ރާއްޖޭގެ ރަށަކަށް ޑރ. މުހައްމަދު ޒާހިރު ހުސެއިން ކުރެއްވި ދަތުރުފުޅެއްގައި: މުޅި ރާއްޖެއަށް ތައުލީމު ފަތުރާލުމުގެ މަސައްކަތުގެ އެންމެ އިސް ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ ޒާހިރު
ޑރ. ޒާހިރުގެ ތައުލީމީ ހިދުމަތުގެ ވާހަކަ އެހާމެ ދިގުވެފައި ސާފު
މުހިންމު ނުކުތާތައް
އެޑިޔުކޭޝަން މިނިސްޓަރަކަށް ހަމަޖެއްސުމުގެ ކުރިން ވެސް ޒާހިރު ވަނީ ތައުލީމީ ތަރައްގީގެ އަމަލީ މަސައްކަތަށް ވަންނަވާފައި
ރަށްރަށުގައި އަޅަން ފެށި ކޮމިޔުނިޓީ ސްކޫލްތަަކަކީ ތައުލީމުގެ ތަރައްގީއަށް 1970ގެ އަހަރުތަކުގައި ފެށި އެންމެ މުހިންމު މަޝްރޫއު
ޒާހިރަކީ ފުރަތަމަ ޓީޗަރެއް. ކިޔަވައިދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ހާއްސަ ލޯތްބެއް
އެއް ރަށަކަށް ވަޑައިގެން ސްކޫލް އަޅަން ބިން ނަގަން އުޅުއްވުމުން ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުންޏެވެ:
"އަހަރެމެންގެ ދަރިން ފޮނުވާނީ ވެއްޔަން ނޫނީ މަހަށް."
އަނެއް ބައި ރަށްރަށުގެ ރައްޔިތުން ފާޑުކިޔަން ފެށީ ސްކޫލަށް ހާއްސަކުރަމުން އައި ބިންތައް ބޮޑުކަމުން އެކަމާ އެވެ.
އޭރަށް ބަލާއިރު ޒަމާނީ ސްކޫލްތައް ހުޅުވުމުން އެތަންތަނަށް ދަރިން ނުފޮނުވައި އެދުރުގެތަކަށް ދިއުމުން ފުދޭނެ ކަމަށް ގަބޫލުކުރި ރައްޔިތުން ވެސް ބައެއް ރަށްރަށުގައި އުޅުނެވެ.
ތަފާތު މި ހުރިހާ ހިޔާލުތަކާއި ހިތްހަމަނުޖެހުންތަކުގެ ތެރޭގައި ގުޑުމެއް ނައިސް ހުންނެވި އެއް ބޭފުޅަކީ ޑރ. މުހައްމަދު ޒާހިރު ހުސެއިންނެވެ. އެމަނިކުފާނަށް ފެނިވަޑައިގަތީ ސަރުކާރުން ރާއްޖޭގައި ފަށަން އުޅޭ ތައުލީމީ އާ ދަތުރުގައި ކުރިމަގުގެ ޖީލުގެ ބައިވެރިވުން ބޮޑުވާނެ މަންޒަރެވެ. ޕްރައިމަރީ ތައުލީމާއި ސެކަންޑަރީ ތައުލީމަށް ވެސް ދިވެހިންގެ ހިތް އެނބުރި، ދިވެހިރާއްޖެއިން ނޭނގުމުގެ އަނދިރިިކަން ފިލާނެކަމެވެ.
ރާއްޖޭގެ ތައުލީމަށް ހިދުމަތްކުރެއްވުމުގެ އެންމެ މަތީ ޝަރަފު، ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅުން ރޭ ހޯއްދެވި ޒާހިރުގެ ގައުމީ ހިދުމަތުގެ ބޮޑު ބައެއް ހޭދަކުރެއްވީ މުޅި ރާއްޖެއަށް ތައުލީމު ފަތުރައިލުމުގެ އެ ބުރަ މަސައްކަތުގަ އެވެ. އެމަނިކުފާނުގެ އެ ދަތުރުގެ ހުރިހާ ތަޖުރިބާއެއްގެ ސަފުހާތައް މިކަހަލަ ރިޕޯޓެއްގައި ލިޔެވޭ ވަރަށް ވުރެ މާ ގިނަ އެވެ. އެހެންކަމުން މިއީ ވަރަށް ކުރު ހުލާސާއެކެވެ.
އަޒުހަރަށް ފަހު ފުރަތަމަ ހިދުމަތް ވެސް ތައުލީމަށް
ފުވައްމުލަކަށް އުފަން ޒާހިރަކީ އުމުރުފުޅުން 16 އަހަރުގައި މިސްރުގެ އަޒުހަރު ޔުނިވަސިޓީއަށް ސަރުކާރުން ފޮނުވި ކުދިންގެ ތެރެއިން އެކެކެވެ. ނިސްބަތްވެވަޑައިގަތީ ތައުލީމަށް ފަހު އެންމެ މަތީ މަގާމުތަކުގައި ދިގު މުއްދަތަކަށް މި ގައުމަށް ހިދުމަތްކުރެއްވި ބޭފުޅުންގެ ގްރޫޕަކަށެވެ. އޭގެ ތެރޭގައި 30 އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމް އާއި ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ ޒިންމާ އެންމެ ދިގު މުއްދަތެއްގައި ނެންގެވި އަލްމަރުހޫމް ފަތުހުﷲ ޖަމީލްގެ އިތުރުން އުއްތަމަފަނޑިޔާރުކަން ކުރެއްވި އަލްމަރުހޫމް މޫސާ ފަތުހީ ހިމެނެ އެވެ.
މިއީ އެކުގައި ކިޔަވާވިދާޅުވި އެންމެ ގާތް އެކުވެރިންނެވެ.
ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހު ދައުރުގެ ތެރޭގައި އދ.ގެ އެކި ޖަމާއަތްތަކުގެ އެހީ ލިބިގެން ރާއްޖޭގައި ކޮމިޔުނިޓީ ސްކޫލް އެޅުމުގެ މަޝްރޫއު 1976ގައި ފެށި އެވެ. އެ މަޝްރޫއުގައި ސްކޫލްތައް އެޅުމުގެ އިތުރުން ހެޑްމާސްޓަރުންނާއި ޓީޗަރުން ތަމްރީންކުރުމާއި ރާއްޖެއަށް ފެތޭ ގޮތަށް މުގައްރަރު އެކުލަވާލައި އެކަމަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހެދުން ވެސް ހިމެނެ އެވެ. އެޑިޔުކޭޝަނަލް ޕްެރޮޖެކްޓް އޮފީސްގެ ނަމުގައި އާ އޮފީހެއް 6 އޮކްޓޯބަރު 1976ގައި އުފެއްދީ އެ މަޝްރޫއު ކުރިއަށް ގެންދާށެވެ.
އޭރު ޒާހިރު ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރިގެ ވަކީލުގެ މަގާމުގަ އެވެ. އެކަމަކު މިއީ މިސްރުން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން އަދާކުރެއްވި ފުރަތަމަ މަގާމެއް ނޫނެވެ. އެމަނިކުފާނު ސަރުކާރުގެ ހިދުމަތް ފެއްޓެވީ 26 ނޮވެމްބަރު 1970ގައި އަމީނިއްޔާ ސްކޫލްގެ އިސްލާމް ޓީޗަރެއްގެ ވަޒީފާއިންނެވެ. އެޑިޔުކޭޝަން މިނިސްޓްރީއަށް ބަދަލުކުރީ ދޮޅު އަހަރެއްހާ ދުވަހު އެ ސްކޫލްގައި އުޅުއްވި ފަހުންނެވެ.
އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ އިސް ޒިންމާތައް ޒާހިރުއާ ހަވާލުކުރީ އެޑިޔުކޭޝަން މިނިސްޓްރީގެ ނަައިބުގެ މަގާމަށް ޕްރޮމޯޓްކޮށްފަ އެވެ. އެއީ އޭރު މުޅި ރާއްޖޭގައި އޮތް މަކުތަބާއި 'އެދުރުގެތަކު'ގެ ވަރަށް އަސާސީ ތައުލީމުގެ ތެރެއިން ދިވެހި ކުދިން ނެރެ، ޒަމާނީ ތައުލީމަށް ވެއްދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތާ ޒާހިރު ގުޅިވަޑައިގަތުމެވެ.
އެއީ ދަތުރުފަތުރުގެ އިންގިލާބީ ބަދަލުތައް ރާއްޖޭގެ ކުރިއެރުމުގެ ތެރެއިން އުފަންވުމުގެ ވެސް ކުރި އެވެ. އެހެންކަމުން ރަށްރަށަށް ފުރަތަމަ ދަތުރުކުރެއްވީ ރިޔަލު ދޯނިފަހަރުގަ އެވެ. ޒާހިރުގެ އަރިހުގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ބައެއް ދަތުރުތަކަށް 'ދެ ހަފުތާ ތިން ހަފުތާ' ވެސް ހޭދަވެ އެވެ. މޫސުމް ގޯސްވެއްޖެ ނަމަ އެ ރަށެއްގައި ތާށިވީ އެވެ.
ސަރުކާރުން ހަވާލުކުރާ މަސްއޫލިއްޔަތެއް އަމާނާތްތެރިކަމާ އެކު އުފުއްލެއްވުމަކީ އޭރުގެ ހިދުމަތްތެރިންގެ މުހިންމު ސިފައެކެވެ. އެކަމަކު ޒާހިރުގެ މަސައްކަތް ބަރޯސާކުރެއްވީ މަސްއޫލިއްޔަތެއް ހަމައެކަނި އުފުއްލެވުމުގެ މަގުސަދުގެ މައްޗަކަށް ނޫނެވެ. ރައްޔިތުންނަށް ޒަމާނީ ތައުލީމު ފޯރުކޮށްދެއްވަން އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި ލޯތްބަކީ، އެހާ ބުރަ ޒިންމާއެއްގައި ދިގު މުއްދަތެއް ހޭދަކުރެއްވުމުގެ މައިގަނޑު އެއް ސަބަބެވެ.
ފޫހިކަމެއް، ވަރުބަލިވުމެއް ނެތް
ކޮމިޔުނިޓީ ސްކޫލް އެޅުމުގެ މަޝްރޫއުއަކީ ޒަމާނީ ތައުލީމުގެ ފެށުމެވެ. ބޭރުގެ އެހީގައި ތަކެތި ދިނުމުން ރަށްރަށުގެ ރައްޔިތުން މަސައްކަތްކޮށް ސްކޫލްތައް އަޅަމުން ދިޔަ އެވެ. މާ ގިނަ ދުވަހެއް ނުވެ 1978ގައި ރާއްޖޭގެ ވެރިކަމަށް މައުމޫން ވަޑައިގަތުމާ އެކު އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމު ޒާހިރަށް ދެއްވި އެވެ. އެއީ ރާއްޖޭގެ ތައުލީމީ ދާއިރާގައި އެމަނިކުފާނުގެ ޒިންމާ ކުރިއަށް ވުރެ ވެސް ބޮޑުވި ކުރިއެރުމެކެވެ.
އޭރުގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޒާހިރަކީ ހަމައެކަނި ސްކޫލްތައް އެޅުމުގެ މަސައްކަތް ގާތުން ބެއްލެވި ބޭފުޅެއް ނޫނެވެ. އެކި ރަށްރަށަށް ވަޑައިގެން ސްކޫލްތައް ހިންގާ ގޮތް ވެސް ކައިރިން ބައްލަވަމުން، މުވައްޒަފުން ޒިންމާކުރުވަމުން ވެސް ގެންދެވި އެވެ.
"މީހުންނާ ހަވާލުކުރާ ކަމެއް އެމީހުން ރަނގަޅަށް ކުރޭތޯ ގާތުން ބެއްލެވުމަކީ ޒާހިރުގެ އާދަ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ޒާހިރުގެ ބެއްލެވުމުގެ ދަށުން ތައުލީމަށް އައި ބައެއް ބަދަލުތައް
-
ކޮމިޔުނިޓީ ސްކޫލްތައް އެޅުން
-
ތައުލީމީ އާ މުގައްރަރު އެކުލަވާލުން
-
އަތޮޅު މަދުރަސާތައް ބިނާކުރުން
-
އޭ ލެވެލްއަަށް ކިޔަވައިދޭން އެސްއީސީ (ފަހުން ސީއެޗުއެސްއީ) އުފެއްދުން
-
ސާނަވީ ގްރޭޑްތައް ރަށްރަށުގައި ތައާރަފުކުރުން
-
ލިޔަންކިޔަން ނުދަތުން ނައްތާލަން ހިންގި އަސާސީ ތައުލީމުގެ މަޝްރޫއު
-
އޭރު 100 އަކުން 37 މީހުންނަށް ލިޔަންކިޔާކަށް ނޭނގޭ. މަޝްރޫއު ނިމުނު އިރު ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް ހުރީ %98ގައި
-
އަރަބި ތައުލީމު ތައާރަފުކުރުން
-
ރީތިކޮށް ގުރުއާންކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޕާކިސްތާނުން ގާރީއެއް ގެނެސް ކްލާސްތައް ހިންގުން
ތައުލީމީ ހާލަތު ބައްލަވަން ވިއްސަކަށް ދަތުރު ވެސް ބައެއް ރަށްރަށަށް ޒާހިރު ކުރައްވާފައި ހުންނާނެ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އަނެއް ބައި ރަށްރަށަށް ތަކުރާރުކޮށް ވަޑައިގަންނަވަނީ ޒަމާނީ ތައުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދެއްވާށެވެ. ނޫނީ ރައްޔިތުންނަށް ހިތްވަރުދެއްވާށެވެ.
"ޒާހިރު ހުންނާނެ ބައެއް ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ވިދާޅުވެފައި ދެން ތިމަންނަ އަންނަ އިރު ރަށުގައި ފަނުން ވިޔަސް ތަނެއް ހަދައި ކިޔަވައިދޭން ފަށައިފިއްޔާ ސްކޫލް އަޅައިދޭނަމޭ،" ޒާހިރުގެ އެ ދަތުރުތަކުގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.
"އޭރު އެ ރަށުގައި ނެތް ކިޔަވައިދޭން ހާއްސަ ތަނެއް. އެހެންވެ ރައްޔިތުންނަށް ހިތްވަރުދިނީ އިސްނަގާށޭ، އޭރުން ސަރުކާރުން ޒަމާނީ ސްކޫލެއް ދޭނަމޭ."
ރައްޔިތުން އެގޮތަށް އަމަލްކުރި އެވެ. އެހެން ރަށްރަށުގައި ސްކޫލްތައް އަޅައި، ކުދިންނަށް ތަފާތު ތައުލީމެއް ދޭން ފެށުމުން ކައިރި ރަށްރަށުން ވެސް އެކަމަށް އަމިއްލައަށް އިސްނަގަން ޖެހޭ ވަރަށް، ތައުލީމުގެ ދަތުރު ފުޅާވަމުން އަ އެވެ. އެންމެ ފަހުން އެދުރުގެތަކަށް ދާނެ ދަރިވަރުން ނެތި، އެތަންތަން މާޒީގެ ސަފުހާއަކަށް ވެ ނިމުނީ އެވެ. ނުވަތަ ސަރުކާރުން ހިންގާ ތަންތަނަށް ބަދަލުކުރީ އެވެ.
ޒާހިރުގެ ބެއްލެވުމުގެ ދަށުން ދިވެހި ޓީޗަރުން އުފައްދައި، ސްކޫލްތަކުގެ ފެންވަރު މަތިކުރި އެވެ. ހެޑްމާސްޓަރުން ބޭރުން ތަމްރީންކޮށް، ހިންގުމުގެ ޒަމާނީ ގޮތްގަނޑު ތައާރަފުކުރި އެވެ. އާ މުގައްރަރު އެކުލަވާލައި، ތައުލީމަށް ދިވެހިވަންތަކަން ވެސް ގެނަ އެވެ.
އެ ޒަމާނަށް ފަހު ރަށްރަށަށް ސެކަންޑަރީ ތައުލީމު ފެތުރުމުގެ އާ ބަދަލު ވެސް ފުރަތަމަ އަންނަން ފެށީ އެޑިޔުކޭޝަން މިނިސްޓަރަކަށް ޒާހިރު ހުންނަވަނިކޮށެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ބައެއް ރަށްރަށުގައި ފުރަތަމަ ފަހަރަށް ގްރޭޑް އަށެއް އުފެއްދި އެވެ.
ޒާހިރަކީ މިހާރަށް ވެސް ނަމޫނާއެއް
މުޅި ރާއްޖެއަށް ޕްރައިމަރީ ތައުލީމު ފަތުރާލުމަކީ ދުނިޔޭގެ ފެންވަރުގައި ވެސް އޭރު ފާހަގަކުރި މަސައްކަތެކެވެ. މިސާލަކަށް ރާއްޖެއަކީ ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަން ހާސިލްކުރި އެއް ގައުމެވެ. މިހާރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޒާހިރުގެ މަސައްކަތް ކައިރިން ތަޖުރިބާކުރެއްވި އެއް ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ ނަޒީރު، އޭނާގެ ފޭސްބުކްގައި ލިއުއްވަމުން ވިދާޅުވީ، އެ ލަނޑުދަނޑިއާ ހަމައަށް ރާއްޖެއަށް ދެވުނީ ޒާހިރުގެ 'ދުރުވިސްނެވުމާއި ލީޑަޝިޕްގެ ސަބަބުން' ކަމަށެވެ.
"ރާއްޖޭގެ ތައުލީމަށް އެމަނިކުފާނު ކުރެއްވި ހިދުމަތަކީ ބޮޑު ބަދަލެއް ގެނެސްދިން އަދި މިހާރު ވެސް ނަމޫނާއެއް ފަދަ ކަމެކެވެ،" ނަޒީރު ލިއުއްވި އެވެ.
ސްކޫލަށް ހާއްސަކޮށްގެން ރަށްރަށުން ބޮޑެތި ބިންތައް ނެގުމުން ޝަކުވާކުރި ބައެއް މީހުން އޭރު ބުނެ އެވެ؛ ތިޔަ ބިން ދުވަހަކު ވެސް ކުޑައެއް ނުވާނެ އެވެ.
އެކަމަކު ގިނަ ރަށްރަށުގެ އާބާދީ ބޮޑުވެ، ކިޔަވާ ދަރިވަރުންގެ އަދަދު އެތައް ސަތޭކައަށް އެރުމުން އެ ބިންތައް ވީ ކުޑަ އެވެ. މިއަދު ރައްޔިތުންނާއި ތައުލީމީ ދާއިރާގެ މީހުންގެ އޮތީ ސްކޫލަށް ބޭނުންވާ ވަރަށް ޖާގަ ނުލިބުމުގެ ޝަކުވާ އެވެ.
ދައުލަތުގެ އާމްދަނީ އެހާ ދަށް ދުވަސްވަރެއްގައި މުޅި ރާއްޖެއަށް ތައުލީމު ފަތުރާލަން ކުރި ކާމިޔާބު މަސައްކަތުގެ ތައުރީފާއި ޝުކުރު ރައީސް ނާސިރާއި ރައީސް މައުމޫނަށް ވެސް ހައްގެވެ. އެ މަސައްކަތުގެ ބޮޑު ބައި ފެނުނީ މައުމޫންގެ ވެރިކަމުގަ އެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތުގައި ހަގީގީ ކުލަ ޖެހުނީ، 14 އަހަރަށް ވުރެ ގިނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގެ މަތީ މަގާމުތަކުގައި ހުންނަވައިގެން ޒާހިރު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންނެވެ.
ޒާހިރަކީ މޮޅު ޓީޗަރެއް ވެސް މެ އެވެ. އެސްއީސީގައި އިސްލާމް ކިޔަވައިދެއްވަން އެތައް އަހަރެއް ހޭދަކުރެއްވި އެވެ. އެއީ އެމަނިކުފާނުގެ ހާއްސަ ލޯތްބެކެވެ. އޭރު އެސްއީސީގައި އުޅުއްވި މިހާރު އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އެތައް ބޭފުޅުންނެއް ޒާހިރުގެ ކިޔަވައިދެއްވުމުގެ ހުނަރާއި ޒަމާނީ ވިސްނުމަށް ތައުރީފްކުރައްވަ އެވެ.
މިދިއަ ރޯދަމަހު އޭގެ ތެރެއިން ބޭފުޅުންކޮޅެއް ޒާހިރަށް ރޯދަވީއްލުމެއް ދެއްވި އެވެ. އެ ބައްދަލުވުމުގައި އެއް ބޭފުޅަކު ވިދާޅުވީ 'ޒާހިރުގެ ކިޔަވައިދިނުން ހަނދާނުން ނުނެތޭނެ' ކަމަށެވެ.
އެއީ އެންމެ ދަރިވަރެއްގެ ވާހަކަ އެވެ. އެއަށް ވުރެ މުޅި ގައުމަށް ތައުލީމު ފަތުރާލަން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ ވާހަކަ މާ ދިގުވެފައި ތައުރީފް ހައްގެވެ. ގައުމީ އެ މަސައްކަތުގެ މަތިން ހަނދާން ނުނެތޭނެކަން ރޭ ރައީސް މުއިއްޒު އެ ދެއްވި ޝަރަފުން ޔަގީންކޮށްދެ އެވެ.
ކޮމެންޓް (2)
ޝާކިރު
އައިސާބީގެ ދަރި ހަސަން ދީދީ