ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ހައި ކޯޓު

ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ ގުރުއާން ޓީޗަރުގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށްފި

މި މައްސަލާގައި ހިމެނޭ އިސްލާމް ޓީޗަރުގެ މައްޗަށް ވެސް ކުށް ސާބިތުވެފައެއް ނުވޭ؛ ކުއްޖާ ބުނެފައިވާ ގޮތުން އިސްލާމް ޓީޗަރު ކުއްޖާއާ ބެހުނީ ގުރުއާން ޓީޗަރުގެ ވާހަކަ އެ ކުއްޖާ ކިޔައިދިނުމުން އެ ވާހަކަ ރަށުގައި ދައްކައި ކުއްޖާ ފަލީހަތް ކޮށްލާނެ ކަމުގެ ބިރުދައްކައިގެން

ކުޑަކުއްޖަކަށް ބިރުދައްކައިގެން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކުއްޖާގެ ގުރުއާން ޓީޗަރުގެ މައްޗަށް އިއްވާފައިވާ 14 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖިންސީ ގޯނާގެ ޝިކާރައަކަށްވި މި ކުޑަކުއްޖާއަށް އުމުރުން 11 އަހަރުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް 2020 ވަނަ އަހަރު ދައުވާ އުފުލާފައިވަނީ ދެ މީހެއްގެ މަައްޗަށެވެ. އެއީ:

  • ކުއްޖާގެ ގުރުއާން ޓީޗަރުގެ މައްޗަށް

  • ރަށު ސްކޫލު ގްރޭޑް 7ގައި އިސްލާމް ކިޔަަވައިދިން ޓީޗަރުގެ މައްޗަށް

  • މި ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ

  • އިސްލާމް ޓީޗަރުގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި؛ މި ނިންމުން އިސްތިއުނާފް ކޮށްފައެއް ނުވޭ

  • ކުށް ސާބިތުވީ ގުރުއާން ޓީޗަރުގެ މައްޗަށް؛ އޭނާގެ މައްޗަށް 14 އަހަރާއި 11 މަހާއި 20 ދުވަހުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން އިއްވި

ތަފްސީލް - ގުރުއާން ޓީޗަރުގެ މައްޗަށް އިއްވި 14 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން 5 ޑިސެމްބަރު 2022ގައި ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. މި މައްސަލަ އިސްތިއުނާފްކޮށް ގުރުއާން ޓީޗަރު ކޯޓުގައި ބުނެފައިވަނީ:

  • މިފަދަ މައްސަލައެއްގައި އެކަށީގެންވާ އެސެސްމަންޓެއް ހަދާފައި ނުވާ ކަމަށާއި ހަމައެކަނި ބަރޯސާވެފައިވަނީ މީހަކު ބުނާ ބުނުންތަކެއްގެ މައްޗަށް 

  • ކުއްޖާއަށް ދިމާވެފައިވާ ހާދިސާގެ ވާހަކަ ދައްކާފައިވަނީ ފަސް ވަރަކަށް އަހަރު ފަހުން ކަމަށާއި އެއީ ގާނޫނުގެ ރޫހުގައި ބަޔާންކުރާ އަސާސްތަކާއި ފުށުއަރާ ކަމެއް 

  • ކުއްޖާއަށް އެހެން މީހެއްގެ ފަރާތުން ވެސް ޖިންސީ އަނިޔާ ލިބިފައިވާކަން އިޖުތިމާއީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓުން އެނގެން އޮންނައިރު، ކުއްޖާއަށް ލިބިފައިވާ ޖިންސީ އަނިޔާއަކީ ކާކުގެ ފަރާތުން ލިބުނު އަނިޔާއެއް ކަމާ މެދު ސުވާލު އުފެދޭ

ހައި ކޯޓުގެ ހުކުމް - މި މައްސަލާގައި އިއްޔެ ހައި ކޯޓުން ނިންމި ނިންމުމުގައި ވަނީ ގުރުއާން ޓީޗަރުގެ މައްޗަށް އިއްވި 14 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ.

 މި ނިންމުން ނިންމާފައިވަނީ މި މައްސަލަ އެ ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. މިއާ އެކު، މި މައްސަލާގައި ތުހުމަތުވާ ދެ ޓީޗަރުން ވެސް މިހާރު ވަނީ ސަލާމަތްވެފަ އެވެ.

ޖަލު ހުކުމް ބާތިލުކުރި ސަބަބަކަށް ހައި ކޯޓުގެ ހުކުމުގައި ބުނީ:

  • ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަތައް ކުއްޖާ ދައްކާފައިވަނީ ފަސް އަހަރު ފަހުން ކުއްޖާގެ އުމުރުން 17 އަހަރުގައި ކަމަށް ވުން؛ މި އުމުރަކީ ކުއްޖާއަށް ހެޔޮނުބައި ވަކިވާނެ އަދި މީހުންނާ ބެހޭ ގޮތުން ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ވާހަކަތައް ކިޔައިދެވޭނެ އުމުރުގެ ކުދިން

  • މި މައްސަލާގައި ހިމެނޭ އިސްލާމް ޓީޗަރުގެ ފޯނުން މައްސަލައަށް ބާރުދޭ ކަންކަން ފެނިފައި ވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ނުވާތީ އާއި އެ ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފް ވެސް ކޮށްފައިނުވުން؛ މިހެން މިކަން އޮތުމުން އިސްލާމް ޓީޗަރު މައްސަލައިން ބަރީއަކޮށް ގުރުއާން ޓީޗަރުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ވަކި ގޮތަކަށް ކަންކޮށްފައިވަނީ ބުރަވެވޭ

  • ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ތާރީހުގައި ނަގާފައިވާ ކުއްޖާގެ ބަޔާނެއް ނެތުން؛ އޭގެ ފަސް އަހަރު ފަހުން ނަގާފައިވާ ދެ ބަޔާނުގައި ފުށޫއެރުންތަކެއް ހުރުން

އެނގުން މުހިންމު - ފަސް އަހަރު ފަހުން، 2020 ވަނަ އަހަރު ތެރޭ އެ މައްސަލަ ފެންމަތިވީ އިސްލާމް ޓީޗަރުގެ އަންހެނުންނަށް ޝައްކުވެގެން، ކުއްޖާއާ އިސްލާމް ޓީޗަރާ ދެމެދު އޮންނަ ގުޅުމާ މެދު ސުވާލު އުފެއްދި ހިސާބުން ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ދައުވާގައިވާ ގޮތުން:

  • ކުއްޖާ އެ ވާހަކަ ކިޔައިދިނީ ބޮޑުބޭބެ އެ ކުއްޖާ ގޮވައިގެން ގޮސް އިސްލާމް ޓީޗަރުއާ ދިމާކޮށް އެ ވާހަކަތައް އެހުމުން

  • އިސްލާމް ޓީޗަރު އެ ކުއްޖާ ގޮވައިގެން އެކަހެރި ތަންތަނަށް ދާ ކަމަށާއި އެ ޓީޗަރުގެ ގެއަށް ގެންދާ ކަމާއި އިސްލާމް ޓީޗަރު ކުޑަކުއްޖާއާ ބެހެން އުޅުނު ކަމަށް ކުއްޖާ އެ ދުވަހު ބުނެފައިވޭ 

  • ހަމަ އެ ދުވަހު ބޮޑުބޭބެގެ ފޯނަށް ކުއްޖާ ފޮނުވި މެސެޖެއްގައި ގުރުއާން ޓީޗަރު ވެސް ކުއްޖާއާ ބެހުނު ކަމަށް އެ ކުއްޖާ ބުނެފައިވޭ

ތަފާތުވި ރައުޔު - މި މައްސަލާގައި ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ގުރުއާން ޓީޗަރުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދަމަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން، ޝަފީއުގެ ރައުޔުގައި ބުނެފައިވަނީ:

  • ކުއްޖާއަށް ލިބުނު ޖިންސީ އަނިޔާގެ ވާހަކަ ކިޔައިދިނުން ލަސްވެފައިވަނީ މަގުބޫލު ސަބަބެއް އޮވެގެން ކަމަށް ވުމުން އެ ކިޔައިދިނުން ލަސްވެފައިވާ ކަމަށް ބުރައެއް ނުވެވޭ

  • ގުރުއާން މުދައްރިސަކު އޭނާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ މުދައްރިސުގެ ދަރިވަރަކު ދައްކާ ވާހަކައެއް މީހުން ގަބޫލުކޮށްފާނެ ކަމާ މެދު ދަރިވަރަށް ސުވާލު އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމުގައި ބުރަވެވޭ؛ އެހެންކަމުން، އެ ވާހަކަ އެހެން މީހަކަށް ކިޔައިދިނުމަށް ކުއްޖާ ފަސްޖެހުނު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބެލެވޭ

  • ކުއްޖާއަށް ޖިންސީ ގޯނާ ކުރިމަތިވާން ފެށިތާ ކައިރީ އެ ވާހަކަ އިސްލާމް ޓީޗަރަށް ކިޔައިދީފައިވާކަން އެނގޭ؛ އެކަމަކު އެ ވާހަކަތައް ކިޔައިދިނުމުން އެ ޓީޗަރު ވެސް ކުއްޖާއަށް ބިރުދައްކައިގެން ޖިންސީ ގޯނާ ކުރަން ފެށުމުން އެ ވާހަކަތައް އެހެން މީހަކަށް ކިޔައިދޭން އިތުރަށް ޖެހިލުން ވެދާނެ ކަމަށް ގަބޫލުކުރެވޭ

"މި ހާލަތު މެދުވެރިވެފައިވާ ކުއްޖަކަށް އެ ވާހަކަތައް އެހެން މީހަކާ ހިއްސާކުރުމަކީ ފަސޭހަ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެނީ، އިސްލާމް ޓީޗަރަށް އިތުބާރުކޮށް އެ ވާހަކަތައް ކިޔައިދިނުމުގެ ނަތީޖާގެ ހިތި އެ ކުއްޖާ ތަހައްމަލުކުރަން ޖެހިފައިވާތީ އެވެ. އިސްލާމް ޓީޗަރަށް ކިޔައިދިން ވާހަކައިގެ ނާޖާއިޒު ފައިދާ ނަގައި އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުމުގައި ދެމިހުރީތީ އެވެ. މިފަދަ އުނދަގޫ، ވޭނީ ހާލަތެއްގައި ހުރި ކުއްޖަކަށް އިތުރު މީހަކާ އެ ވާހަކަތައް ހިއްސާކުރުމަށް ވަގުތު ނެގުމަކީ، ދައުލަތުން ބުނާ ފަދައިން، ވުން ވަރަށް ގާތް ކަމެއް ކަމަށް އަހަރެންނަށް ވެސް ބުރަވެވެ އެވެ،" ޝަފީއުގެ ރައުޔުގައިވެ އެވެ.

ހާދިސާ ހިނގާފައިވާ ގޮތް - ތަހުގީގުގައި ކުޑަކުއްޖާ ބުނެފައިވާ ގޮތުން، ޖިންސީ ގޯނާ އެ ކުއްޖާއަށް ފުރަތަމަ ކުރިމަތިވީ ގުރުއާން ކްލާހަށް ކިޔަވަންދިޔަ ދުވަސްވަރު ގުރުއާން ޓީޗަރުގެ ފަރާތުންނެވެ. އެއީ ކުއްޖާގެ އުމުރުން 11 ވަރަކަށް އަހަރުގައި، ގްރޭޑް 5 ނުވަތަ 6ގައި ކިޔެވި ދުވަސްވަރު ކަމަށް ކުއްޖާ ބުނެވެ. މި ދުވަސްތައް ދިމާވަނީ 2014 އާއި 2015 ވަނަ އަހަރުގެ ތެރެއަށެެވެ. ކުއްޖާ ގުރުއާން ކްލާހަށް ދިއުން ހުއްޓާލީ ގްރޭޑް 9ގައި ކިޔަވަން އުޅުނު ދުވަސްވަރު 2018ގަ އެވެ.

ނަމަވެސް މި މައްސަލަ ފެންމަތިވީ ޖޫން 2020ގަ އެވެ. އެގޮތުން، 4 ޖޫން 2020 ވަނަ ދުވަހުގެ ރޭ 10:04ގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކުއްޖާގެ ބަޔާން ތަހުގީގައި ނެގިއިރު ކުއްޖާގެ އުމުރަކީ 16 އަހަރެވެ.

ތަހުގީގުގައި ކުއްޖާ ބުނެފައިވާ ގޮތުން:

  • އެއް ދުވަހަކު ގުރުއާން ކުލާހުގައި ކުއްޖާ އިންދާ ކައިރީގައި އިށީނދެ، އޭނާގެ ގައިގާ ހިފި؛ އޭގެ ފަހުން ކުޑަކުއްޖާ ބަރަހަނާކޮށް ފޮޓޯ ނެގި 

  • ގުރުއާން ޓީޗަރު ޖިންސީ ގޯނާ ކުރަން ފެށީ އެ ފޮޓޯ ލީކު ކޮށްލާނެ ކަމަށް ބުނެ ކުއްޖާއަށް ބިރު ދައްކުވައިގެން 

  • ގުރުއާން ޓީޗަރުގެ އެ އަމަލުތަކުގެ ވާހަކަ އެންމެ ފުރަތަމަ ކިޔައިދިނީ އިސްލާމް ޓީޗަރަށް؛ އިސްލާމް ޓީޗަރަކީ ކުއްޖާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށް ކުއްޖާ ބުނޭ 

  • އިސްލާމް ޓީޗަރަށް މިވާހަކަތައް ކިޔައިދިނުމުން ކުއްޖާއާ އެކު އެއް ހާޒިރުގައި ހުރެ ގުރުއާން ޓީޗަރަށް ފޯނުން ގުޅައި އެފަދަ އަމަލުތައް ނުހިންގުމަށް ބުނި؛ އޭގެ ފަހުން ގުރުއާން ޓީޗަރު އެފަދަ ކަމެއް ކުޑަކުއްޖާއާ މެދު ނުކުރާ ކަމަށް ކުއްޖާ ބުނޭ 

  • ނަމަވެސް އެ ވާހަކަތައް ރަށު ތެރޭގައި ދައްކާ ފަލީހަތް ކޮށްލާނެ ކަމުގެ ބިރު ކުއްޖާއަށް ދައްކުވައިގެން އިސްލާމް ޓީޗަރު ކުޑަކުއްޖާއާ މެދު ޖިންސީ ގޯނާ ކުރަން ފެށި ކަމަށް ކުޑަކުއްޖާ ބުނޭ

  • އެންމެ ފަހުން އިސްލާމް ޓީޗަރު ކުޑަކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ނުވަތަ 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަކަށް ކުއްޖާ ބުނޭ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް