ރ. ދުވާފަރު. ސުނާމީގައި އެއްކޮށް ހަލާކުވި ކަނދޮޅުދޫ ރައްޔިތުން މި ރަށަށް ބަދަލުކުރިތާ 15 އަހަރުވީ އިރުވެސް ބޮޑެތި ދަތިތައް އެބަހުރި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ދުވާފަރަކީ ލިބުނު ނަަސީބެއް، އެކަމަކު ޒަމާނާ ގުޅޭ އެތައް ޝަކުވާއެއް
މުހިންމު ނުކުތާތައް
ބިން އޮތް ރަށަކަށް ބަދަލުވުމުން ލިބެން ޖެހޭ ފަސޭހަތައް އަދިވެސް ހަމަނުޖެހޭ ކަމަށް ރަށު މީހުން ބުނޭ
ބޯހިޔާވަހިކަމަށް ބިން ހިއްކިތާ އެތައް އަހަރެއް ވީއިރު ވެސް އާ ގެދޮރު ލިބޭނެ ދުވަހެއް ނޭނގޭ
ކައުންސިލުން ބުނާ ގޮތުގައި ލޭންޑް ޔޫސް ޕްލޭން ނިމުމުން އެކި މަސައްކަތަށް ވެސް ބިން ދޫކުރާނެ
(ރ. ދުވާފަރު) - މީގެ 20 އަހަރު ކުރިން، ރ. ކަނދޮޅުދުއަކީ ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ކަނދޮޅުދޫ ފަޅުކޮށްލި ސުނާމީ ކާރިސާ ހިނގި އިރު ރަށުގެ އާބާދީއަކީ 3،662 އެވެ.
އޭރު ވެސް އެއީ ބިން ފުރިފައި އޮތް، ރާއްޖޭގެ އެންމެ ދަތި ރަށެވެ. ބިން ނެތުމުން މަސް ކައްކާ ހިއްކުމުގެ މަސައްކަތް އެއްބަޔަކު ކުރީ ކައިރީގައި އޮތް ފަޅުރަށުގަ އެވެ. ރަށުގެ ރައްޔިތުންނަކީ ހީވާގި، މަސައްކަތްތެރި ބަޔެކެވެ. އެންމެންގެ މެދުގައި ވެސް އޮތީ އެކުވެރިކަމެވެ.
އޭރު ވެސް ރަށުގެ ބައެއް ޒުވާނުންގެ އުއްމީދަކީ ބިން ބޮޑު އެހެން ރަށަކަށް ބަދަލުވުމެވެ. ރަށުގެ ބޮޑުވަމުން ދާ އާބާދީއަށް ކަނދޮޅުދުއަކީ ނޭވާހާސްވުމެކެވެ.
ސުނާމީ ކާރިސާ، 26 ޑިސެމްބަރު 2004ގައި، ކުރިމަތިވީ އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް ރަސްމީކޮށް ފެށި ތަނާ އެވެ.
އޭރު ކަނދޮޅުދޫ ކުޑަ ކަތީބުގެ މަގާމުގައި ހުންނެވި މުހައްމަދު އަލިފުޅު ވިދާޅުވި ގޮތުގައި ރަށުގެ އާބާދީއާ ބަލާއިރު ބިމުގެ ދަތިކަން އޮތުމުން ރައްޔިތުން ބޭނުންވާ ނަމަ އެހެން ރަށަކަށް ހިޖުރަކުރަން އަތޮޅުވެރިން ވެސް ހުށަހެޅުއްވި އެވެ. އެކަމާ ގުޅޭ ގޮތުން ރަށުގެ ވެރިންނާއި ރަށް ކުރިއަރުވާ ކޮމެޓީއާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރެއްވި އެވެ.
"އެ ބައްދަލުވުމުގެ ތެރެއިން ގިނަ މީހުންނަށް ފެނުނީ އެހެން ރަށަކަށް ބަދަލުވާން ފެންނަ ކަމަށް. އަތޮޅުވެރިން ދެންނެވީ ދެން ރައްޔިތުންނާ ބައްދަލުކޮށްފައި ކޮން ގޮތެއްތޯ ބޭނުންވަނީ ބަލަމާ ހިނގާށޭ. އޭރުންނޭ ސަރުކާރުގައި ދެންނެވޭނީ ވެސް،" އޭރު ކަން ހިނގަމުން އައި ގޮތް މުހައްމަދު ހިއްސާކުރެއްވި އެވެ.
ރަށުގެ 18 އަހަރުން މަތީގެ ހުރިހާ އެންމެންގެ ހިޔާލު ހޯދަން ފޯމެއް ތައްޔާރުކުރި އެވެ. އޭގައި އޮތީ ކަނދޮޅުދޫ ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންތޯ އާއި ބޭނުންވާ ނަމަ އެއީ ކޮން ރަށެއްތޯ އެވެ. ދެން އޮތީ ބަދަލުވާން ބޭނުންވަނީ ސަރުކާރުން ގެދޮރު އަޅައިދީގެންތޯ ނުވަތަ މާލީ ބަދަލު ހޯދައިގެންތޯ އެވެ.
ސުނާމީ ކާރިސާގެ އެއް ދުވަސް ކުރިން 25 ޑިސެމްބަރުގައި އޮތް ރ. އަތޮޅު ކޮމެޓީގެ ބައްދަލުވުމަށް މުހައްމަދު އަލިފުޅު އުނގޫފާރަށް ވަޑައިގަތީ އެ ފޯމު ޕްރިންޓްކުރާށެވެ.
"ރަށުން ފައިބަން ފުރަތަމަ ކުރި މަސައްކަތުގެ ތެރެއިން ތައްޔާރުކުރި ފޯމުގެ ވާހަކަ މި ދެންނެވީ. މިއީ ހަމަ އިއްތިފާގުން ދިމާވި ކަމެއް. މާތްﷲ ކަމެއް އިރާދަކުރައްވާ ނަމަ ވަހީ ކުރައްވަނީ ވާށޭ ދެއްތޯ؟ އެހެންވީމާ އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ކަނދޮޅުދޫ މީހުންނަށް ލެއްވި ރަހުމަތެއް ކަހަލަ ކަމެކޭ،" މުހައްމަދު އަލިފުޅު ވިދާޅުވި އެވެ.
ސުނާމީ ކާރިސާއަށް ފަހު ކަނދޮޅުދޫގެ ރައްޔިތުން އަތޮޅުގެ އެހެން ރަށްރަށަށް ވަގުތީ ގޮތުން ބަދަލުކުރި އެވެ. ފުރަތަމަ ތިބީ އާންމުންގެ ގޭގޭގަ އެވެ. ފަހުން ވަގުތީ ހިޔާތަކުގަ އެވެ.
ހަތަރު އަހަރު ފަހުން ދާއިމީ ބޯހިޔާވަހިކަމާ އެކު ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުވީ 2008ގަ އެވެ. ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ދުވާފަރަކީ އެ ރައްޔިތުންނަށް ހާއްސަކޮށްގެން ބިނާކުރި ރަށެކެވެ.
"ދުވާފަރަށް އަޅުގަނޑުމެން ބަދަލުވާން ނިންމީ ވެސް ސަރުކާރުން އޭރު އަޅުގަނޑުމެން ތިބި ރަށްރަށަށް މިނިސްޓަރުން ފޮނުވައިގެން ރައްޔިތުންނާ ބައްދަލުކޮށްފައި އަޅުގަނޑުމެންގެ މައުލޫމާތު ހޯދާ، ކިހިނެއްތޯ، ކޮން ގޮތަކަށްތޯ، ކޮން ރަށަކަށްތޯ ބަދަލުވާން ބޭނުންވަނީ [ސާފުކުރި]. ގިނަ މީހުން ހަމަ ބޭނުންވީ ދުވާފަރު،" އޭރުގެ ކުޑަަ ކަތީބު ވިދާޅުވި އެވެ.
"އެއީ މަސްވެރި ބައެއް ވީމާ މިތާ ކައިރީ އެންދަމާ ގިރިތަކާ އެއްޗެހި ހުންނާތީ މި ރަށަށް އަންނަން ބޭނުންވީ. އެހެންވީމާ ސަރުކާރުން މި ރަށް ހަމަޖައްސަވާދެއްވާ މި ރަށުގައި ގެ އަޅައިދޭން ފެއްޓެވީ. އައިއެފްއާރުސީގެ ފަރާތުން ގެތައް އަޅައިދިނުމުގެ މަސައްކަތުގެ ބޮޑު ބައި އަދާކުރީ. މިރަށުން މި ފެންނަނީ ކަނދޮޅުދޫގައި އުޅުނު ގޮތަށް ވުރެ ރަނގަޅަށް. ކޮންމެ ގެއެއްގައި ވެސް ޒަމާނީ ފެންވަރަށް ފާހާނާ އާއި ރީތި ކޮޓަރިތަކާ ސީލިންކޮށްފައި. ރަށުގައި އުޅުނު ހާލަތާ ބަލާފައި މާ ރަނގަޅަށް."
ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުކުރީ ސްކޫލާއި މިސްކިތް ފަދަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް ގާއިމްކޮށްފަ އެވެ.
ދުވާފަރު ބިނާކުރުން
-
އައިއެފްއާރުސީން ފުރަތަމަ ނިންމީ 525 ގެ އަޅަން
-
ސުނާމީގެ ކުރިން ވެސް ކަނދޮޅުދޫގެ ގިނަ ބަޔަކު މާލޭގައި އުޅުނު. ސަރުކާރުން އެދުނީ އެ މީހުންނަށް ވެސް ދުވާފަރުގައި ގެ އަޅައިދޭން
-
އެއާ އެކު ޖުމްލަ 672 ގެ އަޅަން ޖެހުނު
-
އައިއެފްއާރުސީން އެޅީ އޭގެ ތެރެއިން 562 ގެ
-
ގެތައް ބެހީ އާއިލާގައި މީހުން ހިމެނޭ ނިސްބަތަށް ބަލައިގެން
-
މިސާލަކަށް 11 މީހުން ހަމަވާ ނަމަ އެ ގޭބީސީއަކަށް 2 ގެ
-
ގޭބީސީއެއްގައި ދެ ކައިވެންޏާ އެކު 11 މީހުން ހަމަވާ ނަމަ 2 ގެ
-
ނުވަ މީހުން ނޫނީ 10 މީހުން އުޅުނަސް ގޭބީސީގައި ތިން ކައިވެނި އޮތް ނަމަ 2 ގެ
-
ދުވާފަރަށް މީހުން ބަދަލުކުރީ 600 ގެ އަޅާފައި
-
ބާކީ 76ގެ ނިންމީ 2015ގައި
ކަނދޮޅުދު އާއި ދުވާފަރު ބިމުގެ ގޮތުން
-
ކަނދޮޅުދޫގެ ބޮޑުމިނަކީ 4.5 ހެކްޓަރު. ފަހުން ހިއްކީމާ ވެސް ހަމަވީ 8 ހެކްޓަރު
-
ދުވާފަރުގެ ބޮޑުމިނަކީ 46 ހެކްޓަރު
-
676 ގެ އަޅާފައި ވެސް ބޮޑު ހުސް ބިމެއް އެބަ އޮތް
-
ސަރުކާރުން މިހާރު ވަނީ 22 ހެކްޓަރުގެ ބިން ހިއްކާފައި
"އަޅުގަނޑު ދަންނަވާނީ މިހާރު ކަނދޮޅުދޫ މީހުން މި އުޅެނީ އިރާދަކުރެއްވިއްޔާ ކަނދޮޅުދޫގައި އުޅުނު ގޮތަށް ވުރެ މާ އުފަލުގައޭ. މާ ފަސޭހައިގައޭ،" މުހައްމަދު އަލިފުޅު ވިދާޅުވި އެވެ.
"ވަރަށް މަދު ބަޔަކު މި ރަށަށް ބަދަލުވާން ބޭނުންނުވެ ކަނދޮޅުދުއަށް ދާން ބޭނުންވީ. ބޭނުންވެގެން އަޅުގަނޑުމެން ކައިރިއަށް އައިސް އެ ވާހަކަ ދެއްކި. އެމީހުން ވެސް މިހާރު ހިތްހަމަޖެހިގެން ދުވާފަރުގައި އެބަ ދިރިއުޅޭ."
މިހާރު އޮތީ ދުވާފަރުން ބިން ނުލިބުމުގެ ޝަކުވާ
މިހާރު ދުވާފަރުގެ އާބާދީ އުޅެނީ 5،000 އަށް ވުރެ މަތީގަ އެވެ. ރަށް އާބާދުކުރި އިރު ތިބި ކުޑަކުދިން ބޮޑުވެ މިހާރު އަމިއްލަ ދިރިއުޅުމެއް ވެސް ފަށައިފި އެވެ. އެހެންކަމުން އިތުރު ގެދޮރަށް ވަނީ ބޭނުންވެފަ އެވެ. ގެ އަޅަން ބިން ހޯދުމަކީ އެތައް ޒުވާނެއްގެ އުއްމީދެވެ.
ހިތްހަމަޖެހިގެން ބޯހިޔާކޮށްލާނެ ގޮތެއް ނެތުމަކީ ބިން ބޮޑު ދުވާފަރުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ އެވެ.
ކުޑަ ގެއެއްގައި ވަރަށް ގިނަ ކުދިންތަކެއް ނިދާ ހަދާ އާއިލާތަކެއް ދިރިއުޅެމުން ދިޔައީ އޭރު. އެކަމަކު މި ޒަމާނުގައި އެހެންނެއް ނޫޅެވޭނެ. ބޮޑު ރަށަކަށް އަޅުގަނޑުމެން ލާފައި މިތިބީ. [އެކަމަކު] ގެދޮރުގެ ދަތިކަން ކަނދޮޅުދުއަށް ވުރެ އިތުރަށް ދަތި
މުހައްމަދު އަލިފުޅު ވިދާޅުވި ގޮތުގައި ކުދިން ގިނަ އެތައް އާއިލާއެއް އެއްގެ ނުވަތަ ދެ ގޭގައި އުޅުމަކީ އޮތް ނުތަނަވަސްކަމެކެވެ. ގެ އަޅާނެ ބިން ހޯދަން އެތައް ބަޔަކު އެދެ އެވެ.
"[ގޯތި ދޭން] މިހާރު 2020 ވަނަ އަހަރުން ފެށިގެން ބިން ހިއްކާފައި އޮންނަނީ. އަދިވެސް ބިންކޮޅެއް ދެވޭ ވަރެއް ނުވޭ. ރަށުތެރެއިން ވެސް ބިންކޮޅެއް ދެވޭ ވަރެއް ނުވޭ. އެއީ މިހާރު އޮތް ދައްޗެއް،" މުހައްމަދު އަލިފުޅު ވިދާޅުވި އެވެ.
މި ރަށުގެ ހައްވާ އިސްމާއިލް ބުނީ ދުވާފަރުގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އޭގެ އިތުރުން އަމިއްލަ މަސައްކަތްތައް ކުރާ މީހުންނަށް އެކަމަށް ބޭނުންވާ ބިން ވެސް ނުލިބުމަކީ މައްސަލައެއް ކަމަށް އޭނާ ދެކެ އެވެ.
ދުވާފަރަށް ބަދަލުވީ، ހައްވަ ބުނިގޮތުގައި، ގިނަ އުއްމީދުތަކަކާ އެކު އެވެ. ނަމަވެސް އެ އުއްމީދުތައް އަދިވެސް ހާސިލްނުވާ ކަމަށް އޭނާ ދެކެ އެވެ.
"އަޅުގަނޑުމެން އާ ރަށަކަށް ބަދަލުވީ އިރު ކުރި އިހުސާސްތަކާއި އުއްމީދުތަކުގެ ކުލަ އަދިވެސް ޖެހެމުން ނުދޭ. އެއީ ތަފާތު މަސައްކަތް ކުރާ، ތަފާތު މަސައްކަތްތެރިން ތިބި ރަށެއް ކަނދޮޅުދުއަކީ. އެ މަސައްކަތްތައް ކުރުމަށް މަގު ހުޅުވިގެން ނުދާތީ އަދިވެސް އަޅުގަނޑުމެން ދިރިއުޅުމަށް އެހާ ފަސޭހައެކޭ ދެންނެވޭކަށް ނެތް،" އޭނާ ބުންޏެެވެ.
"ކޮންމެ ގޮތެއް ވިޔަސް އެ އުއްމީދުތައް ކުލަ ޖެހިގެން ދިރިއުޅުމެއް އާރާސްތުކުރެވޭނީ."
ދުވާފަރަކީ ވެސް، ކަނދޮޅުދުއެކޭ އެއްގޮތަށް، މަސްވެރި ރަށެކެވެ. އެކަމަކު މަސް ކައްކައި، ހިއްކަން ބޭނުންކުރާނެ ހާއްސަ ބިމެއް ނެތެވެ.
"އެކަން ކުރަން ވަރަށް ދަތި. ވިހި އަހަރު ވީ އިރު ވެސް އަދިވެސް އެ މަގު ހުޅުވިފައެއް ނެތް. ދަނޑުވެރިކަން ކުރާ މީހުން ވެސް އެއްވެސް ކަހަލަ މަގެއް ނެތް އެކަން ކުރުމަކަށް. އެެއްވެސް ތަންކޮޅެއް ނެތް އެ މަސައްކަތް ކުރުމަށް،" ހައްވަ ބުންޏެވެ.
"އެއްވެސް ވެރިކަމެއްގައި، މި މަގުތަކާއި ދޮރުތައް ހުޅުވައިދިނުމަށް މަސައްކަތްކޮށްދޭނެ ފަރާތެއް ނެތް."
ސުނާމީއަށް 20 އަހަރު ފުރުނު އިރު އެ ބިރުވެރިކަމުން ސަލާމަތްވެ އާ ދިރިއުޅުމެއް މި ރަށުގައި ބިނާކުރީ، ހައްވަގެ އިތުރުން، އެހެން އެންމެން ވެސް ބޮޑެތި އުއްމީދުތަކެއް ކުރަމުންނެވެ. އޭރު ގެއެއްގައި އެތައް ބަޔަކު އެއްކޮށް ނިދައި، ދިރިއުޅުނު ނަމަވެސް މިހާރު އެއީ ދިރިއުޅުމެއް ނޫނެވެ. ބިން ބޮޑު ރަށަކަށް ބަދަލުވެ އެންމެން ވެސް ބޭނުންވާނީ ހަމަޖެހިލައިގެން އުޅާށެވެ.
"ކުޑަ ގެއެއްގައި ވަރަށް ގިނަ ކުދިންތަކެއް ނިދާ ހަދާ އާއިލާތަކެއް ދިރިއުޅެމުން ދިޔައީ އޭރު. އެކަމަކު މި ޒަމާނުގައި އެހެންނެއް ނޫޅެވޭނެ. ބޮޑު ރަށަކަށް އަޅުގަނޑުމެން ލާފައި މިތިބީ. [އެކަމަކު] ގެދޮރުގެ ދަތިކަން ކަނދޮޅުދުއަށް ވުރެ އިތުރަށް ދަތި،" ހައްވަ ބުންޏެވެ.
"ކަނދޮޅުދުއާ އަޅާބަލާއިރު ދުވާފަރުގައި ބިން އެބަ އޮތް. ގެދޮރު ދޭނެ ތަން ވެސް އެބަ އޮތް. ހުޅުވިފައި ވެސް އެބަ އޮތް. އެކަމަކު އެ ފަހިވެގެންނެއް ނުދޭ."
ރައްޔިތުންގެ ކަންބޮޑުވުންތައް ދުވާފަރު ކައުންސިލްގެ މެންބަރު މަރިޔަމް ޔަސްފާއަށް ވެސް ރަނގަޅަށް އެނގިވަޑައިގަނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށަށް ފުރަތަމަ ބަދަލުވި އިރު ގެ ދިނީ އޭރުގެ އާއިލާތަކަށް ބަލައިގެންނެވެ.
"ނަމަވެސް މިހާރު މިރަށަށް ބަދަލުވިތާ 15-16 އަހަރު ވީއިރު އެތައް އާއިލާތަކެއް އުފެދިފައި މިއޮތީ. އެއް ގޭ ތެރޭ އެބަ އުޅޭ 5-6 އާއިލާ،" ޔަސްފާ ވިދާޅުވި އެވެ.
ގެވަޅާއި ސިނާއީ މަސައްކަތްތަކަށް ބިން ދޫނުކުރެވި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭން ފާސްނުކުރެވިގެންނެވެ.
"އަޅުގަނޑު ގަބޫލުކުރަން ރަށުގެ ރައްޔިތުންނަށް ވިޔަފާރިކުރުމަށާއި އެހެން ސިނާއީ މަސައްކަތްތައް ކުރަން ނޫނީ ގެދޮރު ހޯދުމަށް ބިމުގެ ދަތިކަން ވަރަށް ބޮޑު. އެ އިހުސާސް ކުރެވޭ އަޅުގަނޑަށް ވެސް،" ޔަސްފާ ވިދާޅުވި އެވެ.
ކައުންސިލުން ބުނާ ގޮތުގައި ލޭންޑް ޔޫސް ޕްލޭނުގެ މަސައްކަތް މިހާރު އޮތީ ނިމިފަ އެވެ.
ބިން ހިއްކާފައި އޮތަސް އޭގެ 'ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ ކޮން އިރަކުކަން' ވިދާޅުވާން ޔަސްފާއަށް ވެސް އެނގިވަޑައެއްނުގަންނަވަ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ މާ ލަސްތަކެއް ނުވެ ރައްޔިތުންނަށް އެ ބިމުން ބޯހިޔާވަހިކަމެއް ލިބިގެން ދިޔުން،" އޭނާ ވިދާޅުވި އެވެ.
ލޭންޑް ޔޫސް ޕްލޭންގައި އޮތް ގޮތުން ދުވާފަރުގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދުން ވެސް 150 ވަރަކަށް ގޯތި ދޫކުރެވޭނެ އެވެ. އެކަމަކު ކައުންސިލުގެ ވިސްނުން ހުރީ ރޯހައުސް ނޫން ނަމަ ފްލެޓް އަޅާށެވެ. އެއީ ރަށްރަށުގައި ވެސް މިހާރު ބޯހިޔާވަހިކަން ދޭން އޮތް އެންމެ ރަނގަޅު ގޮތެވެ.
މިދިއަ 20 އަހަރު ދިވެހިންގެ ދިރިއުޅުމަށް ވެސް އިންގިލާބީ ބަދަލުތަކެއް އަތުވެއްޖެ އެވެ. ޒުވާނުން ބޭނުންވަނީ އަމިއްލަ ދިރިއުޅުމެއް، ތަނަވަސް ބޯހިޔާވަހިކަމެއްގައި ބިނާކުރާށެވެ. އެކަމަކު ސުނާމީގެ ހަނދާންތަކާ އެންމެ ބޮޑަށް ގުޅިފައި އޮތް މި ރަށުގައި އެ އުއްމީދުތަކަށް އަދި އޮތީ ހުރަސްއެޅިފަ އެވެ. ދުވާފަރަކީ ކަނދޮޅުދޫ ރައްޔިތުންނަށް ލިބުނު ނަސީބެއް ނަމަވެސް އެކަންކަން ފުރިހަމަވަންދެން ރައްޔިތުންގެ ޝަކުވާތައް ހުންނާނެ އެވެ.
ކޮމެންޓް (9)
ހިސްޓޯރިއަން
ހިސްޓޯ
މިރާއްޖެމީހެއް
ބުރޯ
ހިސްޓޯރިއަން
ދިވެއްސެއް
އަހަރެން
ދިވެއްސެއް
ފުޅިމަދު