފަށައި ގަންނަން ބޭނުންފުޅުވީ. އިސްލާމީ ހަމަތަކުގައި ވެސް މަސްލަހަތު އިސްކުރުމަކީ ވެރިޔަކަށް ވަރަށް މުހިންމު ކަމެއް. އެކަހަލަ ވިސްނުންތަކުގެ ތެރެއިން އައި ކަމެއް އެއީ."
ކޮމެންޓް (1)
މިތުރު