ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ ހަދީޖާ ހަނުމް އަބްދުލް އަޒީޒް)
އަދީބުގެ އަމިއްލަ ޕްރޮމޯޝަންއާ ގުޅިގެން ޔާމީންގެ މަލާމާތެއް، މިސާލު އެނބޫދޫފަޅުން
ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ތަފްސީލު ދެއްވަން އުޅުއްވީ ރާއްޖޭގެ ފަޅުތަކުން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ހޯއްދަވައިދެއްވި ވާހަކައިންނެވެ.
އޭނާ މިސާލަކަށް ނެންގެވީ މާލެއާ ޖެހިގެން އޮތް އެނބޫދޫފަޅެވެ. އެ ފަޅު ތައިލެންޑްގެ ކުންފުންޏަކަށް ދިނުމުން ދައުލަތަށް '50 މިލިއަން ޑޮލަރު' (771 މިލިއަން ރުފިޔާ) ލިބުނު ކަން ފާހަގަކުރެއްވުމާ އެކު އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ޔާމީން ބޭނުންފުޅުވި އެވެ.
ޕީއެންއެފްގެ ހަރުގެ ޖަލްސާ ކުރިއަށް ދަނީ ކޮންމެވެސް މައުލޫއަކަށް ޕްރެޒެންޓޭޝަނެއް ދިނުމުގެ ތެރެއިން އެހެން ބައިވެރިން ސުވާލުކޮށް، ވާހަކަ ދައްކާ ގޮތަކަށެވެ. އެކަމަކު ސުވާލެއް ކުރެއްވުމުގެ ނަމުގައި މައިކް އަތުލައްވާ ގޮތަށް މުޅި ޖަލްސާގެ ގިނަ ވަގުތު ބޭނުންކުރައްވަނީ ޔާމީން އެވެ.
މިފަހަރު މަލީހުގެ ވާހަކަތަކަށް 'ފުޓްނޯޓެއް' އިތުރުކޮށްލެއްވުމުގެ ގޮތުން ޔާމީން ވާހަކަފުޅު ފެއްޓެވީ އެނބޫދޫފަޅާ ބެހޭ ގޮތުންނެވެ. އެކަމަކު އޭގެ ތެރޭގައި މައިގަނޑު އަމާޒުފަތްގަނޑަކީ މިހާރު މިނިވަންވެފައި ހުންނެވި ކުރީގެ ނައިބު ރައީސް/ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ޔާމީން ވިދާޅުވީ އެނބޫދޫފަޅުގައި ހައެއްކަ ރިސޯޓް ހަދަން ހަމަޖައްސާ، އޭރުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރި ކަމަށެވެ. އަދީބަކީ އެ ކައުންސިލްގެ އިސް ބޭފުޅެކެވެ.
ޔާމީން އަވަހާރަކޮށްލަން 'ފިނިފެންމާ' ލޯންޗުކޮޅު ގޮއްވާލިކަމުގެ ތުހުމަތުގައި އޮކްޓޯބަރު 2015ގައި އަދީބު ހައްޔަރުކުރުމާ އެކު އެމްއެމްޕީއާރުސީގެ ހިޔާނާތް ވެސް ތިލަވި އެވެ. އޭރު ރިސޯޓް ހަދަން ފަޅުތަކާއި ރަށްތައް ދޫކުރަނީ އެމްއެމްޕީއާރުސީންނެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެނބޫދޫފަޅު ތައިލެންޑްގެ ކުންފުންޏަކަށް އަދީބު ދެއްވާފައި އޮތީ އެންމެ 'ތިން ހަތަރު މިލިއަން ޑޮލަރަށެ'ވެ.
"އަދީބު އޭރު ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކަމުން ގޮސް އަޅުގަނޑަށް ހީވަނީ ތިން ހަަތަރު މިިލިއަން ޑޮލަރަށް ވިއްކާލާފައި އޮތް ތަނެކޭ [އެނބޫދޫފަޅަކީ]. ތައިލެންޑް ކުންފުންޏަކަށް ވިއްކާލާފައި އޮތީ،" ޔާމީން ވިދާޅުވި އެވެ.
"އެމީހުން އައި އެ ސިޓީ ހިފައިގެން އަޅުގަނޑު ކައިރިއަށް."
ނަމަވެސް ތައިލެންޑްގެ ސިންހަ އެސްޓޭޓުން ފަހުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ދެއްކިކަމަށް، އެ ފަޅުގައި ކްރޮސްރޯޑްސްގެ ނަމުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް ހިންގި ސިންހަ އެސްޓޭޓްގެ ވެރިން ވިދާޅުވި އެވެ.
ދައުލަތަށް އެ ބޮޑު އަގު ލިބުނީ، ޔާމީންގެ ވާހަކަފުޅުތަކުން އެނގޭ ގޮތުގައި، އަދީބު ހައްޔަރުކުރި ފަހުންނެވެ.
ޔާމީންގެ ވެރިކަމުގައި އެނބޫދޫފަޅުގެ އަގާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ސުވާލު އުފެއްދި އެވެ. އެ ބޮޑު ފަޅު 50 އަހަރަށް ދިނީ 'ނުއަގުގައި' ކަމަށް ވެސް އިދިކޮޅު މީހުން ވާހަކަ ފެތުރި އެވެ. އެމަނިކުފާނު އެކަނި ބައިވެރިވެވަޑައިގެންނެވި 2018ގެ ރިޔާސީ އިންތިހާބުގެ 'ބަހުސް'ގައި ސަރުކާރުގެ ނިންމުން ދިފާއުކުރީ، ރޭގެ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާ ދާދި އެއްގޮތަކަށެވެ.
އޭރު ޔާމީން ވިދާޅުވީ ކެބިނެޓުން ފާސްކޮށްގެން އެ މަޝްރޫއު ހުއްޓުވާލި ކަމަށެވެ. ދެން ތައިލެންޑް ކުންފުނީގެ ވަކީލުން ރާއްޖެ އައިސް އެމަނިކުފާނާ ބައްދަލުކުރި އެވެ.
"އައިސްފައި ސިޓީ ދެއްކި. އަޅުގަނޑު ބުނިން މި ރައީސް ކައިރިއަކު ތި އަދަދަކަށް ތި ތަނެއް ނުދާނެއޭ. ކިހާވަރަކަށްތޯ ދާނީ އެހީމާ އަޅުގަނޑު ބުނިން، އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ ސަރުކާރުގައި އެންމެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އެނބޫދޫފިނޮޅު ފަޅުގައި އަޅުގަނޑު ހިޔާރުކޮށްފައި އޮތީ 10 ރިސޯޓު ހިއްކައިގެން 10 ރިސޯޓު ވިއްކަން. ރިސޯޓަކަށް އެކުއިޒިޝަން ކޮސްޓަކަށް ހަތަރު މިލިއަން ޑޮލަރު ލިބުނަސް އެންމެ އާދައިގެ ވަރަކީ 40 މިލިއަން ޑޮލަރޭ،" ޕީއެސްއެމްގައި އޮތް ބަހުސްގައި ޔާމީން ވިދާޅުވި އެވެ.
އެގޮތަށް އެއްބަސްނުވެ ވަކީލުން ފުރައިގެން ދިޔައީ އެވެ. ނަމަވެސް ވީއައިއޭއާ ކައިރީގައި އޮތް އެ ބޮޑު ފަޅު ދޫކޮށްލުމަކީ ވެސް ސިންހަ އެސްޓޭޓްއަށް އުނދަގޫ ކަމެކެވެ. އެހެންވެ ތިން ހަފުތާ ފަހުން އެ މީހުން އެނބުރި އައިސް ފައިސާ ދެއްކި އެވެ.
"އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި ހިފެހެއްޓީ. ތިން ހަފުތާ ފަހުން އެނބުރި އައިސްފައި ސަރުކާރަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 30 މިލިއަން ޑޮލަރު ދައްކާފައި، ސީއެސްއާރުގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކާފައި، ތިން މިލިއަން ޑޮލަރަށް ވިއްކާފައި އޮތް ފަޅުން 40 މިލިއަން ޑޮލަރު ސަރުކާރުގެ ހަޒާނާއަށް އަޅުގަނޑު ވެއްދިން،" އޭރު ޔާމީން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އަލުން އެވާހަކަ އައިއިރު އަދީބު މިހާރު އުޅުއްވާ ގޮތާ މެދު ވެސް ޔާމީންގެ އޮތީ މަލާމާތެވެ. މެދުއިރުމަތީގެ ނޫހެއްގައި އަދީބުގެ މޮޅު ވާހަކަ މި ފަހުން ޝާއިއުކުރި އެވެ. ޔާމީން ވިދާޅުވީ އެއީ ފައިސާ ދީގެން ކުރާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގައި މިހާރު ފެންނަ ބޮޑު ބަދަލުގެ 'އާކިޓެކްޓަކީ' އަދީބު ކަމަށް ދޭހަވާ ގޮތަށް ވެސް އޭނާ ވާހަކަ ދައްކަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަމަށް ޔާމީން ރައްދު ދެއްވަމުން މަލާމާތެއްގެ ގޮތަށް ވިދާޅުވީ އިތުރަށް އެތަންތަން ތަރައްގީކުރަން 'އަބޫދާބީ އާއި ދުބާއީން ވެސް ކޮންސަލްޓެންޓަކަށް އަދީބު މިހާރު ނަގާފައިވާ' ކަމަށެވެ.
ޓޫރިޒަމުން މިހާރު ފެންނަ "ހުރިހާ ތަރައްގީއެއްގެ އާކިޓެކްޓަކީ ނޫނީ މި ހުރިހާ ކަމެއް މިދަނީ އަދީބުގެ މޮޑެލްއަށް ކަމަށް އަދީބު ވިދާޅުވާ އިރު މިކަން ރައްޔިތުންނަށް އެނގެންވާނެ ދެއްތޯ،" އެނބޫދޫފަޅާ ބެހޭ ގޮތުން ދެއްކެވި ވާހަކާގައި ޔާމީން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދިގު މުއްދަތަކަށް ޖަލަށް ލާފައި ހުންނަވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފުދެއްވުމުން އަދީބު މިހާރު ދިރިއުޅުއްވަނީ ދުބާއީގައި ކަމަށްވެ އެވެ.
ކްރޮސްރޯޑްސްއަކީ ރާއްޖޭގައި މިހާތަނަށް ތަރައްގީކުރި އިންޓަގްރޭޓެޑް ފުރަތަމަ ޓޫރިޒަމް މަންޒިލެވެ. އެތަނުގައި މިހާރު ވެސް ވަނީ ތިން ރިސޯޓެއް ހުޅުވައިފަ އެވެ. އޭގެ އިތުރުން ދަތުރު ގޮސް އުޅެވޭނެ އެހެން އިންތިޒާމް ވެސް ހުރެ އެވެ. ކޮންމެ މީހަކަށް ވެސް ރަށަށް އަރައި ކައިބޮއި ހެދޭނެ ގޮތަށް ރެސްޓޯރެންޓްތައް ވެސް ހިންގަ އެވެ.
ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން އެމެރިކާ ޑޮލަރު (4.8 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް، މަޝްރޫއުގެ ބިންގާ އެޅިއިރު 2017ގައި، ސިންގް އެސްޓޭޓުން ބުންޏެވެ.
ކޮމެންޓް (3)
ސިކުނޑި
އަނގަ
މަބުނި