އެއާ އެރެބިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށުން (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޓެކުހަށް ގެންނަ ބަދަލާއެކު ޓޫރިޒަމަށް ވާނީ ކިހިނެއް؟
މުހިންމު ނުކުތާތައް
ބަދަލުތައް ގެނެސް އަމަލުކުރަން ދީފައި އޮތް މުއްދަތު ކުޑަވުމަކީ ގޮންޖެހުމެއް
ފުރާ މީހުންގެ ޓެކްސް މާލެއާ އެއްހަމަކޮށް ނަގާ ނަމަ އެހެން ސަރަހައްދުތަކުގެ ކުރިއެރުމަށް ހިޔަނި އެޅިދާނެ
ކުދި ގެސްޓުހައުސްތަކުން ނަގާ ގްރީން ޓެކުސް ބޮޑުވުމަކީ ހުރަހެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކަަށް ބަދަލު ގެންނަން ނިންމައި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ޓޫރިޒަމްގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް %1 ބޮޑުކުރުމުގެ އިތުރުން ގްރީން ޓެކްސް އާއި ރާއްޖޭގެ އެއާޕޯޓުން ފުރާ ބޭރު މީހުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ޓެކުހަށް ގެންނަ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީ އިން ފާސްކުރި އިރު އޭގެ ތެރެއިން ބައެއް އިސްލާހުތަކާ މެދު ދާއިރާގެ ވިޔަފާރިތަކުން ގެންދިޔައީ ކަންބޮޑުންތައް ފާޅުކުރަމުންނެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރިއަށް ވުރެ ބޮޑު ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ. ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ގެސްޓުހައުސްތަކާއި ރިސޯޓުތަކަށް އަންނަ ފަތުވެރިންގެ އަތުން މިހާރު ނަގަމުން އަންނަ ގްރީން ޓެކްސް ދެ ގުނަ ބޮޑު ކުރުމަށެވެ. އެއީ:
-
ގެސްޓްހައުސްތަކަށް (50 ކޮޓަރިއަށް ވުރެ މަދު): 6 ޑޮލަރަށް ބޮޑުކުރުން
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނައިން ހުރި ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސްއަށް ބަދަލު ގެނެސް އެ ޓެކުހާއި ފީ އިން ދައުލަތަށް ލިބޭ އާމްދަނީ 1.5 ބިލިއަން ރުފިޔާ އިތުރުކުރަން ވަނީ ނިންމައިފަ އެވެ. ފާސްކުރި އިސްލާހުތަކުގައި ވަނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން ފިޔަވައި އެހެން ހުރިހާ ކެޓަގަރީއަކުން ޓެކްސް ބޮޑުކުރުމަށެވެ. އެގޮތުން:
-
ބިޒްނަސް ކްލާހުގެ ޓިކެޓު ވަނީ 100 ޕަސެންޓް ބޮޑުކޮށް، ފީ 120 ޑޮލަރަށް އިތުރުކުރަން ހިމަނާފައިވޭ
-
ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 240 ޑޮލަރު ނެގުން ހިމެނޭ
-
ޕްރައިވެޓް ޖެޓުތަކުން އަންނަ މީހުންގެ އަތުން ނަގާ ފީ 480 ޑޮލަރަށް ބޮޑުކުރަން ވެސް ވަނީ ހިމަނާފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އިންޓަނޭޝަނަލް އެހެން އެއާޕޯޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ނުކުރަން އިދިކޮޅުން ހުށަހެޅި ނަމަވެސް ކޮމެޓީ އިން އެ އިސްލާހު ފާސްކޮށްފައެއް ނުވެ އެވެ. މިއީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގެ އެއާޕޯޓުތައް ތަރައްގީކޮށް އެ ސަރަހައްދުތަކަށް ޓްރެފިކް އިތުރުކުރަން ކުރިމަތިވި ގޮންޖެހުމެއްގެ ގޮތުގައި އިންޑަސްޓްރީގެ ބައެއް ބޭފުޅުން ފާހަގަ ކުރައްވަ އެވެ.
ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ޓޫރިޒަމާ ގުޅޭ ޓެކްސްތައް ބޮޑުކުރުމުން އަންނާނެ ބަދަލުތައް ދެނެގަތުމަށް ދިރާސާއެއް ހަދަން ފަށާފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ޓެކްސްއަށް ބަދަލު ގެނައި އިރު ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އެ ވާހަކަ ދެއްކިން. މި އަހަރު ވެސް އަޅުގަނޑުމެންގެ ޓުއަ އޮޕަރޭޓަރުންނަށް ރީޗް އައުޓްކޮށް މިދަނީ ސާވޭއެއް ހަދަމުން. އެ ސާވޭ ނިމުމުން، އެ ބަދަލާ ގުޅޭ ގޮތުން ސީދާ އެއްޗެއް ބުނެވޭނީ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް އާއި ފީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން އަތުވެދާނެ ބަދަލުތައް ވެސް ދިރާސާކުރަމުންދާ ކަމަށް އަބްދުﷲ ވިިދާޅުވި އެވެ. އެކަމާ ގުޅޭ މަޝްވަރާތައް އެއާލައިންތަކާ އެކު ފަށާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑަށް ހީވަނީ ރަނގަޅު ޓައިމް ޕީރިއަޑެއް ދީފިއްޔާ ރަނގަޅުވާނެ ހެން. އާންމުކޮށް މި ހުންނަނީ 6 މަހާއި 12 މަހާ ދޭތެރޭ ކޮންޓްރެކްޓު. އޭގައި ގްރޭސް ޕީރިއަޑެއް ލިބިއްޖެ ނަމަ އަސަރު ކުޑަވާނެ ކަމަށް ބެލެވެނީ."
ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ނިންމުމާ މެދު، ރާއްޖެއަށް ގެސްޓްހައުސް ޓޫރިޒަމް ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވައި އެ އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ އަބްދުﷲ ރަޝީދު (އައިސީ) ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުދި ގެސްޓުހައުސްތަކުން ނަގާ ޓެކްސް ބޮޑުކުރުމަކީ އެ ވިޔަފާރިތައް ހަލާކު ކޮށްލުމެވެ.
"ކިހިނެއްތޯއޭ މަޖިލިސް މެންބަރުންނަށް އެތަނުގައި ތިބެފައި ކުޑަ ނިކަމެތި އާއިލާއެއްގައި އުޅޭ އަންހެނަކަށް ލިބޭ އާމްދަނީއާ މެދުު ވިސްނާނީ؟ އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ލޯކަލް ޓޫރިޒަމް ތައާރަފު ކުރި އިރު އެންމެ ބޮޑަށް އެ މަސައްކަތުގައި އުޅުއްވި އެއް ބޭފުޅަކީ އޭނާ އެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ އޭރު ވެސް އޭނާ އެންމެ ބާރަށް ދެއްކެވީ ގެސްޓްހައުސް ޓޫރިޒަމާ އެކު ރަށްރަށުގައި ތިބޭ އަންހެންނަށް ވެސް އާމްދަނީ ލިބޭނެ މަގުފަހިވާނެކަމުގެ ވާހަކަ ކަމަށެވެ.
ރަށްރަށުގެ ކުދި އާއިލާތަކުން ކުދި ގެސްޓުހައުސްތައް ހިންގަމުން ދަނިކޮށް އުުސްކޮށް އިމާރާތްކޮށްގެން ބޮޑެތި ހޮޓާ ފެންވަރުގެ ގެސްޓުހައުސްތައް ހިންގަން ފެށުމަކީ އެފަދަ މީހުންގެ އާމްދަނީ ގެއްލުވާލަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"މިއަދު މީހުން ދިިރިއުޅޭ ރަށްރަށުގައި 10 ބުރި، 12 ބުރީގެ ހޮޮޓާ މަޖިލިސް މެންބަރުންތަކެއް އަޅައިގެން ތިބެ، ޖެހިގެން ހުރި ނިކަމެތި ގޭގެ ކުއްޔަށް ނަގައިގެން އެމީހުން ބޭރުގައި އިންނަ ހިސާބަށް މާލެ އަތޮޅުގެ ރަށްތައް ދާތަން ފެންނައިރު، ނިކަމެތި އާއިލާއަކުން ހިންގާ ހަތަރު ކޮޓަރި ނޫނީ ފަސް ކޮޓަރީގެ ގެއަކަށް ފައިދާއެއް ވާނެ ކަމެއް މަޖިލީހުން ކުރާނެ ކަމަކަށް އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" ކުދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ކުޑަކުރުމަށް ހުށަހެޅި ހުށަހެޅުމަށް މަޖިލީހުން ނޫނެކޭ ބުނި ބުނުމަށް އިޝާރާތް ކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ފާހަގަ ކުރެއްވި ގޮތުގައި ޓެކްސްތަކަށް ގެބަދަލު ގެނެސް އަމަލު ކުރަން ދީފައި އޮތީ ކުޑަ ވަގުތުކޮޅެކެވެ. އޭގެ ސަބަބުން ފަތުރުވެރިކަމަށް ވެސް އަސަރު ކުރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފަތުރުވެރިން އިތުރުކުރުމަށް މިއީ ގޮންޖެހުމަކަށް ވާނެ ކަމަށާއި އަވައްޓެރި ގައުމުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުން ވަރުގަދަކޮށްފައިވާއިރު މިހާރު ބޮޑުކުރަން ނިންމާފައިވާ ގޮތަށް ޓެކްސްތައް ބޮޑުކުރުމަކީ ހުރަހަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހީވަނީ ކޮންމެވެސް ވަރެއްގެ ވެއްޓުމެއް އަންނާނެހެން އަދަދުތަކަށް،" ފިރާގު ވިދާޅުވި އެވެ.
ވީއައިއޭ ނޫން އެހެން އެއާޕޯޓުތަކުން ފުރާ ފަސިންޖަރުުންގެ އަތުން ނަގާ ޓެކްސް އާއި ފީތައް ބޮޑުކުރުމަކީ އެ އެއާޕޯޓުތައް ތަރައްގީވުމަށް އަންނާނެ ގޮންޖެހުމެއްކަން ފިރާގު ވެސް ފާހަގަ ކުރެއްވި އެވެ.
"މާލެ އެއާޕޯޓާ އެއްވަރަށް އެހެން ސަރަހައްދުތަކުގައި ހުރި އެއާޕޯޓުތަކުން ނަގާ ޓެކްސް ބޮޑު ކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ވަރަށް ލިމިޓުކޮށް މިހާރު ވެސް އެތަންތަނަށް ފްލައިޓުތައް މި އަންނަނީ. އަނެއްކާ [ޓެކްސް] ބޮޑުކުރީމާ [އެތަންތަނަށް ދާ ފަސިންޖަރުން ވެސް] އަޅުގަނޑަށް ހީވަނީ މާލެއަށް ހެން އަންނަން ބޭނުންވާނީ،" ފިރާގު ވިދާޅުވި އެވެ.
ޑިޕާޗާ ޓެކްސްއަށް ގެންނަ ބަދަލާ އެކު، ވީއައިއޭއަށް ދަތުރުކުރާ މީހުންގެ އަދަދަށް ވެސް ބަދަލު އަންނާނެކަން ފިރާގު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަސިންޖަރުން މަދުވާތަން ކުއްލިއަކަށް ނުފެނުނު ނަމަވެސް އެ ބަދަލު އަންނަތަން ފެންނާނެ އެވެ.
"އަޅުގަނޑުމެން މިދޭތެރެއިން ބޭރުގެ އެއާލައިނަކާ ވާހަކަ ދެއްކިން އެ ބޭފުޅުން ތިބީ ހޯލްޑުގައި އަދި. މިއަދު ނޫނީ އިއްޔެ އެ މީހުން ލަންކާއަށް [ދަތުރު] ފަށާ ވަހަކަ ވެސް އެބައޮތް ބުނެފައި،" ފިރާގު ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ ޓެކްސްތަކަށް ކުއްލިކުއްލިއަށް ބަދަލު ގެނައުމަކީ ދާއިރާގެ ކުރިއެރުމަށް ގޮންޖެހުމެއް ކަމަށެވެ.
"ބޮޑުކުރާ އަދަދެއް ބޮޑުކޮށްފައި ދެތިން އަހަރެއް ވަންދެން ބާއްވާލުން، ނޫނީ ހަޔެއްކަ އަަހަރު ފަހުންނޭ ބޮޑުކުރާނީ. އެގޮތަށް ނިންމާފައި އޮތުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ގެސްޓްހައުސްތަކުން ނަގާ ގްރީން ޓެކްސްއަށް ގެންނަ ބަދަލަކީ ވެސް މާލެއާ ދުރު ސަރަހައްދުތަކުގައި ހިންގާ ގެސްޓުހައުސްތަކަށް ކުރިމަތިވާނެ ގޮންޖެހުމެއްގެ ގޮތުގައި ފިރާގު ފާހަގަ ކުރެއްވި އެވެ.
"އާމްދަނީގެ ގޮތުން ކެރިފޯރާ އަދި ވަސީލަތްތައް ގިނަ ސަރަހައްދުތަކުން ޓެކްސް ނަގާފައި، ވަސީލަތްތައް މަދު ސަރަަހައްދުތަކުން ނަގާ ޓެކްސް ކުޑަކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެނީ. އެއީ ހުރިހާ ސަރަހައްދަކަށް އެއްވަރަކަށް ޓެކްސް ނަގާ ނަމަ އަގު ބޮޑުވާނެ. އެއީ އާހިރުގައި ފައިސާ ދައްކައިގެން އަންނަ ފަތުރުވެރިޔާއަށް އެއްވެސް އެޑްވާންޓޭޖެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
"ގިިނަ މީހުން ބަލާނީ ކައިރީ މަޑުކޮށްލުން. އެއީ އަގުން މާބޮޑަށް ތަފާތެއް ނުފެންނަންޏާ. ވަކި ސަރަހައްދުތަކަށް ބަލައިގެން ޑިވެލޮޕް ކުރާ ވިސްނުމެއް ހުރިއްޔާ ކޮންމެވެސް ވަރެއްގެ ލުޔެއް ދީގެން ކަންނޭނގެ ތަރައްގީ ކުރެވޭނީ. މާލެޔެކޭ ފުވައްމުލަކެކޭ ނޫނީ ހޯރަފުއްޓެކޭ އެއްވަރެއްގެ ޓެކްސް ނެގުން އެއީ އެހާ ހަމަޖެހޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ."
ދުރަށް ދަތުރުކުރާ ފަތުރުވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ދަތުރުފަތުރުގެ އަގުބޮޑުވުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭގެ މައްޗަށް ޓެކްސް އަގުބޮޑުވުމަކީ މާލެއާ ދުރު ސަރަހައްދުތަކަށް ދިޔުމުގެ ބަދަލުގައި މާލެ ކައިރީ ގެސްޓުހައުސްތަކަށް ފަތުރުވެރިން އިސްކަންދޭނެ ކަމެއް ކަމަށާއި ދުރު ހިސާބުތަކުގެ ލޯކަލް ޓޫރިޒަމަށް އޭގެ އަސަރު ކުރާނެ ކަމަށް ފިރާގު ވިދާޅުވި އެވެ.
"އެއާޕޯޓުތަކާ ދުރު ތަންތަނަށް ވަކި އިންސެންޓިވްއެއް ދީގެން ކުރިއަށް ދިޔުން ރަނގަޅު،" އޭނާ ފާހަގަކުރެއްވި އެވެ.
ޓެކްސްއަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް އިގްތިސޯދު ވަރުގަދަ ކުރުމަށެވެ. އިގްތިސޯދުގެ މައި ސިނާއަތަށް ބުރަ ބޮޑުވެދާނެ ބަދަލަކަށް އެކަން ވެގެން ނުވާނެ އެވެ.
ކޮމެންޓް (1)
ހިމާރުލްގައުމު