ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ވާހަކަތައް ފަނޑިޔާރަށް މި ނެގެނީ މުޅިން ތަފާތުކޮށް
މުހިންމު ނުކުތާތައް
ކުދިންގެ ނިޔަތާ މެދު ސުވާލު އުފައްދާ ގޮތުން ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ މެދު ވެސް ސުވާލު އުފެދޭ
ބައެއް ފަނޑިޔާރުންގެ ވިސްނުން ހުންނަ ގޮތުން ޖިންސީ ގޯނާގެ މައްސަލަތަކުގައި ވާހަކަ ދައްކަން ކުދިން ޖެހިލުން ވެދާނެ
ހުންނަން ޖެހޭނެ ތަޖުރިބާ ނެތް އެތައް ބަޔަކު ފަނޑިޔާރުކަމަށް އައްޔަންކުރުމަކީ މައްސަލައެއް
"ކުއްޖާގެ ޖިންސުގެ ތެރެއަށް އަތްލައިގެން [ޖިންސީ ގުނަވަނުގައި] އަތްލައި ތުހުމަތުކުރެވޭ މީހާގެ ޖިންސު ބޭލުމަށް ފަހު [ޖިންސީ ގުނަވަން] ދައްކަންދެން ކުއްޖާ އެތަނުގައި މަޑުކުރީ ކީއްވެ ހެއްޔެވެ؟ ކުއްޖާގެ ޖިންސުގެ ތެރެއަށް އަތްލައިގެން [ޖިންސީ ގުނަވަނުގައި] އަތްލައި ނުވަތަ ފިތާލެވުނީ ކުއްޖާ ލައިގެން ހުރި ޖިންސު ދޫކަމުން އެދޭތެރެއަށް އަތް ވެއްދޭ ވަރުގެ ޖާގަ އޮތީމާ ހެއްޔެވެ؟ ނުވަތަ ގަދަކަމުން ކުއްޖާ އޮބަހައްޓައިގެން ޖިންސުގެ ތެރެއަށް އަތްލައިގެން [ޖިންސީ ގުނަވަނުގައި] އަތްލީ ހެއްޔެވެ؟ މިއީ ކުއްޖާގެ ބަހުން ސާފުނުވާ ކަންކަމެވެ."
"ކުޑަކުއްޖަކު ހިތްހަމަނުޖެހޭ އަަމަލެއް އޭނާއާ މެދު އެހެން މީހަކު ކޮށްފި ނަމަ ނުރުހުން ފާޅުކުރާނެ އެވެ. ނުރުހުން ފާޅުކުރުމުގެ ގޮތުން ހަޅޭއް ވެސް ލަވާފާނެ އެވެ. ނުވަތަ އެތަނަކުން ހިނގައިދާނެ އެވެ. ބަލަން ބޭނުންނުވާ ތަނެއް ދައްކައިފި ނަމަ ނުބަލާނެ އެވެ. ނުވަތަ އެތަނެއް ދޫކޮށް ވެސް ހިނގައި ދާނެ އެވެ."
މިއީ މިދިއަ ޖުލައިމަހު މެދުރާއްޖެތެރޭގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން، ޖިންސީ ގޯނާގެ މައްސަލައެއް ސާބިތުނުވާކަމަށް ނިންމަން މެޖިސްޓްރޭޓް ގެންގުޅުއްވި ބައެއް ވިސްނުންތަކެވެ.
އޭގެ އިތުރުން އޭނާގެ ހުކުމުގައި ވިދާޅުވ ީ16 އަހަރުގެ ކުއްޖަކަށް އެގޮތަށް މީހަކު އަމަލްކުރާ ނަމަ އޭނާ މަޑުން ނުހުންނާނެ ކަމަށެވެ.
"އެހެންކަމުން ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުނު ގޮތް ކަަމަށް ބުނެ [ކުއްޖާ] ކިޔައިދިން ގޮތަކީ ހަމަޖެހޭ ގޮތެއް ކަމަށް ބެލެވޭކަށް ނެތެވެ،" މެޖިސްޓްރޭޓްގެ ހުކުމުގައި ލިއުއްވި އެވެ.
މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ކޯޓަށް ހާޒިރުވެގެން ހެކިބަސް ދިނެވެ. ފުލުހުންގެ ތަހުގީގަށް ބަޔާންދިނެވެ. އަދި މަންމަ ހިމެނޭހެން ހަ މީހަކަށް މި ވާހަކަ އެކުއްޖާ ކިޔައި ވެސް ދިނެވެ.
ކުއްޖާ ކިޔައިދީފައިވާ ގޮތުން:
-
މިކަން ހިނގާފައިވަނީ ފެބްރުއަރީ 2020ގެ ދުވަހެއްގެ ރޭގަނޑު ހަތެއް ޖަހާކަށްހާއިރު ބުކްޝޮޕެއްގައި ހުންނަ ފޮޓޯ ނަގަން ބޭނުންކުރާ ތަނެއްގެ ތެރޭގައި
-
އެތަނަށް ދިޔައީ ސްކައުޓަށް ބޭނުންވާ ޕާސްޕޯޓް ސައިޒް ފޮޓޯއެއް ނަގަން އެތަނުގައި މަސައްކަތްކުރާ ރަށްޓެހި ފިރިހެނަކާ އެކު
-
އޭނާއާ އެކު ދިޔައީ އެއީ އެ ފިހާރަ އެވަގުތު ބަންދުކޮށްފައި ހުންނަ ގަޑިއެއް ނަމަވެސް އެތަން ހުޅުވައިދޭނެ ކަމަށް އޭނާ ބުނުމުން
-
ފޮޓޯ ނަގަން ސްޓޫޑިއޯ ތެރެއަށް ވަނުމުން އޭނާއާ އެކު ދިޔަ މީހާ އެތަން ވަގުތުން ތަޅުލައި އޭނާގެ ޖިންސީ ގުނަވަން ދައްކައި އަތްލާން ބުނެފައިވާ ކަމަށް
-
ބައެއް މީހުންނަށް ކުއްޖާ ކިޔައިދީފައިވާ ގޮތުން އެއަށް ވުރެ އިތުރު ކަންކަން ކުރުމަށް ވެސް ބުނެފައިވޭ
-
އޭގެ ފަހުން ކުއްޖާގެ ޖިންސު ތެރެއަށް އަތްލައި ޖިންސީ ގުނަވަނުގައި ހިފައި ހުތުރު އަމަލުތަކެއް ކުރުމަށް އެދުނު ކަމަށް ބުނެފައިވޭ
-
އެކަމަށް ނޫނެކޭ ބުނެ ފޮޓޯތައް ޕްރިންޓުކޮށްގެން އެތަނުން ކުއްޖާ ދިޔައީ ކަމަށް ބުނި
ކުއްޖާގެ މި ވާހަކަތައް މެޖިސްޓްރޭޓަރަށް ގަބޫލުނުކުރެއްވޭ ސަބަބެއް ކަމަށް ހުކުމުގައި ބުނެފައިވަނީ އެކި މީހުން ކައިރީގައި އެ ވާހަކަތައް ކިޔައިދީފައި ހުރި ގޮތް ތަފާތު ކަމަށް ގަބޫލުކުރެއްވުމެވެ.
ކުއްޖާ ބުނެފައިވާ ގޮތުން އެ ވާހަކަތައް ފުރަތަމަ މަންމައަށް ކިޔައިދޭން ނުކެރިގެން ހިއްސާކުރީ ސްކޫލުގެ ކައުންސެލަރާ އެވެ. ފަހުން މަންމައަށް އެ ވާހަކަތައް ކިޔައިދީ މި މައްސަލަ ބަލަން ފެށި ފަހުން ޖެންޑާ މިނިސްޓްރީ އާއި ސައިކޮލަޖިސްޓަކަށާއި އޭނާއާ އެއް އުމުރުގެ ކުޑަކުއްޖަކާ ވެސް އެ ވާހަކަތައް ހިއްސާކުރި އެވެ.
ޖިންސީ ގޯނާ ކުރަންދެން އެތަނުގައި މަޑުކުރީ ކީއްވެތޯ ވެސް މެޖިސްޓްރޭޓް ސުވާލު އުފެއްދެވި އެވެ. ސައިކޮލަޖިސްޓަށް ކުއްޖާ ކިޔައިދީފައިވާ ގޮތުން ޖިންސީ ގޯނާކުރިއިރު އެއްވެސް ކަމެއް ކުރަން ނުކެރުނީ ބިރުންނެވެ. ފުލުހުންނަށް ދިން ބަޔާނުގައި ވެސް ކުއްޖާ ބުނެފައި ވަނީ އެހެންނެވެ.
"ދެން އޭނާ އަތްލީމާ ނުކެރުނު އެއްވެސް ކަމެއް ކުރާކަށް. ބިރުގަތީ،" ސައިކޮލަޖިސްޓް ކައިރީގައި އެ ކުއްޖާ ބުންޏެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ 16 އަހަރުގެ ކުއްޖަކަށް ދިމާވި މިފަދަ ކަމެއްގެ ވާހަކަ އެކި މީހުން ކައިރީ ކިޔައިދިނުމުގައި ކުދިކުދި ތަފާތުތައް ހުރުމަކީ ނުވަތަ އެކަކު ކައިރީ ނުބުނާ ވާހަކަތަކެއް އެހެން މީހަކު ކައިރީ އެއަށް ވުރެ ތަފްސީލުކޮށް ކިޔައިދީފައި ހުރުމަކީ ކުއްޖާގެ ވާހަކަތައް ހަމަނުޖެހޭ ކަމަށް ނިންމަން އެންމެ އެކަށީގެންވާ ސަބަބެއް ހެއްޔެވެ؟ ނުވަތަ މި މައްސަލާގައި ކުއްޖާ ކިޔައިދީފައިވާ ވާހަކަތައް ގަބޫލުނުކުރެވިގެން ކަމަށް ވިޔަސް އެކަމާ ގުޅޭ ގޮތުން ސުވާލު އުފެއްދެވުމުގައި މެޖިސްޓްރޭޓް ގެންގުޅުއްވީ އެންމެ ރަނގަޅު ވިސްނުން ހެއްޔެވެ؟
އަނިޔާ ލިބުނަސް އެތަނަކުން ދާން ޖެހިލުންވާނެ
ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަދެއްކެވި ދައުލަތުގެ ވަކީލަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޖިންސީ ގޯނާގެ އަނިޔާ ތަހަންމަލުކުރާ ކުޑަކުދިންގެ އަދަދު ދަނީ މަތިވަމުންނެވެ. ނަމަވެސް އެފަދަ އަނިޔާއެއް ލިބުމުން އެކަން ހިއްސާކުރާ ކުދިންގެ އަދަދު ވަރަށް މަދެވެ.
ތަހުގީގު ކުރަން ހުށަހަޅާ ގިނަ މައްސަލަތަކަކީ ވެސް ކޮންމެވެސް އެހެން މީހެއްގެ ފަރާތުން އެވާހަކަތައް ފެންމަތިވެގެން ބަލަން ފަށާ މައްސަލަތަކެވެ. އެ މައްސަލަތަކުގެ ތަހުގީގުގައި ވެސް ކުދިންގެ ކިބައިން އަސްލު ކަން ހިނގި ގޮތުގެ ތަފްސީލުތައް ހޯދެނީ ވަރަށް މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން މި ކުއްޖާގެ މައްސަލައިގައި އެ ކުއްޖާ ކޯޓަށް ވެސް ކިޔައިދީފައި އެބަ އޮތް ކަން ހިނގި ގޮތް. ފުލުހުންނަށް ކިޔައިދިން. މަންމައަށް ކިޔައިދިން. ސައިކޮލަޖިސްޓަކަށް ކިޔައިދިން. ސްކޫލުގެ ކައުންސެލަރަށް ކިޔައިދިން،" އެ ވަކީލް ވިދާޅުވި އެވެ.
"އެކަމަކު ވެސް ކޯޓުން އެ ކުއްޖާގެ ވާހަކަތައް ގަބޫލުނުކޮށް އެ އަނިޔާ ލިބުމުގައި ކުއްޖާގެ ކުށެއް އޮތް ފަދަ މޭރުމަކުން ފަނޑިޔާރު ސުވާލުތައް އުފައްދާފައި މިއޮތީ. ދެން މިކުއްޖާ ޖެހިލުންވާނެ ދެއްތޯ ދެވަނަ ފަހަރަށް އެ ފަނޑިޔާރުގެއަށް ގޮސް ހުއްޓެން."
ޖިނާއީ ކޭސްތަކެއްގައި ވެސް ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރައްވާ އެ ވަކީލު ގަބޫލުކުރައްވާ ގޮތުގައި މިފަދަ މައްސަލައެއްގައި ފަނޑިޔާރު ކުއްޖާގެ ނިޔަތާ މެދު ސުވާލު އުފެއްދެވި ގޮތް 'ވަރަށް އިންސެންސެޓިވް' އެވެ.
ކުއްޖާ ހެދުން އަޅާފައިވާ ގޮތާ މެދު ސުވާލު އުފައްދާފައިވާއިރު، ނަތީޖާއަކީ ވަކި ކޮޅަކަށް ފައިދާ ހޯދައިދޭ ގޮތަކަށް މެޖިސްޓްރޭޓްގެ ވިސްނުން ހުރުން ކަމަށް ގަބޫލުކުރެވިދާނެ އެވެ. ފަނޑިޔާރުންނަކީ ހުރިހާ ވަގުތެއްގައި ވެސް އޭނާގެ މުސްތަގިއްލުކަމާއި އަދުލުވެރިކަމާއި، ވަކި ފަރާތަކަށް ނުޖެހޭކަމުގެ އިތުބާރު ހިފަހައްޓަންވާނެ ބައެކެވެ.
އެހެން މައްސަލައެކެވެ. އުމުރުން 11 އަހަރުގައި ޖިންސީ ގޯނާއާ ކުރިމަތިވީ ކުއްޖާ ދިޔަ ގްރުއާން ކްލާހުގެ ޓީޗަރެއްގެ ފަރާތުންނެވެ. އެ ވާހަކަތައް ކުއްޖާ އިސްލާމް ޓީޗަރާ ހިއްސާކުރުމުން އެ ޓީޗަރު ވެސް ފެށީ ޖިންސީ ގޯނާކުރަން ކަމަށް ތުހުމަތުކުރި އެވެ. އެހާ ހިސާބުން ކުއްޖާ ހުރީ ހަނެވެ. އިތުރު މީހަކާ އެ ވާހަކަތައް ހިއްސާކުރަން ނުކެރިފަ އެވެ. އެ މައްސަލަ ފެންމަތިވީ އެކަމާ މެދު އެހެން މީހަކަށް ޝައްކުކުރެވިގެން ބެލިބެލުމުގެ ތެރެއިންނެވެ. އެއަށް ފަހު ކުއްޖާ އެ ވާހަކަތައް ކިޔައިދިނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި މީހާގެ ވެސް ކުރިމަތީގަ އެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުއްޖާއަށް ކޮންމެވެސް ވަރެއްގެ އިންސާފެއް ލިބުނެވެ. ނަމަވެސް އިސްތިއުނާފީ މައްސަލައިގެ ތެރެއިން ހައި ކޯޓުން، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ގްރުއާން ޓީޗަރު ވެސް ދޫކޮށްލީ އެވެ. ކުއްޖާގެ ވާހަކަތައް ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ބައެއް ފަނޑިޔާރުންނަށް ގަބޫލުނުކުރެއްވުނީ ކުއްޖާ އެ ވާހަކަތައް ކިޔައިދޭން މާ ގިނަ ދުވަސްވުމުންނެވެ.
އެއް ފަނޑިޔާރަކު ނިންމެވީ އުމުރުން 11 އަހަރުގައި ލިބުނު ޖިންސީ އަނިޔާގެ ވާހަކަ އުމުރުން 17 އަހަރުގައި ހިއްސާކުރުމަކީ އެ މައްސަލާގައި ކުއްޖާގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގަ އެވެ.
މިއީ ކުއްޖާއަށް ހެޔޮނުބައި ވަކިވާނެ އަދި މީހުންނާ ބެހޭ ގޮތުން 'ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން' ވާހަކަތައް ކިޔައިދެވޭނެ އުމުރުގެ ކުދިން ކަމަށް އެ ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
ޖިންސީ ގޯނާގެ ވާހަކަތައް ކިޔައިދިނުން ލަސްވި ކަމަށް ބުނެ ކުއްޖާގެ ނިޔަތާ މެދު ފަނޑިޔާރު ސުވާލު އުފެއްދެވިއިރު، ކުއްޖާއަށް ޖިންސީ ގޯނާ ލިބެން ފެށުމުން އެ ވާހަކަތައް އެ ކުއްޖާއަށް އިތުބާރުކުރެވޭ ޓީޗަރަކަށް ކިޔައިދީފައިވާކަން ތަހުގީގީ ރިޕޯޓުތަކުން އެނގެން އޮތެވެ. އެކަމަކު ފަހުން އެ ވާހަކަތައް ކުއްޖާ އިތުރު މީހަކާ ހިއްސާކުރަން ޖެހިލުންވީ އެ ވާހަކަތައް ފުރަތަމަ ހިއްސާކުރި ޓީޗަރު ވެސް އެކަމުގެ ފައިދާ ނަގައިގެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފެށުމުންކަން އެ ރިޕޯޓުތަކުން އެނގެ އެވެ.
މި ސަބަބު މިހެން އޮތުމާ އެކު ކުއްޖާއަށް ލިބުނު ޖިންސީ ގޯނާގެ ވާހަކަތައް ކިޔައިދޭން ލަސްވެފައިވާ ކަމަށް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއު ގަބޫލެއް ނުކުރައްވަ އެވެ.
"މި ހާލަތު މެދުވެރިވެފައިވާ ކުއްޖަކަށް އެ ވާހަކަތައް އެހެން މީހަކާ ހިއްސާކުރުމަކީ ފަސޭހަ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެނީ، އިސްލާމް ޓީޗަރަށް އިތުބާރުކޮށް އެ ވާހަކަތައް ކިޔައިދިނުމުގެ ނަތީޖާގެ ހިތި އެ ކުއްޖާ ތަހައްމަލުކުރަން ޖެހިފައިވާތީ އެވެ. އިސްލާމް ޓީޗަރަށް ކިޔައިދިން ވާހަކައިގެ ނާޖާއިޒު ފައިދާ ނަގައި އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުމުގައި ދެމިހުރީތީ އެވެ،" ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވިދާޅުވި އެވެ.
"މިފަދަ އުނދަގޫ، ވޭނީ ހާލަތެއްގައި ހުރި ކުއްޖަކަށް އިތުރު މީހަކާ އެ ވާހަކަތައް ހިއްސާކުރުމަށް ވަގުތު ނެގުމަކީ، ދައުލަތުން ބުނާ ފަދައިން، ވުން ވަރަށް ގާތް ކަމެއް ކަމަށް އަހަރެންނަށް ވެސް ބުރަވެވެ އެވެ."
ތެދެކެވެ. ޖިންސީ އަނިޔާ ލިބޭ ކުއްޖަކު އެ ވާހަކަތައް ހިއްސާކުރަނީ އޭނާއަށް ލިބިފައިވާ ނުވަތަ ލިބެމުން އަންނަ އަނިޔާތަކަށް ހުއްޓުމެއް އައިސް އިންސާފެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެ ވާހަކަތައް ހިއްސާކުރަން އެކި ކުދިންނަށް ނަގަނީ އެކި މުއްދަތެވެ.
މިސާލަކަށް އުމުރުން ހަތް އަހަރުގައި ޖިންސީ އަނިޔާ ލިބޭ ކުއްޖާއަށް އެ ލިބެނީ އަނިޔާއެއްކަން ނޭނގޭ ފަހަރު އާދެ އެވެ. އެ ކުއްޖާއަށް އެކަން އިހުސާސް ކުރެވެން ފަށަނީ އުމުރުން 11 އަހަރުގައި ކަމަށް ވެދާނެ އެވެ. ދެން ވެސް އެ ވާހަކަތައް ހިއްސާކުރަން ނުކެރިދާނެ އެވެ. އޭގެ ނަތީޖާ ނުކުންނާނެ ގޮތާ މެދު ބިރުގަންނަނީ އެވެ. އެހެންވީމާ އެކުއްޖާ އެ ވާހަކަތައް ހިއްސާކުރަން ހިތްވަރު ލިބެނީ އޭގެ އެތައް އަހަރެއް ފަހުން ކަމަށް ވެސް ވެދާނެ އެވެ.
އެކަމަކު އެ ކުއްޖާއަށް ލިބުނު އަނިޔާއަކީ ނުލިބޭ އަނިޔާއަކަށް ނުހެދޭނެ އެވެ. އެފަދަ އަނިޔާތަކުގެ ހަނދާން މުޅި އުމުރަށް ދެމިގެން ދެ އެވެ.
އެކަމަކު މި ވާހަކަތައް ހިއްސާކޮށް، ހިތްވަރުކޮށްފައި އިންސާފު ހޯދަން ފަނޑިޔާރުގެއާ ހަމަޔަށް ދިއުމުން އެކުއްޖާ ވާހަކަތައް ހިއްސާކުރި ނިޔަތާއި، ކުއްޖާއަށް އަނިޔާ ލިބުނީ އެ ކުއްޖާގެ ކުށަކުން ކަމަށް ދޭހަވާ މޭރުމަކުން ފަނޑިޔާރުން ސުވާލު އުފައްދަވާ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
'ފަނޑިޔާރެއްގެ ޒިންމާ ހަވާލުކުރުމުގައި ރަނގަޅު ނިޒާމެއް ނެތް'
ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަދެއްކެވި ޖިނާއީ ގިނަ މައްސަލަތަކެއްގައި ކޯޓަށް ވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ ކުޑަކުއްޖާގެ ނިޔަތާ މެދު ހެކި ވަޒަންކުރެއްވިއިރު މެޖިސްޓްރޭޓް އުފެއްދެވި ސުވާލުތައް ބައެއް މީހުންނަށް 'އިންސެންސިޓިވް ބަހުރުވައެއް' ކަމަށް ވެދާނެ އެވެ. އެކަމަކު ހަގީގަތުގައި ފަނޑިޔާރު މަސައްކަތްކުރައްވާފައި އެވަނީ ލިބިހުރި ހެކިތަކުގެ މައްޗަށް އެކަން ހިނގާފައިވާ ގޮތް ވަޒަންކުރެއްވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ރަށްރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް ވަކާލާތުކުރައްވާފައިވާ ވަކީލު ހަމްޒާ ލަތީފްގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ހެކިބަސް ވަޒަންކުރާއިރު ޝައްކު އުފެދޭ ކަހަލަ ސުވާލުތައް ހިތާހިތާކޮށް އެއަށް ޖަވާބު ހޯދުމާއި، އެކަން ބަޔާންކޮށްދިނުމާއި ހެކި ވަޒަންކުރާއިރު ގެންގުޅެގެން ނުވާނެ ވިސްނުންތައް ގެންގުޅުމާ މެދު އޮންނަނީ ވަރަށް ހިމަ ރޮނގެކެވެ. ހާއްސަކޮށް ޖިންސީ ގޯނާގެ މައްސަލަތަކުގައި އެކަން ކުރަން ޖެހޭނީ ވިކްޓިމް ބްލޭމް ނުވާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.
ހަމްޒާ ގަބޫލުކުރައްވާ ގޮތުގައި ފަނޑިޔާރުކަމުގެ ގޮނޑީގައި އިންނަވަންވާނީ އެކަންކަމަށް ވަރަށް ހޭލުންތެރި، ގާބިލު ބޭފުޅުންނެވެ. އެހެންކަމުން ހެކި ވަޒަންކުރައްވާ އިރު ނުވަތަ ދެއްވާ ރައުޔުއެއްގައި ބޭނުންކުރައްވާ ބަހުރުވަ އާއި ޝައްކު އުފެދޭ ސުވާލުތައް ހުކުމަށް ތިލަކޮށްދިނުމުގައި ފަނޑިޔާރުންނަށް އެފަދަ ގޯސް ހެއްދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަންނުގެ ތަޖުރިބާ އާއި ކަމަށް ހޭލުންތެރިވުން މުހިންމުވަނީ އެހެންވެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެކަމަކު ހަގީގަތަކީ ރާއްޖޭގައި ފަނޑިޔާރު ކަމަށް ހޮވިވަޑައިގެންނެވުމަކަށް މާ ބޮޑު ޝަރުތުތަކެއް ނެތް. ފަނޑިޔާރުން ހޮވުމަށް މިހާރު ރާއްޖޭގައި އޮތް ނިޒާމަކީ ކަމުނުދާ ނިޒާމެއް،" ހަމްޒާ ވިދާޅުވި އެވެ.
ހައި ކޯޓާއި، މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭހެން ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. ޖޭއެސްސީއަކީ ޕޮލިޓިކަލް ބޮޑީއަކަށް ވާއިރު އެފަދަ ތަނަކުން މިނިވަން ފަނޑިޔާރުގެއަކަށް މީހުން އައްޔަންކުރުމަކީ ހަމަޖެހޭ ނިޒާމެއް ނޫންކަމަށް ހަމްޒާ ގަބޫލުކުރައްވަ އެވެ.
"[ޖޭއެސްސީ]ގައި ތިއްބަވާ ބޭފުޅުން މި ނިންމަވަނީ ތިމަންނާމެން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންނާ ކުރާނީއޭ ސުވާލުތަކެއް. އެ ސުވާލުތައް ވެސް ކަނޑައަޅާނީ އެބޭފުޅުންނޭ. އަޅުގަނޑުގެ ގާތް އަހުން ވިދާޅުވޭ ކޮންސިސްޓެންސީއެއް ނޯވޭ ސުވާލުތައް ކުރެއްވުމުގައެއް،" ހަމްޒާ ވިދާޅުވި އެވެ.
އެ ނިޒާމު ރަނގަޅު ނޫންކަމަށް އޭނާ ދެކިވަޑައިގަންނަވާ މައިގަނޑު ސަބަބަކީ ފަނޑިޔާރަށް ކަމާ ބެހޭ ތައުލީމާއި ތަޖުރިބާ ލިބިފައި ހުރި މިންވަރާއި، ކަމަށް ގާބިލު މިންވަރު ކަށަވަރު ނުވާތީ އެވެ. އެކަން ކަށަވަރުކުރަން ގާނޫނުތަކުގައި ވެސް އެހާ ބޮޑު ޝަރުތުތަކެއް ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންނަށް [ފަނޑިޔާރު ކަމަށް ކުރިމަތިލި ބައެއް ވަކީލުންނަށް] ހީފުޅުވަނީ ހޮވަން ބޭނުންވާ ބޭފުޅުންނަށް މުހިންމު ސުވާލުތަކެއް ކުރައްވާފައި ހޮވަން ބޭނުން ނުވާ ބޭފުޅުންނަށް ހަމަ މާ ބޮޑު ސުވާލެއް ވެސް ނުކުރައްވާ ވަރަށް ފޫހިފުޅުވެ ތިބެގެންނޭ ސުވާލުކޮށްފައި ދޫކޮށްލަނީ. އަޅުގަނޑަށް އެނގޭ ކަމަކީ ޕޮލިޓިކަލް ބޮޑީސްއަކުން އެކުލަވާލާ ކޮމިޓީއަކުން ކުރައްވާ ސުވާލުތަކަށް ދެއްވާ ޖަވާބުތަކަކާ ގުޅިގެން އެ ބޮޑީ ދެކޭ ގޮތެއްގެ މައްޗަށް ފަނޑިޔާރުން ހޮވުމަކީ ރަނގަޅު ނިޒާމެއް ނޫން،" ހަމްޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވާ ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ތަމްރީން ބޭނުންވާ ކަމަށެވެ. ނަތީޖާއަކީ ހުކުމްތަކުގައި ހުންނަ ފަނޑިޔާރުންގެ ރައުޔުތަކުން ހާލަތާ އެކަށޭނަ ނޫން، ކޮންމެހެން ބޭނުންކުރަން ނުޖެހޭ ދަށު ދަރަޖައިގެ ބަހުރުވަޔާއި، ސުވާލުތައް ކުރެވިފައި ހުންނަތަން ފެނުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޖިންސީ ގޯނާގެ ދެ މައްސަލައެއްގައި ފެނުނު ހުކުމްތަކާއި ފަނޑިޔާރުންގެ ރައުޔުތަކުން ހަމްޒާގެ ވާހަކައަށް ބާރު ލިބެ އެވެ. އެއީ ފަނޑިޔާރުންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ބޭނުންވާކަން އަންގައިދޭ މިސާލުތަކެއް ވެސް މެ އެވެ.
ކޮމެންޓް (2)
ސޭކު
ވާޏުބާ