ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާ ޓެކްސްތަކާ އެކު ރާއްޖެ މާ އަގުބޮޑުވެ ޓޫރިޒަމް ކަންބޮޑުވުމެއްގައި
މިދިޔަ ހަފްތާ ބޭރުގެ ބައެއް ނޫސްތަކުގެ ސުރުހީތަކުން ރާއްޖެ ޖާގަ ހޯދީ ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުވެ ރާއްޖެ އަގުބޮޑުވާން އުޅޭ ވާހަކައިންނެވެ. ރާއްޖެ އައުމަށް ބޮޑު ހަރަދެއް ކުރަންޖެހޭ އިރު، ބޮޑުވާ ޓެކްސްތަކާ އެކީ ރާއްޖެއަށް އައުމަށްފަހު އެނބުރި ދާން އަދި މާ ބޮޑު ހޭދައެއް ކުރަންޖެހެނީ އެވެ.
"ރާއްޖެއަށް ދާން އަގުބޮޑު. ގޮސް އެނބުރި އަންނަން މިހާރު އަދި މާ އަގުބޮޑު،" ސީއެންއެން ޓްރެވަލްގެ ސުރުހީގައި ލިޔުނެވެ.
"ރާއްޖެއަށް ދަތުރުކުރަން ރާވަނީތަ؟ ގޮސް އެނބުރި އަންނަން ބޮޑެތި ފީތަކެއް ދައްކަން ޖެހޭނެ،" ނިއުސް 18ގެ ރިޕޯޓުގައިވެ އެވެ.
ބޮޑުވަނީ ކޮން ޓެކްސްތަކެއް؟
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމެންޓު ފީ ބޮޑުކުރަން ގާނޫނަށް ގެނައި އިސްލާހު، ރައީސް ވަނީ މިދިޔަ މަހު ތަސްދީގުކުރައްވާފަ އެވެ. އެ އިސްލާހާ އެކު މިއަދުން ފެށިގެން:
-
އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނަގާނެ
-
ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެ
-
ފަސްޓް ކްލާހުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު ނަގާނެ
-
ޕްރައިވެޓް ޖެޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން 480 ޑޮލަރު ނަގާނެ
އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އަދި ޑިޕާޗާ ޓެކްސްއަށް ގެނައި އިސްލާހުގެ ދަށުން އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކުހަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ދިވެހިންގެ އަތުން ނަގަނީ ޑިޕާޗާ ޓެކުހުގެ ގޮތުގައި އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ވެސް 12 ޑޮލަރެވެ.
'ފަތުރުވެރިކަން މިހާރު މިދަނީ ވަރަށް ގޯސް މިސްރާބަކުން'
ބޭރު ނޫސްތަކުގައި ޖެހި ހަބަރުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ރާއްޖެއަށް ގިނަ އެއާލައިންތަކެއް ގެންނަ، އިނަ މޯލްޑިވްސް އަދި އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މި ދާ މިސްރާބުގައި ވަރަށް ބޮޑެތި ގޯސްތަކެއް އެބަހުރި ކަމަށް. ވަކި މީހެއް ނުވަތަ އެންޓިޓީއެއް ކުށްވެރިކުރަނީއެއް ނޫން. އެކަމަކު މިހާރު މި ގެންނަ ބަދަލުތަކާއި ނިންމާ ނިންމުންތަކުގެ ސަބަބުން ދިގު މުއްދަތަށް އަސަރުކޮށްފާނެ ކަމާ މެދު ކަންބޮޑުވަނީ،" އެ ހަބަރުތަކުގެ ސްކްރީންޝޮޓުތަކާ އެކު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަކީ އަބަދުވެސް ދިވެހި އިގްތިސާދު މައިބަދައިގެ ގޮތުގައި އޮތް ސިނާއަތެވެ. އެހެންކަމުން ފަތުރުވެރިކަމާ ގުޅޭ ކަންކަން ނިންމަން ވާނީ ހަމަހަމަ އަދި ކުރިމަގަށް ވެސް ވިސްނައިގެންނެވެ.
އެހެން ނަމަވެސް މިފަހުން ބައެއް ސިޔާސަތުތަކަށް ގެނައި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ފައިދާހުރި ވިސްނުމެއްގައި ގެނައި ބަދަލުތަކެއް ކަމާ މެދު ފިރާގު ވަނީ ސުވާލު އުފައްދަވާފަ އެވެ.
ފިރާގުގެ ލަފަޔަކީ، މިކަންކަން އަލުން މުރާޖައާކޮށް ކަމާ ގުޅުންހުރި އަދި ބަދަލުތަކުގެ އަސަރު ފޯރާ ފަރާތްތަކުން ދެކޭ ގޮތް ބެލުމެވެ. އެއީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ހިފެހެއްޓުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމައެކަނި އަދަދުތަކެއްގެ ވާހަކައެއް ނޫން، މިއީ ރާއްޖެއަކީ ތަފާތު ތަނަކަށް ވާ ކޮލެޓީތައް ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ވެސް ދެމެހެއްޓުން،" ފިރާގު ވިދާޅުވި އެވެ.
'މިހާރު ވެސް އަސަރު އެބަ ފެނޭ'
މިއަދުން ފެށިގެން ބޮޑުކުރި ޓެކްސްތައް އަމާޒުކޮށްފައިވަނީ ސީދާ ރާއްޖޭގެ މައި ދޮރޯއްޓަށެވެ. އެއީ އަގުހެޔޮ ރިސޯޓެއް ނުވަތަ ގެސްޓުހައުސްއަކަށް ވިޔަސް، ލިވަބޯޑަކަށް ވިޔަސް ނުވަތަ 4-5 ތަރިން ފެށިގެން ލަގްޒަރީ ފެންވަރުގެ ރިސޯޓަކަށް އަންނަ ފަތުރުވެރިޔަކަށް ވިޔަސް އެ ޓެކްސް ދައްކަން ޖެހޭނެ އެވެ.
މީގެ ނަތީޖާއަކީ ބުކިންތައް މަޑުޖެހުމެވެ. ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިން ވެސް ދެ ވަނަ ވިސްނުމަކަށް ގޮސް، އޮޕަރޭޓަރުން ވެސް ފިކުރުކުރަން ފެށުމެވެ. ރާއްޖެ ދަތުރުކުރާ ބޯޓުތަކުގައި ހުސް ގޮނޑިތައް އިތުރުވުމެވެ.
"ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ. މިހާރު ވެސް ބުކިންތައް އެބަ މަޑުޖެހޭ،" ރިސޯޓުތަކެއް ހިންގާ ކުންފުންޏެއްގެ އިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
"އަނެއްކޮޅުން [ސީދާ މި ބަދަލުތަކަށް އަމާޒުކޮށް] ވާދަވެރި އެހެން މަންޒިލްތަކުން ވަރަށް ގަދައަށް މާކެޓިން ޖައްސާ އެބަ. ރާއްޖޭޭގެ ބަދަލުގައި އެ ތަންތަނަށް ފަތުރުވެރިން ރީޑައިރެކްޓު ކުރަން. މިސާލަކަށް ޒަންޒިބާރު، މޮރިޝަސް، ތައިލެންޑު ފަދަ ގައުމުތަކުގެ ރިސޯޓުތައް. އާ ބަދަލުތަކާ އެކު އިމީޑިއެޓް އިމްޕެކްޓެއް އަންނާނެ... ވަރަށް ބޮޑު ޝޮކަކަށް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މަގުބޫލު މަންޒިލްތަކަށް ބަލާއިރު ރާއްޖެއަކީ ކުރު ދަތުރެއް ވިޔަސް، ދިގު ދަތުރެއް ވިޔަސް ޓިކެޓު ހަރަދު އެންމެ އަގުބޮޑު އެއް މަންޒިލެވެ. އަލަށް މި ނަގާ ޓެކްސްތަކާ އެކު ފަތުރުވެރިންގެ ޖީބަށް އިތުރު ބުރައަކަށް ވާއިރު، މާ އަގުހެޔޮ ވަރަށް ރާއްޖެއާ ވަރަށް އެއްގޮތް މަންޒިލްތައް ވެސް އެބަހުއްޓެވެ.
"ފަތުރުވެރިން އެބަ ސުވާލު ކުރޭ، ޓެކްސްތައް ބޮޑުކުރާއިރު، އެއާޕޯޓުން އެ ކުރިއެރުން ނުފެންނަނީ ކީއްވެކަމާ މެދު ވެސް. އެ ބަދަލެއް ނުފެނޭ." އޭނާ ވިދާޅުވި އެވެ.
'ބޮލުގެ ރިހުން ބޮޑު ދުވަސްވަރެއްގައި އިތުރު ބޮލުގެ ރިހުމެއް'
އޭނާ ވިދާޅުވި ގޮތުގައި 80ގެ އަހަރުތަކުން ފެށިގެން 2000ގެ މެދެއްހާ ހިސާބަށް ރާއްޖެއަށް އެޑްވާންޓޭޖެއް އޮތެވެ. އޭރު ފަތުރުވެރިން ގޮވައިގެން ބައިވަރު ޗާޓަރު ފްލައިޓުތަކެއް އެޅި އެވެ. ނަމަވެސް އެމިރޭޓްސް އާއި ގަތަރު ފަދަ ބޮޑެތި އެއާލައިންތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމާއި ޔޫރަޕުން ޝެޑިއުލް ދަތުރުތައް އިތުރުކުރުމާ އެކީ ޗާޓަރު ދަތުރުތައް ވަރަށް ބޮޑަށް މަދުވީ އެވެ.
"މިހާރު މިއީ ދުނިޔޭގެ ކޮންމެ 'ކޯނާ'އަކަށް ވެސް ފަސޭހައިން ދެވޭ ޒަމާނެއް. މިސާލަކަށް އެމިރެޓްސް ނުވަތަ ގަތަރުގެ ފްލައިޓެއް ނަގައިގެން ހަމަ ކޮންމެ ތަނަކަށް ވެސް ދާންވީ. މިހެން އޮއްވާ [ގަވާއިދުތައް ހަރުކަށި ކޮށްގެން] ރާއްޖޭގެ ގޭޓްވޭ ބަންދު މި ވަނީ،" އޭނާ ވިދާޅުވި އެވެ.
މިފަހުން ވޭޕް ބޭނުންކުރުން މަނާކޮށް، ސިނގިރޭޓު އެތެރެކުރުމުގެ ގަވާއިދުތައް ހަރުކަށި ކުރުމުގެ ނޭދެވޭ އަސަރު ވެސް އޭނާ ވިދާޅުވި ގޮތުގައި ބުކިންތަކުން އަންނަނީ ފެންނަމުންނެވެ. އަނެއްކޮޅުން ފޮރެކްސް ގާނޫނާ ހުރެ ވެސް އޭނާ ވިދާޅުވީ މުޅި އިންޑަސްޓްރީ ކަހަލަ ގޮތަކަށް އޮތީ 'ސްޓްރެސް' ވެފައި ކަމަށެވެ.
"ދުނިޔޭގެ އިކޮނޮމީ ވެސް ހަމަޔަކަށް ނޭޅެނީސް އެއްފަހަރާ މިކަހަލަ ގަވާއިދުތަކެއް މި އަންނަނީ. ފަތުރުވެރިން ވެސް [އެ މީހުންގެ ގައުމުތަކުގައި] ދިރިއުޅުމުގެ ހަރަދު ބޮޑުވެ، ކަންކަން ދިމާވެގެން އުޅޭއިރު ރާއްޖެއަށް [އަންނަން ބޭނުންވިޔަސް] އިތުރު ބުރައަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.
"ދެން ވާ ގޮތެއް ބަލަން ތިބެން ޖެހޭނީ. މުޅި ސިނާއަތަށް ވެސް ވަރަށް ސްޓްރެސްފުލް ޓައިމް އެއް މިއީ."
އަދި ނުނިމޭ؛ އިތުރު ޓެކްސްތައް އަދި އޮތީ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި އިތުރު ޓެކްސްތަކެއް ކުރިއަށް އޮތް މަސްތަކުގައި ބޮޑުވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ގްރީން ޓެކްސް ބޮޑުކުރުން - ޖެނުއަރީއިން ފެށިގެން:
-
ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުވާނެ
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުވާނެ
ޓީޖީއެސްޓީ ބޮޑުކުރުން - ޖުލައިއިން ފެށިގެން:
-
އިސްލާހުތަކާ އެކު ޓޫރިޒަމުގެ ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ %16 އިން %17 އަށް ބޮޑުވާނެ
ޓޫރިޒަމްގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް %1 ބޮޑުކުރުމުގެ އިތުރުން ގްރީން ޓެކްސް އާއި ރާއްޖޭގެ އެއާޕޯޓުން ފުރާ ބޭރު މީހުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
އެހެން ނަމަވެސް ފަތުރުވެރިކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ހަމައެކަނި އަދަދުތަކެއްގެ ވާހަކަ ދައްކައިގެން ފަރުޖެއްސޭ ވަރުގެ ވާހަކައެއް ނޫނެވެ. އަގުބޮޑުވެގެން ގޮސް ފަތުރުވެރިން އައުން މަދުވުމުން ހަމަ ގައިމު ވެސް އާމްދަނީ އިތުރެއް ނުވާނެ އެވެ.
ކޮމެންޓް (1)
ހަސަދަވެރިން